Featured Post

Ombey

Tuesday, October 16, 2018

Quran kiyevun


ޤުރުއާން ކިޔެވުން

Image result for reciting quran

ލިޔުނީ: ޒީނަތު ލަބީބު.

ކީރިތި ޤުރުއާނަކީ ނަބީކަމާއި ރަސޫލުކަން ޚަތިމްކުރެއްވި ކައުއިތުރު ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ މައްޗަށް ޖިބުރީލްގެފާނު މެދުވެރި ކުރައްވައި ބާވައިލެއްވި ހިދާޔަތުގެ އަލިގަދަ ނޫރު މުސްލިމުންގެ ދުސްތޫރު ކަމުގައިވާ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ވަޙީ ބަސްފުޅެވެ. ޤުރުއާން ކިޔެވުމުން މީހާގެ ތަޤުވާވެރިކަން އިތުރުވެ ހިތް އަލިކޮށްދެ އެވެ. ނުބައިކަންތަކާ މީހާ ދުރުކޮށްދެ އެވެ. ހަށިގަނޑާއި ނަފުސު ތާޒާކޮށް ކަރުހިއްކުން ފިލުވައިދެ އެވެ. ބަލިތަކުން ޝިފާލިބި ޙަޔާތަށް މީރުކަން ހޯދައިދެ އެވެ. ރޯދި ބަރަކާތް ތަނަވަސްވެގެންދެ އެވެ. ސުވަރުގެއަށް ވާޞިލުވުމަށް މަގު ފަހިކޮށްދެ އެވެ.
ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޚަބަރުދެއްވާފައިވަނީ ކީރިތި ޤުރުއާނުން ކިޔަވާ ކޮންމެ ޙަރުފަކަށް (އަކުރަކަށް)، ﷲ ތަޢާލާ 10 ޘަވާބު ދެއްވާނެކަމަށެވެ. މިސާލަކަށް: "ألم" އަލިފަކީ ޙަރުފެކެވެ. ލާމަކީ ޙަރުފެކެވެ. މީމަކީ ޙަރުފެެކެވެ. "ألم" ކިޔާލުމުން ތިރީސް ހެޔޮކަންވެ އެވެ. އަނަސްގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. ޤުރުއާން ކިޔަވާ މީހެއްގެ މިޘާލަކީ ނިޔަދުރެއްގެ މިޘާލެވެ. ނިޔަދުރުގެ ރަހަ ރަނގަޅެވެ. އަދި އޭގެ ވަސް ވެސް ރަނގަޅެވެ. ނުވަތަ އޭގެ ވަސް މީރެވެ. ޤުރުއާން ނުކިޔަވާ މީހެއްގެ މިޘާލަކީ ކަދުރެއްގެ މިޘާލެވެ. ކަދުރުގެ ރަހަ މީރެވެ. އެހެންނަމަވެސް އެއްވެސްކަހަލަ ވަހެއް ކަދުރުގަ ނުހުރެ އެވެ. ޤުރުއާން ކިޔަވާ ފާޖިރެއްގެ މިޘާލަކީ ގަނދަކޯޅީގެ މިޘާލެވެ. އޭގެ ވަސް ރަނގަޅެވެ. އެހެންނަމަވެސް އެގެ ރަހަ ހިއްޗެވެ. ޤުރުއާން ނުކިޔަވާ ފާޖިރެއްގެ މިޘާލަކީ ކެކުރިއެއްގެ މިޘާލެވެ. އޭގެ ރަހަ ނުބައެވެ. އަދި އެއްވެސް ކަހަލަ ވަހެއް އޭގައި ނުހުރެ އެވެ. ޤުރުއާން ކިޔަވާ މީހާގެ ދަރަޖަ ﷲ ތަޢާލާގެ ހަޟްރަތުގައި އުފުލިގެންވެ އެވެ. ޤުރުއާން ކިޔަވާ މީހުންގެ ނިމުން ﷲ ތަޢާލާ ރަނގަޅު ކޮށްދެއްވަ އެވެ. ސުވަރުގޭގެ ދަރަޖަތައް ވަނީ ޤުރުއާނުގެ އާޔަތްތަކުގެ ޢަދަދަށޭ ވެސް ބުނެއުޅެ އެވެ. (والله أعلم) ޤުރުއާން ކިޔަވާ މީހުންގެ މައްޗަށް ޤިޔާމަތްދުވަހުން ޤުރުއާން ޝަފާޢަތްތެރިވާނެ އެވެ. ޤުރުއާން ކިޔަވާ މީހާއަށްޓަކައި ސުވަރުގޭގައި މިންބަރެއް ބެހެއްޓޭނެ އެވެ. އަދި އޭނާއަށް ބުނެވޭނެ އެވެ. ކިޔަވާށެވެ! އަދި ތަރުތީލަކުރާށެވެ! އެއީ ތިބާ ދުނިޔެމަތީގައި ތަރުތީލަކުރި ފަދައިންނެވެ. ސުވަރުގޭގައި ތިބާގެ މަޤާމުވަނީ ތިބާ އެންމެފަހުން ކިޔެވި އާޔަތާއި ހަމައަށް އުފުލިގެންނެވެ.  
އެހެންކަމުން މުސްލިމުންގެ މައްޗަށް އޮތީ ގިނަގިނައިން ޤުރުއާން ކިޔެވުމެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ހެޔޮކަން ބޮޑުވެގެންވާ އަމަލަކީ މަދުންނަމަވެސް ދާއިމީކޮށް ކުރެވޭ ޢަމަލުތަކެވެ. އެހެންކަމުން ކިތަންމެ މަދުންނަމަވެސް ކިޔެވުމުގައި ދެމިހުންނަ ފޮތަކަށް ޤުރުއާން ހަދާށެވެ. އެހިތެއްގައި ޤުރުއާނުން މިންވަރެއް ނުވާ ހިތަކީ ރަޙްމަތުން ބޭރުވެފައިވާ ހިތެކޭ ދެންނެވުމަކީ ކުށަކަށް ވެދާނެތޯ އެވެ؟ ހަމަޔަގީނުން ވެސް ޖަވާބަކަށް ވާނީ ނޫނެކެވެ. އެމީހެއްގެ ހިތުގައި އިލާހީ ޤާނޫނު މުއުމިނުންގެ ދުސްތޫރަ ކަމުގައިވާ ޤުރުއާން ރައްކާކުރެވިފައިވާ ހިތަކަށް ﷲ ތަޢާލާ ޢަޛާބެއް ނުދެއްވާނެ އެވެ. އުންމަތުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި ކީރިތި ޤުރުއާން ތިލާވަތުކުރެއްވުން މަތީ ދެމިހުންނެވި އެވެ. އެއަށްފަހު އެކަލޭގެފާނުގެ ޞަޙާބީން ވެސް ޤުރުއާން ތިލާވަތުކުރެއްވުން މަތީ އެބޭކަލުންގެ ޙަޔާތް ވޭތުކުރެއްވި އެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ޙަރީޘް ބަސްފުޅެއްގެ މާނައިގައި ވެއެވެ. ތިޔަބައިމީހުންގެ ގެތައް މަޤުބަރާތަކަށް ނުހަދާށެވެ! ހަމަކަށަވަރުން އެ ގެއެއްގައި ސޫރަތުލް ބަޤަރާ ކިޔެވޭ ގެއަކުން ޝައިޠާނާ ފިލައިގެންދާނެ އެވެ.
ޝައިޠާނާގެ ނުބައި ވަސްވާސްތަކުންނާއި ޖިންނީންގެ ފަރާތުން ސަލާމަތްވާން އެދޭމީހާ ޤުރުއާން ކިޔެވުން ގިނަކުރާށެވެ! އަދި ތަފާތު ގަޑިތަކުގައި ކިޔުމަށް ވާރިދުވެފައިވާ އާޔަތްތައް އެގަޑިތަކުގައި ކިޔާށެވެ! މިސާލަކަށް ހެނދުނާ ހަވީރު އިޚްލާޞް ފަލަޤި ނާސީ ސޫރަތް ތިން ފަހަރު ކިޔާށެވެ! އޭރުން ހުރިހާ ނުރައްކަލަކުން ސަލާމަތްވުމަށް ފުދެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި ކުޑަކުދިންނަށް ޤުރުއާން ދަސްކޮށްދެއްވުމަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވި އެވެ. އެކަލޭގެފާނުގެ ޙަދީޘެއްގެ މާނައިގައި ވެއެވެ. މީސްތަކުންގެ ތެރެއިން އެންމެ ހެޔޮކަން ބޮޑީ ޤުރުއާން އުނގެނި އެ އުނގަންނައިދޭ މީހާ އެވެ. އެހެންކަމުން ތުއްތު ކުދިންގެ ހިތުގައި ޤުރުއާނަށް ލޯބި ޖައްސައި އެކުދިންނަށް ޤުރުއާން ކިޔަވައިދޭން ޖެހެއެވެ. މިއަދުގެ ކުޑަކުދިންނަކީ މާދަމާގެ މުސްތަޤުބަލް ބައްޓަންކުރަން ތިބޭނެ ކުދިންނެވެ. ފިޠުރަތުގެ ސާފުކަންމަތީ އެކުދިންގެ ފައިތިލަ ސާބިތުކޮށްދެވޭނީ ޤުރުއާނަށް އެކުދިންގެ ހިތުން ޖާގައެއް ހޯދައި އިލާހީ ނޫރުފުޅަށް އެކުދިންގެ ހިތާއި ސިނކުޑި ހުޅުވާލެވިގެންނެވެ. ތުއްތު އިރުން ފެށިގެން ޤުރުއާން ކިޔަވާ އަޑު ކުޑަ ކުދިންނަށް އިއްވާށެވެ. ޤުރުއާނުގެ މިޔުޒިކާއި އެއްވަރަށް އެކުދިންގެ ހިތުގެ ވިންދު އޭރުންދާނީ ހިނގަމުންނެވެ. ޤުރުއާނަކީ އެކުދިންނަށް ބީރައްޓެހި އެއްޗަކަށް އޭރަކުން ވެގެނެއް ނުދާނެއެވެ. ދަރިފުޅު ބޮޑުވަމުން ދާ ވަރަކުން ޤުރުއާން ކިޔެވުމަށް ތައްޔާރުކުރުވާށެވެ! އެހެން އެއްވެސް ހިޔަލެއް ނުވާ ދުވަހު ﷲ ގެ ޢަރުޝީގެ ހިޔާވަހިކަމަށް އެދޭ މީހާ ޤުރުއާން ކިޔެވުން ގިނަކުރާށެވެ!   

No comments: