ނަމާދު ކުރާނެގޮތް
ލިޔުނީ: ޒީނަތު ލަބީބު
ލޮބުވެތި ކުޑަކުދިންނޭވެ.
ނަމާދަކީ މާތްﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟުރަތިގައި އެންމެ ލޮބުވެތިކަން
ބޮޑުވެގެންވާ އަޅުކަމެވެ. ނަމާދަކީ ކާފިރުންނާއި މުސްލިމުން ފަރަގުކޮށްދޭ
އެއްޗެކެވެ. މިއަޅުކަން ނުކޮށްހުރެގެން ކުރާ އެއްވެސް ޢަމަލެއް ރަނގަޅު
އަޅުކަމެއްކަމަށް ﷲ ތަޢާލާގެ ޤަބޫލެއް ނުކުރައްވައެވެ. ޤިޔާމަތް ދުވަހުގައި
އެންމެފުރަތަމަ ހިސާބު ބެއްލެވޭހުށީވެސް ނަމާދެވެ. ނަމާދުގެ ހިސާބުން ތިމާ
ފާސްވެއްޖެނަމަ އެހެންހުރިހާ ކަމެއް ރަނގަޅުވެދެއެވެ. ސުވަރުގެ ލިބިދެއެވެ.
ނަމާދުގެ ހިސާބުން ތިމާ ފެއިލް ވެއްޖެނަމަ ތިމާގެއެހެން އެއްވެސް ޢަމަލެއް
އެހިސާބުން ކަމުދާގޮތެއް ނުވާނެއެވެ. ނަތީޖާއެއްގެ ގޮތުން ނަރަކައަށް ދާންޖެހޭނެއެވެ.
އެހެންއެކަން
އޮތުމާއެކު ދައްތަ މިކިޔައިދެނީ ތިޔަކުދިން ނަމާދުކުރުމުގެ ކަންތަކަށް
ފަށައިގަންނާނެގޮތެވެ. ގޭތެރޭގެ (މައިންބަފައިންގެ) އެހީވެސް މިކަމުގައި
ހޯދައިގެން ނަމާދުކުރުމަށް ހީވާގި ވެގަންނާށެވެ. ދައްތަ މިކިޔާދެނީ ތިޔަކުދިން ނަމާދު
ކުރަންވީގޮތެވެ. އެގޮތުން ތިޔަކުދިން ކަންތައްކުރަންޖެހޭގޮތް ތަރުތީބުން
މިކިޔައިދޭނީއެވެ. އެންމެފުރަތަމަ ވުޟޫކުރާށެވެ. ވުޟޫކުރުމުގައި ކަނާތްފަޅިއަށް
އިސްކަދޭށެވެ.
ވުޟޫކުރާނެ ގޮތް:
އެންމެ ފުރަތަމަ ބިސްމިﷲ ކިޔައި ދެއަތްތިލަ
ކުޑަހުޅާއެކު 3 ފަހަރު މަތިން
ދޮންނާށެވެ. މިގޮތަށް ދޮންނައިރު އިނގިލިތަކުގެ ދޭތެރޭގައި ރަނގަޅަށް
ފެންޖައްސާށެވެ.
ދެވަނައަށް
ނޭފަތާއި އަނގަޔަށް ފެންލާށެވެ. މިދެގުނަވަނަށް ފެންލާނީ އެއްފަހަރާއެވެ.
އަނގަޔަށް ފެންލުމަށްފަހު ނޭފަތުން އެތެރެއަށް ފެންފޮދު ދަމާލާށެވެ. އަދި ވާތުން
ރަނގަޅަށް ނޭފަތް ފޮޅާލާށެވެ. މިގޮތަށް 3 ފަހަރުމަތިން ތަކުރާރު ކުރާށެވެ.
ތިންވަނައަށް
މޫނުދޮންނާށެވެ. މޫނުދޮންނާނީ ދެއަތުންނެވެ. މޫނުކަމުގައި ބަލަންވާނީ މޫނުގެ
ހުރަހަށް ދެކަންފަތާ ދެމެދުކަމަށެވެ. މޫނުގެ ދިގަށް ޢާއްމުކޮށް ބޮލުގެ
އިސްތަށިފަޅާ ހިސާބުން ފެށިގެން ދަތްދޮޅި ކަރާގުޅޭ ހިސާބާ ދެމެދުކަމަށެވެ.
މިދެމެދުގައި ރަނގަޅަށް ފެންޖައްސައި 3 ފަހަރުމަތީން ދޮންނާށެވެ.
ހަތަރުވަނައަށް ދެ
އަތް ދެ އުޅަބޮށްޓާއެކު ދޮންނާށެވެ. އެގޮތުން އެންމެ ފުރަތަމަ ދެއަތްތިލައަށް
ފެންއަޅައި އެފެނުން ކަނާތް ރަނގަޅަށް ދޮންނާށެވެ. މިގޮތަށް ދޮންނައިރު ވާތް ކަނާތުގައި
ރަނގަޅަށް ހިންގައި ފެން ޖައްސަންޖެހޭ ހިސާބުގައި ފެންޖައްސާށެވެ. 3 ފަހަރު މަތިން
ކަނާތް ދޮވެ ނިމުމުން ވާތް ދޮންނާށެވެ. ވާތް ދޮންނަންވެސް ފެން އަޅާނީ ދެއަތްތިލައަށެވެ.
އަދި އެފެނުން ރަނގަޅަށް ވާތް ދޮންނާށެވެ. އެގޮތަށް ދޮންނައިރު ކަނާތް ވާތުގައި
ރަނގަޅަށް ހިންގައި ފެން ޖައްސަންޖެހޭ ހިސާބުގައި ފެންޖައްސާށެވެ. މިގޮތަށް 3
ފަހަރު މަތިން ވާތް ދޮންނާށެވެ.
ފަސްވަނައަށް
ބޮލުން ބައެއްގައި ފެންފޮހޭށެވެ. ބޮލުގައި ފެން ފުހުމަށް ދެއަތުން ބޮލުގެ މަތިން ތިރިއަށްވާ ގޮތަށް
އަތްފޮނުވާށެވެ. މަތިން ތިރިޔަށް ގެންގޮސް ނިމުމުން ތިރިން މައްޗަށް ގެންދާށެވެ.
މިގޮތަށް 1 ފަހަރު ހަދާލުމުން ފުދެއެވެ.
ހަވަނައަށް
ކަންފަތުގައި ފެންފޮހޭށެވެ. ކަންފަތުގައި ފެން ފޮހޭކަށް އަލުން އަތަށް ފެންލާކަށް
ނުޖެހެއެވެ. ކަނާތުގެ ޝަހާދަތް އިނގިލި ކަނާތު ކަންފަތުގެ އެތެރެއަށް މަޑުމަޑުން
ލުމަށްފަހު ކަންފަތުގެ އެތެރެފަރާތް ފޮހެލާށެވެ. އަދި އެއަތުގެ ބޮޑު އިނގިލިން
ކަންފަތުގެ ބޭރުފުށް ރަނަގަޅަށް ފޮހުލާށެވެ. މިގޮތަށް ވާތުގެ ޝަހާދަތް އިނގިލި ވާތުގެ ކަންފަތުގެ އެތެރެއަށް
މަޑުމަޑުން ލުމަށްފަހު ކަންފަތުގެ އެތެރެފަރާތް ފޮހިލާށެވެ. އަދި އެއަތުގެ ބޮޑު
އިނގިލިން ކަންފަތުގެ ބޭރުފުށް ރަނަގަޅަށް ފޮހެލާށެވެ. މިގޮތަށް 1 ފަހަރު
ހަދާލުމުން ފުދެއެވެ.
ހަތްވަނައަށް
ދެފައިތިލަ ދެތަނބި ކަށްޓާއެކު ދޮންނާށެވެ. ފައި ދޮންނައިރު އިނގިލިތައް ދޭތެރޭ
ފެންޖައްސާށެވެ. އެގޮތުން އިނގިލި ތަކުގެ ދޭތެރެއަށް ވާތުގެ ކުޑައިނގިލި ލައި
ރަނގަޅަށް ފެންޖައްސާށެވެ. އަދި ފައިގެ ދަތްބިތް ދޮވުމުގައި ވާތް ބޭނުންކުރާށެވެ.
އެގޮތުން އެންމެ ފުރަތަމަ ދޮންނާނީ ކަނާތުފައެވެ. މިގޮތަށް 3 ފަހަރު މަތިން
ދޮންނާށެވެ. ކަނާތުފައި ނިމުމުން ވާތުފައި ދޮންނާށެވެ. މިގޮތަށް 3 ފަހަރު މަތިން
ދޮންނާށެވެ.
މިހާހިސާބުން
ވުޟޫކޮށް ނިމުނީއެވެ. ވުޟޫކޮށްނިމުމުން ވުޟޫދުޢާ أشْهَدُ أنْ لا إله إِلاَّ اللَّهُ
وَحْدَهُ لا شَرِيك لَهُ ، وأشْهَدُ أنَّ مُحَمَّداً عَبْدُهُ وَرَسُولُهُ ،
اللَّهُمَّ اجْعَلْنِي مِنَ التَوَّابِينَ ، واجْعَلْني مِنَ المُتَطَهِّرِينَ ،
سُبْحانَكَ اللَّهُمَّ وبِحَمْدِكَ ، أشْهَدُ أنْ لا إلهَ إِلاَّ أنْتَ ،
أسْتَغْفِرُكَ وأتُوبُ إِلَيْكَ ކިޔާށެވެ.
ނަމާދު ކުރަން
ފެށުމުގެ ކުރިން އެންމެ ފުރަތަމަ ކަމަކަށް އައުރަ ނިވާކުރާށެވެ. އެއަށްފަހު ނަމާދު
ވަގުތު ވަދެއްޖެކަން ޔަގީންކުރާށެވެ. ނަމާދު ވަގުތު ވަދެއްޖެނަމަ ނަމާދު ކުރުމަށް
ގަސްދުކޮށްގެން ގިބްލަޔަށް ކުރިމަތިލައިގެން ހުއްޓޭށެވެ. ނަމާދަށް ކޮޅަށްހުރުމަށް
ކުޅަދާނަވެގެންވާމީހާ ކޮޅަށް ހުރުން ވާޖިބުވެގެންވެއެވެ. އެންމެ ފުރަތަމަ الله
أكبر ކިޔައި ދެއަށް ދެކޮނޑާ ހަމައަމައަށް މައްޗަށްނަގާފައި
ހަށަންބަންނާށެވެ. ހަށަންބަންނަން މޭމަތީ ވާތްމަތީ ކަނާތް ބާއްވާށެވެ. (ނަމާދަށް
ވަދެވޭނީ މިތަކުބީރުންނެވެ.) އެއަށްފަހު ދުޢާއުލް އިސްތިފްތާޙު ކިޔާށެވެ. ދުޢާއުލް
އިސްތިފްތާޙުގެ ގޮތުގައި ( سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ ،
وَتَبَارَكَ اسْمُكَ وَتَعَالَى جَدُّكَ ، وَلَا إِلَهَ غَيْرَكَ ) މިދުޢާވެސް ކިޔާލެވިދާނެއެވެ. އެއަށްފަހު އަޢޫޛާއި ބިސްމި ކިޔައި އަލްޙަމްދު ކިޔަވަން
ފައްޓާށެވެ. އަލްޙަމްދު ނިމުމުން އާމީން ކިޔުމަށްފަހު ޤުރުއާނުން ކޮންމެވެސް
މިންވަރެއް ނުވަތަ ކުރު ސޫރަތެއް ކިޔަވާށެވެ.
އެއަށްފަހު الله
أكبر ކިޔައި ރުކޫޢަށްދާށެވެ. ރުކޫޢުގައި އޮތްނައިރު ބުރަކަށި
ސީދާވާވަރަށް ގުދުވާށެވެ. އަދި ދެއަތްތިލައިން ދެކަކުލުގައި މަޑުމަޑުން
ހިފަހައްޓާށެވެ. އެއަށްފަހު ރުކޫޢުގައި ކިޔާ ތަސްބީޙާ سبحان
ربي العظيم 3 ފަހަރު ކިޔާށެވެ.
އެއަށްފަހު ސަމިޢަﷲ ލިމަން
ޙަމިދާ ކިޔައި ދެއަށް ދެކޮނޑާ ހަމައަމައަށް
މައްޗަށްނަގާފައި ތެދުވެ
ހަށިގަނޑު ސީދާކޮށް، ހަމަޖެހިލާށެވެ. އެއަށްފަހު އިޢްތިދާލުގައި ކިޔާ ދުޢާ رَبَّنَا
لَكَ الْحَمْدُ مِلْءُ السَّمَاوَاتِ وَمِلْءُ الْأَرْضِ وَمِلْءُ مَا شِئْتَ مِنْ
شَيْءٍ بَعْدُ ކިޔާށެވެ.
އެއަށްފަހު الله
أكبر ކިޔައި ސަޖިދައަށް ދާށެވެ. ސަޖިދާގައި އޮތްނާނީ 7
ގުނަވަނުގެ މަތީގައެވެ. އެގުނަވަންތަކަކީ ނިތްކުރިއާއި (ނޭފަތުގެ ކުރި ބިންމަތީ
ޖެހޭ ވަރަށް) ދެއަތްތިލައާއި ދެ ކަކުލާއި ދެފައިގެ އިނގިލިތަކުގެ ބަނޑުފުށެވެ.
ސަޖިދާގައި އޮވެގެން ސަޖިދައިގައިކިޔާ ތަސްބީޙަ سبحان ربي الأعلى 3 ފަހަރު ކިޔާށެވެ.
އެއަށްފަހު الله
أكبر ކިޔައި ސަޖިދާއިން ތެދުވެ ދެސަޖިދަ ދެމެދު އިށީނދެ އިނދެ
ހަމަޖެހިލާށެވެ.
އެއަށްފަހު ދެސަޖިދަ
ދެމުދު ކިޔާ ތަސްބީހަ رَبِّ اغْفِرْ
لِي ، رَبِّ اغْفِرْ لِي ކިޔާށެވެ. ނިމުމުން الله
أكبر ކިޔައި 2 ވަނަ ސަޖިދައަށް ދާށެވެ. މިފަހަރުވެސް
ކުރީފަހަރެކޭ އެއްގޮތަށް ކަންތައް ކުރާށެވެ. އެއަށްފަހު الله
أكبر ކިޔައި 2 ވަނަ ރަކްޢަތަށް ތެދުވާށެވެ. ފުރަތަމަ ރަކްޢަތެކޭ
އެއްގޮތަށް ދެވަނަ ރަކްޢަތުގައި ކަންތައް ކުރާށެވެ. ދެވަނަ ރަކްޢަތް ނިމުމުން ދެ
ރަކްޢަތް ނަމާދެއްނަމަ ދެވަނަ ސަޖިދައިން ތެދުވެ އައްތަޙިއްޔާތު ކިޔައި ސަލާމްދޭށެވެ.
ތިން ރަކްޢަތް
ނަމާދެއްނަމަ ދެވަނަ ސަޖިދައަށްފަހު الله أكبر ކިޔައި ތެދުވެ
ދެސަޖިދަ ދެމެދު އިޝީނދެ އިނދެގެން ފުރަތަމަ އައްތަޙިއްޔާތު التحيات
المباركات الصلوات الطيبات لله ، السلام عليك أيها النبي ورحمة الله وبركاته ،
السلام علينا وعلى عباد الله الصالحين ، أشهد أن لا إله إلا الله وأشهد أن محمدًا
رسول الله ކިޔާށެވެ. އެއަށްފަހު الله
أكبر ކިޔައި 3 ވަނަ ރަކްޢަތަށް ތެދުވާށެވެ. އެއަށްފަހު ފުރަތަމަ
ރަކްޢަތް އަދާކުރިގޮތަށް ތިންވަނަ ރަކްޢަތް އަދާކުރާށެވެ. ތިން ރަކްޢަތް
ނަމާދެއްނަމަ ދެވަނަ ސަޖިދައިން ތެދުވެ އައްތަޙިއްޔާތު ކިޔައި التحيات
المباركات الصلوات الطيبات لله ، السلام عليك أيها النبي ورحمة الله وبركاته ،
السلام علينا وعلى عباد الله الصالحين ، أشهد أن لا إله إلا الله وأشهد أن محمدًا
رسول الله. اللهم صل على محمد وعلى آل محمد كما صليت على إبراهيم وعلى آل إبراهيم
إنك حميد مجيد اللهم بارك على محمد وعلى آل محمد كما باركت على إبراهيم وآل
إبراهيم إنك حميد مجيد. اللهم اغفر لي ما قدمت، وما أخرت وما أسررت، وما أعلنت،
وما أسرفت، وما أنت أعلم به مني. أنت المقدم وأنت المؤخر لا إله إلا أنت. اللهم إني أعوذ بك من عذاب جهنم، ومن عذاب
القبر، ومن فتنة المحيا والممات، ومن فتنة المسيح الدجال. ކިޔާށެވެ. އެއަށްފަހު السلام
عليكم ورحمة الله ކިޔައި ސަލާމްދޭށެވެ.
ހަތަރު
ރަކްޢަތް ނަމާދެއްނަމަ ތިންވަނަ ރަކްޢަތުގެ ދެވަނަ ސަޖިދާއިން ތެދުވެ الله
أكبر ކިޔައި 4 ވަނަ ރަކްޢަތަށް ތެދުވާށެވެ. ހަތަރުވަނަ
ރަކްޢަތުގެ ދެވަނަ ސަޖިދައިން ތެދުވެ الله أكبر ކިޔައި
އިށީނުމަށްފަހު އައްތަހިއްޔާތުކިޔައި ސަލާމްދޭށެވެ.
No comments:
Post a Comment