Featured Post

Ombey

Sunday, November 11, 2018

ވާހަކަ: ކިޔާލަމާ!


ކިޔާލާމާ!
Related image

ލިޔުނީ: ޒީނަތު ލަބީބު.

          ޒިވީ ގެ ކުލާހުގެ ހުރިހާ ކުދިންނަކީ ކިޔެވުމަށް ގަދައަޅައި މަސައްކަތްކުރާ ތޫނުފިލި ކުދިންތަކެކެވެ. ލިޔުމާއި ކިޔުމަކީ އެކުދިން އެންމެ ކުރާ ހިތްވާ އެއްކަމެވެ. ހުސްވަގުތެއް ވާއިރަށް ފޮތެއް ކިޔާލެވޭތޯ ބަލައެވެ. އެހެންކަމުން ކުލާހުގެ މާހައުލަކީ އުފާވެރި މާހައުލެކެވެ. އެހެންކަމުން ޒިވީ ހުންނަނީ ވަރަށް އުފަލުންނެވެ. ޒިވީގެ އެންމެ ގާތް އެކުވެރިޔަކީ ހަނޫއެވެ. ހަނޫއާއި ޒިވީ އުޅެނީ އެއް ގުރޭޑެއްގައެވެ. ނަމަވެސް ދެ ކުލާހެއްގައެވެ. ޒިވީއާއި ހަނޫ ސުކޫލަށް އަންނަނީ ހަނޫގެ ބައްޕަގެ ކާރުންނެވެ.
          ޒިވީއާއި ހަނޫއަކީ ދެ އެކުވެރިންނެއް ކަމަކު ދެ ކުދިން މިޒާޖު ވަރަށް ތަފާތެވެ. ޒިވީއަކީ ލިބޭ ހުސްވަގުތުގެ ބޭނުން ވަރަށް ރަނގަޅު ގޮތުގައި ހިފަމުންދާ ކުއްޖެކެވެ. ހަނޫގެ މައްޗަށް ވާޖިބުވެފައިވަނީ ވަރަށް މަދު ކަމެއް ކަމަށް ހަނޫ ގަބޫލުކުރެއެވެ. އެއީ ސުކޫލަށް ދިއުމާއި ޓީވީ ބެލުމާއި ނިދުމެވެ. ކޮންމެ ދުވަހަކު ސުކޫލުން ގެއަށްދާގޮތަށް ނިދުމަކީ އޭނާގެ އާދައެކެެވެ. ނިދިން ހޭލަނީ ރޭގަނޑު ވާފަހުންނެވެ. ހޭލުމާއެކު އެއްޗެއް ކެވޭތޯ އަވަސްކުރެއެވެ. އޭގެފަހުން ދެން އޮންނަނީ ޓީވީ ބެލުމެވެ. ޓީވީ ބެލުމަށް މެންދަމުން އަލިވެ ދޭއް ތިނެއް ޖަހަންދެން އޭނާ ހުރެއެވެ. އެހެންކަމުން ސުކޫލަށް ދާއިރު ވެސް މޫނުމަތީގައި އުފާވެރިކަމެއް ނުހުރެއެވެ. ހަނޫގެ އެންމެ ގާތް އެކުވެރިޔާގެ މޫނުމަތިން ފެންނަ ތާޒާކަމާއި އުފާވެރިކަން ހަނޫގެ މޫނުމަތިން ނުފެންނާތީ ހަނޫ މިކަމާ ވަރަށް ކަންބޮޑުވެއެވެ. އަދި ޒިވީގެ މޫނުމަތިން އަބަދުވެސް މިފެންނަ އުފާވެރިކަމުގެ ސިއްރު ހޯދަން ހަނޫގެ ހިތުގައި ޝައުގުވެރިކަން އުފެދުނެވެ. އެހެންކަމުން އިންޓަވަލް ގަޑީގައި ސައިބޯންތިބެފައި ހަނޫ ޒިވީ ގާތު ސުވާލުކުރިއެވެ. "ޒިވީ ކީއްވެތަ އަބަދު އުފާވެފަ ތި ހުންނަނީ؟" ޖަވާބު ގައި ޒިވީ ހީލިއެވެ. އަދި ޖަވާބުދެމުން ޒިވީ ބުންޏެވެ. "ހަނޫ ކަހަލަ އެކުވެރިއެއް ލިބުނީމަ އަޅުގަނޑު ވަރަށް އުފާވޭ. އަދި މިއަދަކީ މިޓާމުގެ ވެސް އެންމެ ފަހު ދުވަސް. ދެން އޮތީ ބޮޑު ޗުއްޓީ. ދެން އުފާވާނެއެއްނޫން ދޯ؟" ދެކުދިންގެ ވާހަކަ ނިމުނުން ކުލާހަށް ދިޔައެވެ. ދިޔަމަގުމަތީގައި ހަނޫގެ މިސް ހަނޫއަށް ގޮވާލިއެވެ. އެހެންކަމުން ހަނޫ ދިޔައީ މިސްގެ ގާތަށެވެ. ޒިވީ ދިޔައީ ކުލާހަށެވެ.
          ގެއަށް ދިޔަ މަގުމަތީގައި ހަނޫގެ މިސް އޭނައަށް ގޮވި ސަބަބު އޮޅުންފިލުވަން ޒިވީ ސުވާލުކުރިއެވެ. "ހަނޫ މިސް ބުނީ ކީކޭ؟" ޖަވާބުގައި ހަނޫ ދައްކާލީ ގަނޑުކޮޅެކެވެ. ޒިވީ ވަރަށް ކަންބޮޑުވެފަ ބުންޏެވެ. "ކީކޭ ލިޔެފަ އޮތީ؟" ޖަވާބުގައި ހަނޫ ކޮނޑުއަރުވާލިއެވެ. ޒިވީ އެ ސުވާލު ތަކުރާރު ކުރިއެވެ. ކޮންމެ ފަހަރަކު ހަނޫ ދެނީ އެއްޖަވާބެކެވެ. ކޮނޑު އަރުވާލަނީއެވެ. "ހަނޫ ތި ގަނޑު ކޮޅުގައި ލިޔެފައިވާ އެއްޗެއް ކިޔާބަލަ!" ހަނޫ ހުރީ ވަރަށް ދެރަވެފައެވެ. މަޑުމަޑު އަޑަކުން ހަނޫ ބުންޏެވެ. "ކިޔާކަށް ނޭނގޭ" ޒިވީ އަށް ހީވީ ފައިދަށުން ބިންގަނޑު ދަމައިގެން ދިޔައީ ހެންނެވެ. އަދި ހައިރާންވެފަ އިނދެގެން ސުވާލުކުރިއެވެ. "ކީކޭ ...  ކީކޭ ތިކިޔަނީ؟" ޖަވާބުގައި ހަނޫ ވަރަށް ބާރަށް ބުންޏެވެ. "އާނ! އަހަންނަކަށް ކިޔާކަށް ނޭނގޭ. އެހެންވީމާ އަހަރެންގެ ނަތީޖާ ދަށްވަނީ". ޒިވީ ވަރަށް ފުންނޭވާއެއް ލިއެވެ. އަދި ވަރަށް ލޯބިން ބުނެލިއެވެ. "ދެރަނުވޭ ... އެއީ އެހާ ބޮޑުކަމެއް ނޫން. ޒިވީ ހަނޫއަށް އެހީތެރިވެދޭނަން. އަހަރެންގެ ލޯބިވާ އެކުވެރި ހަނޫ. ކިޔަން ނޭގެއޭ ކިޔާފަ ހުއްޓަކަސް ކިޔަން ދަހެއް ނުވާނެ. ހަނޫ ވާނެ އެކަމަށް ދުޢާކުރަން. އެއަށްފަހު މަސައްކަތްކުރަން ވެސް ޖެހޭނެ. ހަނޫ އާދޭ ޒިވީ މެންގެ ގެއަށް ހަވީރު. އޭރުން ޒިވީ ހަނޫއަށް ކިޔަން ދަސްކޮށްދޭނަން. އެކަމަކު ޝަރުތެއްގެ މަތިން އެކަން ކުރެވޭނީ. އެންމެ ރަނގަޅުތަ؟" ޖަވާބުގައި މަޑުމޮޅި ރާގަކަށް ހަނޫ ބުންޏެވެ. "މައްސަލައެއް ނެތް. ކޮބާތަ ޝަރުތަކީ؟" ޒިވީ ހިނިތުންވެރި އަޑަކުން ބުންޏެވެ. "ދަސްވަންދެން ކޮންމެ ދުވަހަކު ދާންވާނެ. އަދި ހިތްވަރު ދޫކޮށްލައިގެން ނުވާނެ. އޯކޭ!" ޖަވާބު ދެމުން ހަނޫ ބުނެލިއެވެ. "އެންމެ ރަނގަޅު"
          އަސުރު ނަމާދުކޮށް ނިމިގެން ޒިވީ އިނީ ހަވީރުގެ ޒިކުރު ކިޔާށެވެ. ކުއްލިއަކަށް މީހަކު އައިސް "ޕޮއް" ކިޔާލުމުން ސިއްސައިގެން ދިޔައެވެ. ކާކުތޯ ބަލާލިއިރު އެއީ ހަނޫ އެވެ. ޒިވީ އިޝާރާތުން މަޑުކުރުމަށް ބުންޏެވެ. އެއަށްފަހު ޒިކުރުކޮށް ނިންމިއެވެ. އެއަށްފަހު ހަނޫއަށް ކިޔަވާދިނުމަށް ތައްޔާރުވިއެވެ. އެންމެ ފުރަތަމަ ކަމަކަށް ޒިވީ ބެލީ ހަނޫއަށް އެނގޭ މިންވަރެވެ. ބެލިއިރު ހަނޫއަށް އެނގެނީ ދެތިން އަކުރު ވަކި ކުރާށެވެ. އެހެންކަމުން ފެށީ އަކުރު ދަސްކޮށްދޭށެވެ. މެދުކެނޑުމެއްނެތި ކުރެވުނު މަސައްކަތުގެ ނަތީޖާ ވަރަށް ފޮންޏެވެ. މިހާރު ހަނޫ އަކީ އެ އުމުރުގެ އެހެން ކުދިން ލިޔަން ކިޔަން ދަންނަވަރަށް ލިޔަން ކިޔަން އެނގޭ ކުއްޖެކެވެ. ހަނޫއަށްޓަކައި ޒިވީ ކޮށްދިން މަސައްކަތަށް ޝުކުރު އަދާކުރަން ކުރާނެ މަސައްކަތަކާ ދޭތެރޭ ހަނޫ ވަރަށް ބޮޑަށް ވިސްނަމުންދެއެވެ. ދުވަސްކޮޅެއްފަހުން ކުޑަ ސައެއް ތައްޔާރު ކުރުމަށްފަހު ހުކުރު ދުވަހު ހަވީރު ހަނޫގެ ގެއަށް އައުމަށް ޒިވީއަށް ދައުވަތުދިނެވެ. މިހަފްލާއަށް ޒިވީއާއި ހަނޫގެ އެކުވެރިންނަށް ވެސް ދައުވަތުދިނެވެ. އެކުވެރިން އައުމުގެ ކުރިން ހުރިހާ ކަމެއް ނިންމުމަށްފަހު ޒިވީއަށް ދޭން ޕާރުސަލެއް ތައްޔާރުކުރިއެވެ.
          އެންމެ ފުރަތަމަ ވެސް އައީ ޒިވީ އެވެ. އޭނާ ފެނުމުން ހަނޫ ދުވެފައިގޮސް އޮޅުލައިގަތެވެ. ޒިވީ ސުވާލުކުރިއެވެ. "މިއީ ކޮން ޕާޓީއެއް. ކޮންކަމެއް އޮތީ." ޖަވާބުގައި ހަނޫ ބުންޏެވެ. "މިއީ ހަމަ ކުޑަ ސައެއް ތައްޔާރުކޮށްލީ". ހުރިހާ އެކުވެރިން ހަމަވުމުން ސަޔަށް އިންސާފުކުރިއެވެ. އިރުކޮޅެއް ފަހުން އެބައަންނަމޭ ބުނެފަ ހަނޫ ގޭތެރެއަށް ދިޔައެވެ. އެނބުރި އައިއިރު އަތުގައި ޕާރުސަލެއް އޮތެވެ. އަދި ވަރަށް ލޯބިން ގޮސް އެޕާރުސަލް ޒިވީއާ ހަވާލުކުރިއެވެ. އެކުވެރިންގެ އެދުމުގެ މަތުން ޒިވީ އެ ޕާރުސަލް ކެނޑިއެވެ.  ޕާރުސަލް ކަނޑާލިއިރު އޭގެ ތެރޭގައި އޮތީ "ކިޔާލަމާ" މިހެން ކިޔާ ވާހަކަ ފޮތެކެވެ. އެފޮތް ނަގައި ބެލުމަށް ހަނޫ ޒިވީގާތު އެދުނެވެ. ފުރަތަމަ ގަނޑު ހުޅުވުމާއެކު ޒިވީގެ ލޮލޮގައި އަޅައިގަތީ ފޮތް ލިޔުނު މީހާގެ ނަމެވެ. އުފަލުން ޒިވީއަށް ރޮވުނެވެ. އެއީ ހަނޫގެ އަތުން ލިޔެ ތައްޔާރުކޮށްފައިވާ ވާހަކަ ފޮތެކެވެ. އެވާހަކަ ހުރިހާ އެކުވެރިންނަށް ހަނޫގެ އަޑުން ކިޔާދިނެވެ.  


No comments: