Wednesday, April 17, 2019

އޮޓޯބައޮގުރަފީ: ރަމަޟާންމަހުގެ ދުލުން


ރަމަޟާން މަހުގެ ދުލުން

Image result for ramadan light
Add caption

ލިޔުނީ: ޒީނަތު ލަބީބު.
         
                   އަހަރެންނަކީ އަހަރަކު އެއްފަހަރު ތިޔަބައިމީހުންގެ ގާތަށް އަންނަ މެހުމާނަކީމެވެ. އެއަށްވުރެ އަވަސްކޮށް ދުވަހަކުވެސް ނާންނަމެވެ. އެއީ އަހަރެންގެ ދަތުރުފަތުރު ހަމަޖެހިފައިވާ ގޮތުން އަހަރެންނަށް ދިމާވާ ގޮތަކީއެވެ. މީހުން އަހަރެންނަށް ތަފާތު ނަންނަމުން ނަންކިޔައި އުޅެއެވެ. ބައެއްމީސްމީހުން ޢަރަބިބަހުން އަހަރެންނަށް ނަންދީ އެނަމުން ގޮވައި މުޚާޠަބު ކުރާއިރު އަނެއްބައިމީހުން އެމީހުންގެ އަމިއްލަ ބަހުންވެސް އަހަރެންނަށް ނަންހަދައިގެން ނަންކިޔައި އުޅެއެވެ. އެއީ އަކީ އަހަރެންގެ އެއްވެސް މައްސަލައެއް ނޫނެވެ. ދެނަންވެސް އަހަރެން ވަރަށް އުފަލާއެކު ބަލައިގަންނަމެވެ. އަދި ކިތަންމެ ގިނަ ނަމުން މުޚާޠަބު ކުރިޔަސް އެއީ މައްސަލައެއް ކަމަށް އަހަރެން ނުބަލަމެވެ. އެއީ ނަމަކީ އަހަރެންނަށް އެހާ މުހިއްމު އެއްޗަކަށް ނުވާތީއެވެ.  

        
         އަހަރެން ދިޔަތާ އެގާރަމަސް ފާއިތުވެދާފަހުން އަހަރެން އަންނަކަން އިޢުލާންކޮށްދެނީ ހުޅެވިހަނދެވެ. ހަމަ އިޢުލާން ކޮށްލާއިރަށް އެންމެން އެންމެން ވަރަށް އުފަލާއެކު އަހަރެންނާ ބައްދަލުކޮށް އިސްތިޤްބާލުކުރުމަށް އަވަސްވެގަނެއެވެ. ކެއްކުންގަނޑު މީރުކޮށް ބަދިގެތެރެއިން ކާތަކެތީގެ މީރުވަސް ދުއްވަން ފަށައިގަނެއެވެ. އެކަމަކު ވެސް އަހަރެންނަކީ އެއްވެސް އެއްޗެއްކައިގެން އެއްވެސް ބާވަތެއްގެ ބުއިމަކަށް ބޭނުންމީހަކީމެއް ނޫނީމެވެ. އެއީ އަހަރެން ދިރިހުންނަނީ އެޒާތުގެ ކާއެއްޗެހި ކައިގެން ކަމަށް ނުވާތީއެވެ.  

         
         އަހަރެންނަކީ ވަރަށް ދީލަތި މީހަކީމެވެ. އަދި އެހާމެ އަތްމަތި ތަނަވަސް މީހަކީމެވެ. އަހަރެންގެ އެކައުންޓު ފުރިގެން ބަންޑުންވާ ވަރަށް ޑޮލަރާ ފައިސާ ހުރެއެވެ. އެހެންކަމުން އަހަރެން ކޮންމެ އަހަރަކުވެސް އަންނަނީ ވަރަށް އަގުބޮޑު ވަރަށް ޚާއްޞަ ތިންހަދިޔާއެއް ހިފައިގެންނެވެ. މިހަދިޔާ ގެންނަނީ އަހަރެންގެ އެކުވެރިންނާއެކު އުޅޭ އޮނަތިރީހަކަށް ދުވަހު އެ އެކުވެރިންނަށް ދޭންވެގެންނެވެ. އެ ޚާއްޞަ ހަދިޔާގެ ތެރެއިން އެއްހަދިޔާ "ރަޙުމަތް" އަހަރެންގެ އަޚުންނާ އުޚުތުންނާ ޙަވާލު ކުރަނީ އަހަރެންގެ އެކުވެރިން ގާތު އަހަރެން އުޅޭ ފުރަތަމަ ދިހަ ދުވަހުގައެވެ. އެ ދިހަ ދުވަހު އަހަރެން ގާތަށް އަންނަ ހިތުން އަންނަ ކޮންމެ އެކުވެރިޔަކަށް މި ހަދިޔާ ހަވާލުކުރަމެވެ. ދެވަނަ ހަދިޔާ ދިނުމުގެ ކުރީގައި އެންމެ ބޮޑު ހަދިޔާ ފަހުންދޭގޮތަކަށް ރައްކާކޮށްލަމެވެ. ދެވަނަ ހަދިޔާ އާދެ، "ފުއްސެވުން" އަހަރެން ހަވާލުކުރަނީ އަހަރެން އަންނަތާ ދިހަވަރަކަށް ދުވަސް ފަހުންނެވެ. އަދި މިހަދިޔާ ހަވާލުކުރުން ވެސް ދިހަ ދުވަހަށް ކުރިއަށް ގެންދަމެވެ. އެހެންކަމުން މިހަދިޔާ ދިނުން އޮންނަނީ އަހަރެން އަންނަތާ ވިހިވަނަ ދުވަހާ ހަމައަށެވެ. ތިންވަނަ ހަދިޔާތޯއެވެ. އެހަދިޔާއަކީ "ދިންނެވުން" މިނަމުން ނަންދީފައިވާ ހަދިޔާއެކެވެ. އެހަދިޔާ އަހަރެންގެ އަޚުންނާ އުޚުތުންނާ މި ޙަވާލުކުރަނީ އަހަރެން ފުރަން ނުވަ ވަރަކަށް ދުވަހަށް ވީމައެވެ.  އޭގެ އިތުރުން އަޅުކަން ގަނެވޭ ވައުޗަރެއްވެސް އަހަރެން ގެންނަމެވެ. އެ ވައުޗަރުން "އެއްހާސް މައްސަރު މީހަކު ކުރާ އަޅުކަން ގަނެވެއެވެ. އަހަރެން ދާން ފެށުމުން އެކުވެރިން މާޔޫސްވާތީވެ އަހަރެންގެ އެއްބަނޑު އެއްބަފާ ކުޑަ ކޮއްކޮ އެކުވެރިންނާއެކު ކުޅެލުމަށް ގެންނަމެވެ. އަދި އެގާރަ މަސް ފަހުން އަންނާނެ ކަމުގެ އުފާވެރި ޚަބަރު ދިނުމަށްފަހު އެކުވެރިންނާ ވަކިވަމެވެ.

         
އާދެ، އަހަންނަކީ ހަމަ ތިޔަ ހީކުރި އެކުވެރިޔާއެވެ. ގެއާއި ގެދޮރު އަހަންނަށް ޓަކައި ތިޔަބައިމީހުން ސާފުތާހިރުކޮށް ޖިންނި ޝައިޠާނުން ކަސްތޮޅު އެޅުވި ރަމަޟާން މަހެވެ. އަހަންނަށް ޓަކައި ރަޙްމަތުގެ ވިލާގަނޑުން ފެންވެއްސާލެވޭ ރަމަޟާން މަހެވެ. އަހަންނަށް ޓަކައި ސުވަރުގޭގެ ދޮރުތައް ހުޅުވި ނަރަކައިގެ ދޮރު ބަންދުކޮށްލެވޭ ރަމަޟާން މަހެވެ. ތިޔަބައިމީހުންގެ ނަމުންނަމަ ރޯދަމަހެވެ.


No comments: