ދެވަނަ ފަހަރަށް ޖިމާޢުވުމުގެ
ކުރިން ޠާހިރުވުން
ލިޔުނީ: ޒީނަތު ލަބީބު.
އަނބިމީހާއާއެކު ޖިމާޢުވުމަށްފަހު ހިނައިގަތުމުގެ ކުރިން ދެވަނަ ފަހަރަށް
ޖިމާޢުވުމަށް އެދޭނަމަ ވުޟޫކުރުމަކީ ސުންނަތް ވެގެންވެއެވެ. ރަސޫލު ﷲ ޞައްލަﷲ
ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވަނީ إِذَا أَتَى أَحَدُكُمْ أَهْلَهُ ثُمَّ أَرَادَ أَنْ يَعُودَ
يَتَوَضَّأْ بَيْنَهُمَا وُضُوءًا وَفِيْ رِوَايَة وُضُوْءَهُ لِلصَّلاَةِ فَإِنَّهُ
أَنْشَطُ فِيْ الْعَوْد. މާނައީ: ތިޔަބައިމީހުންކުރެ މީހަކު އޭނާގެ އަނބިމީހާއާއި ޖިމާޢު ވެފައި އަލުން ދެވަނަ
ފަހަރަށް އެކަން ކުރުމަށް ޤަސްދު ކުރާނަމަ އެދެމެދު ވުޟޫ ކުރާށެވެ. އެހެން ރިވާޔަތެއްގައި
ވަނީ ނަމާދަށް ވުޟޫކުރާފަދައިން ވުޟޫކުރާށެވެ. އެހެނީ ވުޟޫ ކުރުމަކީ ހަށިގަނޑުގައި
ހީވާގިކަން ގަދަވާކަމެކެވެ.
އެހެންނަމަވެސް ވުޟޫ ކުރުމަށްވުރެ ހިނައިގަތުން މޮޅުއިތުރުވެގެން ވެއެވެ. ފަހެ
އަބޫ ރާފިޢު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެއްދުވަހަކު ބައެއް
އަނބިކަނބަލުންގެ ގާތަށް ވަޑައިގަތެވެ. ކޮންމެ އަނބިކަނބަލެއްގެ ގާތަށް ވަޑައިގެންފާވެސް
ނާނެއިފުޅުފިއްލަވާފައި އަނެއް އަނބިކަނބަލުންގެ ގާތަށް ވަޑައިގަންނަވައެވެ. އަބޫރާފިޢު
ވިދާޅުވިއެވެ. ތިމަން ދެންނެވީމެވެ. އޭ ﷲ ގެ ރަސޫލާ އެވެ. ކޮންމެ ފަހަރަކު ނާނެއިފުޅުފިއްލެވުމުގެ
ބަދަލުގައި އެއްފަހަރު (އެންމެފަހު ފަހަރު) ނާނެއިފުޅުފިއްލަވައިފިއްޔާ ވާނީ ކީއްތޯއެވެ؟ ޙަދީޘް ކުރެއްވީ: هَذَا أَزْكَى وَأَطْيَبُ وَأَطْهَرُ މާނައީ: މިގޮތް ޠާހިރު ކަން
ބޮޑުވެފައި ރަނގަޅުކަމާ އަދި މާތްކަން ބޮޑެވެ. އެބަހީ ކޮންމެ ޖިމާޢުވުމަކަށް ފަހު ފެންވެރުން
ޠާހިރު ކަން ބޮޑުވެފައި ރަނގަޅުކަމާ އަދި މާތްކަން ބޮޑުކަމެވެ.
وَاللهُ أَعْلَم
މަސްދަރު:
No comments:
Post a Comment