ނަމާދު ޤަޟާކުރުން
ނަމާދަކީ
އޭގެ ވަޤުތުގައި އަދާކުރަންޖެހޭ އަޅުކަމެކެވެ.
﴿إِنَّ الصَّلاَةَ كَانَتْ عَلَى الْـمُؤْمِنِينَ كِتَابًا مَّوْقُوتًا﴾
[النساء 103]
މާނައީ: ”ހަމަކަށަވަރުން ނަމާދަކީ މުއުމިނު އަޅުތަކުންގެ މައްޗަށް ވަޤުތު
ކަނޑައެޅިގެންވާ ފަރުޟެއްކަމުގައިވިޔެވެ.“ ނަމާދު އެޅުމަށް އެއްވެސް ޢުޛުރެއް ނޯވެއެވެ.
ނަމާދު ވަޤުތުން
ފާއިދުވެދާނެ އޮންނަނީ މަޤްބޫލު ދެ ޢުޛުރެކެވެ.
އެއީ
1- ނިދުމާއި
2- ހަނދާން ނެތުމެވެ.
( مَنْ نَامَ عَنْ صَلاةٍ أَوْ نَسِيَهَا فَلْيُصَلِّهَا
إِذَا ذَكَرَهَا) رواه البخاري (597) ومسلم (684)
މާނައީ:”ނިދިގެން
ނުވަތަ ހަނދާން ނެތިގެން ނަމާދެއް ދޫވެއްޖެ މީހާ ހަނދާންވުމުން އެ ނަމާދުކުރާށެވެ.“
ވީމާ، ފަތިސް
ނަމާދަށް ލަހުން ހޭލެވުނު މީހާ، މިސާލަކަށް ހެނދުނު ހޭލެވުނު މީހާ، އޭނާ
ހޭލެވުނުހާ އަވަހަކަށް ފަތިސްނަމާދު ކުރަން ޖެހޭނެއެވެ. މެންދުރު ނަމާދު ވަޤުތު
ޖެހެންދެން މަޑުކޮށްގެން ނުވާނެއެވެ. ހޭލެވުނު ގަޑިޔަކީ ނަމާދުކުރުން ޙަރާމް
ވަޤުތެއް (މިސާލަކަށް އިރު އަރާވަޤުތު) ކަމުގައި ވިޔަސް އަދި އިރު އަރާ ފަހުން
ކަމުގައި ވިޔަސް މެއެވެ. އެހެނީ ނަމާދު ވަޤުތު ފާއިތުވާ މީހާ އެ ހުންނަނީ އޭނާގެ
ބޮލުގައި ވަރަށް ބޮޑު ޒިންމާއެއް، ﷲ ގެ ޙައްޤެއް އެޅިފައެވެ. ވީހާ އަވަހަކަށް އޭނާ
އެ ޙައްޤު ކަނޑުވަން ޖެހޭނެއެވެ.
·
ފާއިތުވި ނަމާދު ނުކުރެވޭނެ ވަޤުތެއް
ނޯވެއެވެ.
· ފާއިތުވި ނަމާދު ކުރާ އިރު އަބަދުވެސް ކުރާނީ
ތަރުތީބުންނެވެ.
މިސާލަކަށް ނިދުމުގެ ސަބަބުން މީހަކަށް ހޭލެވުނީ ޢަޞްރު ނަމާދުގެ ވަޤުތު ވަދެފައި
ހުއްޓައެވެ. އޭނާ ހުރީ މެންދުރު ނަމާދުވެސް ނުކޮށެވެ. މި ޙާލަތުގައި ޢަޞްރު ނަމާދު
ކުރާނީ މެންދުރު ނަމާދު ކޮށްފައެވެ. މި ކަމުގެ ދަލީލަކީ އަންނަނިވި ޙަދީޘެވެ.
عَنْ عَبْدِ الرَّحْمَنِ بْنِ أَبِي سَعِيدٍ عَنْ أَبِيهِ
قَالَ شَغَلَنَا الْمُشْرِكُونَ يَوْمَ الْخَنْدَقِ عَنْ صَلَاةِ الظُّهْرِ حَتَّى
غَرَبَتْ الشَّمْسُ .. فَأَمَرَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ
بِلالًا فَأَقَامَ لِصَلاةِ الظُّهْرِ فَصَلاهَا ثُمَّ أَقَامَ لِلْعَصْرِ فَصَلاهَا
ثُمَّ أَذَّنَ لِلْمَغْرِبِ فَصَلاهَا كَمَا كَانَ يُصَلِّيهَا فِي وَقْتِهَا ..) رواه
النسائي ( الأذان/655 ) وصححه الألباني في صحيح النسائي برقم (638)
ޢަބްދުއްރަޙްމާން ބިން އަބޫ ސަޢީދު އެކަލޭގެފާނުގެ ބައްޕާފުޅުގެ އަރިހުން
ރިވާކުރެއްވިއެވެ. ބައްޕަ ވިދާޅުވިއެވެ.”ޚަންދަޤުގެ ދުވަހުގައި ހަނގުރާމައިގެ ކަންތައްތަކުގައި އުޅެން ޖެހުމުގެ
ސަބަބުން މުސްލިމުން މެންދުރު ނަމާދުނުކޮށް އުޅެނިކޮށް އިރު އޮއްސުނެވެ. ނަބިއްޔާ
ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަންގި ގޮވުމަށް ބިލާލުގެފާނަށް އަމުރުކުރެއްވިއެވެ.
އޭގެ ފަހުގައި މެންދުރު ނަމާދަށް ޤަމަތް ދެއްވިއެވެ. (މެންދުރު ނަމާދު ކުރެއްވިއެވެ.)
އޭގެ ފަހުގައި ޢަޞްރު ނަމާދަށް ޤަމަތް ދެއްވިއެވެ. (ޢަޞްރު ނަމާދު ކުރެއްވިއެވެ.)
އޭގެ ފަހުގައި މަޣްރިބު ނަމާދަށް ޤަމަތް ދެއްވިއެވެ. އަދި މަޣްރިބް ނަމާދުގެ
ވަޤުތުގައި ނަމާދު ކުރައްވާ ބީދައިން އެ ނަމާދުވެސް ކުރެއްވިއެވެ.“
މި ޙަދީޘުން ދަލާލަތު ކުރަނީ ފާއިތުވެދިޔަ ނަމާދު ކުރާ އިރު ތަރުތީބުން
ކުރުމަށެވެ. ފާއިތުވެ ދިޔަ
ނަމާދު ކުރާއިރު ނަމާދު ޤަޟާކުރަން ނިޔަތް ގަންނާކަށް ނުޖެހޭނެއެވެ.
އެހެންވީމާ، ފާއިތުވި ނަމާދު ކުރާ މީހާ ނަމާދު ކުރާ ގޮތާ، ނަމާދުގެ
ވަޤުތުގައި ނަމާދު ކުރާ މީހާ ނަމާދު ކުރާ ގޮތާ އެއްވެސް ތަފާތެއް ނުހުރެއެވެ.
ފާއިތުވާ ނަމާދު ކުރާނީ އޭގެ އަޞްލު ނަމާދު ކުރާ ބީދައިންނެވެ. އެއީ ބާރަށް ކިޔަވާ
ނަމާދެއް ނަމަ ދުވާލު އެ ނަމާދު ކުރި ކަމުގައި ވިޔަސް ސުންނަތް ވެގެންވަނީ ބާރަށް
ކިޔެވުމެވެ. މިސާލަކަށް ފަތިސް ނަމާދު ދުވާލު ކުރާ މީހާ ސުންނަތް ވެގެންވަނީ
ފަތިސް ނަމާދުގައި ބާރަށް ކިޔެވުމެވެ. އެއީ އެ ނަމާދުގެ އަޞްލު އޮތް ގޮތެވެ.
ޢަޞްރު ނަމާދު ރޭގަނޑު ކުރަން ޖެހިއްޖެ މީހާ ކިޔަވާނީ ސިއްރުންނެވެ. އެއީ
އޭގައިވެސް ބަލާނީ ނަމާދުގެ އަޞްލަށެވެ.
ނަމާދު އަޅާ މީހުން ބެހިގެން ވަނީ ދެބަޔަކަށެވެ.
އޭގެތެރެއިން އެއް ބަޔަކީ، ނިދުމާއި ހަނދާން ނެތުން ފަދަ ކަމެއް ދިމާވެގެން
ނަމާދު އަޅާ މީހުންނެވެ. މިބައިމީހުންނަށް އޮތީ ފާއިތުވި ނަމާދު ޤަޟާކުރުން
އެކަންޏެވެ. އެކަން ކުރުމުގެ ވަގުތުވަނީ ތަނަވަސްވެގެންނެވެ. މިބައިމީހުންގެ
މައްޗަށް އެއްވެސް ކުށެއް ނެތެވެ.
އަނެއް ބަޔަކީ، އެއްވެސް ޢުޒުރެއްނެތި، ކަންނެތްކަމާއި ފަރުވާކުޑަކަމުން، ނަމާދު އަޅާ މީހުންނެވެ. މިބައިމީހުން ފާފަވެރިވާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. އެފަދަ މީހާ ތައުބާވާންޖެހޭނެއެވެ.
No comments:
Post a Comment