Saturday, October 13, 2018

Autism Awareness


އޯޓިޒަމް ހުންނަ ކުދިންނަށް ލޯތްބާއި އަޅާލުން ދެމާހިނގާ!

Image result for autism

ލިޔުނީ: ޒީނަތު ލަބީބު.

ކޮންމެ މީހަކީ ވެސް ތަފާތު ކުއްޖެކެވެ. އެކަމަކު ކޮންމެ ކުއްޖަކީ ވެސް ވަރަށް ހުނަރުވެރި މޮޅު މީހެކެވެ. ﷲ ތަޢާލާ އިންސާނުންނަށް ދެއްވާފައިވާ އެންމެ އަގުބޮޑު ނިޢުމަތަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ އާދެ! އެއީ  ފުރިހަމަ ސިއްޙަތެވެ. ﷲ ތަޢާލާ އިންސާނުންނަށް ނިޢްމަތް ދެއްވާފައިވަނީ އެކި މިންވަރަށެވެ. ހުރިހާ ނިޢްމަތެއް ކޮންމެ މީހަކަށް ނުލިބިދާނެއެވެ. އެގޮތުން ފުރިހަމަ ސިއްޙަތެއް ކޮންމެ އިންސާނަކަށް ނުލިބި ހިނގައިދާނެއެވެ. ތިޔަބައިމީހުންނަށް އެނގޭ ހެއްޔެވެ؟ ކޮންމެ މުސްލިމަކީ އަނެއް މުސްލިމާގެ އަޚެކެވެ. އެގޮތުން އަޅުގަނޑުމެންގެ މުޖުތަމަޢުގައި އުޅޭ ކޮންމެ މީހަކީ އަޅުގަނޑުމެންގެ އަޚެކެވެ. ރަނގަޅު މީހުންނަށް ވާން ބޭނުންނުވާނީ ފަހެ ކާކު ހެއްޔެވެ؟ ރަނގަޅު މީހަކަށް ވާން ބޭނުންނަމަ އެހެންވެއްޖެ ތިމާގެ ދުލުންނާއި ތިމާގެ އަތުން އެހެން މީހުން ސަލާމަތްކޮށްދޭށެވެ! އަޅުގަނޑުމެންގެ މުޖުތަމަޢުގައި ތިބޭ ހުރިހާ މީހުންނަކީ ފުރިހަމަ ސިއްހަތެއް ލިބިފައިވާ މީހުން ހެއްޔެވެ؟ ފަހަރެއްގާ އެހެން ނުވެދާނެއެވެ. މިހާރަކަށް އައިސް އަޅުގަނޑުމެންނަށް ވަރަށް ތަފާތު މީހުން ފެނެއެވެ. ބައެއް މީހުންނަކީ ވަރަށް ކަޅު މީހުންނެވެ. އަދި ބައެއް މީހުންނަކީ ވަރަށް ދޮން މީހުންނެވެ. އަދި ބައެއއ މީހުންނަކީ ވަރަށް މޮޅަށް ކުރަހާ ވަރަށް މޮޅަށް ކުޅޭ މީހުންނެވެ.  އަދި ބައެއް މީހުން މީހަކު ފެންނައިރަށް ހީލާނެއެވެ. އެހެންނަމަވެސް ބައެއް މީހުންނަކީ މީހަކު ހީލުމުން ހީލަން ވެސް ލަދުންއުޅޭ މީހުންނެވެ. މީހުންގެ ތެރޭގައި ވަރަށް މޮޅު މީހުންނާއި ދެރަ މީހުން ވެސް ތިބެއެވެ. ބައެއް މީހުންނަކީ ވަރަށް ރަނގަޅަށް ހަވާލުކުރެވޭ މަސައްކަތް ކުރާ މީހުންނެވެ. އަދި ބައެއްކުދިން މިހުން އެމީހުންގެ ނަމުން ގޮވާލާ އިރަށް ޖަވާބުދޭނެއެވެ. އެހެންނަމަވެސް ބައެއް މީހުންގެ ނަމުން ގޮވާލުމުން އެމީހުން އެކަމަށް ސަމާލުކަމެއް ނުދެއެވެ. މިގޮތަށް ﷲ އެމީހުން ލައްވާފައިވަނީ އެމީހުންނާއި އަޅުގަނޑުމެން  ވެސް އިމްތިހާން ކުރެއްވުމަށްކަން އެނގޭހެއްޔެވެ؟ އެމިހުންގެ ބަލިތަކަށް އެމީހުން ކެތްތެރިވޭތޯއެވެ. އަދި އަޅުގަނޑުމެން އެމީހުންނަށް އެހީތެރިވޭތޯއެވެ. ނޫންނަމަ އެމީހުން ބާކީކޮށްލައި ދެރަކޮށްލާތޯއެވެ. އެހެންވީމާ މިކަމަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހެއެވެ. މުޖުތަމަޢުގައި ތިބޭ މީހުންގެ ތެރޭގައި އަޅުގަނޑުމެންގެ އެހީތެރިކަމާއި ލޯބި ބޭނުންވާ ވަރަށް ގިނަ މީހުން ތިބެއެވެ. ލިޔުމުގެ އެހީގައި އަޅުގަނޑު ކިޔައިދޭން މިއުޅެނީ އަޅުގަނޑުމުންގެ އެހީތެރިަކަން ބޭނުންވާ އެފަދަ މީހުންގެ ވާހަކައެވެ. އެއީ އޯޓިޒަމް ކިޔާ ބައްޔެއްގެ ސަބަބުން އަޅުގަނޑުމެންނާ ކުޑަކޮށް ތަފާތުކޮށް އުޅޭ މީހުންތަކެކެވެ. އެކަހަލަ މީހުންނަށް އެހީވާންޖެހޭނެއެވެ. ﷲ ތަޢާލާގެ ލޯބި ލިބޭނީ އޭރުންނެވެ. ﷲ ތަޢާލާ ރީތިކަމަކަށް ނުވަތަ ކަޅުކަމަކަށް ނުބައްލަވައެވެ. ﷲ ތަޢާލާ ބައްލަވާވޮޑިގެންވަނީ މީހުންގެ އަޚްލާގަށެވެ. އަދި މީހުންގެ ޢަމަލަށެވެ. ދުނިޔޭގައި އެކިކަހަލަ މީހުން ތިއްބަސް ސުވަރުގެއަށް ދެވުމުން އެންމެން ތިބޭނީ އެއްގޮަތަކަށެވެ. އެއް އިސްކޮޅެއްގައެވެ. އެއްވެސް ކަހަލަ އުނިކަމެއް ނުހުންނާނެއެވެ. އެހެންކަމުން ސުވަރުގެއަށް ދެވޭތޯ މަސައްކަތްކުރާށެވެ!

އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރ އަކީ ކޮބާ؟

އޯޓިޒަމަކީ ކުއްޖާ ހެދިބޮޑުވުމުގައި ދިމާވާ މައްސަލައެކެވެ. މިއީ ސިނކުޑި މަސައްކަތްކުރާ ގޮތުގައި ހުންނަ ތަފާތުވުމެއްގެ ސަބަބުން ވާހަކަދެއްކުމާއި އިޖުތިމާޢީ ގުޅުން ހީނަރުވެ އެހެން މީހުންނާ މުޢާމަލާތްކުރުމުގައި ދަތިތަކެއް ހުރުމެވެ. އޯޓިޒަމަކީ ތުއްތު ކުދިންގެ 
ޢުމުރުން ފުރަތަމަ ދެތިން އަހަރުގެ ތެރޭގައި ފާހަގަ ކުރެވޭ ސިނކުޑި ތަރައްޤީވެ ހެދި ބޮޑުވުމުގައި ދިމާވާ މައްސަލަތަކެވެ. 

އޯޓިޒަމް ހުންނަ ކުދިންގެ ކިބައިން ފެނިދާނެ ކަންތައް:

އެހެން މީހުން ދައްކާ ވާހަކަ ތަކުރާރުކުރުން. (އިކޮލޭލިއާ)
އެހެން މީހުން ދައްކާ ވާހަކައަށް އަޅާނުލުމާއި ހަތަރު ކަޅި ހަމަ ނުކުރުން.
ވާހަކަ ދެއްކުމާއި މުޢާމަލާތްކުރުމުގައި ދަތިތަކެއް ހުރުން.
އެއްކަހަލަ ހަރަކާތްތަކެއް ހުރުން ނުވަތަ އެއްކަމެއްގައި  ކޮންމެ ދުވަހަކު ވެސް އެތައް ވަގުތެއް ހޭދަކުރުން.
ސަމާލުކަން ފަސޭހައިން ގެއްލުން.
ކުޅުމުގައި ތަފާތުތަކެއް ހުރުން.
ހިއްސުތަކުގައި ހުންނަ ތަފާތު.

އެހެން މީހުން ދައްކާ ވާހަކަ ތަކުރާރުކުރުން (އިކޮލޭލިއާ):

އިކޮލޭލިއާ އަކީ އެހެން މީހުން ކިޔާ އެއްޗެއް އެ އިވުނު ގޮތަށް ތަކުރާރު ކުރުމެވެ. ޢާއްމުކޮށް ހުރިހާ ކުދިން ވެސް ވާހަކަ ދައްކަން ފަށައިގަންނައިރު މިގޮތަށް ތަކުރާރުކުރާނެއެވެ. ނަމަވެސް ޢުމުރުން 3 އަހަރުވާއިރު މިކަން ހުއްޓި އަމިއްލަ ޖުމްލަތައް ބޭނުންކޮށްގެން ވާހަކަދައްކަން ފަށައެވެ. 3 އަހަރަށް ވުރެ ބޮޑުވާ ފަހުން މިގޮތަށް ތކުރާރުކުރުން ނުހުއްޓި ކުރިއަށްދާ ކަމުގައި ވަނީނަމަ މިއީ އޯޓިޒަމްގެ ޢަލާމާތަކަށް ވެދާނެއެވެ. މިގޮތަށް ތަކުރާރުކުރާ ކުދިން ޢާއްމުގޮތެއްގައި އެހެން މީހުން ދައްކާ ވާހަކަތައް އެމީހުން ބުނިގޮތަށް އަދި އެ ބުނި ރާގަކަށް ތަކުރާރުކުރެއެވެ.

އެހެން މީހުން ދައްކާ ވާހަކައަށް އަޅާނުލުމާއި ހަތަރު ކަޅި ހަމަ ނުކުރުން.

އެހެން މީހުން ދައްކާވާހަކަޔަށް އަޅާނުލުމާއި ވާހަކަދައްކާ އިރު އެހެން މީހުންގެ ލޮލަށް ނުބަލާ ވާހަކަ ދެއްކުމަކީ ވެސް އޯޓިޒަމް ކުދިންގެ ކިބައިން ފެންނަކަމެކެވެ. މިގޮތުން އެކުއްޖެއްގެ ނަމުން ގޮވާލުމުން އެމީހަކަށް ބަލާނުލުމާއި ވާހަކަދެއްކުމުން ވެސް ނުވަތަ ކަމެއްކުރުމަށް ބުނުމުން އަޅާނުލާ ހުރުން ހިމެނެއެވެ.

ވާހަކަ ދެއްކުމާއި މުޢާމަލާތްކުރުމުގައި ދަތިތަކެއް ހުރުން.

އެހެން މީހުން ދައްކާވާހަކަ ރަނގަޅަށް ދެނެގަތުމާއި ބުނަން ބޭނުންވާ އެއްޗެއް ރަނގަޅަށް ބުނެދޭން ނޭނގުމަކީ ވެސް އޯޓިޒަމް ހުންނަ ކުދިންނަށް ދިމާވާ ދަތިކަމެކެވެ. ޢާއްމުގޮތެއްގައި  ވާހަކަދައްކާ އޯޓިސްޓިކް ކުދިންނަށް ވެސް ނުސީދާކޮށް ނުވަތަ ސަމާސާއަކަށް މީހަކު އެއްޗެއް ބުނުމުން އެ ރަނގަޅަށް ދެނެގަންނަން އުނދަގޫވެއެވެ. މީގެ އިތުރުން އެކަކު އަނެކަކާ ވާހަކަތައް ބަދަލުކުރެވިގެން ފުރިހަމަ މުޢާމަލާތެއް ކުރިއަށް ގެންދަން ނޭނގުމަކީ ވެސް އޯޓިޒަމް ހުންނަ ކުއްޖެއްގެ ކިބައިން ފެނިދާނެ ކަމެކެވެ.
އެއްކަހަލަ ހަރަކާތްތަކެއް ހުރުން ނުވަތަ އެއްކަމެއްގައި  ކޮންމެ ދުވަހަކު ވެސް އެތައް ވަގުތެއް ހޭދަކުރުން.
އެއް ކަމެއްގައި ދުވަހުގެ ބޮޑުބައެއް ހޭދަކުރުމާއި އެއްކަހަލަ ހަރަކާތްތަކެއް ކުރުމަކީ ވެސް އޯޓިޒަމް ހުންނަ ކުދިންގެ ކިބައިން ޢާއްމުކޮށް ފެންނަ ކަމެކެވެ. މިސާލަކަށް ދެއަތް ތަޅުވާލަ ތަޅުވާލަ ހުރުން، ދެކޮޅަށް ހެލިލަ ހެލިލާ އިނުން، ކުޅޭ ކާރު ފަދަ އެއްޗެހި ލައިނަކަށް އެތުރުން ފަދަ ކަންތައް ހިމެނެއެވެ.

ސަމާލުކަން ފަސޭހައިން ގެއްލުން.

އޯޓިޒަމް ހުންނަ ކުދިންނަށް ޢާއްމުގޮތެއްގައި ކަމަކަށް ސަމާލުކަންދީގެން ގިނައިރު ހުރުމަކީ އުނދަގޫކަމެކެވެ. ޚާއްޞަކޮށް އެކުދިން ޝައުޤުވެރިނުވާ ކަމެއްކަމުގައި ވަނީނަމަ ފަސޭހައިން އެހެން ދިމާލަކަށް ސަމާލުކަންދެއެވެ. މިސާލަކަށް މަސައްކަތެއްކުރަން ހުރެފައި އެކަމެއް ނުނިމެނީސް އެހެން ކަމެއް ކުރުމަށް ދިއުން ހިމެނެއެވެ. 

ކުޅުމުގައި ތަފާތުތަކެއް ހުރުން.

އޯޓިޒަމް ހުންނަ ކުދިންނަށް އެހެން ކުދިން ކުޅޭ ކުޅިވަރުތައް ފެނި އެކުޅިވަރުތައް އެގޮތަށް ކުޅެން ނޭނގެއެވެ. ކުޅޭ އެއްޗެހި ބޭނުންކޮށްގެން ކުޅެންވާ ގޮތަށް ކުޅެން ވެސް ނޭނގެއެވެ. އެއްޗެއް ބޭނުންކުރަންވާ ގޮތް ނޫން އެހެންގޮތަކަށް ބޭނުންކުރުމަކީ ވެސް އޯޓިޒަމް ހުންނަ ކުދިންގެ ކިބައިން ފެނިދާނެ ކަމެކެވެ. މިސާލަކަށް ކުޅޭ ތަށްޓަކާއި ސަމުސަލެއް ދިނުމުން އެ ބޭނުންކޮށްގެން ކާ ގޮަތަށް ހަދާ ކުޅެން ނޭނގުން ފަދަ ކަންތައް ހިމެނެއެވެ. މީގެއިތުރުން ވެސް ވަކި ތަރުތީބަކުން ކުޅޭ ކުޅިވަރުތައް ކުޅުމުގައި އުނދަގޫކަމެއް ހުރުމާއި ބަތްކައްކާ ކުޅުން ފަދަ ކުޅިވަރުތައް ކުޅެން ނޭނގުން ފަދަ ކަންތަކަކީ އޯޓިޒަމް ހުންނަ ކުދިންގެ ކިބައިން ފެނިދާނެ ކަންތަކެވެ.

ހިއްސުތަކުގައި ހުންނަ ތަފާތު.

ކުދިންގެ ހިއްސުތައް މަސައްކަތްކުރުމުގައި އެކުދިންގެ ވަށައިގެންވާ މާހައުލުގާ ހިނގާ ކަންކަމުގެ ބޭނުންތެރި މަޢްލޫމާތު ނުވަތަ ކަންތައް ސިނކުޑި މެދުވެރިކޮށް ފުރާނާލާއެވެ. ސެންސަރީ މައްސަލަ ދިމާވުމަށް މެދުވެރިވަނީ ގުނަވަންތަކުން އެ ނަގައިގަންނަ މަޢްލޫމާތުތައް ސިނކުޑިއަށް ފޯރުކޮށްދިނުމުގައި ދިމާވާ މައްސަލައަކުންނެވެ. މީގެ ސަބަބުން ބީހުމާއި ވަސްދުވުމާއި ފެނުމުގައި މާބޮޑަށް އިހްސާސްވުން ނުވަތަ މާ ކުޑަކޮށް އިހްސާސްވުން މެދުވެރިވެއެވެ. މިކަމުގެ ސަބަބުން މި ކުދިންނަށް އެހެން މީހުންނާ އެއްގޮތައް އާދައިގެ ދިިއުޅުމެއް އުޅެން އުނދަގޫވެއެވެ. އަދި ޢާއްމު ދިރިއުޅުމުގައި ކުރަންޖެހޭ ކުދިކުދި ކަންތައްތައް ކުރަން ދަތިވެއެވެ. މީސާލަކަށް ގައިގާ ބީހުމުން ނުވަތަ ތަނެއްގާ ޖެހުމުން މާ ބޮޑަށް ނުވަތަ މާ ކުޑަކޮށް އިހްސާސްވެއެވެ. އަދި ބައެއްކަހަލަ އަޑުތަކަށް އޯޓިޒަމް ކުދިން ބިރުގަންނެއެވެ. އަދި ވަސް ދުވުމުގައި ވެސް މާބޮޑަށް ވަސްދުވުމާއި މާކުޑަކޮށް ވަސްދުވުން ފަދަ ކަންތައް ހިމެނެއެވެ.

އޯޓިޒަމަށް ފަރުވާއެއް.

އޯޓިޒަމް އަކީ މިހާތަނަށް ފަރުވާއެއް ހޯދިފައިވާ ބައްޔެއް ނޫނެވެ. ނަމަވެސް ދިރާސާތަކުން ސާބިތުވާގޮތުގައި  ކުއްޖާގެ ޢުމުރުން  ހަގުއިރު މައްސަލަހުރިކަން ދެނެގަނެވި، އެކަމުގެ ފަންނީ މާހިރުންގެ އެހީތެރިކަން ލިބޭ ކުދިންގެ ޢަލާމާތްތަކަށް ލުޔެއްލިބެއެވެ. މިތަމްރީންތަކުގެ އެހީގައި އެކުދިންނަކީ މީހަކަށް ބަރޯސާނުވެ އެކަނި އުޅެވޭވަރުގެ ކުދިންނަށް ވެގެންދެއެވެ. މުޖުތަމަޢެއްގައި ދިރިއުޅުމަށް ބޭނުންވާ އެކިއެކި ކަންތަކަށް ކުދިން ހާނުވައި، މީހުންނާ ގުޅިގެން ދިރިއުޅުމަށް ދަސްކޮށްދެއެވެ.

ހަވާލާދިނުން:

އެންއައިޑީސީ (2018). އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރ. 

No comments: