Featured Post

Ombey

Monday, April 15, 2019

ravaathibu sunnai

ރަވާތިބު ސުންނަތް
Image result for ‫رواتب السنة‬‎
ލިޔުނީ: ޒީނަތު ލަބީބު.

ފަރުޟު ނަމާދުތަކާއި ސުންނަތް ނަމާދުތައް ކުރާނެ ގޮތް ނަބިއްޔާ صلى الله عليه وسلم ވަނީ އަޅުގަނޑުމެންނަށް ދަސްކޮށްދެއްވާފައެވެ. އެގޮތުން ވަރަށް ގިނަ ޢަދަދެއްގެ ސުންނަތް ނަމާދުތަކެއް އެކަލޭގެފާނުގެ ސުންނަތުން ޘާބިތުވެފައިވެއެވެ. އޭގެތެރޭގައި ވަގުތު ކަނޑައެޅިފައިވާ ނަމާދުތަކާއި ކަނޑައެޅިގެން ވަކި ވަގުތެއް ކަނޑައެޅިފައިނުވާ ނަމާދތަކެއް ވެއެވެ. ސުންނަތް ނަމާދުގެ ތެރެއިން ނަބިއްޔާ صلى الله عليه وسلم އެންމެ ބޮޑަށް ބާރު އަޅުއްވާފައިވާ ސުންނަތް ނަމާދުތަކުގެ ތެރޭގައި ރަވާތިބު ސުންނަތްތައް ހިމެނެއެވެ.

ދިވެހިންގެ ތެރެއިން ބަޔަކު ދެކޭގޮތުގައި ފަރުޟު ނަމާދުތަކުގެ ކުރިންނާއި ފަހުން ކުރެވޭ ކޮންމެ ނަމާދަކީ ރަވާތިބު ސުންނަތެވެ. ނަމަވެސް އެއީ ރަނގަޅު ގޮތެއްނޫނެވެ. ފަރުޟު ފަސް ނަމާދުގެ ކުރިންނާއި ފަހުން ކުރެވޭ ކޮންމެ ނަމާދަކީ ރަވާތިބު ސުންނަތެއް ނޫނެވެ. އެހެންނަމަވެސް އެއީ ސުންނަތް ނަމާދުތަކެކެވެ. ރަވާތިބު ސުންނަތުގައި ވަނީ 12 ރަކްޢަތެވެ. އެއީ މެންދުރު ނަމާދުގެ ކުރިންކުރާ ހަތަރު ރަކުޢަތާއި މެންދުރު ނަމާދުގެ ފަހުން ދެރަކުޢަތާއި މަޣްރިބު ނަމާދުގެ ފަހުން ދެރަކުޢަތާއި ޢިޝާ ނަމާދުގެ ފަހުން ދެރަކުޢަތާ އަދި ފަތިސް ނަމާދުގެ ކުރިން ދެރަކުޢަތެވެ. ރަވާތިބު ސުންނަތް ބުނެދެއްވަމުން ކީރިތި ރަސޫލާ-ޞައްލަޢަލައިހި ވަސައްލަމަ- ބަޔާން ކޮށް ދެއްވަނީ މިފަދައިންނެވެ. (مَنْ ثَابَرَ عَلَى ثِنْتَيْ عَشْرَةَ رَكْعَةً مِنْ السُّنَّةِ بَنَى اللَّهُ لَهُ بَيْتًا فِي الْجَنَّةِ أَرْبَعِ رَكَعَاتٍ قَبْلَ الظُّهْرِ وَرَكْعَتَيْنِ بَعْدَهَا وَرَكْعَتَيْنِ بَعْدَ الْمَغْرِبِ وَرَكْعَتَيْنِ بَعْدَ الْعِشَاءِ وَرَكْعَتَيْنِ قَبْلَ الفجر) މާނައަކީ: ސުންނަތުގެ ބާރަ ރަކްޢަތަށް ރައްކާތެރިވެއްޖެމީހަކަށް މާތް ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށްދެއްވާނެއެވެ. (އެއީ) މެންދުރުނަމާދުގެ ކުރިން ހަތަރު ރަކްޢަތާއި ފަހުން ދެރަކްޢަތެވެ. އަދި މަޣްރިބްނަމާދުގެ ފަހުން ދެރަކްޢަތެވެ. އަދި ޢިޝާގެ ފަހުން ދެރަކްޢަތެވެ. އަދި ފަތިސްނަމާދުގެ ކުރިން ދެރަކްޢަތެވެ".

ނަބިއްޔާ صلى الله عليه وسلم ރަށުގައި ޤާއިމުވެ ހުންނަވާއިރު މި ނަމާދުތަކަށް ރައްކާތެރިވެވަޑައިގަންނަވައެވެ. އަދި ޙަދީޘްކުރެއްވިއެވެ. ((مَنْ صَلَّى اثْنَتَيْ عَشْرَةَ رَكْعَةً فِي يَوْمٍ وَلَيْلَةٍ، بُنِيَ لَهُ بِهِنَّ بَيْتٌ فِي الْجَنَّةِ)) [أخرجه مسلم} މާނައީ: "ރެއަކާއި ދުވާލު ސުންނަތް ބާރަ ރަކުޢަތްކޮށްފިމީހާ ދަންނައެވެ. އޭގެ ސަބަބުން ސުވަރުގޭގައި އޭނާއަށް ގެއެއް ބިނާކުރެވެއެވެ."

މެންދުރު ނަމާދުގެ ފަހުގައި ކުރެވޭ 4 ރަކްޢަތަކީ ރަވާތިބު ސުންނަތުގެ 4 ރަކްޢަތް ކަމަށް ދިވެހި ބައެއް ފޮތްތަކުގައި ލިޔެފައިވެއެވެ. ނަމަވެސް މި ހަތަރު ރަކްޢަތުގެ ތެރެއިން ފުރަތަމަ 2 ރަކްޢަތަކީ ރަވާތިބި ސުންނަތުގެ 2 ރަކްޢަތެވެ. އަނެއް 2 ރަކްޢަތް ކުރަނީ ނަރަކައިން ސަލާމަތްވުމަށްއެދިއެވެ. އެ 2 ރައްޢަތް އަދާ ކުރާ މީހެއްގެ މައްޗަށް ނަރަކަ ޙަރާމް ކުރައްވާފައިވާ ކަމަށް ޙަދީޘްތަކުގައި ބަޔާންވެފައިވެއެވެ. އެހެންކަމުން މެންދުރު ނަމާދުގެ ފަހުން (ސުންނަތް) ހަތަރު ރަކުޢަތްކުރުން މޮޅު އިތުރުވެގެންވެއެވެ. ޙަދީޘްގައިވެއެވެ. (مَنْ حَافَظَ عَلَى أَرْبَعِ رَكَعَاتٍ قَبْلَ الظُّهْرِ وَأَرْبَعٍ بَعْدَهَا حَرَّمَهُ اللَّهُ عَلَى النَّارِ) (رواه الترمذي وصححه الألباني) މާނައީ: "މެންދުރު ނަމާދުގެ ކުރިން ހަތަރު ރަކުޢަތާއި މެންދުރުނަމާދުގެ ފަހުން ހަތަރު ރަކުޢަތަށް ރައްކާތެރިވާމީހާ ދަންނައެވެ. އޭނާގެ މައްޗަށް ﷲ ވަނީ ނަރަކަ ޙަރާމްކުރައްވާފައެވެ."

ޢަޞްރު ނަމާދުގެ ކުރީގައި 4 ރަކްޢަތް ކުރުމަކީ ވެސް މުޞްތަޙައްބުކަމެކެވެ. ނަމަވެސް އެއީވެސް ރަވާތިބު ސުންނަތްތަކެއް ނޫނެވެ. އެ 4 ރަކަޢްތް އަދާކުރާ މީހެއްގެ މައްޗަށް ﷲ ތަޢާލާގެ ރަޙްމަތްތަނަވަސްވެގެންވެއެވެ. ޙަދީޘްގައިވެއެވެ. (رَحِمَ اللَّهُ امْرَأً صَلَّى قَبْلَ العَصْرِ أَرْبَعًا)  {رواه أحمد} މާނައީ: "ޢަޞުރުނަމާދުގެ ކުރިން ހަތަރު ރަކުޢަތްކޮށްފިމީހަކަށް ﷲ ރަޙުމަތްލައްވާށިއެވެ."

ހަމައެފަދައިން މަޣްރިބު ނަމާދާއި ޢިޝާ ނަމާދުގެ ކުރިން ކުރެވޭ 2 ރަކްޢަތް ނަމާދަކީ ވެސް ސުންނަތް ނަމާދެވެ. އެހެންނަމަވެސް އެއީ ރަވާތިބު ސުންނަތުގެ ތެރޭގައި ހިމެނޭ ރަކްޢަތްތަކެއް ނޫނެވެ. ޙަދީޘްގައި ވެއެވެ. ((بَيْنَ كُلِّ أَذَانَيْنِ صَلاَةٌ، بَيْنَ كُلِّ أَذَانَيْنِ صَلاَةٌ))، ثُمَّ قَالَ فِي الثَّالِثَةِ: ((لِمَنْ شَاءَ)) [رواه البخاري ومسلم} މާނައީ: "ކޮންމެ ބަންގިއަކާއި ޤަމަތަކާ ދެމެދު (ސުންނަތް) ނަމާދެއްވެއެވެ. ކޮންމެ ބަންގިއަކާއި ޤަމަތަކާ ދެމެދު (ސުންނަތް) ނަމާދެއްވެއެވެ."  – ދެން ތިންވަނަ ފަހަރު ޙަދީޘްކުރެއްވިއެވެ. – " އެއީ އެނަމާދު ކުރުމަށް ބޭނުން މީހަކަށެވެ."

ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘްފުޅަށް ޢަމަލުކުރުމުގެ ގޮތުން މެންދުރު ނަމާދުުެ ފަހުގައި ކުރާ ދެ ރަކްޢަތާއި ޢަޞުރުނަމާދުގެ ކުރިން ކުރާ ހަތަރު ރަކުޢަތާއި މަޣްރިބުނަމާދާއި ޢިޝާނަމާދު ބަންގިއާއި ޤަމަތާދެމެދު ސުންނަތް ދެރަކުޢަތްކުރުންވެސް މޮޅުއިތުރުވެގެންވެއެވެ. މިހުރިހާ ނަމާދެއްވެސް ކުރާނީ ދެރަކުޢަތުން ސަލާމްދެމުންނެވެ.

މަޞްދަރު:

No comments: