ތިބާ ބޮޑާވެ ކިބުރުވެރި ވަނީ ކޮންކަމަކާހެއްޔެވެ؟
އިއްޔެ ތިބާއަށް ލިބުނު މުސާރަކޮޅު
ކޮބައިހެއްޔެވެ؟ އެ މުސާރަ ހޯދަން ކުރި ބުރަ މަސައްކަތުގެ ސަބަބުން ތިބާގެ
ހަށިގަނޑުގައި އެޅިވޭން ނުފިލަނީސް އެ ހުސްވެއްޖެ ނޫންތޯއެވެ. މިއީ ވެސް
މިދުނިޔޭގެ އަގެއް ނެތް ކަމުގެ ކުޑަކުޑަ މިސާލެކެވެ. އެއެއްޗެއް ހޯދަން
އަހަރުމެންގެ މުޅި ޙަޔާތް ހޭދަކުރާ އެއްޗެއްގެ އަގެއް ނެތް ކަމެވެ. އެ ބިމަކާ ހެދި
ތިބާގެ އަޚުންނާ ގުޅުންކަނޑައިލި ބިމެވެ. އެގެއަކަށްޓަކައި ތިބާގެ އަޚުންނާ
ގުޅުންކަނޑައިލި ގެއެވެ. އެ މުދަލަކަށްޓަކައި ތިބާގެ އަޚުން ހަތުރުންނަށް ހަދާލި
މުދަލެވެ. އެ ގެންދެވޭނެ ހެއްޔެވެ؟ ނުގެންދެވޭނެއެވެ. ހަމައެކަނި ގެންދެވޭނީ ތިން ކަފުނާއި ތިން އަރިފިލާއިން
ޖަހާފައިވާ ސަންދޯކަކާއި ހަތަރު ވެލިކޮތަޅެވެ. އެވެސް ވެއްޔެވެ. ޖަވާހިރު ކޮތަޅެއް
ނޫނެވެ.
މިއީ ޙާޤީޤަތްކަމަށްވާއިރު ރުޅިވެރިކަމާ
ހަސަދައިގެ އަލިފާނުން ތިބާގެ ހިތް އަންދާ އަޅިއަށް ހަދަނީ ފަހެ ކީއްވެގެން
ހެއްޔެވެ؟ ރަހިމުގެ ގުޅުން ނުބާއްވާތަނުގައި އިންސާނިއްޔަތުކަމުގެ ގުޅުން
ކަނޑާލަނީ ފަހެ ތިބާ ތިއީ މި ދުނިޔޭގައި ދާއިމަށް ހުންނާނެ މީހެއް ހެއްޔެވެ؟
ނުވަތަ މީހެއްގެ އަތެއް ނެތި ހިތަކަށް މި ދުނިޔެއަށް އައި މީހަކީ ހެއްޔެވެ؟
އޭ އަޚާއެވެ. އޭ އުޚުތާއެވެ. އޭ މަގޭ ނަފުސާއެވެ.
ޣާފިލިކަމުގެ ނިދިން ހޭލާށެވެ! މި ދުނިޔެއަކީ ﷲ ގެ ޙަޟްރަތުގައި މަދިރިއެއްގެ
ފިޔައިގެ ބުރަދަން ވެސް ނެތް، ވަގުތީ ގޮވައްޗެކެވެ. ތިބާއަށް މިގޮވަތީގައި އުޅެން ލިބިފައިވަނީ
ތިން ދުވަހެވެ. އިއްޔެ ވަނީ ތިބާއާ ވަކިވެފައެވެ. މާދަމާ ތިބާއާ ބައްދަލުވާނެ
ކަމެއް ނޭނގެއެވެ. ތިބާއަށް އޮތީ މިއަދެވެ. މި ކުރު ދަތުރުގެ ނިމުން އައިސް ތިބާއާ
ބައްދަލުނުކުރަނީސް، ދިގު ދަތުރަކަށްފަހު އަމާންކަމުގެ އައްސޭރިއަކަށް ދެވޭނެގޮތް
ހޯދަން މަސައްކަތް ފަށާށެވެ. އެ ދަތުރުގައި ކާމިޔާބީ ލިބެން އޮތީ މި ކުރު
ދަތުރުގައި ކުރެވުނު ހިތްވަރެއްގެ މައްޗަށް ބިނާކޮށެވެ.
No comments:
Post a Comment