Featured Post

Ombey

Friday, March 22, 2019

libey aamdhanee madhuveemaa !!!!


ލިބޭ އާމްދަނީ މަދުވީމާ !!!!

See the source image


ލިޔުނީ: ޒީނަތު ލަބީބު.

ތިބާގެ ދިރިއުޅުން ބާއްޖަވެރިކުރަން އެދޭނަމަ އޮތީ އެންމެ ގޮތެކެވެ. އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަންގަވާފައިވާ ގޮތުގައި ތިބާގެ ދިރިއުޅުން ބިނާކުރުމެވެ. ޙަލާލު ގޮތުގައި ކާންބޯން މަސައްކަތްކުރުމާއެކު ޙަލާލު ގޮތުގައި އާމްދަނީ ހޯދާށެވެ. ޙަރާމްގޮތުގައި އާމްދަނީ ހޯދުމާއި ޙަރާމްތަކެތި ކައިބޮއި ނަހަދާށެވެ.  މާތް ﷲ ވަޙީކުރައްވާފައިވެއެވެ. يَا أَيُّهَا النَّاسُ كُلُوا مِمَّا فِي الْأَرْضِ حَلَالًا طَيِّبًا وَلَا تَتَّبِعُوا خُطُوَاتِ الشَّيْطَانِ ۚ إِنَّهُ لَكُمْ عَدُوٌّ مُّبِينٌ ﴿ سورة البقرة ١٦٨﴾  މާނައީ: އޭ މީސްތަކުންނޭވެ! ބިމުގައިވާ ތަކެތީގެ ތެރެއިން حلال ރަނގަޅު ތަކެތި ތިޔަބައިމީހުން ކައިއުޅޭށެވެ! އަދިި شيطان އާގެ ފިޔަވަޅުތަކަށް ތިޔަބައިމީހުން تبع ނުވާށެވެ! (އެހެނީ) ހަމަކަށަވަރުން އެ شيطان އާއީ، ތިޔަބައިމީހުންނަށްހުރި ކަނޑައެޅި ބަޔާންވެގެންވާ عداوة ތެރިޔެކެވެ. (168)

ތިބާއަށް ލިބޭ އާމްދަނީ މަދުވުމުން ޙަލާލު ނޫންގޮތުގައި ރިޒުޤު ހޯދުމަށް ޝައިޠާނާ މަގުދައްކާނެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. إِنَّمَا يَأْمُرُكُم بِالسُّوءِ وَالْفَحْشَاءِ وَأَن تَقُولُوا عَلَى اللَّـهِ مَا لَا تَعْلَمُونَ ﴿ سورة البقرة ١٦٩﴾ މާނައީ: އެ شيطان އާ ތިޔަބައިމީހުންނަށް أمر ކުރާކަން ކަށަވަރީ ނުބައިކަންތަކާއި ހުތުރުކަންބޮޑު ފާފަތަކަށެވެ. އަދި ތިޔަބައިމީހުންނަށް އެނގިގެންނުވާ އެއްޗެއް اللَّه އާމެދު ތިޔަބައިމީހުން ބުނުމަށެވެ. (169)  މިފަދަ ހާލެއްގައި ތިބާގެ ނަފްސުވެސް އެކަމަށް އެއްބަސްވެދާނެއެވެ. ނަމަވެސް މުސްލިމުން މިފަދަ ހާލަތެއްގައިވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވާފައިވާ އިރުޝާދަކީ ކޮބައިތޯބަލައި އިސްކަންދޭނީ ﷲ އަންގަވާފައިވާ ގޮތަށެވެ.

ތިބާ ކޮންމެ ކަމަކަށް ގޮތެއް ނިންމުމުގެ ކުރިން ދީނުގައި އެކަމެއް އައިސްފައިވާ ގޮތްބަލާށެވެ. އެއީ ކޮންމެ މުސްލިމެއްގެ މައްޗަށްވާ ވާޖިބެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަގުމާތްވި އިރުޝާދާމެދު ވިސްނާލާށެވެ. عن أَبِي أمامة الباهيّ رضي الله عنه  (أَنّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمْ، قَالَ: إنّ رُوحَ القُدُسِ نَفَثَ في رُوعِي أنّ نَفْساً لنْ تَمُوتَ حَتّى تَسْتَكْمِلَ أجَلَها وَتَسْتَوْعِبَ رِزْقَها، فاتّقُوا الله وأجْمِلُوا في الطَّلبِ، ولا يَحْمِلنَّ أحَدَكُمُ اسْتِبْطاءُ الرِّزْقِ أنْ يَطْلُبَهُ بِمَعْصِيَةِ الله، فإنّ الله تعالى لا يُنالُ ما عِنْدَهُ إلاّ بِطاعَتِهِ ) رواه أبو نعيم في حلية الأولياء وصححه الألباني. މާނައީ: ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ޖިބުރީލުލްއަމީން ތިމަން ނަބިއްޔާގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ. ހަމަކަށަވަރުން އެއްވެސް ނަފުސެއް އެ ނަފުސަކަށް ކަނޑައެޅިފައިވާ ރިޒުޤު ބޭނުން ނުކޮށް މަރުނުވާ ހުއްޓެވެ. ފަހެ ތިޔަބައިމީހުން ﷲއަށް ތަޤުވާވެރިވާށެވެ. އަދި ޙަލާލު ގޮތުގައި އާމްދަނީ ހޯދުމަށް މަސައްކަތްކުރާށެވެ. އަދި ލިބޭ އާމްދަނީ މަދުވެގެން އެ އާމްދަނީ އިތުރުކުރުމަށްޓަކައި އެއްވެސް މީހަކު ޙަރާމް ގޮތެއް އިޚްތިޔާރު ނުކުރާށެވެ. އެހެނީ ﷲގެ ޙަޟްރަތުގައިވާ އެއްޗެއް އެ އިލާހަށް ކިޔަމަންގަނެގެން މެނުވީ ޙާޞިލެއް ނުކުރެވޭނެއެވެ.

ޙަރާމް އެއްޗެހި ކައިބޮއި ހަދައިގެން ތިބާގެ ހަށިގަނޑު ހެދި ބޮޑުވުމަކީ އުފަލެއް ކަމުގައި ނުދެކޭށެވެ. ޙަރާމް އެއްޗެހިން ހެދި ބޮޑުވެފައިވާ ހަށިގަނޑުގެ މަކާނަކީ ޖަހައްނަމަ ނޫން ދެން އެހެން ކޮންތަނެއްތޯއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަގުމާތްވި އިރުޝާދާމެދު ވިސްނާލާށެވެ. عن جابر بن عبد الله قال : قَالَ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمْ "لا يدخل الجنة من نبت لحمه من سحت النار أولى به " މާނައީ: ޙަރާމް އެއްޗެއް ކައިގެން މަސްޖަހާފައިވާ ހަށިގަނޑެއް ސުވަރުގެ ނުވަންނަ ހުއްޓެވެ. އެ ހަށިގަނޑަށް އެންމެ އައުލާކަން ބޮޑީ ނަރަކައެވެ.

ރިޝްވަތަކީ ޙަރާމް އެއްޗެކެވެ. ކަމެއް ޙާޞިލުކުރަން ބޭނުންވެފައިވާ މީހާ އެކަމެއް ޙާޞިލުކުރުމަށްޓަކައި ހޭދަކުރާ ހޭދައަކީ ރިޝްވަތެކެވެ. މިއީ ވަކިކަމެއް ޙާޞިލުކުރުމުގެ ބޭނުމުގައި އުޑުން ތަރިބާލައި ދިނުމަށްވެސް ބުނަމުންދާ ދުވަސްވަރެކެވެ. ވީމާ މިފަދަ ކަންކަމުން ދުރުހެލިވެ ރައްކާތެރިވެ ތިބުމަށް އަޅުގަނޑުގެ އަމިއްލަ ނަފުސަށް އެދޭ ފަދައިން ތިޔަ އެންމެހައި ލޮބުވެތި މުސްލިމު އަޚުންނާއި އުޚުތުންނަށް ނަޞޭޙަތްތެރިވެ ވަޞިއްޔަތްކުރަމެވެ.

ހައްދަވައި ގެންގުޅުއްވާ އިލާހު! އަޅަމެންނަކީ ޙަލާލު ގޮތުގައި އާމްދަނީ ހޯދުމަށް މަސައްކަތްކުރާ ބައެއްގެ ގޮތުގައި ލައްވާފާނދޭވެ! އަޅަމެންނަކީ ޙަލާލު ތަކެތި ކެއުމަށް ލޯބިކުރާ ޙާރާމް ތަކެތި ކައިބޮއި ނަހަދާ ބައެއްގެ ގޮތުގައި ލައްވާފާނދޭވެ! އަޅަމެން ހައްދަވައި ގެންގުޅުއްވާ އިލާހު! އަޅަމެން އެންމެންގެ އީމާންކަން ވަރުގަދަ ކުރައްވާފާނދޭވެ! އަޅަމެންގެ މައިންބަފައިންނާއި އަނބިދަރިންނަކީ ތެދުމަގު ލިބިގެންވާ ޞާލިޙުންގެ ތެރެއިން ވާ ބައެއް ކަމުގައި ލައްވައި އެބައިމީހުންނަށް ރަޙްމަތް ލައްވާނދޭވެ! އަޅަމެންގެތެރެއިންވާ ބަލިމީހުންނަށް ޝިފާދެއްވައި، ދަރަނިވެރިންގެ ދަރަނިތައް ފުއްދުމުގައި އެހީތެރިވެވޮޑިގެންފާނދޭވެ! އަޅަމެންގެ މަރުމައްޗަކީ އަމާން، ފަސޭހަ މަރުމައްޗެއްކަމުގައި ލައްވައި، އަޅަމެން އެންމެން ކަށްވަޅުގެ ޢަޛާބުން ސަލާމަތްކުރައްވާފާނދޭވެ!  އަދި ކަނާތްފަރާތުން ފަތްލިބޭ މީހުންކަމުގައި ލައްވައި، ޞިރާޠު މަގު ފަސޭހަކުރައްވައި، ނަރަކައިގެ ވޭންދެނިވި ޢަޛާބުން ސަލާމަތްވެގެންވާ، ދާއިމީ ސުވަރުގެވަންތަވެރިން ކަމުގައި ލައްވާނދޭވެ!  (އާމީން)

މަޞްދަރު:

ހުކުރު ޚުޠުބާ


No comments: