Friday, December 13, 2024

ރޭއަޅުކަންކުރުން

 

ރޭއަޅުކަންކުރުން

ރޭއަޅުކަމަކީ ރޭގަނޑުގެ ހަމަހިމޭންކަމުގެ ތެރޭގައި މުޅިދުނިޔެ ޣާފިލުކަމުގެ ނިދީން ނިދާފައި ވަނިކޮށް ތެދުވެ، ﷲ ތަޢާލާ ހަދުމަކޮށް އެއިލާހަށް އަޅުކަން ކުރުމެވެ. ފާފަފުއްސެވުމަށް އެދި އެއިލާހަށް ދެންނެވުމެވެ. ﷲ ތަޢާލާގެ ހަޟުރަތަށް އިސްތިޣްފާރުކޮށް އެއިލާހުގެ ރަޙުމަތްތަށް އެދި ދެންނެވުމެވެ.

ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ރަސޫލުصلى الله عليه وسلم އާއި މުޚާތަބު ކުރައްވައި ވަޙީ ކުރައްވާފައިވަނީ يَا أَيُّهَا الْمُزَّمِّلُ ﴿١﴾ قُمِ اللَّيْلَ إِلَّا قَلِيلًا ﴿٢﴾ نِّصْفَهُ أَوِ انقُصْ مِنْهُ قَلِيلًا ﴿٣﴾ أَوْ زِدْ عَلَيْهِ وَرَتِّلِ الْقُرْآنَ تَرْتِيلًا ﴿٤﴾ ( سورة المزمل 1،2،3،4) މާނައީ: ”އޭ ރަޖާ އަޅުއްވައިގެން އޮތް ނަބިއްޔާއެވެ. ރޭގަނޑުގެ ކުޑަ ވަގުތުކޮޅެއް ފިޔަވައި ރޭއަޅުކަމަށް ތެދުވެ ވަޑައިގަންނަވާށެވެ. ރޭގަނޑުގެ ދެބައިކުޅަ އެއްބައިގައި ރޭއަޅުކަން ކުރައްވާށެވެ. ނުވަތަ އެއަށްވުރެ ތަންކޮޅެއް މަދު ކުރައްވާށެވެ. ނުވަތަ އެއަށްވުރެ އިތުރު ކުރައްވާށެވެ. އަދި ލަސްލަހުން ޤުރުއާން ކިޔަވާ ވިދާޅުވާށެވެ“.

މިއާޔަތްތައް ބާއްވާލެއްވުމުން ރަސޫލުصلى الله عليه وسلم އާއި އަސްޙާބު ބޭކަލުން އެބޭކަލުންގެ ފައިންޕުޅުތައް ދުޅަވަންދެން ރޭއަޅުކަމުގައި ޤާއިމުވެ ތިއްބެވިއެވެ. މިގޮތުގައި ފުރިހަމަ އެއްއަހަރު ވޭތުވެދިއުމަށްފަހު ﷲގެ ރަޙުމަތްވަންތަކަމާއި ޙިކުމަތް ވަންތަކަން ނިއާކުރާ ގޮތުގެ މަތިން މިކަން ލުއި ކުރެއްވުމުގެ އާޔަތް ބާވާލެއްވއެވެ.

އެއާޔަތަކީ سورة المزمل ގެ 20 ވަނަ އާޔަތެވެ. (إِنَّ رَبَّكَ يَعْلَمُ أَنَّكَ تَقُومُ أَدْنَىٰ مِن ثُلُثَيِ اللَّيْلِ وَنِصْفَهُ وَثُلُثَهُ وَطَائِفَةٌ مِّنَ الَّذِينَ مَعَكَ ۚ وَاللَّـهُ يُقَدِّرُ اللَّيْلَ وَالنَّهَارَ ۚ عَلِمَ أَن لَّن تُحْصُوهُ فَتَابَ عَلَيْكُمْ ۖ فَاقْرَءُوا مَا تَيَسَّرَ مِنَ الْقُرْآنِ ۚ…) މާނައީ : ”ކަލޭގެފާނާއި، ކަލޭގެފާނުގެ އަރިހުގައިވާ މީހުންކުރެ ބަޔަކު، ރޭގަނޑުގެ ތިންބައިކުޅަ ދެބަޔަށްވުރެ މަދުންނާއި، އެ ރޭގަނޑުގެ ދެބައިކުޅަ އެއްބައިގައްޔާއި، އަދި އެ ރޭގަނޑުގެ ތިންބައިކުޅަ އެއްބައިގައި، ރޭއަޅުކަން ކުރެއްވުމަށް ތިއްބަވާކަން ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި ރޭގަނޑާއި، ދުވާލުގެ ވަގުތުތައް މިންވަރު ކުރައްވަނީ اللَّه އެވެ. މުޅި ރޭގަނޑު، ރޭއަޅުކަމުގައި ޤާއިމުވެ ތިބުމަށް ތިޔަބައިމީހުންނަށް ކުޅަދާނަވެގެންނުވާނެކަން އެކަލާނގެ ދެނެވޮޑިގެންވެއެވެ. ފަހެ، ތިޔަބައިމީހުންގެ މައްޗަށް އެކަން ޢަފޫ ކުރައްވައި ލުއިކުރައްވައިފިއެވެ. ފަހެ، ޤުރުއާނުން ފަސޭހަވީ މިންވަރެއް ތިޔަބައިމީހުން ކިޔަވާށެވެ!“

ރޭއަޅުކަމަކީ، ނުވަތަ ތަޙައްޖުދު ނަމާދަކީ ރަސޫލުصلى الله عليه وسلمގެ މައްޗަށް ﷲ ތަޢާލާ ފަރުޟު ކުރައްވާފައިވާ އަޅުކަމެކެވެ. ނަމަވެސް އުއްމަތުގެ މީހުންގެ މައްޗައް އެއީ ގަދަވެގެންވާ ސުންނަތެކެވެ.

މުޢާޛް ބުނު ޖަބަލް (ރަޟިޔަﷲ ޢަންހު) ވިދާޅުވެފައި ވަނީ: ރަސޫލުصلى الله عليه وسلم ތިމަންނައަށް ވިދާޅުވިއެވެ. ألا أدلك على أبواب الخير ؟ الصوم جنّة ، والصدقة تطفيء الخطيئة كما يُطفيء الماء النار ، وصلاة الرجل في جوف الليل  ”ކަލޭގެފާނަށް ތިމަންކަލޭގެފާނު ހެޔޮކަމުގެ ދޮރުތައް ދައްކަވަންހެއްޔެވެ؟ ރޯދައަކީ ރައްކައުތެރި ކަމެކެވެ. ޞޮދަޤާތަކީ ފާފަތައް ނިއްވާލާކަމެކެވެ. އެއީ ފެނުން އަލިފާންނިވޭ ފަދައިންނެވެ. އަދި ރޭގަޑުގެ ތެރޭގައި މީހަކު ކުރާ ނަމާދެވެ.“ އެހެން ހަދީޘްކުރުމަށްފަހު  މިއާޔަތް ކިޔަވާ ވިދާޅުވިއެވެ. تَتَجَافَىٰ جُنُوبُهُمْ عَنِ الْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًا وَطَمَعًا وَمِمَّا رَزَقْنَاهُمْ يُنفِقُونَ ﴿١٦﴾ فَلَا تَعْلَمُ نَفْسٌ مَّا أُخْفِيَ لَهُم مِّن قُرَّةِ أَعْيُنٍ جَزَاءً بِمَا كَانُوا يَعْمَلُونَ﴿١٧﴾ (سورة السجدة 17،16) މާނައީ:”އެއުރެންގެ ވެރިރަސްކަލާނގެ حضرة އަށް ބިރުވެތިކަމާއި އުންމީދާއެކު دعاء ކުރާ حال، އެއުރެންގެ އަރިކަށިތައް (ރޭއަޅުކަންކުރުމަށްޓަކައި) ތަންމަތިތަކާ ފޭވެއެވެ. އަދި ތިމަންރަސްކަލާނގެ، އެއުރެންނަށް ދެއްވި ތަކެތީން، އެއުރެން ހޭދަކުރެތެވެ.   ފަހެ، އެއުރެންނަށްޓަކައި ފޮރުއްވާފައިވާ ލޮލުގެ ފިނިކަން (އެބަހީ: ލޮލަށް ފިނިކަންދެނިވި، ސުވަރުގޭގެ نعمة ތައް) އެއްވެސް نفس އަކަށް ނޭނގޭނެތެވެ. (އެއީ) އެއުރެން ކޮށްއުޅުނު عمل ތަކުގެ ޖަޒާއެއް ކަމުގައެވެ.“

ތަރާވީޙް ނަމާދު، ވިތުރި ނަމާދު، ތަހައްޖުދު ނަމާދު، މިއީ ޤިޔާމުއްލައިލި (ރޭ އަޅުކަމަށް) ކިޔާ ތަފާތު ނަންތަކެވެ. އަޅުކަން ކުރެވޭ ވަޤުތުގެ ގޮތުން ނުވަތަ އަޅުކަން ކުރެވޭ ކައިފިއްޔަތުގެ ގޮތުން ނަންތައް ތަފާތުވިޔެއް ކަމަކު އަޅުކަމަކީ އެއް އަޅުކަމެކެވެ. އެއީ ރޭ އަޅުކަމެވެ.

ވިތުރި ނަމާދުގެ ވަގުތު

އިޝާނަމާދަށް ފަހުގައި ނޫނީ ވިތުރީގެ ވަގުތު ނުވަންނާނެކަމަށް ދަންނަބޭކަލުން އިޖުމާޢު ވެފައިވެއެވެ. އަދި އެވަގުތު ފަޖުރާ ހަމައަށް ދެމިގެންވާ ކަމަށް ވެސް އިޖުމާޢުވެފައިވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ. (إِنَّ اللَّهَ قَدْ أَمَدَّكُمْ بِصَلاةٍ وهي الْوِتْرُ جَعَلَهُ اللَّهُ لَكُمْ فِيمَا بَيْنَ صَلاةِ الْعِشَاءِ إِلَى أَنْ يَطْلُعَ الْفَجْرُ) رواه الترمذي،  ”މާތް ﷲ ތިޔަބައިމީހުންނަށް ވަގުތު ދެމިގެންވާ ނަމާދެއް ލައްވައިފިއެވެ. އެއީ ވިތުރެވެ. ޢިޝާ ނަމާދުން އަވަދިވީއްސުރެ ފަޖުރުލުމަށް ދާންދެން ވިތުރީގެ ވަގުތު ދެމިގެންވެއެވެ.“

ވިތުރީގައި ރަނގަޅީ ވަގުތުގެ ކުރީކޮޅުގައި ކުރުންތޯ ނުވަތަ ފަހުބައިގައި ކުރުންތޯ؟

ރޭގަނޑު ދަމުނަމާދު ކުރުމަށް ނިޔަތް ގަންފައިވާ މީހާއަށް މާތްކަން ބޮޑުވެގެންވަނީ ވިތުރި ލަސްކޮށްލުމެވެ. ސަބަބަކީ ވިތުރިއަކީ ރޭގަނޑުގެ އެންމެ ފަހު ނަމާދު ކަމަށްވީތީއެވެ. ނަމަވެސް ދަމުނަމާދަށް ނުތެދުވެވިދާނެ ކަމުގެ ބިރު އޮތް މީހާގެ ޙައްގުގައި ވިތުރީގެ އެންމެ ރަގަޅު ވަގުތަކީ ނިދުމުގެ ކުރިން ކުރުމެވެ. ރަސޫލުصلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. (مَنْ خَافَ أَنْ لا يَقُومَ مِنْ آخِرِ اللَّيْلِ فَلْيُوتِرْ أَوَّلَهُ وَمَنْ طَمِعَ أَنْ يَقُومَ آخِرَهُ فَلْيُوتِرْ آخِرَ اللَّيْلِ فَإِنَّ صَلاةَ آخِرِ اللَّيْلِ مَشْهُودَةٌ وَذَلِكَ أَفْضَلُ  ) رواه مسلم މާނައަކީ: ”ރޭގަނޑުގެ ފަހުބައިގައި އަޅުކަން ކުރުމަށް ނުތެދުވެވިދާނެ ކަމުގެ ބިރުއޮތް މީހާ ވަގުތުގެ ކުރީކޮޅުގައި ވިތުރި ކުރާ ހުށި ކަމެވެ. ރޭގަނޑުގެ ފަހުބައިގައި އަޅުކަން ކުރުމަށް ތެދުވުމަށް ގަޞްދުކޮށްފައިވާ މީހާ ރޭގަނޑުގެ ފަހުބައިގައި ވިތުރި ކުރާ ހުށިކަމެވެ. ރޭގަނޑުގެ އެންމެ ފަހުވަގުތުގައި ކުރެވޭ ނަމާދަކީ ހެކިވެވިގެންވާ ނަމާދެކެވެ. އެއީ އެންމެ މާތް ނަމާދެވެ“. ކީރިތި ރަސޫލާ ވިތުރި ނަމާދު ކުރައްވާފައިވަނީ ދަމުނަމާދުގެ ވަގުތުގައެވެ. އެއީ އެންމެ މާތް ވަގުތަށް ވާތީއެވެ.

ވިތުރީގެ މިންވަރު

ވިތުރިއަކީ ގަދަވެގެންވާ ސުންނަތެކެވެ. އޭގެ އެންމެ މަދު މިންވަރަކީ ޢިޝާ ނަމާދަށްފަހު އެއް ރަކުޢަތެވެ. އެއީ ޢިޝާ ނަމާދުގެ ފަހު ސުންނަތަށް ފަހު އެއް ރަކުޢަތެވެ. އަދި އެއަށްވުރެ އިތުރަށް ކުރުން މޮޅުއިތުރުވެގެންވެއެވެ. ނަބިއްޔާ صلى الله عليه وسلم ރޭގަނޑު ވިތުރި ކުރެއްވިއެވެ. އެކަލޭގެފާނު ވިތުރި ކުރެއްވުމުގައި އެކިފަހަރު އެކި ޢަދަދަށް ކުރައްވާފައިވެއެވެ. ބައެއްފަހަރު ތިން ރަކުޢަތެވެ. ބައެއްފަހަރު ފަސް ރަކުޢަތެވެ. ބައެއްފަހަރު ހަތެއް ނުވަތަ އެގާރަ ރަކުޢަތެވެ. އަދި ބައެއްފަހަރު ތޭރަ ރަކުޢަތް ކުރެއްވިއެވެ. މިއީ އެންމެ ގިނައިން ކުރެއްވި ކަމަށް ވާރިދުވެގެންވާ ޢަދަދެވެ. ނަމަވެސް ވިތުރީގެ ރަކުޢަތުގެ ޢަދަދުގެ ޙައްދެއް ކަޑައަޅުއްވާފައެއްނުވެއެވެ. ފަހެ، އެއަށްވުރެ ގިނަ ރަކުޢަތް ކުރަން ބޭނުންވާމީހާއަށް އެގޮތަށް ކުރުމުގައި މައްސަލައެއް ނެތެވެ. އެއީ އެކަލޭގެފާނުގެ އަންނަނިވި ޙަދީޘްގައިވާ ފަދައިންނެވެ.

ރަސޫލުصلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. (الْوِتْرُ رَكْعَةٌ مِنْ آخِرِ اللَّيْلِ) رواه مسلم  މާނައަކީ: ”ވިތުރި އަކީ ރޭގަނޑުގެ ފަހުބައިގައި ކުރެވޭ ރަކްޢަތެކެވެ“. އެހެން ޙަދީޘެއްގައިވެއެވެ. (صَلاةُ اللَّيْلِ مَثْنَى مَثْنَى فَإِذَا خَشِيَ أَحَدُكُمْ الصُّبْحَ صَلَّى رَكْعَةً وَاحِدَةً تُوتِرُ لَهُ مَا قَدْ صَلَّى) رواه البخاري (911) ومسلم (749)، މާނައަކީ: ”ރޭގަނޑުގެ ނަމާދުތައް ދެރަކްޢަތުން ދެރަކްޢަތުން ކުރާށެވެ. އަދި ފަތިސްވަގުތު ވެދާނެކަމަށް ބިރު ހީވުމުން ވިތުރީގެ އެއްރަކްޢަތް ކުރާހުށި ކަމެވެ“. ވިތުރީގެ އެއް ރަކްޢަތް ކުރިޔަސް ރަގަޅެވެ. އަދި ތިން ރަކްޢަތާއި ފަސްރަކްޢަތް އަދި ހަތް ރަކްޢަތް ނުވަތަ ނުވަ ރަކްޢަތްވެސް ކުރެވިދާނެއެވެ.

މިނަމާދުގައި ވަކި މިންވަރެއް ކަނޑައެޅިފައި ނުވެއެވެ. ނަމަވެސް ނަބިއްޔާ صلى الله عليه وسلم ވިތުރި ކުރެއްވިގޮތަށް ކުރަން ބޭނުންވާ މީހާ އެގާރަ ނުވަތަ ތޭރަ ރަކުޢަތްކުރުން މޮޅުއިތުރުވެގެންވެއެވެ. މިއަށްވުރެ މަދުން ކުރުމުގައި މައްސަލައެއް ނެތެވެ. އަދި އިތުރު ކުރިޔަސް މައްސަލައެއް ނެތެވެ. ތިން ރަކުޢަތުން ވިތުރި ކުރާއިރު ދެ ފަހަރު ސަލާމްދިނުންވެއެވެ. އެއީ ދެ ރަކުޢަތް ކޮށްފައި ސަލާމް ދިނުމަށްފަހު ދެން ވަކިން އެއް ރަކުޢަތްކޮށް ސަލާމްދިނުމެއެވެ. މިއީ ފުރިހަމަ އެންމެ މަދު މިންވަރެވެ. ފަހެއް ނަވަތަ ހަތެއް ނުވަތަ އެއަށްވުރެ ގިނައިން ކުރުން މޮޅުއިތުރުވެގެންވެއެވެ. ކޮންމެ ދެ ރަކުޢަތަކުން ސަލާމްދެމުން ނިންމާލަމުން ވަކިން އެއް ރަކުޢަތްކުރާނީއެވެ. އަދި އެ ރަކުޢަތުގައި ޤުނޫތު ކިޔާނީއެވެ. މިއީ އެންމެ މޮޅުއިތުރުވެގެންވާ ގޮތެވެ.

ވިތުރީގައި ކިޔަވާ ސޫރަތްތައް

ވިތުރީގައި އަލްޙަމްދަށް ފަހު ކޮންމެ ތަނެއް ކިއުމަކީ މައްސަލައެއް އޮތް ކަމެއް ނޫނެވެ. ޢަލީގެފާނު ވިދާޅުވެފައިވެއެވެ. ކީރިތި ޤުރްއާނުގައި ދޫކޮށްލަން ޖެހޭ އެއްވެސް އާޔަތެއް ނުވެއެވެ. ތިބާއަށް ފެންނަ ތަނަކުން ކިޔަވާށެވެ. ނަމަވެސް ތިން ރަކުޢަތުން ވިތުރިކުރާނަމަ މުސްތަޙައްބުވެގެންވަނީ ފުރަތަމަ ރަކުޢަތުގައި ފާތިޙާއަށް ފަހު ސޫރަތުލްއަޢުލާ ކިޔެވުމަށެވެ. ދެވަނަ ރަކުޢަތުގައި ފާތިޙާއަށް ފަހު ސޫރަތުލްކާފިރޫން ކިޔެވުމަށެވެ. އަދި ތިންވަނަ ރަކުޢަތުގައި ފާތިޙާއަށް ފަހު ސޫރަތުލްއިޚްލާޞްއާއި ، ފަލަޤި ނާސި ކިޔެވުމަށެވެ. މިގޮތަށް އިމާމު އަޙްމަދާއި ތިރުމިޛީ ޢާއިޝަތުގެފާނުގެ އަރިހުން ރިވާކުރައްވާފައިވެއެވެ.

ވިތުރީގައި ޤުނޫތު ކިޔުން:

ޤުނޫތު ކިޔާނީ ރުކޫޢުގެ ފަހުން، ރަސޫލާ صلى الله عليه وسلم އަލްޙަސަން ބުން ޢަލީއަށް އުނގަންނަވައިދެއްވި ފަދައިންނެވެ. އެއީ: ((اللهُمَّ اهْدِنِي فِيمَنْ هَدَيْتَ، وَعَافِنِي فِيمَنْ عَافَيْتَ…)) މިދުޢާ ނިމެންދެނެވެ. އެންމެ މޮޅުއިތުރު ގޮތަކީ ޤުނޫތު ކިޔާއިރު ދެ އަތް އުފުލުމެވެ. އެހެނީ ރަސޫލާ عليه الصلاة والسلام ޤުނޫތު ކިޔުއްވާއިރު ދެ އަތް އުފުއްލެވިއެވެ. ދުޢާ ކުރާއިރު ދެ އަތް އުފުލުމަކީ ދުޢާ އިޖާބަވުމުގެ ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ. އަތް ނުއުފުލުމުގައި މައްސަލައެއް ނެތެވެ. އަދި ވިތުރީގައި ޤުނޫތު ނުކިޔުމަކީވެސް މައްސަލައެއް ނޫނެވެ. އެހުރިހާ ގޮތެއް މުސަތަޙައްބުވެގެންވެއެވެ. ޤުނޫތު ކިޔުމާއި ޤުނޫތު ކިޔުމުގައި ދެ އަތް އުފުލުން އެއީ އެންމެ މޮޅުއިތުރު ގޮތެވެ. އެކަން ދޫކޮށްލުމަކީވެސް މައްސަލައެއް ނޫނެވެ.

ޚުލާޞާއަކީ ވިތުރި ނަމާދަކީ ސުންނަތް ނަމާދެކެވެ. ފަރުޟު ނަމާދެއް ނޫނެވެ. ރޭގަނޑުގެ ފަހުބައިގައި ވިތުރި ކުރުމަށް ކުޅަދާނަވެގެންވާމީހާ އެގޮތަށް ކުރުން މޮޅުއިތުރުވެގެންވެއެވެ. އަދި ރޭގަނޑުގެ ފަހުބައިގައި ނުހޭލެވިދާނެކަމަށް ބިރުވެތިވާމީހާ ރޭގަނޑުގެ ކުރީކޮޅު ވިތުރި ކުރާނީއެވެ. ނަބިއްޔާ عليه الصلاة والسلام ރޭގަނޑުގެ ކުރީކޮޅު ވިތުރި ކުރެއްވިއެވެ. އަދި ރޭގަނޑުގެ މެދުބައިގައި ވިތުރި ކުރެއްވިއެވެ. އަދި އެއަށްފަހު އެކަލޭގެފާނު އަވަހާރަވެއްޖައުމަށް ދާންދެން، ރޭގަނޑުގެ ފަހުބައިގައި ވިތުރި ކުރެއްވުމުގައި ޤާއިމުވެވަޑައިގެންނެވިއެވެ.

ދަމުނަމާދު

ދަމުނަމާދަކީ، އަހަރެމެންގެ ޙަޔާތް އަލިކޮށްދޭނެ މަތިވެރި އަޅުކަމެކެވެ. ހަމައެހެންމެ އެއީ ވަރަށް ޘަވާބުހުރި ޢަމަލެކެވެ. ދެރަކްޢަތުން ދެރަކްޢަތުން ސަލާމް ދެމުންކުރާ ނަމާދެކެވެ.  ﷲ ތަޢާލާ ޛާރިޔާތު ސޫރަތުގެ 15 ވަނަ އާޔަތުން 18 ވަނަ އާޔަތައް ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. إِنَّ ٱلْمُتَّقِينَ فِى جَنَّٰتٍ وَعُيُونٍ﴿١٥﴾‏ ءَاخِذِينَ مَآ ءَاتَىٰهُمْ رَبُّهُمْ إِنَّهُمْ كَانُوا۟ قَبْلَ ذَٰلِكَ مُحْسِنِينَ﴿١٦﴾‏كَانُوا۟ قَلِيلًا مِّنَ ٱلَّيْلِ مَا يَهْجَعُونَ ﴿١٧﴾‏ وَبِٱلْأَسْحَارِ هُمْ يَسْتَغْفِرُونَ﴿١٨﴾ މާނައީ: ”ހަމަކަށަވަރުން، تقوى ވެރިންވަނީ، ސުވަރުގެތަކާއި، ފެންއާރުތަކުގެ نعمة ގައެވެ. (15) އެއުރެންވަނީ، އެއުރެންގެ ވެރިރަސްކަލާނގެ އެއުރެންނަށް ދެއްވި ثواب ލިބިލިބިއެވެ. ހަމަކަށަވަރުން، އޭގެކުރިން އެއުރެންވީ إحسان ތެރިން ކަމުގައެވެ. (16) އެއުރެން ނިދައިއުޅުނީ ރޭގަނޑުން ވަރަށްކުޑަ ވަގުތުކޮޅެއްގައެވެ. (17) އަދި އެއުރެން ހާރުދަމުގައި ފާފަފުއްސެވުމަށްއެދި دعاء ކުރެތެވެ. (18)

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާގޮތުގައި، ފަރުޟު ނަމާދަށްފަހު ދެން އެންމެ މާތްވެގެންވަނީ ރޭގަނޑު ދަންވަރުގެ ވަގުތުގައި ކުރެވޭ (ސުންނަތް) ނަމާދެވެ. (މުސްލިމް: 1163) ހަމަ މިއާއެކު، މީސްތަކުން ނިދާފައި ތިބޭހިނދު، ދަންވަރުގެ ވަގުތުގައި ތެދުވެ ނަމާދުކުރާ މީހުން ސަލާމަތްކަމާއެކު ސުވަރުގެއަށް ވަންނާނެކަމަށް ޙަދީޘްކުރެއްވިއެވެ. (އިބުނު މާޖާ: 3251) އަދިވެސް އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "އަޅާއާ އޭނާގެ ރައްބާ އެންމެ ކައިރިވާ ވަގުތަކީ ރޭގަނޑުގެ ފަހު ބައިގެ ވަގުތެވެ. އެވަގުތުގައި ﷲ ހަނދުމަކޮށް ދުޢާ ދަންނަވާމީހުންގެތެރެއިންވުމަށް ކުޅަދާނަވެއްޖެމީހާ ފަހެ، އެކަން ކުރާހުށިކަމެވެ." (ތިރުމިޛީ: 3579)

ދަމުނަމާދު ވަގުތު

ދަމު ނަމާދު ކުރުން އެއްމެ އައުލާވެގެންވާ ވަގުތަކީ މީހުން ނިދާފައި ތިބޭ ވަގުތެވެ. އެއީ ރޭގަނޑުނގެ ތިންބައި ކޮށްފައި ތިންވަނަ ބައި ފެށިގެން ފަތިސް ވަންދެނެވެ. އެހެން އިބާރާތަކުން ނަމަ އެވަގުތަކީ ހާރު ދަމެވެ. ދަމު ނަމާދު ކުރުން އެންމެ އައުލާވެގެންވަނީ ރޭގަނޑު ތިންބައި ކޮށްފައި އޭގެ ފަހުބައިގައެވެ. އެހެން އިބާރާތަކުން ނަމަ އެވަގުތަކީ ހާރު ދަމެވެ.

މިސާލަކަށް 6 ޖަހާއިރު އިރު އޮއްސި ފަތިސްވަގުތުވަނީ 4 ޖަހާއިރު ކަމުގައިވާނަމަ، ރޭގަނޑުގެ ދިގުމިނަކީ 10 ގަޑީއިރެވެ. އެހެންކަމުން 10 ގަޑީއިރު ތިންބަޔަށް ބެހީމާ ކޮންމެ ބަޔަކަށް ވާނީ 3 ގަޑިއިރާ 30 މިނެޓެއްހާ އިރެވެ. އެހެންކަމުން ފުރަތަމަ ބަޔަކީ 6 ފެށިގެން 9.30 ހާ އިރެވެ. އަދި ދެވަނަ ބަޔަކީ 9.30 ހާ އިރުން 12.30 ހާ އިރަށެވެ. އަދި ތިންވަބަ ބަޔަކީ 12.30 ހާ އިރުން ފެށިގެން 4 އަށެވެ. މިއީ ގާތްގަނޑަކަށެވެ. މިއީ ގާތްގަނޑަކަށެވެ. އެހެންކަމުން ރޭގަނޑު ތިންބައި ކޮށްފައި ފަހުބަޔަކީ އެއީ ދިވެހި ރާއްޖޭގައި ޢާއްމުކޮށް ނަމާދު ވަޤުތު އިންނަ ގޮތުން ނަމަ، ރޭގަނޑު 1 ޖަހާކަންހާ އިރުން ފެށިގެން ފަތިސް ނަމާދު ބަންގި ގޮވަންދެނެވެ.

ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ މަޚްލާޤެއް ގަންދެއްވައި އެންމެ ގިނަ ޢަދަދަކަށް ހުވާ ވަޙީކުރައްވާފައިވަނީ ރޭގަނޑު ގަންދެއްވައެވެ. ޢިލްމުވެރިން ވިދާޅުވާގޮތުގައި ﷲ ތަޢާލާ، މަޚްލޫޤެއް ގަންދެއްވައި ހުވާކުރެއްވުމަކީ އެ މަޚްލޫޤެއްގެ މާތްކަމާއި މަތިވެރިކަން ދޭހަވާ ކަމެކެވެ. އެހެންކަމުން ކީރިތި ޤުރުއާނުގައި ރޭގަނޑު އެހާ ގިނައިން ގަންދެއްވައި ވަޙީކުރައްވާފައިއެވަނީ ރޭގަނޑުގައިވާ މިދެންނެވި މަތިވެރިކަމާއި މާތްކަމަށްޓަކައެވެ. ރޭގަނޑުގެ ތިންބައިގެ ތެރެއިން ފަހު ބަޔަކީ ދުވަހެއްގައި އަންނަ އެންމެ މާތް ވަޤުތެވެ. އެއީ ގެރެންޓީއާއެކު ދުޢާ އިޖާބަ ކުރައްވާ ވަޤުތެވެ.

ރަސޫލާ ހަދީޘް ކުރައްވާފައި ވެއެވެ.

އަހަރުމެންގެ ވެރިރަސްކަނލާގެ ކޮންމެރެއަކު ރޭގަނޑުގެ ފަހު ތިންބައިކުޅަ އެއްބަޔަށްވާހިނދު ދުނިޔޭގެ އުޑަށް ފައިބައިވޮޑިގަންނަވައެވެ. ދެން ވަޙީ ކުރައްވައެވެ. ތިމަން الله އަށް ދުޢާކުރަނީ ކާކުހެއްޔެވެ؟ ފަހެ އޭނާއަށް އިޖާބަކޮށްދެއްވާހުށީމެވެ. ތިމަން الله އަށް އެއްޗަކަށް އެދި ދަންނަވަނީ ކާކުހެއްޔެވެ؟ އޭނާއަށް ދެއްވާ ހުށީމެވެ. ތިމަން الله އަށް ފާފަފުއްސެވުމަށް އެދި ދަންނަވަނީ ކާކުހެއްޔެވެ؟ އޭނާއަށް ފާފަފުއްސަވައިދެއްވާހުށީމެވެ.

ދަމުނަމާދުގެ ވަގުތަކީ ދުޢާ އިޖާބަ ކުރައްވާ ވަގުތެކެވެ. އެހެންކަމުން އެގަޑީގައި ބޭނުންވާ ކަންކަމަށް ދުޢާ ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި ފާފަ ފުއްސަވާތޯ ދުޢާ ކުރަން ވާނެއެވެ.

ދަމުނަމާދުގެ މިންވަރު

ދަމުނަމާދު ކުރާނީ ދެރަކުޢަތުން ދެރަކުޢަތުން ނުވަތަ ހަތަރު ރަކުޢަތުން ހަތަރު ރަކުޢަތުން ސަލާންދެމުންނެވެ. ابْنِ عُمَرَ رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. މީހަކު رسول الله صلى الله عليه وسلم ގެ އަރިހުގައި ރޭ އަޅުކަން ކުރާނީ ކިހިނެއްތޯ ދެންނެވުމުން ހަދީޘް ކުރެއްވިއެވެ. صَلَاةُ اللَّيْلِ مَثْنَى مَثْنَى فَإِذَا خَشِيَ أَحَدُكُمْ الصُّبْحَ صَلَّى رَكْعَةً وَاحِدَةً تُوتِرُ لَهُ مَا قَدْ صَلَّى. [البخاري ومسلم] މާނައަކީ: ”ރޭއަޅުކަން ވަނީ ދެރަކުޢަތުން ދެރަކުޢަތުން ނެވެ. (ދެރަކުޢަތް ކޮށްފައި ސަލާންދީފައި އަނެއްކާ ދެރަކުޢަތެވެ.) އަދި ފަތިސްވެދާނެ ކަމުގެ ބިރު ހީވެއްޖެ ނަމަ އިސްވެ ދިޔަ ރަކުއަތްތަކަށް ވިތުރީގެ އެއް ރަކުޢަތް ކުރާށެވެ!“

ރޭއަޅުކަމުގައި ދެމިހުރުމަށް ޤިޔާމުއްލައިލި އޭ ކިޔައެވެ. އެއީ ނަމާދު ކުރުމާއި، ޤުރުއާން ކިޔެވުމާއި، ޛިކުރުކުރުމާއި، ދުޢާ ދެންނެވުމާއި އަދި ﷲ ގެ މަޚުލޫޤުންނާމެދު ވިސްނައި ފިކުރުކުރުންފަދަ ކަންކަން ކުރުމަށްޓަކައި ﷲ އާ ކުއްތަންވެ ވަގުތު ހޭދަކުރުމެވެ. އެއީ ގަޑިއެއްހައިއިރު ނުވަތަ އެއަށްވުރެ ގިނައިން ނުވަތަ އެއަށްވުރެ މަދު ވަގުތުކޮޅަކަށް ނަމަވެސްމެއެވެ. ރޭއަޅުކަމުގެ ތެރޭގައި ކުރެވޭ ދަމުދަމާދަށް ތަހައްޖުދު ނަމާދު އެވެ ކިޔައެވެ. މި ނަމާދު ކުރާނީ ދެރަކުޢަތުން ދެރަކުޢަތުން ސަލާން ދެމުންނެވެ. މި ނަމާދުގެ އެންމެ މަދުމިނަކީ ދެރަކުޢަތެވެ. ގިނަވެގެން އެމީހަކު ބޭނުންވަރަކަށް ކުރެވިދާނެއެވެ.

ދަމުނަމާދުގައި ކިޔަވާ ސޫރަތްތައް

ކޮންމެ ރަކުޢަތެއްގައިމެ ސޫރަތުލްފާތިޙާއަށްފަހު އެމީހަކު ބޭނުން ސޫރަތެއް ނުވަތަ އާޔަތްތަކެއް ކިޔަވާނީއެވެ. ކުޅަދާނަވެގެންވާނަމަ ޤުރުއާން ކިޔެވުން ދިގުކުރުމާއި ރުކޫޢު އާއި ސަޖިދައިގައި ހޭދަކުރާ ވަގުތު ދިގުކުރުން އެދެވިގެންވެއެވެ. ޢިޝާ ނަމާދަށްފަހު ފަތިސް ނަމާދާ ހަމައަށް، ދަމު ނަމާދުގެ ވަގުތު ދެމިގެންވެއެވެ. ދަމުނަމާދުގައި އެދެވިގެންވާ ގޮތަކީ ވީހައި ދިގުކޮށް ޤުރްއާން ކިޔަވައި ޤިޔާމާއި ރުކޫޢާއި ސަޖިދަ ދިގުކުރުމެވެ. ރަކުޢަތްތަކުގެ އަދަދު އިތުރު ކުރުމެއް ނޫނެވެ. ދަމުނަމާދުގައި މި ހުރިހައި ގޮތެއް ތަނަވެސް ވެގެން ވެއެވެ.

ދަމު ނަމާދު ކުރުމަށްޓަކައި ނިދައި ހޭލުމަކީ ލާޒިމު ކަމެއް ހެއްޔެވެ؟

ނިދާފައި ތެދުވެ ދަމު ނަމާދު ކުރުމަކީ ދަމު ނަމާދު ޞައްޙަވުމުގެ ޝަރުޠެއް ނޫނެވެ. ހޭލާހުރި ނިދުމުގެ ކުރިން ދަމު ނަމާދު ކުރިކަމުގައި ވިޔަސް ދަމު ނަމާދު ޞައްޙަ ވާނެއެވެ. އެކަމަކު އެންމެ ރަނގަޅުގޮތަކީ، ނިދާލާފައި ތެދުވެ ދަމު ނަމާދު ކުރުމެވެ. އެއީ އޭރުން މީހާ ހުންނާނީ ތާޒާވެ، ބޮޑަށް ޚުޝޫޢަތްތެރިވެވޭ ޙާލަތެއްގައެވެ. އެހެންނޫނީ މީހާ ހުންނާނީ ނިދިއައިސް ވަރުބަލިވެ، އަވަހަށް ނަމާދު ނިންމާލަން ބޭނުންވެފައެވެ. އެ ޙާލަތުގައި ޙުޝޫޢަތްތެރިކަމާ ބިރުވެތިކަމާއެކު ނަމާދު ކުރުމަށް އުނދަގޫވެދާނެއެވެ.

ޖަމާޢަތުގައި ނަމާދު ކުރަން ދިޔަ މީހާ، އިމާމާއެކު ވިތުރި ކޮށްފިއެވެ. އޭނާ އެރޭ ދަންވަރު ތެދުވެ ނަމާދު ކުރަން ބޭނުންވާނަމަ ޢަމަލު ކުރަންޖެހޭނީ ކިހިނެއް ހެއްޔެވެ؟

ވިތުރީގެ އަޞްލަކީ ރޭ އަޅުކަމުގެ އެންމެ ފަހަތަށް ވިތުރި ލުމެވެ. ޙަދީޘްގައިވާ ފަދައިންނެވެ. عن عبد الله بن عمر قال : قال رسول الله صلى الله عليه وسلم – اجْعَلُوا آخِرَ صَلَاتِكُمْ بِاللَّيْلِ وِتْرًا. رواه البخاري ( 998 ) ، ومسلم ( 749 ) . ޢަބްދުﷲ ބިން ޢުމަރު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "ތިޔަބައިމީހުންގެ ރޭގަނޑުގެ އެންމެ ފަހު ނަމާދަކަށް ވިތުރި ހަދާށެވެ.”

ތަރާވީޙު ނަމާދު ކޮށް ވިތުރި ކޮށްފަ އަނެއްކާ ދަމު ނަމާދުކޮށް ވިތުރި ކުރީމާ ދެ ވިތުރި އެއްރޭ ކުރެވުނީއެވެ. ޙަދީޘްގައި އޮންނަނީ އެހެން ކަންތައް ނުކުރުމަށެވެ.

ޢިޝާ ނަމާދު ނުވަތަ ތަރާވީޙު ނަމާދުކޮށްގެން ވިތުރި ކޮށްފިނަމަ، ދަމު ނަމާދުކޮށްފަ އަލުން ވިތުރި ކުރާކަށް ނުޖެހޭނެއެވެ. ވިތުރި ރޭގަނޑުގެ އެންމެ ފަހު ނަމާދަކަށް ހެދުމަށް އައިސްފައިވާ އަމުރަކީ ވާޖިބަށް އޮތް އަމުރެއް ނޫނެވެ. އެއީ މުސްތަޙައްބު ކަމެކެވެ.

والله أعلم

No comments: