Wednesday, October 24, 2018

ވާހަކަ: މަސައްކަތްނުކުރާ މީހަކަށް ފެންނުބޮވޭނެ!


!!! މަސައްކަތްނުކުރާ މީހަކަށް ފެންނުބޮވޭނެ

 Related image

ލިޔުނީ: ޒީނަތު ލަބީބު.

ޖަންގަލީތަކުގެ ތެރެއިން ބިޔަ ބޮޑު ޖަންގައްޔެކެވެ. ބޮޑެތި ބިޔަ ގަސްތަކާއި ވިނަތަކުން ފުރިފައިވާ ހިތްގައިމު މަންޒިލެކެވެ. ޖަނަވާރުތައް އުފާކޮށް މަޖާކުރާ ތަނަކަށް މި ޖަންގަލި ވަނީ ވެފައެވެ. ޖަނަވާރުތަކުގެ ކުޅިވަރާއި ބައްދަލުވުންތައް މިތަނުގައި ބާއްވައެވެ. މި ޖަންގަލީގައި ރަސްކަންކުރަނީ ޖަނަވާރުތަކެވެ. މި ޖަންގަލީގެ މެދުގައި ވަރަށް ރީތި ފެންގަނޑެއް އޮވެއެވެ. މި ފެންގަނޑަށް ދީފައިވާާ ނަމަކީ ރަސްފެންގަނޑެވެ. މިއީ އޮއި ދެމޭ ގޮތަށް އޮންނަ ފެންގަނޑެއް ނޫނެވެ. މި ފެންގަނޑުން ޖަނަވާރުތައް އެއްޗެތީގެެ ކަރުހިއްކުން ފިލުވައި ފެންވަރައި ހަދައެވެ.

މި ޖަންގަލީގައި އުޅޭ ޖަނަވާރުތަކުގެ ތެރޭގައި ސިންގާ، ރާމާމަކުނު، މިނިކާވަގު، ހަރުފަ، ފުުއްލާ އަދި ޒަރާފާ ފަދަ ޖަނަވާރުތައް ހިމެނެއެވެ. މި ޖަންގަލީގެ ތާޖު އަޅުވާފައިވަނީ ބޮޑު ސިންގާގެ ބޮލުގައެވެ. އެއީ ވަރަށް ބޮޑު އަދި އެހައިމެ ވިސްނުންތޫނު އެއްޗެކެވެ. މި ސިންގާ މަޝްހޫރުވެފައިވަނީ ޢަދުލުވެރި ތެދުވެރި ސިންގާއެއްގެ ގޮތުގައެވެ. ޖަންގައްޔަށް ޖަނަވާރުތަކުގެ ހިތުގައި ޚާއްޞަމަޤާމެއްދީފައި ވެއެވެ. ޖަނަވާރުތައް ޖަންގަލި ދެކެ ވަރަށް ބޮޑަށް ލޯބި ވެއެވެ. އަދި ޖަންގަލީގެ ރަސްގެފާނު ހުރިހާ ޖަނަވާރުތައް ދެކެ ވެސް ލޯބިވެއެވެ. އެގޮތުން ކޮންމެ ދުވަހަކު އެއްފަހަރު ނަމަވެސް ހުރިހާ ޖަނަވާރުތަކަށް ޒިޔާރަތްކޮށް ބައްދަލުކުރެއެވެ. އާދައިގެމަތިން ޖަނާވާރުތަކުގެ ބައްދަލުވުން ބޭއްވުނު ދުވަހެކެވެ. ޖެހިގުގުރިއެއްގެ އަޑުފަށްގަނޑު ގަދަކަމުން ޖަނަވާރުތައް ސިއްސައިގެން ދިޔައެވެ. ކުއްލިއަކަށް ވާރޭވެހެން ފެށިއެވެ. ވާރޭ ވެހެން ފެށުމުން ބައްދަލުވުން ނިންމާލުމަށްފަހު ޖަނަވާރުތައް ދިޔައީ ފެނުގެ ކުޅިވަރުތައް ކުޅޭށެވެ. ފެންކުޅިލުން ފަދަ ތަފާތު ކުޅިވަރުތައް ކުޅެ ނިންމާލުމަށްފަހު ދުވަސް ނިންމާލީ އުފާވެރިކަމާއެކުގަ އެވެ.

ހޫނު މޫސުމުގައި މި ޖަންގައްޔަށް އެއްވެސް ވަރަކަށް ވާރޭނުވެހެއެވެ. ހޫނު މޫސުމުގައި ފެނަށްޖެހުމުގެ ސަބަބުން ވަރަށްގިނަ ޖަނަވާރުތައް މަރުވެއެވެ. މިކަމަށް ހައްލެއް ހޯދުމަކީ ޖަންގަލީގެ ރަސްގެފާނުގެ ވަރަށް ބޮޑަށް ބޭނުންވާކަމެކެވެ. އެހެންކަމުން ކުއްލި މަޝްވަރާ ބައްދަލުވުމެއް ބާއްވަން ރަސްގެފާނު އިޢްލާންކުރިއެވެ. ބައްދަލުވުމަށް ޖަންގަލީގައި އުޅޭ ހުރިހާ ޖަނަވާރުތައް ހާޒިރުވި އެވެ. މިއަހަރުގެ ހޫނު މޫސުން އެހެން އަހަރުތަކާއި ޚިލާފަށް ދިގުވެފައި އެ ސަރަހައްދަށް އެއްވެސް ވަރަކަށް ވާރޭ ނުވެހޭނެކަމުގެ ޚަބަރު ލިބިފައިވާކަމަށް ރަސްގެފާނުގެ ޚިޠާބުގައި ބުންޏެވެ. ޖަންގައްޔަށް ފެންލިބެން އޮންނަނީ ރަސްފެންގަނޑު އެކަންޏެވެ. މިކަމަށް ހައްލެއް ހޯދޭނެ މޮޅު ގޮތްތަކެއް ހޯދަން ފުރުޞަތުހުޅުވާލިއެވެ. ކުޑަކޮށް ކުރިއަށްޖެހިލަމުން އެތުގެ ޚިޔާލު ހުށަހެޅިއެވެ. "ހުރިހާ ޖަނަވާރުތައް ބައިވެރިވެގެން ބޮޑު ވަޅެއް ހަދަން ފެނޭ" އެވެ. މިޚިޔާލަށް ރަސްގެފާނު މަރުޙަބާކިއެވެ. އަދި އެ ޚިޔާލަށް ތާއީދު އޮތް މިންވަރެއް ބެލުމަށް ވޯޓެއް ނެގިއެވެ. މިނިކާވަގު ފިޔަވައި ބާކީ ހުރިހާ ޖަނަވާރަކަށް މި ޚިޔާލު ވަރަށް ކަމުދިޔައެވެ. އެހެންކަމުން އެމަސްކަތް ކުރުމަށް ނިންމިއެވެ.  

މަސައްކަތްކުރަމުން ދިޔައީ ވަރަށް ފޯރީގައެވެ. މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވީ ފިރިހެން ޖަނަވާރުތަކެވެ. އަންހެން ޖަނަވާރުންގެ މަސައްކަތަކަށް ވެފައިވަނީ ފިނި ބުއިންތަކާއި ކާއެއްޗެތި ތައްޔާރުކޮށްގެން އެތަނަށް ގެނައުމެވެ. މީގެ އިތުރުން މިމަސައްކަތުގެ ވަރުބަލިކަން އިހްސާސްވިޔަނުދިނުމަށް ލަވައާއި މަދަޙަކިޔާ ފޯރި ނެގުމެވެ. ތިރީސް ދުވަހުގެ ބުރަ މަސައްކަތުން ބޮޑު ވަޅެއް ކޮނެ ނިމިއްޖެއެވެ. މި ވަޅުގެ ފުޅާ މިނުގައި ސަތޭކަ ފޫޓު ހުރެއެވެ. އަދި ފުންމިނުގައި ދިހަ ފޫޓާއި ފަސްފޫޓު ހުރެއެވެެ. ދުރުން ބަލާލުމުން ވަޅު ފެންނާނީ ފެންގަނޑެއް ހެންނެވެ. ވަޅު ތައްޔާރުކޮށް ނިމުމުން ޕާޓީއެއް ބާއްވަން ރަސްގެފާނު ނިންމިއެވެ. އެގޮތުން ބޮޑު ޕާޓީއެއް ވަޅުގެ ކައިރީގައި ބޭއްވުނެވެ. ޕާޓީގައި މިވަޅަށް ނަމެއް ދިނެވެ. ނަމަކަށް ކިޔާފައިވަނީ "އެކުވެރިކަމުގެ ނަމޫނާ" އެވެ. ޕާޓީގެ ބުއިމަކަށް ހުރީ މިވަޅުގެ ފެނެވެ. މި ޕާޓީއަށް މިނިކާވަގުގެ ޢާއިލާއަށް ވެސް ދަޢުވަތުދިނެވެ. އެހެންނަމަވެސް މިނިކާވަގުގެ ޢާއިލާއިން އެންމެ މިނިކާވަގެއް ވެސް ޕާޓީއަކަށް ނުދެއެވެ. އެހެންކަމުން ޖަނަވާރުތައް ކާއެއްޗެހި ބަންދުކޮށްގެން މިނިކާވަގުގެ ޢާއިލާއަށް ދިޔައެވެ. މިދުވަހަކީ މިނިކާވަގު ވަރަށް ދެރަވެ ލަދުގަތް ދުވަހެކެވެ. މިނިކާވަގު ވަރަށް ބޮޑަށް މާފަށް އެދުނެވެ. އަދި އެމަސައްކަތުގައި ބައިވެރިނުވީ އެއީ ކުރެވިދާނެ މަސައްކަތެއްކަމަށް ގަބޫލުނުކުރެވޭތީ ކަމަށް މިނިކާވަގު ބުންޏެވެ.

ހޫނު މޫސުން ފެށިއްޖެއެވެ. ކޮންމެ ދުވަހަކު ވެސް ހުރިހާ ޖަނަވާރުތައް ފެންބުއިމަށާއި ފެންވެރުމަށް ފެންގަނޑު ކައިރިއަށް ދެއެވެ. ދުވަސްތަކެއް ފާއިތުވަމުން ގޮސް ފެންފަނޑުން ފެން ހުސްވެއްޖެއެވެ. ފެންގަނޑުން ފެން ހުސްވުމުން ޖަނަވާރުތައް ދާންފެށީ އެއެއްޗެހީގެ ބުރަ މަސައްކަތުން ތައްޔާރުކުރި ފެންވަޅުގެ ކައިރިއަށެވެ. އެހެންނަމަވެސް މިތަނަކަށް މިނިކާވަގުތައް ނުދެއެވެ. އަދި އެހެން ޖަނަވާރުތައް ފެންބޮއި ފެންވަރާތަން ބަލަން ދުރުގައި ތިބެއެވެ. މިމަންޒަރު ސިންގާ ރަސްގެފާނަށް ފެނުނެވެ. އަދި މިނިކާވަގުތަކާއި ބައްދަލުކުރިއެވެ. މިނިކާވަގުގެ ތެރެއިން އެންމެ ދޮށީ މިނިކާވަގު ލަދުންހުރެ ސުވާލެއް ކުރިއެވެ. މަސައްކަތް ނުކުރާ ބަޔަކަށް އެވަޅުން ފެންބޯން ހުއްދަ ދެވިދާނެތޯއެވެ؟ ސިންގާ ނިންމީ މިކަމަށް ވެސް ޖަނަވާރުންގެ ޚިޔާލެއް ހޯދުމަށެވެ. އެގޮތުން ހުރިހާ ޖަނަވާރުތަކަށް ބައްދަލުވުމަށް ދަޢުވަތުދިނެވެ. ޖަނާވާރުންތައް ނިންމީ މިނިކާވަގުގެ ޢާއިލާއަށް ފެންދިނުމަށެވެ. ބައްދަލުވުމުގެ އެންމެ ކުޑަ ބައިވެރިއެއްގެ ގޮތުގައި އިން ފުއްލާ ކުޑަކޮށް ކުރިއަށް ޖެހިލުމަށްފަހު ބުންޏެވެ. އަޅުގަނޑުމެން ވަނީ ފެން ހޯދުމަށް މަސައްކަތްކޮށްފައެވެ. މަސައްކަތެއްކުރިޔަސް ﷲ އިރާދަ ނުކުރާނަމަ އެވަޅަކަށް ފެނެއް ނާރާނެއެވެ. މިނިކާވަގުގެ ޢާއިލާއަށް ފެންދިނުމަށް ޖަނަވާރުތައް ނިންމިއެވެ. ސިންގާ ރަސްގެފާނު މިނިކާވަގަށް ނަސޭހަތްދިނުމަށްފަހު ފެންބުއިމުގެ ހުއްދަދިނެވެ. އޭގެފަހުން މި ޖަންގަލީގައި ކުރާ ހުރިހާ މަސައްކަތެއްގައި މިނިކާވަގުގެ ޢާއިލާއިން ބައިވެރިވެއެވެ.    



No comments: