Monday, January 19, 2026

"ޕްރެކްޓިސް މޭކް ޕަރފެކްޓް" ރަމަޟާން މަހަށް ތައްޔާރުވުން

 



"ޕްރެކްޓިސް މޭކް ޕަރފެކްޓް" ރަމަޟާން މަހަށް ތައްޔާރުވުން

 

بسم الله، الحمد لله. އެންމެހާ ލޮބުވެތި މުސްލިމު އަޚުންނާއި އުޚުތުންނޭވެ. ކޮންމެ ކަމެއް ވެސް ކާމިޔާބުކަމާއެކު ނިންމާލެވެނީ، އެކަމަކަށް ތައްޔާރުވެ ފަރިތަކުރެވުނު މިންވަރެއްގެ މައްޗަށް ބިނާކޮށެވެ. މާދަމައަކީ 1447 ވަނަ އަހަރުގެ ޝަޢުބާން މަހުގެ ފުރަތަމަ ދުވަހެވެ. ޝަޢުބާން މަހަކީ ރަމަޟާން މަހުގެ ރޭސް ކާމިޔާބުކަމާއެކު ނިންމާލުމަށްޓަކައި ފަރިތަކުރަން ފަށަންވީ މައްސަރެވެ. މި މައްސަރަކީ، އާދެ ޝަޢުބާން މަހަކީ އަޅުތަކުންގެ އަހަރީ ރިޕޯޓު ރައްބުލް ޢާލަމީންގެ ޙަޟްރަތަށް އުފުލައްވާ މައްސަރެވެ. މުސްލިމުންނަށް ހިދާޔަތުގެ މަގަށް މަގު ދެއްކެވުމަށްޓަކައި ﷲ ތަޢާލާ ފޮނުއްވި އެ އިލާހުގެ އަޅާ މުޙައްމަދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެ މަހެއްގައި އެންމެ ގިނައިން ރޯދަ ހިއްޕެވި މަހަކީ ޝަޢުބާން މަސް ކަމަށް ޞައްޙަ ޙަދީޘްތަކުން ސާބިތުވެއެވެ. އެއީ އެކަލޭގެފާނުގެ ޢަމަލުފުޅުތައް، އެކަލޭގެފާނު ރޯދައަށް ހުންނަވަނިކޮށް އުފުއްލެވުމަށް އެކަލޭގެފާނު ލޯބިކުރައްވާތީ ކަން ޙަދީޘްތަކުން ސާބިތުވެއެވެ.

އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އަރިހުން ރިވާވެގެންވެއެވެ. عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا، قَالَتْ: لَمْ يَكُنِ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَصُومُ شَهْرًا أَكْثَرَ مِنْ شَعْبَانَ، فَإِنَّهُ كَانَ يَصُومُ شَعْبَانَ كُلَّهُ  މާނައީ:"އެ މަހެއްގައި ކީރިތި ރަސޫލާ އެންމެ ގިނައިން ރޯދަ ހިއްޕަވާ މަހަކަށް ތިމަން ކަމަނާ ދެކެވަޑައިގަތީ ޝަޢްބާން މަހެވެ" (ބުޚާރީއާއި މުސްލިމް). މި ބަސްފުޅުން އަހަރެމެންނަށް އެނގިގެންދަނީ ޝަޢުބާން މަހުގައި ރޯދަހިފުމުގެ މާތްކަމާއި މަތިވެރިކަމެވެ. އެހެންކަމުން ޝައުބާންމަހު ރޯދަ ހިފުން ގިނަ ކުރުމަކީ ވަރަށް ބޮޑަށް އެދެވިގެންވާ ކަމެކެވެ. އަބޫ ސަޢީދުލް ޚުދުރީ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވާ ގޮތުގައި ﷲ ގެ މަގުގައި އެންމެ ދުވަހަކު ރޯދަ ހިފި މީހާގެ މޫނު 70000 އަހަރުގެ ދުރުމިނަށް ނަރަކައިން ﷲ ދުރުކުރައްވާނެއެވެ. އެހެންކަމުން މި މައްސަރުގައި ރޯދަ ހިފައި ނަރަކައާ ދުރަށް ދިޔުމަށް މަސައްކަތްކުރަން ފަށަން މާދަމާ މިފެށޭ ޝަޢުބާން މަހުގެ ބޭނުން ހިފަން ޖެހެއެވެ.

ޝަޢުބާން މަހަކީ ރަމަޟާން މަހަށް ތައްޔާރުވުމަށް ލިބޭ ރަނުގެ ފުރުޞަތެކެވެ. މި މަހުގައި މުސްލިމުން އިންދާ މުޑުވަކަކީ ރަމަޟާން މަހުގައި ފޮނި މޭވާ ކަނޑާނެ ގޮވާމެކެވެ. އެހެންކަމުން، މި ޝަޢުބާން މަހުގައި އަހަރެމެން ވީހާވެސް ގިނަ ހެޔޮ ޢަމަލުތަކެއް ކުރުމަށް މަސައްކަތް ކުރަންޖެހެއެވެ. މިގޮތުން ސުންނަތް ރޯދަ ހިފުމާއި، ނުވަތަ ޤަޟާކުރަންޖެހިފައިވާ ރޯދަތައް ޤަޟާކުރުމާއި، ޤުރުއާން ކިޔެވުމާއި، ޛިކުރު ކުރުމާއި، ޞަދަޤާތް ދިނުމާއި، ތައުބާވުން ފަދަ ކަންކަމަށް އަހައްމިއްޔަތުކަން ދޭންޖެހެއެވެ. އޭރުން އަންނަ ރަމަޟާން މަސް ވެގެންދާނީ އަހަރެމެންގެ ރޫޙަށް ކާމިޔާބުލިބި ހިތަށް ހަމަޖެހުންގެނެސްދިނުމާއެކު މުސްތަޤުބަލުގައި ހެޔޮކަންކަންކުރުމަށް ފަހިވެގެންދާނެ ފުރުޞަތަކަށެވެ.

ޝަޢުބާން މަހުގެ ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިފުމަށްޓަކައި ކުރެވިދާނެ މުހިންމު ކަންތަކުގެ ތެރޭގައި:

        D        ތައުބާވާށެވެ. ފާއިތުވެ ދިޔަ މާޟީގައި ކުރެވިފައިވާ ފާފަތަކަށް އިޚްލާޞްތެރިކަމާއެކު ތައުބާވެ، ﷲގެ މަގަށް ރުޖޫޢަވާށެވެ.

        D        ދުޢާކުރާށެވެ. ދުޅަހެޔޮ ޞިއްޙަތެއްގައި ހުރެ މި އަންނަ ރަމަޟާން މަހާ ބައްދަލުވުން އެދި ދުޢާކުރާށެވެ. އަދިވެސް ތިމާގެ އެކިއެކި ޙާޖަތްތައް ފުއްދައިދެއްވުމަށް އެދި ﷲ ގެ ޙަޟްރަތަށް ގިނަގިނައިން ދުޢާ ކުރާށެވެ.

        D        ޤުރުއާން ކިޔެވުން ގިނަކުރާށެވެ. ގިނަގިނައިން ޤުރުއާން ކިޔަވައި ޤުރުއާނުން ކިޔަވާ އާޔަތްތަކާ މެދު ވިސްނައި ފިކުރުކުރާށެވެ.

        D        ސުންނަތް ރޯދަހިފާށެވެ. ހަފުތާއަކު ދެ ރޯދަ (ހޯމަ، ބުރާސްފަތި) ހިފޭތޯ މަސައްކަތްކުރާށެވެ. އަދި ޤަޟާކުރަން ޖެހިފައިވާ ރޯދައެއްވާނަމަ އެ ރޯދަ ހިފައި ނިންމާށެވެ.

        D        ސުންނަތް ނަމާދު ކުރާށެވެ. ވިތުރި ނަމާދު ކުރުމަށް ސަމާލުކަންދޭށެވެ. އަދި ރަވާތިބު ސުންނަތުގެ 12 ރަކްޢަތް ކޮށްގެން ސުވަރުގޭގައި ގެއެއް ބިނާކުރުމަށް މަސައްކަތްކުރާށެވެ. އަދި ޟުޙާ ނަމާދުގެ 2 ރަކްޢަތް ނަމަވެސް ކުރެވޭތޯ ހިތްވަރުކުރާށެވެ.  

        D        ރޭ އަޅުކަން ކުރާށެވެ. ތަޙައްޖުދު ނަމާދު (ދަމު ނަމާދު) ގެ 2 ރަކްޢަތް ނަމަވެސް ކުރެވޭތޯ މަސައްކަތްކުރާށެވެ.  

        D        ޛިކުރު ކުރުމަށް ދޫ ހާނުވާށެވެ. ހެނދުނާ ހަވީރު ކިޔުމަށް ވާރިދުވެފައިވާ ޛިކުރުތައް ކުރުމަށް ދޫ ހާނުވާށެވެ. އަދި މިނޫނަސް ލިބޭ ހުސްވަގުތުތަކުގައި ބޭކާރު ވާހަކަ ދެއްކުމުގެ ބަދަލުގައި ﷲ އަށް ޛިކުރުކޮށް ދޫ ތެންމުމަށް ހިތްވަރުކުރާށެވެ.

        D        ޞަދަޤާތް ދޭށެވެ. ޞަދަޤާތަކީ ހަމައެކަނި ރުފިޔާ ފައިސާއިން ދެވޭ އެއްޗެއް ނޫނެވެ. އަވަށްޓެރިޔާއަށް ކާއެއްޗެއް ދިއްކޮށްލުން ވެސް އެއީ ޞަދަޤާތެކެވެ. ދުލުން ހެޔޮ ބަހެއް ބުނެލުން، ނުވަތަ ތިމާގެ އަޚާއާ ހީލުމަކީ ވެސް ޞަދަޤާތެކެވެ. ވީމާ އެމީހަކާ އެކަށީގެންވާ މިންވަރަކުން ޞަދަޤާތްދޭށެވެ.

ޝަޢުބާން މަހަކީ މަތީގައިވާ ކަންތައް ކޮށްގެން އަހަރުމެން މުސްލިމުންގެ ރޫޙަށް އާރޯކަމާއި ތާޒާކަން ގެނެސްދޭނެ މައްސަރަކަށް ހަދަމާ ހިނގާށެވެ. އޭރުން އަހަރުމެންނަށް ރަމަޟާން މަހާ ބައްދަލުވާ ހިނދު ތިބެވޭނީ، ރޫޙާނީ ގޮތުން އަޅުކަމަށް ތައްޔާރުވެ ފައްކާވެ، އަހަރުމެންގެ އީމާންކަން އިތުރުވެފައެވެ.

ހައްދަވައި ގެންގުޅުއްވާ އިލާހު! އިބަ ﷲ ރުހިވޮޑިގެންވާ ޙާލުގައި އަޅަމެން ވަނިކޮށް، ޝަޢްބާން މަހާ ރަމަޟާން މަހާ ބައްދަލުކޮށް ދެއްވާނދޭވެ! އަޅުކަން ކުރުމުގައި ހީވާގިކަން އަޅަމެންގެ ކިބައިގައި ލައްވާދޭނވެ! އަޅަމެންގެ ޢަމަލުތައް ޤަބޫލުކުރައްވައި، އަޅަމެންގެ ފާފަތައް ފުއްސަވައި ރަޙްމަތްލައްވައި، ސުވަރުގެ ވަންތަވެރިންގެ ތެރޭގައި އަޅަމެން ޝާމިލުކުރައްވާފާނދޭވެ!

 

 

Saturday, December 20, 2025

ރަޖަބުގެ މަހުގެ މާތްކަމާއި މަތިވެރިކަން

 



ރަޖަބުގެ މަހުގެ މާތްކަމާއި މަތިވެރިކަން

          އަހަރެއްގެ ތެރޭގައި އޮންނަނީ 12 މަހެވެ. މީގެތެރެއިން 4 މަހަކީ ﷲ ތަޢާލާ ޙުރުމަތްތެރިކުރައްވާފައިވާ މަސްތަކެވެ. އެއީ ޛުލްޤަޢިދާ މަހާއި، ޛުލްޙިއްޖާ މަހާއި، މުޙައްރަމް މަހާއި، ރަޖަބު މަހެވެ. ރަސޫލާ ޙަދީޘް ކުރައްވާފައިވެއެވެ. "السَّنَةُ اثْنَا عَشَرَ شَهْرًا , مِنْهَا أَرْبَعَةٌ حُرُمٌ , ثَلاثٌ مُتَوَالِيَاتٌ : ذُو الْقَعْدَةِ وَذُو الْحِجَّةِ وَالْمُحَرَّمُ , وَرَجَبُ مُضَرَ الَّذِي بَيْنَ جُمَادَى وَشَعْبَانَ" މާނައީ: "އަހަރެއްގައި ބާރަ މައްސަރުވެއެވެ. އޭގެތެރެއިން ހަތަރު މަސް ޙުރުމަތްތެރިވެގެންވެއެވެ. ޖެހިޖެހިގެން އަންނަ ތިން މަސް: ޛުލްޤަޢިދާ، ޛުލްޙިއްޖާ އަދި މުޙައްރަމެވެ. އަދި (ހަތަރުވަނައީ) ޖުމާދާއާއި ޝަޢްބާނުގެ ދެމެދަށް އަންނަ މުޟަރުގެ ރަޖަބެވެ" (ބުޚާރީ:4662). އެހެންކަމުން މި ލިޔުމުގައި އަޅުގަނޑު ބަލައިލާނީ ރަޖަބު މަހުގެ މާތްކަމާއި، އެ މަހުގެ މާތްކަން ލިބިގަތުމަށް ކުރެވިދާނެ ކަންތައްތަކުގެ މައްޗަށެވެ.

          ރަޖަބު މަހުގެ މާތްކަމުގެ ތެރޭގައި މައިގަނޑު 3 ކަމެއް ވެއެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ކަމަކީ މި މަސް (ރަޖަބު މަސް) ޚާއްޞަވެފައިވަނީ ﷲ ތަޢާލާގެ މަސްކަމުގައެވެ. ރަސޫލުﷲ ޙަދީޘްކުރައްވާފައިވާ ޙަދީޘެއްގެ މާނައިގައިވެއެވެ. "ރަޖަބަކީ މާތް ﷲ ގެ މަހެވެ. ޝަޢުބާނަކީ ތިމަންކަލޭގެފާނުގެ މަހެވެ. އަދި ރަމަޟާނަކީ ތިމަންކަލޭގެފާނުގެ އުއްމަތުގެ މަހެވެ" (ސުޔޫޠީ). މި މަހަކީ (ރަޖަބު މަހަކީ) ﷲ އަށް ޚާއްޞަ މަހެއް ކަމުން މި މަހާ މެދު މުސްލިމުން ޚާއްޞަ ސަމާލުކަމެއްދޭންޖެހޭނެއެވެ. އެހެންކަމުން، އެހެން މަސްތަކާ ޚިލާފަށް މި މަހުގައި އަޅުކަމުގައި މަޝްޢޫލުވާ މިންވަރު އިތުރުކޮށް ﷲއާ ކުއްތަންވާން މަސައްކަތްކުރުން އިތުރުކުރަންވާނެއެވެ.

          ރަޖަބު މަހުގެ މާތްކަމުގެ ތެރޭގައި ހިމެނޭ 2 ވަނަ ކަމަކީ، ރަޖަބު މަހަކީ އިލާހީގޮތުން ޚާއްޞަކުރެވިފައިވާ ތާރީޚީ މުހިންމު ތިން ޙާދިޘާއަކާ ގުޅިފައިވުމެވެ. މި ޙާދިޘާތަކަކީ:

1.      ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މާތް މައިންބަފައިންގެ ކައިވެނި މިމަހުގައި ކުރެއްވުމެވެ. އިމާމް އިބްނު ކަޘީރު (ރަޙިމަހުﷲ) ވިދާޅުވެފައިވަނީ "ޢަބްދުﷲ (ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބައްޕާފުޅު) އާމިނަތުގެފާނާއި، ކައިވެނި ބައްލަވައިގަތީ އާންމުލްފީލުގެ އަހަރުގެ ކުރީ އަހަރު ކަމަށް ބުނެވެއެވެ." (އަލްބިދާޔާ ވަންނިހާޔާ: 2/242).

2.      ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މާތް މަންމާފުޅު އާމިނާގެފާނު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އާލަސްވެ އިންނެވުމެވެ. އިމާމް އިބްނުލް ޤައްޔިމް (ރަޙިމަހުﷲ) ވިދާޅުވެފައިވަނީ: " ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އާލަސްވެ އިންނެވި މަހާ ގުޅޭގޮތުން ތަފާތު ރިވާޔަތްތައް ވާރިދުވެފައިވެއެވެ. ބައެއް ރިވާޔަތްތަކުގައި ރަޖަބު މަހު ކަމަށް ބުނެފައިވާއިރު، އަނެއްބައި ރިވާޔަތްތަކުގައި ރަމަޟާން މަހު ކަމަށް ބުނެފައިވެއެވެ. އަދި ބައެއް ރިވާޔަތްތަކުގައި ޛުލްޙިއްޖާ މަހު ކަމަށްވެސް ބުނެފައިވެއެވެ" (ޒާދުލް މަޢާދު: 1/76) ނަމަވެސް، ގިނަ ޢިލްމުވެރިން ތަރުޖީޙު ދެއްވާފައިވަނީ ރަޖަބު މަހު ކަމަށެވެ. އިމާމް އައްސުހައިލީ (ރަޙިމަހުﷲ) ވިދާޅުވެފައިވަނީ: " ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އާމިނަތުގެފާނު އާލަސްވެ އިންނެވީ ރަޖަބު މަހުގައި ކަމަށް ބުނުމަކީ އެންމެ ރަނގަޅު ރައުޔެވެ." (އައްރައުޟުލް އުނުފު: 1/200).

3.      މުޢުޖިޒާތްތުގެ މާތް ދަތުރުފުޅު، އިސްރާ އަދި މިޢުރާޖުގެ ދަތުރުފުޅު ކުރެއްވުމެވެ. އެންމެ ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި މިކަން (އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅު) ހިނގީ ރަޖަބު މަހުގެ 27 ވަނަ ރޭގައެވެ. ޤުރްއާން ބާވައިލެއްވުނު މަހެއްގެ ގޮތުގައި ރަމަޟާން މަހަށް އަހައްމިއްޔަތުކަން ދޭއިރު، އަހަރެމެން ރަޖަބު މަހުގެ މަޤާމު އިހުމާލުކޮށްގެން ނުވާނެއެވެ. ރަޖަބު މަހުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވުޖޫދަށް ވަޑައިގަތުމުގެ އިތުރުން، އަހަރެމެންގެ ދުވަސްތައް ﷲ އަށް އަޅުކަންކުރުމުގައި ބިންގާ އަޅައިދޭ ފަސް ނަމާދުގެ ހަދިޔާ ލިބުނު މަހަކީ ރަޖަބުމަހެވެ. އަދި ހަމައެހެންމެ، މުއުމިނުންނަށް މާތް ﷲ ގެ ހަދިޔާ ލިބުނުމަހަކީވެސް ރަޖަބު މަހެވެ. ރަސޫލާގެ ޙަދީޘެއްގެ މާނައިގައިވެއެވެ. "މާތް ﷲ އަށް އީމާންވެ، އެއްވެސް އެއްޗެއް އެކަލާނގެއާ ޝަރީކު ނުކޮށް މަރުވެއްޖެ މީހަކު ސުވަރުގެ ވަންނާނެއެވެ"(ނަސާއީ). އެހެންކަމުން، ﷲ އާދަޔާ ޚިލާފު ޙާދިޘާތަކަށް އެހެން މަސްތަކުގެ މައްޗަށް ރަޖަބު މަސް ޚާއްޞަކުރެއްވިކަން ސާފުވެއެވެ.

          ރަޖަބު މައްސަރު މާތްވި 3 ވަނަ މާތް ކަމަކީ، މިމަހަކީ އެމަހެއްގައި ﷲ އެކަލާނގެ ގިނަގުނަ ބަރަކާތްތަކާއި ފަޟުލުވަންތަކަން އަދި ގިނަގުނަ ރަޙްމަތް ތިރިކުރައްވާތީއެވެ. އެހެންކަމުން، ރަޖަބު މަހަކީ ތައުބާގެ މަހެވެ. އަދި އެއީ އިސްތިޣްފާރުގެ މަސް ކަމުގައިވެސް ބެލެވެއެވެ. ރަމަޟާން މަހުގައި ހެޔޮ ޢަމަލުތަކާއި އަޅުކަން އިތުރުކޮށް، އެ މަހުގައިވާ ބަރަކާތްތަކާއި ރަޙްމަތް ލިބުމަށް އަހަރުމެން އުންމީދުކުރެއެވެ. އަހަރުމެން މިކުރާ އުންމީދުގައި ކުލަޖެއްސުމަށްޓަކައި، ރަޖަބު މަހަކީ މި ކަމަށް މަސައްކަތްފަށަން އެންމެ ރަނގަޅު އެއް މަހެވެ. ސަބަބަކީ ޙުރުމަތްތެރިވެގެންވާ މަސްތަކުގައި އަހަރުމެންކުރާ ޢަމަލުތައް މީޒާނުގައި ބުރަދަން ބޮޑުވާނެތީވެއެވެ. އެހެންކަމުން އާ ހިތްވަރަކާއެކު އަޅުކަމުގައި މަޝްޢޫލުވެ މި ފުރުޞަތުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފައި، އާޚިރަތަށް އިންވެސްޓްކުރުމަށް ސަމާލުކަންދެމާ ހިނގާށެވެ.

ރަޖަބު މަހުގެ މަތިވެރިކަން ލިބިގަތުމަށްޓަކައި ކުރެވިދާނެ ޢަމަލުތައް:

·       ކުރިވެސް ދެންނެވުނު ފަދައިން މިއީ ތައުބާ މައްސަރެވެ. އެހެންކަމުން މި މަހުގައި ގިނަގިނައިން ތައުބާވުމާއި އިސްތިޣްފާރުކުރުންމަތީ ދެމިހުންނާށެވެ.

·         ރަޖަބު މަހަކީ ﷲ އަށް ޚާއްޞަ މަހެއްކަމުން މި މަހުގައި ސުންނަތް ރޯދަ ހިފުން ގިނަކުރާށެވެ. ރަޖަބު މަހުގައި ރޯދަހިފުމުގެ މާތްކަން ބަޔާންވެގެންވީ ނަމަވެސް، މި މަހުގެ ވަކި ޚާއްޞަ ދުވަހެއް ފާހަގަކޮށް އެދުވަހުގައި ރޯދަހިފުމެއް ނޯވެއެވެ. އެކަމަކީ ބިދުޢަވެރިކަމުގެ ގޮތުން ކުރެވެމުން އަންނަކަމެވެ. އެހެންކަމުން އެކަމަށް ސަމާލުކަންދޭށެވެ.

·         ﷲ ޙުރުމަތްތެރިކުރައްވާފައި މަސްސަރުތަކުގައި ކުރެވޭ ޢަމަލުތަކުގެ ހެޔޮކަން ބޮޑުވެގެންވެއެވެ. އަދި އެ ޢަމަލުތަކަކީ މީޒާނުގައި ބަރުދަންބޮޑު ޢަމަލުތަކަށް ވެގެންދެއެވެ. އެހެންކަމުން މި މަހުގައު ޞަދަޤާތްކުރުން ގިނަކުރާށެވެ. މި މަހުގައި ޞަދަޤާތްދިނުމުގެ ޘަވާބު އިތުރުވެގެންވެއެވެ.  

·         ރަޖަބު މަހަކީ ޤުރުއާނުގެ މައްސަރަށް ތައްޔާރުވާން ލިބިފައިވާ ރަނުގެ ފުރުޞަތެއްކަމުން މި މަހުގައި ޤުރްއާން ކިޔަވާށެވެ. އަދިޤުރްއާން ކިޔެވުމާއެކު، އޭގެ މާނަ ދަސްކުރުމަށް އިތުރު ސަމާލުކަމެއް ދިނުން މުހިންމެވެ.

·         ﷲއަށް ޚާއްޞަކުރެވިފައިވާ ރަޖަބު މަހުގައި، ﷲ މަތިން ހަނދުމަކުރުން ގިނަކުރާށެވެ. އަދި އިސްތިޣުފާރުކުރުމާއި (އަސްތަޣްފިރުﷲ) ތަހްލީލުކިޔުމާއި (ލާއިލާހަ އިއްލަﷲ)، ތަޙްމީދުކުރުމުގައި (އަލްޙަމްދުލިއްލާހިީ) ދޫ މަޝްޢޫލުކުރާށެވެ. މީގެއިތުރުން ވެސް އެހެނިހެން ޛިކުރުތައް ކިޔުންމަތީ ދެމިހުންނާށެވެ.

·         ރަމަޟާން މަހުގައި ތަރާވީޙު ނަމާދުގެ އިތުރުން ދަމު ނަމާދު ވަރަށް ދިގުކޮށް ކުރެއެވެ. މި ނަމާދު ތަކުގައި ބައިވެރިވެ އެންމެ ފުރިހަމައަށް ނަމާދުތައް ކުރަން އަހަރުމެން އެންމެން ވެސް ބޭނުމެވެ. އެހެންކަމުން އެކަމަށް ތައްޔާރުވުމުގެ ގޮތުން ރަޖަބު މަހަކީ ގިނަގިނައިން ސުންނަތް ނަމާދު ކުރާ މަހަކަށް ހަދާށެވެ. ރަވާތިބު ސުންނަތުގެ 12 ރަކްޢަތް އަދާކޮށްގެން ސުވަރުގެއިން ގަނޑުވަރެއް ޔަގީންކުރުމުގެ އިތުރުން ނަރަކައިން ސަލާމަތްވެ، ރިޒުޤު ތަނަވަސް ކޮށްދެއްވުން އެދި ފަރުޟު ނަމާދުގެ ކުރީގައްޔާއި ފަހުގައި ކުރެވޭ ސުންނަތް ނަމާދުތަކަށް ރައްކާތެރިވާށެވެ. އަދި މީގެއިތުރުން ވެސް ޟުހާ ނަމާދައި ތަޙައްޖުދު ނަމާދަށް ރައްކާތެރިވާށެވެ.

·         އަހަރުމެންނަށް އެނގިގެންނާއި ނޭނގި ކުރެވިފައިވާ ފާފަތއް ފުއްސެވުމަށްއެދި ދުޢާކުރާށެވެ. އަދި އެމީހެއްހެ ޟަރޫރާތްތަކަށް (ބޭނުންވާ ކަންތަކަށް) އެދި ދުޢާކުރާށެވެ. މި މަހަކީ ދުޢާ އިޖާބަވުމުގެ އުންމީދު ބޮޑުވެގެންވާ މައްސަރެކެވެ.

·         ރަޙިމުގެ ގުޅުން ބަދަހިކޮށް ޢާއިލީ ގުޅުން ދަމަހައްޓަން މަސައްކަތްކުރާށެވެ.

ރަޖަބު މަހަކީ ﷲގެ ރަޙްމަތާއި ބަރަކާތުގެ ވާރޭ ވެއްސަވާ މައްސަރެވެ. ވެހޭތާ ފެންނަގަން، މި މަހުގައި ޢާންމުކޮށް ހެޔޮ ޢަމަލުތައް އިތުރުކޮށް، ފާފަތަކުން ދުރުހެލިވާން މަސައްކަތްކުރާށެވެ. މި މަހުގެ މާތްކަމާއި މަތިވެރިކަންދަނެ، އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފަން ޖެހެއެވެ. އަދި މި މަހުގައި އަހަރެމެން އަމިއްލަ ނަފްސުތަކަށް އަނިޔާވެރިވުމުން ދުރުހެލިވެ، ހެޔޮ ޢަމަލުތައް އިތުރުކުރުމަށް މަސައްކަތްކުރަންވާނެއެވެ. ރޯދަހިފުމާއި، ޞަދަޤާތްދިނުމާއި، ޤުރްއާން ކިޔެވުމާއި، ޛިކުރުކުރުމާއި، ނަފުލު ނަމާދުކުރުމާއި، ދުޢާކުރުމާއި، ރަޙިމުގެ ގުޅުން ބަދަހިކުރުން ފަދަ ކަންތައްތަކަށް އިސްކަންދީ، އަހަރެމެންގެ އީމާންކަން އިތުރުކުރުމަށް މަސައްކަތްކުރަންވާނެއެވެ.

ރަޖަބު މަހަކީ ތައުބާވުމާއި އިސްތިޣްފާރުކުރުމުގެ މަހެއްކަމުގައިވާތީ، އަހަރެމެން ކޮށްފައިވާ ފާފަތަކަށް ތައުބާވެ، ﷲގެ މަޣްފިރަތަށް އެދި ގިނަގިނައިން އިސްތިޣްފާރުކުރަންވާނެއެވެ. މިއީ އަހަރެމެންގެ ނަފްސުތައް ސާފުކޮށް، ރޫޙާނީގޮތުން އާރާސްތުވުމުގެ ރަނގަޅު ފުރުޞަތެކެވެ. "اللهم بارك لنا في رجب وشعبان وبلغنا رمضان" މާނައީ: "އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެންނަށް ރަޖަބު މަހާއި ޝަޢުބާން މަހުގައި ބަރަކާތްލައްވާނދޭވެ. އަދި އަޅަމެންނަށް ރަމަޟާން މަހާ ބައްދަލުކޮށް ދެއްވާނދޭވެ! އާމީން.

 

 

 

ރިފަރެންސް: އަޙްމަދު

https://oivaru.com/32921

 

Tuesday, September 2, 2025

މަސްޖިދުލް އަޤްޞާއާއި ފިލަސްޠީނުގެ ދުލުން ...

 



މަސްޖިދުލް އަޤްޞާއާއި ފިލަސްޠީނުގެ ދުލުން ...

އަހަންނަކީ މުސްލިމުންގެ ފުރަތަމަ ޤިބްލައެވެ. އަހަންނަކީ ﷲގެ ގެކޮޅުތަކުގެ ތެރެއިން ދެވަނައަށް އެންމެ ދޮށީ ގެއެވެ. އަހަރެންގެ ވަށައިގެން ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ބަރަކާތް ލައްވާފައެވެ. އެކަން މުސްލިމުންގެ ދުސްތޫރައިގައި ވަރަށް ޞަރީޙަކޮށް ބަޔާން ކުރައްވާފައިވެއެވެ. އަހަންނަކީ އެތަނެއްގައި މިޢުރާޖުގެ ދަތުރުފުޅު ފެއްޓެވުމުގެ ކުރިން ކީރިތި މާތް ނަބިއްޔާ މުޙައްމަދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަބިއްޔުންގެ އިމާމެއްގެ ގޮތުގައި ހުންނަވައި ދެ ރަކްޢަތް ނަމާދެއް ކުރެއްވި ބަރަކާތްތެރި މަޤާމެވެ. އަހަރެން މިވަނީ އަނިޔާވެރި ޔަހޫދީންގެ އަނިޔާވެރިކަމުގެ ތެރެއަށް ޣަރަޤުވެފައެވެ. މިކަމުގެ ސަބަބުން އަހަރެންގެ ޙާލުބަލައި އަހަރެންގެ ގައިގައި ފިރުމައިދޭން ދުވާލަކު ފަސް ފަހަރު އަހަންނަށް ޒިޔާރަތްކުރާ މީހުންނަށް މިހާރު އަހަރެންގެ ވަސްދުވާ ހިސާބަކަށް ވެސް ނާދެވޭތާ އެތަކެއް ދުވަސްތަކެއް ވަނީ ފާއިތުވެ ގޮސްފައެވެ. އަހަރެންނަށް ގެއްލުންދޭން އުޅޭ ޔަހޫދީންނަށް ކުރެވޭނެހާ ވެސް ކަމަކީ އަހަރެންގެ ވަށައިގެން ސިފައިން ފާރަޔަށް ބައިތިއްބައި އަހަރެން ދެކެ ލޯބިވާ މީހުންނާ އަހަރެންނާ ބައްދަލުވިޔަ ނުދިނުމެވެ. އެމީހުންނަކަށް މިބިންމަތިން އަހަރެން ފޮހެ ނުލެވޭކަން އަހަންނަށް ޔަގީންކަމާއެކު ބުނަން ކެރެއެވެ. ސަބަބަކީ ޖައްބާރުވަންތަ ޖަލާލުވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާ އަހަންނާއެކު ވޮޑިގެންވެއެވެ.

އަހަންނަކީ އެ ބިމަކަށް ގިނަ ނަބިއްޔުންތަކަކާއި ރަސޫލުންތަކެއް އުފަންވެ، އެ ބިމެއްގައި އެ ބޭކަލުންގެ ދިރިއުޅުން އާރާސްތުކުރެއްވުމަށްފަހު އަވަހާރަވެ އެ ބިމެއްގައި އެބޭކަލުން ފަސްދާނުލެވިފައިވާ މާތް ބިމެކެވެ. އަހަރެންގެ ބުރަކަށިމަތީގައި ބިނާވެފައިވާ މަޞްޖިދުލްއަޤްޞާއަކީ ދުނިޔޭގައި ވާ މިސްކިތްތަކުގެ ތެރެއިން 3 ވަނައަށް އެންމެ މާތް މިސްކިތެވެ. ތަންމަތި ބަނދެގެން ޒިޔާރަތްކުރަން ހުއްދަ ދެއްވާފައިވާ މިސްކިތްތަކުގެ ތެރޭގައި އަހަރެންގެ ލޮލުގެ ކޮއި ކަމަށްވާ މަޞްޖިދުލްއަޤްޞާ ހިމެނޭކަމީ އަހަންނަށް ލިބިފައިވާ މަތިވެރި ޝަރަފަކާއި ޢިއްޒަތެއް ނޫންހެއްޔެވެ؟ އަހަންނަކީ ފަސްގަނޑު ރަނގަޅު މުޑުވައް ރަނގަޅު ބިމެއްގެ ވެރިއަކީމެވެ. މިއާއެކު ޤުދުރަތީގޮތުން އެތަކެއް އަގުހުރި ނިޢްމަތްތަކެއް ދެއްވާފައިވާ ނަލަ ޗާލު ބިމެކެވެ. ނަމަވެސް މިހާރަކު އަހަރެންގެ ރީތިމަކެއް، ޗާލުކަމެއް ނަލަކަމެއް ނެތެވެ. އަހަރެން ވަށައިލައިފައިވާނީ ބޯ ދުމެވެ. އަހަންނަކީ މުސްލިމުންގެ މިލްކެކެވެ. ނަމަވެސް އަހަރެންގެ ނަސްލު އޮޅުވައިލައި އަހަންނަކީ ޔަހޫދީންގެ މިލްކަކަށް ހަދަން ޒައިނިސްޓުން މަސައްކަތްކުރާތާ ޤަރުނަކާ ގާތްވަނީއެވެ. އެހެންކަމުން އަހަރެންގެ ހިތުގެ ވިންދު ކަމަށްވާ އަހަރެންގެ މުސްލިމު އަޚުންނާއި އުޚުތުން މި ވަނީ އިންސާނީ ޙައްޤުތަކުން މަޙްރޫމުވެ ހާލުގައި ޖެހިފައެވެ. އަހަރެންގެ ދަރިން ދުނިޔެއަށް ފަހުނޭވޭ ދޫކޮށްލަނީ ސާފު ބޯފެން ފޮދެއް ނުލިބޭތާ ފެންބޮވައިގެންފައިވާ ހާލުގައެވެ. އަހަރެންގެ މާބަނޑު އަންހެންދަރިންނާއި އަންހެނުންގެ ޢިއްފަތް ނަގާލަނީ ރަޙްމެއް ހަމްދަރުދީއެކޭ ކިޔާއެއްޗެއް ދުނިޔޭގައި ނެތްކަން ހާމަކޮށްދީ އެމީހުންގެ ވޭނީ އާހް އިއްވާލާ ހާލަތުގައެވެ. އަހަރެންގެ މައިންނާއި ބަފައިންނާއި ބޮޑުބޭބެއިންނާއި ބޮޑުދައިތަމެން ފަދަ ޢމުރުން ދުވަސްވެފައިވާ މުސްކުޅިން ފަހުނޭވާ ދޫކޮށްލަނީ، އެބައިމީހުންގެ ދަރިންނަށް ލިބެމުންދާ ގެއްލުމުން ސަލާމަތްކުރަން ކުރެވޭނެ ކަމެއް ނެތްކަމުގެ ވޭނީ ކަރުނަ އަޅަމުންނެވެ. އަހަރެންގެ ލޯބިވެތި އަޚުން އެއްވެސް ކަހަލަ ޙައްޤެއް ނެތި ބިކަކޮށް ޝަހީދުކުރަމުންދަނީ ކަނުއަނދިރީގައި ލޮލުގެ ފެނުމާމެދު ސުވާލު އުފެދޭ ފަދަ ހާލެއްގައެވެ. އަހަރެންގެ ލަޝްކަރާއި ރިޕޯޓަރުންނާއި ޑަކުޓަރުން އެބައިމީހުންގެ މަސައްކަތުގައި ސާބިތުވެ ތިބެނީ ޒައިނިސްޓުންގެ މޭތެރޭ ހިތެއް ނުވާކަމަށް ބުނަމުންދާ ބުނުންތަކާ އެކުގައެވެ. އިސްރާއީލުގެ ޔަހޫދީން ވަނީ އަހަރެންގެ އަވަށްޓެރި ޤައުމުތަކާ އަހަރެން ދުރުކޮށް އެކަހެރިކޮށްފައެވެ. އެ ނުބައި ނުލަފާ އިސްރާއީލުން މަސައްކަތް ކުރަމުން ގެންދަނީ އަހަރެންގެ ދަރިންނާއި އެ ދަރިންގެ ނަސްލު ދުނިޔެއިން ނައްތާލައި ދުނިޔޭގެ ޗާޓުން ވެސް އަހަރެންގެ ނަން ފޮހެލައި، އަހަރެންގެ ވަސް ވެސް ދުނިޔެއިން ނައްތާލަންކަން، އެމީހުން ދެމުން ގެންދާ ރަޙުމެއްނެތް އަނިޔާވެރި ލާއިންސާނީ ޙަމަލާތަކުން ހާމަވެގެންދެއެވެ.

އަހަރެންގެ ބޯމައްޗަށް ވެހެމުންދާ އުންޑައާއި ރޮކެޓާއި ބޮމުގެ ވާރެއިން އަހަރެން މި ދަނީ ބިމާ ހަމަވަމުންނެވެ. އަހަރެންގެ އަޑު މިވަނީ ކުރަކިވެ މޯޅިވެފައެވެ. ނަމަވެސް އަހަރެންގެ އަޑަކީ ޖަޒުބާތުން ފުރިފައިވާ ޢިޝްޤީ އަޑެކެވެ. މުސްލިމުންނޭވެ. އަހަރެންގެ އަޑު އަހާށެވެ. އަހަރެންގެ އަޑު އަހައި، އެހެން މީހުންނާ ހަމައަށް މި އަޑު ގެންގޮސްދޭށެވެ. އަހަރެންނާއި އަހަރެންގެ ދެ ލޮލުގެ ކޮއި ކަމުގައިވާ މަޞްޖިދުލްއަޤްޞާ، ނުލަފާ ޔަހޫދީންގެ އަތްދަށުން ސަލާމަތްކޮށްދެެވުމަށް އެދި މުސްލިމުންގެ އައްޑަނަ ކަމަށްވާ ދުޢާގައި ހިފައި ދުޢާކޮށްދޭށެވެ. ވަދޫދުވަންތަ ﷲ ތަޢާލާ އަހަރެންނާއި އަހަރެންގެ އަޚުންގެ ޙާލު މޮޅަށް ދެނެވޮޑިގެންވެއެވެ. އަހަންނާއި އަހަރެންގެ ޢާއިލާއިން ތަހައްމަލުކުރަމުންދާ މިވޭނަކީ މުސްލިމުންނާ ކުރިމަތިކުރުވައިފައިވާ އިމްތިހާނެކެވެ. މި އިމްތިހާނުން ފާސްވުމަށް އަހަރެން ދެކެ ލޯބިވާ ހުރިހާ މުސްލިމުން މަސައްކަތްކޮށް ދިނުމަކީ އަހަރެންގެ އެންމެ ފަހުގެ އެދުންކަމަށް ބަލާށެވެ. ނަޞްރާއި ނަޞީބަކީ ﷲގެ ޙަޟްރަތުން މެނުވީ ލިބުމެއް ނުވާކަމެކެވެ. އާދެ އަހަންނަކީ ތިޔަ ބޭފުޅުން އެ މިސްކިތެއްދެކެ ލޯބިވާ މަސްޖުދުލްއަޤްޞާއާއި އެ މިސްކިތް ބިނާކުރެވިފައިވާ ފިލަސްޠީނުގެ މާތް ބިމެވެ. އަހަރުމެންނަށް ނަޞްރު ލިބުން ވަނީ ދާދި ގާތުގައެވެ.

މަސްޖިދުލް އަޤްޞާ މިނިވަންކޮށް ފިލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ހޯދައިދިނުމަށް މަސައްކަތް ކުރުމަކީ މުސްލިމުންގެ މައްޗަށް ލާޒިމުކަމެއް

މަސްޖިދުލް އަޤްޞާ މިނިވަންކޮށް ފިލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ހޯދައިދިނުމަށް މަސައްކަތް ކުރުމަކީ މުސްލިމުންގެ މައްޗަށް ލާޒިމުކަމެއް

މުސްލިމުންގެ ފުރަތަމަ ޤިބްލަ ކަމަށްވާ ފިލަސްޠީނުގެ ޤުުދުސްގައިވާ އަލްމަސްޖިދުލްއަޤްޞާއަކީ މައްކާގައި ހުންނަ އަލްމަސްޖިދުލް ޙަރާމަށް ފަހު ދުނިޔޭގެ ބިންމަތީގައި އިމާރާތް ކުރެވުނު ފުރަތަމަ މިސްކިތެވެ. ހަމައެހެންމެ މަސްޖިދުލްއަޤްޞާއަކީ އެތަނުގެ ވަށައިގެން ﷲ ސުބުޙާނަހޫ ވަތަޢާލާ ބަރަކާތް ލައްވައިފައިވާ ތަނެއް ކަމުގައި ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތަކުގައި ވަރަށް ޞަރީޙަކޮށް ބަޔާން ކުރައްވައިފައިވެއެވެ. މަސްޖިދުލްއަޤްޞާއަކީ އިންސާނުންގެ ތެރެއިން އެއްވެސް އިންސާނަކަށް ލިބިފައިނުވާ ފަދަ މަތިވެރި ޝަރަފަކާއި ޢިއްޒަތެއް ކީރިތި މާތް ނަބިއްޔާ މުޙައްމަދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ލިބިވަޑައިގެންނެވި އިސްރާއާއި މިޢްރާޖުގެ ދަތުރުފުޅާ ވެސް ގުޅިފައިވާ ބަރަކާތްތެރި މަޤާމެކެވެ. އެހެންކަމުން މަކަރުވެރި ޔަހޫދީންގެ ވަކިތަކުން މަސްޖިދުލްއަޤްޞާ މިނިވަންކޮށް، ފިލަސްޠީނުގެ ރައްޔިތުންގެ ގެއްލިފައިވާ ޙައްޤުތައް އަނބުރާ އިޢާދަކުރެވޭތޯ ގަދަ އަޅައި މަސައްކަތްކުރުމަކީ މުސްލިމް ޤައުމުތަކުގެ ސަރުކާރުތަކާއި ރައްޔިތުންގެ މައްޗަށް އޮތް ވާޖިބެކެވެ.

އަނިޔާވެރިކަމުގައި ހައްދު ފަހަނައަޅައިފައިވާ އިސްރާއީލުން، ޙައްޤަކާނުލައި ފިލަސްޠީނުގެ ލޮބުވެތި އަޚުންނާއި އުޚުތުންނަށް މެދު ނުކެނޑި ޙަމަލާދީ އެމީހުން ބިކަކޮށް ޝަހީދުކޮށް، ފިލަސްޠީނުގެ ބިންތައް ފޭރެމުން ގެންދާތާ 79 ވަރަކަށް އަހަރު ވަނީ މާޟީއާއެކުވެ އަލްވަދާޢުކިޔާފައެވެ. ފިލަސްޠީނުގެ ރައްޔިތުންގެ އިންސާނީ ކަރާމާތް ނަގާލައި ހާލުގައިޖައްސައި ދުނިޔެއިން އެކަހެރިކޮށްފައެވެ. ނުބައި ނުލަފާ އިސްރާއީލުން މަސައްކަތް ކުރަމުން ގެންދަނީ ފިލަސްޠީނުގައި ދިރިއުޅެމުންދާ މުސްލިމުންގެ ނަސްލު ދުނިޔެއިން ނައްތާލައި ދުނިޔޭގެ ޗާޓުން ވެސް ފިލަސްޠީނު ފޮހެލައި، އެމީހުންގެ ވަސް ވެސް ދުނިޔެއިން ނައްތާލަންކަން، އެމީހުން ދެމުން ގެންދާ ރަޙުމެއްނެތް އަނިޔާވެރި ލާއިންސާނީ ޙަމަލާތައް މިކަމުގެ ހެތްކަކަށް ފުދެއެވެ.

އިސްރާއީލުގެ ނިރުބަވެރި ހަމަލާގައި އިންސާނީ ޙައްޤުތަކުން މަޙްރޫމުވެ ބިކަވެފައިވާ މުސްލިމު ތުއްތުކުދިންގެ ރުއިމުގެ އަޑުން ފިލަސްޠީނުގެ ޖަައްވުވަނީ ގުގުމާލާފައެވެ. ހަމައެއާއެކު ނިރުބަވެރިންގެ ވަޒަންތަކަށް ހުށަހެޅިގެންދާ މުސްލިމުންގެ ޙުރުމަތްތެރި ލެއިން މުޅި ފިލަސްޠީނުގެ ބިމުގައި ވަނީ ކޯރުދެމިފައެވެ. އެބައިމީހުން ފޮނުވާ ރޮކެޓާއި އަޅާ ބޮންތަކުގެ ސަބަބުން ބިމާ ހަމަވެގެންދާ ޢިމާރާތްތަކުގެ ދަށުގައި ތާށިވެ، ސަލާމަތަށް އެދި އާދޭސްކުރަމުންދާ މުސްލިމުންގެ އަޑުއިވިއިވި ފިލަސްޠީނުގެ ރައްޔިތުންގެ ހިތްތައް ވަނީ ކުދިކުދިވެފައެވެ. ބަނޑުހައި ހޫނުކަމުގައި ބޯނޭ ސާފު ފެންފޮދެއް ނުލިބޭތާ، އަލިކަމެއް ނެތި ކަނު އަނދިރީގައި ރޮމުންދާ ދަރިންގެ ލޮލުން ފައިބާ ލޭކަރުނައިން ފިލަސްޠީނު ބިން ވަނީ ފުރާލާފައެެވެ. އިސްރާއީލުގެ ލާއިންސާނީ ޢުދުވާނުގެ ޝިކާރައަކަށްވެ ހައިހޫނުކަންމަތީ ދުނިޔެއަށް އަލްވަދާޢު ކިޔަމުންދާ ތުއްތު ކުދިންނާއި މުސްކުޅިންނާއި މާބަނޑު އަންހެނުންގެ ޢަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާއިރު، މިކަމަށް ހައްލެއް ހޯދަައިދިނުމަށް އަޅުގަނޑުމެން ފަދަ ޖަޒީރާ ޤައުމެއްގައި ދިރިއުޅެމުންދާ މާލީ ތަނަވަސްކަމެއް ނެތް ބަޔަކަށް ކޮށްދެވޭނެ އެންމެ ބޮޑު ކަމަކީ، އެންމެ ބޮޑު ހަތިޔާރުގައި ހިފުމެވެ. އާދެ، އެއީ ދުޢާއެވެ. އެހެންކަމުން ފިލަސްޠީނުގެ މުސްލިމު ލަޝްކަރަށް މުޖީބުވަންތަ ﷲގެ ނަޞްރާއި މަދަދު ދެއްވުމަށާއި، އަޅުގަނޑުމެންގެ ލޮބުވެތި އުޚުތުން ތަޙައްމަލުކުރަމުންދާ ހިތްދަތި ދުވަސްތަކަށް ނިމުމެއް ގެނެސްދެއްވުންއެދި ދުޢާކުރުމަކީ ކޮންމެ މުސްލިމަކުމެ ކުރަންޖެހޭ ކަމެކެވެ.

ދުނިޔޭގެ އެކި ޤައުމުތަކުން، ޣައިރު މުސްލިމުން ވެސް ހިމެނޭހެން މުޒާހަރާތައް ކުރަމުންދާއިރު ވެސް އިންސާނީ ޙައްޤުތައް ކަށަވަރުކުރަން އުފައްދާފައިވާ ޖަމްޢިއްޔާ ޖަމާޢަތްތަކުން ވަނީ ފިލަސްޠީނުގެ ޙާލަތު ދެނެގަތުމަށް ނުކުޅެދިފައެވެ. ދުނިޔޭގެ ދަހިވެތިކަމުގައި ހެއްލިފައިވާ މަދު މީސްކޮޅެއްގެ އަވައިގައިޖެހި ހަނުތިބުން އެމީހުން ވަނީ އިޚްތިޔާރުކޮށްފައެވެ. ކަންމިހެން އޮތްކަމުގައި ވިޔަސް ފެންނަންއޮތް ޙަޤީޤަތަކީ މުސްލިމުންނަށް ނަޞްރު ލިބޭނެކަމެވެ. ކާފަރުންގެ ނިމުން ހިތިވެގެން އަންނާނެކަމެވެ. ނިރުބަވެރިންގެ ޙަމަލާތަކުގައި ޝަހީދުވެގެންދާ ޝަހީދުންގެ ދަރަޖަ އަކީ ސުވަރުގެކަމީ ކީރިތި ޤުރުއާނާއި ނަބިއްޔާގެ ސުންނަތުން އެނގެންއޮތް ޙަޤީޤަތެވެ. ﷲ ޞުބުޙާނަހޫ ވަތަޢާލާ މުސްލިމުންނަށް ނަޞްރުދެއްވައި، ނިރުބަވެރިންގެ ހަމަލާތަކާ ކެރިގެން ކުރިމަތިލައި، ޤައުމާ ދީނުގެ ދިފާޢުގައި ކުރިޔަށް ދިއުމުގެ ހިތްވަރު މުސްލިމް މުޖާހިދުންނަށް ދެއްވާށިއެވެ. އާމީން.


Wednesday, July 2, 2025

އާޝޫރާ ދުވަސް

 


އާޝޫރާ ދުވަސް

          އާޝޫރާ ދުވަސް ފާހަގަ ކުރެވެމުންދަނީ މުޙައްރަމް މަހުގެ 10 ވަނަ ދުވަހުއެވެ. އާޝޫރާދުވަހަކީ އިސްރާއީލުގެ ދަރިން ފިރުޢައުނުގެ އަނިޔާވެރިކަމުން މާތްﷲ ސުބުޙާނަހޫ ވަތަޢާލާ ސަލާމަތްކުރެއްވެވި ދުވަހެވެ. އެ ދުވަހާއި ގުޅިގެން މާތްﷲ ގެ ހަޟްރަތަށް ޝުކުރުކުރެއްވުމުގެ ގޮތުން މޫސާ އަލައިހިއްސަލާމު އެދުވަހު ރޯދަފުޅު ހިއްޕެވިއެވެ. އަދި އޭގެފަހުން އިސްރާއީލީން އެގޮތުގައި އެކަން ކުރަމުން ގެންގޮސްފައިވެއެވެ.

          އާޝޫރާދުވަހާއި އިސްލާމީ ވަރަށް ގިނަ ހާދިސާތަކަކާއި ގުޅުވިފައިވާ ދުވަހެކެވެ. އެގޮތުން ތަފާތު ރަސޫލުބޭކަލުންގެ ހަޔާތްޕުޅުގައި ދިމާވެފައިވާ މުހިންމު ފާހަގަ ކޮށްލެވޭ ހާދިސާތަކާއި މި ދުވަހާއި ގުޅުވާފައިވެއެވެ. ނަމަވެސް މިއުންމަތުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދުވަސްވަރުގެ ފަހުން މިދުވަހު ފާހަގަކުރެވޭ މުހިންމު ކަމަކަށް ހިނގާފައިވަނީ ކަރުބަލާގައި އިތުރު އެކަލޭގެފާނުގެ ކާފަދަރިކަލުން ޝަހީދުކުރެވުނު ހާދިސާއެވެ. ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ސުވަރުގެ ވަޑައިގެންނެވުމަށްފަހު އިސްލާމުންގެ މެދުގައި އުފެދިގެންދިޔަ ބައިބައިވުންތަކުގައި ހިނގާދިޔަ މި ހަނގުރާމައިގައި ޙުސައިންގެފާނު ޝަހީދުވެވަޑައިގަތުމާއި ގުޅިގެން ޝީޢީންވަނީ އެދުވަހަކީ، މުޤައްދަސް ދުވަހެއްގެ ގޮތުގައި ފާހަގަކޮށް، އެކަލޭގެފާނުގެ މަޤްބަރާއަކީ އެބައިމީހުން ޙައްޖުވުމަށް ދާތަނެއްކަމުގައި ހަދާފައެވެ. އަދި އެދުވަހުގައި އެކަމަށް ޚާއްޞަ އަޅުކަންތަކެއް ކުރަންފަށާފައިއެވެ. މިއީ އިސްލާމްދީނުގެ އަސްލު އުޞޫލުތަކާއި ޚިލާފަށް އެބައިމީހުންގެ ތެރޭގައި ފެތުރިގެން ގޮސްފައިވާ ކަންތައްތަކެކެވެ. އެހެންނަމަވެސް އާޝޫރާދުވަސް މުސްލިމުން ފާހަގަކުރަމުން ގެންދަނީ އެކަމުގެ ހަނދާންއާކުރުމުގެ ގޮތުންނެއްނޫނެވެ.

          އެހެންނަމަވެސް އާޝޫރާދުވަހަކީ އެ ޙާދިސާއަށްވުރެ އެތަކެއް ޒަމާންތަކެއް ކުރީގެ ކަންތައްތަކަކާއި ގުޅިފައިވާ ދުވަހެކެވެ. ކީރިތި ރަސޫލާ މައްކާއިން މަދީނާއަށް ހިޖުރަކުރެއްވުމުގެ ކުރިންވެސް އަޝޫރާ ދުވަހު ރޯދައަށް ހުންނަވާކަމުގައި އިމާމް ބުޚާރީގެ ސަޙީޙުންނާއި އެހެނިހެން ޞައްޙަ ޙަދީސްފުޅުތަކުން ސާބިތުވެއެވެ.

          ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަ މަދީނާއަށް ވަޑައިގެންނެވިއިރު އެތަނުގައި ދިރިއުޅެމުންދާ ޔަހޫދީން މުޙައްރަމް މަހުގެ 10 ވަނަ ދުވަހު ރޯދައަށް ތިބޭތަން ދެކެވަޑައިގެން އެކަމުގެ ސަބަބުން އޮޅުން ފިލުއްވިއެވެ. އެބައިމީހުން ދެންނެވިއެވެ. "މިއީ ބަރަކާތްތެރި ދުވަހެކެވެ. އެދުވަހަކީ އިސްރާއީލުގެ ދަރިން ފިރުއަޢުނުގެ އަނިޔާވެރިކަމުން މާތްﷲ ސަލާމަތްކުރެއްވެވި ދުވަހެވެ. އެހެންކަމުން އެކަމަށްޓަކައި މާތްﷲ އަށް ޝުކުރުއަދާ ކުރެއްވުމުގެ ގޮތުން މޫސާ އަލައިހިއްސަލާމް އެދުވަހު ރޯދަފުޅަށް ހުންނެވިއެވެ." އެހިނދު ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމަ ހަދީސްފުޅުކުރެއްވިއެވެ. "އެބައިމީހުންނަށްވުރެ ތިމަންމެން މޫސާގެފާނާއި ގާތްކަންބޮޑެވެ. އަދި މޫސާގެފާނު އެދުވަހު ރޯދަފުޅު ހިއްޕެވިއެވެ." އަދި އެކަލޭގެފާނުގެ އުންމަތަށް އެދުވަހު ރޯދަހިފުމަށް އެންގެވިއެވެ. ކުރިން އާޝޫރާދުވަހުގެ ރޯދައަކީ މުސްލިމުންގެ މައްޗަށް ފަރުޟުކުރެވިފައިވާ ރޯދައެއް ނަމަވެސް ހިޖުރައިން ދެވަނަ އަހަރު މުސްލިމުންގެ މައްޗަށް މުޅި ރަމަޟާން މަސް އެއްކޮށް ރޯދަހިފުން ފަރުޟުކުރެއްވުމާއެކު އާޝޫރާދުވަހުގެ ރޯދަ ސުންނަތްވެގެން ދިޔައީއެވެ.

          މުސްލިމާއި އަބޫދާވޫދު ރިވާކުރެއްވި ހަދީސްފުޅެއްގައިވެއެވެ. އިބްނު އައްބާސް ވިދާޅުވިއެވެ. އިތުރު އެކަލޭގެފާނު އާޝޫރާދުވަހު ރޯދައަށް ހުންނަވާ މީސްތަކުންނަށް އެގޮތަށް ޢަމަލުކުރުމަށް އެންގެވިއެވެ. އެހިނދު އެކަލޭގެފާނަށް ސުވާލުކުރެވުނެވެ. "އޭ މާތްﷲ ގެ ރަސޫލާއެވެ. އެދުވަހަކީ ޔަހޫދީންނާއި ނަޞާރާއިން މުގައްދަސް ދުވަހެއްގެގޮތުގައި ދެކޭދުވަހެކެވެ." އެކަލޭގެފާނު ހަދީސްކުރެއްވިއެވެ. "އިރާދަކުރެއްވިއްޔާ ދެންއަންނަ އަހަރެއްގެ ނުވަވަނަ ދުވަހުވެސް އަހަރުމެން ރޯދައަށް ތިބޭނީއެވެ." އިމާމް އަލް ތިރްމިޒީ ރަޟިﷲއަންހު ރިވާކުރެއްވިއެވެ. އިބްނު އައްބާސް ރަޟިﷲއަންހު ވިދާޅުވިއެވެ. "ޔަހޫދީންނާއި ތަފާތުވެ ގަތުމަށްޓަކައި މުޙައްރަމް މަހުގެ 9 ވަނަ ދުވަހާއި 10 ވަނަ ދުވަހު ރޯދަ ހިފާށެވެ."

          ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި އާޝޫރާ ދުވަހުގެ ރޯދަ ހިފުމުގައި ޖެހިޖެހިގެން ތިންދުވަހު ރޯދައަށް ހުރެވިދާނެއެވެ. އެގޮތުން 9، 10 އަދި 11 ވަނަ ދުވަހު ރޯދަހިފިދާނެއެވެ. ނުވަތަ ދެދުވަހު ރޯދަހިފިދާނެއެވެ. އެގޮތުން 9 އަދި 10 ވަނަ ދުވަހު ރޯދަ ހިފިދާނެއެވެ. އަދި ހަމައެކަނި 10 ވަނަ ދުވަހު ރޯދަ ހިފުމަކީވެސް އެންމެރަނގަޅުކަމެކެވެ. ނަމަވެސް އިސްވެދެންނެވުނު ހަދީސްފުޅުން ސާބިތުވާފަދައިން ޔާހޫދީންނާއި ނަޞާރާއިންގެ އާދަތަކާއި އަޅުގަނޑުމެން މުސްލިމުން ތަފާތުވެގަތުމީ އެދެވިގެންވާ ގޮތެވެ. އަދި ރަސޫލޫﷲ ޞައްލަﷲ އަލައިހިވަސައްލަމަ ވަނީ އެގޮތަށް ޢަމަލުކުރުމަށް އުންމަތަށް އިރުޝާދުދެއްވާފައެވެ. އާޝޫރާ ދުވަހުގެ ރޯދައިގެ މާތްކަމާއި ބެހޭގޮތުން އެތަކެއް ހަދީސެއް ވާރިދުވެގެންވެއެވެ. އެހެންކަމުން އެދުވަހު ރޯދައަށް ހުރުމަކީ ގިނަގުނަ ސަވާބާއި ދަރުމަ ލިބިގެންދާނޭ މަތިވެރި ސުންނަތެކެވެ.

          އަބޫ ހުރައިރާގެ އަރިހުން ވާރިދުވެފައިވާ ހަދީސްފުޅެއްގައިވެއެވެ. ތިމަންކަލޭގެފާނު ރުސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމައަށް ދެންނެވީމެވެ. "ފަރުޟު ނަމާދަށްފަހު އެންމެ ރަނގަޅު ނަމާދަކީ ކޮބައިތޯއެވެ؟" އެކަލޭގެފާނު ހަދީސްކުރެއްވިއެވެ. "ރޭގަނޑުގެ ދަމުނަމާދެވެ" ދެން ތިމަން ދެންނެވީމެވެ. "ރަމަޟާންމަހުގެ ފަރުޟު ރޯދައަށްފަހު އެންމެ ރަނގަޅު ރޯދައަކީ ކޮބައިތޯއެވެ؟" އެކަލޭގެފާނު ހަދީސްކުރެއްވިއެވެ. "އެއީ މާތްﷲ ގެ މަސް ނުވަތަ މުހައްރަމްމަހުގައި ހިފާ ރޯދައެވެ." (އަޙްމަދު، މުސްލިމް އަދި އަބޫ ދާވޫދް) އަދިވެސް އާޝޫރާ ދުވަހާއި ގުޅޭގޮތުން ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމަ ހަދީސްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "އާޝޫރާދުވަހު ރޯދަހިފުމަކީ ގިނަގުނަ ދަރުމަލިބެނިވި ކަމެކެވެ. އަދި އެދުވަހު ހިފާ ރޯދައިގެ ސަބަބުން ފާއިތުވެ ގޮސްފައިވާ އަހަރުގެ ފާފަތަށް މާތްﷲ ފުއްސަވާދެއްވާނެއެވެ."

          ކަންމިހެން އޮތްނަމަވެސް އަޅުގަނޑުމެން ދެނެގަންނަން ޖެހޭ ހަޤީޤަތަކީ މިފަ އަޅުކަންތަކުގެ ސަބަބުން ފޮހެވިގެންދާނީ އަޅުގަނޑުމެންނަށް ކުރެވޭ ކުދި ފާފަތައްކަމެވެ. އެހެންކަމުން ބޮޑެތި ފާފަތަކުން ދުރުވެ އެފަދަ ފާފަތަކުން ތަޢުބާވެ ރައްކާތެރިވެގެން ތިބުމީ އަބަދުމެ އަޅުގަނޑުމެން ކުރަންޖެހޭނޭ ކަމެކެވެ. މިގޮތުން އަހަރަކު އެއްފަހަރު ހިފާ ރޯދައަކުން ނުވަތަ ކޮށްލާ ނަމާދަކުން ތިމާކުރިނަމަ ކޮށްފައިވާ ހުރިހާ ފާފައެއް ފުހެވިގެންދާނޭ ކަމަށް ޤަބޫލުކޮށްގެން ނުވާނެއެވެ. އެފަދަ މީހުންނަކީ ހަމައެކަނި އެމީހެއްގެ ދުލުކުރިން މާތްﷲ އަށާއި އެކަލާންގެ ރަސޫލާއަށް އީމާންވާމީހުންނެވެ. އަދި ހަމަ އެއާއިއެކު ފަރްޟު އަޅުކަންތަކަށް ސަމާލުކަންދީ މާތްﷲ ހަރާމްކުރައްވާފައިވާ އެންމެހާ ފާފަތަކާ މުންކަރާތްތަކުން ތިމާ ދުރިހެލި ވާންޖެހޭނެއެވެ. މިފަދަ އަޅުކަންތަކުގެ ހަޤީޤީ ފައިދާ ލިބޭނީ އޭރުންނެވެ.

          ކަން މިހެން އޮތުމާއިއެކު މިފަދަ ދުވަސްތަށް އަޅުގަނޑުމެންގެ ހަނދާނުގައި ބަހައްޓާ އެދުވަސްތަކުގެ ފައިދާ ލިބިގަތުމަކީ ކޮންމެހެންވެސް ކުރަންޖެހޭނޭ ކަމެކެވެ. ޚާއްޞަގޮތެއްގައި މުޙައްރަމްމަހުގެ ދުވަސްތަކުގައި ރޯދަހިފުމަށް މިއުންމަތުގެ މާތް ނަބިއްޔާ މުޙައްމަދު ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމަ ވަނީ ބާރުއަޅުއްވާފައެވެ.

          1447 ވަނަ އަހަރުގެ އާޝޫރާ ދުވަަހަކީ 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 5 ވަނަ ދުވަހެވެ. އެހެންކަމުން މި ދުވަހާއި މިދުވަހުގެ އިތުރުން ތާސޫޢާ ދުވަހު ރޯދަހިފައި އިސްރާއީލީންނާ ތަފާތުވުމުގެ އިތުރުން، މި ދުވަހުގެ ރޯދައިގެ  ސަބަބުން ފާއިތުވެ ގޮސްފައިވާ އަހަރުގެ ކުދި ފާފަތަށް ފުއްސެވޭ މީހުންގެ ލިސްޓުން ޖާގަ ހޯދުމަކީ އަޅުގަނޑުމެން ކޮންމެ މީހެއްގެ ވެސް ޢަޒުމަކަށް ހަދަމާ ހިނގާށެވެ!

 

 


Wednesday, December 25, 2024

ރަމަޟާން މަހަށް އިސްތިޤްބާލުކުރުމަށްޓަކައި ކުރެވިދާނެ ބައެއްކަންކަން

 


ރަމަޟާން މަހަށް އިސްތިޤްބާލުކުރުމަށްޓަކައި ކުރެވިދާނެ ބައެއްކަންކަން

1446 ވަނަ އަހަރުގެ ރަމަޟާންމަސް އަޅުގަނޑުމެންނާއި ބައްދަލުކުރުމަށް މިވަނީ ދާދި ކުޑަތަން ވެފައެވެ. ރަމަޟާންމަހަށް ތައްޔާރުވުމަށްޓަކައި އަޅުގަނޑުމެން ދަނީ ވަރަށް ބުރަކޮށް މަސައްކަތްކުރަމުންނެވެ. އެމަހަކަށް އިންތިޒާރުކޮށް އެމަހަކަށް އަޅުގަނޑުމެން ތައްޔާރުވަމުންދާ މިމާތް މައްސަރަށް މަރުޙަބާކިޔަން ކުރާ މަސައްކަތްތައް މިކުރެވެނީ ހަމަ އެންމެ ރަނގަޅަށްތޯ ސުވާލު އުފެދެއެވެ. އާއްމު ގޮތެއްގައި ރަމަޟާންމަހަށް ތައްޔާރުވަމުން ދާއިރު އަޅުގަނޑުމެންގެ ވިސްނުން ބެހެއްޓެނީ މާއްދީއްޔަތަށް އެކަންޏެވެ. ރޫޙާނިއްޔަތާމެދު އަޅުގަނޑުމެން ތިބެނީ ޣާފިލުވެފައެވެ. އެ މަތިވެރި މައްސަރަކީ ކެއުމާއި ކުޅިވަރުގެ މަހަކަށް ވަނީ ވެފައެވެ. އެހެންކަމުން ކާބޯތަކެތި ޖަމާކުރުމާއި ކުޅިވަރު ސާމާނު ޖަމާކުރުމާއި މިފަދަ ކަންކަން ކުރުމުގައި އެކަކު އަނެކަކަށް ވާދަ ކުރެއެވެ. އަސްތަޣްފިރުﷲ! މިއީ އެއްވެސް ޙާލެއްގައި މިކަން އޮންނަން ޖެހޭ ގޮތެއް ނޫނެވެ. މި މައްސަރަކީ އެކަންކަމުން ދުރުވުން އެންމެ އެކަށީގެންވާ މައްސަރެވެ. މިއީ ހެޔޮ ޢަމަލުތަކުން އަޅުގަނޑުމެންގެ ހެޔޮ ޢަމަލުގެ ފަތް ބަރާކޮށްލަން ލިބޭ ރަނުގެ ފުރުޞަތެކެވެ. مَنْ عَمِلَ صَالِحًا فَلِنَفْسِهِ  ހެޔޮ ޢަމަލު ކޮށްފިމީހާގެ ދަރުމަހުރީ، އެމީހާގެ އަމިއްލަ ނަފްސަށެވެ.

އަޅުގަނޑުމެންގެ ރޫޙާއި ޖިސްމު އެމަހަކަށް ތައްޔާރުކުރަމުންދާއިރު، އަޅުގަނޑުމެންގެ ޢަދުއްވުން މަތިން ހަދުމަ ނައްތާނުލާށެވެ! އެއީ މިމަހުގެ މަތިވެރި ހެޔޮކަން ލިބުނަ ނުދިނުމަށް ގަދައަޅައި މަސައްކަތް ކުރާ ބައެއްކަން ދަނެގަނެ އެކަމަށް ފާރަވެރިވާށެވެ! يَاأَيُّهَا ٱلَّذِينَ ءَامَنُواْ كُتِبَ عَلَيْكُمُ ٱلصِّيَامُ كَمَا كُتِبَ عَلَى ٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ.  އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް فرض ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ فرض ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން تقوى ވެރި ވުމަށްޓަކައެވެ.

ރޫޙާނީގޮތުން ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ކުރެވިދާނެ ގިނަގުނަ ކަންތައްތަކެއް ވެއެވެ.

ހ. ރަމަޟާން މަހަކީ ޤުރުއާނުގެ މައްސަރެވެ.

 

އެގޮތުން މިހާރުއްސުރެ ޤުރުއާން ކިޔަވަން ފަރިތަކޮށް ކިޔަވަން ފެށުން. ގިނަގިނައިން ޤުރުއާން ކިޔެވުމަށްޓަކައި ޚާއްޞަ މުޞްޙަފެއް ބޭއްވިދާނެއެވެ. އަބަދުވެސް ރޯދަމަހު ކިޔަވާ މުޞްޙަފަކީ އެއީ ކަމުގައި ހެދުމުން ފަސޭހަވާނެއެވެ. ނުވަތަ ފޯނުން ރަނގަޅު ޤުރުއާން އެޕްލިކޭޝަނެއްވެސް އެޅިދާނެއެވެ. އަދި ކޮންމެ ނަމާދެއްގެ ފަހުން ޤުރުއާނުގެ ވަކި މިންވަރެއް ކިޔާލެވިދާނެއެވެ. ރަމަޟާން މަހަކީ ޤުރުއާން ބާވާލެއްވުނު މަހެވެ. އެހެންކަމުން ޤުރުއާން ކިޔެވުން ގިނަކޮށް އެފޮތުގެ އާޔަތްތަކުގެ މާނަތަކާއި މެދު ވިސްނައި ފިކުރު ކުރުމަށްވެސް މިއީ އެންމެ މޮޅުވެގެންވާ އެއްދުވަސްވަރެވެ. ބައެއް މީހުން ހަމައެކަނި ޤުރުއާން ކިޔެވުން ގިނަކުރެއެވެ. ނަމަވެސް އެފޮތުގައި ބުނާ އެއްޗަކާއި މެދު ވިސްނައި އެފޮތުގެ އާޔަތްތަކަށް ޢަމަލުކުރަން ފަށަންވެސް ޖެހެއެވެ. އެހެނީ އެފޮތުގެ ބަރަކާތް އެންމެ ފުރިހަމަ ގޮތުގައި ޙާޞިލުވާނީ އެފޮތަށް ޢަމަލުކޮށްގެން ކަމުގައި ވާތީއެވެ. އެފޮތް ގިނައިން ކިޔެވުމުން ސަވާބު ލިބޭ ކަމީ ޝައްކެއް އޮތްކަމެއްނޫނެވެ. ނަމަވެސް އެފޮތް ހަމައެކަނި އަކުރުތައް ކިޔަވާލާފައި އެފޮތަށް ޢަމަލުނުކުރަންޏާ ޙަޤީޤީ ފައިދާއެއް ޙާޞިލުނުވާނެ ކަމީ ޝައްކެއް އޮތްކަމެއްނޫނެވެ. އެފޮތުގައި އަންގަވާފައިވާ ހުރިހާ އަމުރުފުޅުތަކަށް ބޯލަނބަން ފަށާ މަހަކަށް މިމަސް ހަދަމާތޯއެވެ؟

 

ށ. ރޯދައިގެ ޙުކުމްތައް ލިޔެވިފައިވާ ފޮތްތަކާއި އަދި އާރޓިކަލްތައް ކިޔާލައި ރޯދަމަހު އަޅުކަން ރަނގަޅު ގޮތުގައި ކުރެވޭނެ ގޮތްތައް ދަސްކުރުން.  އެގޮތުން ޢިލްމުވެރިން ލިޔުއްވާފައިވާ ފޮތްތައް ކިޔައި ހެދިދާނެއެވެ.

 

ނ. ރޯދަމަހު ވަރަށް ގިނަމީހުން ހީކުރަނީ ރޯދަ ހިފުމަކީ ހަމައެކަނި ނުކައި ނުބޮއި ހުރުންކަމުގައެވެ. ނަމަވެސް އެއީ ނުކައިނުބޮއި ހުރުމާއި އެކު ޝަހުވަތްތަކުން ދުރުވެ ހުރުމެވެ. ނަމަވެސް ހިތާމަޔަކީ އަޅުގަނޑުމެން ރޯދަހިފަނީ ނުކައި ނުބޮއި ހުރެގެންކަމުގައިވާތީއެވެ. އެހެން ހުރިހާ ޝަހުވަތްތަކުން އަޅުގަނޑުމެން ރޯދައެއް ނުހިފައެވެ. ރޯދައިގެ ޢަރަބި ލަފުޒުގެ (ޞައުމުގެ) މާނައަކީ ދުރުވެހުރުމެވެ. އަޅުގަނޑުމެން ޝަހުވަތްތަކުން ދުރުނުވާނަމަ ރޯދައިގެ މާނަ ގެއްލިގެން ދަނީއެވެ.

 

އެހެންވެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

 

(مَنْ لَمْ يَدَعْ قَوْلَ الزُّورِ وَالْعَمَلَ بِهِ فَلَيْسَ لِلَّهِ حَاجَةٌ فِي أَنْ يَدَعَ طَعَامَهُ وَشَرَابَهُ) رواه البخاري في صحيحه: 1804.

 

މާނައީ: “ދޮގުހެދުމާއި(ބުހުތާނާއި އަދި ނުބައި ބާޠިލުބަސްތައް ބުނުމާއި) އަދި ފާޙިޝްކަންކަން ކުރުން ދޫނުކުރާނަމަ، ﷲއަށް އެމީހެއްގެ (ރޯދައިން) ނުކައިނުބޮއެ ހުރުމުގެ އެއްވެސް ޙާޖަތެއްނުވެއެވެ.”

 

ޙަދީޘްގައި އެބުނަނީ ނުކައި ނުބޮއި ހުރުމުން ރޯދަހިފުން ޙާޞިލުނުވާ ކަމެވެ. އެހެނީ ޢަމަލު ޤަބޫލުނުވުން އެކަމުގެ މައްޗަށް ޙާޞިލުވެދާނެ ވާހަކައެވެ. އެއީ ކެއުންބުއިން ދޫކުރުމާއި އެކު ހުރިހާ ބާވަތެއްގެ ފާޙިޝް ޢަމަލެއް ދޫކޮށްފުމަށް ދާންދެނެއެވެ. އެހެންކަމުން ރޯދަ ހިފުމަށް ރައްކާތެރިވާން ޖެހެއެވެ. ރޯދަ ފުރިހަމަ ގޮތުގައި ހިފިޔަނުދޭން މަސައްކަތްކުރާ މީސްތަކުންގެ ކިބައިން ރައްކާތެރިވާން ޖެހެއެވެ. އެހެންކަމުން ފާޙިޝްކަންކަން ދެނެގަތުމަކީ މުހިންމުކަމެކެވެ. ފުރިހަމަ ގޮތުގައި ރޯދަ ހިފޭނީ ފާޙިޝްކަންކަމަކީ ކޮބައިކަން ދެނެގަނެ ކެއިންބުއިމުން ދުރުވާހެން އެކަންކަމުންވެސް ދުރުވެގެންނެވެ.

 

ރ. ނަމާދަށް ރައްކާތެރިވުން.

 

ވަރަށް ގިނަމީސްތަކުން ރޯދަމަހުގައި ނަމާދު ނުކޮށް ކެއިން ބުއިމުން ދުރުވެހުރެއެވެ. އެހެނީ ނަމާދުނުކޮށް ކުރާ އެއްވެސް އަޅުކަމެއް ޤަބޫލުވެވިގެންނުވެއެވެ. އެހެންކަމުން ނަމާދަށް ރައްކާތެރިވާން ޖެހެއެވެ. އަދި ބައެއް މީހުން ރޯދަ މަހު ނަމާދުކޮށްފައި އެހެން މަސްތަކުގައި އެކަން ދޫކޮށްލައެވެ. އެހެނީ ނަމާދު ނުކުރުމަކީ ކުރިން ކުރި ޢަމަލުތައް ބާޠިލުވެގެންދާނެކަމެކެވެ. ރޯދަމަހު ކުޅަހައި ހެޔޮކަން ނަގާނުލައްވާށެވެ.  ސަލަފުންގެ ބޭކަލުން ވިދާޅުވާގޮތުގައި ހެޔޮ ޢަމަލެއް ﷲގެ ޙަޟްރަތުން ޤަބޫލުވިކަމުގެ ޢަލާމަތްތަކުގެ ތެރޭގައި ހެޔޮކަން މަތީގައި ދެމިހުރުން ހިމެނެއެވެ.

 

އަދި ވަރަށް ގިނަ ބޭފުޅުންނަށް ނަމާދުގައި ކިޔާތަކެތި ފުރިހަމައަށް ކިޔަން ނޭނގުމަކީވެސް ވަރަށް ބޮޑު މައްސަލައެކެވެ. ރޯދައަށް ތައްޔާރުވުމަށްޓަކައި ނަމާދުގައި ކިޔާތަކެތިވެސް ރަނގަޅަށް ދަސްކުރައްވައި ދުޢާތައް ދަސްކޮށް ހަދަންޖެހެއެވެ.

 

ބ. ބައެއް ފަރާތްތަކުން ރަމަޟާންމަހަށްތައްޔާރުވުމަށްޓަކައި އިތުރަށް ކާތަކެތި ޖަމާކޮށް ރޯދަމަހު އިސްރާފުގެ މަހަކަށް ވެފައި އޮންނަނީ މަދެއްކޮށެއްނޫނެވެ. އެހެންކަމުން މިފަހަރަކީ އެކަން ބަދަލުކޮށްލާ މަހަކަށް ހަދަމާތޯއެވެ؟ އިސްރާފުކުރުމަކީ ޙަރާމްކަމެކެވެ. އަދި ﷲ ނުރުއްސަވާ ސިފައެކެވެ. ރޯދަމަހަކީ މިކަމުގައި އާއުސްމިންތަކަކަށް ދަތުރުކުރާ މަހަކަށް ނުހަދައި މިފަދަ ކަންކަމުން ދުރުވަމާތޯއެވެ.

 

ޅ. އިޢުތިކާފަށް ތިބުން. މިއީ ރޯދަމަހު ފަހުކޮޅުގައި ކުރުން ޝަރުޢުވެފައިވާ އަޅުކަމެކެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަމީހުންނަށް މިކަން ކުރަންވެސް ނޭނގެއެވެ. އެއީ ކޮންކަމެއްކަންވެސް ނޭނގެއެވެ. އަޅުގަނޑުމެންނަށް އެނގެނީ ރޯދަމަހުގެ މުބާރާތްތަކާއި އެކިއެކި ރޭސްތަކެވެ. އެހެންކަމުން މިފަހަރު ރޯދަމަހު ބަދަލުކޮށްލާ ކަންކަމުގެ ތެރެއަށް މިކަންވެސް ހަމަޖައްސާލުން ކިހިނެއްވާނެތޯއެވެ؟

 

ވީމާ ދުޢާއަކީ އެންމެ ފުރިހަމަ ގޮތުގައި ރޯދަ ހިފާ މީހުންކަމުގައި ލައްވައި ހެޔޮކަމުގެ މައްސަރު ލިބިގަންނަ ބައެއްކަމުގައި އަޅުގަނޑުމެން ލެއްވުމެވެ. ނަސީބުވެރިންނަކީ ނަސީބުގެ ފުރުސަތުތައް ލިބިގަންނަ ބަޔަކީ ރޯދަމަހުގެ ﷲގެ މަސް އިހުޔާކޮށް އެމަހުގެ ސަވާބު ލިބިގަންނަ މީސްތަކުންނެވެ. ލައިލަތުލްޤަދުރި ވިލޭރޭ ލިބިގަންނަ މީސްތަކުންނެވެ. އެއްވެސް ޙާލެއްގައި ޖުވާކުޅޭ އުސޫލުތަކުގެ މައްޗަށް ބާއްވާ މުބާރާތްތަކުގައި ބައިވެރިވެގެން ލިބޭ އިނާމަކީ ނަސީބެއްނޫނެވެ. އެއީ ބަދުނަސީބެކެވެ. އެފަދަ ފާޙިޝް ހުރިހާ ކަންކަމުން ދުރުވުމަށް ނަޞީޙަތްތެރިވަމެވެ. އެފަދަ ކަންކަމުން ދުރުވުމުގެ ތައުފީޤު އަޅުގަނޑުމެންނަށް މިމަހުގައި ދެއްވާށިއެވެ. އާމީން.