އިސްލާމީ ސަލާމް
ލިޔުނީ:
ޒީނަތު ލަބީބު
އެކަކު އަނެކަކާ ބައްދަލުވާ ހިނދު
އިސްތިޤުބާލުކޮށް މަރުޙަބާކިޔުމުގެ ގޮތުން ތަފާތު ގޮތްތަކެއް ގެންގުޅެއެވެ. އެކި
ހިސާބުގައި މިކަން އޮންނަނީ އެކި ގޮތަށެވެ. އަދި ޒަމާނާއި ޙާލަތަށް އަންނަ
ބަދަލުތަކާއި ގުޅިގެން މިކަންތަކަށް ބަދަލުތަކެއް އާދެއެވެ. ނަމަވެސް އަޅުގަނޑުމެންގެ
މާތްވެގެންވާ އިސްލާމްދީނުގައި މިކަން އޮންނަނީ އެއްގޮތަކަށެވެ. ޒަމާނަކަށް އަދި
ޙާލަތަކަށް އަންނަ ބަދަލަކާއި ގުޅިގެން މީހުންނަށް އިސްތިޤުބާލުކޮށް
މަރުޙަބާކިޔުމަށް އޮންނަ ގޮތަކަށް ބަދަލެއް ނާދެއެވެ. އަޅުގަނޑުމެންގެ މާތްވެގެންވާ
އިސްލާމްދީން ވަނީ އެންމެހާ ރިވެތި ފުރިހަމަ ގޮތްތައް ދަސްކޮށްދެއްވާފައެވެ.
އެގޮތުން ދެމުސްލިމަކު ބައްދަލުވާ ހިނދު އެންމެ ފުރަތަމަ ވެސް އިސްލާމީ ސަލާމުން
ސަލާމްކުރުމަށް ވަނީ އަންގަވާފައެވެ. އިސްލާމީ ސަލާމަކީ ކޮންމެ ތަނަކަށް އަދި ކޮންމެ
ވަގުތަކަށްވެސް މުނާސަބު ސަލާމެކެވެ.
އިސްލާމީ ސަލާމަކީ ”السلام عليكم ورحمة الله وبركاته“ މާނައަކީ: ތިބާގެ މައްޗަށް
ސަލާމަތްކަމާ ﷲ ގެ ރަޙުމަތާ ބަރަކާތްހުއްޓެވެ. މިއީ އަނެކާ އާއި މެދު ތިމާގެ ހިތުގައި
އޮތް ލޯތްބާއި ކުލުނު ހާމަކޮށްދިނުމަށް ކިހާ ފުރިހަމަ ބަސްތަކެއްތޯއެވެ؟ އަދި ތިބާގެ ފަރާތުން އަނެކާއަށް އެއްވެސް
ނުރައްކަލެއް ނެތްކަން ހާމަކޮށްދިނުމަށް ކިހާ ފުރިހަމަ ބަސްތަކެއްތޯއެވެ؟
ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގެ ނިސާ
ސޫރަތުގެ 86ވަނަ އާޔަތުގައި ވަޙިކުރައްވާފައިވެއެވެ. وَإِذَا حُيِّيتُم بِتَحِيَّةٍ
فَحَيُّوا بِأَحْسَنَ مِنْهَا أَوْ رُدُّوهَا ۗ إِنَّ اللَّـهَ كَانَ عَلَىٰ كُلِّ شَيْءٍ حَسِيبًا
﴿٨٦﴾ މާނައީ: ތިޔަބައިމީހުންނަށް ސަލާމަކުން ސަލާމްކުރެވިއްޖެނަމަ، އެއަށްވުރެ ރިވެތި ސަލާމަކުން ތިއަބައިމީހުން
ސަލާމްކުރާށެވެ. ނުވަތަ އެސަލާމް ރައްދުކުރާށެވެ. ހަމަކަށަވަރުން، ކޮންމެ ކަމެއްގެ حساب ބައްލަވާ ކަލަކު ކަމުގައި الله ވޮޑިގެންވެއެވެ.
ﷲ ތަޢާލާގެ ޙަޟްރަތުން އަޅުގަނޑުމެންނަށް ދެއްވާފައިވާ
ސަލާމަކީ އެހެން އެއްވެސް ޤައުމަކަށް ޤަބީލާއަކަށް ލިބިގެންނުވާފަދަ މަތިވެރި ސަލާމެކެވެ.
މާނަ ފުރިހަމަ ސަލާމެކެވެ. ނަމަވެސް ހިތާމަޔަކީ މިފަދަ ފުރިހަމަ ސަލާމުގެ
ބޭނުންހިފާ ބަޔަކު މިއަދު ނުފެންނަކަމެވެ. އަދި މި މަތިވެރި ސަލާމުން ސަލާންގޮވާ
މީހާއަކީ މުޖުތަމަޢުގައި ކަޓު މީހެއްގެ ގޮތުގައި ލޭބަލްކުރެވިފައިވާ މީހެކެވެ.
ނުވަތަ އެއީ ހައްދުފަހަނަޅައިފައިވާ މީހެކެވެ. އަދި މި މަތިވެރި ފުރިހަމަ ސަލާމް
އެއްފަރާތްކުރުމަށްފަހު ބޭނުންކުރާ ބަސްތަކަކީ "ހައި" "ހަލޯ"
"މޯނިންގ" "ވެލްކަމް" .... ފަދަ ބަސްތަކެވެ. މިއީ
މިބަސްތަކުގެ ޒާތުގައި އެއްވެސް އޮށްޓަރެއް ފައިދާއެއް ހުރި މާނަތަކެއް
އެކުލެވިގެންވާ ބަސްތަކެއް ނޫނެވެ.
އަޅުގަނޑުމެންގެ މުސްލިމް އެކުވެރިންނަށް އިސްލާމީ
ސަލާމުން ސަލާމްކުރަން އަޅުގަނޑުމެން ފަސްޖެހި ލަދުގަންނަންވީ ކީއްވެތޯއެވެ؟ ފަހަރެއްގައި އެކަމުގެ ސަބަބަކީ އަޅުގަނޑުމެންނަށް
ސަލާމަކީ ކޮބައިކަމާ އޭގެ މުހިއްމުކަން ނުވިސްނެނީ ކަމުގައި ވެދާނެއެވެ.
ސަލާމުގެ މުހިއްމުކަން ބަޔާންކޮށް ދެއްވުމުގެ ގޮތުން
އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސަލަމަ ހަދީޘްކުރެއްވި
ކަމަށް މުސްލިމު ރިވާކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. ”ތިޔަބައިމީހުން
އީމާންވެއްޖައުމަށް ދާންދެން ތިޔަބައިމީހުން ސުވަރުގެ ނުވަންނަހުއްޓެވެ. އަދި ތިޔަބައިމީހުން
އެއްބަޔަކު އަނެއްބަޔަކު ދެކެ ލޯބިވެއްޖައުމަށް ދާންދެން ތިޔަބައިމީހުން އީމާންވީކަމުގައި
ނުބެލެވޭހުއްޓެވެ. އަދި އެކަމެއް ކޮށްފިނަމަ އޭގެ ސަބަބުން ތިޔަބައިމީހުންގެ މެދުގައި
ލޯބިއުފެދި އެއްބައިވަންތަކަން އިތުރުވެ އާލާވެގެންދާނޭ ކަމެއް ތިޔަބައިމީހުންނަށް
ތިމަންކަލޭގެފާނު ބުނެދެއްވަމު ހެއްޔެވެ؟ އެކަމަކީ
ތިޔަބައިމީހުންގެ މެދުގައި ސަލާމްކުރުމުގެ އާދަ ޢާއްމުކޮށް ފަތުރާށެވެ.“
ސަލާމަކީ އޭގެ ސަބަބުން އެކުވެރިކަމާ ލޯބި
އިތުރުކޮށްދޭކަމެއްކަން ކަށަވަރެވެ. އަދި އެއީ ދޭދޭ މީހުންގެ މެދުގައި އޮންނަ ކުލުނުވެރިކަން
އާލާކޮށްދޭނެ ކަމެކެވެ. އަޅުގަނޑުމެންގެ މެދުގައިި މިހާރު އުފެދިފައިމިވާ ނަފްރަތާއި
ރުޅިވެރިކަމާއި ހަސަދަވެރިކަން ފަދަ ނޭދެވޭ ސިފަތައް ނައްތާލުމަށްޓަކައި ސަލާމްކުރުމުގެ
މަތިވެރި އާދަ މުޖުތަމައުގައި ފެތުރުމަށް މަސައްކަތްކުރުމަކީ ފަރުދީ ޒިންމާއަކަށް
ހަދަމާތޯއެވެ.
No comments:
Post a Comment