Featured Post

Ombey

Friday, May 11, 2018

sunnathaai ehgothah nidhun


ސުންނަތާއި އެއްގޮތަށް ނިދުން


Image result for sleeping


ލިޔުނީ: ޒީނަތު ލަބީބު

މުސްލިމުން އެންމެ ލޯބިވާ އިންސާނަކީ މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ކަމާމެދުގައި އެއްވެސް ޝައްކެއްނެތެވެ. އެކަލޭގެފާނު ދެކެ ލޯބިވުން އެއީ މުސްލިމުންގެ މައްޗަށްވާ ފަރުޟެކެވެ. ސަބަބަކީ قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ:  لَا يُؤْمِنُ أَحَدُكُمْ حَتَّى أَكُونَ أَحَبَّ إِلَيْهِ مِنْ وَالِدِهِ وَوَلَدِهِ وَالنَّاسِ أَجْمَعِينَ. (متفق عليه) މާނައީ: ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "ތިޔަބައިމީހުންގެ ތެރެއިން އެއްވެސް މީހަކު، ތިޔަބައިމީހުންގެ މައިންބަފައިންނާއި، ދަރިންނާއި ހުރިހާ މީސްތަކުންނަށްވުރެ ބޮޑަށް އެމީހެއްގެ ގާތުގައި އެންމެ ލޮބުވެތިވެގެންވާ މީހަކީ ތިމަންކަލޭގެފާނު ކަމުގައި ވެއްޖައުމަށް ދާންދެން  އެއްވެސް މީހަކު އީމާންވެގެންވީ ކަމުގައި ނުވެއެވެ. އެކަލޭގެފާނުގެ ދެކެ ލޯބިވާ މީހުން އެކަލޭގެފާނުގެ ސުންނަތް ދިރުވަން މަސައްކަތް ކުރާނެއެވެ. އެގޮތުން ސުންނަތާއި އެއްގޮތަށް ކަންތައް ކުރެވޭތޯ މުސްލިމުންގެ ތެރެއިން ގިނަބަޔަކުވަނީ ޚާއްޞަ ސަމާލުކަމެއް ދީފައެވެ.  ސުންނަތަކީ ރަސޫލާ صلى الله عليه وسلم ބަސްފުޅުތަކާއި، ޢަމަލުފުޅުތަކާއި، ސިފަފުޅުތަކާއި އެކަލޭގެފާނުގެ އިޤްރާރުފުޅުތަކެވެ.
އެހެންކަމުން ނިދުމުގައި ވެސް އެކަލޭގެފާނުގެ ސުންނަތާއި އެއްގޮތަށް ކަންތައްކުރަން ޖެހެއެވެ. ނިދަން ތައްޔާރުވުމުގެ ގޮތުން އެންމެ ފުރަތަމަ ވެސް ވުޟޫ ކުރާށެވެ! ވުޟޫ ކުރާނީ ފަރުޟު ނަމާދަށް ވުޟޫ ކުރާ ގޮތަށެވެ. عَنْ الْبَرَاءِ بْنِ عَازِبٍ رضي الله عنه قَالَ: قَالَ النَّبِيّ صلى الله عليه وسلم.(إِذَا أَتَيْتَ مَضْجَعَكَ فَتَوَضَّأْ وُضُوءَكَ لِلصَّلَاةِ ...)    ބަރާއު ބިން ޢާޒިބް رضي الله عنه ރިވާކުރައްވާފައި ވެއެވެ. ނަބިއްޔާ ޞައްލަﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. " ތިބާ ތަންމައްޗަށް ދާކަމުގައިވާނަމަ، ނަމާދަށް ވުޟޫކުރާ ފަދައިން ވުޟޫކުރާ ހުށިކަމެވެ".  
ދެވަނަ ކަމެއްގެ ގޮތުން ރަސޫލާ صلى الله عليه وسلم ނިދުމުގެ ކުރިން ތަންމަތި ރަނގަޅަށް ފޮޅުއްވާލައްވައެވެ. ތަރައްޤީވެފައިވާ މިޒަމާނުގައި މިއީ އެހާ މުހިންމު ކަމެއް ކަމަށް ނުދެކޭ މީހުންވެސް ތިބެދާނެއެވެ. އަޅުގަނޑުމެންގެ ލޮލަށް ނުފެންނަ ކިތައްމެ އެއްޗެއް (ބެކްޓީރިއާ ފަދަ) އުޅޭކަން އެންމެންވެސް ޤަބޫލުކުރެއެވެ. އެހެންކަމުން ނަބިއްޔާ صلى الله عليه وسلم ކަންތައް ކުރެއްވި  ބީދައިން އަޅުގަނޑުމެން ވެސް އެކަންތައް ކުރެއްވުން ވަރަށް މުހިއްމެވެ. ޔަޤީން ކުރަންޖެހޭ ޙަޤީޤަތަކީ ނަބިއްޔާ صلى الله عليه وسلم އެގޮތަށް އެކަން ކުރެއްވީ އޭގެ ފަހަތުގައި ވަރަށް ގިނަ ޙިކްމަތްތަކެއް ވާތީއެވެ.
ތިންވަނަ ކަމެއްގެ ގޮތުން ރަސޫލު صلى الله عليه وسلم ނިދުމުގެ ކުރިން އެންމެހާ މުސްލިމުންނަށް ހިތްހެޔޮ ކުރައްވައެވެ. އެހެންކަމުން ނިދުމުގެ ކުރިން ތިމާގެ އެންމެހާ މުސްލިމު އަޚުންނަށް ހިތްހެޔޮކުރަން ޖެހެއެވެ. ސަޢްދު ބިން އަބީ ވައްޤާސް ކޮންމެ ރެއަކު ނިދުމުގެ ކުރިން ހުރިހާ މުސްލިމުންގެ މައްޗަށް އެކަލޭގެފާނުގެ ހިތް ސާފުކުރައްވައެވެ. އެކަލާގެފާނަކީ ދުނިޔޭގަ ހުންނަވައިގެން ސުވަރުގެ ވެރިއެއްގެ ޚަބަރު ލިބިލެއްވި ބޭކަލުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ބޭކަލެކެވެ.  
ހަތަރުވަނަ ކަމެއްގެ ގޮތުން ނިދުމުގެ ކުރިން ރަސޫލާ صلى الله عليه وسلم ވަރަށް ގިނަ ޛިކުރުތައް ވިދާޅުވެލައްވައެވެ. ނިދުމުގެ ކުރިން ކިޔަން ވަރަށް ގިނަ ޛިކުރުތައް ވެއެވެ. ރަސޫލާ صلى الله عليه وسلم ޛިކުރުތައް ކިޔުމުގައި ކަންތައް ކުރެއްވި ގޮތަށް އެކަންތައް ކުރެވޭތޯ ބަލަންޖެހެއެވެ.
عَنْ عَائِشَةَ رضي الله عنها :أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ إِذَا أَوَى إِلَى فِرَاشِهِ كُلَّ لَيْلَةٍ : جَمَعَ كَفَّيْهِ ، ثُمَّ نَفَثَ فِيهِمَا ، فَقَرَأَ فِيهِمَا : قُلْ هُوَ اللَّهُ أَحَدٌ ، وَ قُلْ أَعُوذُ بِرَبِّ الْفَلَقِ ، وَ قُلْ أَعُوذُ بِرَبِّ النَّاسِ ، ثُمَّ يَمْسَحُ بِهِمَا مَا اسْتَطَاعَ مِنْ جَسَدِهِ ، يَبْدَأُ بِهِمَا عَلَى رَأْسِهِ وَوَجْهِهِ وَمَا أَقْبَلَ مِنْ جَسَدِهِ ، يَفْعَلُ ذَلِكَ ثَلَاثَ مَرَّاتٍ (رواه البخاري ). މާނައީ: އުއްމުލް މުއުމިނީން ޢާއިޝާ رضي الله عنها ގެ ކިބައިން ރިވާވެގެން ވެއެވެ. ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނުގެ ދާންމަތިކޮޅުގައި އޮށޯވެ ވަޑައިގެން ކޮންމެ ރެއަކު އެކަލޭގެފާނުގެ ދެއަތްތިލަފުޅު (ނެންގެވުމަށްފަހު) ޖައްސަވައި އެދެއަތްޕުޅަށް އަނގައިން ފުއްމަވައިލައްވައި އެދެއަތްޕުޅު ނަންގަވައިގެން އޮންނަވައި އިޚްލާޞް ސޫރަތާއި ފަލަޤި ސޫރަތާއި ނާސި ސޫރަތް ކިޔަވާ ވިދާޅުވެލައްވައެވެ. އެއަށްފަހު އެކަލޭގެފާނުގެ ގައިކޮޅުގައި އެކަލޭގެފާނުގެ ދެއަތްޕުޅުން އަތްބީއްސެވޭ މިންވަރަށް ބީއްސަވާލައްވައެވެ. ފައްޓަވަނީ އެކަލޭގެފާނުގެ އިސްތަށިފުޅާއި އަދި މޫނުފުޅާއި އަދި ގައިކޮޅާއި ކައިރީގައިވާ ހިސާބުންނެވެ. އެފަދައިން ތިންފަހަރު އެކަލޭގެފާނު ތަކުރާރުކުރައްވައެވެ.
ރަސޫލާ صلى الله عليه وسلم ނިދުމުގެ ކުރިން ވިދާޅުވެލެއްވި ކަމަށް ވާރިދުވެފައިވާ ބައެއް ޛިކުރުތައް:
اللَّهُمَّ قِنِي عَذَابَكَ يَوْمَ تَبْعَثُ عِبَادَكَ . (3ފަހަރު)
ޔާ ﷲ! އިބަ އިލާހުގެ އަޅުތަކުން އަލުން ދިރުއްވާ ދުވަހު އިބަ އިލާހުގެ ޢަޒާބުން މިއަޅާ ރައްކާތެރި ކުރައްވާނދޭވެ!
الْحَمْدُ لِلَّهِ الَّذِي أَطْعَمَنَا وَسَقَانَا وَكَفَانَا وَآوَانَا فَكَمْ مِمَّنْ لا كَافِي لَهُ وَلا مُوًوِى.
އަޅަމެންނަށް ކާންދެއްވައި ބޯންދެއްވައި އަޅަމެންގެ ކަންކަން ފުއްދަވައިދެއްވައި އަޅަމެންނަށް ރައްކާތެރިކަން ދެއްވި ﷲ އަށް ޙަމްދު ހުއްޓެވެ. އެބައެއްގެ ކަންކަން ފުއްދަވައިދެއްވައި ބޯހިޔާވަހިކަން ދޭނެ ފަރާތެއް ނެތް ކިތައް މީހުން ވޭހެއްޔެވެ؟
بِاسْمِكَ اللَّهُمَّ أَمُوتُ وَأَحْيَا
އަޅަމެން މަރުވަނީ އިބައިލާހުގެ އިސްމުފުޅުންނެވެ. އަދި އަޅަމެން ދިރެނީ އިބައިލާހުގެ އިސްމުފުޅުންނެވެ.
بِاسْمِكَ رَبِّيْ وَضَعْتُ جَنْبِيْ ، وَبِكَ أَرْفَعُهُ ، فَإِنْ أَمْسَكْتَ نَفْسِيْ فَارْحَمْهَا ، وَإِنْ أَرْسَلْتَهَا فَاحْفَظْهَا بِمَا تَحْفَظُ بِهِ عِبَادَكَ الصَّالِحِيْنَ
މިއަޅާގެ ވެރި އިލާހު! އިބައިލާހުގެ އިސްމުފުޅުން މިއަޅާގެ ނަފްސު ބާއްވަމެވެ. އަދި އިބަ އިލާހުގެ އިސްމުފުޅުން މިއަޅާގެ ނަފްސު އުފުއްލަމެވެ. އިބަ އިލާހު މިއަޅާގެ ނަފްސު ހިއްޕަވައިފިނަމަ އެނަފްސަށް އޯގާވެރިވެ ވޮޑިގަންނަވާނދޭވެ. އެނަފްސު އަނބުރާ ފޮނުއްވައިފިނަމަ އިބަ އިލާހުގެ ޞާލިޙު އަޅުން ރައްކާތެރި ކުރައްވާ ގޮތަށް އެނަފްސު ރައްކާތެރި ކުރައްވާނދޭވެ.
ފަސްވަނަ ކަމެއްގެ ގޮތުން ރަސޫލާ صلى الله عليه وسلم ނިދިކުރައްވަނީ ކަނާތް ބޯދަށަށް ލައިގެން ކަނާތްފަރާތަށް އޮށޯވެ އޮންނަވައިގެންނެވެ. عَنْ الْبَرَاءِ بْنِ عَازِبٍ رضي الله عنه قَالَ: قَالَ النَّبِيّ صلى الله عليه وسلم (إِذَا أَتَيْتَ مَضْجَعَكَ فَتَوَضَّأْ وُضُوءَكَ لِلصَّلَاةِ، ثُمَّ اضْطَجِعْ عَلَى شِقِّكَ الْأَيْمَنِ...)  މާނައީ: ބަރާއު ބިން ޢާޒިބް رضي الله عنه ރިވާކުރައްވާފައި ވެއެވެ. ނަބިއްޔާ ޞައްލަﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. " ތިބާ ތަންމައްޗަށް ދާކަމުގައިވާނަމަ، ނަމާދަށް ވުޟޫކުރާ ފަދައިން ވުޟޫކުރާ ހުށިކަމެވެ. އަދި ތިބާގެ ތަންމަތީގައި ކަނާތްފަޅިއަށްވާ ގޮތަށް އޮށޯންނަހުށިކަމެވެ".
ނިދިން ހޭލެވިއްޖެނަމަ الْحَمْدُ لِلَّهِ الَّذِي أَحْيَانَا بَعْدَ مَا أَمَاتَنَا وَإِلَيْهِ النُّشُورُ މާނައީ: އަޅަމެން މަރުގެންނެވުމަށްފަހު ދިރުއްވި ﷲ ތަޢާލާއަށް ޙަމްދު ކުރަމެވެ. އަދި މަރުވުމަށްފަހު އެނބުރި ދިއުންވަނީ އެއިލާހުގެ ޙަޟްރަތަށެވެ. މިދުޢާ ނުވަތަ ވާރިދުވެގެން އައިސްފައިވާ އެހެން ދުޢާއެއް ކިޔާށެވެ.
وصلى الله وسلم على عبده ورسوله وخيرته من خلقه نبينا وإمامنا وسيدنا محمد بن عبد الله ، وعلى آله وأصحابه ومن اهتدى بهداه.
والسلام عليكم ورحمة الله وبركاته.

މިލިޔުން ލިޔުމަށް އަސްލަކަށް ބަލާފައިވަނީ އަލްއިސްލާމް ސުވާލުން ވަޖަވާބުން ގެ އަޒްކާރުއް ނައުމިއް ޞަޙީޙަތި.

No comments: