ކެއުމުގެ އަދަބުތައް
ލިޔުނީ: ޒީނަތު ލަބީބު.
ކެއުމުގެ ކުރިން އެންމެ ފުރަތަމަ ކަމެއްގެ ގޮތުން ކާން އުޅޭ އެއްޗަކީ ޙަލާލު
އެއްޗެއްތޯ ބަލާށެވެ. ﷲ ތަޢާލާ ބަޤަރާ ސޫރަތުގެ 172 ވަނަ އާޔަތުގައި
ވަޙީކުރައްވާފައި ވެއެވެ. يَا أَيُّهَا الَّذِينَ
آمَنُوا كُلُوا مِن طَيِّبَاتِ مَا رَزَقْنَاكُمْ - البقرة 172 މާނައީ: " އޭ އީމާންވެއްޖެ މީސްތަކުންނޭވެ!
ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި (ރިޒްޤުކުރެއްވި) ޙަލާލުތަކެތިން
ތިޔަބައި މީހުން ކައިބޮއި އުޅޭށެވެ!" އެއަށްފަހު ދެއަތްތިލަ ރަނގަޅަށް ދޮންނަން ޖެހެއެވެ. (އަތުގައި ހުރި ހަޑިއެއް
ރަނގަޅަށް ފިލަންދެން ދޮންނާށެވެ!) އެއީ ސިއްހީ ގޮތުންވެސް އެންމެ ރަނގަޅު ގޮތެވެ.
އެންމެ މުހިއްމު އެއްކަމެއްގެ ގޮތުން ކާން ފެށުމުގެ ކުރިން ބިސްމި
ކިޔަންޖެހެއެވެ. އެއީ ނަބިއްޔާ صلى الله عليه وسلم އަޅުގަނޑުމެންނަށް ނަމޫނާ ދެއްކެވި ގޮތެވެ. އުއްމުލް މުއުމިނީން ޢާއިޝާ
ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.
عَنْ عَائِشَةَ رَضِيَ
اللَّهُ عَنْهَا، أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: (
إِذَا أَكَلَ أَحَدُكُمْ فَلْيَذْكُرِ اسْمَ اللَّهِ تَعَالَى، فَإِنْ نَسِيَ أَنْ
يَذْكُرَ اسْمَ اللَّهِ تَعَالَى فِي أَوَّلِهِ فَلْيَقُلْ بِسْمِ اللَّهِ
أَوَّلَهُ وَآخِرَهُ) (رواه الترمذي). މާނައި: "ތިޔަބައިމީހުންގެ
ތެރެއިން މީހަކު ކަނީ ކަމުގައި ވަނީ ނަމަ ﷲ ގެ އިސްމުފުޅު (އެބަހީ ބިސްމި ﷲ)
ކިޔާށެވެ. ކެއުމުގެ ކުރީގައި ﷲ ގެ އިސްމުފުޅު ކިއުމަށް ހަނދާން ނެތިއްޖެ ނަމަ (ކާން
ފަށާފަހުން ހަނދާންވެއްޖެ ނަމަ) "بِسْمِ اللهِ أوَّلَهُ وَآخِرَهُ މިފަދައިން ކިޔާށެވެ."
ކާން އިޚްތިޔާރު
ކުރަންޖެހެނީ ކަނާތެވެ. ސަބަބަކީ ނަބިއްޔާ صلى الله عليه وسلم ޙަދީޘް
ކުރައްވާފައިވެއެވެ. عَنْ ابْنِ عُمَرَ رضي الله عنهما أَنَّ
النَّبِيَّ صلى الله عليه وسلم قَالَ : " لا يَأْكُلَن أَحَدٌ مِنْكُمْ
بِشِمَالِهِ ، وَلَا يَشْرَبَنَّ بِهَا ، فَإِنَّ الشَّيْطَانَ يَأْكُلُ
بِشِمَالِهِ وَيَشْرَبُ بِهَا " (رواه مسلم). އިބްނު
ޢުމަރު ރަޟިޔަﷲ ޢަންހުމާ ގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "ތިޔަބައިމީހުންގެ ތެރެއިން
އެކަކުވެސް ވައަތުން ނުކާހުށިކަމެވެ. އަދި ވައަތުން ނުބޯހުށިކަމެވެ. ފަހެ ހަމަކަށަވަރުން
ޝައިޠާނާ ކަނީ އަދި ބޮނީވެސް ވައަތުންނެވެ." އެހެންކަމުން ޝައިޠާނުންގެ
ތެރެއިން ވާން ބޭނުން ނުވާނަމަ އަޅުގަނޑުމެން ކާންޖެހެނީ ކަނާތުންނެވެ.
ކެއުމުގައި ތަށީގެ ގަޔާވީ ފަޅިން ކާށެވެ. އެއީ
ކެއުމުގެ އަދަބު ތެރޭގައި ހިމެނޭ އަދަބެކެވެ. ސަބަބީ ﷲ ތަޢާލާގެ ބަރަކާތް
ފައިބާހުށީ ތަށީގެ މެދަށެވެ. އިބްނު ޢައްބާސްގެ އަރިހުން ރިވާވެގެން ވެއެވެ. ابْنُ عَبَّاسٍ أَنَّ النَّبِيَّ صلى الله عليه
وسلم قَالَ : " إنَّ الْبَرَكَةَ تَنْزِلُ وَسَطَ
الطَّعَامِ ، فَكُلُوا مِنْ حَافَّتَيْهِ وَلَا تَأْكُلُوا مِنْ وَسَطِهِ " (رواه الترمذي) މާނައީ: އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހު ގެ ކިބައިން
ރިވާވެގެންވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "ހަމަކަށަވަރުން ބަރަކާތް
ފައިބާހުށީ ކާތަކެތީގެ މެދަށެވެ. އޭގެ ވަށައިގެން ކާށެވެ. އޭގެ މެދުން ނުކާށެވެ."
ނަބިއްޔާ صلى الله عليه وسلم ކޭންބެއްލެވުމުގައި
ތިން އިނގިލި ބޭނުންކުރެއްވި ކަމަށް ޢިލްމު ވެރިން ވިދާޅުވެއެވެ. އަދި ކާތަކެތި
ރަނގަޅަށް ހެފުމަށްފަހު ދިރުވުމަށް ރަސޫލާ صلى الله عليه وسلم ވަނީ
އިރުޝާދު ދެއްވާފައެވެ. ސިއްޙީ ގޮތުން ކުރިއަރާފައިވާ މާހިރުންވެސް މިގޮތަށް
ދިރުވުމަށް އިރުޝާދު ދެއްވައެވެ. ކާން ހުއްޓާ ކާއެތިކޮޅެއް ބިންމައްޗަށް
ވެއްޓިއްޖެނަމަ އޭގައި ހުރި އެއްޗެއް ފޮހެލުމަށް ފަހު ކާށެވެ. އެ ކާއެތިކޮޅު
ޝައިޠާނާ ކެއުމަށް ދޫނުކުރާށެވެ! މިކަމާ މިއަދުގެ ސިއްހީ މާހިރުން ދެކޮޅު ހެދުމަކީ
ވެދާނެ ކަމެކެވެ. އެހެންނަމަވެސް ނަބިއްޔާ صلى الله عليه وسلم އަޅުގަނޑުމެންނަށް
ނުރަނގަޅުކަމެއް ކުރުމަށް އިރުޝާދު ނުދެއްވާނެކަން އަޅުގަނޑުމެން ޔަޤީންކުރަން
ޖެހެއެވެ. އަނަސް ބިން މާލިކްގެ އަރިހުން ރިވާވެގެންވެއެވެ. أنَس ابن مالك أَنَّ رَسُولَ اللَّهِ صَلَّى
اللَّهُ عَلَيْهِ وَسَلَّمَ كَانَ إِذَا أَكَلَ طَعَامًا لَعِقَ أَصَابِعَهُ
الثَّلَاثَ قَالَ وَقَالَ إِذَا سَقَطَتْ لُقْمَةُ أَحَدِكُمْ فَلْيُمِطْ عَنْهَا
الْأَذَى وَلْيَأْكُلْهَا وَلَا يَدَعْهَا لِلشَّيْطَانِ وَأَمَرَنَا أَنْ
نَسْلُتَ الْقَصْعَةَ قَالَ : " فَإِنَّكُمْ لا تَدْرُونَ فِي أَيِّ
طَعَامِكُمْ الْبَرَكَةُ " (رواه مسلم) . ރަސޫލުﷲ صلى الله عليه وسلم ކޭންބައްލަވައިފިއްޔާ އެކަލޭގެފާނުގެ ތިން އިނގިލި
ފުޅު ބޯލައްވައެވެ. އަދި ޙަދީޘްކުރެއްވިއެވެ. ތިޔަބައިމީހުން ކުރެ މީހަކު ކާންއިންދާ
ކާން އިން އެތި ވެއްޓުނު ނަމަ އޭގައި އުނގުޅުނު އެއްޗެއް ފޮހެލާފައި އެ ކާލާށެވެ. އެ
ޝައިޠާނާއަށް ދޫކޮށްނުލާށެވެ. އަދި އަހަރެމެންނަށް ކާތަކެތި އަޅާ ދޮލަނގު ރަނގަޅަށް
ސާފުކުރުމަށް އެކަލޭގެފާނު އަމުރު ކުރެއްވިއެވެ. ޙަދީޘްކުރެއްވިއެވެ. ކާތަކެތީގެ ތެރެއިން
ބަރަކާތް ވަނީ ކޮން އެތިކޮޅެއްގައި ކަމެއް ތިޔަބައިމީހުންނަކަށް ނޭނގޭނެއެވެ.
ކައިނިމުމާއެކު ކާއެއްޗެހި ދެއްވި ފަރާތަށް
(އެބަހީ ﷲ އަށް) ޙަމްދުކުރަން ޖެހެއެވެ. އެފާރާތުގެ އިރާދައާއި ނުލާ އެއްވެސް
މީހަކަށް އެއްވެސްކަހަލަ ރިޒްޤެއް ލިބިގެން ނުވެއެވެ. މިގޮތަށް ކުރުމަށް ވަރަށް
ގިނަ ދުޢާތަކެއް ވާރިދުވެގެން އައިސްފައި ވެއެވެ. الْحَمْدُ لِلَّهِ حَمْدًا كَثِيرًا طَيِّبًا مُبَارَكًا فِيهِ
غَيْرَ مَكْفِيٍّ وَلا مُوَدَّعٍ وَلا مُسْتَغْنًى عَنْهُ رَبَّنَا " رواه
(البخاري) މާނައީ: "ގިނަވެގެންވާ، ރަނގަޅުވެގެންވާ، ބަރަކާތްލެއްވިގެންވާ، ފުއްދާލެވުމެއް
ނުވާ އަދި ދޫކޮށްލެވުމެއް ނުވާ އަދި އެއިން ފުއްދާ ނުލެވޭ ޙަމްދު ތަޢުރީފަކުން ﷲ އަށް
ޙަމްދު ތަޢުރީފު ލިބިވޮޑިގެން ވެއެވެ. އޭ އަޅަމެންގެ ވެރި ރަސްކަލާކޮ!"
ކައިނިމުމަށްފަހު އަނގަދޮވުމަކީ ސުންނަތް
ވެގެންވާ ކަމެކެވެ. މީގެ އިތުރުން ކާންދިން މީހާއަށް ރަޙްމަތް ލެއްވުމަށާއި ފާފަ
ފުއްސެވުން އެދި ދުޢާކުރުމަކީ ވަރަށް މަތިވެރި ސިފައެކެވެ. މިގޮތަށް ކުރުމަށް ވެސް
ވަރަށް ގިނަ ދުޢާތަކެއް ވާރިދުވެގެން އައިސްފައި ވެއެވެ. اَللَّهُمَّ باَرِكْ لَهُمْ فِيْماَ رَزَقْتَهُمْ, وَاغْفِرْ لَهُمْ
وَارْحَمْهُمْ- (رواه مسلم) "ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! އެބައިމީހުންނަށް
އިބަﷲ ދެއްވި ރިޒުޤުގައި އެބައިމީހުންނަށް ބަރަކާތް ލައްވާނދޭވެ! އަދި އެބައިމީހުންނަށް
ފާފަފުއްސަވާ ރަޙްމަތް ލައްވާނދޭވެ!"
وصلى الله وسلم على عبده ورسوله وخيرته من خلقه
نبينا وإمامنا وسيدنا محمد بن عبد الله ، وعلى آله وأصحابه ومن اهتدى بهداه.
والسلام عليكم ورحمة الله
وبركاته.
މިލިޔުން ލިޔުމަށް އަސްލަކަށް ބަލާފައިވަނީ
އަލްއިސްލާމް ސުވާލުން ވަޖަވާބުން ގެ އާދާބުލް އަކްލި ވައްޝުރްބި
No comments:
Post a Comment