Saturday, April 13, 2019

isthisg'aa namaadhu


އިސްތިސްޤާ ނަމާދު
See the source image

ލިޔުނީ: ޒީނަތު ލަބީބު.


ފެނުގެ ނިޢުމަތަކީ ﷲ ތަޢާލާ އެއިލާހުގެ އަޅުތަކުންނަށް ދެއްވާފައިވާ ބޮޑު ނިޢުމަތެކެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. " وَهُوَ الَّذِي يُنَزِّلُ الْغَيْثَ مِن بَعْدِ مَا قَنَطُوا وَيَنشُرُ رَحْمَتَهُ  وَهُوَ الْوَلِيُّ الْحَمِيدُ " މާނައީ: އެއިލާހީ އެއުރެންގެ އުންމީދު ކެނޑިފައިވުމަށްފަހު، ވާރޭވެއްސަވައި، އެކަލާނގެ رحمة ފަތުރުއްވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، ގިނަގިނައިން حمد ލިބިވޮޑިގެންވާ، އެހީތެރިވަންތަ ރަސްކަލާނގެއެވެ."


ވާރޭވެހުން ހުއްޓި ހަނަފަސްކަން ފެތުރުވުމުން އަޅުތަކުންނަށް އެތަކެއް ދަތިތަކެއް ކުރިމަތިވެއެވެ. މިހާލަތުގައި މުސްލިމުން އެދަތިކަން ފިއްލަވައިދެއްވާތޯ އެނބުރިގަންނަނީ އެވެރިންގެ ވެރި ﷲ ތަޢާލާގެ ޙަޟްރަތަށެވެ. އިސްތިސްޤާ ނަމާދަކީ ފެން ދަތިވެއްޖެނަމަ، ނުވަތަ ވާރޭ ވެހުން ލަސްވެއްޖެނަމަ ވާރޭ ވެއްސެވުމަށް އެދި ކުރާ ދެ ރަކްޢަތް ނަމާދެކެވެ. ފެނަށް ދަތިވެއްޖެނަމަ ނަމާދުކޮށް ދުޢާކުރުމީ ސުއްނަތެކެވެ.  މިނަމާދު ކުރުން މޮޅުއިތުރު ގޮތަކީ ބޮޑުޖަމާޢަތެއްގައި އެރަށެއްގެ ކުދިބޮޑު އެންމެން ޖަމާވެ ނަމާދުކުރުމެވެ. އަދި ނަމާދަށްފަހު އިމާމުމީހާ ޚުޠުބާދިނުމެވެ. ޚުޠުބާގައްޔާއި ނަމާދުގެ ފަހުގައި ދުޢާކުރުން އޮންނާނެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. " أَمَّن يُجِيبُ الْمُضْطَرَّ إِذَا دَعَاهُ وَيَكْشِفُ السُّوءَ " " (ހެޔޮކަންބޮޑީ، اللَّه ހެއްޔެވެ؟ ނުވަތަ އެއުރެން شريك ކުރާ އެއްޗެހި ހެއްޔެވެ؟) ނުވަތަ ދަތި އުނދަގޫ حال ޖެހިފައިވާ މީހާ، (އެއިލާހަށް) دعاء ކުރާހިނދު، އޭނާގެ دعاء އިޖާބަކުރައްވައި، އަދި ނުބައިކަން ދުރުކުރައްވާ އިލާހުހެއްޔެވެ؟ "


ޢިލްމުވެރިން އިއްތިފާޤުވާ ގޮތުގައި އިސްތިސްޤާ ނަމާދުގައި އޮންނަނީ ދެރަކްޢަތެވެ. އިމާމު ޝާފިޢީއާއި އިމާމު އަޙްމަދު ވިދާޅުވާ ގޮތުގައި ނަމާދު ކުރާނީ ޢީދުނަމާދު ކުރާ ފަދައިންނެވެ. މި ނަމާދު ކުރަނީ ޢީދުނަމާދުގެ ވަގުތުގައެވެ. މިނާދުގައި ޤުރުއާން ބާރަށް ކިޔަވާފައެވެ. ފުރަތަމަ ރަކްޢަތުގައި ހަށަންބަންތަކްބީރަށް ފަހު ދުޢާއުލް އިފްތިތާޙުކިޔާފައި ހަތްތަކްބީރު ކިއަންވާނެއެވެ. އަދި ދެވަނަ ރަކްޢަތުގައި އެރަކްޢަތަށް ތެދުވާ ތަކްބީރަތުލް އިޙްރާމް ފިޔަވައި ފަސްތަކްބީރު ކިޔަންވާނެއެވެ. ޢަބްދުﷲ ބުން ޒައިދުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަމާދުކުރާތަނަށް ވަޑައިގެން ފެނަށް އެދިވަޑައިގެން ޤިބްލައަށް ކުރިމަތިލައްވައި ދެރަކުޢަތް ކުރެއްވިއެވެ. އެއަށްފަހު ޚުޠުބާ ވިދާޅުވުމަށްފަހު ދުޢާކުރެއްވިއެވެ.


اللَّهُمَّ اسْقِنَا غَيْثًا مُغِيثًا مَرِيئًا مَرِيعًا نَافِعًا غَيْرَ ضَارٍّ عَاجِلاً غَيْرَ آجِلٍ. މާނައީ: އޭﷲ! އަޅަމެންގެ މައްޗަށް ވާރޭގެ ނިޢުމަތް ވެއްސަވާނދޭވެ. އުފަލާއި ހިތްހަމަޖެހުންލިއްބައިދޭ، ތާޒާކަން ގެނެސްދޭ އެއްޗެއްގެ ގޮތުގައެވެ. ފައިދާދެނިވި، ގެއްލުމުން މިންޖު ކޮށްދޭ އެއްޗެއްގެ ގޮތުގައެވެ. ލަސްނުވެ އަވަސްކަމާއެކުގައެވެ.


اللَّهُمَّ اسْقِنَا اللَّهُمَّ اسْقِنَا - اللَّهُمَّ حَوَالَيْنَا وَلاَ عَلَيْنَا މާނައީ: އޭﷲ! އަޅަމެނަށް ފެންދެއްވާނދޭވެ. އަޅަމެނަށް ފެންދެއްވާނދޭވެ... އޭﷲ! އަޅަމެންގެ ވަށައިގެން ވެއްސަވައި އަޅަމެނަށް ރަޙްމަތެއްކަމުގައި ލައްވާނދޭވެ. އަޅަމެންގެ މައްޗަށް ހުރި ކޯފާއެއް ނުވަތަ ހަލާކެއްގެ ގޮތުގައި ނުލައްވާނދޭވެ.


اَلْحَمْدُ لِلَّهِ رَبِّ الْعَالَمِينَ الرَّحْمَنِ الرَّحِيمِ مَلِكِ يَوْمِ الدِّينِ لاَ إِلَهَ إِلاَّ اللَّهُ يَفْعَلُ مَا يُرِيدُ اَللَّهُمَّ أَنْتَ اللَّهُ لاَ إِلَهَ إِلاَّ أَنْتَ الْغَنِيُّ وَنَحْنُ الْفُقَرَاءُ أَنْزِلْ عَلَيْنَا الْغَيْثَ وَاجْعَلْ مَا أَنْزَلْتَ لَنَا قُوَّةً وَبَلاَغًا إِلَى حِينٍ. މާނައީ: ޢާލަމްތަކުގެ ވެރި ﷲ އަށް ގިނަގުނަވެގެންވާ ޙަމްދާއި ސަނާ ހުއްޓެވެ. އެއީ ބޮޑަށް ރަޙްމަތްލައްވާ އިންތިހާއަށް އޯގާވަންތަ އިލާހެވެ. ޤިޔާމަތްދުވަހުގެ ވެރިއިލާހެވެ. ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއްވެވޭ އިލާހަކު ނުވެއެވެ. އެއިލާހު އިރާދަކުރައްވާކަމެއް ކުރައްވައެވެ. އަޅުގެވެރި ރަސްކަލާކޮ! ތިޔައީ ﷲ އެވެ. ތިޔައިލާހު ފިޔަވައި ޙައްޤު އިލާހަކު ނުވެއެވެ. ތިޔައީ ފުދިވޮޑިގެންވާ އިލާހެވެ. އަޅަމެންނަކީ ނިކަމެތި މުޙްތާޖުންނެވެ. އަޅަމެންގެ މައްޗަށް ވާރޭ ވެއްސަވާނދޭވެ. އަދި އަޅަމެންގެ މައްޗަށް ވެއްސަވާ ވާރެއަކީ ރަޙްމަތެއްކަމުގައްޔާއި އަޅަމެނަށް މުޙްތާޖުވާ މިންވަރަށް ވެއްސަވާ އެއްޗެއްކަމުގައި ލައްވަވާނދޭވެ. 


اللَّهُمَّ اسْقِ عِبَادَكَ وَبَهَائِمَكَ وَانْشُرْ رَحْمَتَكَ وَأَحْيِ بَلَدَكَ الْمَيِّتَ  މާނައީ: އޭﷲ! ތިޔައިލާހުގެ އަޅުންނަށާއި އެންމެހާ ގެރިބަކަރި ޖަނަވާރުތަކަށް ފެންދެއްވާނދޭވެ. އަދި ތިޔައިލާހުގެ ރަޙްމަތް ފަތުރުއްވަވާނދޭވެ. އަދި ހިކިވެ މަރުވެފައިވާ ތިޔައިލާހުގެ ރަށުގެ ބިންގަނޑު ދިރުއްވާނދޭވެ.


ފެން ދަތިވެއްޖެނަމަ، ނުވަތަ ވާރޭ ވެހުން ލަސްވަނީނަމަ ވާރޭ ވެއްސެވުމަށް އެދި ނަމާދަކާ ނުލައިވެސް އިސްތިސްޤާގެ ދުޢާކުރެވިދާނެއެވެ. ނަމަވެސް ޖުމްހޫރު ދަންނަބޭކަލުން ވިދާޅުވަނީ މޮޅުގޮތަކީ ނަމާދުކުރުންކަމުގައެވެ.


މަޞްދަރު:


ނޫރުލް އިސްލާމް

No comments: