ނިޔަފަތި ކެނޑުން
ލިޔުނީ: ޒީނަތު
ލަބީބު
ޒީނަތްތެރިކަމުގެ މާނައިގަ ﷲ ތަޢާލާ ނަހީ ކުރައްވާފައިވާ ކަންތައް ކުރުން މިވަނީ
ފެޝަނަކަށް ވެފައެވެ. މިކަންތައްތަކަކީ ޣައިރު މުސްލިމުންގެ ފަރާތުން މުސްލިމުން
ކޮޕީ ކުރަމުން އަންނަ ކަންތައްތަކެކެވެ. ޣައިރު މުސްލިމުން ކުރާ ކޮންމެ ކަމެއް
ކުރުމަށް މުސްލިމުން ރުހި އެކަންތައް ކުރަމުންދާ އިރު ދީނުގައި މިކަންތައްތަކުގެ
ޙުކުމަކީ ކޮބައިތޯ ބަލަން ޝައުޤުވެރިކަމެއް ނުހުރެއެވެ. އިސްލާމް ދީނަކީ
ޒީނަތްތެރިވުމަށް ލޯބިކުރާ ދީނެކެވެ. އެހެންނަމަވެސް އިސްލާމީ އަދަބާއި ޙުދޫދުގެ
ތެރެއިންނެވެ. ހިތާމައަކި މިއަދުގެ ޒުވާނުން ޒީނަތްތެރިވުމުގައި ޙަރާމެއް ޙަލާލެއް
ނުބަލާކަމެވެ.
އެއްވެސް ކަމެއް ނޫންކަމަށް ދެކިގެން ކުރަމުން އަންނަ ނިޔަފަތި ދިގުކުރުމަކީ،
ދެޖިންސުގެ ދެމެދުގައިވެސް ހިނގަމުންދާ، މީސްތަކުންނަށް ހިދާޔަތެއްކަމުގައި ﷲ ގެ ޙަޟްރަތުން
ބާވާލެއްވި އިސްލާމްދީނުގެ އުޞޫލުތަކާ އަދި އިންސާނީވަންތަކަމާ ފުށުއަރާ ހަޑި
މުޑުދާރު ކަމެކެވެ. މިއީ ހަޑި ހުތުރު ކަމެއްކަން ދެނެގަންނާކަށް މާބޮޑު ޢިލްމުތަކެއް
ނުލިބުނުނަމަވެސް، ސަލާމަތުންވާ ޢަދުލުވެރި ހަމަ ބުއްދިއަކުން ވިސްނާލައިފިނަމަ މިކަން
އެނގިގެންދާނެކަމެކެވެ.
އަނަސް ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. ((وُقِّتَ لَنَا فِى
قَصِّ الشَّارِبِ وَتَقْلِيمِ الأَظْفَارِ وَنَتْفِ الإِبْطِ وَحَلْقِ الْعَانَةِ
أَنْ لاَ نَتْرُكَ أَكْثَرَ مِنْ أَرْبَعِينَ لَيْلَةً.)) މާނައީ: މަތިމަސް ކޮށުމަށާއި، ނިޔަފަތިތައް ކެނޑުމަށާއި، ކިހިލިފަތްދަށުގެ އިސްތަށިތައް
އުފުރުމާއި، އައުރަ ގުނަން ވަށައިގެންވާ އިސްތަށިތައް ބޭލުމަށް ތިމަންމެނަށް ވަޤުތު
ކަނޑައެޅުނެއެވެ. (އެއީ) އެއިންކަމެއް ސާޅީސް ރެއަށްވުރެ ފަސްނުކުޅައުމެވެ.
ސާޅީސް ދުވަސް ފާއިތުވެ ދިއުމުގެ ކުރިން ނިޔަފަތި ކެނޑުމަކީ ވާޖިބެކެވެ. ނިޔަފަތި
ކެނޑުމަށާއި ކުރިމަތީފަރާތު އިސްތަށިތައް ބޭލުމަށާއި ކިހިލިފަތްދަށުގައިވާ އިސްތަށިއުފުރުމަށާއި
އަދި މަތިމަސްކުރުކުރުމަށް، ރަސޫލާ صلى الله عليه وسلم މީސްތަކުންނަށް ވަޤުތު ކަނޑައަޅުއްވާފައިވަނީ ސާޅީސްދުވަހެއެވެ. އެކަންތައްތައް
ނުކޮށް ސާޅީސް ދުވަހަށް ވުރެ ގިނަނުކުރާށެވެ. ألا
يُترك ذلك أكثر من أربعين ليلة هكذا ثبت عن النبي صلى الله عليه وسلم في صحيح مسلم
(258) މިފަދައިން ޞަޙީޙު މުސްލިމުގައި (258) ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ޘާބިތުވެފައިވެއެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަމަކަށް އަމުރުކުރައްވައިފި ނަމަ،
މުސްލިމު ފިރިހެނުންނާއި އަންހެނުންގެ މައްޗަށް ވާޖިބުވެގެންވަނީ މިކަންކަމަށް ސަމާލުވުމެވެ.
((وَمَا
آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا)) މާނައީ: އަދި ރަސޫލާ ތިޔަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ އެއްޗެއްގައި، ފަހެ،
ތިޔަބައިމީހުން ހިފާށެވެ! އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީކުރެއްވި ކޮންމެ
ކަމަކުން، ފަހެ، ތިޔަބައިމީހުން ދުރުވެގަންނާށެވެ! އަދިވެސް ވަޙީ ކުރައްވާފައިވެއެވެ.
((فَلْيَحْذَرِ
الَّذِينَ يُخَالِفُونَ عَنْ أَمْرِهِ أَنْ تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ
عَذَابٌ أَلِيمٌ)) މާނައީ: ފަހެ، އެކަލޭގެފާނުގެ އަމުރުފުޅާ
ޚިލާފުވާމީހުންނަށް ބަލާއެއް ނުވަތަ ވޭންދެނިވި ޢަޛާބެއް ޖެހިދާނެކަމަށް، އެއުރެން
ބިރުވެތިވާހުށިކަމެވެ!
މިބަސްފުޅުތަކަށް ކިޔަމަން ވާމީހެއްކަމުގައި ވާނަމަ ނިޔަފައްޗާއި މަތިމަހާއި ކުރިމަތިފަރާތުގެ
އިސްތަށިތަކާއި އަދި ކިހިލިފަތްދަށުގެ އިސްތަށިތައް ސާޅީސްދުވަހަށްވުރެ އިތުރަށް ދޫކޮށްނުލާށެވެ!
އަދި ޒީނަތްތެރިވާއިރުވެސް މާތްވެގެންވާ އިސްލާމްދީނުގެ ރިވެތި އުޞޫލުތަކުގެ ތެރެއިން
ޒީނަތްތެރިވުމަށް ސަމާލުކަންދިނުމަކީ ދުނިޔެއާއި އާޚިރަތުގައިވެސް އެމީހަކަށް އުފާވެރިކަން
ލިބިގެންދާނޭކަމެއްކަން ދަންނާށެވެ!
ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑަށާއި އަޅުގަނޑުގެ ލޮބުވެތި މުސްލިމު
އަޚުންނާއި އުޚުތުންނަށް ހެޔޮވިސްނުން ދެއްވާށި! އާމީން.
މަޞްދަރު:
ދިސަލަފިއްޔާ
No comments:
Post a Comment