ޑުރަގުގެ ނުރައްކާތެރިކަން!!!
ލިޔުނީ: ޒީނަތު ލަބީބު.
ރޭގަނޑު އޭގެ
ހަމަހީމޭންކަމާއެކު އޭގެ ވަގުތުތައް ހޭދަކުރަމުންދެއެވެ. ބައްޕަ އެނދުމަތީގައި
އެއްފަރާތުން އަނެއްފަރާތައް ފުރޮޅިލަ ފުރޮޅިލާ އޮތެވެ. މަންމަ ވެސް ނިދުމެއްނެތި
ވަރަށް ފުން ވިސްނުމެއްގައި އިނެވެ. ކުއްލިއަކަށް ބައްޕަ ސުވާލުކުރިއެވެ.
ބައްޕަ: "އަދިވެސް
ނުނިދަނީތަ؟ މިހާރު ހާދަ ދަންވެއްޖެއޭ".
މަންމަ
ޖަވާބުދެމުން ބުނެލިއެވެ.
މަންމަ: "އާނ!
މިވިސްނަނީ އަހަރުމެންގެ ދަރިފުޅާމެދު، އެހެން އިތުރު ދަރިންތަކެއްވެސް ތިބީކީ
ނޫން ވިއްޔާ، ނުބައިމަގަކުން ހިނގައިދާނެތީ މި ބިރުގަންނަނީ".
ބައްޕަ: "ތީހަމަ
ވަރަށް ބޮޑަށް ވިސްނަންޖެހޭ މައްސަލައެއް، އެސޮރުވެސް އެވަނީ ކައިވެންޏާ
ކުރިމަތިލާ ޢުމުރަށް އަޅާފަ، އެކަމަކު މިޒަމާނުގައި މިއުޅޭ ގިނަކުދިންނަށް ވުރެ މާރަނގަޅު
ކުއްޖެއް އެއީ"
މަންމަގެ
ވާހަކައަށް އިތުރުކޮށްލަމުން އަނެއްކާ ވެސް މަންމަ ބުންޏެވެ.
މަންމަ: "ދެން
ރަނގަޅު ޙަޔާތެއް ފެށޭތޯ ބަލަންވީ، އަހަރުމެންގެ ޒިންމާއެއް އެއީ ވެސް".
ޖެހިގެންއައި
ދުވަހު ހެނދުނު ސައި މޭޒުމަތިން ބައްޕަ ކައިވެނީގެ މައުޟޫޢު ހުޅުވާލިއެވެ.
އެކަމަކަށް ދަރިފުޅުގެ އެއްވެސް އިޢުތިރާޒެއް ނެތެވެ. ހަމަ ދާދި އަވަހަށް އެކަމަށް
ތައްޔާރަށް ހުރި ވާހަކަ ބުނެލިއެވެ. ތައްޔާރީތައް ކުރެވި ހެޔޮލަފާ އުޅުންހުރި
ދީންވެރި ގެވެހި އަންބެއް ފިރިހެން ދަރިފުޅަށް ލިބިއްޖެއެވެ. އެހާމެ އުފާވެރި
ދިރިއުޅުމެއް ފެށިގެން ދުވަސްތައް ހޭދަވާން ފަށައިފިއެވެ. ޒަމާންތައް ފާގަތިކަމާ
ނިޔާމައިގައި ހޭދަވެ ދެމަފިރިންގެ ދެމެދުން ލޯބި ލޯބި ހަދަރިން ﷲ މިންވަރުކޮށްދެވިއެވެ.
އެ އުފާވެރި ބައްޕައަކީ އަމްޖަދެވެ. އަމްޖަދުގެ ހަމައެކަނި މަސައްކަތަކީ
ވަޒީފާއިން ގެއަށް އަނބިދަރިންގެ ކައިރިއަށް، އަދި ގެއިން ވަޒީފާއަށް ދިއުމެވެ.
އެއްދުވަހަކު
މުޅިން އާ މުވައްޒަފަކު އޮފީހަށް އަތުވެއްޖެއެވެ. އެއީ ކައިރި ހިސާބެއްގެ އެހެން
އަވަށެއްގެ މީހެކެވެ. އޭނާގެ މަސައްކަތުގައި ހަފްތާއެއް ހޭދަވީ ފަހުން
ކުއްލިއަކަށް އޮފީހުގެ ހުރިހާ މުވައްޒަފުންނަށް އޭނާގެ ދަޢުވަތެއް ލިބުނެވެ.
އެއްރެއެއްގެ ރޭގަނޑުގެ ކެއުމަކަށް އެއަވަށަށް ހިނގަޖެއެވެ. މިއުފާވެރި ހަފްލާ
ނިންމުމަށްފަހު އޮފީހުން އައި އެންމެންކަހަލަ ގޮތަކަށް އެނބުރިގޮސް ނިމިއްޖެއެވެ.
އެހެނަސް އަމްޖަދު ހިމެނުނީ އެހެން ދެ އެކުވެރިންނާއެކު މަޑުކޮށްލި މީހުންގެ
ތެރޭގައެވެ. އެތަނުގައި މިހާރު ބާކީ ތިބީ އަމްޖަދުގެ ދެ އެކުވެރިންނާއި ބޭރުން
އައި އެހެން މެހުމާނުން ކޮޅެކެވެ.
ކުއްލިއަކަށް
އެމީހުންގެ ޖީބުން ނަގަންފެށީ ހުދުކުލައިގެ ކުދި ކޮތަޅުތަކެކެވެ. އޭގެތެރޭގައި
ފުށް ކަހަލަ އެއްޗެއް ހުރިކަން ފާހަގަ ކުރެވުނެވެ. އެކޮތަޅުތައް ކެނޑުމުގައި
އެމީހުން އަވަސްވެގަތުމުން އެމީހުންގެ ހަރަކާތްތަކަށް އަޖައިބުކަމާއެކު ބަލަން
ހުރި އަމްޖަދުގެ ހިތުގައި އެތަކެއް ސުވާލެއް އުފެދެމުންދިޔައެވެ. މިއީ ކިހިނެއްވާ
ކަމެއްތޯ އޭނާގެ އެކުވެރިޔާއާ ސުވާލުކުރިއެވެ. ޖަވާބުގައި އެއެކުވެރިޔާ
ވައިއަޑަކުން ބުނެލިއެވެ. "ހިރޮއިން" "އެކުވެރިޔާ!
ހިރޮއިން". އޭނާގެ
މިލަފުޒުތަކުން އަމްޖަދުގެ ކަންފަތަށް ގުގުރިއެއް ޖެހިހެން ހީވިއެވެ. އަދި
ހޮނުވެސް އެޅިކަހަލަ އެވެ. އަދި ބުނެލިއެވެ. "އޭއި! އެއީ މަރާލާފަދަ ޤާތިލެއް
ނުން". މަލާމާތުގެ ރާގެއްގައި އެކުވެރިޔާ ބުންޏެވެ. ޤާތިލެކޭ! އާނ! ތިކަހަލަ
ނުކެރޭ ފިނޑި ތުއްތު ކުދިންނަށް އެއީ ހަމަ ޤާތިލެއް". މިހިސާބުން ޝައިޠާނާގެ
ދައުރު ފެށިގެންދިޔައެވެ.
ހިތާހިތާ
ބުނެލިއެވެ. އޭނާ އެކުރީ މަލާމަތެވެ. "ފިނޑިމީހެކޭ ތުއްތު ކުއްޖެކޭ ނުކުރޭ
މީހެކޭ" ނިކަން ހުރެބަލާށެވެ! އަހަރެންގެ ކެރޭކަން ދައްކާލާނަމެވެ. އަދި
އެކުވެރިޔާއާ ދިމާއަށް ބުންޏެވެ. "އެހެންތަ ހީކުރީ، ގެނޭ ތި މަގޭ އަތަށް ވެސް" މިހެންބުނެ
އަމްޖަދުގެ އަތް ދިއްކޮށްލިއެވެ. އަދި އެމީހުންނާއެކު އެނުބައި ސުންޕާ ފާފައިގައި
ބައިވެރިވެ އެމީހުން އެ ގެނބުނު ހިސާބަކަށް ލޯބި ލޯބި ހަކުދިންގެ ބައްޕަ، އަދި
ކިޔަމަންތެރި އަންބެއްގެ ފިރި އަމްޖަދު އިސާހިތަކު ގެނބި ޢަރަޤުވެއްޖެއެވެ.
ހަމަހޭވެރިކަމެއްލިބުނުއިރު އަނެއް ދުވަހުގެ ހެނދުނު ދިހައެއްޖަހާ ހިނގައްޖެއެވެ.
އަމްޖަދުގެ
އަންހެނުން ނުހާ އޭނާގެ ފިރިމީހާގެ ފުށުން ދުވަހަކުވެސް ފެނިފައިނުވާ ލަސްކަމެއްގެ
ސަބަބުން މޮޔަނުވެ ހުރީ ހަމަކިރިޔާއެވެ. ލޯބިން ވަފާތެރިކަމާއެކު އެތައް ޒަމާނެއް
ހޭދަވެގެން ދިޔައިރުވެސް ވީނުވީއެއް ނޭނގި ލަސްވެފައި ދުވަހަކުވެސް ނުވާތީއެވެ.
ގެއަށް ހަމަ އައުމާއެކު ކެތްމަދުވެފައިވާ އަނބިމީހާ ކިޔަމަންތެރިކަމާއެކު
އަހާލިއެވެ. "އަހަރެން މޮޔަނުވީ ހަމަކިރިޔާ، ވީގޮތެއް ނޭނގިގެން، ކޮންތާކުތަ
ތިއުޅެނީ". ތުރުތުރުއަޅާހުރި އަމްޖަދު ވަރަށް ބާރު އަޑަކުން އޭނާގެ
އަނބިމީހާއަށް ޖަވާބުދެމުން ބުންޏެވެ. "އެއީ ބަލަންޖެހޭ ކަމެއް ނޫން"
ނުހާ ވީދެރައިން ހިތް ފަޅައިގެން ނުދިޔައީ ހަމަ ކިރިޔާއެވެ. އަދި ހިތާހިތާ
ބުނެލިއެވެ. އަނެއްކާ މަގޭ ފިރިމީހާއަށް މިވަނީ ކީއްވެފަ ހެއްޔެވެ؟ ޖިންނި އަވަލީ
ހެއްޔެވެ؟ ނޫން... ނޫން... އެވާނީ މާބޮޑަށް ވަރުބަލިވީކަމަށެވެ.
ނުހާއެވެ!
އަމްޖަދަށް އެވަނީ ޖިންނި އަވަލާފައެވެ. އެހެންނަމަވެސް އެއީ އާދައިގެ ޖިންނިއެއް
ވެސް ނޫނެވެ. އެއީ ޖިންނީންގެ އެންމެ މައި ޖިންނި ކަމުގައިވާ ޝައިޠާނާއެވެ.
ޝައިޠާނާގެ އަވައިގައި ނުހާގެ ފިރިމީހާ އެވަނީ ޖެހިފައެވެ. މިގޮތުގައި
ތިންމަހެއްހާ ދުވަސް ވޭތުވެދިޔައިރު އަމްޖަދުގެ ކަންތައްދަނީ ދުވަހުން ދުވަހަށް
ގޯސްވަމުންނެވެ. އޭނައަށް ނަސޭޙަތްދެވޭނެ މީހެއް ހުރިކަމަކަށް ހަމަހިލާ ނުވެއެވެ.
ގޭތެރޭގެ ކަންތަކާއި އަނބިދަރިންގެ ކަންތަކާ އަޅާލުމެއް ނެތްތާނގައި ވަޒީފާއަށް
ވެސް އެއްވެސް ފަރުވާލެއް ނުބެހެއްޓުމުގެ ނަތީޖާ ހިތިވެ ވަޒީފާއިންވެސް
ވަކިކޮށްފިއެވެ.
އެންމަފަހުން
ހިތާމައިގެ ރޭ އަތުވެއްޖެއެވެ. ގަޑިތަކުން ފަތިހުގެ ފަހެއްޖެހުމާ ކައިރިކުރަމުން
އެދަނީ އޭގެ މަސައްކަތަށް ކުޑަވެސް ވަރުބަލިކަމެއް ނެތިއެވެ. އަމްޖަދު އޭނާގެ
ގެދޮށަށް އައިއިރު ބުއްދި ރަންވެފައެވެ. ގޭގެ ކުރިމައްޗަށް ކާރު ހުއްޓާލުމާއެކު
އޭނާއަށް ފެނުނީ އޭނާގެ ކޮޓަރިތެރޭން އިތުރުބަޔަކު ހަރަކާތްތެރިވަމުންދާ
މަންޒަރެވެ. ކުއްލިއަކަށް އޭނާގެ މަސްތުވެފައިވާ ސިނކުޑި ބުނެލިއެވެ. އަނެއްކާ
އެއީ ކޮންބައެއް ހެއްޔެވެ؟ އަނެއްކާ އަހަރެންގެ އަންހެނުން އަހަރެންނަށް....
އަހަރެންނަށް... . ކާރުންފައިބައިގެން ނިކަން ހަމަޖެހިލާފައި ގޮސް ޑިކީ
ހުޅުވާލިއެވެ. އޭނާވަނީ އިންތިހާއަށް ރުޅިއައިސްފައެވެ. އިސާހިތަކު ފުރޮޅުނައްޓާ
ރެންޗު އަތަށް ހެޔޮވަރުކޮށްލިއެވެ. އޭރު ރަށުތެރޭގައި ފަތިސް ނަމާދު ބަންގީގެ އަޑު
ގުގުމަމުންދެއެވެ. ވަރަށް ފަރުވާތެރިކަމާއެކު އޭނާގެ އެޕާޓްމަންޓުގެ ދޮރު ހުޅުވާލާ
އެތެރެއަށް ޖެހިލިއެވެ. އަނދިރިކަންވަނީ ވެރިވެފައެވެ.
އަމްޖަދަށް އޭނާގެ
ނިދާކޮޓަރި ޚިޔާލީ ގޮތެއްގައި ދައްކާލިއެވެ. އޭނާގެ އަންހެނުން އެވަނީ އޭނާއަށް
ޚިޔާނާތްތެރި ހާލެއްގައިކަން ކަށަވަރުކޮށްދިނީ ހިރިއޮނުން މަސްތުވެފައިވާ އޭނާގެ
ބުއްދިއެވެ. ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު އޭނާގެ އަނބިމީހާ
ސަޖިދައަށް ތިރިވެ މުސައްލަމަތީގައި އެއަންހެނާގެ ވެރި ރައްބަށް ނިކަމެތިކަމާއެކު
ނިތްކުރި ތިރިކޮށްލައިގެން އޮތްތަނެވެ. އެހެންނަމަވެސް އޭނާގެ މަސްތުވެފައިވާ
ބުއްދި އޭނާއަށް ދައްކަމުންދަނީ އޭނާގެ އަންހެނުން އޭނާއަށް ފިލަން ތިރިވެގެން
އޮތް މަންޒަރެވެ. ކުއްލިއަކަށް ނުހާގެ ގާތަށް ޖެހިލާ އޭނަގެ އަތުގައި އޮތް ރެންޗުން
ނުހާގެ ބޮލުގައި އެތިފަހަރެއް އެޅިއެވެ. ނުހާ އަޑުގެ ނެތްތަނަށް ރޮއިގެން ހަޅޭލެވިއެވެ.
ހަމައެބާރުމިނުގައި ދެވަނަ އެތިފަހަރެއްވެސް ނުހާގެ ބޮލަށް އަރައިފިއެވެ.
ހަމައެއާއެކު ނުހާ ބިންމައްޗަށް ވެއްޓިއްޖެއެވެ.
އެއިމާރާތުގެ
ބައެއް އެޕާޓްމަންޓު ތަކުގައި ތިބި މީހުން އަމްޖަދުގެ އެޕާޓްމަންޓާއި ހަމައަށް
އަތުވެއްޖެއެވެ. ރަނގަބީލިގެ އަޑު ކިތަންމެ ގަދަވިޔަސް ދޮރު ހުޅުވާނެ
ހަމައެކަކުވެސްނުވިއެވެ. އަމްޖަދުގެ
މަސްތުވެފައިވާ ބުއްދި އޭނައަށް ބުނަމުން ދަނީ އެ ޚިޔާނާތްތެރިޔާ މަރާނުލާ
ދޫކޮށްނުލުމަށެވެ. އޭނާ ސަލާމަތްވިޔަ ނުދިނުމަށެވެ. އަނެއްކާވެސް އޭނާގެ އަތް ތައްމިނަށް
ދަމާލިއެވެ. ތިންވަނަ އެތިފަހަރެއް ވެސް ނުހާގެ ނިއްކުރިއަކަށް އިހުނަށްވުރެ
ބާރަށް އެރިއެވެ. ނުހާގެ ބޯ ފެޅި ލޭތައް ކޯރު ހެދިގެން ހިނގައްޖެއެވެ. ހިތްދަތިކަމާއި
ބިރުވެރިކަމުގެ މަންޒަރެވެ. ނުހާ އޭނާގެ ބޯ އުފުލާލައި ފިރިމީހާ ދިމާއަށް
ޤަބޫލުކުރަން ދަި މޭރުމަކުން ބަލާލުމަށްފަހު އެއްވެސް ހަކަތައެއް ނެތް މަސްގަނޑު
ބިންމައްޗަށް ދެމުނެވެ.
އަވައްޓެރިން
ދޮރުގެ ބިއްލޫރި ތަޅާލާ އެތެރެއަށްވަދެއްޖެއެވެ. ސުބުޙާނަﷲ .... ސުބުޙާނަﷲ ....
ސުބުޙާނަﷲ .... ފިރިމީހާގެ އަތުގައި ކާރުގެ ފުރޮޅު ނައްޓާ ރެންޗު އޮތެވެ.
އަނބިމީހާ ލެއިން ތަތްތެޅިފައި އޭނާގެ މުސައްލަމަތީގައެވެ. ދަރިންތައް ހޭލައިގެން
ރޮމުންދަނީއެވެ. ބޭރުން އައި މީހުންގެ ސަބަބުން މުޅި އެޕާޓްމަންޓް އޮތީ
ފުރިފައެވެ. އަންހެނުނާނާއި ފިރިހެނުންނެވެ. ކުދިންގެ މީހުން ހަރަކާތް ހުއްޓިފައިވާ
މަންމަގެ މަސްގަނޑު ދެކެފައި އަޑުން އަޑުނަގައި ރޮމުންދަނީ އެވެ.
އިސާހިތަކު
ފުލުހުން އައެވެ. އަދި މަސްތުވެފައިވާ ޤާތިލު ހައްޔަރުކޮށްފިއެވެ. މުސައްލަމަތީ އެ
އަންހެނާގެ ވެރި އިލާހަށް ސަޖިދަމަތީ އޮތްވާ އަނިޔާވެރިގޮތުގައި މަރާލެވުނު
އަންހެނާގެ މަރުވެފައިވާ މަސްގަނޑު ވަޅުލެވިއްޖެއެވެ. ޖަނާޒާގެ ކަންތައްތައް
ނިމިއްޖެއެވެ. ލޯބިލޯބި ކުޑަކުޑަ ކުދިންކޮޅު ޔަތީމުޚާނާއަކަށް ވެއްދިއެވެ. އޭގެ
އެއްމަސްފަހުން ޤާތިލުގެ މައްޗަށް ޙުކުމް ތަންފީޒުކުރެވުނެވެ.
ލިބުނު ދަރިންކޮޅު
ބިކަވީއެވެ. ޢުމުރުގެ ބާކީބައި ޖަލުގެ ތޭރިތަކުގެ ތެރޭގައި ހޭދަކުރަންޖެހުނީ އެވެ.
ދުނިޔެއާއެކު އާޚިރަތްވެސް ގެއްލުނީ އެވެ. إنالله وإنا إليه راجعون ....
މަޞްދަރު:
ޙަޤީޤީ ހާދިސާ: - ޑުރަގުގެ ނުރައްކާ
No comments:
Post a Comment