ސުވަރުގޭގެ އެންމެ ދަށު
ދަރަޖަ ލިބޭ މީހާ
ލިޔުނީ: ޒީނަތު ލަބީބު.
ސުވަރުގެއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވާ
އަޅުންނަށްޓަކައި ތައްޔާރުކުރެވިފައިވާ ތަނެކެވެ. އެތަނަކީ ދުވަހަކުވެސް މީހެއްގެ
ލޮލަށް ފެނިފައިނުވާ އަދި ކަންފަތަށް އަޑު އިވިފައިނުވާ އަދި ހިތަކަށްވެސް ނުގެނެވޭފަދަ
ފުރިހަމަ ގޮތަކަށް ތައްޔާރު ކުރައްވާފައިވާ ތަނެކެވެ. އެތަނުގެ ފުރިހަމަކަން
ދުލަކުން ނުވަތަ ގަލަމަކުން ބަޔާންކޮށް ނުދެވޭނެފަދަ ތަނެކެވެ. އެތަން
ތައްޔާރުކުރެވިފައިވަނީ ނަފްސުގެ ހުރިހާ ހިތްހަމަޖެހުމަކާއި އެދޭ އެންމެހާ ރިވެތި އެދުންތައް
އެތަނުން ފުދޭ ގޮތަށެވެ. އެތަނަށް ވަދެއްޖެ މީހަކީ ދުވަހަކުވެސް އެތަނުން ބޭރު ވާނޭ
މީހެއް ނޫނެވެ. އެމީހަކު އުފަލާއި ހިތްހަމަޖެހުމުގައި އަބަދުގެ އަބަދަށް އެތާގައި ދެމިހުންނާނެއެވެ.
ސުވަރުގޭގެ އަހުލުވެރިންގެ ތެރެއިން އެންމެ ދަށު ދަރަޖަ ލިބޭ މީހާގެ ވާހަކަ
ބަޔާންކޮށްދެއްވަމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޡް ކުރައްވާފައިވެއެވެ.
"سألَ مُوسى عليه
السلام ربَّه: ما أَدْنَى أَهْلِ الجَنَّةِ مَنْزِلَةً؟ قَالَ: هُوَ رَجُلٌ
يَجِيْءُ بَعْدَ مَا أُدْخِلَ أَهْلُ الْجَنَّةِ الْجَنَّةَ فَيُقَالُ لَهُ:
اُدْخُلِ الْجَنَّةَ، فَيَقُوْلُ: أَيْ رَبِّ كَيْفَ وَقَدْ نَزَلَ النَّاسُ
مَنَازِلَهُمْ وَأَخَذُوْا أَخْذَتَهُمْ فَيُقَالُ لَهُ: أَتَرْضَى أَنْ يَكُوْنَ
لَكَ مِثْلُ مِلْكِ مَلِكٍ مِنْ مُلُوْكِ الدُّنْيَا؟ فَيَقُوْلُ: رَضِيْتُ رَبِّ.
فَيَقُوْلُ: لَكَ ذَلِكَ وَمِثْلُهُ وَمِثْلُهُ وَمِثْلُهُ، فَيِقُوْلُ فِيْ
الْخَامِسَةِ: رَضِيْتُ رَبِّ، فَيَقُوْلُ: هَذَا لَكَ وَعَشْرَةُ أَمْثَالِهِ،
وَلَكَ مَا اشْتَهَتْ نَفْسُكَ، وَلَذَّتْ عَيْنُكَ. فَيَقُوْلُ: رَضِيْتُ"
(رواه مسلم)
މާނައީ: މޫސާ ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ވެރި ރަސްކަލާނގެއަށް
ދެންނެވިއެވެ. ސުވަރުގެއިން އެންމެ ދަށުދަރަޖަ ލިބޭ މީހާގެ މަންޒިލަކީ ކޮބައިހެއްޔެވެ؟
އެއިލާހު ވަޙީކުރެއްވިއެވެ. އެއީ ސުވަރުގޭގެ އަހުލުވެރިން ސުވަރުގެއަށް ވަނުމަށްފަހު
އަންނަމީހެކެވެ. ފަހެ އޭނާއަށް ދެންނެވޭނެއެވެ. ސުވަރުގެއަށް ވަންނާށެވެ! ފަހެ އޭނާ
ބުނާނެއެވެ. އޭއަޅު ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ކިހިނަކުންތޯއެވެ؟ މީސްތަކުން
އެބައިމީހުންގެ މަންޒިލުތަކަށް ވަދެއްޖެއެވެ. އަދި އެބައިމީހުންނަށް ކަނޑައެޅިފައިވާ
ނިޢުމަތްތައް ޙާޞިލުކޮށްފިއެވެ. އެހިނދު އޭނާއަށް ދެންނެވޭނެއެވެ. ދުނިޔޭގެ ރަސްރަސްކަލުންގެ
ތެރެއިން ރަސްކަލެއްގެ ރަސްކަންފަދަ ރަސްކަމެއް ތިބާއަށް ލިބުމަށް ތިބާ ރުހެންހެއްޔެވެ؟
އެހިނދު އޭނާ ބުނާނެއެވެ. އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! އަޅު ރުހިއްޖައީމެވެ.
އެހިނދު ﷲ ވަޙީކުރައްވާނެއެވެ. ތިބާއަށް އެފަދަ ރަސްކަމެކެވެ. އަދި އެފަދަ ރަސްކަމެކެވެ.
އަދި އެފަދަ ރަސްކަމެކެވެ. އަދި އެފަދަ ރަސްކަމެކެވެ. އަދި ފަސްވަނަ ފަހަރު އޭނާ ބުނާނެއެވެ.
އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! އަޅު ރުހިއްޖައީމެވެ. އެހިނދު ﷲ ވަޙީކުރައްވާނެއެވެ.
ތިބާއަށް އެއާއި އޭގެ ދިހަގުނަ ވެއެވެ. އަދި ތިބާގެ ނަފުސު އެދޭ ކޮންމެ އެއްޗެއް ތިބާއަށް
ވެއެވެ. އަދި ތިބާގެ ލޮލަށް އަރާމުކަންދޭ ކޮންމެ އެއްޗެއްވެސް ތިބާއަށް ވެއެވެ. އެހިނދު
އޭނާ ބުނާނެއެވެ. އަޅު ރުހިއްޖައީމެވެ.
މަޞްދަރު:
ނޫރުލް އިސްލާމް.
No comments:
Post a Comment