ލައިޝާ
ލިޔުނީ: ޒީނަތު ލަބީބު
ރަތްވިލާލާ ދަޅަމަތީގައި އިރުއޮއްސޭ މަންޒަރު ފޮޓޯނެގުމަކީ ލައިޝާ ވަރަށް
ކުރީއްސުރެ ހިތްހަމަޖެހިގެން ކުރަމުން އަންނަ މަސައްކަތެކެވެ. އެއީ ދުނިޔެއަށް
އިރުއަރާ ދުވަސްތަކުގެ ތެރެއިން ދެދުވަހެއްގައި އެއްމަންޒަރެއް ނުފެންނާނެކަމަށް
ބުނަމުންދާތީވެ އެކަން ތަޖުރިބާ ކުރުމުގެ ގޮތުން ލައިޝާ ކުރަމުން އަންނަ
މަސައްކަތެކެވެ. ރަތްވިލާ ލާ
މަންޒަރުތަކުން ފުރާލެވިފައިވާ އަލްބަމްތައް އޭނާގެ ކޮޓަރީގައި ބަރިބަރިއަށް
ބަހައްޓާފައި ވާއިރު ވެސް އެކަމުގެ މަތިން ފަހަރެއްގައިވެސް ލައިޝާ ފޫހިވާކަމަކަށް
ނުވެއެވެ.
އެއްދުވަހުގެ ހަވީރެވެ. ކުޑަކޮށް އުޑުމަތި ބަނަވެސް ވެލާފައި އޮތް
ދުވަހެކެވެ. ލައިޝާ އޭނާގެ ކެމެރާ ހިފައިގެން އާއްމުކޮށް ފޮޓޯ ނަގަން އޭނާ ގޮސް
އުޅޭ އަތިރި މައްޗަށް ފުށްޓަރުފަރާތަށް ހިނގައްޖެއެވެ. އެހެންނާވެސް ދާގަޑިއަށެވެ.
ފަސްގަޑިބަޔަށެވެ. އިރުއޮއްސެމުންދާ ވަރަކަށް
ކެމެރާއަށް ނަގަމުންދާ ފޮޓޯތައް ވެސް ދަނީ އިތުރު ވަމުންނެވެ. ކުއްލިއަކަށް އައިސް
ވަރަށް ރީތި ދޫންޏެއް ލައިޝާ އާއި މާދުރުނޫން ހިސާބެއްގައި އިށީނެވެ. ލައިޝާ
ހިތަށްއެރީ އެދޫނި އުދުހިގަންނަ މަންޒަރު ފޮޓޯއެއް ނެގުމަށެވެ. އެނިޔަތުގައި
ކުޑަކުޑަ ގާފުކެއް ދޫންޏާ ދިމާއަށް މަޑުމަޑުން އުކައިފިއެވެ. ކެމެރާ ތައްޔާރު
ކޮށްގެން ހުރެއެވެ. ގައުފުކި އެއްލުމުން
ދޫނި އުދުއްސައިގަތް މަންޒަރު ވަރަށް ރީތިކޮށް ކެމެރާ ކޮށްފިއެވެ. ދެންވެސް
އިރުގޮސް ނިވާވަންދެން ފޮޓޯ ނެގުމެއް ދުލެއް ނުކުރިއެވެ. އުޑުމަތި ބަނަކޮށް
އޮތުމުން ރަތްވިލާ ލާ މަންޒަރުވެސް ހަމައެހައިމެ ހިތްގައިމީއެވެ.
ލައިޝާ މަޑުމަޑުން އެއްގަމަށްދާން މިޞްރާބު ޖެހިއެވެ. ކެމެރާ ކޮނޑުގައި
އަޅުވައިގެން ހެޔޮވަރު މިނެއްގެ ހިނގުމެއްގައި ލައިޝާ ދަތުރު ކުރަމުން އެއްގަމަށް
ދިޔައީ އެހެންނާވެސް އޭނާ ދަތުރު ކުރާ ހަނިހަނި މަގުންނެވެ. ދެފަރާތުގައި ބޯގަސްތައް
ހެދިފައިވާ މަގުންނެވެ. މަގުގެ ދެބައިހައި ތަނަށް ދަތުރު ކުރެވުނު ތަނާ ފަހަތުން
ކޮންމެވެސް މީހަކު ގައުކޮޅެއް އުކައިފިއެވެ. ނަމަވެސް އެނބުރި ބަލައިވެސް ނުލާ
ލައިޝާ ހަމަދިޔައީ ކުރިޔަށެވެ. އޭގެއިރުކޮޅެއްފަހެވެ.
ފަހަތުން އާދަޔާ ޚިލާފު އަޑެއްވެސް އިވިއްޖެއެވެ. އެއީ އެހެންޏާ މިވީހާ ތަނަށް
ލައިޝާ އެހިކަހަލަ އަޑެއް ކަމަށް ނުވުމުން ހިސާބަކަށް ޖެހިލުން ވެއްޖެއެވެ.
މަޑުމަޑުން ދުއްވައި ގަނެވިއްޖެއެވެ. ނަޞިބަކުން ނުރައްކަލެއްނެތެވެ. ވަރަށް
އަވަހަށް މީހުން ދިރިއުޅޭ ހިސާބަށް ދެވިއްޖެއެވެ.
ކުއްލިއަކަށްއައީ ފޯނެކެވެ. މޮބައިލް ފޯނު ރިންގުވާން ފެށުމުން ނަގައިގެން
ބެލިއިރު، ފޯނު ކުރަނީ ލައިޝާގެ މަންމައެވެ. މަންމަ ވިދާޅުވީ ސިންގަޕޯރުގައި ކިޔަވަން
އިންނަ ލައިޝާގެ އެންމެގާތް އެކުވެރިޔާ ޝައިނާ މިއަދު ރާއްޖެ އަތުވެއްޖެ
ވާހަކައާއި އޭނާ ދެންމެ ލައިޝާއާއި ބައްދަލުކުރުމަށް މިގެއަށް އައިސްފަ ހިނގައްޖެ
ކަމަށެވެ. އޭނާ ރާއްޖެއަށްއައީ މިއަދު ހަވީރުއައި މަތިންދާބޯޓުން ކަމަށާއި ރަށަށް
އައިސް އެންމެ ފުރަތަމަ މިއައީ ލައިޝާއާއި ބައްދަލު ކޮށްލަން ކަމަށެވެ. އަދި
ޝައިނާ ގާތުގައި ލައިޝާހުރީ އިރުއޮއްސޭ މަންޒަރު ފޮޓޯނަގަން އަތިރިމައްޗަށް
ގޮސްފައި ކަމަށް ބުނީމަ އަދިއަންނާނަމޭ ކިޔާފައި ހިގައްޖެ ކަމަށެވެ.
ލައިޝާގެ ހިތަށް ވަރަށް ބޮޑު އުފަލެއް ލިބިގެން ދިޔައެވެ. އެހާގާތްކޮށް އެކީއުޅެފައި
ޝައިނާ ރާއްޖެއިން ބޭރަށް ދިޔަފަހުން އަންގާވެސް ނުލައި ރަށަށް އައިސް އެންމެ
ފުރަތަމަވެސް ލައިޝާއާއި ބައްދަލުކުރަން ދިޔައީމައެވެ. ޝައިނާގެ ހިތްހެޔޮ ކަމަށް
ހިތާހިތާ ޝުކުރުކުރަމުން ތަންކޮޅެއްބާރު ހިނގުމެއްގައި ލައިޝާ ދިޔައީ ނުހަނު
އުއްމީދާއެކު އެކުވެރިޔާއާއި ބައްދަލު ކޮށްލުމަށެވެ. ފަނަރަ ވަރަކަށް މިނިޓަށް
ހިނގުނު ފަހުން ގެއަށްދާން ލަނބާލާ ގޯޅިކަންމައްޗާ ހަމައަށް ލައިޝާއަށް އާދެވިއްޖެއެވެ.
އޭރު ލައިޝާއަށް ފެނުނީ އެކުވެރި ޝައިނާ އޭނާގެ އިންތިޒާރުގައި ގޯޅިކަންމަތީގައި
ހުރިތަނެވެ. ދުވެފައި ކަހަލަ ގޮތަކަށްގޮސް ޝައިނާއާ ކަރާކަރު ޖައްސައި ސަލާމް
ކޮށްލައިފިއެވެ. " އަހަރެން މިހިރީ ލައިޝާއާއި ބައްދަލު ކޮށްލުމަށް
މިހާހިސާބަށް އާދެވުނީމަ، ލައިޝާއާއި ބައްދަލު ނުކޮށް އެނބުރި ގެއަށް
ނުވާންވެގެން" ޝައިނާ ބުންޏެވެ.
މިދެކުދިންނަކީ އެންމެ ކުޑައިރުއްސުރެ ގާތް އެކުވެރި ދެކުދިން ކަމުން ތަފާތު
އެތަކެއް ވާހަކައެއްގެ ތެރެއަށް ގެއްލިގެން ތިބެ ކިތަންމެ އިރެއް ފާއިތުވެ ހިނގައްޖެއެވެ.
ކުއްލިއަކަށްއައީ އަނެއްކާވެސް މަންމަގެ ފޯނެކެވެ. ލައިޝާއަށް ލަސްވެގެންނެވެ.
ލައިޝާ މަންމައަށް ޖަވާބު އެރުވީ ޝައިނާއާއި ދެކުދިން ވާހަކަދައްކަން މިދިމާއަށް
ގޯޅި ކަންމަތީގައިތިބި ވާހަކައާއި މިއަންނަނީ ކަމަށެވެ.
ފޯނުނިމިގެން ލައިޝާ ޝައިނާގެ މޫނަށް ބަލައިލިއެވެ. މިފަހަރު ޝައިނާގެ މޫނާއި
ބުރުސޫރަ ފެނުމުން ލައިޝާ ދިޔައީ ސިއްސައިގެންނެވެ. ބިރުން ދިޔައީ
ފިއްކަނޑައިގެންނެވެ. ލައިޝާއަށް ފެނުނީ ޝައިނާއެއް ނޫނެވެ. ޝައިނާގެ ސިފައިގައި
އައިސް ބައްދަލުކުރިމީހާ މިވީ ދުވަހަކުވެސް ލައިޝާދުށް ސިފައެއްގެ މީހެއް ނޫންކަމަށެވެ.
ބިރުވެރި ސިފައެއްގައި ހުރެގެން ލައިޝާއާއި މުޚާޠަބުކުރަން ފެށިއެވެ. " ކަލޭ
މަށާ ދިމާއަށް ގާއުކައި މަށަށް އަނިޔާ ކުރަން އުޅުނީ ކީކޭހިތާފަ ހެއްޔެވެ؟ ކަލޭ
އުކި ގާކޮޅުން މަގޭގައިގަ ނުޖެހުނުކަން ނަޞީބެވެ. ޖެހުނުނަމަ މިރޭ މިތަނުން
ދިޔައީހީ ކަލޭގެ ވަސް ދުނިޔޭން ފިލުވާލާފައެވެ. " މިހެން ބުނެފައި ލައިޝާގެ
މޫނުމަތީގައި ވަރަށްބާރު އެތިފަހަރެއް އަޅާވިހެލައިފިއެވެ. ލައިޝާގެ ޚަބަރު
ހުސްވެގެން ބިންމައްޗަށް ވެއްޓިއްޖެއެވެ. ޝައިނާ ކުއްލިއަކަށް ޣާއިބުވެއްޖެއެވެ.
މަގުމަތިން ދިޔަ ބަޔަކަށް މީހަކު ބިންމަތީގައި އޮތްތަން ފެނިގެން ގޮސް
ބަލައިލިއިރު އެއީ ލައިޝާ ކަން އެނގިގެން އަވަސް އަވަހަށް އަތް އަތް މަތިން
އުފުލާލައިގެން ލައިޝާގެ ގެއަށް ގެންދިޔައެވެ. ލައިޝާގެ މަންމައާއި ބައްޕަ އަށް މި
ފެނުނު މަންޒަރުން ދުނިޔެ ހީވީ ފައިދަށުން ދެމިގެން ދިޔަހެންނެވެ. ލައިޝާ ތަނެއްގައި ބާއްވައިގެން މޫނުމައްޗަށް
ފެންޖަހައި އެގޮތްކުން މިގޮތަކުން އުޅެމުން ދަނިކޮށް ލައިޝާ ހޭއަރައިފިއެވެ.
އެންމެ ފުރަތަމަވެސް ލައިޝާ ބަލައިލީ ގާތުގައި ތިބި އެންމެންގެ މޫނަށެވެ. ޝައިނާ
ހުރިތޯ އެވެ. މަޑުމަޑުން ޝައިނާއަށް ގޮވަން ފެށުމުން މަންމަ އަހާލި އެވެ. ދަރިފުޅާ އާއި ޝައިނާ ބައްދަލުވި ހެއްޔެވެ؟
ޝައިނާ ދަރިފުޅަށް ކީއްކުރީ ހެއްޔެވެ؟ މަޑުމަޑުން ތެދުވެ ލައިޝާ އެތާ އިށީނދެ
ކަންވީ ގޮތް އެންމެންނަށް ކިޔައިދީފި އެވެ.
އެވަގުތު ލައިޝާގެ މާމަ ބުންޏެވެ. " ދަރިފުޅު ގާތު ރަތްވިލާ ލާ ވަގުތު
އަތިރިމައްޗަށް ދިއުމަކީ ގޯހެއް ކަމަށް މާމަ ނުބުނަންތަ؟ ތިޔަ އޮތީ މާމަ ބުނި
ގޮތަށް އެ ސުންޕާކަން ލައިގެންފަ" މިހެން ބުނެލައިފިއެވެ.
ލައިޝާއަށް ދުނިޔޭގެ ހަމަ ހޭވެރިކަން ވެ ކުރީގެ މަގަށް ރުޖޫޢަ ވެވުނީ
އެތަކެއް ފަންޑިތަ އެއް ހަދައިގެން ނެވެ. މިއީ މާމަމެންގެ ބަސް އެއީ އެއްޗެއް
ނޫންކަމަށް ހަދައިގެން އަމިއްލަ ބުއްދި މާ ރަނގަޅުކަމަށް ބެލުމުން ލިބުނު ނަތީޖާ
އެވެ.
__________________________________
No comments:
Post a Comment