ދުވާލުގެ
ތާވަލު
ލިޔުނީ: ޒީނަތު ލަބީބު
ދުވާލުގެ ވަގުތު ފަށައިގަތުމުގެ ގޮތުން އެންމެ ފުރަތަމަ
ކަމެއްގެ ގޮތުން ފަތިސް ނަމާދު މިސްކިތުގައި ޖަމާޢަތުގައި އަދާކުރާށެވެ. ނަބިއްޔާ صلى
الله عليه وسلم ޙަދީޘްކުރެއްވިއެވެ. مَنْ صَلَّى صَلَاةَ
الصُّبْحِ فَهُوَ فِي ذِمَّةِ اللهِ {رواه مسلم} މާނައީ: ފަތިސްނަމާދުކޮށްފި މީހަކު ވަނީ ﷲ ގެ ޛިންމާގައެވެ.
ދެން ހެނދުނުގެ ޛިކުރުތައް ކިޔާށެވެ! ނަބިއްޔާ صلى
الله عليه وسلم ޙަދީޘްކުރެއްވިއެވެ.
مَثَلُ
الَّذِي يَذْكُرُ رَبَّهُ وَالَّذِي لاَ يَذْكُرُ رَبَّهُ، مَثَلُ الحَيِّ
وَالمَيِّتِ. {متفق عليه} މާނައީ: އެމީހެއްގެ ރައްބުގެ ޛިކުރު ކުރާ މީހަކާ، އެއިލާހުގެ
ޛިކުރު ނުކުރާ މީހެއްގެ މިޘާލަކީ ދިރިހުރި މީހަކާ މަރުވެފައިވާ މީހެއްގެ މިޘާލެވެ.
އެއަށްފަހު ކީރިތި ޤުރުއާނުން މިންވަރެއް ދަސްކުރާށެވެ.
ތިބާއަކީ މުޅި ޤުރުއާން ދަސްމީހެއްނަމަ މުރާޖަޢާ ކުރުމަށް ކިޔަވާށެވެ. ރަސޫލާ صلى
الله عليه وسلم ޙަދީޘްކުރެއްވިއެވެ.
اقْرَءُوا
الْقُرْآنَ ، فَإِنَّهُ يَأتِيْ يَوْمَ الْقِيَامَةِ شَفِيعًا لأَصْحَابِهِ (أخرجه
مسلم في صحيحه) މާނައީ: ތިޔަބައިމީހުން ޤުރުއާން ކިޔަވާށެވެ.
ފަހެ ހަމަކަށަވަރުން ޤިޔާމަތްދުވަހުން ޤުރުއާން އޭގެ އަހުލުވެރިންނަށް (އެ ކިޔަވާ،
ދަސްކޮށް އެއަށް ޢަމަލުކުރިމީހުންނަށް) ޝަފާޢަތްތެރިވުމަށް އަންނާނެއެވެ.
ޤުރުއާން ކިޔެވުމާއި ޛިކުރުކުރުންމަތީ ލޮންސިއެއްގެ މިންވަރަށް
އިރުއަރައްޖައުމަށް ދާންދެން އެކަންކުރުންމަތީ ދެމި ހުންނާށެވެ.
އޭގެފަހުން ވަޡީފާއަށް ދިއުމާއި ސުކޫލަށް ދިއުންފަދަ
ދިރިއުޅުމުގައި ކުރަން ހަމަޖެހިފައިވާ ކަންތަކާއިގެން އަވަސްވެގަންނާށެވެ.
މިކަންތަކުގައި އުޅޭ އުޅުމުގައި ލިބޭ ހުސްވަގުތު ގިނަގިނައިން އިސްތިޣުފާރު
ކުރާށެވެ. މެންދުރު ނަމާދު ވަގުތު ޖެހުމުން ތިބާ ކޮންމެތަނެއްގައި ހުރިކަމުގައި ވިޔަސް ނަމާދު އޭގެ ވަގުތުގައި
އަދާކުރާށެވެ.
މަދަރުސާއިން ނުވަތަ ވަޡީފާއިން އެނބުރި އައުމަށްފަހު ޢަޞުރު
ވަގުތު ވަންދެން ކުޑަކޮށް އަރާމު ކުރާށެވެ. ޢަޞުރު ނަމާދު ބަންގީގެ 15 ވަރަކަށް
މިނިޓް ކުރިން ތެދުވެ ނަމާދަށް ތައްޔާރުވެ ނަމާދަށް މިސްކިތަށް ދާށެވެ. ޢަޞުރު ނަމާދަށް
ފަހު ހަވީރުގެ ޛިކުރުތައް ކިޔާށެވެ. އޭގެ ފަހުގައި
ކިޔަވާ ކުދިން ފިލާވަޅުތައް މުޠާލިޢާކުރާށެވެ. ގޭގެ މަސްއޫލިއްޔަތު ކޮނޑުގައި
އެޅިފައިވާ މީހުން އެކަންތައް ކުރުމަށް އަވަސްވެގަންނާށެވެ.
ދެން އެއަށްފަހު މަޣުރިބު ނަމާދަށް މިސްކިތަށް ދާށެވެ. ޟަރޫރީ
ބޭނުމެއް ނެތްކަމުގައި ވަނީނަމަ މަޣްރިބު ނަމާދަށް ފަހު ޢިޝާނަމާދާ ޖެހެންދެން މިސްކިތުގައި މަޑުކުރާށެވެ.
އަދި އެގަޑީގައިވެސް ޤުރުއާން ދަސްކުރުމާއި މުރާޖަޢާކުރުން ކުރިއަށް ގެންދާށެވެ.
އެއަށްފަހު ޢިޝާނަމާދު ވަގުތު ޖެހުމުން ޢިޝާ ނަމާދުކުރާށެވެ.
އަދި ޢިޝާނަމާދުކުރުމަށް ފަހުގައި ނިދުމާއިގެން
އަވަސްވެގަންނާށެވެ. ޢިޝާނަމާދުގެ ކުރިން ނިދުމާއި ޢިޝާ ނަމާދުގެ ފަހުން މީސްތަކުންނާ
ވާހަކަދެއްކެވުމަކީ ނަބިއްޔާ صلى الله عليه وسلم ނުރުހުންތެރިވެވަޑައިގެންނެވި ކަމެކެވެ. އަބޫ ބަރްޒާ رضي الله
عنه
ވިދާޅުވިއެވެ.
وَكَانَ
لَا يُحِبُّ النَّوْمَ قَبْلَهَا، وَلَا الْحَدِيثَ بَعْدَهَا» (رواه
البخاري) މާނައީ: ޢިޝާނަމާދުގެ ކުރިން ނިދުމާއި އޭގެ
ފަހުން (އެބަހީ: ޢިޝާނަމާދު ފަހުން) މީސްތަކުންނާ ވާހަކަދެއްކެވުމަކީ ނަބިއްޔާ صلى
الله عليه وسلم ނުރުހުންތެރިވެވަޑައިގެންނެވި ކަމެކެވެ.
އެދުވަސް ނިންމާލުމުގެ ގޮތުން ވުޟޫކޮށް ޠަހާރަތުގެ މަތީގައި
އޮވެ ކަނާތް ފަރާތަށް އެނބުރި، ޛިކުރުތައް ކިޔުމަށްފަހު ނިދާށެވެ. ދެން ފަތިސް ނަމާދަށް
ގޮވުމުގެ ގަޑިއިރެއް ކުރިން ހޭލާފައި، ނިދިން ހޭލެވުމުން ކިޔާ ޛިކުރުތައް ކިޔާށެވެ.
އޭރުން ޝައިޠާނާގެ ގޮށްތަކުން ސަލާމަތްވާނެއެވެ. ނަބިއްޔާ صلى
الله عليه وسلم ޙަދީޘްކުރެއްވިއެވެ. يَعْقِدُ الشَّيْطَانُ
عَلَى قَافِيَةِ رَأْسِ أَحَدِكُمْ إِذَا هُوَ نَامَ ثَلاَثَ عُقَدٍ يَضْرِبُ
كُلَّ عُقْدَةٍ عَلَيْكَ لَيْلٌ طَوِيلٌ، فَارْقُدْ فَإِنِ اسْتَيْقَظَ فَذَكَرَ
اللَّهَ، انْحَلَّتْ عُقْدَةٌ، فَإِنْ تَوَضَّأَ انْحَلَّتْ عُقْدَةٌ، فَإِنْ
صَلَّى انْحَلَّتْ عُقْدَةٌ، فَأَصْبَحَ نَشِيطًا طَيِّبَ النَّفْسِ وَإِلَّا
أَصْبَحَ خَبِيثَ النَّفْسِ كَسْلاَنَ (متفق عليه) މާނައީ: ތިޔަބައިމީހުން ކުރެ މީހަކު ނިދުމުން ޝައިޠާނާ އެމީހެއްގެ
ފުށްކިބައިގައި ތިން ގޮށް ޖަހާނެއެވެ. އަދި ކޮންމެ ގޮށެއްގައި ޖަހާފައި ބުނާނެއެވެ.
ފަހެ އޮށޯންނާށެވެ. ތިބާގެ ކުރިމަތީގައި ތިޔަވަނީ ދިގު ރެއެކެވެ. ފަހެ އެމީހަކު ހޭލާފައި
ﷲ ގެ ޛިކުރުކޮށްފިއްޔާ ގޮށެއް މޮހެވިގެންދާނެއެވެ. ދެން ވުޟޫކޮށްފިއްޔާ ގޮށެއް މޮހެވިގެންދާނެއެވެ.
އެއަށްފަހު ނަމާދުކޮށްފިއްޔާ ގޮށެއް މުހެވިގެންދާނެއެވެ. އޭރުން ހެނދުނުވާއިރު އެމީހެއްގެ
ނަފްސު ހުންނާނީ ޙަރަކާތްތެރި ޙާލު، ހެޔޮކަމުގެ މަތީގައެވެ. ނޫންނަމަ ވާހުށީ ނުބައިކަމުގެ
މަތީގައި ކަންނެތް ޙާލުގައެވެ.
ތިބާ ޙަޔާތުގައި ހޭދަވާ ކޮންމެ ދުވަހަކީ މިފަދަ ދުވަހެއްގެ
ގޮތުގައި ހެދޭތޯ ހިތްވަރާއި މިންނަތާއެކު މަސައްކަތްކުރާށެވެ. އަދި މިއަށްވުރެ
ފުރިހަމަ ކުރަން އެދޭނަމަ ސުންނަތް ނަމާދު (އެބަހީ: ޟުޙާ ނަމާދު، ތަޙައްޖުދު
ނަމާދު، ވިތުރި ނަމާދު، ރަވާތިބު ސުންނަތް، ... ) އަދާ ކުރާށެވެ.
ﷲ ގެ ޙަޟްރަތުން އެދެނީ ތިބާއަކީ ދުނިޔެވީ ޙަޔާތުގައްޔާއި އުޚުރަވީ
ޙަޔާތުގައި ވެސް ބާއްޖަވެރި ކާމިޔާބު މީހެއްކަމުގައި ލެއްވުމަށެވެ. އަދި ކުރާ ކޮންމެ
ކަމެއްގައި ތިބާއަށް ތައުފީޤު ދެއްވުމަށެވެ. އަދި ތިބާވީ ކޮންމެ ތަނެއްގައި ބަރަކާތް
ލެއްވުމަށެވެ. އަދި އަޅަމެން އެންމެން ސުވަރުގޭގެ އެންމެ މަތީގައިވާ ފިރުދައުސުގައި
ޖަމާކޮށްދެއްވުމަށެވެ.
މަޞްދަރު:
ދިސަލަފިއްޔާ