Featured Post

Ombey

Wednesday, October 31, 2018

كيفية التيمم


ތަޔައްމުމުކުރުން

Related image
ލިޔުނީ: ޒީނަތު ލަބީބު.

ތަޔައްމުމު:

ތަޔައްމުމަކީކޮބައިހެއްޔެވެ؟ ތަޔައްމުމުކުރުން އެއީ އިސްލާމް ދީނުގައި ހުއްދަކަމެއް ހެއްޔެވެ؟
ބަހުގެ ގޮތުން ތަޔައްމުމުގެ މާނައީ ކަމެއްކުރުމަށް ގަސްދުކުރުމެވެ. ޝަރުޢީގޮތުން ތަޔައްމުމުގެ މާނައީ ﷲ ތަޢާލާއަށް އަޅުކަން އަދާކުރުމުގެ ގޮތުން މުޅިމޫނާއި ދެ އަތްތިލަ ޠާހިރުވެލިން ފުހުމެވެ. އިސްލާމް ދީނަކީ ލުއިފަސޭހަ ފުރިހަމަ ޝަރީޢަތެއްގެ މައްޗަށް
ބިނާވެގެންވާ ދީނެކެވެ. އެގޮތުން ތަޔައްމުމުކުރުމަކީ ﷲ ތަޢާލާ ދެއްވާފައިވާ ލުއިފަސޭހަ ކަމެކެވެ.

ތަޔައްމުމުކުރުން ހުއްދަކަމުގެ ދަލީލު:

ތަޔައްމުމުކުރުމަކީ ހުއްދަކަމެކެވެ. ތަޔައްމުމުކުރުން ޝަރުޢުވެގެންވާކަމެއް ކަމުގެ ދަލީލަކީ މާއިދާ ސޫރަތުގެ ހަވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. يَا أَيُّهَا الَّذِينَ آمَنُوا إِذَا قُمْتُمْ إِلَى الصَّلَاةِ فَاغْسِلُوا وُجُوهَكُمْ وَأَيْدِيَكُمْ إِلَى الْمَرَ‌افِقِ وَامْسَحُوا بِرُ‌ءُوسِكُمْ وَأَرْ‌جُلَكُمْ إِلَى الْكَعْبَيْنِ وَإِن كُنتُمْ جُنُبًا فَاطَّهَّرُ‌وا وَإِن كُنتُم مَّرْ‌ضَىٰ أَوْ عَلَىٰ سَفَرٍ‌ أَوْ جَاءَ أَحَدٌ مِّنكُم مِّنَ الْغَائِطِ أَوْ لَامَسْتُمُ النِّسَاءَ فَلَمْ تَجِدُوا مَاءً فَتَيَمَّمُوا صَعِيدًا طَيِّبًا فَامْسَحُوا بِوُجُوهِكُمْ وَأَيْدِيكُم مِّنْهُ مَا يُرِ‌يدُ اللَّـهُ لِيَجْعَلَ عَلَيْكُم مِّنْ حَرَ‌جٍ وَلَـٰكِن يُرِ‌يدُ لِيُطَهِّرَ‌كُمْ وَلِيُتِمَّ نِعْمَتَهُ عَلَيْكُمْ لَعَلَّكُمْ تَشْكُرُ‌ونَ [المائدة٦]  މާނައީ : އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ނަމާދަށް ތެދުވެއްޖެނަމަ، (އެބަހީ: ނަމާދުކުރަން ޤަޞްދުކޮށްފިނަމަ) ފަހެ، ތިޔަބައިމީހުންގެ މޫނުތަކާއި، ތިޔަބައިމީހުންގެ އަތްތައް، އުޅަނބޮށިތަކާ ހަމަޔަށް ދޮންނާށެވެ! އަދި ތިޔަބައިމީހުންގެ ބޯތަކުގައި ފެން ފުހޭށެވެ! އަދި ތިޔަބައިމީހުންގެ ފައިތައް ދެތަނބިކަށްޓާހަމަޔަށް ދޮންނާށެވެ! އަދި ޖުނުބުވެރިން ކަމުގައި ތިޔަބައިމީހުން ވެއްޖެނަމަ، ފަހެ، ތިޔަބައިމީހުން ޠާހިރުވެގަންނާށެވެ. (މުރާދަކީ: ހިނައިގަންނާށެވެ!) އަދި ތިޔަބައިމީހުންނީ ބަލިމީހުން ކަމުގައި ވެއްޖެނަމަ، ނުވަތަ ދަތުރެއްގެ މަތީގައި ވެއްޖެނަމަ، ނުވަތަ ތިޔަބައިމީހުންކުރެ މީހަކު ހަނޑަހުން އަތުވެއްޖެނަމަ، ނުވަތަ އަންހެނުންގައި ބީހިއްޖެނަމަ (މުރާދަކީ: ޖިމާޢުވެއްޖެނަމަ)، ދެން، ފެން ނުލިބިއްޖިއްޔާ ޠާހިރުވެލީން ތިޔަބައިމީހުން ތަޔައްމުމުކުރާށެވެ! ފަހެ، ތިޔަބައިމީހުންގެ މޫނުތަކާއި، އަތްތަކުގައި އެ ވެލީން ފުހޭށެވެ! ތިޔަބައިމީހުންގެ މައްޗަށް ދަތިކަމެއް ލެއްވުމަކަށް الله އިރާދައެއް ނުކުރައްވަތެވެ. އެހެނެއްކަމަކު އެކަލާނގެ އިރާދަކުރައްވަނީ ތިޔަބައިމީހުން ޠާޙިރުކުރެއްވުމަށާއި، ތިޔަބައިމީހުންގެ މައްޗަށް އެކަލާނގެ ނިޢުމަތް ފުރިހަމަ ކުރެއްވުމަށެވެ. އެއީ ތިޔަބައިމީހުން ޝުކުރުކުޅައުމަށްޓަކައެވެ.

ތަޔައްމުމުކުރެވޭ ހާލަތްތައް:

ތަޔައްމުމުކުރުމަކީ ވުޟޫކުރުން ނުވަތަ ހިނައިގަތުމުގެ ބަދަލުގައި ވާ ކަމެކެވެ. ތަޔައްމުމުކުރެވޭ ހާލަތްތަކަކީ ފެން ލިބެންނެތުން  ނުވަތަ ފެން ހުސްވެދާނެކަމަށް ބިރުހީވާނަމައެވެ. އަދި ފެން ހުރެމެ އެ ބޭނުންކުރަން ނުކުޅެދުންތެރިވެފައިވުމެވެ. ފެން އިސްތިޢުމާލުކުރުމަށް ނުކުޅެދުންތެރި ވެއްޖެނަމަ އޭ ބުނާ ބަހުގެ މުރާދަކީ  ބައްޔެއްގެ (ފެން ބޭނުން ނުކުރެވޭ ފަދަ ބަލިހާލުގައި) ސަބަބުން ނޫނީ ފިނިގަދަވުމުގެ ސަބަބުން ނުވަތަ ފުރާނައަށް ނުރައްކަލެއް ވެދާނެކަމުގެ ބިރު ހީވާނަމަ ނުވަތަ ހަށިގަނޑުގައި ފެންޖައްސައިފިނަމަ ގެއްލުމެއް ލިބިދާނެކަމަށް ބިރުހީވުމެވެ. ފެނުން ޠާހިރުވުމުން ހުއްދަވާ ކަންތައްތައް ކުރުމަށް ތަޔައްމުމުގެ ސަބަބުން ވެސް ހުއްދަވެގެންވެއެވެ. މިސާލަކަށް ނަމާދާއި، ޠަވާފާއި، ޤުރުއާން ކިޔެވުމާއި ޤުރުއާން އުފުލުން ފަދަ ކަންކަން، ތަޔައްމުމުކުރުމަށް ފަހު ކުރުން ހުއްދަވެގެންވެއެވެ. މިހާލަތްތަކުގައި ވާ މީހުންނަށް ރަށުގައި ޤާއިމުވެތިބެގެން ނުވަތަ ދަތުރުމަތީގައި ތަޔައްމުމުކުރުން ހުއްދަވެގެންވެއެވެ.

ތަޔައްމުގެ ސިފަތައް:

1.     ނިޔަތްގަތުން.
2.     ﷲގެ އިސްމުފުޅުން ފެށުން.
3.     ޠާހިރުވެލީގައި ދެއަތުން ޖަހައިލުން.
4.     ދެއަތުން މޫނުގައި ފުހުން.
5.     ދެ އަތްތިލައިގައި ފުހުން.

ތަޔައްމުމު ބާޠީލުވާކަންތައް:

ތަޔައްމުމު ބާޠިލުވާނީ ތަޔައްމުމުކުރަން މެދުވެރިވި ސަބަބު ފިލައިދިއުމުންނެވެ.
1.     ފެން ލިބުން. (ފެން ލިބުނީ ނަމާދުގެ ފަހުން ކަމުގައިވަނީނަމަ ނަމާދު އަލުން ކުރާކަށް ނުޖެހޭނެއެވެ.)
2.     ބަލި ރަނގަޅުވުން. (ބަލި ރަނގަޅުވުމުމަށްފަހު ވުޟޫގެ ބަދަލުގައި ނުވަތަ ހިނައިގަތުމުގެ ބަދަލުގައި ތަޔައްމުމުކުރުން ޞައްޙަވެގެންނުވެއެވެ.)
3.     ބިރުފިލައިދިއުން.
4.     މީގެ އިތުރުން ވުޟޫ ގެއްލޭފަދަކަމެއް މެދުވެރިވުމުން ވެސް ތަޔައްމުމު ބާޠިލުވާނެއެވެ.

ތަޔައްމުމުގެ ޝަރުޠު ހަމާވާ މީހާ ތަޔައްމުމުކުރުމަށްފަހު ފަރުޟު ނަމާދާއި ސުންނަތް ނަމާދު ކުރުން ވެސް ހުއްދައެވެ. ސަބަބަކީ އެމިހާ އެހުރީ ޠާހިރުކަންމަތީގައެވެ. عن أبي ذر قال: قال رسول الله صلى الله عليه وسلم : الصعيد الطيب طهور المسلم ، ولو إلى عشر سنين ما لم يجد الماء ، فإذا وجد الماء فليمسه بشرته ، فإن ذلك خير. މާނައީ: އަބީ ޛައްރުގެ އަރިހުން ރިވާވެގެންވެއެވެ. ރަސުލު ﷲ صلى الله عليه وسلم  ޙަދީޘް ކުރައްވާފައި ވެއެވެ. ޠާހިރު ވެލި މުސްލިމުން ޠާހިރުކޮށްދެއެވެ. އެއީ ދިހައަހަރުވަންދެން ފެންނުލިބުނުކަމުގައިވިޔަސްމެއެވެ. ދެން ފެންލިބޭހިނދު ފަހެ  ހަށިގަނޑުގައި އެފެން ޖައްސާހުށިކަމެވެ. ފަހެ އެއީ ހަމަ އެންމެ ރަނގަޅު ގޮތެވެ.  

ހަވާލާދިނުން:





https://binbaz.org.sa/fatwas/15967/ كيفية التيمم







No comments: