Featured Post

Ombey

Friday, March 15, 2019

insaanaage a'burakee hu'rumattherivegenvaa ehcchekeve.


އިންސާނާގެ ޢަބުރަކީ ޙުރުމަތްތެރިވެގެންވާ އެއްޗެކެވެ.
See the source image



ލިޔުނީ: ޒީނަތު ލަބީބު.

މާތް ﷲ އަށް ތަޤުވާވެރިވާ މީހުންނަކީ އެކަލާނގެ ޙަޟްރަތުގައި އެންމެ މާތް މީހުންނެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ހެއްދެވި މަޚްލޫޤުންގެ ތެރެއިން އިންސާނާވަނީ މަތިވެރިކުރައްވާފައެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. وَلَقَدْ كَرَّمْنَا بَنِي آدَمَ وَحَمَلْنَاهُمْ فِي الْبَرِّ وَالْبَحْرِ وَرَزَقْنَاهُم مِّنَ الطَّيِّبَاتِ وَفَضَّلْنَاهُمْ عَلَىٰ كَثِيرٍ مِّمَّنْ خَلَقْنَا تَفْضِيلًا ﴿٧٠﴾ މާނައީ: ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آدم ގެދަރިން މާތްކުރެއްވީމެވެ. އަދި އެއުރެން އެއްގަމާއި ކަނޑުގައި، އުފުއްލެވީމެވެ. އަދި އެއުރެންނަށް ރަނގަޅު ތަކެތިން رزق ދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ހެއްދެވި ތަކެތީގެ ތެރެއިން، ގިނަ ތަކެތީގެ މައްޗަށް އެއުރެން މަތިވެރި ދަރަޖައަކަށް މާތްކުރެއްވީމެވެ. (70)

އިންސާނުންނަށްޓަކައި ދުނިޔޭގައިލެއްވި ހުރިހާ އެއްޗެއް ޚިދުމަތްތެރިކުރެއްވީ ﷲއެވެ. އެތަކެތިން އިންސާނާގެ ހިތްހަމަޖެހުމާއި އުފާފާގަތިކަން ތަނަވަސްކަން ހޯދުމަށްޓަކައެވެ. އަދިހަމައެއާއެކު އެ އިންސާނާ މި ދުނިޔޭގެ އަރާމާއި އުފާފާގަތިކަން ހޯދާނެގޮތް ޝަރުޢުކުރެއްވެވިއެވެ. އިސްލާމްދީނުގެ ތަރަހައިގެ ބޭރުންނާއި ބުއްދީގެ ހަމަތަކާއި ޚިލާފަށް އިންސާނާގެ ނަފްސުގެ ޣަރީޒާތައް ފުއްދުމަކީ އެ އިންސާނާއަށް ހުއްދަވެގެންވާ ކަމެއްނޫނެވެ. އެއީ އޭނައަށް ލިބިގެންވާ ޙައްޤެއް ނޫނެވެ. އެފަދަ ޙައްޤުތައް ލިބިގެންވާކަމަށް ވާހަކަދައްކާ އެ މީހުންނާއި އެއްކޮޅަށް ވަކާލާތުކުރުމަކީ މުސްލިމުންނަށް ލިބިގެންވާ ޙައްޤެއް ނޫނެވެ. އަދި މުސްލިމަކު އެފަދަ ކަމަކަށް ތާއީދެއް ނުކުރާނެއެވެ. އިސްލާމްދީނުގައި ވަނީ އިންސާނާއަށް ބޭނުންވާ ހުރިހާ ޙައްޤުތައް ކަނޑައެޅި ބަޔާންކުރައްވާފައެވެ. އިސްލާމްދީނުގައި އެ ޙައްޤުތައް ބަޔާންކޮށްފައިވަނީ ބަޔަކު ނުކުމެ މުޒަހަރާކޮށްގެނެއް ނޫނެވެ.

އިސްލާމްދީނުގައި އިންސާނާގެ ޢަބުރަކީ ޙުރުމަތްތެރިވެގެންވާ އެއްޗެކެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ. إِنَّ دِماءَكُم، وأمْوالَكم وأعْراضَكُم حرامٌ عَلَيْكُم كَحُرْمة يومِكُم هَذَا، في شهرِكُمْ هَذَا، في بلَدِكُم هَذَا، ... މާނައީ: މި ދުވަހާއި މި މަހާއި މި ރަށް ޙުރުމަތްތެރިކުރައްވައިފައިވާ ފަދައިން، ހަމަކަށަވަރުން ތިޔަބައިމީހުންގެ ލެއާއި، މުދަލާއި ޢަބުރު ޙުރުމަތްތެރިވެގެންވެއެވެ.

އެހެންކަމުން އިންސާނުންގެ ޢަބުރުގެ ޙުރުމަތް ކެނޑޭފަދަ ކަންތައްތަކަށް އަރައިގަތުމަކީ ބަޔަކަށް ކުރެވޭނެ އެންމެ ހަޑިމުޑުދާރު ޢަމަލުތަކުގެ ތެރެއިން ޢަމަލެކެވެ. އެތަނެއްގައި މީހުންގެ ޢަބުރަށް އަރައިގަތުން ޢާއްމުވެއްޖެނަމަ ﷲ ގެ ކޯފާ އެބައެއްގެ މައްޗަށް ހުށަހެޅިގެންދާނެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. فَلَمَّا جَاءَ أَمْرُنَا جَعَلْنَا عَالِيَهَا سَافِلَهَا وَأَمْطَرْنَا عَلَيْهَا حِجَارَةً مِّن سِجِّيلٍ مَّنضُودٍ ﴿٨٢﴾ مُّسَوَّمَةً عِندَ رَبِّكَ ۖ وَمَا هِيَ مِنَ الظَّالِمِينَ بِبَعِيدٍ ﴿٨٣﴾  މާނައީ: ދެން ފަހެ، ތިމަންރަސްކަލާނގެ (عذاب ގެ) أمر ފުޅު އައިހިނދު، އެ ރަށުގެ މައްޗަށް އޮތްފުށް ދަށަށް ޖެއްސެވީމެވެ. އަދި އަލިފާނުން ދޮންކުރައްވާފައިވާ، މަށީގެ ހިލައިން ތިމަންރަސްކަލާނގެ އެ ރަށަށް ވާރޭ ވެއްސެވީމެވެ. (82) ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ގައި ފާހަގަކުރައްވާފައިވާ ގޮތުގައެވެ. އަދި އަނިޔާވެރިންނާ ދުރުގައިވާ ކަމެއް ކަމުގައި އެކަންތައް ނުވެތެވެ. (83)

މުސްލިމު އަޚުންނާއި އުޚުތުންނޭވެ! ތިޔަބައިމީހުން ﷲ އަށް ބިރުވެތިވެ ތަޤުވާވެރިވާށެވެ! ފާޙިޝްކަންކަމަށް ހިތްވަރުދީ އެކަންތަކަށް ގޮވައިލާ މީހުންގެ ތެރެއިން ތިޔަބައިމީހުން ނުވާށެވެ! އަދި ތިޔަބައިމީހުން ﷲ ގެ ރަޙްމަތުން މާޔޫސްވެ އުންމީދުކަނޑައިނުލާށެވެ! ތިޔަބައިމީހުން ގިނަގިނައިން ﷲ މަތިން ހަނދުމަކޮށް ހެޔޮޢަމަލު ކުރާށެވެ! ތިޔަބައިމީހުން  މަރުމަތިންނާއި ކައްވަޅުގައި އޮންނަންޖެހޭ ވަގުތު މަތިން ހަނދާންކުރާށެވެ! އެތަނުގެ އެކަނިވެރިކަމާއި އަނދިރިކަމާއި ނާމާންކަން ތަޞައްވަރުކޮށް މުންކަރާތްތަކާއި ފާޙިޝް ޢަމަލުތަކުން ނަފްސު ސަލާމަތްކޮށް ރައްކާތެރިކުރުމަށް އަވަސްވެގަންނާށެވެ!

މަޞްދަރު

15 މާރިޗު 2019 (ހުކުރު ޚުޠުބާ)

No comments: