ރިޕޯޓުލިޔުން

ރިޕޯޓުލިޔުން


ރިޕޯޓަކީ ކަމެއް ހިނގައިފައިވާ ގޮތް ނުވަތަ ކަމެއް ހިނގަމުންދާގޮތް ނުވަތަ ކަމެއް އޮތް ޙާލަތު ބަޔާންކޮށް ލިޔާ ލިޔުމެކެވެ. މީގެ އިތުރުން ތަނެއް ނުވަތަ އެއްޗެއް ނުވަތަ މީހަކާ ބެހޭގޮތުން ވެސް ރިޕޯޓު ލިޔެވިދާނެއެވެ. ރިޕޯޓުގައި މައިގަނޑު ދެ ބާވަތެއް ހިމެނެއެވެ. އެއީ ސާދާ ރިޕޯޓާއި ތަފްޞީލު ރިޕޯޓެވެ. މި ދެ ބާވަތުގެ ރިޕޯޓު ތަފާތުވުން ބިނާވަނީ ރިޕޯޓުގައި ހިމަނާ މަޢުލޫމާތުގެ މިންވަރާއި ތަފްޞީލުގެ މައްޗަށެވެ. ހަމަ އެހެންމެ މި ދެ ބާވަތުގެ ރިޕޯޓުގެ އޮނިގަނޑު ނުވަތަ ބައްޓަން ވެސް ތަފާތެވެ.

ރިޕޯޓުގައި ހިމެނޭ ބައިތައް :

ތަފްޞީލު ރިޕޯޓުގައި ހިމެނެނީ މައިގަނޑު 3 ބައެކެވެ. އެއީ ފެށުމާއި މައިގަނޑާއި ނިންމުމެވެ.

ސާދާ ރިޕޯޓުގައި ހިމެނޭނީ ހަމައެކަނި މައިގަނޑު އެކަންޏެވެ. ވަކި ފެށުމެއް ވަކި ނިންމުމެއް ނޯންނާނެއެވެ. އަރިމަތީ ސުރުޚީތަކެއް ވެސް ނުހިމެނޭނެއެވެ. ޢާއްމުގޮތެއްގައި ޚަބަރު ރިޕޯޓާއި ޙާދިޘާ ރިޕޯޓު ފަދަ، ކަމެއް ހިނގައިދިޔަގޮތް ބަޔާންކޮށް ލިޔާ ރިޕޯޓު ލިޔެފައި ހުންނަނީ ސާދާ ބައްޓަމަށެވެ. ތަފްޞީލު ރިޕޯޓުގެ ގޮތުގައި ސަރވޭ ރިޕޯޓާއި ތަޙްޤީޤީ ރިޕޯޓާއި ތަހުލީލީ ރިޕޯޓުގެ އިތުރުން އަހަރީ ރިޕޯރޓު ފަދަ ރިޕޯޓުތައް ހިމެނެއެވެ. ކޮންމެ ބާވަތެއްގެ ރިޕޯޓެއް ނަމަވެސް އެރިޕޯޓެއް ލިޔުމުގެ މަޤްޞަދު ޙާޞިލުވާން ޖެހޭނެއެވެ.

ފެށުން :

ފެށުމުގައި އޮންނާނީ ރިޕޯޓުގެ ތަޢާރަފެކެވެ. މިތަޢާރަފު ބިނާވެގެންވަނީ ތިން ނުކުތާއެއްގެ މައްޗަށެވެ. އެއީ ރިޕޯޓު ލިޔުމުގެ މަޤްޞަދާއި ޙައިޘިއްޔަތާއި ރިޕޯޓުގައި ހިމެނޭ ބައިތަކެވެ. ކީއްވެގެން، ކޮން ބޭނުމެއްގައި، ކޮންފަރާތަކުން، ކިހިނެއް ލިޔާ ރިޕޯޓެއްކަން ފެށުން ކިޔައިލުމުން އެނގެންވާނެއެވެ. މިއިން އެއްވެސް ބައެއް އުނިވެއްޖެނަމަ ފުރިހަމަ ފެށުމެއް ކަމަކަށް ނުބެލެވޭނެއެވެ.

މައިގަނޑު :

މައިގަނޑުގައި ބަޔާންކުރާނީ ރިޕޯޓުގެ ފެށުމުގައި ތަޢާރަފުކުރި ކަންތައްތަކުގެ ތަފްޞީލެވެ. މައްސަލައެއްނަމަ އެ މައްސަލައިގެ ތަފްޞީލާއި މައްސަލަ ހިނގުމަށް މެދުވެރިވި ސަބަބުތަކާއި މައްސަލައާ ގުޅުންހުރި ހެކި ތަކެވެ. މިބައިގައި ހިމަނާ ކޮންމެ ނުކުތާއެއް ހިމަނާނީ ވަކި ޕެރެގުރާފެއްގައެވެ. އަދި މިގޮތަށް ހިމަނާ ވަކި ނުކުތާތަކަށް އަރިމަތީ ސުރުޚީ ދިނުމަކީ ވެސް ރިޕޯޓުގައި ޚާއްޞަކުރެވިފައިވާ ކަމެކެވެ.

ނިންމުން :

ރިޕޯޓުގެ ނިންމުމުގައި ހިމެނެނީ މައިގަނޑުގައި ބަޔާންކުރި ކަންކަމުގެ ޚުލާޞާ އާއި ނިންމުން ތަކެވެ. ނުވަތަ ޙައްލުތަކާއި، ހުށަހެޅުންތަކާއި، ދެކޭގޮތެވެ. އެކި ރިޕޯޓުގައި ނިންމުން ގެންނަންޖެހޭގޮތް ތަފާތެވެ. އެ ލިޔާ ރިޕޯޓެއްގެ ބާވަތުން ރިޕޯޓުގެ ނިންމުން ތަފާތު ވާނެއެވެ. ކޮންމެ ކޮންމެ ރިޕޯޓެއްގައި ޙައްލު (ރިކޮމެންޑޭޝަން) އޮންނާކަށް ނުޖެހޭނެއެވެ. ބައެއް ރިޕޯޓުތަކުގައި އޮންނާނީ ރިޕޯޓު ލިޔާ ފަރާތުން، އެ ރިޕޯޓު ބިނާވެފައިވާ ކަމަކާ ނުވަތަ ތަނަކާ ނުވަތަ އެއްޗަކާ މެދު ދެކޭގޮތެވެ. ނުވަތަ ބުނާ ބުނުމެކެވެ. ނުވަތަ ކުރު ޚުލާޞާއެކެވެ.

ރިޕޯޓުގެ ވައްތަރުތައް :

       D      ލިޔާ ބޭނުމާއި ޙާލަތާ ގުޅޭގޮތުން ރިޕޯޓުގެ އުޞްލޫބު ތަފާތު ވާނެއެވެ. އޮފީހެއްގެ ކަމެއް ހިނގައިދިޔަގޮތުގެ ރިޕޯޓާއި، އޮފީހުގެ ހިންގުން އިޞްލާޙު ކުރުމަށް ހުށަހަޅާ ރިޕޯޓާއި، ވިޔަފާރި ކުންފުންޏެއްގެ އަހަރީ ރިޕޯޓު ތަފާތެވެ. ހަމަ އެހެންމެ ޝަރުޢީ ދާއިރާގެ ރިޕޯޓަކީ ވެސް ތަފާތު ބާވަތެއްގެ ރިޕޯޓެކެވެ. މިގޮތުން ލިޔެވޭ ބައެއް ރިޕޯޓުގައި ހުންނާނީ މަޢުލޫމާތު އެކަންޏެވެ. އަނެއްބައި ރިޕޯރޓު ހުންނާނީ ކަންކަން ވަޒަންކޮށް ލަފާކުރާ ގޮތް ބުނެ، ފެންނަގޮތް ހުށަހަޅައިފައެވެ.

       D      ހިނގަމުންދާ ކަމެއް އިސްލާޙުކުރުމަށް ހުށަހަޅާ ރިޕޯރޓެއްނަމަ އެކަމުގެ ސަބަބުތައް ބަޔާންކުރަން ވާނެއެވެ. ރިޕޯޓު ހުށަހެޅޭ ފަރާތަށް އެސަބަބުތައް ޤަބޫލުކުރެވެން ޖެހޭނެއެވެ. އަލަށް ކަމެއް ފެށުމާ ބެހޭގޮތުން ސަރވޭއެއްކޮށް ތައްޔާރުކުރާ ދިރާސީ ރިޕޯޓެއްނަމަ ކިހިނެއް، ކޮންތާކު، ކޮންއިރަކު، ކޮންގޮތަކަށް، މިކަންކަން ރިޕޯޓުން އޮޅުންފިލަން ޖެހޭނެއެވެ. މިފަދަ ރިޕޯޓަކުން އެކަމަކާ ބެހޭގޮތުން އޮޅުންފިލުވުމަށް ބޭނުންވާ ހުރިހާކަމެއް އޮޅުން ފިލަންޖެހޭނެއެވެ. ހިނގައިދިޔަ ހާދިސާއަކާބެހޭ ރިޕޯޓެއްނަމަ ވީގޮތާއި، އެކަމެއް ހިނގަން މެދުވެރިވި ސަބަބުތައް އޮޅުންފިލަން ވާނެއެވެ. އަދި ގެއްލުން ލިބުނު މީހުންގެ މިހާރުގެ ޙާލުވެސް އޮޅުންފިލަން ޖެހޭނެއެވެ.

ރިޕޯޓު ލިޔުމުގައި ސަމާލުކަންދޭންވީ ބައެއް ކަންތައްތައް :

ކުރިން ވެސް ބަޔާންކުރި ފަދައިން ރިޕޯޓެއް ލިޔާއިރު އެ ރިޕޯރޓެއްގެ މަޤްޞަދު ޙާޞިލުވާނެގޮތަށް ރިޕޯޓުގެ ބައިތައް ރާވައިލުމަކީ ވަރަށް މުހިންމު ކަމެކެވެ. ހަމައެއާއެކު އެކަމަކަށް ބޭނުން ފުރިހަމަ، ތެދު މަޢުލޫމާތު ހިމެނުމަށް ސަމާލުކަން ދޭންޖެހޭނެއެވެ. ނަމަވެސް އިމްތިޙާނު ތަކުގައާއި ކިލާސްރޫމުތަކުގައި ލިޔާ ރިޕޯޓުތައް މިއިން އިސްތިސްނާ ވާނެއެވެ. އެހެނީ އެފަދަ ރިޕޯޓުތަކަކީ ދަސްކުރާށާއި، ރިޕޯޓުލިޔަން ދަންނަ މިންވަރެއް ބެލުމުގެ ގޮތުން ލިޔެވޭ ރިޕޯޓުތަކެކެވެ. އެހެނަސް މިފަދަ ރިޕޯޓުގައިވެސް ހިމަނާ މަޢުލޫމާތަކީ ބުއްދި ޤަބޫލުކުރެވޭ ފަދަ މަޢުލޫމާތަށް ވާންޖެހޭނެއެވެ.

ކަންހިނގިގޮތް ބަޔާންކުރާ ރިޕޯޓެއް ކިލާހެއްގައި ލިޔުނުނަމަ ވެސް ކަންހިނގި ގޮތެއް ކަމަށް ބަޔާންކުރާ ގޮތަކީ، ބުއްދި ޤަބޫލުކުރާފަދަ ގޮތަކަށް ވާންޖެހޭނެއެވެ. އެހެންކަމުން އެކަން ބަޔާންކުރަންޖެހޭނީ ކަންހިނގި ގޮތް ބަލާފައި ލިޔާ ބީދައިންނެވެ. ނަމަވެސް މިފަދަ ރިޕޯޓެއް ލިޔާ ފަރާތަކީ ކަން ހިނގިއިރު އެތަނުގައި ނެތް މީހަކަށް ވެދާނެއެވެ. ވީމާ ދަރިވަރު ވިސްނަންވާނީ އެތަނަށްގޮސް ހާދިސާ ދުށް މީހުންނާއި، އެކަމުގައި ޝާމިލްވާ ފަރާތްތަކުން މަޢުލޫމާތު ހޯދައިގެން ލިޔާ ރިޕޯޓެއްގެ ގޮތުގައި ލިޔުމަށެވެ. މިފަދަ  ރިޕޯޓުތަކުގައި ޙައްލު ގެނައުމުގެ ބަދަލުގައި އޮންނާނީ ނިންމުމެވެ. ނިންމުމުގައި މިކަމަކީ އިތުރަށް ބަލައި ހޯދަންޖެހޭ ކަމެއްކަމަށް ނުވަތަ މިކަމުގައި އިހްމާލުވާ ފަރާތަކާމެދު ކަންކުރިގޮތް ނުވަތަ އެޅިދާނެ ފިޔަވަޅެއް ބަޔާންކުރެވިދާނެއެވެ. ނަމަވެސް ސަރވޭ ރިޕޯޓެއް މިއާ ތަފާތު ވާނެއެވެ. ޙައްލުވެސް ލިޔެވިދާނެއެވެ. ތަފާސް ހިސާބުވެސް ހިމެނޭނެއެވެ.

ކޮންމެ ބާވަތެއްގެ ރިޕޯޓެއް ލިޔުނު ނަމަވެސް ސުރުޚީއެއް ދޭންވާނެއެވެ. އަދި އަރިމަތީ ސުރުޚީތައް ލިޔުމާއި ތަފާތު ދެ ވާހަކައެއް އެއް ސުރުޚީއެއްގެ ދަށަށް ނުގެނައުމަކީ ވިސްނަންޖެހޭނެ ކަމެކެވެ. އަދި ފަށުވި ޢިބާރާތްތައް ބޭނުން ނުކުރުމާއި، މާނަ ނޭނގޭ ފަދަ ފުންބަސްތައް ބޭނުން ނުކުރުމަށް ސަމާލުކަން ދޭންވާނެއެވެ. ލިޔާނީ ރިޕޯޓު ހުށަހެޅޭ ފަރާތަކާ ގުޅޭފަދަ ދަރަޖައެއްގެ ބަސްމަގަކުން، ސާދާ ޢިބާރާތުންނެވެ.


No comments: