Wednesday, May 9, 2018

ramal'aan maah badhalukurun


ރަމަޟާން މަހާ ބައްދަލުކުރުން


Image result for ramadan 2018


ލިޔުނީ: ޒީނަތު ލަބީބު.

ރަޙްމަތާއި ބަރަކާތުން ފުރިގެންވާ ރަމަޟާން މަސް އަޅުގަނޑުމެންނާ ބައްދަލުކުރާ ވަގުތު މިވަނީ ކުޑަތަންވެފައެވެ. އެމަހަކީ ރަޙްމަތާއި ބަރަކާތުން ތަނަވަސްވެގެންވާ މައްސަރެވެ. ރަމަޟާންމަސް އަޅުގަނޑުމެންނާ ބައްދަލުކުރަނީ އަގުނުކުރެވޭ ފަދަ އަގުބޮޑު ހަދިޔާތަކަކާ އެކީގައެވެ. އެއީ ﷲގެ ރަޙްމަތާއި މަޣްފިރަތާއި ދިންނެވުމެވެ. އަދި އެމަހުގައި އެއްހާސް މައްސަރުގެ އަޅުކަމުގެ ޘަވާބާއި ދަރުމަ ލައްވާފައިވާ ރެއެއްވެއެވެ. އެއީ ރަމަޟާންމަހުގެ ފަހު ދިހައިގެ ރޭތަކުގެ ތެރެއިން އޮނަހިރި ރެއެއްކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. މިއީ އަހަރު ތެރޭގައި އަންމަ މައްސަރުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އެމަހަކަށް އިންތިޒާރުކުރާ މައްސަރެވެ. މުއުމިނުން މިމައްސަރަށް އިންތިޒާރުކުރަނީ އެމީހުންނަށް ދުވަހަކުވެސް ނުލިބޭފަދަ އުފަލެއް ލިބެންއުޅޭ ކަހަލަ އިހްސާސްތަކަކާއެކީގައެވެ.
މިމަތިވެރި މައްސަރާއި ބައްދަލުކުރަން އެންމެ ފުރަތަމަ ތައްޔާރުކުރަން ޖެހެނީ މީހުންގެ ނަފްސުތަކެވެ. ހިތާއި ރޫޙު އަދި އިންސާނާގެ ސިނކުޑި މިމައްސަރާ ބައްދަލުކުރަން ތައްޔާރުކުރަން ޖެހެއެވެ. މިފަދަ ދެވަނަ ފުރުޞަތެއް ލިބޭނެ ކަމުގެ ޔަޤީންކަން އެއްވެސް މީހަކަށް ނޯންނާނެއެވެ. މީހެއްގެ ނިމުން އަންނާނެ އިރެއް އެއްވެސް މީހަކަށް ނޭނގޭނެއެވެ. އެހެންކަމުން މިމައްސަރުގައި ﷲ ތަޢާލާ އަޅުގަނޑުމެންނަށް ދެއްވާ ދެއްވުންތައް ލިބިގަތުމަށް ކަމަރު ބަނދެލަމާ ހިނގާށެވެ! މިމައްސަރާ ބައްދަލުވުމުގެ ގޮތުން ކުރަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއްވެއެވެ.  
މިމައްސަރާ ބައްދަލުކުރަން އެދޭ މީހާ އެކަމަށް އެދި ގިނަގިނައިން ދުޢާކުރާށެވެ! މިއުންމަތުގެ ސަލަފުއްޞާލިޙުން ރަމަޟާން މަސް ޖެހެން ހަމަހަށް ވުމުން އެމަހާ ބައްދަލުވުން އެދި ﷲގެ ހަޟްރަތަށް ދުޢާކުރައްވައެވެ. އަދި އެމައްސަރާ ބައްދަލުވެއްޖެނަމަ އެމަހުގައި ހިފާ ރޯދައާއި ކުޅަ އަޅުކަންތައް ޤަބޫލުކުރެއްވުން އެދި ﷲގެ ޙަޟްރަތަށް ދުޢާ ދަންނަވައެވެ. މިގޮތަށް އެބޭކަލުން ހައެއްކަ މަސް އަޅުކަން ޤަބޫލުކުރެއްވުން އެދި ދުޢާ ކުރައްވައެވެ. އެބޭކަލުންނަކީ ޞާލިޙުއަޅުންގެ ގޮތުގައި ލައްވާފައިވާ އަޅުންނެވެ. އީމާންކަމާއި ތަޤްވާވެރިކަމުގައި އެބޭކަލުން އުޅޭނީ ވަރަށް ކުރީގައެވެ. އެބޭކަލުންނަށް ވުރެ ބޮޑަށް ދުޢާގެ ބޭނުންޖެހިފައިވަނީ އަޅުގަނޑުމެންނަށެވެ. ސަބަބަކީ ފާފަކުރުމާއި މުންކަރާތްތަކަށް އަރައިގަތުން އަޅުގަނޑުމެންގެ ތެރޭގައި މިވަނީ ޢާއްމުވެފައެވެ. އެހެންކަމުން ރަމަޟާން މަހުގައި ﷲ ތަޢާލާގެ ޙަޟްރަތުން އޮއްސައިލެވޭ އިލާހީ ރަޙްމަތާއި މަޣްފިރަތާއި ދިންނެވުން ހޯދަން ޖެހޭ ބަޔަކީ އަޅުގަނޑުމެންނެވެ. މިމަތިވަރި ނިޢްމަތްތައް ދެއްވުންއެދި ﷲގެ ޙަޟްރަތަށް ދެއަތް އުފުލާ ދުޢާ ކުރުމަކީ މިމައްސަރާ ބައްދަލުވުމުގެ ގޮތުން ކުރަންޖެހޭ ކަމެކެވެ.  
މިމައްސަރާ ބައްދަލުކުރަން އެދޭ މީހާ އަމިއްލަ ނަފްސު ހިސާބުކޮށްލަން ޖެހެއެވެ. އަދި އެނގިގެންނާއި ނޭނގި ކުރެވިފައިވާ ފާފަތަކުން އެއްކިބާވެ ތެދުވެރި ނިޔަތަކާއެކު ތައުބާވާންޖެހެއެވެ. ގިނަގިނައިން ތައުބާ ވުމަކީ ﷲ ތަޢާލާ ލޯބި ވެވޮޑިގަންނަވާ ސިފައެކެވެ. އަދި އެއީ ނަބިއްޔާ صلى الله عليه وسلم އުއްމަތަށް ދަސްކޮށްދެއްވާފައިވާ ވަރަށް މަތިވެރި ނަމޫނާއެކެވެ. ތައުބާވުމާއި އިސްތިޣްފާރުކުރުން މަތީ ދެމި ތިބެވޭތޯ އަޅުގަނޑުމެން މަސައްކަތްކުރަން ޖެހެއެވެ. މިމަތިވެރި މައްސަރާއި ބައްދަލު ކުރާ ހިނދު ހިތާއި ނަފްސާއި ރޫޙުގައި ހުރި ކިލަނބު ކަމެއް ފިލުވާލާ މީހާ ސާފު ހުދު ފޮތިކޮޅެއްހެންވާންޖެހެއެވެ. އެހެންކަމުން މިމައްސަރާއި ބައްދަލުކޮށް މިމަހަށް މަރުޙަބާ ކިޔުމުގެ ގޮތުން ފުރިހަމަ ތައުބާއަކުން ތައުބާވުން އެއީ ނުހަނު ބޭނުންތެރި އޭގެ ފައިދާ ގުނައި ޢަދަދު ނުކުރެވޭނެ ކަމެކެވެ.
ރަމަޟާން މަސް އަންނާތީވެ މުއުމިން ވަރަށް ބޮޑަށް އުފާކުރެއެވެ. އެމީހުން އުފާވަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم: من قام ليلة القدر إيماناً واحتساباً غفر له ما تقدم من ذنبه. (رواه البخاري)  އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަމަޟާން މަހުގެ ފަހު ދިހަ ދުވަހުގައި ﷲ ތަޢާލާގެ ޙަޟްރަތުން ޘަވާބާއި ދަރުމައަށް އެދިގެން އީމާންކަމާއެކު ރޭއަޅުކަން ކޮށްފި މީހާގެ އިސްވެދިޔަހާ ފާފައެއް ﷲ ތަޢާލާ ފުއްސަވާ ދެއްވާނެއެވެ. އެހެންކަމަށް ވާނަމަ އަޅުގަނޑުމެން މުޅި ރޯދަމަހު އިޙްލާސްތެރި ނިޔަތަކާއެކު ﷲ އަށް އަޅުކަން ކޮށްފިނަމަ އަޅުގަނޑުމެންގެ ފާފަ ހަމަ ޔަޤީނުންވެސް ﷲ ތަޢާލާ ފުއްސަވާ ދެއްވާނެއެވެ. އެހެންކަމުން ރޯދަމަހަކީ މީހެއްގެ ޙަޔާތުގައި އެމީހަކަށް ލިބޭނެ އެންމެ އަގުބޮޑު އެންމެ މަތިވެރި ޝަރަފުވެރި ހަދިޔާއެވެ.  
އަޅުގަނޑުގެ ދުޢާއަކީ ހެޔޮކަމާއި ތަޤުވާވެރިވުމުގައި އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވުމުގެ ތައުފީޤާއި ޙައްޤާއި ކެތްތެރިވުމަށް ވަޞިއްޔަތްކުރުމުގެ ތައުފީޤު  ﷲ ތަޢާލާ އަޅުގަނޑުމެން އެންމެންނަށް ދެއްވުން. ހަމަކަށަވަރުން އެއިލާހީ އެކަމަށް ކުޅަދުންވަންތަވެވޮޑިގެންވާ އިލާހެވެ.
وصلى الله وسلم على عبده ورسوله وخيرته من خلقه نبينا وإمامنا وسيدنا محمد بن عبد الله ، وعلى آله وأصحابه ومن اهتدى بهداه.
والسلام عليكم ورحمة الله وبركاته.

No comments: