Featured Post

Ombey

"ނަމޫނާއެއްގެ ގޮތުގައި އަހަރެން އެންމެ ބަލައިގަންނަނީ..."

 

`

 

ޚަލްޤުތަކުން ހައްދަވައި އެ ޚަލްޤުތަކުންގެ ތެރޭގައި ޚުލްޤްހެޔޮ މީހުން ލެއްވި ޚާލިޤަށް ޙަމްދުކުރަން(.) އެންމެ ޚުލްޤުހެޔޮ ސާހިބާ އަޅުގަނޑުމެންގެ ރަސޫލާއަށް ޞަލަވާތާއި ސަލާމުގެ ވެދުން ދަންނަވަން(.) އާލު އަޞްޙާބުން އޭގައި ހިމަނަން(.)

 

އެންމެހައި ޙާޟިރީން(.) އެންމެހައި ދަރިވަރުން(.) އައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތޫ(.)

 

އާދެ، އަޅުގަޏޑުމެންފަދަ ކިޔަވާކުދިން، ޚާއްޞަކޮށް މި އުމުރުފުރައިގެ ކުދިން، ހެދިބޮޑުވަމުން މި މުޖުތަމަޢަށް ހޭލަމުން އަންނައިރު، ރޯލްމޮޑެލެއްގެ ގޮތުގައި އެކިމީސްމީހުން ހޯދަމުންދޭ(.) އަދި އެގޮތުން ހޯދޭ ނަމޫނާ މީސްމީހުންގެ ޚަޞީލަތާއި ޚުލްޤާއި ޠަބީޢަތު ވެސް އެކުދިން ކޮޕީކުރަމުންދޭ(.) ބައެއްފަހަރު މިގޮތުން ދުނިޔޭގެ ނަން މަޝްހޫރު މީސްމީހުން، ފުޓްބޯޅަކުޅުންތެރިން، ފިލްމުސްޓާރުންވެސް ނަމޫނާއަކަށް ބެލެވޭ(.) މިއަދު އަޅުގަނޑު ވާހަކަ ދައްކަން ހަމަޖެހިފައިވާ މައިގަނޑު ނަމަކީ ވެސް  "ނަމޫނާއެއްގެ ގޮތުގައި އަހަރެން އެންމެ ބަލައިގަންނަނީ..." މި މައިގަނޑުނަން(.)

 

އާދެ، އެއްވެސް ޝައްކެއްނެތް(.) އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ މުސްލިމުންކަމަށް ދަޢުވާކުރަމުންދާއިރު، އަޅުގަނޑުމެން ނަމޫނާ އަކަށް ބަލަންވާނީ، އަޅުގަނޑުމެން ޤަބޫލުކޮށްގެން މިތިބަ މާތްވެގެންވާ އިސްލާމްދީނުގައި ނަން މަޝްހޫރު ޚަލީފާއިންނާއި، އަބްޠާލުންނާއި މުޖާހިދުން(.) އަޅުގަނޑުމެން މި ދަތުރުކުރަމުން ދަނީ މި ވަގުތީ ދުނިޔޭގެ މަދު ދުވަސްކޮޅުގައި މިތާއުޅެފައި ދެން އޮތް އަބަދަށް ދެމިގެންވާ ދުނިޔެއަށް(.) އެ މިޞްރާބަށް ދަތުރުކުރަމުންދާއިރު އަތުގައި ހިފައިގެން ދާންވާނީ ހަމަގައިމުވެސް ނަމޫނާއަކަށް ބެލެވޭ ވަރުގެ ރަނގަޅުމީހެއް(.)

އާދެ، އަޅުގަނޑު ނަމޫނާއެއްގެ ގޮތުގައި ބަލައިގަންނަނީ، ކީރިތި ރަސޫލާއާއި އެކަލޭގެފާނުގެ ހަތަރު ޚަލީފާއިން(.) އަޅުގަނޑަށް ޤަބޫލުކުރެވުނީ، ރިވެތި އަޚްލާޤާއި ދީނުގައި ލެއްވިނަމަ ލެއްވި ހުރިހައި ރީތި ފުރިހަމަ ސިފަތަކާއި ޚުލްޤު އަޅުގަނޑަށް ކޮޕީ ކުރެވޭނީ އެ މާތްވެގެންވާ ފަރާތްތަކުން ކަމަށް(.) އަދި މާދަމާ މަޙުޝަރު މައިދާނުގައި އަޅުގަނޑު ވާން ބޭނުންވަނީ ވެސް އެ ފަރާތްތަކާއެކުގަ(.) ސަލާމަތްކަމާއި މަތިވެރިވެގެންވާ ސުވަރުގޭގައި މިތުރުންނަކީ އެބޭކަލުން ކަމަށް ވުމަކީ އަޅުގަނޑަށް އެ ދުނިޔޭން ލިބޭނެ އެންމެ މަތިވެރި އުފާކަމުގަ(.)  އެހެންކަމުން މާތްﷲގެ އިރާދަފުޅާއި މިންވަރުފުޅުން އަޅުގަނޑެއް، ނަމޫނާއެއްގެ ގޮތުގައި ކުޅިވަރު ކުޅުންތެރިއެއް، ނުވަތަ ފިލްމުސްޓާރެއް، ނުވަތަ އެހެން އާދައިގެ މީހެއްވެސް ހަމަހިލާ ބަލައެއް ނުގަންނާނަން(.)

 

އާދެ، އަޅުގަނޑުގެ އެކުވެރިންނަށް ވެސް އަޅުގަނޑު ގޮވާލާނީ އަޅުގަނޑު މި އިޚްތިޔާރުކުރި މަގުން އަޅުގަނޑާއެކު ކުރިޔަށް ދިއުމަށް(.) ވިދާހާ އެއްޗަކީ ރަންކަމަކަށް ނުވާނެ(.) ދަބަރާއި ދަމިލަ ޖަހާ މަޢުދަންތަކުގެ ދަޅަ ކިތަންމެ ގަދަޔަސް އެކަމަކަށް ބަލައިގެން ނުވާނެ(.) އަޅުގަނޑުމެން ޚަލްޤްކުރެއްވި ޚާލިޤް އަޅުގަނޑުމެންނަށް ދެއްކެވި ނަމޫނާއަކީ އަޅުގަނޑުމެންގެ ކީރިތި ރަސޫލާ ކަމާމެދަކު ދެމީހަކު ދެބަހެއް ނުވާނެ(.) އެކަން އޮތީ ދޮގުނުކުރެވޭނެ މިންވަރަށް ސުންނަތާއި ކިތާބުގެ އަލީގައި އެނގިހާމަ ވެފައި(.)

 

އަޅުގަނޑުގެ ވާހަކަކޮޅު ކުރުކޮށްލާނަން(.) ކުރުކޮށްލަމުން ވެސް އަޅުގަނޑު ދަންނަވާނީ، ނަމޫނާއަކަށް ބަލައިގަންނަ ކޮންމެ މީހަކީ ހެޔޮ ނަމޫނާއަކަށް ނުވާނެއޭ، ނަމޫނާއަކަށް ބަލައިގަނެވޭ ބައެއް މީހުންގެ ސަބަބުން ދެދުނިޔޭގެ ހަލާކުގެ ތެރެއަށް މީހާ ވެއްޓިގެންވެސް ދެއޭ، އެހެންކަމުން ހެޔޮމަގަށް މަގުދައްކާ ދީންވެރި ރަނގަޅު މީހަކު ނޫނީ ނަމޫނާއަކަށް ބަލައި ނުގަންނާށޭ(.)

 

މާތް ﷲ އަޅުގަނޑުމެންނަށް ހެޔޮ ހުރިހާ ކަމަކަށް މަގު ފަހިކޮށްދެއްވާށި(.) އާމީން(.)

ވައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތޫ(.)

 

 

 

No comments: