Featured Post

Ombey

Monday, March 11, 2019

hello salaam


ހެލޯ! ސަލާމް!

Image result for salaam in arabic
ލިޔުނީ: ޒީނަތު ލަބީބު

އިސްލާމްދީނަކީ ސިލްމާ ސަލާމަތުގެ ދީނެވެ. އެންމެހާ އިންސާނީ ދަރިފަސްކޮޅަށް އަމާންކަމާއި ރައްކާތެރިކަން ގެނެސްދިން ދީނެވެ. މިދީނުގައި އަންގަވާފައިވާ ގޮތަށް އަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. އިސްލާމްދީން ވަނީ މުސްލިމުން އެކަކު އަނެކަކާ ބައްދަލުވާހިނދު، ބަދަލުކުރާނެ ސަލާމެއް ދަސްކޮށްދެއްވާފައެވެ. ސަލާމަކީ މުސްލިމުން އެކަކު އަނެކަކާ ބައްދަލުވާހިނދު ބަދަލުކުރެވޭ މުސްލިމުންގެ ޝިޢާރެކެވެ.

އިސްލާމްދީން ވަނީ އެންމެހާ ރިވެތި އަދަބުތައް މީސްތަކުންނަށް ދަސްކޮށްދެއްވާފައެވެ. ސަލާމްކުރުމީ އިސްލާމްދީނުގައި އެކަމެއް ކުރުމަށް ބާރުއަޅާފައިވާ ރިވެތި އަދަބުތަކުގެ ތެރެއިން އަދަބެކެވެ. އަހަރުމެންގެ މާތް ރަސޫލާ  صلى الله عليه وسلم އަހަރުމެންނަށް ދަސްކޮށްދެއްވާފައިވާ އިސްލާމީ ސަލާމް السَّلَامُ عَلَيْكُمُ وَرَحْمَةُ اللهِ وَبَرَكَاتُه" އަކީ އެސަލާމް ކުރުމުން ދެމީހުންގެ ދޭތެރޭގައި އޮންނަ ގުޅުން ބަދަހިވެ އާލާވެގެންދާކަމެކެވެ. ސަލާމުގެ ސަބަބުން އަހަރުމެންގެ ހިތުގައިވާ ރުޅިވެރިކަމާއި ނަފުރަތްތެރިކަން ފިލައިގެންދެއެވެ. އަދި އަހަރެމެން އެކަކު އަނެކަކު ދެކެވާ ލޯބި އިތުރުވެގެންދެ އެވެ. 

މިކަން ބަޔާންކުރައްވާ އަބޫ ހުރައިރާ رضي الله عنهގެ އަރިހުން ރިވާވެގެންވާ ޙަދީޘެއްގައިވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. وَالَّذِي نَفْسِي بِيَدِهِ لا تَدْخُلُوا الْجَنَّةَ حَتَّى تُؤْمِنُوا، وَلا تُؤْمِنُوا حَتَّى تَحَابُّوا، أَوَلا أَدُلُّكُمْ عَلَى شَيْءٍ إِذَا فَعَلْتُمُوهُ تَحَابَبْتُمْ؟أَفْشُوا السَّلامَ بَيْنَكُمْ. {رواه مسلم} މާނައީ: "ތިމަންކަލޭގެފާނުގެ ނަފުސު އެފަރާތެއްގެ އަތްޕުޅުގައިވާ ފަރާތް ގަންދީ ޙަދީޘްކުރަމެވެ. ތިބައިމީހުންގެ ތެރެއިން އެއްވެސް މީހަކު އީމާންވެއްޖައުމަށް ދާންދެން ސުވަރުގެ ނުވަންނަހުށްޓެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ލޯބި ކޮށްފުމަށްދާންދެން އީމާންކަން ފުރިހަމަ ނުވާހުއްޓެވެ. އެކަމެއްކޮށްފިނަމަ ތިޔަބައިމީހުންގެ މެދުގައި ލޯބި އުފެދޭނެ ކަމެއް ތިމަންކަލޭގެފާނު ބުނެދެއްވަން ހެއްޔެވެ؟ ތިޔަބައިމީހުންގެ މެދުގައި ސަލާމްކުރުން ފަތުރާށެވެ."

ކޮންމެ މުސްލިމަކަށް ވެސް ތިމާގެ މުސްލިމު އަޚާގެ މައްޗަށް އަދާކުރަންޖެހޭ ޙައްޤުތަކެއް ވެއެވެ. އެޙައްޤުތައް ބެނުދެއްވަމުން އުންމަތުގެ ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ކަމަށް އަބޫ ހުރައިރާ رضي الله عنهގެ އަރިހުން ރިވާވެގެން އައިސްފައިވާ ޙަދީޘެއްގައި ވެއެވެ. حَقُّ المُسْلِمِ عَلَى المُسْلِمِ خَمْسٌ: رَدُّ السَّلاَمِ، وَعِيَادَةُ المَرِيضِ، وَاتِّبَاعُ الجَنَائِزِ، وَإِجَابَةُ الدَّعْوَةِ، وَتَشْمِيتُ العَاطِسِ. [رواه البخارى ومسلم]  މާނައީ: "އެއް މުސްލިމަކު އަނެއް މުސްލިމެއްގެ މައްޗަށް އަދާކުރަންޖެހޭ ފަސް ޙައްޤެއްވެއެވެ. އެއީ ސަލާމަށް ޖަވާބުދިނުމާއި، ބަލިމީހާއަށް ޒިޔާރަތްކުރުމާއި، (މަރުވުމުން) ޖަނާޒާގައި ބައިވެރިވުމާއި، ދަޢުވަތެއް ދެވޭހިނދު އެދަޢުވަތު ޤަބޫލުކުރުމާއި، ކިނބިހި އަޅާހިނދު الحمد لله ކިޔައިފިމީހާއަށް ޖަވާބުގައި يَرْحَمُكَ الله މިފަދައިން ބުނުމެވެ."

ގިނަގިނައިން ސަލާމް ކުރުމީ ސުވަރުގެ ވަނުމަށް މަގުފަހިވާ ކަމެކެވެ. އިސްވެ ސަލާމްކުރުމަކީ ސުންނަތެކެވެ. އަދި ސަލާމަށް ޖަވާބުދިނުމަކީ ވާޖިބެކެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. ﴿وَإِذَا حُيِّيتُم بِتَحِيَّةٍ فَحَيُّوا بِأَحْسَنَ مِنْهَا أَوْ رُدُّوهَاۗ إِنَّ اللَّـهَ كَانَ عَلَىٰ كُلِّ شَيْءٍ حَسِيبًا﴾ {سورة النساء:٨٦} މާނައީ: "ތިޔަބައިމީހުންނަށް ސަލާމަކުން ސަލާމްކޮށްފިނަމަ، އެއަށްވުރެ ރިވެތި ސަލާމަކުން ތިޔަބައިމީހުން ސަލާމްކުރާށެވެ. ނުވަތަ އެސަލާމް ރައްދުކުރާށެވެ. ހަމަކަށަވަރުން، ކޮންމެ ކަމެއްގެ ޙިސާބު ބައްލަވާ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ."

ސަލާމްކުރުމީ އީމާންކަން ފުރިހަމަވެ ވަރުގަދަވާ ކަމެކެވެ. އަދި ސަލާމްކުރުމީ މީހާގެ ފާފަތައް ފުއްސަވާ ކަމެކެވެ. ބަރާއު ބުން ޢާޒިބު رضي الله عنهގެ  އަރިހުން ރިވާވެގެންވާ ޙަދީޘެއްގައިވެއެވެ. ރަސޫލާ صلى الله عليه وسلمޙަދީޘް ކުރައްވާފައިވެއެވެ. مَا مِنْ مُسْلِمَيْنِ يَلْتَقِيَانِ فَيَتَصَافَحَانِ إِلاَّ غُفِرَ لَهُمَا قَبْلَ أَنْ يَتَفَرَّقَا. {رواه أبوداود وابن ماجه والترمذي و صححه الألباني} މާނައީ: "ދެމުސްލިމަކު، އެއްމުސްލިމަކު އަނެއްމުސްލިމަކާއި ބައްދަލުކޮށް އަތާއަތް ޖޯޑުކޮށް (މުސްލިމުންގެ ސަލާމުން) ސަލާމްކޮށްފައި، އެދެމީހުން ވަކިވެގެންދިޔުމުގެކުރީން ﷲ ސުބުޙާނަހޫ ވަތަޢާލާ އެދެމީހުންގެ ފާފަތައް  ފުއްސަވާނެތެވެ."

ލޮބުވެތި މުސްލިމު އަޚުންނާއި އުޚުތުނެނޭވެ! ދޭދޭ ފަރުދުން ބައްދަލުވާހިނދު އިސްލާމީ ސަލާމުން ސަލާމް ކުރުމަށް އާދަކުރާ ބަޔަކަށް  އަޅުގަނޑުމެން އެންމެންވެސް ވަމާތޯއެވެ! ފޯނުކުރުމާއި މީސްމީޑިއާގެ ތަފާތު ވަޞީލަތްތަކުންވެސް އެކަކު އަނެކަކަށް މުޢާމަލާތުކުރުމުގައި އިސްލާމީ ރިވެތި ސަލާމުން ސަލާމް ކުރަމާތޯއެވެ.

މަޞްދަރު:
ހުކުރު ޚުޠުބާ (8މާރިޗު 2019)

No comments: