Featured Post

Ombey

ވާހަކަ : ރިޒުޤުދެއްވަނީ ﷲ


ރިޒުޤުދެއްވަނީ ﷲ


           ދުވަހަކީ އުޑުމަތި ރީތި ހިތްގައިމު ދުވަހެކެވެ. ފިނިފިނި ވައިރޯޅިތަކުން ދުވަހުގެ ރީތިކަން އިތުރަށް ފުރިހަމަކޮށްދެއެވެ. ވައިރޯޅީގެ މިޔުޒިކީ ހަމަތަކަށް ލަވަކިޔަމުންދިޔަ ދޫނިތަކުގެ އަޑުން ޖައްވާ ފަޒާވަނީ ގުގުމާފައެވެ. ގޭގެ އަސްކަނި ދަށުގައި ހުރި ޖޯލިފަތްޗެއްގައި ފުން ޚިޔާލަކަށް ގެއްލިފައި އިން މާސާގެ ނަޒަރު ހުއްޓިފައިވަނީ މަގުގެ އެއްފަރާތުގައި ހުރި ބޮޑު ކަދުރު ރުކާ ދިމާއަށެވެ. ކޮންމެ ދުވަހަކު ވެސް ރީތިރީތި ކުޑަކުޑަ ދޫންޏެއް އައިސް މި ކަދުރު ރުކަށް ތިރިކުރާތަން މާސާއަށް ފެނެއެވެ. އެހެންކަމުން އެޗާލު މަންޒަރު ބަލާލަން މާސާ ކޮންމެ ދުވަހަކު އެ ގަޑިއަށް އެތަނަށް ނިކުމެއެވެ.

          މާސާގެ ތުއްތަ އީނާސަށް އޭނާ އެތަނުގައި އިންތަން ފެނުމުން ދެ ތަށި ޖޫހާއި ތެލުލީ ބަނބުކެޔޮ ތަށްޓެއް ހިފައިގެން އެތަނަށް ދިޔައެވެ. ޖޯލީގައި އިށީންނަމުން "ކޮންމެ ދުވަހަކު މިތަނަށް ނިކުމެ ތިބަލާ މަންޒަރެއް މިއަދު ތިއްތައަށް ވެސް ދައްކަންވާނެ" ކަމަށް ބުނެ ވާހަކަ ދެއްކިއެވެ.

          މާސާ އެކަމާ އެއްބަސް ވަމުން ވާހަކަ ކިޔައިދޭން ފެށިއެވެ.  "މި މަންޒަރު އަހަރެންނަށް ފެންނަތާ ދުވަސްތަކެއް ވެއްޖެ. ކޮންމެ ދުވަހަކު ކުޑަކުޑަ ދޫންޏެއް އައިސް އެތަނުގައި އެއިން ބޮޑު ކަދުރު ރުކަށް ތިރިކުރާތަން ފެނޭ. ކޮންމެ ދުވަހަކު މި ދޫނި ތިރިކުރަނީ ވެސް އެއް ދިމާއަކަށް. އެކަމާ ވަރަށް ހައިރާންވެފައި މިހުންނަނީ. މި ދޫންޏަކީ ކަދުރު ރުކުގައި އުޅޭ ދޫންޏެއް ވެސް ނޫން ވިއްޔާ" އެހިސާބަށް ބުނެވުނުތަނާ މާސާގެ ތިއްތަ ސަމާހާ އެތަނަށް އައެވެ.

          އީނާސް ޗަމަރީއަށް ގޮވައިލުމަށްފަހު ތިއްތައަށް ދޭން ޖޫސް ގެނައުމަށް އެދުނެވެ. އަދި އެ ދޫނީގެ ވާހަކަ ތިއްތައަށް ވެސް ކިޔައި ދިނެވެ. ތިން މީހުން ވެގެން އެ ދޫނީގެ ޙަޤީޤަތް ހޯދަން ރޭވުންތަކެއް ރޭވިއެވެ. އެގޮތުން ގޭގެ ފުރާޅުގައި ކެމެރާއެއް ހަރުކޮށްގެން ދޫނީގެ ހަރަކާތްތައް ބަލަން ނިންމިއެވެ.

          ޖެހިގެން އައިދުވަހު ހަވީރު ދޫނި ރުކަށް ތިރިކުރުމުގެ ކުރިން ތިން ކުދިން ފުރާޅު މައްޗަށް އެރިއެވެ. އަދި އެ ދޫނީގެ ހަރަކާތް ފެންނަގޮތަށް ކެމެރާ ހަރުކުރިއެވެ. އިރުކޮޅެއް ފަހުން އެއްކަލަ ދޫނި އައިސް ރުކަށް ތިރިކުރިއެވެ. ތިން ކުދިން ވެގެން ސިއްރުސިއްރުން އެ ދޫނީގެ ހަރަކާތް ރެކޯޑުކުރަމުން ދިޔައެވެ. ސުބްޙާނަﷲ! ސުބްޙާނަﷲ! ސުބްޙާނަﷲ! ﷲގެ ކުޅަދުންވަންތަކަމާއެވެ. ކިޔައި 3 ކުދިން އެއްފަހަރާ ޝަހާދަތްކިޔަން ފެށިއެވެ. މިގޮތަށް މި ކުދިން ދެ ތިން ދުވަސް ވަންދެން ވީޑިއޯ ކުރަމުން ދިޔައެވެ.

          ސުބްޙާނަﷲ! ސުބްޙާނަﷲ! ސުބްޙާނަﷲ! ﷲގެ ކުޅަދުންވަންތަކަމާއެވެ. އެ ދޫނި ކޮންމެ ދުވަހަކު އަންނަނީ އެ ރުކުގައި އޮތް ލޯފަން ހަރުފައަށް ކާން ދޭށެވެ. ދޫނި އައިސް ތިރިކޮށްލާއިރަށް ހަރުފަ އަނގަ ހުޅުވާލައެވެ. އެ ވަގުތު އެ ދޫނީގެ ތުމުގައި އޮންނަ މަސްކޮޅު ހަރުފައިގެ އަނގައިގެ ތެރެއަށް ވައްޓާލައެވެ. އެ މަސްކޮޅު ދިރުވާ ނިމެންދެން ބަލަން ހުރުމަށް ފަހު އެ ސޮރު ހިނގައި ދެއެވެ.

          ދޫނީގެ ފަރާތުން މި ފެނުނު އަޖައިބުކުރުވަނިވި ވާހަކަ އެ ކުދިންގެ ކާފައަށް ކިޔައި ދިނެވެ. އެވާހަކަ އަޑުއެހުމަށްފަހު ކާފަ ބުންޏެވެ. لاإله إلا الله! ﷲ މެނުވީ ޙައްޤު ގޮތުގައި އަޅުކަންކުރެވޭ އެހެން އެއްވެސް އިލާހަކު ނުވެއެވެ. ﷲއަކީ އައްރާޒިޤެވެ. ދުނިޔޭގައިވާ ކޮންމެ އެއްޗެއްގެ ރިޒުޤު ވަނީ ﷲގެ ޙަޟްރަތުގައި ލިޔެވިގެންނެވެ. އެ އެއްޗަކަށް އެ އިލާހު އިރާދަ ކުރައްވާ ގޮތަކަށް ރިޒުޤު ދެއްވައެވެ. ލޯފަން ހަރުފައަށް ރިޒުޤު ގެނެސް ދިނުމަށް ﷲ މެދުވެރިކުރެއްވީ އެ ރީތިރީތި ކުޑަކުޑަ ދޫންޏެވެ. އޭގެ ވާޖިބު އޭގެ އެންމެ ފުރިހަމަ ގޮތުގައި އޭތި ވަނީ އަދާކޮށްފައެވެ.

          ސުބްޙާނަހޫ ވަތަޢާލާގެ ހުސްޠާހިރުވަންތަކަމާއެވެ. އެއިލާހުގެ މަޚްލޫޤުންގެ ތެރެއިން އެއްވެސް މަޚުލޫޤެއް ހަނދުމަނެތިވެވޮޑިގެންނުވާ އިލާހުގެ ހުސްޠާހިރުވަންތަކަމާއެވެ! ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. "وَمَا مِن دَابَّةٍ فِي الْأَرْضِ إِلَّا عَلَى اللَّـهِ رِزْقُهَا وَيَعْلَمُ مُسْتَقَرَّهَا وَمُسْتَوْدَعَهَا  كُلٌّ فِي كِتَابٍ مُّبِينٍ  ﴿ هود ٦﴾ " މާނައަކީ "ބިމުގައި ހިނގާބިނގާ އުޅޭ ދިރޭ އެއްޗެހީގެ ތެރެއިން، އެ އެއްޗަކަށް اللَّه ރިޒުޤު ނުދެއްވާ އެއްވެސް އެއްޗެއް ނުވެތެވެ. އެ ތަކެތި ބިމުގައިއުޅޭ ތަނާއި، މަރުވެގެން ވަޅުލާތަނެއް އެކަލާނގެ ދެނެވޮޑިގެންވެތެވެ. މި ހުރިހާ ކަމެއްވަނީ ބަޔާންވެގެންވާ ފޮތެއްގައި ލިޔުއްވާފައެވެ." 

 


No comments: