Friday, September 22, 2023

ފަހުރުވެރި އުތީމުގަނޑުވަރު

ފަހުރުވެރި އުތީމުގަނޑުވަރު


ލިޔުނީ: ފަތުޙުﷲ އަޙްމަދު (2021)

          ހުދުކުލައިގެ އެ ދޮރާށި ކައިރިއަށް ހުއްޓިލުމަށްފަހު، ކިޔައިލެވުނީ ޕުލާސްޓިކް ބޯޑުގައި ކަޅުކުލައިގެ ދެލިން ފަވާލައިފައިވާ ނަމެވެ. ދެފަރަތާށް ބަލައިލުމުން ވެސް ފެންނަނީ އެއް މަންޒަރެކެވެ. ދައުލަތުގެ ނިޝާނުގެ ތިރިން ތަނުގެ ނަން ސާދާ އަކުރު ތަކަކުން ފަވާލައިފައިވާ ތަނެވެ. އެއް ބޯޑުގައި ނަން އޮތީ ތާނައިންނެވެ. އަނެއް ބޯޑުގައި ނަން އޮތީ އިނގިރޭސިންނެވެ. އަކުރުތަކުގައި ފިލި ޖަހައިލަމުން ބޯޑުގައިވާ ނަން ދެފަހަރަކު ކިޔައިލެވުނެވެ. އެންމެ ފަހު ފަހަރަށް ހިތުން އެ ނަން ކިޔައިލެވުނެވެ. އާއެކެވެ. ހުއްޓި މި ހުރެވުނީ އެ ގަނޑުވަރެއް ދުށުމަށް އެތައް ބަޔަކު ބޭނުންވާ ފަހުރުވެރި އުތީމުގަނޑުވަރުގެ މައި ދޮރުގެ ކުރިމަތީގައެވެ.

          އުނަގަނޑާ ހަމައަށް އަރާވަރުގެ ހަތަރެސްކަން ބައްޓަމުގެ މެދުން، ތޭރިތަކެއް ގޮތަށް ގަތައިލައިފައިވާ ގަނޑުވަރުގެ މައި ދޮރު ހުޅުވާލުމާއެކު ލޮލުގައި އަޅައިގަތީ ކުރިމަތީގައިވާ ހުދު ފާރުތަކެވެ. އާދައިގެ މީހެއްގެ އުނަގަނޑުން މައްޗަށް އަރާވަރުގެ ވަނާލި އެ ފާރުތަކުގައި އުފުލައިލެވިފައިވާ ކުރިބޯށިތަކެވެ. ތަންކޮޅެއް ތިރިއަށް ބަލައިލެވުނެވެ. ފާރުގެ މެދުގައިވާ ހަވާސާ ދޫކޮށްލުމަށްފަހު ކަނޑައިފައިވާ ހަތަރެސްކަން ގޮޅީގެ ސަބަބުން އިތުރު ފުރިހަމަ ކަމެއް ގެނުވައިދެއެވެ. އެއަށްވުރެ ތިރިއަށް ކަޅި ހިންގައިލެވުނެވެ. ލޮލުގައި އަޅައިގަތީ ވެލިގަނޑާ ހަމައިން ދަމާލެވިފައިވާ ކަޅު ފަށެވެ.

          ގަނޑުވަރުން ވަންނަ މައި ދޮރުކައިރިއަށް ފައިވާން ދޫކޮށްލުމަށްފަހު، އެތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު ފައިގެ ދަށްފުށަށް ކުރެވެމުން ދިޔަ އިހުސާސްގެ ސަބަބުން ގައިން ހީނބިހި ނަގައިގަތެވެ. އަމިއްލަ ހިޔަނީގެ ބޮލަށް ފައިން އަރަމުން، ހޫނުވެފައިވާ ކަށިވެލިގަނޑު މަތީގައި ހިނގައިލުމާއެކު އާދަޔާ ޚިލާފު އަރާމެއް ލިބެމުން ދިޔައެވެ. ފަނަރަވަރަކަށް ފިޔަވަޅާއެކު ވަނާލި ފާރުތައް ކައިރިއަށް ހުއްޓިލުމަށްފަހު ބަކަރި ފުޅަށް ހުޅުވާލީމެވެ. މުށެއްހާވަރަށް ކަކޫ ލަނބައިލުމުން އޮޅި ގިރާކޮށްލެވުނެވެ. ދެތިން ފިޔަވަޅު ކުރިއަށް އަޅައިލެވުނު އިރު ހުރެވުނީ ގަނޑުވަރުގައިވާ ބޮޑު ގެކޮޅު ދޮރުމަތީގައެވެ. ކުޑަކޮށް ގުދުވެލަމުން ބޯ ތިރިކޮށްލައި ކަކޫ ލަނބައިލީމެވެ. ކަށިމައްޗާ ހަމާގައިވާ އޮޅި ހުރަސްކުރުމަށްފަހު ކަނާއަތު ފައި ޖައްސައިލީމެވެ. ކުރެވުނީ ހިމުން ދޮންވެލީގެ އިހުސާސެވެ. ނޭވާ އެތެރެއަށް ދަމައިލުމާއެކު ހިނދުރީގައި ހަރުލީ ލަކުޑީގެ ވަހެވެ. އެ ވަހުގެ މައްޗަށް އިތުރު ވަހެއް ގަދަވަމުން ދިޔަހެން ހީނވިއެވެ.

          އެތެރެއަށް އެޅުނު ފިޔަވަޅާއެކު ވައަތްފަރާތަށް ބަލައިލެވުނީ ވައަތު ފައިގެ ބޮޑުވާ އިނގިލި އެއްޗެއްގައި ޖެހުމުންނެވެ. އެއީ ހައިވަކަރުން ހަދާފައިވާ ބޮޑު އަށްޓެކެވެ. އަށިމަތީގައި އޮތީ ދިވެހިވަންތަ ބޮޑު ތުނޑުކުނަލެކެވެ. ކުނަލުގައި ޢަރަބި އަކުރުން، ކަޅުކުލައިން ލިޔެފައިވާ ޢިބާރަތް ސިއްރުސިއްރުން ކިޔައިލެވުނެވެ. "އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން އިސްކަންދަރު، 3"ގެ ތިރިއަށް އޮތް ފޮޅުވަތުގައި ޢަރަބިބަހުން "ބޮޑުތަކުރުފާނު" ލިޔެފައި އޮތުމުން ފާޑެއްގެ ހިންޏެއް ވެސް އައެވެ. ހަމަ އެ ކުނަލުގެ މެދުގައިވާ މަންޒަރާ އެއް ވަޒަނަކަށް ހެނދުނު ފޮޅުނު ހުވަނދުމާތައް ހިނިތުންވެލައިގެން މެހެމާނުންނަށް މަރުހަބާ ކިޔައިލަކިޔައިލާ ތިއްބެވެ. ބޮޑު އަށީގެ ފަހަތުގައި ހައިވަކަރު ބޮޑު ފޮށްޓެއް ހުއްޓެވެ. އެއީ ހަނގުރާމަ މަތީގައި ބޮޑުތަކުރުފާނު ގެންގުޅުއްވި ފޮށިކޮޅެވެ. އަށީގެ މެދެއްހާ ހިސާބު ބިތް ކައިރީގައި އިތުރު ފޮށްޓަކާއި ކުޑަވަރެއްގެ މޭޒެއް ވެސް ތަކުރުފާނުގެ ތަރިކައަށް ސަނާކިޔަން ތިބީ އުތީމުގެ ރައްޔިތުން ލޯތްބާއެކު އެ ފުރާޅުގެ ދަށަށް ގެނައީތީ ފަހުރުވެރިވާ ހާލުގައެވެ.

          ކުރިއަށް އެޅި ފިޔަވަޅާއެކު ކަންފަތު ފޫޅުގަނޑުގައި ފިރުމައިލީ އެލުވާފައިވާ ހަތްވޮށްލީ ބައްތީގެ އަރިމަތިން ނިކުމެހުރި ތަންކޮޅެވެ. ބައްތިއަށް ލިބުނު ހައިރާންކަމާއެކު ހެލިލިއެވެ. ބައްތި ހުއްޓުވުމަށް ނެގި އިނގިލި ސިއްރުން ލަނބައިލަން ޖެހުނީ ހުއްދަނެތް ހަރަކާތަކަށްވީމައެވެ. އެ ބައްތި ހިސާބަކަށް ބާވެފައި ހުއްޓަސް ހިރަފުހުގެ ނިޝާނެއް ނެތެވެ. ހަކީގެ އަސަރެއް ނެތެވެ. ތަނުގެ ބެލެހެއްޓުންތެރިންގެ ފަރުވާތެރިކަމަށް ހިތާއި ހިތުން ތަޢުރީފުކުރެވުނެވެ. މަޑުމަޑުން އެތެރެއަށް ނޭވާ ދަމައިލެވުނެވެ. ނޭފަތުގެ ތެރެއަށް ވަދެގެން ދިޔައީ ލޮއިވަހެވެ. އެ ވަސް ގޮސް ހަރުލީ ސިކުނޑީގެ އެންމެ ހިމަ ނާރުގައެވެ. އެ ފިޔަވަޅު މަތީ ހުރެ ތަންކޮޅެއް ތިރިއަށް ބަލައިލެވުނެވެ. ސިފަވީ ކުދިކުދި މަސްގޮނޑިތަކެކެވެ. އެހެނަސް އެއީ މަރަވަޅިތަކެކެވެ. ލަކުޑީން ހަދާފައިވާ ސާދާ ފައިވާންތަކެކެވެ.

          މަޑުމަޑުން ކުރިއަށް ޖެހިލީމެވެ. ހުދުކުލައިގެ ވަށާދެމިތަކުން ޒީނަތްކޮށްފައިވާ އުނދޯލި ދާންކޮޅުގެ ދެ އަރިމަތީގައި  މެހުމާނުންނަށް މަރުހަބާ ކިޔަން ރަތްކުލައިގެ ފޮތިން ޒީނަތްކޮށްފައިވާ ދެ ގޮނޑި ހިނިތުންވެގެން ތިބީ އުނގަށް ހުވަނދުމާ އަޅައިގެންނެވެ. ހުވަނދު މަލުގެ ވަސް ސިކުނޑިއާ ހަމައަށް ފޯރިއެވެ. އެހެންވެ ދެ ފަހަރަކު އެތެރެއަށް ނޭވާ ދަމައިލެވުނެވެ. ލަކުޑީގެ ވަހުގެ މައްޗަށް މުޅި ތަނުގައި ގަދަވެ ގަނެގެން އުޅެނީ އެ ވަސްކަމަށް ނިންމީމެވެ.

          މެދުގެއިން، އެތެރެގެއަށް މިސްރާބު ޖެހީމެވެ. ވަށާދެމި ސަނދުވާތަކާއި ބޯ ކިރުކޮޅެއް ފަދަ ހުދު ފޮތިގަނޑުގައި ކަޅި ތަތްވިއެވެ. އުނދޯލި ދާންކޮޅު ވަށައިގެން ދަމާފައިވާ އެ ފޮތިގަނޑަށް ބަލަން ހުރެވުނެވެ. ބޭރުން އަލި ވަންނަ ގޮތަށް ހުރި ދިމާއިން ފޮތިގަނޑަށް އެޅިފައިވާ ހިޔަނީގެ ސަބަބުންނެވެ. އެހެން ހިޔަނިތައް ފެންނަނީ ކަޅާއި ހުދުން ކަމުގައި ވިޔަސް އެ ހިޔަނި ފެންނަނީ ކުލަކޮށްނެވެ. ދެ ފަހަރަކު ހިޔަންޏަށް ބަލައިލީމެވެ. ފެންނަމުން ދިޔައީ ވިދުންގަދަ ގުއްބެކެވެ. ރަނގަޅަށް ވިސްނައިލުމުން ވާގޮތް އެނގުނެވެ. އެއީ ގަނޑުވަރާ އިންވެގެން ހުރި އުތީމު ބަންޑާރައިންގެ މިސްކިތުގެ ރަންކުލައިގެ ގުއްބުކަން ޔަގީންވިއެވެ. މިއީ އެ ކިޔާ "ޕިން ހޯލް" ތިއަރީގެ އަސްލު މަންޒަރެކޭ ހިތަށް އެރިއެވެ.

          ގަނޑުވަރުގެ ތެރެއިން ބޭރަށް ނުކުމެ ލަކުޑިތަކުގައި އަތްފިރުމުނެވެ. ކީލިކޮޅެއްހާ ހިސާބު ވެސް އިނގިއްޔަށް ހަމަލާ ނުދިނީ އެ ފިލާތަކުގެ އޮމާންކަމުންނެވެ. މަރިޔާދުގެއަށް ބޯދިއްކޮށްލައި ބަލައިލެވުނެވެ. އެ ތަނުގައި ހުރި ރީތި އަދަރާދަ ގޮނޑީގައި ކަޅި ތަތްވިއެވެ. މެހެމާންސަރާ އަކަށް ފުދި އިތުރުވާ ހިތްގައިމު ތަނެކެވެ. އެ ސަރާ ވަށައިގެން ހިނގައިލެވުނެވެ. ހައިރާންކަމާއެކު ބަލަން ހުރެވުނީ ނުހުޅުވޭ ދޮރެއްގެ ވާހަކަ އިވުމުންނެވެ. އެ ދޮރުހުޅުވުމަށް ކުރި މަސައްކަތާގުޅޭ މައުލޫމާތުން އިތުރު ސުވާލުތަކެއް އުފެދުނެވެ. ނަމަވެސް، އެއީ ގަދީމީ ތަރިކައެއްވީމަ އަޖުމަ ބަލައިލަން ވެސް ގޮތެއް ހަދައިލެވޭކަށް ނެތެވެ.

          ސުވާލުތައް ބޮލަށް ލައިގެން މަރިޔާދު ގެއިން ނުކުމެ މިސްރާބު ޖެހީ އަށިގެއާއި މައިދޮރާށްޓާ ދެމެދު، އިންފާރާ ދާދި ކައިރީގައި ހަތަރެސްކަން ބައްޓަމަށް ތިރިތިރިކޮށް ހުރި ލެއްގިވަޅާ ދިމާއަށެވެ. އޮމާން ޓިނުން ހަދައި ފެހިކުލައިގެ ދަވާދުލައިފައިވާ ވަޅުގެ މަތި ހިއްލައިލުމާއެކު ކަންފަތުގެ އެންމެ ހިމަ ނާރުތައް ވެސް ހޭލާން މަޖުބޫރުވާ ކަހަލަ އަޑެއް އިވުނެވެ. މަތި ހިއްލައިލުމަށްފަހު އެތެރެއަށް ބަލައިލީމެވެ. ސާފު އުޑުގެ ތަސްވީރާއެކު އަމިއްލަ ސޫރަ ވެސް ވަޅުތެރެއިން ރިވެލިވިއެވެ. އެއީ ފުންވަޅެކެވެ. ވަޅުތެރެއަށް ދާނި ކޮށްޕާލުމާއެކު ޕޮއްކިޔައިފައި އިވުނު އަޑާއެކު ފެންގަނޑުން ބާނިތައް ނަށަން ފެށިއެވެ. ފެން ކޯވަރެއް ބޮއެލުމާއެކު އަރުތެރެއަށް ފިނިކަން އިހުސާސްވިއެވެ. ދެވަނަ ފަހަރަށް ފެން ބޮއެލެވުނީ ފެނުގައި ހުރި އާދަޔާ ޚިލާފު މީރު ރަހައެއްގެ ސަބަބުންނެވެ. ކަނާއަތް ގޮށިކޮށްލުމަށްފަހު ފެން ފޮދެއް މޫނުގައި އުނގުޅައިލީމެވެ. ސުބުހާނަﷲއެވެ. ފަޅި ސިކުންތެއްގެ ތެރޭގައި މީހާ މުޅިން ތާޒާވެލިއެވެ. ހިނިތުންވެލެވުނީ އެ ވަޅުން ފެން ބޮއެފި ނަމަ ދެން ވެދާނެ ގޮތާ މެދުކިޔަމުންދާ ފޯކުލޯރ ހަގީގަތަކަށްވޭތޯ ހިތާހިތާ ދުޢާކޮށްލަމުންނެވެ. އެއީ އެ ގަނޑުވަރަށް ވަދެލުމުގެ އިތުރު ފުރުސަތެއް ބޭނުންވާތީއެވެ. 

          ވަޅުމަތީގައި ދާނި ބާއްވާލުމަށްފަހު ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އުތީމު ގަނޑުވަރުގެ ގޯތި ތެރޭގައިވާ މާހައުލަށް ބަލައިލެވުނެވެ. ފެންނަނީ މަސައްކަތްތެރިކަމެވެ. އުފެއްދުންތެރިކަމެވެ. ތަރުތީބުކަމެވެ. ސާދާ ދިރިއުޅުމެވެ. ތަންކޮޅެއް ފުންކޮށް ވިސްނައިލުމުން ކުރެވޭނީ އަމިއްލަ ގެދޮރާއި މުދާ ދޫކޮށް ޤައުމަށް ޓަކައި ފިދާވި އާއިލާއެއްގެ ހަނދާނެވެ. ކުރެވުނު އިހުސާސްތަކާއި ލިބުނު ތަޖުރިބާތައް ހިތުގެ މަކާނުގައި ގަޓަރި ޖަހައިލުމަށް ދޫކޮށްލުމަށްފަހު، ލަސް ފިޔަވަޅުތަކެއް އަޅަމުން ބޭރަށް ނުކުތީމެވެ. ބޭރަށް ނުކުމެ މިފަހަރު ބަލައިލެވުނީ އިނގިރޭސިން ފަވާފައިވާ ނަން ބޯޑަށެވެ. ސިކުނޑިއަށް ތަރުޖަމާ ތިލަވިއެވެ. ބަސް ތަފާތު ނަމަވެސް ނަމުގައި ތަފާތެއް ނެތެވެ. އެއީ ހަމަ ފަހުރުވެރި އުތީމުގަނޑުވަރެވެ.

  

No comments: