މުސްލިމުންނަށް ދިމާވި އެންމެބޮޑު މުސީބާތް
ލިޔުނީ:
ޒީނަތު ލަބީބު.
ނަބިއްޔާ صلى الله عليه وسلم އަވަހާރަވެ ވަޑައިގަތުމަކީ މުސްލިމުންނަށް އައި އެންމެ ބޮޑު
މުޞީބާތެވެ. ނަބިއްޔާ صلى الله عليه وسلم އަވަހާރަވެ ވަޑައިގެންނެވުމާއެކު އަޞްޙާބު ބޭކަލުންގެ ލޯތަކަށް
ދުނިޔެ އަނދިރިވެގެން ދިޔަފަދައެވެ. އެއީ އިސްލާމްދީނަށް ލިބުނު ކުއްލި
ސިހުމެކެވެ. ކޮންމެ އިންސާނަކީ ވެސް މަރުގެ ރަހަ ދެކޭނެ މީހެއްކަން ކަށަވަރެވެ.
މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿وَمَا جَعَلْنَا لِبَشَرٍ مِنْ قَبْلِكَ الْخُلْدَ أَفَإِنْ مِتَّ فَهُمُ الْخَالِدُونَ . كُلُّ نَفْسٍ ذَائِقَةُ الْمَوْتِ وَنَبْلُوكُمْ بِالشَّرِّ وَالْخَيْرِ فِتْنَةً وَإِلَيْنَا تُرْجَعُونَ ﴾ (سورة الأنبياء:
34-35) މާނައީ: "ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ
ކުރިޔަކުންވެސް އާދަމުގެދަރިޔަކަށް (މަރުނުވެ) ދެމިހުރުމެއް ނުލައްވަމެވެ. ފަހެ، ކަލޭގެފާނު
އަވަހާރަވެއްޖެނަމަ، އެއުރެންނީ ފަހެ، ދެމިތިބޭނޭ ބަޔެއް ހެއްޔެވެ؟ ކޮންމެ ނަފްސަކީވެސް
މަރުގެރަހަ ލިބިގަންނާނޭ އެއްޗެކެވެ. އަދި ނުބައިގޮތާއި ހެޔޮގޮތް މެދުވެރިކުރައްވައި،
ތިމަންރަސްކަލާނގެ ތިޔަބައިމީހުން އިމްތިޙާނު ކުރައްވައި ގޮތްބައްލަވަމެވެ. އަދި ތިޔަބައިމީހުން
ރުޖޫޢަ ކުރައްވާހުށީ، ތިމަންރަސްކަލާނގެ ޙަޟްރަތަށެވެ."
ނަބިއްޔާ صلى الله عليه وسلم އަވަހާރަވުމުން އެޚަބަރު މަދީނާގައި ފެތުރުނެވެ. އަދި މީސްތަކުންގެ
ތެރެއިން ބައެއްމީހުން އެޚަބަރު ތެދުކުރިއިރު އަނެއް ބަޔަކު އެޚަބަރު ދޮގުކުރިއެވެ.
އެވަގުތު އަބޫބަކުރު رضي الله عنه ހުންނެވީ السنح ގައެވެ. އެކަލޭގެފާނަށް އެޚަބަރު ލިބިވަޑައިގަތުމުން ސަވާރީއަށް
އަރާވަޑައިގެން ޢާއިޝާ رضي الله عنها ގެ ގެކޮޅަށް ވަޑައިގެން އިޛުނަ ހޯއްދަވާ އެތެރެއަށް ވެދެވަޑައިގެންނެވިއިރު
ނަބިއްޔާ صلى الله عليه وسلم ގެ ހަށިކޮޅުވަނީ ނިވާކުރައްވާފައެވެ. އެހިނދު އެކަލޭގެފާނު
ނަބިއްޔާ صلى الله عليه وسلم ގެ ހަށިކޮޅު މަތިން އަޅާފައިވާ ފޮތިގަނޑު ކަޝްފުކުރައްވާ އެކަލޭގެފާނަށް
ބޮސްދެއްވިއެވެ.
އެއަށްފަހު މީސްތަކުންގެ
ތެރެއަށް ނުކުމެވަޑައިގެންނެވިއެވެ. އެވަގުތު
ޢުމަރު رضي الله عنه ހުންނެވީ ނަބިއްޔާ صلى الله عليه وسلم އަވަހާރަވީ ޚަބަރު ދޮގުކުރައްވާށެވެ. ފަހެ، ﷲ އަށް ޙަމްދު ޘަނާ
ކިޔުމަށްފަހު އެކަލޭގެފާނު ވިދާޅުވިއެވެ.
"أَلا مَنْ كَانَ يَعْبُدُ مُحَمَّدًا صَلَّى اللهُ عَلَيْهِ وَسَلَّمَ فَإِنَّ مُحَمَّدًا قَدْ مَاتَ، وَمَنْ كَانَ يَعْبُدُ اللَّهَ فَإِنَّ اللَّهَ حَيٌّ لاَ يَمُوتُ،
މާނައީ: "މުޙައްމަދު
صلى الله عليه وسلم އަށް އަޅުކަންކުރާމިހާ ދަންނައެވެ. ފަހެ، ހަމަކަށަވަރުން މުޙައްމަދުގެފާނު
އަވަހާރަވެއްޖެއެވެ. އަދި ﷲ އަށް އަޅުކަންކުރާމީހާ ދަންނައެވެ. ފަހެ، ހަމަކަށަވަރުން
ﷲ އީ އަވަހާރަވުމެއް ނުވާ، ދިރިދެމިވޮޑިގެންވާ އިލާހެވެ."
وَقَالَ: ﴿إِنَّكَ مَيِّتٌ وَإِنَّهُم مَّيِّتُونَ﴾ [سورة الزمر ٣٠]. މާނައީ: "އަދި
ކިޔަވާ ވިދާޅުވިއެވެ. ހަމަކަށަވަރުން ކަލޭގެފާނީ، އަވަހާރަވާނޭ ބޭކަލެކެވެ. އަދި ހަމަކަށަވަރުން،
އެބައިމީހުންނީވެސް މަރުވާނޭ ބަޔެކެވެ."
وَقَالَ: ﴿وَمَا مُحَمَّدٌ إِلَّا رَسُولٌ قَدْ خَلَتْ مِن قَبْلِهِ الرُّسُلُ أَفَإِن مَّاتَ أَوْ قُتِلَ انقَلَبْتُمْ عَلَىٰ أَعْقَابِكُمْ وَمَن يَنقَلِبْ عَلَىٰ عَقِبَيْهِ فَلَن يَضُرَّ اللَّـهَ شَيْئًا وَسَيَجْزِي اللَّـهُ الشَّاكِرِينَ﴾ [سورة آل عمران ١٤٤]"
މާނައީ: "އަދި ވިދާޅުވިއެވެ.
ރަސޫލަކު ކަމުގައި މެނުވީ މުޙައްމަދުގެފާނު ނުވެއެވެ. ހަމަކަށަވަރުން އެކަލޭގެފާނުގެ
ކުރިންވެސް ރަސޫލުން އިސްވެގޮސްފައިވެއެވެ. ފަހެ، އެކަލޭގެފާނު އަވަހާރަވެއްޖެނަމަ
ނުވަތަ ޤަތުލުވެއްޖެނަމަ، ތިޔަބައިމީހުން (ކާފިރުވުމަށް) ފަހަތަށް އެނބުރި ގަންނަންވީ
ހެއްޔެވެ؟ އަދި ފަހަތަށް އެނބުރިގަންނަ މީހާ ދަންނާށެވެ! ފަހެ، އެމީހަކަށް އެއްވެސް
ކަމަކުން ﷲ އަށް ގެއްލުމެއް ނުދެވޭނެއެވެ. ޝުކުރުކުރާ މީހުންނަށް ﷲ ޖަޒާ ދެއްވާނެއެވެ."
އެކަލޭގެފާނުގެ
ބަސްފުޅާއެކު މީސްތަކުން ހަމަޖެހުނެވެ. އަދި ޢުމަރު رضي الله عنه ވެސް އިށީނދެވަޑައިގެންނެވިއެވެ.
މަޞްދަރު
ދިސަލަފިއްޔާ
https://mawdoo3.com/كيف_مات_النبي_محمد_صلّى_الله_عليه_وسلّم
No comments:
Post a Comment