Wednesday, December 25, 2024

ނަބިއްޔާގެ އަޖަލުފުޅު ކައިރިވެއްޖެކަން އިޙްސާސް ކުރެއްވުނު..

 


އިސްލާމީ ރިސާލަތު ފުރިހަމަވެ ޢަރަބިކަރައިގެ މީސްތަކުން އިސްލާމްދީނަށް ފައުޖުފައުޖަށް ވަންނަ ތަން ފެނިވަޑައިގަތުމުން ނަބިއްޔާ ޞ އަށް އެކަލޭގެފާނުގެ އަޖަލުފުޅު ކައިރިވެއްޖެކަން އިޙްސާސް ކުރެއްވުނު..

إِذَا جَاءَ نَصْرُ اللَّهِ وَالْفَتْحُ ﴿١﴾‏ وَرَأَيْتَ النَّاسَ يَدْخُلُونَ فِي دِينِ اللَّهِ أَفْوَاجًا ﴿٢﴾

‏ فَسَبِّحْ بِحَمْدِ رَبِّكَ وَاسْتَغْفِرْهُ ۚ إِنَّهُ كَانَ تَوَّابًا ﴿٣﴾‏

މިސޫރަތުން އެކަލޭގެފާނުގެ އަވަހާރަވުމުގެ ވަގުތު ޖެހިއްޖެކަން ﷲ ތަޢާލާ އެކަލޭގެފާނަށް އަންގަވާ ކަހަލައެވެ. އެކަލޭގެފާނުގެ އަބަދީ ޙަޔާތުގެ ދަތުރު ފެށްޓެވުމުގެ ވަގުތު ކައިރިވެއްޖެ ކަމުގެ މިނޫން ޢަލާމާތްތައް ވެސް އޭރު ފެންނަމުން ދިޔައެވެ. މިގޮތުން އެހެން އަހަރު ތަކާއި ޚިލާފަށް ހިޖުރައިން 10 ވަނަ އަހަރު 10 ދުވަހުގެ ބަދަލުގައި 20 ދުވަހު، އެކަލޭގެފާނު އިޢްތިކާފަށް އިންނެވިއެވެ. އަދި އެ ރަމަޟާންމަހު ޖިބްރީލުގެފާނު ވަޑައިގެން އެކަލޭގެފާނާއެކު ކީރިތި ޤުރުއާން 2 ފަހަރަށް މުދާރަސާ ކުރެއްވިއެވެ. އަދި ޙައްޖަތުލް ވަދާޢުގައި އެކަލޭގެފާނު އަޞްޙާބުންނަށް ވިދާޅުވިއެވެ. "ތިމަންކަލޭގެފާނުގެ ކިބައިން ޙައްޖުގެ އަޅުކަންތައް ދަސްކުރާށެވެ. ފަހަރުގައި ތިމަންކަލޭގެފާނު މިއަހަރުގެ ފަހުން ތިޔަބޭކަލުންނާ ބައްދަލުނުވެދާނެއެވެ."

ޙައްޖުން އެނބުރި ވަޑައިގަތުމަށްފަހު ހިޖުރައިން 11 ވަނަ އަހަރު ފެށުނު ތަނާހެން އެކަލޭގެފާނުގެ ކިބައިން އަވަހާރަވުމުގެ އާލާސްކަންފުޅުގެ އަޘަރުތައް ފެންނަން ފަށައިފިއެވެ. ދެން އެކަލޭގެފާނު އުޙުދުގައި ޝަހީދުވި ބޭކަލުންގެ ޤަބުރުފުޅުތަކަށް ޒިޔާރަތް ކުރެއްވިއެވެ. އަދި އެބޭކަލުންނަށް ހެޔޮޮ ދުޢާ ކޮށްދެއްވިއެވެ. ދެން އަބޫމުވައިހިބާ ރޟ އާއެކު ބަޤީޢަށް ވަޑައިގެން އެތަނުގައި ފަސްދާނުލެވިފައިވާ ބޭކަލުންނަށް ހެޔޮ ދުޢާ ކުރެއްވިއެވެ. އަދި އަބޫމުވައިހިބާއަށް ވިދާޅުވިއެވެ. " އޭ އަބޫމުވައިހިބާއެވެ! ތިމަންކަލޭގެފާނަށް ދުނިޔޭގެ ޚަޒާނާތަކާއި އެތަނުގައި އަބަދަށް ދެމިހުންނެވުން ލިބިވަޑައިގަތެވެ. އަދި މިކަންތަކާއި ތިމަންކަލޭގެފާނުގެ ވެރި ރައްބާ ބައްދަލުވެވަޑައިގަތުމާއި ދެކަމުން 1 ކަމެއް އިޚްތިޔާރު ކުރައްވަން ލިބިވަޑައިގަތެވެ." އެހިނދު އަބޫމުވައިހިބާ ވިދާޅުވިއެވެ. " އަޅުގަނޑުގެ މަންމައާއި ބައްޕަ ކަލޭގެފާނަށްޓަކައި ފިދާއެވެ. ދުނިޔޭގައި ދާއިމަށް ދެމިހުންނެވުން އިޚްތިޔާރު ކުރައްވާށެވެ!" އެހިނދު ޙަދީޘް ކުރެއްވިއެވެ. "ނޫނެކެވެ. ތިމަންކަލޭގެފާނު އިޚްތިޔާރު ކުރެއްވީ ތިމަންކަލޭގެފާނުގެ ރައްބާއި ބައްދަލު ކުރެއްވުމެވެ."

އެއަހަރުގެ ޞަފަރު މަހު އެކަލޭގެފާނު ޖަނާޒާއަކަށް ވަޑައިގެންފައި އެނބުރި ވަޑައިގެންނެވި ހިނދު އެކަލޭގެފާނުގެ އާލާސްކަންފުޅު އިތުރު ވެއްޖެއެވެ. ދުވަސްކޮޅެއްފަހުން ހުރިހާ އަނބިއަނބި ކަނބަލުންގެ އިޛުނައާއެކު އެކަލޭގެފާނު އައިޝަތުގެފާނުގެ ގެކޮޅަށް ބަދަލުވެވަޑައިގަތެވެ. އިސްތަށިފުޅުގައި ވަރަށް ބޮޑަށް ރިއްސާޙާލު އެކަލޭގެފާނު އަލްފަޟްލު ބުން ޢައްބާސާއި ޢަލީގެފާނުގެ ކޮނޑުފުޅުގެ އެހީފުޅުގައި ފައިންޕުޅު ދަންމަވާ ޙާލު ޢާއިޝަތުގެފާނުގެ ގެކޮޅަށް ވަޑައިގެންނެވިއެވެ.

އާދެ ޢާއިޝާގެފާނު އެކަލޭގެފާނުގެ ގައިކޮޅަށް ޤުރުއާނުގެ އާޔަތްތައް ކިޔުއްވައި ހެއްދެވިއެވެ. އަދި އެކަލޭގެފާނުގެ އަތްޕުޅަށް ފުމެލައްވައި އެބަރަކާތްތެރި އަތްޕުޅުން އެކަލޭގެފާނުގެ ގައިކޮޅުގައި ފިރުންމަވާ ހެއްދެވިއެވެ.

އަވަހާރަވުމުގެ 5 ދުވަސް ކުރިން އެކަލޭގެފާނުގެ އާލާސްކަންފުޅު ބޮޑުވިއެވެ. އަޞްޙާބު ބޭކަލުން ހިތާމައާއި މޮޅިން އެކަލޭގެފާނު ޚަބަރު ބެއްލެވުމުގައި ދެމި ތިއްބެވިއެވެ. ހުންފުޅު ގަދަކަމުން އެކަލޭގެފާނު ހޭފުޅު ނެތުނެވެ. ދެން ހޭފުޅު އެރުމުން ބިލާލުގެފާނު ކުރެން މީސްތަކުން ނަމާދުކޮށްފިތޯ އެއްސެވިއެވެ. އެއަށްފަހު ބިލާލުގެފާނު އަޞްޙާބުން އެކަލޭގެފާނުގެ އިންތިޒާރުގައި ތިއްބެވި ކަމަށް ވިދާޅުވުމުން އެކަލޭގެފާނުގެ އިސްތަށިފުޅަށް ފެން ހަމެއް އެޅުމަށް އަމުރު ކުރެއްވިއެވެ. މިގޮތުގައި 7 ހަމުގެ ފެން އެޅުނު ހިނދު ފުދިއްޖެ ކަމުގައި ވިދާޅުވިއެވެ. ދެން އެކަލޭގެފާނު އުފުއްލަވައިގެން މިސްކިތަށް ގެންދެވުނެވެ. އަދި މިންބަރުގައި ބޭންދެވުނެވެ. އޭރުވެސް އަކަލޭގެފާނުގެ އާލާސްކަންފުޅާއި ވޭން ވަރަށް ބޮޑެވެ. ހުމުގެ އަސަރާއި އިސްތަށިފުޅުގެ ރިހުން ވަރަށް ގަދައެވެ. ނަމަވެސް އެކަލޭގެފާނުގެ އަޞްޙާބުންނަށް އެންމެ ފަހުގެ ވަޞިއްޔަތެއް ކުރައްވަން ބޭނުންވެ ވަޑައިގަތެވެ.

 އެހިނދު މޮޅިއާއި ހިތާމައިން ފުރިފައި ތިިބި އެކަލޭގެފާނުގެ އަޞްޙާބުންނަށް ﷲގެ މަތިން ހަނދުމަކޮށްދެއްވިއެވެ. އަދި ވަޞިއްޔަތް ކުރެއްވިއެވެ. މިގޮތުން އަބޫބަކްރުގެފާނުގެ މާތްކަމާއި އަންޞާރުންގެ މާތްކަމުގެ ވާހަކަ ވިދާޅުވުމާއެކު އެބޭކަލުންނަށް ހެޔޮކޮށް ހިއްތެވުމަށް ވަޞިއްޔަތް ކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ ޤަބްރުފުޅު އަޅުކަން ކުރާ ތަނަކަށް ނެހެދުމަށް މުސްލިމުންނަށް އަމުރު ކުރެއްވިއެވެ. މިގޮތުގައި ﷲ ތަޢާލާ އެއްކައުވަންތަ ކޮށް ޝިރުކުން އެއްކިބާ ވުމަށް މީސްތަކުންނަށް ގޮވާލެއްވިއެވެ.

އަދިވެސް އެބަލި ޙާލުކޮޅުގައި ހުންނަވައި ވިދާޅުވިއެވެ. "ތިމަންކަލޭގެފާނު އެމީހެއްގެ ހަށިގަނޑަށް ނުވަތަ އަބުރަކަށް ގެއްލުން ދީފައިވާ މީހަކުވާނަމަ ތިމަންކަލޭގެފާނު މިހުންނެވީއެވެ. އެކަމުގެ ބަދަލު ހޯދާށެވެ. އަދި ތިމަންކަލޭގެފާނު އެމީހެއްގެ މުދަލަކުން ނަގާފައިވާ މީހަކު ވާނަަމަ މިހިރީ ތިމަންކަލޭގެފާނުގެ މުދަލެވެ. ފަހެ އެމީހެއްގެ ޙައްޤު ހޯދާށެވެ!" މިހެން އެ ވިދާޅުވަނީ މުޅި ޙަޔާތްޕުޅުގައި ވެސް މީހެއްގެ ޙައްޤަކަށް އަރާވަޑައިގެންފައިނުވާ ޙާލުއެވެ.

އަނެއްކާވެސް ވިދާޅުވިއެވެ. ﷲ ތަޢާލާ އަޅަކަށް ދުނިޔޭގެ ޙަޔާތުގެ ޒީނަތާއި އެއަޅުގެ ވެރި ރައްބުގެ ޙަޟްރަތުގައިވާ އެއްޗަކާ ދެމެދު އިޚްތިޔާރު ކުރުމަށް ދެއްވިއެވެ. ދެން އެއަޅު އޭނާގެ ވެރި ރައްބުގެ ޙަޟްރަތުގައިވާ އެއްޗެއް އިޚްތިޔާރު ކުރެއްވިއެވެ. " މިއާއެކު އަބޫބަކުރުގެފާނު ކީރިތި ކުރައްވަން ފެށްޓެވިއެވެ. އެއަޅަކީ ނަބިއްޔާ ޞ ކަން އެކަލޭގެފާނަށް އެނގި ވަޑައިގަތެވެ. އަދި އަބޫބަކުރުގެފާނު ވިދާޅުވިއެވެ. " އަޅުގަނޑުމެންގެ މަންމައިންނާއި ބައްޕައިން ކަލޭގެފާނަށްޓަކައި ފިދާއެވެ. އަޅުގަނޑުމެންގެ މަންމައިންނާއި ބައްޕައިން ކަލޭގެފާނަށްޓަކައި ފިދާއެވެ. "

މޮޅިއާއި ހިތާމައިން ތިބި އެކަލޭގެފާނުގެ އަޞްޙާބުންނަށް މިއީ އެކަލޭގެފާނުގެ ފަހު ވަޞިއްޔަތްޕުޅު ކަން އެނގިވަޑައިިނުގެންނެވި ނަމަވެސް އެކަލޭގެފާނުގެ އާލާސްކަންފުޅާއެކު މުޅި މަދީނާގެ ގެތަކާއި މަގުތައް ފަޅުވި ފަދައެވެ. ހަމަހިމޭންކަމާއެކު އެންމެން އިންތިޒާރު ކުރަމުން ދިޔައީ އެކަލޭގެފާނު އާލާސްކަންފުޅުން ފަސޭހަވެވަޑައިގަންނަވާނެ އިރަކަށެވެ.

ނަބިއްޔާ ޞ ގެ ޙާލުކޮޅު ދުވަހެއް ދުވަހަކަށް ގޯސްވަމުން ދިޔައެވެ. އާލާސްކަންފުޅު ގަދަ ވަމުން ދިޔައެވެ. ނަމަވެސް އާލާސްކަންފުޅުގެ ބޮޑުކަމާއެކުވެސް އަޞްޙާބު ބޭކަލުންގެ އެހީގައި މިސްކިތަށް ނިކުމެ ވަޑައިގެން މީސްތަކުންނާއިގެން އިމާމުވެ ނަމާދު ކުރައްވައެވެ.

ރަބީޢުލް އައްވަލު މަހުގެ 8 ވީ ބުރާސްފަތި ދުވަހެވެ. އެދުވަހުގެ މަޣްރިބް ނަމާދަށް ފަހު އެކަލޭގެފާނު ކޮޓަރިކޮޅަށް ވަދެވަޑައިގެން އޮށޯވެ އޮންނެވިއެވެ. އިޝާ ވަގުތު ޖެހުމުން ބިލާލުގެފާނު ވަޑައިގެން ނަމާދަށް ގޮވާލެއްވިއެވެ. އެހިނދު ވިދާޅުވިއެވެ. " މީސްތަކުން ނަމާދު ކޮށްފި ހެއްޔެެވެ؟ " އެހިނދު ބިލާލްގެފާނު ވިދާޅުވިއެވެ. " ނޫނެކެވެ. ﷲ ގެ ރަސޫލާއެވެ. މީސްތަކުން ކަލޭގެފާނުގެ އިންތިޒާރުގައި އެބަ ތިއްބެވެ. " އެހިނދު ވިދާޅުވިއެވެ. "ތިމަންކަލޭގެފާނުގެ ގައިކޮޅަށް ފެންއަޅާށެވެ." އޭރު އެކަލޭގެފާނުގެ ހުންފުޅު ވަރަށް ގަދައެވެ. އާލާސްކަންފުޅު ވަރަށް ބޮޑެވެ."

ދެން ފެން އަޅައި ނިމުމުން އެކަލޭގެފާނު ތެދުވެވަަޑައިގަތެވެ. ނަމަވެސް އެކަލޭގެފާނު ހޭފުޅު ނެތުނެވެ. ދެން އެބޭކަލުން އަނެއްކާވެސް އެކަލޭގެފާނަށް އިންތިޒާރު ކުރައްވަން ތިއްބެވިއެވެ. އަނެއްކާވެސް ހޭފުޅު އެރުމުން ވިދާޅުވިއެވެ. " މީސްތަކުން ނަމާދު ކޮށްފި ހެއްޔެެވެ؟ " އެހިނދު އެބޭކަލުން ވިދާޅުވިއެވެ. " ނޫނެކެވެ. ﷲ ގެ ރަސޫލާއެވެ. މީސްތަކުން ތިބީ ކަލޭގެފާނުގެ އިންތިޒާރުގައެވެ. " އާއެކެވެ. އެބޭކަލުންގެ ލޯބިވެތި ނަބިއްޔާއަށްޓަކައި މުޅި ޢުމުރު އިންތިޒާރު ކުރައްވަން ޖެހުނަސް އެބޭކަލުން ތިއްބެވީ ތައްޔާރަށެވެ. އެހިނދު ވިދާޅުވިއެވެ. "ތިމަންކަލޭގެފާނުގެ ގައިކޮޅަށް ފެންއަޅާށެވެ." ނަމަވެސް އެކަލޭގެފާނަށް ތެދުވެވަޑައި ނުގެންނެވުނެވެ. އަނެއްކާވެސް ތެދުވެވަޑައިގަންނަވަން އުޅުއްވުމުން ހަމައެފަދައިން ހޭފުޅު ނެތުނެވެ. އެހާތަނުން އެކަލޭގެފާނަށް މީސްތަކުންނާއިގެން ނަމާދު ނުކުރެއްވޭނެކަން އެނގި ވަޑައިގަތެވެ. އަދި އަބޫބަކުރުގެފާނަށް މީސްތަކުންނާއިގެން ނަމާދުކުރެއްވުމަށް އަމުރު ކުރެއްވިއެވެ.

މިގޮތުގައި ހުކުރު ދުވަހުވެސް އެކަލޭގެފާނަށް ނަމާދަށް ނިކުންނެވޭ ވަރު ނުވިއެވެ. ދެން ހޮނިހިރު ނުވަތަ އާދީއްތަ ދުވަހު އެކަލޭގެފާނު އާލާސްކަންފުޅު ކުޑަކޮށް ލުއިވުމުން މެންދުރު ނަމާދުގެ ވަގުތުގައި އެކަލޭގެފާނުގެ ކޮޓަރިކޮޅުން މިސްކިތަށް ވަދެވަޑައިގަތެވެ. އެހިނދު މުޅި މިސްކިތް އަލިވެ އުޖާލާވެގެން ދިޔަ ފަދައެވެ. އެކަލޭގެފާނު ވަދެވަޑައިގަތުމުގެ އުފަލާއެކު މުސްލިމުންގެ ސަފުތައް ގުޑިގެން ދިޔައެވެ. އަބޫބަކުރުގެފާނުވެސް ފަހަތަށް ޖެހިވަޑައިގަތުމަށް ނިންމިއެވެ. އެހިނދު އެކަލޭގެފާނު އަބުބަކުރުގެފާނަށް ނަމާދު ކުރިޔަށް ގެންދެވުމަށް އިޝާރާތް ކުރެއްވިއެވެ. ދެން ނަބިއްޔާ ޞ އަބޫބަކުރުގެފާނުގެ އެއްފަރާތުގައި އިށީނދެވަޑައިގަތެވެ. އެދުވަހުގެ ނަމާދު ނިމުމުން އެކަލޭގެފާނުގެ އާލާސްކަންފުޅު ރަނގަޅުވީ ކަމުގައި ހީކޮށް މީސްތަކުން އުފާކުރިއެވެ. ނަަމަވެސް އަނެއްކާވެސް އެދުވަހުގެ ޢަޞުރު ނަމާދަށް ނިކުމެވަޑައިގެންނެވޭ ވަރަށްވުރެ އެކަލޭގެފާނުގެ ޙާލުކޮޅު ދެރަވިއެވެ.

އަނެއްކާވެސް މީސްތަކުންގެ މައްޗަށް ހިތާމައިގެ ބޮޑު ވިލާގަނޑެއް ހިޔާއެޅި ފަދައެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ނަފްސު ފިދާކޮށްފައި އެކަލޭގެފާނު ދިރިހުންނަވަން ބޭނުންވާ ކަހަލައެވެ. ނަމަވެސް އެއީ ﷲ ތަޢާލާގެ ބަދަލު ނުކުރެވޭނެ ނިޔާފުޅެވެ.

ރަބީޢުލް އައްވަލު މަހުގެ 11 ވީ އާދީއްތަ ދުވަހު އެކަލޭގެފާނުގެ ހުރިހާ މުދަލަކުން ޞަދަޤާތް ކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ ހަތިޔާރުތައް މުސްލިމުންނަށް ހިބަކުރެއްވިއެވެ. އަދި އާލާސްކަންފުޅާ އުޅުއްވި މިމުއްދަތުގައި ނަމާދަށް ރައްކާތެރިވުމަށް، ތަކުރާރުކޮށް އުއްމަތަށް ވަޞިއްޔަތް ކުރެއްވިއެވެ.

އާދީއްތަ ދުވަސް ނިމި ހޯމަދުވަހުގެ ފަތިސްނަމާދަށް މީސްތަކުން ތިބި ވަގުތެވެ. އެކަލޭގެފާނުގެ ކޮޓަރިކޮޅުގެ ފަރުދާކޮޅު ކައްސަވާލައްވައި  މީސްތަކުން އަބޫބަކުރުގެފާނުގެ ފަހަތްޕުޅުގައި ނަމާދުކުރަމުންދާ ތަނަށް ބައްލަވައިލެއްވިއެވެ. އަދި ހިނިވަރުނަކުރެއްވިއެވެ. އެކަލޭގެފާނުގެ އުޖާލާ މޫނުފުޅު މީސްތަކުންނަށް ފެނުނު ހިނދު، އުފަލުން އެބައިމީހުންގެ ނަމާދުވެސް ބާޠިލުވެދާނެ ފަދައެވެ.

ދެން އެދުވަހުގެ ޟުޙާ ވަގުތު އެކަލޭގެފާނުގެ އަހުލުބައިތުން އެއްކުރެއްވިއެވެ. އެބޭކަލުންގެ ތެރެއިން ދުނިޔޭގައި ހުންނެވި، އެކަލޭގެފާނުގެ ހަމައެކެނި ދަރިކަލުން ފާޠިމާ ވިދާޅުވިއެވެ. " ބައްޕާފުޅުގެ ވޭނުގެ ބޮޑުކަމާއެވެ!" އެހިނދު ޙަދީޘް ކުރެއްވިއެވެ. " މިއަދަށް ފަހު ކަމަނާގެ ބައްޕާފުޅަަށް ވޭނެއް ނުވެއެވެ."

ޟުޙާ ވަގުތުގެ ފަހުން އެކަލޭގެފާނުގެ އާލާސްކަންފުޅު އިތުރަށް ބޮޑުވެއްޖެއެވެ. އެކަލޭގެފާނުގެ އިސްތަށިފުޅު އޮތީ ޢާއިޝަތުގެފާނުގެ އުނގުފުޅުގައެވެ. އެވަގުތު ޢާއިޝާތުގެފާނުގެ ކޮއްކޯފުޅު ޢަބްދުއްރަޙްމާން މިސްވާކެއް ހިއްޕަވައިގެން ވަދެވަޑައިގަތުމުން ނަބިއްޔާ އެމިސްވާކަށް ބައްލަވާތަން ފެނިވަޑައިގަތެވެ. އެހިނދު މިސްވާކު ބޭނުންފުޅުތޯ ޢާއިޝަތުގެފާނު އެއްސެވިއެވެ. އއެކަލޭގެފާނު ބޮލުން އިޝާރާތް ކުރެއްވުމުން އެމިސްވާކު ހޯއްދަވައި އެކަމަނާގެ ދަތްޕުޅުން އެ ފިސްކުރައްވައި، އެކަލޭގެފާނުގެ ދަތްޕުޅު އުނގުޅުއްވައި ދެއްވިއެވެ.

އެކަލޭގެފާނުގެ ހުންފުޅު އަދިވެސް ވަރަށް ގަދައެވެ. އެވަގުތު އެކަލޭގެފާނު، ކައިރީގައި ހުރި ފެންއެއްޗަކުން މޫނުގައި އަމިއްލަފުޅަށް ފެން ފުއްސަވަމުން ވިދާޅުވިއެވެ. " لا إله إلا الله.. إن للموت سكرات إن للموت سكرات ﷲ މެނުވީ ޙައްގުވެގެން އަޅުކަން ވެވޭ އެހެން އިލާހަކު ނުވެއެވެ. ހަމަކަށަވަރުން މަރަކީ އޭގެ ވޭން ހުރި ކަމެކެވެ. ހަމަކަށަވަރުން މަރަކީ އޭގެ ވޭން ހުރި ކަމެކެވެ." އެގޮތުގައި އޮންނަވާފައިވެސް އެކަލޭގެފާނު އެއްފަހަރު ހޭފުޅު ނެތުނެވެ.

ދެން ހޭފުޅު އެރުމުން އެކަލޭގެފާނު މައްޗަށް ބައްލަވަން ފެށްޓެވިއެވެ. "އަދި ޝަހާދަތް އިނގިލިފުޅު މައްޗަށް އުފުއްލަވައި ވިދާޅުވިއެވެ. " بل الرفيق الأعلى بل الرفيق الأعلى " އެހެނެއްކަމަކު މަތިވެރިވެގެންވާ އިލާހާ ބައްދަލުވުމެވެ. އެހެނެއްކަމަކު މަތިވެރިވެގެންވާ އިލާހާ ބައްދަލުވުމެވެ." ޢާއިޝަތުގެފާނު ވިދާޅުވިއެވެ. "އެތަން ފެނިވަޑައިގަތް ހިނދު، އެއީ (އެހެން ނަބިއްޔުންނަށްވެސް، ދާއިމަށް ދުނިޔޭގައި ތިބުމާއި ﷲ ތަޢާލާއާއި ބައްދަލު ކުރުމާއި ދެމެދު، އިޚްތިޔާރު ކުރެއްވުމަށް ދެއްވޭފަދައިން) އެކަލޭގެފާނަށްވެސް އިޚްތިޔާރު ދެއްވެނީކަން، ތިމަންކަމަނާއަށް އެނގިވަޑައިގަތެވެ." ދެން އެއާއެކު އެކަލޭގެފާނުގެ ޠާހިރު ރޫޙުފުޅު ހަށިކޮޅާ ވަކިވެއްޖެއެވެ. އޭރު އެކަލޭގެފާނުގެ ގައިކޮޅުން އާދަޔާޚީލާފު މީރު ވަހެއް ދުވަމުން ދިޔައެވެ.

إِنَّكَ مَيِّتٌ وَإِنَّهُم مَّيِّتُونَ   - " ހަމަކަށަވަރުން ކަލޭގެފާނީ، އަވަހާރަވާނޭ ބޭކަލެކެވެ. އަދި ހަމަކަށަވަރުން، އެއުރެންނީވެސް މަރުވާނޭ ބަޔެކެވެ."

އާދެ. ރަޙްމަތުލް ލިލް ޢާލަމީން އެކަލޭގެފާނުގެ އަޞްޙާބުންނާއި މުޅި އުއްމަތް ރޮއްވާފައި އުއްމަތާ ވަކިވެ، އެކަލޭގެފާނުގެ ވެރި ރައްބުގެ ޙަޟްރަތަށް ވަޑައިގަތީއެވެ. އެކަލޭގެފާނުގެ ވެރި ރައްބުގެ ރިސާލަތު ފޯރުކޮށްދެއްވާފައެވެ. ނަބީކަމުގެ އަމާނާތް އަދާކުރައްވާފައެވެ. އަދި އުއްމަތަށް ނަޞޭހަތްތެރިވެ ވަޑައިގެންފައެވެ.

No comments: