بِسْمِ
اللهِ الرَّحْـــمَنِ الرَّحِيْمِ
ދިވެހިން ރަމަޟާންމަހަށް ތައްޔާރުވަމުން އައިގޮތް
بسم
الله، الحمد
لله
ربّ العالمين، والصّلاة والسّلام على خاتم الأنبياء والمرسلين نبينا محمد وعلى آله
وصحبه أجمعين.
ލިޔުނީ:
ޒީނަތު ލަބީބު.
ތަޢާރަފު:
ދިވެއްސެއްގެ ގޮތުގައި އުފަންވާ ކޮންމެ މީހަކީ މުސްލިމެކެވެ. މުސްލިމުންގެ
މައްޗަށް ހިޖުރައިން ދެވަނަ އަހަރު ﷲ ފަރުޟު ކުރައްވާފައިވާ
އިސްލާމްދީނުގެ ހަތަރުވަނަ ރުކުނަކީ ރަމަޟާންމަހުގެ ރޯދައެވެ. ދިވެހި އުއްމަތަށް
އިސްލާމް ދީނުގެ އަލިކަން ލިބެން ފެށީއްސުރެ މެދުކެނޑުމެއްނެތި ދިވެހިންނަކީ ރަމަޟާންމަހަށް
ތައްޔާރު ވަމުން އަންނަ ބައެކެވެ. އެހެންނަމަވެސް ދުނިޔޭގެ ތަރައްޤީއާއި
ތަމައްދުންގެ ސަބަބުން ދުނިޔޭގައި އުޅެމުންދާ މީހުން ވެސް އައީ ދުވަހުން ދުވަހަށް
ތަރައްޤީވަމުންނެވެ. ދުނިޔެ މައްޗަށް އިރުއަރާ ކޮންމެ ދުވަހަކު ތަރައްޤީގެ އާޞަފްޙާއެއް
ވުޖޫދުގައި ކުރެހެއެވެ. އެހެންކަމުން ކަންތައް ކުރަމުންދާ ގޮތަށް ދަނީ ބަދަލުވަމުންނެވެ.
އެގޮތުން ބަލާއިރު ރޯދަ ހިފުމުގެ މޫސުން ކަމަށްވާ ރަމަޟާންމަހަށް މުސްލިމު
ޤައުމުތަކުން މަރުހަބާކިޔަނީ ވެސް ތަފާތު ގޮތްގޮތަށެވެ. މިލިޔުމަކީ އާދަކާދައިގެ
ގޮތުން ރަމަޟާންމަހާ ބައްދަލުކުރަމުން ދިޔަގޮތުގެ މައްޗަށް ތައްޔާރުކުރެވިފައިވާ
ރިޕޯޓެކެވެ. އެގޮތުން އަޅުގަނޑު ބަލާލާނީ:
1- ރަމަޟާންމަހަށް
ނަޒަރެއް.
2- ރަމަޟާންމަހަށް
ތައްޔާރުވުމުގެ ގޮތުން ގޯތި ގެދޮރު ޒީނަތްތެރިކުރުން.
3- ރަމަޟާންމަހަށް
ބޭނުންވާ ކާބޯތަކެތި ހޯދުން.
4- ރޯދައަށް
އަންބަލަންލުން.
5- ރަމަޟާންމަހަށް ހަނދު
ބެލުން.
6- ރޯދައަށް ތެޅުން.
7- ދަންބެރު ޖެހުމާއި
ހާރުކެއުން.
8-
ރަމަޟާންމަހުގެ ހަވީރު
ވަގުތާއި ރޯދަ ވީއްލުން.
1-
ރަމަޟާންމަހަށް
ނަޒަރެއް:
ފޮތްތަކަށް ނަޒަރުހިންގާލުމުން އެވޭލާ ދިވެހިން ރަމަޟާންމަހަށް
މަރުޙަބާކިޔުމުގެ ގޮތުން ވަރަށް ގިނަ ކަންތައްތަކެއް ކުރަމުން ގޮސްފައިވާކަން
އެނގިގެންދެއެވެ. ދިވެހިންގެ އާދަކާދަ އޮންނަގޮތުން ރަމަޟާންމަސް އަންނަންވާއިރަށް
ގޯތި ގެދޮރުގެ އަބާތުރަ ފިލުވައި ފުރިހަމަކުރެއެވެ. އަތްމަތި ތިޔާގި މީހުން
ފޯރުންތެރިކަމެއް ނެތް މީހުންނަށް މިކަންތައް ކުރުމުގައި އެހީތެރިކަންދެއެވެ. އެހެންކަމުން
ކެރިފޯރުންތެރިކަން ދަށް އާއިލާތަކުން ވެސް ހިތްދަތިކަމެއް ނެތި އެމީހުންގެ ހުރި
ފެންވަރަކުން ކަންތައްތައް ފުރިހަމަކުރެތެވެ. ރަމަޟާންމަހަށް ބޭނުންވާ ކާބޯތަކެތި
ހޯދުމުގެ އިތުރުން އެމަހާއި ވިދިގެން އަންނަ މުސްލިމުންގެ ދެޢީދުގެ ތެރެއިން ފިޠުރުޢީދަށް
ބޭނުންވާ އަންނައުނު އެބަޔަކަށް ވީވަރަކުން ހޯދާނެއެވެ. ޢީދުދުވަހުގެ ޖާފަތް
ހެދުމަށް ބޭނުންވާ ކުކުޅުހާ ހިފައި ބަނދެއެވެ. މިގޮތަށް ކާބޯތަކެއްޗާއި
އަންނައުނާއި އެހެނިހެން އެއްޗެހި ހޯދުމުގައި ޙަލާލުގޮތުގައި މެނުވީ އެއްޗެއް
ނުހޯދާނެއެވެ. އެމީހުންގެ އަރުންއެތެރެއަށް އެއްޗެއްލުމުގެ ކުރިން އެއީ ހަލާލު
އެއްޗެއްތޯ ބަލައެވެ. އެވޭލާ ޒަމާނުގައި ފާފަކުރުމާއި ޖަރީމާތަކަކީ އެމީހުން
ނުދަންނަ ބީރައްޓެހި ކަންތަކެކެވެ. މިކަންކަން މިހެން ވުމަށް މެދުވެރިވި މައިގަނޑު
ސަބަބަކީ އިސްލާމްދީނުގެ ނޫރުން ދިވެހި ބިމަށް އަލިކަން ފާޅުވީއްސުރެ އިސްލާމީ
އުޞޫލުތަކާއި އެއްގޮތަށް ކަންތައް ގެންދެވޭތޯ ކާބަފައިންވީ ޤުރުބާނީކަން ދިވެހި
ތާރީޚީ ފަށްފުށްތަކުން ހާމަވެ އެނގެން އެބައޮތެވެ.
ރަމަޟާންމަހުގެ ކޮންމެ ދުވަހަކީވެސް އެބަޔަކަށް ލިބިހުރި ތިޔާގިކަމުން
ގޭދޮށުމީހުންނަށާއި އަވަށްޓެރިންނަށާއި ރަށްޓެހިންނަށް އެހީތެރިކަމުގެ އަތެއް
ދިވެހިން ދިއްކުރި ދުވަހެކެވެ. އިރުއޮއްސުމުގެ ކުރިން ރޯދަ ވީއްލުމަށް
ތައްޔާރުކުރި އެންމެ މީރު ކާއެއްޗަކުން ގޭދޮށުމީހުންނަށާއި އަވަށްޓެރި އެކުވެރި
ރަޙްމަތްތެރިންނަށް ހަދިޔާ ކުރާނެއެވެ. ފަރުޟު ފަސްނަމާދަށް ކުދިބޮޑު އެންމެހައި ފިރިހެނުން
މިސްކިތަށް ދެއެވެ. އެނަމާދުގެ އިތުރުން ތަރާވީޙު ނަމާދަށް ކުދިބޮޑު ހުރިހާ
ފިރިހެނުން އަންހެނުން މިސްކިތް މިސްކިތަށްދެއެވެ. އަދި ހަމައެހެންމެ ތަރާވީޙު
ނަމާދުން ފައިބައިގެން ގެއަށް އަންނަމުން މިތުރަކު ގޮވައިގެން ގެއަށް އާދެވޭތޯ
ބަލައެވެ. އިޝާ ނަމާދުން ފައިބައިގެން ފިރިހެންވެރިން ގެއަށް ދާންވާއިރަށް
އަންހެންވެރިން ހުންނާނީ ގެއަށް އަންނަ މީހުންނަށް މެހުމާންދާރީ އަދާކުރުމުގެ
ގޮތުން ޖާފަތް ތައްޔާރުކޮށްފައެވެ. މިގޮތުގެ މަތިން ރޯދަމަހުގެ ފުރަތަމަދިހަ އާއި
މެދުދިހަ ހޭދަކުރެއެވެ. ފަހުދިހައަށް އަޅައިގަތުމުން ޢީދުގެ ކަންތަކަށް
ތައްޔާރުވާން ފަށައެވެ. ޢީދަށް ޚާއްޞަކޮށްގެން ހޯދާފައިވާ އަންނައުނުތަކުގައި
މީރުވަސް ދުއްވަން ދުންކެއްވުމުގެ މަސައްކަތް އަންހެންވެރިން ފަށާކަމަށްވެއެވެ.
ޢީދުގެ ޖާފަތަށް ތައްޔާރުކުރުމުގެ ގޮތުން އެމީހަކަށް ލިބުނު ކުކުޅު ހާލެއް ހަލާލު
ކަތިލުމަކުން ކަތިލައެވެ. މާލީހާލަތުގެ ގޮތުން ކަތިލާނެ އެއްޗެއް ނުލިބޭ މީހުން
ކަނޑުމަހުން ދެތިން ހަތަރު ވައްތަރެއް ތައްޔާރުކުރެއެވެ. މެންދުރުގެ ކެއުމަށް
ދެތިން ވައްތަރެއްގެ ބޮނޑިބަތާއި ދޮންކޭލާއި ބަތްކައްކައެވެ. އަވަލި މޮޑެތެވެ.
މައިގަނޑު ކެއުމަކީ ބަތެވެ. ބަތުގެ ތެރޭގައި ރޫސިހާބަތާއި ފެންބަތާއި ބަނބުކެޔޮބަތާއި
މަސްބަތް ހިމެނެއެވެ. ކަލިޔާބިރިންޖީއާއި ފޮލާއަކީ އެންމެ މަތީދަރަޖައިގެ ކާނާ
ކަމަށްވެއެވެ. މައްކާ ފަތަޙަ ކުރެއްވި ދުވަސް މިއީ ދިވެހިންނަށް ވަރަށް ޚާއްޞަ
ދުވަހެކެވެ. އެދުވަސް އަންނަނީ ރަމަޟާންމަހުގެ ފަހުދިހައިގެ ތެރޭގައެވެ. އެދުވަހާ
ދިމާކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަދާފައި ހުންނަ ކޯއްޓޭތަކުގައި
ދިދަނަގައި ޝުކުރުގެ ގޮތުން ކުރެވެންހުރި ހުރިހާ ކަމެއް ކުރެއެވެ. ފަހުދިހައިގެ
ނިމުން އަންނަނީ "ހިތި" މިނަމުގައި ފާހަގަކުރާ ހަތަރުރޭ ހަތަރު ދުވާލަށް
ފަހުގައެވެ. މިދުވަސްތައް ފާހަގަ ކުރުމުގެ ގޮތުން ރަދުން ރަސްމީ ޢިއްޒަތުގައި
ރަސްކަލެއްގެ ޚާއްޞަ ޕްރޮސެޝަނުގައި ޚާއްޞަ ވެގެންވާ ޒިޔާރަތްތަކަށް ފައިންޕުޅު
އަޅުއްވައެވެ. އެވަގުތަށް މާލޭގެ ހުރިހާ މަގުތައް އެޒަމާނުގައި ދިއްލެން އޮތް
އެންމެ ފުރިހަމައަށް ދިއްލައެވެ. މަގުތައް އަލިކުރުމުގެ ގޮތުން ވޮށާއި ފާނޫޒާއި
ބިގަރު ދިއްލައެވެ. މިކަމާއި ގުޅިގެން ބާއްވާ ހުރިހާ ހަފްލާތަކެއް ބާއްވަނީ
ރޭގަނޑުގައެވެ. މިއީ ދިވެހިންނަށް ވައްތަރެއްގެ ފެސްޓިވަލެއްކަމަށް ބުނެއުޅޭކަމަށް
އަހްމަދު ޝަފީގު (2002) ހާމަކުރައްވައެވެ.
2-
ރަމަޟާންމަހަށް
ތައްޔާރުވުމުގެ ގޮތުން ގޯތި ގެދޮރު ޒީނަތްތެރިކުރުން.
ޢުމުރުން ދުވަސްވެފައިވާ މުސްކުޅިންނާ ވާހަކަދައްކާލުމުން ރަމަޟާންމަހަށް
މަރުޙަބާކިޔުމުގެ ގޮތުން އެވޭލާޒަމާނުގައި އުޅުނު ދިވެހިން ވަރަށް ގިނަ
ކަންތައްތަކެއް ކުރަމުން ގޮސްފައިވާކަން އެނގިގެންދެއެވެ. އެގޮތުން ޢުމުރުން އަށްޑިހަ
ދެ އަހަރުގެ އަންހެނަކާ ބައްދަލުކޮށް ދެއްކުނު ވާހަކައިން އެނގިގެންދިޔަ
ގޮތުންނަމަ އެމަތިވެރި މައްސަރާ ބައްދަލު ކުރުމުގެ ގޮތުން ދުރާލާ ތައްޔާރުވާން
ކުދި ބޮޑު އެންމެން ފަށައެވެ. ރަމަޟާންމަސް އައުމުގެ ހައެއްކަ މަސް ކުރިން
ވެލިހެދުމާއި ދަރުހޯދުމާއި އުވަދެވުމާއި ހަވާދު ހަނާކުރުމާއި ގޭގޭގައި ގެންގުޅޭ
ހިފައިގެންގުޅޭ ސާމާނާއި މަދިރިގެފަދަ ތަކެތި ދޮވެ ސާފުކުރުމުގެ ކަންތަކުގައި
އަންހެންވެރިންނާއި ފިރިހެންވެރިން އަވަދިނެތިއުޅެއެވެ. ފިރިހެންވެރިނާއި
އަންހެންވެރިން އާމްދަނީ އިތުރުކޮށް އަތްމަތި ތަނަވަސް ކުރުމުގެ ގޮތުން އިތުރަށް
މަސައްކަތް ތަކެއްވެސް ކުރެއެވެ.
ރަމަޟާންމަހާ ބައްދަލުވާން މަހަކަށް ވުމުން ގެއާއި ގޯތިތެރެ ފެންވަރުވާ
ނަލަހައްދައި ޗާލުކުރެއެވެ. ގަސްގަހާގެހި ކޮށާ ސާފުކުރެއެވެ. އުވަފެން މުޅިގޭނެ ފާރުގައި
ހާކައި ވަޅުދިޔަހިއްކާ ގެއާއި ބަދިގޭގެ އާބާތުރަ ފިލުވަތެވެ. އަށިމައްޗާއި ފުއްޑަނާއި
ދުމަށިތައް މަރާމާތުކޮށް ދުމަށީގައި އާ އޮށި އަޅައި ތައްޔާރު ކުރެތެވެ. ގޭފުރާޅާއި ފުޅައް ފީވެ ހަލާކުވެފައިވާނަމަ
މަރާމާތުކޮށް އާކުރެއެވެ. ގޭގެ ވަށައިގެން ފާރު ރާނާފައިވާ ގެތަކުގެ ފާރުގައި އުވަފެން
ހާކައި ހުދުކުރެއެވެ. ތެއްޔާއި ތާސްތަކާއި ސަރަބޯސް ރޮށިފިހާ ތަވައާއި ބަރުފަދަ
ތަކެތި ވެލި އުނގުޅާ ސާފުކުރެއެވެ. އެނދުއަށީގެ ސަނދުވާ އާއި މަސާރިއާއި މަދިރިގެ މޫދު
އަޅައި ހުދުކުރެއެވެ. ބާލީސްތައް އާކޮށް ކިފުޅި ނުވަތަ ކަފަލައެވެ. ހަވީރު
ފިނީގައި އިށީދެލައިގެން ތިބުމަށް ޖޯއްޔާއި އުނދޯލި ފަދަ ތަކެތި ތައްޔާރުކުރެއެވެ.
މުޞްޙަފް ބޭއްވުމަށް ފޮތްގޮނޑިއާއި އުނދުން ދޮށުގައްޔާއި ހަވާދު ފުނޑާދައި
ބަހައްޓާ ކުޑަގޮނޑި ޖަހައެވެ. ކެރި ފޯރުންތެރި ބައެއްނަމަ އަންހެންވެރިނަށް
ނަމާދުފޮށާ އަކާއި ފަޔަށް ލައްވާނޭ ދެއުރަ ފަހާކަމަށާއި ނަމާދު ފޮށާގައި މީރުވަސް
ދުއްވުމުގެ ގޮތުން އަލަމަލާއި މޫނިމާ އަޅައެވެ. މިޚިޔާލަށް ބާރުލިބޭ މޭރުމަކުން
އާދަމް އަބްދުއްރަހްމާން- ހއ. އުތީމު (2003) ބަޔާންކުރައްވަނީ " ގޯތީގެ
ސަރަހައްދަށް ހިމެނޭ ހިސާބުގައި ކުނިބުނިފާޑުގެ އެއްޗެއް ހުރެއްޖެނަމަ އެއެއްޗެއް
ނަގައި ސާފުކޮށް ކުނިކަހައި ގޭދޮށަށް ކަށިވެލިލައި ރީތިކުރެއެވެ. ދަރުއުނދުނުން
ކައްކާތީ ދުންބުރައި ހަޑިވެފައި ހުންނަ ބަދިގެތެރޭގައި ބޭނުންކުރާ ހިފާގެންގުޅޭ
ފިޔަން، އުނދުޅި، ދޭފަތް، ތަށި، ސަމުސާ، ކޯދޮންނަ ލޯގަނޑު، ތަގަރި، ފެންއަޅާ ކުރާ
ފަދަ ހުރިހާ އެއްޗެއް ވަރަށް ރަނގަޅަށް އުނގުޅައި އަލިކޮށް ރީތިކުރެއެވެ. އުނދުންތަކުގެ
ތެރެއިން އުނދުނެއްގެ އުނދުންފައެއް ވެއްޓިފައި އޮވެއްޖެނަމަ އެއުނދުނެއް ރަނގަޅުކުރުމަށްޓަކައި
އަޅިޖަހަން ޖެހިފައި ހުންނަ އުނދުން އުނދުނުގައި އަޅިލައި ނިންމައެވެ."
(ސ.52).
ރަމަޟާންމަހާ ބައްދަލުވުމަށް ހަފްތާއަކަށް ވުމުން ދިއްލަން ބޭނުންކުރާ
ބައްތީގެ ފުޅިތައް ދޮވެ ނުވަތަ އާކޮށް އޭގެ ތުންގަޑާއި ފީތާ ހަދައި ތައްޔާރުކުރެއެވެ.
ވޮށްތައް އުނގުޅައި ހަޅިބައިނު ރަނގަޅުކޮށް ފެންވަރަން ބޭނުންކުރާ ގިފިލީގެ
ފުޅައްއަޅައި އާކޮށް ގިފިލީގެ ހުސްތަނުގައި ގަޟާހާޖަތް ކުރުމަށް ވަޅުޖަހައެވެ. ހިކިދަރުން ދުމަށިމަތި ފުރާލައެވެ. ފެންބޯ
ވަޅުގެ ދާނީގެ އިތުރުން ގޭގައި އުޅޭ ކޮންމެ ކުޑަ ކުއްޖަކަށް ކުޑަ ދާންޏެއް
ހަދައެވެ. ތަޅުން އަޅާފައިވާ ގެއެއްނަމަ ގޭތެރެ ސައިބޯނިލައިގެން ދޮވެ ސާފުކުރެއެވެ.
ތަޅުން އެޅޭ ވަރުގެ ތަނަވަސްކަމެއްނެތް މީހުން ގެއަށް ވެލިލައެވެ. މިގޮތަށް ވެލި
ލުމުގައި އެކި ތަންތަނަށް ލަނީ އެކި ވަރުގެ ވެއްޔެވެ. މި ވެއްޔަށް ކިޔާ އުޅޭ
ނަންތައް ވެސް ތަފާތެވެ. އެގޮތުން ބޭރުގެއަށް ބޮޑުވެލި މެދުގެއަށް އެށަވެލި
ލައެވެ. ނަމާދު ކުރަން ޚާއްޞަކޮށް ހަދާފައި ހުންނަ ނަމާދުގެއަށް ހިމުންވެލި ލައި
ރީތިކުރުމުގެ އިތުރަށް ގޯތިތެރެއަށް ކަށިވެލިލާ
ހުދު ފޭއްޔެއްހެން ހަދާކަމަށް ވެލި ހެދުމުގެ މަސައްކަތުގައި ފަންސާހަށް
އަހަރަށްވުރެ ގިނަ އަހަރު ހޭދަކޮށްފައިވާ އަދި މިހާރު ވެސް އެމަސައްކަތް
ކުރަމުންދާ ޢުމުރުން ފަސްދޮޅޮސް ފަސް އަހަރުގެ އަންހެނަކު މައުލޫމާތުދިނެވެ.
މިޚިޔާލާއި ދާދި އެއްފަދަ ގޮތަކަށް އަޙްމަދު ޝަފީޤު (2002) ބަޔާންކުރައްވަނީ
"ރޯދައަށް ކެރި ފޯރާ ކޮންމެ މީހަކު މުޅި ގޯއްޗަށް ކަށިވެލިލާ ހުދު
ކުރާނެއެވެ. އެނދު އަށި ސަނދުވާއާއި، މަސާރި މޫދު އަޅާ ހުދުކުރެއެވެ. އުނދުން،
އަދި އުނދުން ފުއްޑަނު އަލުން މަރާމާތުކޮށް އައުކުރެއެވެ." (ސ.10).
ރަމަޟާންމަހަށް ގޯތި ގެދޮރު ޒީނަތްތެރިކުރުމަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި
ވެސް ވަރަށް ކުލަގަދަކޮށް ކުރާކަމެކެވެ. ތުރުކީ ވިލާތު މީހުން ރަމަޟާންމަހާ
ބައްދަލުކުރުމުގެ ގޮތުން އެމީހުންގެ ގެއާއި ގޯތިތެރެ ޒީނަތްތެރި ކުރެއެވެ. ގޭގެ
ކުލަ އާކޮށް ރީތި ކުލަކުލައިގެ ބޮކިތަކުން ގެއާއި ގޯތިތެރެ ދިއްލައެވެ.
ހިފައިގެންގުޅޭ ތަކެއްޔާއި ފަރުނީޗަރު އާކޮށް ގެއަށް އަރޯކަމާއި ތަޒާކަން
ގެނުވައެވެ. އަދި މީގެ އިތުރުން ރަމަޟާންމަހާ ދިމާކޮށް ތުރުކީ ވިލާތުގައި ވަރަށް
ޚާއްޞަ އެހެން ކަމެއް ވެސް ކުރެއެވެ. އެއީ "މަޙްޔާ" ދިއްލުމަށް
ތައްޔާރުކުރުމެވެ. މަޙްޔާ ދިއްލުމަކީ ރަމަޟާންމަހަށް ޚާއްޞަކޮށްގެން
މިސްކިތްތަކުގެ މުންނާރުތައް ދިއްލުމަށް ކިޔާ ނަމެކެވެ. މަޙްޔާ ދިއްލުމާ
ބެހޭގޮތުން އިބްރާހިމް ރަޝީދު މޫސާ ބަޔާންކުރައްވަނީ " ރަމަޟާންމަހަކީ މުސްލިމުންގެ
ތެރެއިން ތަފާތު އާދަތައް ފެންނަމުންދާ މައްސަރެކެވެ. ތުރުކީގެ މީހުން
ރަމަޟާންމަސް އައުމުން ތުރުކީގެ މުންނާރުތައް ޒީނަތްތެރިކޮށް ދިއްލާނެއެވެ. މިދިއްލުމަށް
ކިޔަނީ މަޙްޔާއެވެ." (ސ.10). ހުރިހާ މިސްކިތެއްގެ މުންނާރުތަކުގައި
ކުލަބޮކިލައި ކުލަކުލައިން ކުރެހުންއަޅައި ރަމަޟާންމަހަށް ތައްޔާރުކުރެއެވެ.
ރަމަޟާންމަސް ނިމެންދެން ކޮންމެ ރެއަކު އިރިއޮއްސުމާއެކު މުންނާރުތައް ދިއްލާފައި
އިރުއަރަންދެން ބަހައްޓައެވެ.
ހިޖުރައިން 358 ވަނަ އަހަރުގެ ރަމަޟާންމަހުގެ 5 ވަނަ ދުވަހުން ފެށިގެން
ކޮންމެ އަހަރެއްގެ ޝައްވާލުމަސް ނިމުމުން މިޞްރުގެ މީހުން ރަމަޟާންމަހަށްޓަކައި
ފާނޫޒު ހެދުމުގެ މަސައްކަތް ފަށައެވެ. ރަމަޟާންމަހަށް ގެއާއި ގޯތިތެރެ
ޒީނަތްތެރިކުރުމަށް މިޞްރުގައި އެންމެ ފާހަގަ ކޮށްލެވޭ އެކައްޗަކީ ރަމަޟާން
ފާނުޒުގެ ނަމުން ނަންދެވިފައިވާ ފާނޫޒެވެ. މި ފާނޫޒު ތަފާތު ސައިޒުސައިޒަށް ތަފާތު
ގޮތްގޮތަށް ހަދައެވެ. ހަތަރެސްކަނަށް ވަރަށް ބޮޑު ސައިޒަކަށް ހަދާ ފާނޫޒަށް
ނަންދީފައިވަނީ "އަބޫ ވައްލާދު" ގެ ނަމުން ކަމަށް އިބްރާހީމް ރަޝީދު
މޫސާ (2011) ބަޔާންކުރައްވައެވެ. މި ފާނުޡުގެ ތެރޭގައި ހަތަރު ފާނޫޒެއް ހުރެއެވެ.
މިއީ އެއްތަނުން އަނެއްތަނަށް އުފުލާ ގެންގުޅޭ ފާނޫޒެއް ނޫނެވެ. މި ބޭނުންކުރަނީ
ފިހާރަތަކާއި މަގުތައް އަލިކުރުމަށްޓަކައެވެ. ސައިޒުގެ ގޮތުން ކުޑަ ފާނޫޒު
ބޭނުންކުރަމުން ދިޔައީ ރޭގަނޑު މިސްކިތަށް ދިޔުމަށްޓަކައި ނުވަތަ ގޭގެއަށް
ޒިޔާރަތްކުރުމަށްޓަކައި ބެރަށްދާއިރު މަގަށް އަލިކުރުމަށެވެ. މި ފާނޫޒުގެ އެންމެ
ޚާއްޞަ ކަމަކީ މި ފާނޫޒު ހިފައިގެން ކުއްޖަކު ގެއަކަށް ގޮސްސިނަމަ އެކުއްޖަކަށް
މީރުހާ ފޮނި ކާތަކެއްޗާއި މެޓާ ހަލުވާ އެގެއަކުން ހަދިޔާ ކުރެއެވެ. މުޅި މިޞްރު
އެކީ އެކައްޗަކަށް އޮންނާނީ އަލި ވޮށެއްހެން ދިއްލިފައެވެ. ނަމަވެސް
ދުނިޔެދެކެމުންދާ ތަރައްޤީގެ ކުލަވަރުން މިކަންވެސް ވަނީ މާޟީގެ ސަފްޙާތަކުގައި
ލިޔެވިފައިވާ ލިޔުމަކަށެވެ.
3-
ރަމަޟާންމަހަށް
ބޭނުންވާ ކާބޯތަކެތި ހޯދުން.
ރަމަޟާންމަހުގެ ގިނަ ވަގުތު ދިވެހީން ހޭދަކުރަނީ އަޅުކަމުގައެވެ. އެގޮތުން
އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރުމަށް މަގުފަހިކުރުމުގެ ގޮތުން ރަމަޟާންމަސް
އައުމުގެ ހަފުތާއެއް ވަރު ކުރިން އަންހެންވެރިން އެ މައްސަރަށް ވާވަރަށް ހަނޑޫ ހޮވައި
ރައްކާކުރެއެވެ. ގޮދަނާއި ހަކުރުގެ އިތުރުން ކަރުހަކުރު ހޯދާ ޖަމާކުރެއެވެ. ފޮނި
ކިރުކެޔޮ ކެއްކުމަށް ބޭނުންވާ މާޅޮސްކޭލާއި ބަނބުކެޔޮ ކައްޓަލަ ބަރަބޯ ފުފޫ ފަދަ
ބާވައްތައް ހޯދައި ބަނޑަހަ ގެއަށްލައެވެ. ކޭލާއި ލުނބޯ ހަމަކޮންމެހެން ހޯދާ
ދޮންވެލީގައި ވަޅުލާ ދޮންކުރުމަށް ބަހައްޓައެވެ. މިކަމަށް އިތުރު ހެކި
ދައްކަވަމުން އާދަމް އަބްދުއްރަޙްމާން – ހއ. އުތީމު (2003) ބަޔާންކުރައްވަނީ
" އާދައިގެ އެހެން މަސްމަހަށްވުރެ ރަނގަޅު ފެންވަރަކަށް ރޯދަމަހުގެ ކެއުން
ބަހައްޓަން ބޭނުންވެއެވެ. އެހެންވީމާ ރޯދައަށް މާލެ ދަތުރުކޮށްލަން ޖެހެއެވެ. މާލޭން
ގެންނަ ތަކެތީގެ ތެރޭގައި ކާޑުގެ ބާވަތްތަކާ ހަވާދުބަވާދު ފިޔަވައި ހުދުހަނޑޫ،
ކަދުރު، ސާގު، ސެވޫނަރު، ފިނިފެން، ފޮނިތޮށި، ކާފޫރުތޮޅި، އިސްބަޣޫލު ހިމެނެއެވެ."
(ސ.51). އަދިހަމަ އެހެންމެ މަސް ދިލަޖެއްސުމާއި ކާށި ހެހުމާއި ދޮންރުކު ކުރުނބާ
ހޯދައި ޖަމާކުރުން ފަދަ އެތައްކަމެއް ކުރެއެވެ. މީގެ އިތުރުން ވެސް ކޮށާރު ތިޔާގި
ކުރުމަށް ކާބޯތަކެތީގެ ތަފާތު ބާވައްތައް ހޯދައެވެ. ރަމަޟާންމަހަކީ އެހެނިހެން
މަސްތަކާ އަޅާބަލާއިރު ޞަލަވާތް ފާތިޙަ ކިޔުން އިތުރު މައްސަރަކަށް ވާތީވެ، އެކަމަށް ކައްކައްޖެހޭ ކެއްކުންތަކަށް ވާވަރަށް ބަލައިގެން ކާބޯތަކެތި ހޯދައި
ޖަމާކުރާ ކަމަށް ހަތްދިހަ ތިންއަހަރުގެ ފިރިހެނަކާ ވާހަކަދައްކާލުމުން
މަޢްލޫމާތުލިބުނެވެ. މިމަޢްލޫމާތަށް ބާރުލިބޭ ފަދަ މޭރުމަކުން އަލްމަރްޙޫމް
މުޙައްމަދު ޖަމީލު ދީދީ (1976) ބަޔާންކުރައްވަނީ " އަޅުގަނޑުމެންގެ
ކަންފަތުގައި ވަރަށް ގިނަ ފަހަރު ޖެހިފައި އޮންނަ އަޑެއް އޮވެއެވެ. "ރޯދަމަހާ
ރޯއްޖާ" އޭ ބުނާ ބަހުގެ އަޑެވެ. ރޯދައަށް ހަނދު ބެލުމުގެ މާކުރީއްސުރެ
ފެންނާން ފަށައެވެ. ރޯދަމަހުގެ ކޮށާރު ތިޔާގި ކުރުމަށްޓަކައި، އެކި ބާވަތުގެ
ތަކެތި އެއްކުރާން ފެށިދެއެވެ. ފިޔާ ލޮނުމެދު، އިގުރު މިރުސް ފަދަ ތަކެއްޗާއި
އެނޫނަސް ވަރަށް ގިނަތަކެތި ހޯދާން ފަށައެވެ. ރޯދަމަހުގެ ކޮށާރުގެ ތިޔާގިކަން
ކުޑަވުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ." (ސ.53). ރަމަޟާންމަހަށް ބޭނުންވާ
ތަކެތި ހޯދައި ޖަމާކުރުމުގެ ތެރޭގައި އެހެންކަމަކަށް ވެސް ދިވެހިން އިސްކަމެއް
ދެއެވެ. އެއީ މުލަ ރޯދަ ދުވަހަށް ލާނެ އާ ހެނދުމެއް ހޯދުމެވެ. އެއީ މުލަ ރޯދަ
ދުވަހު އާހެނދުމެއް ލުން އެއީ އާދަކާދައިގެ ތެރޭގައި ކުރަމުން އައި ކަމަކަށް
ވާތީއެވެ.
ގިނަ މީހުން ޤަބޫލުކުރާގޮތުގައި ރަމަޟާންމަހަކީ ކެއުމުގެ މައްސަރެވެ.
އެހެންކަމުން ނަން ހުސްކޮށް ކާބޯތަކެއްޗާއި ތަރުކާރީ އާއި މޭވާ ހޯދާ ޖަމާކޮށް
ބަނޑަހަގެތައް ފުރާލައެވެ. ނަމަވެސް އެވޭލާ ޒަމާނުގައި ރަމަޟާންމަހާ ދިމާކޮށް
ތުރުކީ ވިލާތުން އެންމެ އިސްކަމެއްދީގެން ހޯދާ ތަކެތީގެ ތެރޭގައި ކަދުރާއި
ޒައިތޫންޏާއި ޗީޒު ހިމެނެއެވެ. އެމީހުންގެ މައިގަނޑު ކެއުމަކީ އެއީއެވެ.
މިޚިޔާލަށް ބާރުލިބޭ މޭރުމަކުން އިބްރާހިމް ރަޝީދު މޫސާ ބަޔާންކުރައްވަނީ "
ތުރްކީން ރޯދަވީއްލަނީ ކަދުރާއި ޒައިތޫންޏާއި ޗީޒުންނެވެ." (ސ.11).
4-
ރޯދައަށް އަންބަލަންލުން.
ދިވެހިންނަކީ ކުޅިވަރަށް ޚާއްޞަ ޝައުޤުވެރިކަމެއްދޭ ބައެކެވެ. އެގޮތުން
ރަމަޟާންމަސް ފަށަނީ ވެސް ކުޅިވަރުގެ ހަރަކާތްތަކުންނެވެ. އެގޮތުން އެވޭލާ
ޒަމާނުގައި ރަމަޟާންމަހާ ދިމާކޮށް ކުޅޭ އެންމެ މަޝްހޫރު ކުޅިވަރަކީ
އަންބަލަންލުމެވެ. ރަމަޟާންމަހަށް ހަނދު ބަލާރޭ އިރުއޮއްސުމުގެ ކުރިން އަންބަލަން
ތައްޔާރުކޮށް ނިންމައެވެ. އަންބަލަމަކީ ބިން ބޮޑު ހުސްތަނެއްގައި ވަރަށް އުސްކޮށް
ހަދާ ވެލިފުންޏެކެވެ. މި ވެލިފުނީގެ މެދުގައި ހުންނާނީ ކެޔޮ ގަހެއް ނުވަތަ
ފެންފޯއް ރުކެއް ޖަހާފައެވެ. ވެލިފުނި ހުންނާނީ ކެޔޮފަތް ލައި އޮމާންކޮށް
މައުމަލާމެއްޔާއި ދޮންވެ ފައްކާވެފައި ހުންނަ ތަފާތު ބާވައްތަކުގެ މޭވާ
ބޭނުންކޮށްގެން ރީތިކޮށްފައިކަމަށް ފަސްދޮޅޮސް ހަތަރު އަހަރުގެ އަންހެނަކާ
ބައްދަލުކޮށް ވާހަކަދައްކާލުމުން އެނގުނެވެ. އަންބަލަންލުމާ ބެހޭގޮތުން އާދަމް
އަބްދުއްރަޙްމާނު (2003)
ބަޔާންކުރާގޮތުގައި "އަންބަލަން ހަދާގޮތަކީ ހަތަރު ފަރާތުގައި ފަލަ ހަތަރު
ލަކުޑިގަނޑު ނުވަތަ ހަތަރު ރުއްގުޅި ބާއްވައި ނުގުޑާގޮތަށް ކަޑާޖަހައިގެން
ހަރުކޮށް މެދަށް ދޮނެވެލި އަޅަނީއެވެ." (ސ.52). މިކަންކުރަނީ ދެޖިންސުގެ
މީހުން ވެގެންނެވެ. އަންބަލަން ހުންނަ ސަރަހައްދަކީ ރޭގަނޑުގެ ވަގުތުގައި
ކުޅިވަރާއި މުނިފޫހިފިލުވުމުގެ ކަންތައް ކުރިއަށްދާ މަރުކަޒެވެ. އެތަނަށްދާ
މީހުންނަށް މަރުހަބާ ކިޔުމުގެ ގޮތުން ފަންޏާއި ދުފުންގަނޑު ތައްޔާރުކޮށްފައި
ހުރެއެވެ. ޝައުބާންމަހުގެ އޮނަތިރީސް ވަނަ ދުވަހު އިރު އޮއްސުމާއެކު އަންބަލަން
ތަކުގެ ކައިރިއަށް ރައްޔިތުން ޖަމާވެ، ފޮނި ބުއިންތަކަށް އިންސާފުކުރަމުން ހަނދު
ބަޑީގެ އިންތިޒާރުގައި މީހުން ތިބެނީ އެ އަޑަށް ކަނުލައިގެންނެވެ. އަންބަލަން
ރޫޅާނީ ހަނދު ބަޑީގެ އަޑަށެވެ. ހަނދު ބަޑީގެ އަޑު އިވުމާއެކު އެންމެން އެއްފަހަރާ ހަޅޭއްލަވައެވެ.
އަދި އަތްތިލަބަޑީގެ އަޑުން މުޅި ސަރަހައްދު ގުގުމާލައެވެ. ހަމައެއާއެކު އަންބަލަން
ރޫޅުމުގެ ކަންތައް ފެށިގެންދެއެވެ. އަންބަލަން ރޫޅާ ނިމޭއިރު އެތަން އޮންނަނީ މަޑު
ފަސްގަނޑަކަށް ބަދަލުވެފައެވެ. އެހިސާބުން ރަމަޟާންމަހަށް ޚާއްޞަ "ހިފުން"
ކުޅިވަރު ކުޅެން ފެށުނީއެވެ. އަންބަލަން ކުޅެންތިބެފައި ބައެއް މީހުން ގެއަށް ގޮސް
މުޅި ހަށިގަނޑުގައި ތެޔޮ ވަށާކަމަށް ވެސް ޢުމުރުން ދުވަސްވެފައިވާ ހަރުމީހުން
ބުނެއުޅެއެވެ. އެއް އަންބަލަމުން މޮޅުވެގެން އަނެއް އަންބަލަމަށް ގޮސް ހިފުމުގައި
ކުރިއެރުން ހޯދާމީހުން ވެސް ތިބެއެވެ. މިމީހުން ވެފައިވަނީ ހިފުމުގެ މަސްރަހުގައި
ބަތަލުންނަށެވެ. ސަބަބަކީ އެމީހުން ބަލިކޮށްލުމަކީ ވަރަށް އުނދަގޫ ކަމެކެވެ. މިމީހުން
ވެގެންދަނީ ހުސްހަށިބައި އަންހެންކުދިންގެ ހިތް ދަމައިގަންނަ ބަޔަކަށެވެ. ހިފުމުން
ކުރިއެރުން ހޯދައި މޮޅުވާ މީހުންނަށް ސަރުކާރުން ވަޒީފާ ދެއެވެ. އަންބަލަންލުމާ
ބެހޭގޮތުން އަލްމަރްޙޫމް މުޙައްމަދު ޖަމީލު ދީދީ ބަޔާންކުރާ ގޮތުގައި " އަންބަލަމަކީ
ވަރަށް ރީތިކޮށް ޒީނަތްތެރިކޮށް ކުރެހުން އަޅައި ހަދާފައި ހުންނަ ވެލި ފުންޏެކެވެ.
ބަރަފޯސްލައި، މަދޮޅު ފަތްލައި، ރީތި ސިފަސިފައަށް ހެދިފައެވެ. ހަނދު ބަޑީގެ
އަޑަށް ކަނުލައިގެން ތިބެއެވެ. އެހެންތިއްބާ ބަޑީގެ އަޑަށް ހަޅޭލަވައިގެންފައި
އަތްތިލަ ބަޑީގެ އަޑާއެކު އަންބަލަން ރޫޅާލައެވެ. އެއްބަޔަކު ހިފުމުގައި
ބައިވެރިވާން ދާއިރު އަނެއް ބަޔަކު ކުޅިބަލާން ހިތްވަރުދޭން ތިބެއެވެ."
(ސ.54). އެރެއިން ފެށިގެން ރަމަޟާންމަހުގެ ކޮންމެ ރެއެއްގެ ތަރާވީހު ނަމާދުން
ފޭބީއްސުރެ ދަންބެރު ޖަހަންދެން ހިފުމުގެ ފޯރި ކުރިއަށްގެންދެއެވެ. ދަންބެރުގެ އަޑާއެކު
އެރެއެއްގެ ހިފުން ނިމުނީއެވެ. އެހިސާބުން
އެމީހެއްގެ ގެއަށް އެމީހަކު ހިނގައިދާނެއެވެ.
ކަން މިހެންއޮތަސް މިހާރަކަށް އައިސް ގާތްގަނޑަކަށް މިހުރިހައި ކަމެއްހެންމެ
މިއޮތީ ބަދަލުވެފައެވެ. މުނިފޫހިފިލުވުމުގެ
އެންމެ ބޮޑުބައިވެރިއަކަށް މިވަނީ ރޭޑިއޯ ޓީވީއެވެ. މިކަމުގައި ރާއްޖޭގެ އެކި
އަތޮޅުތައް ތަފާތެވެ. ހަމަގައިމުވެސް ރާއްޖޭގެ ދެކުނުގެ ހިސާބުގައި އޭރު އޮތް
ފޯރިއެއް ނެތޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ.
ރަމަޟާންމަހާ ދިމާކޮށް މަދަޙަ މުބާރާތް ބޭއްވުމާއި ޤުރުއާން ކިޔެވުމުގެ
މުބާރާތް ބޭއްވުމަކީ މިހާރު އެންމެ ޢާއްމުކޮށް ކުރެވޭ ކަންކަމެވެ.
5-
ރަމަޟާންމަހަށް ހަނދު
ބެލުން.
ރަމަޟާންމަހަށް ހަނދު ބެލުމަށް ޝަޢުބާން މަހުގެ ނަވާވީސް ވަނަ ދުވަހު
އިރުއޮއްސެންވާ އިރަށް ރަށުގެ ހުރިހާ ރައްޔިތުންހެން ގޮސް ތިބެނީ ހުޅަނގުފަރާތު
އަތިރިމަތީގައެވެ. މިދުވަހަކީ އެހެން ދުވަސްތަކާ ޚިލާފަށް ފޮނި ކާއެއްޗެހި ތައްޔާރުކުރާ
ދުވަހެކެވެ. އެއީ ހަނދު ބަލަން ގޮސް ތިބޭ ވަގުތު ކައި ހެދުމަށެވެ. އެތަނުގައި
އެއްބަޔަކު އަނެއް ބަޔަކަށް ސަލާމްކޮށް ހިތްހެޔޮކުރުމުގެ ކަންތައް ވެސް ކުރިއަށްދެއެވެ.
ރަމަޟާންމަހުގެ ރޯދަ ހިފުމަށްޓަކައި ހަނދު ސާބިތުކުރުމަށް ތަޞައްރަފު ފުދި ބުއްދި
ސަލާމަތުންވާ ދެމީހެއްގެ ހެކިބަސް ދޭންޖެހެއެވެ. އެހެންކަމުން މިހުން ދިރިއުޅޭ
ކޮންމެ ރަށެއްގައި ވެސް ވަފުދެއް ކަނޑައަޅައި ޝަރުޢީ ގޮތުންނާއި ޤާނޫނީ ގޮތުން
ކުރަންޖެހޭ ކަންތައްކޮށް ހަނދު ބެލުމުގެ ކަންތައް ސަރުކާރުން ހަމަޖައްސައެވެ. ހަނދު
ބެލުމާ ބެހޭގޮތުން އުތީމު އާދަމް އަބްދުއްރަޙްމާން (2003) ބަޔާންކުރައްވާ ގޮތުގައި
" ޝަޢުބާންމަހުގެ 29 ވަނަ ދުވަހު އިރުއޮއްސެންވާއިރަށް ރަށުގެ މުޅި
ރައްޔިތުންހެން ގޮސް ތިބެނީ ހުޅަނގުފަރާތު އަތިރިމަތީގައެވެ. މިދުވަހު ރަށުގެ
ހުރިހާ ގެއެއްގައި ބޯފޮޅި ފިހާނެއެވެ. ހަނދުބަލަންދާއިރު ބޯފޮޅި ހިފައިގެންގޮސް
އެކަކު އަނެކަކާ ބައިވެރިވެ ބޯފޮޅި ކައި އުފައުކޮށް އެކުވެރިކަން ބަދަހިކޮށް
ހިތްހެޔޮކަން ފާޅުކުރެއެވެ." (ސ.52). ހަނދު ފެނިއްޖެނަމަ އެ ވަފުދު
އަވަސްކަމާއެކު އެންމެ އިސްކޮށް ރަށުގެ ކަންތައް ބަލަހައްޓަން ހުންނަވާ ބޭފުޅެއްގެ
އަރިހަށް ގޮސް އެޚަބަރު ދެއެވެ. ވަފުދުގެ މީހުން ހަނދު ހުރި ހިސާބާއި ހުރި ގޮތް
ކިޔާދެއެވެ. އަދި އެމީހުންގެ ވާހަކަ ވެރިޔާ ޤަބޫލުކުރުމުން ހަނދު ސާބިތުވީ އެވެ.
އެއް ރަށުން އަނެއް ރަށަށް ހަނދު ފެނުނުކަން އެންގުމުގެ ގޮތުން ގޮނޑުދޮށުގައި އަލިފާންގަނޑެއް
ރޯކުރެއެވެ. ނޫންނަމަ ދިގު ދަނޑިއެއްގެ ކޮޅުގައި ފޮތިގަނޑެއް އައްސައި އެ ރޯކޮށް
ހޫރާ ހަދައެވެ. މިއަށް ކިޔަނީ ހަންޖެހުމެވެ. ވެރިރަށް މާލޭއިން ހަނދު ފެނުނުކަން
ސާބިތުވުމާއެކު ހަނދު ބަޑިޖަހައެވެ. ހަނދު ބަޑިޖެހުމާ ބެހޭގޮތުން އަޙްމަދު ޝަފީޤު
(2002) ބަޔާންކުރައްވާ ގޮތުގައި " ރޯދައަށް ހަނދު ފެނުމާއެކު މާލޭގައި އެތެރެ
ކޮއިލުގެ "ކިލަގެ ބުރުޒުން" ބަޑިއެއް ޖަހާނެއެވެ. މިހާރު ދެން ރަސްމީ
ގޮތުން ހަނދު ފެނިއްޖެކަން މާލޭގައި އިއުލާނުވީއެވެ. ބަޑީގެ އަޑު ކެޑުމާއެކު ބެރު
ދުންމާރި ތާޅަފިލިވެރިން ރާގު ކުޅޭނެއެވެ." (ސ.11). ބަޑީގެ އަޑަށް ދުންމާރި ތާޅަފިލި
ބޭނުންކޮށްގެން ލަވަކުޅެއެވެ. މިހުރިހާ ހަރަކާތެއް ބެއްލެވުމަށް ރަދުން ރަސްމީ
ހެދުންކޮޅުގައި އިންނަވައެވެ. ރަދުންގެ
އަރިހުގައި ވަޒީރުންނާއި ރަށުގެ ކަންވޮށިގެންވާ މީހުން ތިއްބަވައެވެ.
ކޮންމެއަކަސް މިހާރު ހަނދު ސާބިތުވީކަން މި އިޢުލާން ކުރައްވަނީ ސަރުކާރުގެ އެކަމާބެހޭ
އިދާރާއަކުންނެވެ. ރޭޑިއޯ ޓީވީ މެދުވެރިކޮށެވެ. ހަނދުބަލަން ދިޔަކަމުގައި ވިޔަސް
އެކަމަށް ބޮޑަށް ބުރަވެވިފައި އޮންނަނީ އިތުބާރުހުރި ފަލަކީ ހިސާބުގެ މައްޗަށް
ބަލައިގެންނެވެ. ހަނދު ސާބިތުވުމާއެކު ޓީވީ ރޭޑިއޯއިން އަންނަ މަރުޙަބާގެ
ލަވަތަކުން ރަށުތެރެ ގުގުމާލައެވެ. ފޯނުތަކަށް މަރުޙާބާގެ މެސެޖުތައް އޮހެން
ފަށައެވެ.
ރަމަޞާންމަހުގެ ހަނދުފެނުމުން ކުޑަކުދިންގެ ތަކުބީރާއި ނަޝީދުގެ އަޑުން
ޤުދުސުގެ ޖައްވު ގުގުމާލި ދުވަސްވަރެއްވަނީ މާޟީއާއެކުވެ ގޮސްފައެވެ.
ރަމަޟާންމަހަށް ހަނދު ފެނުނުކަން ސާބިތުވުމާއެކު ޤުދުސުގެ ކުޑަކުދިން އެކުދިންގެ
މައިންގެ އަތުގައި ބޮސްދިނުމަށްފަހު ބޭރަށް ނުކުމެ "(خيبر خيبر يايهود جيش محمد سوف
يعود) އޭ ޔަހޫދީންނެވެ!
ޚައިބަރު! ޚައިބަރު! މުޙައްމަދުގެފާނުގެ ލަޝްކަރު އަނބުރާ އަންނާނެ! (ثورة ثورة عالم حتل بغير
المصحف مافي حل) ބިންހިފައިގެންތިބި މީހުންގެ މައްޗަށް އިންޤިލާބު!
އިންޤިލާބު! މުޞްޙަފު ނޫން އެހެން ޙައްލެއް ނެތް!" މިނަޝީދު ކިޔަމުން
މަގުތަކުގައި ހިނގަމުންދެއެވެ. މިނަޝީދާއެކު ﷲ أكبر ގެ ރޫޙާނީ ތަކުބީރުން މަގުމަތި
ގުގުމައިގެންދާކަމަށް އިބްރާހިމް ރަޝީދު މޫސާ ބަޔާންކުރައްވައެވެ.
6-
ރޯދައަށް ތެޅުން.
ރޯދަހިފަން ފަށަންވާއިރަށް ހުރިހާގޮތަކުންވެސް ޠާހިރު މީހަކަށް ވުން އެއީ
ލާޒިމުކަމެއްގެ ގޮތުގައި އެވޭލާ ދިވެހިން ދުށްޓެވެ. ކުށްފާފަތަކުން ތައުބާވެ
ހެޔޮގޮތުގައި ރަމަޟާންމަހާ ބައްދަލުކުރަން ބޭނުންވެއެވެ. ރޯދައަށް ތެޅުން މިއީ
އަދަބެއް ދިނުމުގެ މަޤްޞަދުގައި ކުރާ ކަމެއް ނޫނެވެ. ބޭނުމަކީ ފާފަތަކުން މިންޖުވެ
ތައުބާވެ ހުދު ސަފީދުކޮޅެއްގެ ގޮތުގައި ހުރެގެން ރޯދަހިފުމެވެ. ރަމަޟާންމަހަކީ
އެހެނިހެން މައްސަރުތަކާ ޚިލާފަށް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރަޙްމަތާއި
އޯގާވަންތަކަން އިތުރު މައްސަރެކެވެ. އެހެންކަމުން ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޟްރަތުން
ކަންކަމަށް އެދި ދަންނަވާ ހިނދު މީހާ ޠާހިރުކަންމަތީ ހުރުމަކީ ކޮންމެހެން ވެސް
ކުރަންޖެހޭ ކަމެކެވެ. މިތެޅުމަށް ތައުބާލާދިނުމޭ ވެސް ކިޔައެވެ. މިކަން ކުރުވުމަށް
ސަރުކާރުން އެއްވެސް ކަހަލަ މަޖުބޫރެއް ކުރުވާކަށް ނުޖެހެއެވެ. ސަބަބަކީ
އެމީހެއްގެ މައްޗަށް ތައުޒީރެއް ނުވަތަ ހައްދެއް މަތިވެފައިވާ މީހެއް ނަމަ
އަމިއްލައަށް ނައިބު ގެއަށް ގޮސް ރޯދައަށް ތެޅުމަށް އެދެއެވެ. މިގޮތަށް ތެޅުމުގައި
އެކި ހިސާބުގައި ޖަހަނީ އެކި ވަރަށެވެ. މިތެޅުމުގައި ފަސް ފަހަރު ނުވަތަ ހަ ފަހަރު
ހަތް ފަހަރު ދުއްރައިން ވަރަށް މަޑުމަޑުން ޖަހާކަމަށްވެއެވެ. މިކަން ކުރަނީ
ޝަޢުބާންމަހުގެ ހަތާވީސް އަށާވީސް ނަވާވީސް މި ދުވަސްތަކުގައެވެ. ރޯދައަށް ތެޅުމާ
ބެހޭގޮތުން އާދަމް އަބްދުއްރަޙްމާން ހއ.އުތީމު ބަޔާންކުރައްވަނީ
"އިސްލާމްދީނުގެ ހަންމުށި ފިނދަށް އެރުވުމަކީ ތަންކޮޅެއް ކުރީޒަމާނުގައި
ކޮށްއުޅުނު ކަމެކެވެ. ކޮންމެ މީހަކުވެސް ނައިބުގެއަށް ގޮސް މިއައީ ރޯދައަށް ތެޅޭށޭ
ނަންގަތުމުން އެމީހެއްގެ ފިނދުގައި ފަސްފަހަރު ވަރަށް މަޑުމަޑުން ޖަހާލަނީއެވެ. މިކަންކުރަނީ
މުލަރޯދަ ދުވަހުގެ ކުރީ ދުވަހު ނުވަތަ އެރޭގައެވެ." (ސ.52).
ކޮންމެއަކަސް ރޯދައަށް ތެޅުމުގެ އާދަ މިހާރަކު ނޯވެއެވެ. ރަސްކަމުގެ
ދުވަސްވަރާއެކު އެކަން ވެސް މާޒީވެ ނިމިގެން ހިނގައްޖެއެވެ. ހައްދެއް ތައުޒީރެއް
މަތިވެފައިވާ މީހަކު ހުންނަ ކަމަކަށް މިހާރަކު ނުވެއެވެ.
7-
ދަންބެރު ޖެހުމާއި
ހާރުކެއުން.
ދަންބެރަކީ ރަމަޟާންމަހުގެ ރޭގަނޑުގެ ވަގުތުގައި ޖަހާ ބެރަކަށް ކިޔާ
ނަމެކެވެ. މިބެރު ދިވެހިން ދިރިއުޅޭ ކޮންމެ ރަށެއްގެ ކަންތައް ބަލަހައްޓަން
ހަމަޖެހިފައިވާ އޮފީސް ނުވަތަ ނައިބުގެއިން ކޮންމެ ރެއަކު ޖަހައެވެ. މިގޮތައް
ދެގަޑިއެއްގައި ބެރުޖަހައެވެ. ފުރަތަމަ ބެރު ޖަހަނީ ރޭނގަޑު އެގާރަޖެހީމައެވެ.
އެހިސާބުން ހާރުދަން ފެށުނީއެވެ. ދެވަނަ ބެރުޖަހަނީ މެންދަމު ގަޑިން
ދޭއްޖަހާއިރެވެ. ސުންނަތަށް އަމަލުކުރާ މީހުން އެމީހުންގެ ހާރުކެއުން ދެވަނަ ބެރުޖެހުމާ
ހަމައަށް ފަސްކުރެއެވެ. ދަންބެރު ޖެހުމާއި ބެހޭގޮތުން އަލްމަރްޙޫމް މުޙައްމަދު
ޖަމީލު ދީދީ ބަޔާންކުރައްވަނީ " ގިނަ މީހުން ހާރުކައި އުޅެނީ ދަންބެރު
ޖެހީމައެވެ. އެއީ އެގާރަ ޖަހާއިރު، ގަނޑުވަރު ތެރެއިން ނައުބާޚާނާ އިން ޖަހާ
ބެރެކެވެ. ވަރަށް މަދުބަޔަކު ނައްކާރަ ޖަހާންދެން ހާރު ފަސްކުރެއެވެ. އެއީ
ސުންނަތަށް އަމަލުކުރާ މީހުންނެވެ. ނައްކާރާއަކީ ދޭއް ޖަހާއިރު ޖަހާ
ބެރެކެވެ." (ސ. 54). މުލަރޯދަވިލޭރޭގެ ހާރު ކެއުން ވަރަށް ގަދައަށް
ތައްޔާރުކުރެއެވެ. އެއީ އެރޭ ހާރު ކެވޭ ގޮތަށް ބާކީ ހުރިހާ ރޯދައެއް ހިފުމަށް
ކެވޭނެކަމަށް ގަބޫލުކުރާ ގަބޫލުކުރުމަކަށް ތަބާވެގެންނެވެ. މިއީ އެވޭލާ ދިވެހިންގެ
ތެރެއިން ބަޔެއްގެ އަޤީދާ އެވެ. ހާރުދަމަށް ފިހުނުމަހާއި ދޮންކޭލާއި ވެލިހަކުރާއި
ރޫސިހާބަތް ފަދަ ތަކެތި ތައްޔާރުކުރެއެވެ. ކެއްކުންގަނޑު ކެއްކުމުގައި އުޅޭއިރު
އަވަށްޓެރިންގެ ގޭގެއިން ތައްޔާރުކުރާ އެއްޗިއްސަށް ބަލަބަލާ ތިބެއެވެ. އެކަން
ކުރަނީ ވާދަވެރިކަމުގެ ނިޔަތެއްގައެއް ނޫނެވެ. އެއީ ވަރަށް މަތިވެރި ނިޔަތެއްގައި
ދިވެހިން ކުރަމުން ދިޔަ ކަމެކެވެ. ގެއެއްގެ ބަދިގެ ތެރެއިން ބައްތަވާގެ ފުލުގައި
އުނދުޅި ކޭއްތޭ އަޑު އިވޭތޯ ކަނުލާ އަޑުއަހާނެއެވެ. އަދި އެކަހަލަ އަޑެއް
އިވިއްޖެނަމަ އެގެއަކަށް ކާއެއްޗެހި ގެންގޮސްދެއެވެ. ހާރުކެއުން ހަމަޖެހިފައިވަނީ
ގޭގެ ހުރިހާ މީހުން އެއްވެ ޖަމާއަތް ހަދައިގެންނެވެ. މިގޮތަށް ޖަމާއަތް ހެދުމުގައި
ކޮންމެ ގެއެއްގައި ދެ ޖަމާއަތެއް ހަދެއެވެ. އެއީ ފިރިހެނުންގެ ޖަމާއަތަކާއި އަންހެނުންގެ
ޖަމާއަތެވެ. ހާރުކައި ނިމުމުން އުމުރުން ހަތް އަހަރު ފުރިފައިވާ ކޮންމެ މީހެއްގެ
ވެސް ދަތް އުނގުޅުވައި ވުޟޫކުރުވައި ރޯދައަށް ނިޔަތް ލައިދެއެވެ. ނިޔަތް ލައިދެނީ
ގޭގައި އެންމެ އިސްކޮށް ހުންނަ އުމުރުގެ ގޮތުން އެންމެ ދޮށީ މީހާއެވެ. މިގޮތަށް
ނިޔަތް ލައިދޭއިރު އަޑުއިވޭވަރަށް ބާރަށް ނިޔަތް ކިޔަންޖެހެއެވެ.
މިހާރަކަށް އައިސް ރޯދަވިއްލަން އެޖަހާ ބެރާއި ރޯދަހިފަން އެޖަހާ ދަންބެރެއް
ނުޖަހައެވެ. އެންމެންވެސް އިމްސާކުގެ ވަގުތު ތާވަލަކުން ނުވަތަ މޮބައިލްފޯނުގެ
އެޕެއްގެ ބޭނުންކޮށްގެން ބަލައިގެން އެކުރާކަމެއް ކުރަނީއެވެ. ހާރުކެއުން އެއީ
މިޒަމާނުގެ ޒުވާންކުދިން ދަންނަ ކަމެއްނޫނެވެ. އެހާ ދަންގަޑިއެއްގައި ކެއުމަކީ
މީހާފަލަވެ ބުރުސޫރަ ހަޑިވެދާނެ ކަމެއްގެ ގޮތުގައި ދެކޭ ޒުވާނުން ވެސް
މަދެއްނޫނެވެ. ނިދުމުގެ ކުރިން ރޭނގަޑުގެ ކެއުން ކައި ނިންމައެވެ. ހާރު ކެއުމުގެ
އިސްލާމީ ރީތި އާދަ ވެސް މަޑުމަޑުން ދަނީ ނެތެމުންނެވެ.
ދަންބެރުޖެހުމަކީ ފަލަސްޠީނުގެ އާދަކާދައިގެ ތެރޭގައި ކުރަމުން އައި ކަމެއްގެ
ގޮތުގައި ފާހަގަ ކުރެވޭ ކަމެކެވެ. ރަމަޟާންމަހެއްގެ ކޮންމެ ދުވަހަކު
އިރުއޮއްސިއްޖެކަން އިޢުލާންކުރުމުގެ ގޮތުންނާއި ހާރު ކެއުމަށް ގޮވުމުގެ ގޮތުން
ފަލަސްޠީނުގައި ޖަހަމުންދިޔަ ބަޑީގެ ހަރަކާތްތަކަށް ވަނީ ނިމުން އައިސްފައެވެ.
މިކަމަށް ނިމުންގެނުވީ އަނިޔާވެރިކަމުން ހައްދުފަހަނަޅާ ގޮސްފައިވާ އިސްރާއީލުގެ
މީހުންނެވެ.
8-
ރަމަޟާންމަހުގެ
ހަވީރު ވަގުތާއި ރޯދަ ވީއްލުން.
ރެއާއި ދުވާލުގެ އަށްޑަން ބަހާލެވިފައިވާ ގޮތުގެ މަތިން ޢަސުރު ވަގުތުން
ފެށިގެން މަޣްރިބު ވަގުތާ ހަމައަށް އެއީ ހަވީރެވެ. އެގަޑިއަށް ބަދިގޭގަ ކުރަންޖެހޭ
ހުރިހާ ކަމެއް ކުރުމަށްފަހު ގޯތިގެދޮރު ކުނިކަހައި ތަންމަތިއަޅައި
ނަލަކުރުމަށްފަހު އެންމެން ވެސް ތިބޭނީ ފެންވަރައި ނަލަހެދިލައިގެންނެވެ. ކަންވޮށިގެންވާ
މީހުން ރަމަޟާންމަހު ހަވީރު މީރުވަސް ދުވާކަހަލަ އެއްޗެހި ބޭނުންކޮށްގެން ގޯތި
ގެދޮރަށް ދުންއަރުވައެވެ. ދުންބޮއި އުޅޭ މީހުން އެމީހުންގެ ގުޑުގުޑާ ފުޅިއަށް
މަސްތަކާއިން ދުންއަޅައި ގުޑުގުޑާގެ ނޮޅީގެ ތެރެއަށް ކަފަބުރެއް ބާނައިގެން ކެލާ
އަތަރު ފަދަ އެއްޗެއްގެ ވަސް ހިއްޕައި އިރުއޮއްސޭ ގަޑިއަށް ތައްޔާރުކުރެއެވެ.
ރަމަޟާންމަހުގެ ދުވަސްތަކުގައި އަސުރުގެ ފަހުން އަތިރިމަތީގެ މައިޒާންތަކުގައި
ވާހަކަ ކިޔުމާއި ކުޅިވަރުކުޅުން އޮވެއެވެ. އޮށްވަޅުކުޅުމާއި، ތިންހަމަ، ބަބުރު
ތިންހަމަ، ރާޒުވާކުޅުން (މުނިފޫހި ފިލުވުމުގެ ގޮތުން) ކުޅެއުޅެއެވެ. ރަމަޟާންމަހުގެ
ކުޅިވަރާއި ބެހޭގޮތުން އަލްމަރްޙޫމް މުޙައްމަދު ޖަމީލު ދީދީ ބަޔާންކުރައްވަނީ
"އަތިރިމަތީގައި ބޮޑެތި ހިޔާ ގަސްތައް ހުރެއެވެ. އެގަސްގަހުގެ ހިޔަލުގައި
މައިޒާން ހަދާފައި ހުރެއެވެ. އެތާނގާއި ތިބޭއިރު އެއްބަޔަކު ރާޒުވާ ކަހަލަ
ކުޅިވަރުތައް ކުޅެއެވެ. ކޮންމެވެސް މީހަކު ވާހަކަ ކިޔައެވެ." (ސ.54). ވާހަކަ
ކިޔާ މީހުން ވާހަކަ ކިޔާނީ ފޮތެއް ބަލައިގެނެއް ނޫނެވެ. ހަދަހަދައިގެންނެވެ. ވާހަކަ ކިޔާދޭ
މީހާގެ ގާތުގައި ވާހަކަ ލައިދޭ މީހަކު އިންނާނެ އެވެ. އެއީ ވެސް ފޯރި ގަދަކުރުމުގެ
ބޭނުމުގައެވެ. ކިޔާދޭ ވާހަކަތަކުގެ ތެރޭގައި ބޮޑު ގޮހޮޑާ ވާހަކަ ދޫނިމަނާ ވާހަކަ މިސުރުރަސްގެފާނުގެ
ފުއްމަނިކުފާނު ވާހަކަ ފަދަ ވާހަކަތަކާއި ރައިވަރު ކިޔުން ފަރިހިކިޔުން
ހިމެނެއެވެ.
މިޒަމާނުގައި މިކަން ކުރާ ގޮތް ވަރަށް ތަފާތެވެ. އެންމެންވެސް ރޯދަވީއްލާ
ވަގުތާ ޖެހެންދެން ތިބެނީ ޓީވީ ދޮށުގައޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ.
ކުޅެންޏާ ކުޅޭނީ ކޮންމެވެސް ކަހަލަ ގޭމެކެވެ. ގޭމުތައް ކުޅެނީ މޯބައިލް
ފޯނުންނެވެ. ނުވަތަ ޓީވީ ރޭޑިއޯއިން ފޮނުވާ ޕްރޮގުރާމްތަކުގައި ބައިވެރިވެ
ސުވާލުތަކަށް ޖަވާބުދީ އެސް އެމް އެސް ފޮނުވާ ހަދައެވެ.
ރޯދަ ވީއްލަން ވާއިރަށް ހުރިހާ އެންމެން ގެޔަށް ވަންނާނެއެވެ. އިރުއޮއްސުމުން
މާލޭގައި ކިލަގެ ބުރުޒުން ބަޑިއެއްޖަހައެވެ. ރަށްފުށުގައި ފުމޭނީ ސަންގެވެ. ސަންގުގެ
އަޑު ނުލިބޭ މީހުންނަށް އެހެން މީހުން ޚަބަރުދެއެވެ. ރޯދަ ވީއްލަނީ ކަށިކެޔޮ
ފަންޏާއި ފުފޫފަނި ފަދަ ފަންޏަކުންނެވެ.
ތުރުކީ ވިލާތުގައި ކުދިން ހަވީރު ސަފުސަފަށް އެތުރިލައިގެން ރޮށިފިހާ
ގުއްބުތައް ކައިރީގައި ތިބެއެވެ. އެއީ ރޯދަ ވީއްލުމަށް ރޮށި ހޯދުމަށެވެ. އެމީހުން
ރޯދަ ވީއްލުމަށް ބޭނުންކުރަނީ ރޮށްޓާއި ކަދުރު ޒައިތޫނި ފަދަ ތަކެއްޗެވެ.
ހަވާލާ ދިނުން:
އިބްރާހީމް ރަޝީދު މޫސާ.(2011). ރަމަޟާންމަހުގެ ބައެއް
އާދަކާދަތައް. ފަތްތޫރަ 377. ޞ،9-11.
އާމިނަތު ފާއިޒާ.(2002). ރޯދަމަހަކީ.ދަރުމަހަކީ. ދަރުމަ.
ސ،3.
އަޙްމަދު ޝަފީޤު.(2002). ދިވެހިންނާއި ރޯދަމަސް. ދަރުމަ.
ސ،9-13.
ޑރ.ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން.(2002).ރޯދަ.
ސ،71-75.
މުޙައްމަދު ޢީސާ.(2004). މާތްވެގެންވާ ރަމަޟާން މަސް
ކައިރިވަމުން އަންނައިރު. ދަރުމަ. ސ،10.
އަލްމަރްޙޫމް މުޙައްމަދު ޖަމީލު ދީދީ.(1976). ރޯދަމާހާގުޅޭ
ބައެއް ހަނދާން. ދަރުމަ. ސ،53-55.
އާދަމް ޢަބްދުއްރަޙްމާން.(2003). ރޯދަމަހަށް ތައްޔާރުވުން.
ދަރުމަ. ސ،51-52.
އަޙްމަދު ޢަބްދުލް ކަރީމް.(2003). ރަމަޟާން މަހަށް
އިސްތިޤްބާލު ކުރުން. ދަރުމަ. ސ،53-55.
ޢަބްދުﷲ ފާރޫޤު އިބްރާހިމް.(2003). ރޯދަމަހަށް މަރުޙަބާ.
ދަރުމަ. ސ،2-3.
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު.(2011). ރޯދަމާހާމެދު
ކުރެވޭ މަތިވެރި އުއްމީދު. ފަތްތޫރަ 374. ސ،25.
ތަސްނީމް ފަހުދު.(2015). ރަމަޟާނީއްޔާތުއް ސިއްތަ ދުވަލިލް
ޢަރަބިއްޔަތި. މުޤާލަތިލް ޙަޔާތި 4. ސ،22.
No comments:
Post a Comment