ކިޔުމުގެ ދޭހަ (ކީސްޓޭޖު 2)



ވާރޭވެހުނު ދުވަސް

އަޙްމަދަށް ހޭލެވުނީ ގަޑި ސޯނާވާ އަޑަށެވެ. ހޭލެވުމާއެކު އޭނާ އަވަސްވެގަތީ ފަތިސް ނަމާދު ކުރުމަށެވެ. ފެންވަރައި ވުޟޫކޮށްގެން އަޙްމަދު ނަމާދު ކުރިއެވެ. އެކަމާ އޭނާގެ މަންމަ ޒުލޭޚާ ވަރަށް އުފާވިއެވެ. އަދި އަޙްމަދު ނިމެންވާ އިރަށް ހެނދުނުގެ ނާސްތާ ތައްޔާރުކުރިއެވެ.

މަންމަ އަޙްމަދުގެ އިންތިޒާރުގައި ކާމޭޒު ދޮށުގައި އިންނަތާ ވިއްސަކަށް މިނިޓު ވީއިރު ވެސް އޭނާގެ ޚަބަރެއް ނުވެއެވެ. އެހެންކަމުން އޭނާގެ ޚަބަރެއް ބަލަން މަންމަ އެ ކޮޓަރިއަށް ދިޔައެވެ. އޭރު އަޙްމަދު އިނީ ހެނދުނުގެ ޒިކުރު ކިޔާށެވެ. އެ މަންޒަރު ފެނުމުން މަންމަ ލޮލުން ކަރުނަ ހިލުނެވެ. މިއީ އުފާވެރިކަމުގެ ކަރުނައެވެ. އޭނާގެ ދަރިފުޅަށް އައިސްފައިވާ ހެޔޮ ބަދަލު ފެނުމުން ހިލުނު ކަރުނައެކެވެ. އަޙްމަދުގެ އުޅުމަށް ބަދަލުތަކެއް އަންނަކަން ފާހަގަވުމުން އޭނާގެ މައިންބަފައިން ވަނީ ނަޞޭޙަތްތެރިވެފައެވެ. އަދި އަޙްމަދު ވަނީ އޭނާގެ އުޅުން އިޞްލާޙުކޮށް މަންމަ އާއި ބައްޕަ އުފާވާ ފަދަ އަޚްލާޤު ރަނގަޅު ކުއްޖަކަށް ވުމަށް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އެމީހުންނަށް ދީފައެވެ.

ޒިކުރު ކިޔުމަށް ފަހު އަޙްމަދު މުޞްޙަފު ނަގައި ޔާސީން ސޫރަތް ކިޔެވިއެވެ. އެއަށްފަހު ހެނދުނުގެ ނާސްތާކުރުމަށް ކާގެއަށް ދިޔައެވެ. ހެނދުނުގެ ނާސްތާއަށް ފަހު އަޙްމަދު ދިޔައީ ސްކޫލަށެވެ. ސްކޫލުގައި ކިޔަވައި ދިން ހުރިހާ ފިލާވަޅެއް ކަނުލައި އަޑުއަހައި، ނިންމަން ދިން ހުރިހާ މަސައްކަތެއް އަޙްމަދު ނިންމިއެވެ. އަދި ކޮންމެ ގަޑިއެއް ފެށުމުން އެ ގަޑި ނަންގަވަން ދުރުވި މުދައްރިސަށް ކާޑެއް ދިނެވެ.

ސްކޫލު ނިމުމާއެކު އަޙްމަދު ދިޔައީ ގެއަށެވެ. ގެއަށް ދިޔަ މަގުމަތީގައި ވެސް އެއްވެސް ތަނަކަށް މަޑު ނުކުރެއެވެ. ގެއަށް ގޮސް ފެންވަރައި ނަލަހެދިލައިގެން މެންދުރު ނަމާދު ކުރިއެވެ. އެ ވަގުތު ގޭގެ ފޯނު ރިންގުވާ އަޑު އިވުނެވެ. މަންމަ ފޯނު ނެގިއެވެ. ފޯނު ނަގައިގެން ހުންނަތާ އިރުކޮޅެއް ފަހުން އަލްޙަމްދުލިއްލާހި ކިޔައި ފޯނު ބޭއްވިއެވެ. އަދި ސަޖިދައެއް ކުރިއެވެ. އަހްމަދު މަންމަ އެއަށްފަހު އޭނާގެ ބައްޕައަށް ގުޅައި ސްކޫލުގެ މުދައްރިސުން އަޙްމަދާ ބެހޭގޮތުން ދެއްކި އުފާވެރި ވާހަކަތައް ކިޔައި ދިނެވެ. އެ އަޑު އިވުމުން އޭނާގެ ބައްޕައަށް ވެސް ބުނެވުނީ އަލްހަމްދުލިއްލާހިއެވެ. އަދި ޝުކުރުގެ ސަޖިދައެއް ކުރިއެވެ. 


ވާހަކަ ކިޔުމަށްފަހު ތިރިގައިވާ ސުވާލުތަކަށް ޖަވާބުދޭށެވެ!

1-    އަޙްމަދަށް ހޭލެވުނީ ކޮން އަޑަކަށް ހެއްޔެވެ؟                                     

2-   އަހްމަދު ދުވަސް ފަށައިގަތީ ކޮން ކަމަކުން ހެއްޔެވެ؟                                

3-   އަޙްމަދުގެ މަންމަ ނާސްތާ ތައްޔާރުކުރަން ބޭނުންވީ ކޮން ވަގުތަކަށް ހެއްޔެވެ؟             

4-    އަޙްމަދު ޒިކުރުކުރަން އިންކަން މަންމައަށް އެނގުނީ ކިހިނެއް ހެއްޔެވެ؟                   

5-   އަޙްމަދުގެ އުޅުމަށް ބަދަލުތަކެއް އައިކަން އެނގުމުން ނަޞާޙަތްތެރިވީ ކޮންބައެއް ހެއްޔެވެ؟                                   

 

6-    އަޙްމަދު ހެނދުނު ކިޔެވީ ކޮން ސޫރަތެއް ހެއްޔެވެ؟                                  

7-    އަޙްމަދުގެ އުޅުމަށް ހެޔޮ ބަދަލުތަކެއް އައިކަން ހާމަވާ 2 ސަބަބެއް ލިޔުމުގެ އެހީގައި ބަޔާންކުރާށެވެ!    

 

 

 


No comments: