"ޕްރެކްޓިސް
މޭކް ޕަރފެކްޓް" ރަމަޟާން މަހަށް ތައްޔާރުވުން
بسم الله، الحمد لله. އެންމެހާ ލޮބުވެތި މުސްލިމު އަޚުންނާއި އުޚުތުންނޭވެ. ކޮންމެ ކަމެއް ވެސް ކާމިޔާބުކަމާއެކު
ނިންމާލެވެނީ، އެކަމަކަށް ތައްޔާރުވެ ފަރިތަކުރެވުނު މިންވަރެއްގެ މައްޗަށް
ބިނާކޮށެވެ. މާދަމައަކީ 1447 ވަނަ އަހަރުގެ ޝަޢުބާން މަހުގެ ފުރަތަމަ ދުވަހެވެ. ޝަޢުބާން
މަހަކީ ރަމަޟާން މަހުގެ ރޭސް ކާމިޔާބުކަމާއެކު ނިންމާލުމަށްޓަކައި ފަރިތަކުރަން
ފަށަންވީ މައްސަރެވެ. މި މައްސަރަކީ، އާދެ ޝަޢުބާން މަހަކީ އަޅުތަކުންގެ އަހަރީ ރިޕޯޓު
ރައްބުލް ޢާލަމީންގެ ޙަޟްރަތަށް އުފުލައްވާ މައްސަރެވެ. މުސްލިމުންނަށް ހިދާޔަތުގެ
މަގަށް މަގު ދެއްކެވުމަށްޓަކައި ﷲ ތަޢާލާ ފޮނުއްވި އެ އިލާހުގެ އަޅާ މުޙައްމަދު
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެ މަހެއްގައި އެންމެ ގިނައިން ރޯދަ ހިއްޕެވި
މަހަކީ ޝަޢުބާން މަސް ކަމަށް ޞައްޙަ ޙަދީޘްތަކުން ސާބިތުވެއެވެ. އެއީ އެކަލޭގެފާނުގެ
ޢަމަލުފުޅުތައް، އެކަލޭގެފާނު ރޯދައަށް ހުންނަވަނިކޮށް އުފުއްލެވުމަށް އެކަލޭގެފާނު
ލޯބިކުރައްވާތީ ކަން ޙަދީޘްތަކުން ސާބިތުވެއެވެ.
އުއްމުލް މުއުމިނީން
ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އަރިހުން ރިވާވެގެންވެއެވެ. عَنْ
عَائِشَةَ رَضِيَ اللَّهُ عَنْهَا، قَالَتْ:
لَمْ يَكُنِ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَصُومُ شَهْرًا أَكْثَرَ
مِنْ شَعْبَانَ، فَإِنَّهُ
كَانَ يَصُومُ شَعْبَانَ كُلَّهُ މާނައީ:"އެ މަހެއްގައި
ކީރިތި ރަސޫލާ އެންމެ ގިނައިން ރޯދަ ހިއްޕަވާ މަހަކަށް ތިމަން ކަމަނާ ދެކެވަޑައިގަތީ
ޝަޢްބާން މަހެވެ" (ބުޚާރީއާއި މުސްލިމް). މި ބަސްފުޅުން އަހަރެމެންނަށް އެނގިގެންދަނީ
ޝަޢުބާން މަހުގައި ރޯދަހިފުމުގެ މާތްކަމާއި މަތިވެރިކަމެވެ. އެހެންކަމުން ޝައުބާންމަހު
ރޯދަ ހިފުން ގިނަ ކުރުމަކީ ވަރަށް ބޮޑަށް އެދެވިގެންވާ ކަމެކެވެ. އަބޫ ސަޢީދުލް ޚުދުރީ
ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވާ ގޮތުގައި ﷲ ގެ މަގުގައި އެންމެ ދުވަހަކު ރޯދަ
ހިފި މީހާގެ މޫނު 70000 އަހަރުގެ ދުރުމިނަށް ނަރަކައިން ﷲ ދުރުކުރައްވާނެއެވެ.
އެހެންކަމުން މި މައްސަރުގައި ރޯދަ ހިފައި ނަރަކައާ ދުރަށް ދިޔުމަށް
މަސައްކަތްކުރަން ފަށަން މާދަމާ މިފެށޭ ޝަޢުބާން މަހުގެ ބޭނުން ހިފަން ޖެހެއެވެ.
ޝަޢުބާން މަހަކީ ރަމަޟާން
މަހަށް ތައްޔާރުވުމަށް ލިބޭ ރަނުގެ ފުރުޞަތެކެވެ. މި މަހުގައި މުސްލިމުން އިންދާ
މުޑުވަކަކީ ރަމަޟާން މަހުގައި ފޮނި މޭވާ ކަނޑާނެ ގޮވާމެކެވެ. އެހެންކަމުން، މި ޝަޢުބާން
މަހުގައި އަހަރެމެން ވީހާވެސް ގިނަ ހެޔޮ ޢަމަލުތަކެއް ކުރުމަށް މަސައްކަތް ކުރަންޖެހެއެވެ.
މިގޮތުން ސުންނަތް ރޯދަ ހިފުމާއި، ނުވަތަ ޤަޟާކުރަންޖެހިފައިވާ ރޯދަތައް
ޤަޟާކުރުމާއި، ޤުރުއާން ކިޔެވުމާއި، ޛިކުރު ކުރުމާއި، ޞަދަޤާތް ދިނުމާއި، ތައުބާވުން
ފަދަ ކަންކަމަށް އަހައްމިއްޔަތުކަން ދޭންޖެހެއެވެ. އޭރުން އަންނަ ރަމަޟާން މަސް
ވެގެންދާނީ އަހަރެމެންގެ ރޫޙަށް ކާމިޔާބުލިބި ހިތަށް ހަމަޖެހުންގެނެސްދިނުމާއެކު
މުސްތަޤުބަލުގައި ހެޔޮކަންކަންކުރުމަށް ފަހިވެގެންދާނެ ފުރުޞަތަކަށެވެ.
ޝަޢުބާން
މަހުގެ ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިފުމަށްޓަކައި ކުރެވިދާނެ މުހިންމު ކަންތަކުގެ
ތެރޭގައި:
D
ތައުބާވާށެވެ. ފާއިތުވެ ދިޔަ މާޟީގައި ކުރެވިފައިވާ ފާފަތަކަށް އިޚްލާޞްތެރިކަމާއެކު
ތައުބާވެ، ﷲގެ މަގަށް ރުޖޫޢަވާށެވެ.
D
ދުޢާކުރާށެވެ. ދުޅަހެޔޮ ޞިއްޙަތެއްގައި ހުރެ މި އަންނަ ރަމަޟާން މަހާ ބައްދަލުވުން
އެދި ދުޢާކުރާށެވެ. އަދިވެސް ތިމާގެ އެކިއެކި ޙާޖަތްތައް ފުއްދައިދެއްވުމަށް އެދި ﷲ
ގެ ޙަޟްރަތަށް ގިނަގިނައިން ދުޢާ ކުރާށެވެ.
D
ޤުރުއާން ކިޔެވުން ގިނަކުރާށެވެ. ގިނަގިނައިން ޤުރުއާން ކިޔަވައި ޤުރުއާނުން
ކިޔަވާ އާޔަތްތަކާ މެދު ވިސްނައި ފިކުރުކުރާށެވެ.
D
ސުންނަތް ރޯދަހިފާށެވެ. ހަފުތާއަކު ދެ ރޯދަ (ހޯމަ، ބުރާސްފަތި) ހިފޭތޯ
މަސައްކަތްކުރާށެވެ. އަދި ޤަޟާކުރަން ޖެހިފައިވާ ރޯދައެއްވާނަމަ އެ ރޯދަ ހިފައި
ނިންމާށެވެ.
D
ސުންނަތް ނަމާދު ކުރާށެވެ. ވިތުރި ނަމާދު ކުރުމަށް ސަމާލުކަންދޭށެވެ. އަދި ރަވާތިބު
ސުންނަތުގެ 12 ރަކްޢަތް ކޮށްގެން ސުވަރުގޭގައި ގެއެއް ބިނާކުރުމަށް މަސައްކަތްކުރާށެވެ.
އަދި ޟުޙާ ނަމާދުގެ 2 ރަކްޢަތް ނަމަވެސް ކުރެވޭތޯ ހިތްވަރުކުރާށެވެ.
D
ރޭ އަޅުކަން ކުރާށެވެ. ތަޙައްޖުދު ނަމާދު (ދަމު ނަމާދު) ގެ 2 ރަކްޢަތް
ނަމަވެސް ކުރެވޭތޯ މަސައްކަތްކުރާށެވެ.
D
ޛިކުރު ކުރުމަށް ދޫ ހާނުވާށެވެ. ހެނދުނާ ހަވީރު ކިޔުމަށް ވާރިދުވެފައިވާ
ޛިކުރުތައް ކުރުމަށް ދޫ ހާނުވާށެވެ. އަދި މިނޫނަސް ލިބޭ ހުސްވަގުތުތަކުގައި ބޭކާރު
ވާހަކަ ދެއްކުމުގެ ބަދަލުގައި ﷲ އަށް ޛިކުރުކޮށް ދޫ ތެންމުމަށް ހިތްވަރުކުރާށެވެ.
D
ޞަދަޤާތް ދޭށެވެ. ޞަދަޤާތަކީ ހަމައެކަނި ރުފިޔާ ފައިސާއިން ދެވޭ އެއްޗެއް
ނޫނެވެ. އަވަށްޓެރިޔާއަށް ކާއެއްޗެއް ދިއްކޮށްލުން ވެސް އެއީ ޞަދަޤާތެކެވެ. ދުލުން
ހެޔޮ ބަހެއް ބުނެލުން، ނުވަތަ ތިމާގެ އަޚާއާ ހީލުމަކީ ވެސް ޞަދަޤާތެކެވެ. ވީމާ
އެމީހަކާ އެކަށީގެންވާ މިންވަރަކުން ޞަދަޤާތްދޭށެވެ.
ޝަޢުބާން މަހަކީ
މަތީގައިވާ ކަންތައް ކޮށްގެން އަހަރުމެން މުސްލިމުންގެ ރޫޙަށް އާރޯކަމާއި ތާޒާކަން
ގެނެސްދޭނެ މައްސަރަކަށް ހަދަމާ ހިނގާށެވެ. އޭރުން އަހަރުމެންނަށް ރަމަޟާން މަހާ ބައްދަލުވާ
ހިނދު ތިބެވޭނީ، ރޫޙާނީ ގޮތުން އަޅުކަމަށް ތައްޔާރުވެ ފައްކާވެ، އަހަރުމެންގެ އީމާންކަން
އިތުރުވެފައެވެ.
ހައްދަވައި
ގެންގުޅުއްވާ އިލާހު! އިބަ ﷲ ރުހިވޮޑިގެންވާ ޙާލުގައި އަޅަމެން ވަނިކޮށް، ޝަޢްބާން
މަހާ ރަމަޟާން މަހާ ބައްދަލުކޮށް ދެއްވާނދޭވެ! އަޅުކަން ކުރުމުގައި ހީވާގިކަން
އަޅަމެންގެ ކިބައިގައި ލައްވާދޭނވެ! އަޅަމެންގެ ޢަމަލުތައް ޤަބޫލުކުރައްވައި، އަޅަމެންގެ
ފާފަތައް ފުއްސަވައި ރަޙްމަތްލައްވައި، ސުވަރުގެ ވަންތަވެރިންގެ ތެރޭގައި އަޅަމެން
ޝާމިލުކުރައްވާފާނދޭވެ!
