Featured Post

Ombey

Monday, October 22, 2018

ވާހަކަ: ޢީދު ހަދިޔާ


ޢީދު ހަދިޔާ

Related image

ލިޔުނީ: ޒީނަތު ލަބީބު.

މިއަދަކީ ފިޠުރު ޢީދުގެ ފުރަތަމަ ދުވަހެވެ.  ޢުމަރު އޮތީ ނިދާފައެވެ. ޢުމަރު ނިދަންއޮތީ އޭނާގެ ރީތި ބޮޑު އެނދުގައެވެ. ކުއްލިއަކަށް ޢުމަރު ނިދިން ހޭލައިފިއެވެ. ޢުމަރަށް ހޭލެވުނީ ބަންގީގެ އަޑަށެވެ. ޢުމަރު ސަމާލުކަމާއެކު ބަންގީގެ ކަލިމަތައް އަޑުއަހަމުން އެކަލިމަތައް ތަކުރާރުކުރަމުން ދިޔައެވެ. ޢުމަރަކީ ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ދެކެ ވަރަށް ލޯބިވާ ކުއްޖެކެވެ. ބަންގީގެ ކަލިމަތައް ފަހަތުން އެކަލިމަތައް ތަކުރާރުކުރުމަށް ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ވަނީ އިރުޝާދުދެއްވާފައެވެ. އެހެންނަމަވެސް ބަންގީގެ ކަލިމަތަކުގެ ތެރެއިން حي على الصلاة، حي على الصلاة، حي على الفلاح، حي على الفلاح،  މިކަލިމަތަކުގެ ފަހަތުން ކިޔާނީ لَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ އެވެ.
ބަންގި ނިމުމާއެކު ޢުމަރު އަވަސް ފިޔަވަޅުތަކެއްގައި ގޮސް ފެންވަރައިގެން ވުޟޫކޮށްގެން މިސްކިތަށް ދިޔައެވެ. މިސްކިތަށް ދާން ގެއިން ނިކުންނަމުން ގެއިން ބޭރަށް ނިކުންނަމުން ކިޔަން ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ދަސްކޮށްދެއްވާފައިވާ ދުޢާ ތަކުގެ ތެރެއިން ދުޢާއެއްކިއެވެ. އެ ދުއާއަކީ بِسْمِ اللهِ، تَوَكَّلْتُ عَلَى اللهِ، وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ . މާނައީ: الله ގެ އިސްމުފުޅުގެ ބަރަކާތުން ނިކުންނަމެވެ. އަހުރެންގެ އެންމެހާ ކަންތައްތައް الله އާޙަވާލުކޮށްފީމެވެ. އަދި އެއްވެސް ހެޔޮކަމެއް ކުރުމުގެ ބާރެއްވެސް އަދި ނުބައިކަމަކުންސަލާމަތްވުމުގެ ބާރެއްވެސް اللهގެ ޙަޟްރަތުން މެނުވީ ނުވެއެވެ.
ޢުމަރު މިސްކިތަށް ވަންނަމުން މިސްކިތަށް ވަންނަމުން ކިޔަންޖެހޭ ދުޢާގެ ތެރެއިން ދުޢާއެއް ކިއެވެ. އެދުޢާއަކީ اللَّهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ. މާނައީ: ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! އިބަاللهގެ ރަޙުމަތުގެ ދޮރުކޮޅުތައް މިއަޅާއަށްޓަކައި ހުޅުއްވައިދެއްވާނދޭވެ!  އެއަށްފަހު ފަތިސް ނަމާދުގެ އިހު ސުންނަތް ދެރަކްޢަތް ކުރިއެވެ. އޭގެ އިރުކޮޅެއްފަހުން ފަތިސް ނަމާދު ޖަމާޢަތުގައި ކުރުމަށްފަހު ގެއަށް ދިޔައެވެ. ގެއަށްގޮސް ކޮޓަރި ދޮރުހުޅުވާލުމާއެކު ބޮޑު ޕާރުސަލެއް ފެނުނެވެ. ވަރަށް އުފަލުން ޕާރުސަލް ކަނޑައި ބަލާލިއިރު އޭގެ ތެރޭގައި އޮތީ ބައިސްކަލެވެ. ޢުމަރު ހިތާހިތުން ﷲއަށް ޙަމްދުކުރިއެވެ. ކޮންޕިއުޓަރަކާއި ބައިސްކަލެއް ދެއްވުން އެދި ޢުމަރު ﷲއަށް ދުޢާކުރާތާ ދުވަސްކޮޅެއްވަނީ ފާއިތުވެފައެވެ.
ދުވަހަކީ ފިޠުރު ޢީދު ދުވަސްކަމުން ޢީދު ނަމާދަށް ދިއުމަށް ތައްޔާރުވިއެވެ. ޢުމަރު ތައްޔާރުވެ ނިމުނުތަނާހެން މީހަކު ގޮވާލި އަޑު ޢުމަރަށް އިވުނެވެ. "ޢުމަރުގެ މަންމަ: ދަރިފުޅާ  ޢުމަރު، ތައްޔާރުވެއްޖެތަ؟ މަންމަ މިހިރީ ތައްޔާރަށް... އާދޭ އަވަހަށް". "ޢުމަރު: ލައްބަ މަންމާ، މިދަނީ". މަންމައާއި ޢުމަރު ދިޔައީ ސްޓޭޑިއަމުގައި އޮތް ބޮޑު ޖަމާޢާތަށެވެ. ޢުމަރު ދިޔައީ އޭނައަށް ލިބުނު އާ ބައިސްކަލުގައެވެ. މަންމަ ވެސް ދިޔައީ މަންމަގެ ބައިސްކަލުގައެވެ. ޢީދު ނަމާދު ފެށެންދެން ހުރިހާ އެންމެން ތަކުބީރުކިޔަމުން ގެންދިޔައެވެ. ޢީދު ނަމާދު ނިމުމުން ޢުމަރާއި މަންމަ އެންމެނަށް ސަލާންކޮށް ޢީދުތަހުނިޔާ ކިޔުމަށްފަހު ގެއަށްދިޔައެވެ. ގެއަށް ދިޔައީ ކުރިންއައި މަގުން ނޫން އެހެން މަގަކުންނެވެ. އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިރުޝާދުދެއްވާފައިވާ ގޮތެވެ. އެގޮތަށް ދިއުމުން ކުރިން ދިމާނުވާ މީހުންނާ ދިމާވެ ޢީދުގެ ތަހުނިޔާ ކިޔޭނެއެވެ.
ގެއަށް ދެވުމާއެކު ޢުމަރު މަންމަ އަވަސްވެގަތީ ސައި ތައްޔާރުކުރާށެވެ. ޢުމަރު ޓީވީ ބެލިއެވެ. ޓީވީން ފެންނަނީ ޙަރަމް ފުޅުގައި ޢީދު ނަމާދަށް ތައްޔާރުވަމުން ދިޔަ މަންޒަރެވެ. ކުއްލިއަކަށް މީހަކު ސަލާންގޮވާލި އަޑު އިވުނެވެ. ޖަވާބުގައި ޢުމަރު ސަލާމުގެ ޖަވާބު ދިނެވެ. އަދި އެއީ ކާކުތޯ ބަލާލިއެވެ. ޢުމަރަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. ދޮރުމަތީގައި ހުރީ ޢުމަރުގެ ބައްޕައެވެ. ބައްޕަގެ ކައިރީގައި ވަރަށް ބޮޑު ޕާރުސަލެއް ހުއްޓެވެ. ޢުމަރު އުފަލުން ގޮސް ބައްޕަ ގައިގައި އޮޅުލައިގަތެވެ. އަދި ޢީދުގެ ތަހުނިޔާ ކިއެވެ.
ބައްޕަ ގެނައި ޕާރުސަލް ކަނޑާ ބެލިއިރު އޭގެ ތެރޭގައި އޮތީ ކޮންޕިއުޓަރެކެވެ. ޢުމަރު ވަރަށް އުފާވިއެވެ. އަދި ﷲ އަށް ޙަމްދުކުރިއެވެ. އަދި މަންމަ އާއި ބައްޕަ އާއި އެކު ސައިބޮއިގެން ޢުމަރު ދިޔައީ ކޮޓަރިއަށެވެ. އަދި މަންމަ އާއި ބައްޕަ އަށް ދިނުމަށް ވަރަށް ރީތި ކާޑެއް ތައްޔާރުކުރިއެވެ. އެއަށްފަހު އެކާޑު މަންމަ އާއި ބައްޕައަށް ދިނެވެ. މި ޢީދަކީ ޢުމަރަށް ވަރަށް އުފާވެރި ޢީދެކެވެ.



No comments: