Featured Post

Ombey

Monday, December 3, 2018

l'uh'aa namaadhu


ޟުޙާ ނަމާދު
Related image
ލިޔުނީ: ޒީނަތު ލަބީބު.

ސުންނަތް ނަމާދުތަކުގެ ތެރެއިން ޟުޙާ ނަމާދަކީ ސުންނަތްކަން ގަދަވެގެންވާ ސުންނަތެކެވެ. ޟުޙާ ނަމާދަކީ އެހެން ނަމާދުތައް ކުރާފަދައިން ކުރާ ނަމާދެކެވެ. ޟުޙާ ނަމާދަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރެއްވިކަމަށް ޘާބިތުވާ ނަމާދެކެވެ. އަދި އެކަލޭގެފާނުގެ އަޞްޙާބުންނަށް އެނަމާދު ކުރުމަށް އިރުޝާދު ދެއްވިއެވެ. ޞަޙީޙު މުސްލިމުގައި ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާ ވެގެންވެއެވެ. (كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُصَلِّي الضُّحَى أَرْبَعًا ، وَيَزِيدُ مَا شَاءَ اللَّهُ) رواه مسلم  މާނައަކީ:  ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޟުޙާ ނަމާދުގެ ހަތަރު ރަކްޢަތް ކުރައްވައެވެ. އަދި ﷲ އިރާދަކުރެއްވި މިންވަރަކަށް އިތުރު ކުރައްވައެވެ.
ޟުޙާ ނަމާދު ކުރާނީ ދެ ރަކުޢަތުން ދެރަކުޢަތުންނެވެ. އެނަމާދުގެ އެންމެ މަދު މިންވަރަކީ ދެ ރަކުޢަތެވެ. ހަތަރެއް، ހައެއް، އަށެއް ނުވަތަ އެއަށްވުރެ ގިނަ ރަކުޢަތް ކުރިކަމުގައިވިޔަސް މައްސަލައެއް ނެތެވެ. އެނަމާދުގައި ވަކި ޢަދަދަކަށް ރަކުޢަތްކުރުމަށް ޙައްދެއް ކަނޑައެޅިފައެއް ނުވެއެވެ. ތިބާއަށް ފަސޭހަ މިންވަރަކަށް ކުރުމުން ފުދޭނެއެވެ. ނަމަވެސް ނަބިއްޔާ صلى الله عليه وسلم ދެ ރަކުޢަތް ކުރެއްވިއެވެ. އަދި ހަތަރު ރަކުޢަތްވެސް ކުރެއްވިއެވެ. އަދި މައްކާ ފަތަޙަ ކުރެއްވި ދުވަހު އަށް ރަކުޢަތް ކުރެއްވިއެވެ. ފަހެ، މިކަމުގައި މާބޮޑު މައްސަލައެއް ނެތެވެ.
ޟުޙާ ނަމާދުގެ މާތް ކަމާއި ބެހޭގޮތުން ވަރަށް ގިނަ ޙަދީޘް ތައް ވާރިދުވެގެން އައިސްފައިވެއެވެ. އޭގެ ތެރޭގައި:
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (يُصْبِحُ عَلَى كُلِّ سُلَامَى مِنْ أَحَدِكُمْ صَدَقَةٌ ، فَكُلُّ تَسْبِيحَةٍ صَدَقَةٌ ، وَكُلُّ تَحْمِيدَةٍ صَدَقَةٌ ، وَكُلُّ تَهْلِيلَةٍ صَدَقَةٌ ، وَكُلُّ تَكْبِيرَةٍ صَدَقَةٌ وَأَمْرٌ بِالْمَعْرُوفِ صَدَقَةٌ ، وَنَهْيٌ عَنْ الْمُنْكَرِ صَدَقَةٌ ، وَيُجْزِئُ مِنْ ذَلِكَ رَكْعَتَانِ يَرْكَعُهُمَا مِنْ الضُّحَى) މާނައަކީ: އިންސާނާގެ ކޮންމެ ހުޅަކަށް ކޮންމެ ދުވަހަކުވެސް ޞަދަގާތެއްވެއެވެ. (ބުނެވޭ ގޮތުގައި އިންސާނާގެ 360 ހުޅު ހުރެއެވެ. އެއިން ކޮންމެ ހުޅަކަށް ޞަދަގާތެއްވެއެވެ. އެހެންކަމުން، ކޮންމެ އިންސާނެއްގެ މައްޗަށް ދުވާލަކަށް 360 ޞަދަގާތް ވާޖިބުވެފައި އޮވެއެވެ). ކޮންމެ ތަސްބީޙަކީ (ސުބްޙާނަﷲ ކިޔުން) ޞަދަގާތެކެވެ. ކޮންމެ ތަޙްމީދަކީ (އަލްޙަމްދު للهކިޔުން) ޞަދަގާތެކެވެ. ކޮންމެ ތަހްލިލަކީ (لاإله إلاالله ކިޔުން) ޞަދަގާތެކެވެ. ކޮންމެ ތަކްބީރަކީ (الله أكبرކިޔުން)  ޞަދަގާތެކެވެ. ހެޔޮކަންތަކަށް އަމުރު ކުރުމަކީ ޞަދަގާތެކެވެ. ނުބައިކަންތައް ނަހީ ކުރުމަކީ ޞަދަގާތެކެވެ. ޟުޙާ ނަމާދުގެ ދެރަކްޢަތް ކުރުމުން މިހުރިހާ ކަމެއް ފުދިގެން ދެއެވެ.
އިމާމް ނަވަވީ-ރަޙިމަހު ﷲ ވިދާޅުވިއެވެ. މިއިން ދޭހަކޮށްދެނީ ޟުޙާ ނަމާދުގެ މާތްކަމާއި އެއަށް ދެވިފައިވާ މަތިވެރި ދަރަޖަ އެވެ. އަދި ދެ ރަކްޢަތް ކުރުމުން ފުދޭކަމެވެ.

ޞަޙީޙު މުސްލިމް އާއި ޞަޙީޙު ބުޚާރީގައި އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާކުރައްވާފައިވެއެވެ. أَوْصَانِي خَلِيلِي صَلَّى اللهُ عَلَيْهِ وَسَلَّمَ بِثَلَاثٍ: ((بِصِيَامِ ثَلَاثَةِ أَيَّامٍ مِنْ كُلِّ شَهْرٍ، وَرَكْعَتَيِ الضُّحَى، وَأَنْ أُوتِرَ قَبْلَ أَنْ أنام)) [رواه البخاري في (الصوم) برقم (1845) واللفظ له، ومسلم في (صلاة المسافرين) برقم (1182)] މާނައީ: ތިމަންކަލޭގެފާނުގެ ޚަލީލު ތިމަންކަލޭގެފާނަށް ތިން ކަމަކަށް ވަޞިއްޔަތް ކުރެއްވިއެވެ. ކޮންމެ މަހެއްގައި ތިން ދުވަހު ރޯދަ ހިފުމަށާއި ޟުޙާ ނަމާދުގެ ދެ ރަކުޢަތް ކުރުމަށާއި، ނިދުމުގެ ކުރިން ވިތުރި ކުރުމަށެވެ.
އަބުއްދަރްދާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. (أَوْصَانِي حَبِيبِي صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِثَلَاثٍ لَنْ أَدَعَهُنَّ مَا عِشْتُ : بِصِيَامِ ثَلَاثَةِ أَيَّامٍ مِنْ كُلِّ شَهْرٍ ، وَصَلَاةِ الضُّحَى ، وَبِأَنْ لَا أَنَامَ حَتَّى أُوتِرَ) މާނައަކީ: ތިމަންކަލޭގެފާނުގެ ޙަބީބު (ލޯބިވާމީހާ)، ދުނިޔޭގައި ހުރިހާ ހިނދަކު ތިންކަމެއް ދޫނުކުރުމަށް ވަޞިއްޔަތް ކުރެއްވިއެވެ. އެއީ ކޮންމެ މަހަކު ތިން ދުވަހު ރޯދަހިފުމަށާއި، ޟުޙާ ނަމާދު ކުރުމަށާއި، ވިތުރިކޮށްފައި ނޫނީ ނުނިދުމަށެވެ.
އަބޫހުރައިރާ ރަޟިޔަ ﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޡް ކުރެއްވިއެވެ. (لَا يُحَافِظُ عَلَى صَلَاةِ الضُّحَى إِلَّا أَوَّابٌ، وَهِيَ صَلَاةُ الْأَوَّابِيْنَ) މާނައަކީ: އައްވާބަކު (ގިނަގިނައިން ތައުބާވާމީހާ) މެނުވީ ޟުޙާ ނަމާދަށް ރައްކާތެރި ނުވާނެއެވެ. އެއީ ގިނަގިނައިން ތައުބާވާމީހުން ގެ ނަމާދެވެ.
މައްކާ ފަތަޙަކުރެއްވި ދުވަހު ނަބިއްޔާ صلى الله عليه وسلم ޟުޙާ ނަމާދުގެ އަށް ރަކުޢަތް ކުރައްވަނިކޮށް އުންމު ހާނީ رضي الله عنها ދެކެވަޑައިގަތްކަމަށް އެކަމަނާގެ އަރިހުން ޞަޙީޙު މުސްލިމް އާއި ޞަޙީޙު ބުޚާރީގައި ރިވާކުރައްވާފައިވެއެވެ.
ފަހެ، އަށެއް، ދިހައެއް، ބާރަ ނުވަތަ އެއަށްވުރެ ގިނައިން ނުވަތަ މަދުން ރަކުޢަތް ކުރުމަކީ މައްސަލައެއް ނޫންކަން އަންނަނިވި ޙަދީޘުން އެނގެއެވެ.
((صَلَاةُ اللَّيْلِ وَالنَّهَارِ مَثْنَى مَثْنَى)) [رواه الإمام أحمد في (مسند المكثرين من الصحابة)  މާނައީ: ރޭގަނޑާއި ދުވާލު ދެ ރަކުޢަތުން ދެ ރަކުޢަތުން ނަމާދު ކުރާށެވެ.
ފަހެ، ސުންނަތް ގޮތަކީ ކޮންމެ ދެރަކުޢަތަކުން ސަލާމްދެމުން ދެ ރަކުޢަތުން ދެ ރަކުޢަތުން ނަމާދުކުރުމެވެ. ޟުޙާ ނަމާދުގެ އެންމެ މަދު މިންވަރަކީ ދެ ރަކުޢަތެވެ. ޟުޙާގެ ވަޤުތަކީ ލޮންސިއެއްގެ މިންވަރަށް އިރު އެރީއްސުރެ އިރު މެދު ޖެހުމާ ހަމައަށެވެ. އެންމެ ރަނގަޅު ގޮތަކީ އިރުގެ ހޫނު ގަދަވެގަންނަ ވަޤުތު އެ ނަމާދު ކުރުމެވެ.

((صَلَاةُ الْأَوَّابِينَ حِينَ تَرْمَضُ الْفِصَالُ)) [رواه مسلم في صحيحه] މާނައީ: އައްވާބީން ނަމާދުގެ ވަގުތަކީ (އެބަހީ: ޟުޙާ ނަމާދުގެ ވަގުތަކީ) ބަނޑުޖަހައިގެން ތިބޭ ޅަ ޖަމަލުތައް، ބިންގަނޑަށް ހޫނުވުމުގެ ސަބަބުން ތެދުވެގެން ހިލަކަށް ޖެހިލަން އުޅޭވަގުތެވެ.
ޟުޙާ ނަމާދުގެ ވަޤުތަކީ އިރުއަރައިގެން އައިސް ހޫނު ގަދަވާވަގުތެވެ، ރާއްޖޭގެ ވަޤުތުން ބަލާއިރު ގާތްގަނޑަކަށް ނުވައެއް، ދިހައެއް ޖަހާ ކަންހާއިރުއެވެ. އަދި އިރުއަރާތާ ކުޑަ ވަޤުތުކޮޅެއް ފަހުންވެސް ޟުޙާ ނަމާދު ކުރެވިދާނެއެވެ. والله أعلم
ފަހެ، އެނަމާދު އެއް ދުވަހު ކޮށްފައި އަނެއް ދުވަހު ދޫކޮށްލުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް އެންމެ ރަނގަޅު ގޮތަކީ ދާއިމީ ގޮތެއްގައި އެނަމާދު ކުރުމެވެ. އެއީ އަންނަނިވި ޙަދީޘްގައިވާ ފަދައިންނެވެ.
((أَنَّ أَحَبَّ الْعَمَلِ إِلَى اللهِ أَدْوَمُهُ وَإِنْ قَلَّ)) [رواه البخاري  މާނައީ: ހަމަކަށަވަރުން ﷲ އެންމެ ލޯބިވެވޮޑިގެންވާ ޢަމަލަކީ ކިޔަންމެ މަދުވިޔަސް ދާއިމީގޮތެއްގައި ކުރާ ކަންކަމެވެ.
ފަހެ، އެންމެ ހެޔޮވެގެންވަނީ ދާއިމީ ގޮތެއްގައި ކުރުމެވެ. ދާއިމީގޮތެއްގައި ޟުޙާ ނަމާދު ދޫކޮށްލައިފި މީހަކު ނުވަތަ ބައެއް ދުވަސް ދުވަހު އެނަމާދު ދޫކޮށްލައިފި މީހެއްގެ މައްޗަށް އެއްވެސް ކަމެއް ނެތެވެ. އެހެނީ އެއީ ސުންނަތެކެވެ. ވާޖިބެއް ނޫނެވެ. ﷲ އަށް ޙަމްދު ހުއްޓެވެ.
ޟުޙާ ނަމާދުގައި ކިޔުމަށް ވަކި ޚާއްޞަ ސޫރަތްތަކެއް ނުވެއެވެ. ސުންނަތްވެގެން ވަނީ ފާތިޙާ ސޫރަތާއެކު އެމީހަކަށް ފަސޭހަވެގެންވީ މިންވަރަކަށް ސޫރަތްތަކެއް ނުވަތަ އާޔަތްތަކެއް ކިޔެވުމެވެ. ކިޔެވުމަށް ވަކި މިންވަރެއް ކަނޑައެޅިފައެއް ނުވެއެވެ.  ވާޖިބުވެގެންވަނީ ފާތިޙާ ސޫރަތް ކިޔެވުމެވެ. އޭގެ އިތުރަށް ކިޔަވާ ކިޔެވުމަކީ ސުންނަތެވެ. ފާތިޙާ ސޫރަތައްފަހު ކޮންމެ ސޫރަތެއް ނުވަތަ ސޫރަތްތަކެއް ކިޔެވިކަމުގައި ވިޔަސް މައްސަލައެއް ނެތެވެ. ނުވަތަ ވަކި ޢަދަދަކަށް އާޔަތްތަކެއް ނުވަތަ ފާތިޙާ ސޫރަތަށް ފަހު އެންމެ އާޔަތެއް ކިޔެވިކަމުގައިވިޔަސް މައްސަލައެއް ނެތެވެ. މިހުރިހާ ގޮތެއްވެސް ރަނގަޅެވެ.
والحمد لله. وفق الله الجميع.

މަޞްދަރު:
ދިސަލަފިއްޔާ
ދިއިސްލާމް
ޖަމްޢިއްޔަތުއް ސަލަފް


No comments: