Featured Post

Ombey

Monday, December 3, 2018

A.D.H.D


އެޓެންޝަން ޑެފިސިޓް ހައިޕަރއެކްޓިވިޓީ ޑިސްއޯޑަރ (އޭ.ޑީ.އެޗް.ޑީ(
Image result for ADHD

ލިޔުނީ: ޒީނަތު ލަބީބު
އޭ.ޑީ.އެޗް.ޑީ އަކީ ވިސްނުމެއްނެތި ކަންކަން ކުރުމަށް މަގުފަހިކުރުވާ ނިއުރޮލޮޖިކަލް ޑިސްއޯޑަރއެކެވެ. އޭ.ޑީ.އެޗް.ޑީ ހުންނަ ކުދިން އާދަޔާއި ޚިލާފަށް ޙަރަކާތްތެރިވާނެއެވެ. އަދި އެކުދިންނަށް އެއްކަމަކަށް ސަމާލުކަން ދީގެން އެކަމެއްކުރުމަށާއި ތަނެއްގައި މަޑުން ގިނައިރު އިނުންފަދަ ކަންކަން ކުރުމަށް އުނދަގޫތަކާއި ކުރިމަތިވެއެވެ. އޭ.ޑީ.އެޗް.ޑީ އަކީ ކުޑަކުދިންނަށް ދިމާވާ އެންމެ އާންމު އެއް މައްސަލައެވެ. މީގެ ސަބަބުން އެކުދިންނަށް ސްކޫލުގައާއި ދިރިއުޅުމުގެ އެހެނިހެން ކަންކަމުގައި ދަތިތަކާ ކުރިމަތިވެއެވެ.

އޭ.ޑީ.އެޗް.ޑީގެ އަލާމާތްތައް:

އޭ.ޑީ.އެޗް.ޑީ ހުންނަ އެކި ކުދިންގެ ކިބައިން ތަފާތު އެކި އަލާމާތްތައް ފެނުން އެކަށީގެންވެއެވެ. މިއަލާމަތްތައް ގުޅިފައިވަނީ ސަމާލުކަން ނުދެވުމާއި، އާދަޔާއި ޚިލާފަށް ޙަރަކާތްތެރިވެ އުޅުމާއި ވިސްނާނުލާ ކަންކަން ކުރުމާއެވެ. އޭ.ޑީ.އެޗް.ޑީއަށް ޑައިގްނޯސްކުރެވޭނީ ނުވަތަ ދެނެގަނެވޭނީ މީގެތެރެއިން ބައެއް އަލާމާތްތައް އެއް މާޙައުލަށްވުރެ ގިނަ މާޙައުލުން ފެންނަނަމައެވެ. މިސާލަކަށް ގެ އަދި ސްކޫލުގައި އުޅޭއުޅުމުގައި މިއަލާމާތްތައް އެކުދިންގެ ކިބައިން ފެންނަނަމައެވެ. އޭ.ޑީ.އެޗް.ޑީ ހުންނަ ކުއްޖެއްގެ ކިބައިން ފެނިދާނެ ބައެއް ކަންކަމުގެ ތެރޭގައި:

×      ކަންކަމަށް ސަމާލުކަން ދިނުމަށް ދަތިވުން. މިސާލަކަށް ކުރާ މަސައްކަތެއްގައި އެކަމަށް ފަރުވާތެރިކަމާއިއެކު ފުރިހަމައަށް ސަމާލުކަން ނުދެވުމުގެ ސަބުބުން މަސައްކަތް ރަނގަޅަށް ނުކުރެވުން ނުވަތަ އެކަމެއް ގޯސްކޮށް ކުރެވުން.
×      އެއްކަމަކަށް ގިނައިރު ސަމާލުކަން ދީގެން އިނުމަށް ދަތިވުމާއި ފަސޭހައިން ސަމާލުކަން ގެއްލުން.
×      އާންމު ގޮތެއްގައި ކުރަންފަށާ ކަންކަން ނިންމުމަށް ހަނދާންނެތުން.
×      ވާހަކަ ދެއްކުމުން ދައްކާ ވާހަކައަށް ސަމާލުކަން ނުދިނުން.
×      މަސައްކަތްތައް ރާވައި ތަރުތީބު ކުރުމުގައި އުނދަގޫވުމާއި އެކަންކަމުގައި ބޭނުންކުރާ ތަކެތި ބޭއްވޭތަން ހަނދާންނެތުން.
×      ސުކޫލުގެ މަސައްކަތްތައް ދެވޭ އިރުޝާދާއި އެއްގޮތައް ނިންމުމަށް ދަތިވުން.
×      އަމިއްލަ ފިކުރާއި ވިސްނުމުން ކުރަންޖެހޭ ކަންކަން ކުރާހިތް ނުވުމާއި އެކަންކަން ނުކުރުން އަދި ކުރުމަށް ދެކޮޅުހެދުން.
×      ގިނައިރު އިށީނދެ އިނުމަށް އުނދަގޫވުން ނުވަތަ ކޮންމެހެން އިށީނދެ އިންނަންޖެހޭ ޙާލަތްތަކުގައި ވެސް ތެދުވެގެން އުޅުން.
×      އާދަޔާއި ޚިލާފަށް ދުވެހެދުމާއި ތަންތަނަށް އަރައި އުޅުން.
×      މުނިފޫހި ފިލުވުމާއި، ކުޅިވަރު ކުޅުމުގެ ޙަރަކާތްތަކުގައި އަޑުގަދަ ނުކޮށް މަޑުން އެކަމެއް ނުކުރެވުން.
×      އެއްތަނެއްގައި މަޑުން ހުރުމަށް ދަތިވުން. އަބަދުވެސް އެއްތަނުން އަނެއްތަނަށް ދިއުމަށް ބޭނުންވެފައި ހުރުން. މިސާލަކަށް އެއް ކޮޓަރިން އަނެއް ކޮޓަރި އަށް ދުވެލަ ދުވެލާ ހުރުން.
×      މާގިނައިން ވާހަކަ ދެއްކުން.
×      ސުވާލެއް ނިމުމުގެ ކުރިން ޖަވާބު ދިނުން ނުވަތަ ވިސްނުމެއް ނެތި ކޮންމެވެސް އެއްޗެއް ބުނުން.
×      ފަހަރަކު ކުއްޖަކު ތަރުތީބުން ކުރެވޭ ކަމެއްގައި އެކުއްޖަކަށް ފުރުސަތު ލިބެންދެން މަޑުކުރަން އުނދަގޫވުން.
×      އެހެން މީހުން ވާހަކަ ދައްކާއިރު އުނދަގޫ ކުރުން ނުވަތަ ހުއްޓުވުން.

އޭ.ޑީ.އެޗް.ޑީ ހުންނަ ކުދިންނަށް ދެވޭ ބައެއް ފަރުވާ

އެޓެންޝަން ޑެފިސިޓް ހައިޕަރއެކްޓިވިޓީ ޑިސްއޯޑާރ (އޭ.ޑީ.އެޗް.ޑީ) ހުންނަ ކުދިންނަށް ދެގޮތަކަށް ފަރުވާދެވެއެވެ. އެއްގޮތަކީ ބޭސް ދިނުމެވެ. އަނެއްގޮތަކީ ތެރަޕީ ނުވަތަ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުގެނެސްގެން އޭ.ޑީ.އެޗް.ޑީގެ އަލާމާތްތައް ކުޑަކުރުމަށް ކުރެވޭ ފަރުވާއެކެވެ. އޭ.ޑީ.އެޗް.ޑީ ހުންނަ ކުދިންނަށް ފަރުވާ ކުރުމުގައި ބޭސް ބޭނުން ކުރުމުގެ ކުރިން ނުވަތަ ބޭސް ބޭނުން ކުރަމުންދާއިރު ވެސް ތަފާތު ތެރަޕީތައް ދިނުމާއި އެހެނިހެން ގޮތްގޮތުން އެކުދިންނަށް އެހީތެރިވެވޭނެ ގޮތްތައް ދެނެގަތުމަކީ ވަރަށް މުހިންމުކަމެކެވެ.

ބިހޭވިއަރ ތެރަޕީ

އޭ.ޑީ.އެޗް.ޑީގެ ސަބަބުން ދަރިފުޅުގެ ޢާންމު ދިރިއުޅުމުގައި ދިމާވާ ދަތިތަކާއިއެކު އާއިލާގެ އެހެނިހެން މެމްބަރުންނާއި އޭ.ޑީ.އެޗް.ޑީ ހުންނަ ކުދިންނާއި އޮންނަ ގުޅުން ހީނަރުވެގެން ދެއެވެ. އެހެންކަމުން ބިހޭވިއަރ ތެރަޕީ ދިނުމުގައި ބަލަނީ އެކުދިންގެ ބެލެނިވެރިންނަށް އެކުދިންނާއި އަޅާލައި އެކުދިން ބައިވެރިކޮށްގެން ކުރެވޭނެ ކަންކަމުގެ މައްޗަށެވެ. އޭގެ ސަބަބުން އާއިލާގެ ގުޅުން ބަދަހިވެގެން ދެއެވެ. މިތެރަޕީގެ އެންމެ ބޮޑު ބޭނުމަކީ ދަރިފުޅުކުރާ ރަނގަޅުކަންކަން ފާހަގަކޮށް ގޯސްކޮށް ކުރެވޭކަންކަން މަދުކުރުމެވެ. ބިހޭވިއަރ ތެރަޕީ ދިނުމުގައި އޭ.ޑީ.އެޗް.ޑީ ހުންނަ ކުދިންގެ ބެލެނިވެރިން ނުވަތަ އާއިލާ، ތެރަޕީ ދޭފަރާތާއި އެކު ތަފާތު ތަމްރީން ސެޝަންތަކެއްގައި ބައިވެރިވެ، ދަރިފުޅާއި އެހީ ވުމުގެ ގޮތުން ކުރެވޭނެ ކަންކަން ދަސްކޮށްދެވޭނެއެވެ. އެގޮތުން ދެ ސެޝަން ދެމެދުގައި ހިނގާ ދުވަސްތަކުގައި އެތަމްރީން ކުރެވުނު ހުނަރުތައް ބޭނުންކޮށްގެން ބެލެނިވެރިންނަށް ދަރިފުޅަށް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. އަދި ކުރިއެރުން ލިބޭ މިންވަރު ދެނެގަތުމަށްޓަކައި ތެރަޕީ ދޭފަރާތުން މޮނިޓަރ ކުރަމުން ގެންދާނެވެ. މީގެ އިތުރުން ސީދާ ތެރަޕީ ދޭފަރާތުންވެސް ދަރިފުޅާއި ބައްދަލުކޮށް ދަރިފުޅުގެ އަމަލުތައް ކޮންޓްރޯލްކުރުމުގެ ހުނަރުތައް ކިޔައިދީ އެކުދިންގެ އިހުސާސްތައް އެހެންމީހުންނަށް ބުނެދޭނެ ރަނގަޅުގޮތް ދަސްކޮށްދެވޭނެއެވެ.

ކޮގްނިޓިވް ބިހޭވިއަރ ތެރަޕީ

ކޮގްނިޓިވް ބިހޭވިއަރ ތެރަޕީއަކީ ކަންކަމާއިމެދު ދަރިފުޅު ވިސްނާގޮތް ބަދަލުކޮށް އެކަންކަމުގައި ޢަމަލުކުރާގޮތަށް ހެޔޮ ބަދަލެއް ގެނައުމަށް ދެވޭ ފަރުވާއެކެވެ. މިތެރަޕީއަކީ އޭ.ޑީ.އެޗް.ޑީ ހުންނަ ކުދިންނަށް ފަރުވާކުރުމުގައި ވެސް ބޭނުންކުރެވޭ ތެރަޕީއެކެވެ. މިފަރުވާ ދިނުމުގައި ބަލާނީ ކަމެއް ދިމާވާ ޙާލަތުގައި ދަރިފުޅަށް އެކަން އިޙްސާސް ކުރެވޭގޮތް ބަދަލުކުރުމަށެވެ. އޭގެ ސަބަބުން ދަރިފުޅު އެކަމަކާއި ގުޅިގެން ޢަމަލުކުރާ ގޮތްވެސް ބަދަލުވެގެންދާނެއެވެ. މިސާލަކަށް ކުލާހުގައި ފިލާވަޅެއް ހަދަން ދިނުމުން ތިމަންނައަށް އެކަމެއް ނުކުރެވޭނެ ކަމަށް ދަރިފުޅަށް ހީވާނަމަ އޭގެ ބަދަލުގައި ދަރިފުޅަށް ވިސްނައިދެވޭނީ އެފިލާވަޅު ހެދޭނީ ކިހިނެއްތޯ، އެސުވާލު އަމިއްލައަށްކޮށް އެކުއްޖަކަށް އެކަމުގައި ދިމާވާ ހުރަހެއް ނައްތާލުމަށް މަސައްކަތްކުރުމަށެވެ.

ކެއުމަށް ބަދަލުގެނައުން

އޭ.ޑީ.އެޗް.ޑީ ހުންނަ ބައެއް ކުދިންނަކީ ކެއުމުގައި ބޭނުންކުރެވޭ އެއްޗެއްގެ ސަބަބުން ވެސް އެކަމުގެ އަސަރު ބޮޑުވާ ކުދިންނެވެ. ޙާއްސަކޮށް ފޮނިތަކެތި ކެއުމަކީ ބައެއް ކުދިންނަށް އޭ.ޑީ.އެޗް.ޑީގެ ޢަލާމާތްތައް އިތުރަށް ގޯސްވެގެންދާކަމެވެ. އެހެންކަމުން ކަމާއިބެހޭ ސީއްޙީ ބޭފުޅެއްގެ ލަފަޔާއިއެކު ކެއުމުގައި ބޭނުންކުރެވިދާނެ ތަކެއްޗާއި ގުޅޭ ތާވަލެއް ތައްޔާރުކުރުން ރަނގަޅެވެ.

ސޯޝަލް ސްކިލް ޓްރެއިނިންގ

މިފަދަ ޓްރެއިނިންގ ތަކުގައި ކުދިންނަށް ދަސްކޮށް ދެވޭނީ އާންމު މުޖުތަމަޢުގައި ދިމާވާ ކަންކަމުގައި އެކަކު ޢަމަލުކުރާ ގޮތަކުން އެހެން މީހުނަށް ކުރާއަސަރުތައް ދެނެގަނެ އެފަދަ ޙާލަތުގައި ޢަމަލުކުރަންވީ ގޮތްތަކެވެ.

ޢާންމު ދިރިއުޅުމުގައި ކުރެވިދާނެ ބައެއްކަންކަން

×      ކޮންމެ ދުވަހަކުވެސް ކުރާނެ ކަންތައްތައް ތަރުތީބުކޮށް ތާވަލު ކުރުމާއި ކޮންމެ ދުވަހަކު ވެސް އެއް ތަރުތީބަކުން ކަންކަން ކުރުވުން: މިސާލަކަށް ކެއުމާއި ، ނިދުމާއި އަދި ކިޔެވުން ފަދަ ކަންކަމަށް އެއް ތަރުތީބަކުން ކުރިއަށް ގެންދެވިދާނެއެވެ.

×      ދަރިފުޅުގެ ސަމާލުކަން ގެއްލޭފަދަ ކަންކަން ކުޑަކުރުން: ޓީވީ އަދި މޮބައިލް ފޯން ފަދަ ތަކެތީގެ ސަބަބުން ދަރިފުޅު ކުރަން އިންނަ މަސައްކަތުން ސަމާލުކަން ގެއްލުނަ ނުދިނުމަށްޓަކައި ޓީވީ ނިއްވައިލެވިދާނެވެ. އަދި ފޯން “ސައިލެންޓް މޯޑް” ގައި ބޭއްވިދާނެއެވެ.
×      ކަމެއް ކުރުމަށް ދަރިފުޅަށް އިރުޝާދުދޭއިރު ދަރިފުޅަށް ފަސޭހައިން ދޭހަވާފަދަ ބަހުން ވާހަކަ ދެއްކުމާއި ، ވާހަކަ ދައްކާއިރު ހަތަރު ކަޅިހަމަކޮށް ވާހަކަ ދެއްކުން އަދި ދަރިފުޅުގެ ދައްކާ ވާހަކަ ވެސް ބެލެނިވެރިން އަޑު އަހާކަން ދަރިފުޅަށް އަންގައިދިނުން މުހިންމެވެ.
×
×      ކަންކަން ރޭވުމުގައި ދަރިފުޅަށް އެހީތެރިވެ ޙަވާލުކުރެވޭ ފިލާވަޅުތައް ނުވަތަ މަސައްކަތްތައް ނިންމުމުގައި އުނދަގޫ ކަންކަން ފަސޭހައިން ކުރެވޭނެ ގޮތައް އެކަންކަން ރޭވުމަށް އެހީތެރިވެވިދާނެއެވެ.

×      ދަރިފުޅު ހާޞިލްކުރަން ޖެހޭ ލަނޑުދަނޑިތަކެއް ކަނޑައެޅުމާއި ކުރާ ރަނގަޅު ކަންކަން ފާހަގަކުރުން: ދަރިފުޅު އެދުވަހަކު ކުރަންޖެހޭ ކަންކަން ކަނޑައަޅައި އެކަމެއް ފުރިހަމަ ވުމުން އެކަމެއް ކުރީ ރަނގަޅަށް ނަމަ އެކަން ފާހަގަކޮށް ދަރިފުޅުގާތު އެވާހަކަ ބުނުން ނުވަތަ ކޮންމެ ވެސް ހަދިޔާއެއް ދެވިދާނެއެވެ.

×      ރަނގަޅުގޮތުގައި ދަރިފުޅުގެ އަޚްލާޤު ހިފެހެއްޓުން: ދަރިފުޅަށް ގޯސްކޮށް ކަމެއް ކުރެވުނު ނަމަވެސް އެކަމާއި ހަޅޭއްލަވައި ހެދުމުގެ ބަދަލުގައި ދަރިފުޅު އެކުރާކަމަކުން ނުވަތަ އެތަނަކުން ދުރަށް ގެންދިއުން އަދި ބޮޑު އަދަބެއް ދިނުމުގެ ބަދަލުގައި ދަރިފުޅު އެންމެ ކުރަން ބޭނުންވާ ކޮންމެވެސް ކަމެއް ނުކުރެވޭގޮތައް ވަގުތީގޮތުން އެކަމަށް ފިޔަވަޅެއް އެޅިދާނެއެވެ.

×      ކުޅިވަރުކުޅުވުމާއި ކަސްރަތު ކުރުވުން: ކުޅިވަރުކުޅުން ނުވަތަ ކަސްރަތު ކުރުމުގެ ސަބަބުން ދަރިފުޅުގެ ސަމާލުކަން އިތުރުވެގެން ދެއެވެ. މިގޮތަށް ކަސްރަތު ކުރުވާއިރު އެހެން ކުދިންނާއިއެކު އެކަން ކުރިއަށް ގެންދާނަމަ އެހެން ކުދިންނާ ގުޅުންބަދަހިވެގެންދެއެވެ. ހަށިގަނޑުގެ ޙަރަކާތްތަކަށް ޚާއްޞަ ސަމާލުކަމެއް ދީގެން ކުރަންޖެހޭ ކުޅިވަރު ތަކަކީ އޭ.ޑީ.އެޗް.ޑީ ހުންނަ ކުދިންނަށް ވަރަށް ރަނގަޅު ޙަރަކާތްތަކެކެވެ. އެގޮތުން ނެށުމާއި، ޖިމްނާސްޓިކް، މާޝަލް އާރޓްސް އަދި ސްކޭޓް ބޯޑިންގ އަކީ އޭ.ޑީ.އެޗް.ޑީ ހުންނަ ކުދިންނަށް  ވަރަށް ރަނގަޅު ކުޅިވަރު ތަކެކެވެ.

×      ފެހިކަންގަދަ ގުދުރަތީ މާޙައުލެއްގައި ވަގުތު ހޭދަކުރުމަކީ ވެސް އޭ.ޑީ.އެޗް.ޑީ ހުންނަ ކުދިންނަށް ވަރަށް ފައިދާ ކުރުވަނިވި ކަމެކެވެ. އެހެންކަމުން ދުވާލަކު މަދުވެގެން 30 މިނެޓް އެފަދަ މާޙައުލެއްގައި ވަގުތު ހޭދަ ކުރުމަކީ ވަރަށް ރަނގަޅު ކަމެކެވެ.

އޭ.ޑީ.އެޗް.ޑީގެ އަލާމާތްތަކުގެ ތެރެއިން ގިނަ ކަންތައްތަކެއް ކުއްޖާގެ ފަރާތުން ފެންނަނަމަ ނުވަތަ އޭ.ޑީ.އެޗް.ޑީއަށް ޝައްކު ކުރެވޭނަމަ، ސައިކޮލޮޖިސްޓެއްގެ ނުވަތަ ޑޮކްޓަރެއްގެ އެހީ ލަސްނުކޮށް ހޯދާ ފަރުވާ ހޯދުން މުހިންމެވެ.

No comments: