Featured Post

Ombey

Thursday, January 31, 2019

akhlaagakee islaamdheeneve.


އަޚްލާޤަކީ އިސްލާމްދީނެވެ.

Image result for ‫الدِّيْنُ كُلُّهُ خُلْقٌ‬‎

ލިޔުނީ: ޒީނަތު ލަބީބު.

ﷲ ތަޢާލާގެ ޙަޟްރަތުގައި ދީނަކީ އިސްލާމްދީނެވެ. މީސްތަކުން އުޅުމަށްޓަކައި ﷲ ސުބުޙާނަހޫ ވަތަޢާލާ ރުހިވޮޑިގަންނަވާ ހުރިހާ ކަމެއް ވަނީ އިސްލާމްދީނުގައެވެ. މީސްތަކުން އުޅެންވާގޮތް ބަޔާންކޮށްދެއްވުމުގެގޮތުން ﷲ ތަޢާލާ ފޮތް ބާވައިލެއްވިއެވެ. އަދި އެފޮތްތަކުގައިވާ ކަންތައް ބަޔާންކޮށްދެއްވުމަށްޓަކައި ﷲ ތަޢާލާ ރަސޫލު ބޭކަލުން ފޮނުއްވިއެވެ. އެބޭކަލުން ނަމޫނާއަކަށް ބަލައިގެން އުޅެފި މީހަކީ ދެދުނިޔޭގެ ޙަޔާތުގައި ކާމިޔާބު މީހެކެވެ. ﷲ ތައާލާ ރަސޫލު ބޭކަލުން ފޮނުއްވުމުގައި ވަރަށް މަތިވެރި ދެ މަޤްޞަދެއް ވެއެވެ. އެއީ ﷲ ތަޢާލާގެ އެއްކައުވަންތަކަމަށް ގޮވާލެއްވުމަށާއި ރިވެތި އަޚްލާޤު މީސްތަކުންގެ ކިބައިގައި ހަރުލެއްވުމަށެވެ. ކީރިތި ރަސޫލާ މުޙައްމަދު ޞައްލަالله ޢަލައިހި ވަސައްލަމަ ޙަދީޘުކުރައްވާފައިވެއެވެ. إِنَّمَا بُعِثتُ لِأُتَمِّمَ مَكَارِمَ الأَخلَاقِ. މާނައީ: "ތިމަންކަލޭގެފާނު ފޮނުއްވުނީ ރިވެތި އަޚްލާޤު ފުރިހަަމަކުރެއްވުމަށްޓަކައެވެ."

ރަސޫލު الله ޞައްލަ الله ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. إِنَّ خِيَارَكُمْ أَحَاسِنُكُمْ أَخْلَاقًا. މާނައީ: "ތިޔަބައިމީހުންގެ ތެރެއިންވާ އެންމެ ހެޔޮކަންބޮޑު މީހުންނަކީ ތިޔަބައިމީހުންގެ ތެރެއިން އެންމެ އަޚްލާޤު ރަނގަޅު މީހުންނެވެ."

އިސްލާމްދީނުގައި ރިވެތި އަޚްލާޤަކީ އެދީނުގެ ހުރިހާ ކަމެކެވެ. ރިވެތި އަޚްލާޤުގެ ވެރިންނަކީ އެންމެ ހެޔޮ މީހުންގެ ތެރެއިން ވާ މީހުންނެވެ. ރިވެތި އަޚްލާޤު މަ ލަފުޒަކީ ކިޔާލަން އެހާ އުނދަގޫ ބަރު ޖުމްލައެއް ނޫނެވެ. އެހެންނަމަވެސް މީޒާނުގެ ތިލަފަތުގައި އެންމެ ބުރަދަން ބޮޑީ ރިވެތި އާޚްލާޤެވެ. ރަސޫލު الله ޞައްލަ الله ޢަލައިހި ވަސައްލަމަ ޙަދީޘުކުރައްވާފައިވެއެވެ. مَا شَيْءٌ أَثْقَلُ فِي مِيزَانِ الْـمُؤْمِنِ يَوْمَ الْقِيَامَةِ مِنْ خُلُقٍ حَسَنٍ. މާނައީ: "ޤިޔާމަތްދުވަހުގައި މުއުމިނުއަޅާގެ ތިލަފަތުގައި ރިވެތި އަޚްލާޤަށްވުރެ ބަރުވެގެންވާ އެއްވެސް އެއްޗެއް ނުވެއެވެ."

ހަށިގަނޑުގެ ބުރުސޫރަ ރިވެތި ކުރުމަށް މަސައްކަތްކުރުން ޢާއްމުވެފައިވާ މި ދުވަސްވަރު ކޮންމެ މީހަކަށް އެނގެންޖެހޭ ޙަޤީޤަތެއް ވެއެވެ. އެ ޙަޤީޤަތަކީ ބުރުސޫރައަކީ ﷲގެ ޙަޟްރަތުގައި އަގެއްހުރި އެއްޗެއް ނޫނެވެ. އެހެންނަމަވެސް ރިވެތި އަޚްލާޤަކީ ﷲ ތަޢާލާގެ ޙާޟްރަތުގައި އެންމެ އަގުހުރި އެކައްޗެވެ. ﷲ ތަޢާލާ ވަޙީކުރައްވާފއި ވެއެވެ. إِنَّ أَكْرَمَكُمْ عِندَ اللَّـهِ أَتْقَاكُمْ. މާނައީ: "އެންމެ މާތްކަންބޮޑީ، ތިޔަބައިމީހުންކުރެ އެންމެ ތަޤްވާވެރި މީހާއެވެ."

ރިވެތި އަޚްލާޤުގެ ސިފައަކީ ތަޤުވާވެރިންގެ ސިފައެކެވެ.

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. إِنَّ اللهَ لَا يَنْظُرُ إِلَى صُوَرِكُمْ وَأَمْوَالِكُمْ، وَلَكِنْ يَنْظُرُ إِلَى قُلُوبِكُمْ وَأَعْمَالِكُمْ. މާނައީ: "ހަމަކަށަވަރުން ތިޔަބައިމީހުންގެ ޞޫރައަށާއި ތިޔަބައިމީހުންގެ މުދަލަށް ﷲ ތަޢާލާ ބައްލަވާ ވޮޑިގެންނުވެއެވެ. އެހެނަސް އެއިލާހު ބައްލަވާ ވޮޑިގެންވަނީ ތިޔަބައިމީހުންގެ ހިތްތަކަށާއި ޢަމަލުތަކަށެވެ."

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި އުޅުމަށް ނޭދެނީ ފަހެ ކާކު ހެއްޔެވެ؟ އެނަސީބު ބޭނުންވާ މީހަކަށް މިއީ ނުލިބޭނެ އެއްޗެއް ނޫނެވެ. އެކަން ޙާޞިލުކުރަން އުޅޭ މީހާ އެމީހާގެ އަޚްލާޤު ރިވެތި ކުރާށެވެ. ރަސޫލު الله ޞައްލަ الله ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. إِنَّ مِنْ أَحَبِّكُمْ إِلَيَّ وَأَقْرَبِكُمْ مِنِّي مَجْلِسًا يَوْمَ الْقِيَامَةِ أَحَاسِنَكُمْ أَخْلَاقًا. މާނައީ: "ތިޔަބައިމީހުންގެ ތެރެއިން ތިމަންކަލޭގެފާނު އެންމެ ލޯބިވާ މީހަކީ އަދި ޤިޔާމަތްދުވަހުގައި ތިޔަބައިމީހުންގެ ތެރެއިން ތިމަންކަލޭގެފާނާ އެންމެ ކައިރިވެގެންވާގޮތުގައި މަޖިލީސްކުރާނީ ތިޔަބައިމީހުންގެ ތެރެއިން އެންމެ އަޚްލާޤު ރަނގަޅު މީހާއެވެ."  

މުއުމިނުންގެތެރެއިން އީމާންކަން އެންމެފުރިހަމަ ވެގެންވަނީ، އެންމެ އަޚްލާޤު ރަނގަޅުމީހުންނެވެ. ރިވެތި އަޚްލާޤަކީ އޭގެ ސަބަބުން ހެޔޮ ޢަމަލުތައް މަތިވެރިކުރާ އެއްޗެކެވެ. އަދި މީހާ ކިތަންމެ ގިނަ ހެޔޮ ޢަމަލުތަކެއް ކުރިކަމުގައިވިޔަސް އެމީހާގެ ކިބައިގައި ރިވެތި އަޚްލާޤު ނުވާނަމަ އެ ޢަމަލުތައް ފާސިދުވެއެވެ. ރަސޫލު الله ޞައްލަ الله ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. وَ إِنَّ سُوءَ الخُلُقِ يُفْسِدُ العَمَلَ ، كما يُفْسِدُ الخَلُّ العَسَلَ. މާނައީ: "ސުރުކާހުތުގެ ސަބަބުން މާމުއި ފާސިދުވާފަދައިން ގޯސް އަޚްލާޤުގެ ސަބަބުން ޢަމަލުތައް ފާސިދުވެއެވެ."

އަގުބޮޑު ގަހަނާތަކުން ނަފުސުތައް ޒީނަތްތެރިކުރުމަށް ބޮޑެތި ޚަރަދުތައް ކުރުމުގެ ބަދަލުގައި ދެދުނިޔޭން ފައިދާ ލިބެނިވި ޒީނަތަކުން ޒީނަތްތެރިވުން ކީއްހެއްޔެވެ؟ އޭގެ ބަދަލުގައި އަޅުގަނޑުމެންގެ ނަފުސުތައް ރިވެތި އަޚްލާޤުގެ ގަހަނާއިން ޒީނަތްތެރިކޮށްފައިވާ ބަޔަކަށް ހެދުން ކީއްތޯއެވެ. ރިވެތި އަޚްލާޤު ދެނެގަތުމާއި، އުނގެނުމާއި ރިވެތި އަޚްލާޤު އަމިއްލަ ނަފުސުގައި އަށަގެންނެވުމާއި ރިވެތި އަޚްލާޤު އުނގަންނައިދޭ ބަޔަކަށް އަޅުގަނޑުމެން ވެގެން މެނުވީ މުޖުތަމަޢުގައި ރިވެތި އަޚްލާޤު އަށަނުގަންނާނެއެވެ.

ދުޢާއަކީ އަޅުގަނޑުމެންނަކީ ރިވެތި އަޚްލާޤުން އަޅުގަނޑުމެންގެ ނަފުސުތައް ޒީނަތްތެރިކުރާ ބަޔަކު ކަމުގައި އަޅުގަނޑުމެން ލައްވާ، އެ އަޚްލާޤުގެ އުނގެނުމާއި އުނގަންނައިދިނުމުގެ މަތީގައި ސާބިތުވެ ދެމިތިބޭ ބައެއް ކަމުގައި އަޅަމެން ލެއްވުމެވެ.  އަދި އަޅަމެން އުނގަންނައިދޭ މީހުންގެ ކިބައިގައި މި ރިވެތި ސިފަ އަށަގަތުމެވެ. އާމީން!

މަޞްދަރު:

ދިސަލަފިއްޔާ
ޢިލްމު އެމް ވީ

Friday, January 25, 2019

dhekkuntheriyaa ah huri u'goobaai


        ދެއްކުންތެރިޔާއަށް ހުރި ޢުޤޫބާތް

         Image result for ‫الرياء‬‎        

ލިޔުނީ: ޒީނަތު ލަބީބު

ދެއްކުންތެރިންގެ މަސައްކަތާ އުއްމީދުވީ ގެއްލެނިވެގެން 
     ދެއްވާނެއޭ ދުނިޔޭގަވެސް އަދި އުޚުރަވީ ޢުޤޫބާތުތައް

ދުނިޔޭގަ އޭނާއަށް ހުރީ ފަޟީޙަތަކާ ކުރިމަތިލުމޭ
    ކުރިކަންތަކޭ އޭނާ އަތުން ދައްކާނެޔޭ ލަދުވެތިވެފާ

އިޚްލާޞްތެރިންގެ ސަފުތަކުން ނުލިބޭނެއޭ ހަމަ ފުރުޞަތެއް
    އިތުބާރު ނެތި ބާކީވެފާ ނުލިބޭނެ ޤަދަރެއް ހަމަހިލާ

ހުންނާނެއޭ ތައްޔާރުގާ ފައްކާވެ އަލިފާން ކެކިއަރާ
  ބުންޏަސް ނުވާނެ ސަލާމަތެއް އެއްލާލެވޭނެ ޖަހައްނަމަށް

ނިޔާއިއްވޭނެ ތިން ބަޔަކަށް ޤިޔާމަތްދުވަހު ފުރަތަމަ ވެސް
   ބަޔާންކޮށްދިން ނަބިއްޔާ ވެސް މިއީ ދެއްކުންތެރިންތަކެކޭ 
         
           .....................
          


ވާހަކަ: ގާސިމާއި މާރިދު


ޤާސިމާއި މާރިދު

Related image

ލިޔުނީ: ޒީނަތު ލަބީބު.

ޤާސިމާއި މާރިދު

       ޤާސިމާއި މާރިދު

        އުޑުމަތި ސާފު ވައިގަދަ ދުވަހެކެވެ. ގޭގެ އަސްކަނި ދަށުގައި ހުރި ކުޑަ ގޮނޑިއެއްގައި އިށީދެގެން ޤުރުއާން ކިޔަވަން އައިޝާ އިނެވެ. އައިޝާގެ އަޑުގައި ކުރަކިކަމެއް ހުއްޓެވެ. މޫނުމަތިން ފެންނަ ކުލަވަރުތަކުން އައިޝާގެ ބަލިކަން ފާޅުވެއެވެ. "މަންމާ! މަންމާ! ބަނޑުހައިވެގެން މިއޮތް މަރުވަނީ"

        އައިޝާގެ އަށާރަ އަހަރަށްދާ ފިރިހެން ދަރިފުޅު ގޮވައިލިއެވެ. ދަރިފުޅަށް ކާންދިނުމަށް އައިޝާ އަވަސްވެގަތެވެ. ދަރިފުޅުގެ ބަނޑުހައި ހޫނުކަން ފިލުވައިދިނުމަށް މީރު ދިވެހި ކެއުމެއް ތައްޔާރުކުރިއެވެ.

        "ދަރިފުޅާ ޤާސިމް، އާދޭ ކާން ....! ދަރިފުޅާ މިއަދު މަންމަ މިއުޅެނީ ބޮލެއްގައި ރިއްސާތީވެ ....! ކައިނިމިގެން ގޮސް ދަރިފުޅުގެ ކޮޓަރި ސާފުކޮށްލަދެއްޗޭ އިނގޭ ....! ހުރިހާ އެއްޗެހި އެއެއްޗެއް ހުންނަންޖެހޭ ތަނެއްގައި ބަހައްޓާދޭތި އިނގޭ" އައިޝާ އޭނާގެ ދަރިފުޅަށް ބުންޏެވެ.  

        "ލައްބަ މަންމާ ....! މަންމަ އެއްގޮތަކަށް ވެސް ކަންބޮޑުވާނެ ކަމެއް ނެތް އިނގޭ ....! އަޅުގަނޑު ވަރަށް ރީއްޗަށް ކޮޓަރި ސާފުކުރާނަން އިނގޭ މަންމާ" ޤާސިމް ވަރަށް އޯގާވެރި ރާގެއްގައި އޭނާގެ މަންމައަށް ބުންޏެވެ.

ކޮޓަރި ސާފުކުރުމުގެ ތެރޭގައި އެނދުތަންދޮށުން ބާފޮށިގަނޑެއް ޤާސިމަށް ފެނުނެވެ. ބަލާކަށް ނުހުރެ އޭނާ އެ ފޮށިގަނޑު ނެގިއެވެ. އަދި އެ ހުޅުވުމަށްފަހު އޭގެ ތެރޭގައި ހުރި ހުރިހާ އެއްޗެއް ނެގިއެވެ. ފޮށިގަނޑުގެ އެންމެ އަޑީގައި މަތި ބަންދުކޮށްފައިވާ ކުޑަކުޑަ ގުޅިއެއް އޮތެވެ. އެއީ ކޯޗެއްތޯ ބެލުމުގެ ޝައުޤުވެރިކަން ޤާސިމުގެ ހިތުގައި އުފެދުންވެ. އަދި އޭގެ މަތި ނެގޭތޯ ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް ކާމިޔާބުވާ ގޮތެއް ނުވިއެވެ.

        ޤާސިމްއައި ރުޅިއެއްގައި އެ ގުޅި ތަޅުވަން ފެށިއެވެ. .... "އޫމް އޫމް އޫމް" .... އޭގެ ތެރެއިން މީހެއްގެ ރުއިމުގެ އަޑުއިވޭހެން ހީވިއެވެ. އެ އަޑު އިވެން ފެށުމުން އެއަށްވުރެ ބާރަށް ތަޅުވަން ފެށިއެވެ. ކުރިއަށް ވުރެ ބާރަށް ބިރުވެރި އަޑަކުން ރޯ އަޑު އިވެން ފެށިއެވެ. ގަތްބިރުން ޤާސިމުގެ ހިތް ކުދިކުދި ވިކަހަލައެވެ. އެ ވަގުތު އެ ގުޅި އޭނަގެ އަތުން ދޫވެ ބިންމައްޗަށް ވެއްޓުނެވެ.

        "ބަން" ކިޔާ އެގުޅި ތަޅައިގެން ދިޔަ އަޑުފައްގަނޑު ގަދަކަމުން ހީވީ ބޮމެއް ގޮވީ ހެންނެވެ. ޤާސިމު ދުއްވައިގަތެވެ. އެވަގުތު އިސްކޮޅުން ދިގު ދޮންދޮން ރީތި މީހެއް ކޮޓަރީގެ ދޮރު ލެއްޕިއެވެ. އަދި ވަރަށް ބާރަށް ހޭން ފެށިއެވެ.

        "ހައް ހައް ހައް ހާ ....! ޤާސިމާ މަގޭ ދޮން ޤާސިމާ ....! ތިޔައީ ހާދަހާ ރަނގަޅު ކުއްޖެކޭ ....! ޤާސިމު ބޭނުންވަނީ ކޮންކަމެއްތަ؟ ބުނި ކޮންމެ ކަމެއް ކޮށްދޭނަން ....! ބުނޭ އަވަހަށް "ޤާސިމު ބިރުން ދެލޯ ނުހުޅުވައި ދެ ލޯ ތަގުޅި ކުރިއެވެ. އަދި ރޮމުން ރޮމުން ބުންނެވެ.

       "އަ... އަ... އަޅުގަނޑު ބެ.. ބެ... ބޭނުންވަނީ މަންމަގެ ގަ... ގަ... ގާތަށް ދާން .....! އެހެން އެއް... އެއް... އެއްވެސް ކަމެއް ބޭނުންމެއް ނޫން. އަޅެ ތިއީ ކަ... ކާކުކަން ބުނެދެވިދާނެތަ؟"

       "އާނ އާނ ....! ތިއީ އެއްވެސް ކަމެއް ނޫން .... މިއީ ކާކުކަން ބުނާނީ ޝަރުޠެއްގެ މަތިން .... އެންމެ ރަނގަޅު ތަ؟" އެމީހާ ބުންޏެވެ.

        ރުއިން ހުއްޓާލުމަށްފަހު ޤާސިމު ކުޑަކޮށް ހަމަޖެހިލިއެވެ. އަދި ބުންޏެވެ. "ޝަރުޠެކޭ .... އެއީ އަނެއްކާ ކޮން ޝަރުތެއް ތަ؟ މައްސަލައެއް ނެތް .... ޝަރުޠު އަޑުއަހަން ތައްޔާރު"  

        ހިނިގަނޑެއް ޖަހާލަމުން އެމީހާ ބުންޏެވެ. "ހާދަހާ ހިތްވަރުގަދަ ކުއްޖެކޭ .....! ވަރަށް ރަނގަޅަށް އަޑުއަހާތި އިނގޭ .....! އަދި އެއްވެސް ވަރަކަށް ބިރުގަނެގެން ނުވާނެ .....! އަދި މިވާހަކަ އެއްވެސް މީހެއްގެ ކައިރީގައި ބުނެގެން ވެސް ނުވާނޭ އިނގޭ .....! އެއްބަސް ތަ؟ "

        ޤާސިމު އޭނާގެ ޝަރުޠަށް އެއްބަސްވުމުގެ ގޮތުން ބޯޖެހިއެވެ.

       "އަޅުގަނޑަކީ މާރިދު ....! އަޅުގަނޑަކީ މީގެ  3000 (ތިން ހާސް) އަހަރު ކުރިން މިގޭގައި ގެންގުޅުނު ނޯކަރެއް .....! އަޅުގަނޑު ގެންގުޅުނީ ޤާސިމުގެ ހޫރު ކާފަގެ މުނި ކާފަ .....! އަޅުގަނޑު މިގޭގައި އުޅުނީ ބަނޑޭރިއަކަށް .....! އެހެން އުޅެނިކޮށް މާނާ (ހޫރު ކާފަގެ މުނި ކާފަ ) ބައްދަލުކުރަން މިގެއަށް އައި މެހުމާނަކު, މާނުގެ ހުއްދަޔާނުލާ ގެއަށް ވެއްދީ .....! އެހިސާބުން މާނުގެ ގާތަށް އައި ރުޅިއެއްގެ ބޮޑުކަމުން އަހަރެން ނަގާ ކުޑަކޮށްލާފަ އެގުޅިއަށް ލީ .....! އޭގެ ފަހުން މިވީހާ ދުވަހު އަޅުގަނޑު މިއޮތްނަނީ ގުޅީގެ ތެރޭގައި"

        "ސުބުޙާނަﷲ! 3000 އަހަރޭ! މީހަކު މޮޔަވެދާނެ .....! ހާދަ ވާހަކަ ހަދަން ވެސް އެނގެޔޭ ދޯ؟ .....! އެނގޭތަ މިއުއްމަތުގެ މީހުންގެ ޢާއްމު ޢުމުރަކީ 65 (ފަސްދޮޅޮސް ފަސް) ވަރަކަށް އަހަރު ކަމަށް މުދައްރިސުން ކިޔާދެއްވާ .....! ތިކަހަލަ މޮޔަ ވާހަކަ ދައްކައިގެން އަޅުގަނޑުގެ އަގުހުރި ވަގުތު ބޭކާރުކޮށްނުލާ ބޭރަށްދިޔަ ދީ!"  ހިތްހަމަނުޖެހިފައި ހުރެ ޤާސިމު ބުންޏެވެ.

        "ޤަބޫލުކުރަން އުނދަގޫވާނެ ކަން އެނގޭ .....! މިއީ ދޮގެއް ނޫން .....! މިއީ ހަމަ ތެދު .....!  މިއުއްމަތުގެ މީހުންގެ އެވްރެޖު ޢުމުރަކީ ތާ 65 ވަރަކަށް އަހަރު ދޯ .....! އަޅުގަނޑަކީ މުޅިން އެހެން ނަސްލެއްގެ މުޅިން އެހެން މީހެއް .....! ޤަބޫލުކުރޭ ހެޔޮނުވާނެ" ވަރަށް އާދޭހާއެކު މާރިދު ބުންޏެވެ.

        "މީހަކު އަޅެ މޮޔަ ނުވާނެތަ؟ .....! ހެޔޮނުވާނެ .....! ތިޔަ މޮޅެތި ދޮގުތައް އަޑުއިއްވަން ކޮންމެވެސް އެހެން މީހަކު ހޯދާ .....! އަޅުގަނޑު ދާން ދޮރުހުޅުވާލަދީ"  ބޯހޫރާލަމުން ޤާސިމު ބުންޏެވެ.

        "ދެން އޮތީ ނުބުނަންކަމަށް އުޅުނު ވާހަކަ .....! އެވާހަކަ ބުނަން މިޖެހުނީ .....! ޤާސިމު! ޤާސިމު! އަޅުގަނޑަކީ އިންސާނެއް ނޫނޭ .....! އަޅުގަނޑަކީ ޖިންނިއެއް .....! އަޅުގަނޑުގެ ބައްޕައަކީ ވަރަށް ނުލަފާ ނުބައި މާރިދު ޖިންނީންގެ ބޮޑު ޖިންނި .....! ބައްޕައަކީ ކާފަރެއް .....! އަޅުގަނޑު އިސްލާމް ވުމުން ބައްޕަ އާއި މަންމަ ރުޅިއައިސްގެން މި ބިމަށް އަޅުގަނޑު އެއްލާލީ .....! އަޅުގަނޑު ހާލުގައިޖެހުނު ދުވަހު އަޅުގަނޑަށް އެހީވި މީހަކީ މާނު .....! އެހެންނަމަވެސް ކުރެވުނު އެންމެ ކުށެއްގެ ސަބަބުން މާނު އަޅުގަނޑު އެ ގުޅީގެ ތެރެއަށްލާ ބަންދު ކުރުމަށްފަހު ބޭރަށް ދިޔައީ .....! ދިޔަ މަގުމަތީގައި އުދުހިފައި ދިޔަ ވާލެއް ދުއްވާލި ޕުއްޕުކޮޅެއް މާނުގެ ބޮލަށް ވެއްޓުމުން، މައްޗަށް ބަލައިގެން ހަޅޭއްލަވަމުން ދަނިކޮށް މަގުމަތީގައި އޮތް ގަލެއްގައި އަޅައިގަނެފައި ވެއްޓުނީ .....! އެއާއެކު މާނުގެ ޚަބަރު ހުސްވީ .....! އެއީ މާނު ދުނިޔެއަށް ލީ އެންމެ ފަހުގެ ނޭވާ .....! އޭގެ ފަހުން މީގެ ތެރޭގައި އަޅުގަނޑު މިއޮންނަނީ ގޮތް ހުސްވެފަ .....! މާރިދު ގިސްލަ ގިސްލަމުން ކިޔާދިނެވެ.

        "ހައްހައްހައް ހާ! ހާދަހާ އޭ މޮޅީ .....! ޖިންނިއެއް .....! އެއްވެސް އާރެއް ބާރެއް ނެތް .....! ހައްހައްހައް ހާ!  .....! އަންތަރީސް މީހަކު ނުވާނެތަ؟ " ހީލަމުން ޤާސިމު ޖެއްސުމުގެ ރާގަށް ބުންޏެވެ.

        މާރިދުގެ މިވާހަކަ ޤަބޫލުކުރުވަން އެންމެ ފަހުގެ ހަތިޔާރުގައި ހިފިއެވެ. ދަރިފުޅާ ޤާސިމު! މިފޮތް ހުޅުވާފަ ބަލާށެވެ! ހިރަފުހުން ތަތްތެޅިފައި އޮތް ފޮތެއް ބިންމަތިން ނަގާ ދިއްކޮށްލަމުން މާރިދު ބުންޏެވެ. ޤާސިމު ވަރަށް ހަމަޖެހިލައިގެން އިށީނުމަށްފަހު އެ ފޮތް ހުޅުވައި އޭގައި ލިޔެފައިވާ ލިޔުންތައް ކިޔަން ފެށިއެވެ. އެ ފޮތުގައި ލިޔެފައިވަނީ ރީތި ދިވެހި ބަހުންނެވެ. އެ ފޮތުގައި މާރިދުއާ ދިމާވި ގޮތުގެ ވާހަކައާއި މާރިދުގެ ވަނަވަރު ވަރަށް ތަފްޞީލުކޮށް ލިޔެފައިވެއެވެ. އަދި މީގެއިތުރުން މާރިދުގެ އަމާނާތްތެރިކަމާއި ތެދުވެރިމާއި ރަނގަޅު ވާހަކަތައް ވަރަށް ފުރިހަމައަށް ލިޔެފައި ވެއެވެ. އަދި މާނަށް ހެޔޮއެދޭ އެއްވެސް މީހަކު މާރިދަށް ދެރަގޮތެއް ނެހެދުމަށް ވަޞިއްޔަތްކޮށްފައި ވެއެވެ. ފޮތުގައި ލިޔެފައިވާ އެއްޗެއް ކިޔާ ނިމުމުން ޤާސިމު ފުން ނޭވާއެއް ލިއެވެ. އަދި ސުވާލުކުރަން ފެށިއެވެ. "ކަލެއަށް ހެޔޮއެދޭ އެކަކު ވެސް ނެތީ ދޯ؟ 3000 މިއީ މަދުހާ ދުވަސްތަކެއް ނޫނޭ"

        "ދަރިފުޅާ ޤާސިމު! އެއްވެސް މީހަކަށް ނޭނގެޔޭ އަޅުގަނޑު މިތާ އޮތްކަމެއް ..... އެނގޭނަމަ ތާ ދޯ؟

އައިޝާ އައިސް ދޮރުގައި ހިފިއެވެ. ނަމަވެސް ދޮރު ހުރީ ތަޅުލާފައެވެ. ނަމަވެސް ޤާސިމު ވާހަކަދައްކާ އަޑުއިވުމުން އައިޝާ ސުވާލުކުރިއެވެ. "ޤާސިމް! ކާކާތަ ވާހަކަ ތިދައްކަނީ؟"

        މަޑުމަޑުން ޤާސިމު ބުންޏެވެ. "ލައްބަ މަންމާ! ވާހަކަ އޭ .....! ނު ނު ނު ނު ދައްކަން .....! އެއީ މަންމައަށް ހީވި ގޮަތަކަށް ވާނީ .....! މަންމަ ޢަރާމުކޮށްލާ .....! ބަލިވީމަ އެހެން ވެދާނެ"

        އަދި ވައި އަޑަކުން ވަރަށް ހިތްހަމަނުޖެހި ހުރެ މާރިދަށް ބުންޏެވެ. ކަލެއާ ހެދި އަޅުގަނޑު މިޖެހުނީ ލޯބިވާ މަންމައަށް ދޮގުހަދަން .....! ދާން އުޅޭ މިތަނުން .....! ކަލޭ ތިހިރީ މިނިވަންކޮށްފަ .....! އެނބުރި މިގެއަށް ނާންނާތި"

        ދިއުމުގެ ކުރިން އެންމެ ފަހުގެ ވާހަކައެއްގެ ގޮތުން ޤާސިމަށް މާރިދު ބުންޏެވެ. "އަޅުގަނޑު މިދަނީ .....! އެހެންނަމަވެސް އަޅުގަނޑު ދިއުމުން ކަންތައްވީގޮތް މަންމައަށް ކިޔައިދޭތި! މިފޮތުގަ ލިޔެފައިވާ އެއްޗެއް ވެސް ކިޔައިދޭތި .....! އަދި ދޮގު ހެދުނު ކަމަށްޓަކައި މަޢާފަށްއެދި ތައުބާވާތީ! އަދި އަޅުގަނޑުގެ އެއްވެސް އެހީއެއް ބޭނުންނަމަ މިއަނގޮޓީގެ މަތީގައި އަތްހިންގާލާތި .....! އޭރުން ވަގުތުން ޙާޟިރުވާނަން إن شاء الله .....! ވަރަށް ހިތްހެޔޮކުރާތި .....! ގޮސްލީ" އެހެން ބުނެލުމަށްފަހު ކޮޓަރީގެ ކުޑަދޮރުން ބޭރަށް ފުންމާލިއެވެ.

        ޤާސިމު ކުޑަވަގުތުކޮޅެއްގެ ތެރޭގައި ކޮޓަރި ރީތިކޮށް ނިންމުމަށްފަހު ވުޟޫކޮށްލައިގެން އައިސް ނަމާދު ކުރިއެވެ. އަދި ދޮގު ހެދުނުކަމަށްޓަކައި މަޢާފަށް އެދި ތައުބާވެ ފާފަ ފުއްސެވުންއެދި ދުޢާކުރިއެވެ. އެއަށްފަހު  މަންމައަށް ކަންހިނގައިދިޔަގޮތް ކިޔައިދިނެވެ.

ދަރިފުޅު ތައުބާވެ ކަންހިނގައިދިޔަގޮތް ތެދަށް ކިޔައިދިނުމުން މަންމަ ވަރަށް އުފާވިއެވެ. އަދި އަބަދުވެސް ތެދުވެރިވުމަށް ނަޞޭޙަތްދިނެވެ.   

Monday, January 21, 2019

kullimaru ginavun


ކުއްލިމަރު ގިނަވުން


Related image

ލިޔުނީ: ޒީނަތު ލަބީބު.

އަޅުގަނޑުމެންގެ މުޖުތަމަޢުގައި މިވަނީ ކުއްލި މަރު އާދަޔާ ޚިލާފަށް ގިނަވެފައެވެ. ކޮންމެ ދުވަހަކު ވެސް އާމީހެއްގެ މަރުގެ ޚަބަރު މިދަނީ ލިބެމުންނެވެ. ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރެއިން ފަތުރުވެރިންތަކެއް ކުއްލި މަރަކުން މަރުވެފައިވާ ކަމުގެ ޚަބަރު ނޫސް މަޖައްލާތަކުގެ ފަލަ ސުރުޚީތަކުގައި ވަނީ ލިޔެވިފައެވެ. ދުޅަހެޔޮ ސިއްޙަތެއްގައި ހުރެމެ އެއްވެސް ކަހަލަ ބޮޑު ބައްޔެއް ނުޖެހި ދިމާވާ ކުއްލި ކަމަކުން މީހުން ދުނިޔެއަށް އަލްވަދާޢުކިޔުން ވެގެންދަނީ މީހުން ހައިރާންކުރުވަނިވި ކަމަކަށެވެ. މީހުންގެ މަރުގެ ޚަބަރަށް ބަލާލާއިރު ބައެއް މީހުން މަރުވެފައިވަނީ "ހާޓް އެޓޭކް" އެއް ޖެހިގެންނެވެ. ނުވަތަ ނުވަތަ "ޑައިވިން" އަށް ގޮސް އުޅުމުގެ ތެރޭގައެވެ.

ލޮބުވެތި މުސްލިމު އެކުވެރީންނެވެ! މިއީ ތިޔަ ލޮބުވެތި އެކުވެރިން ހައިރާންވާންވީ ކަމެއް ނޫނެވެ. އެމީހެއްގެ ވަގުތު ހަމަވުމުން އެމީހަކު ޖެހޭނީ ދާށެވެ. ނަމަވެސް ކުއްލި މަރު ގިނަވުމަކީ އިންޒާރެއްކަން ހަނދުމަ ނައްތާނުލާށެވެ. ޤިޔާމަތް ކައިރި ވަމުން އަންނަ ކަމުގެ ޢަލާމާތްތަކުގެ ތެރޭގައި ކުއްލި މަރު ގިނަވުން ހިމެނެއެވެ. އަނަސް ބިން މާލިކުގެ އަރިހުން ރިވާވެގެން ވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައި ވެއެވެ.  (إنَّ مِنْ أَمَارَاتِ السَّاعَةِ…مَوْتُ الْفَجْأَةِ) މާނައީ: ހަމަކަށަވަރުން ކުއްލި މަރަކީ ޤިޔާމަތްވުމުގެ ޢަލާމާތްތަކުގެ ތެރެއިން ޢަލާމާތެކެވެ.

ތިޔަ އެކުވެރިންނަކީ ބުއްދިވެރިން ކަމުގައި ވަނީނަމަ އަމިއްލަ ނަފްސު ހުށިޔާރު ކުރުވާށެވެ! ﷲގެ ޙަޟްރަތަށް ރުޖޫޢަވެ ތައުބާވާށެވެ!  ތިބާގެ މަރު ތިބާއާ ބައްދަލު ކުރުމުގެ ކުރިން ތައުބާވެ ހެޔޮޢަމަލު ކުރުންމަތީ ދެމިހުންނާށެވެ! ތިބާގެ މަރު އަންނާނީ ކިހިނެއް ކަމެއް ވެސް ނޭނގެއެވެ.

އިމާމު ބުޚާރީ رَحِمَهُ الله ވިދާޅުވެފައި ވެއެވެ.

اغْتَنِمْ فِي الفَرَاغِ فَضْلَ رُكُوْعٍ
މާނައީ: ރުކޫއެއް ކޮށްލުމުގައި (އެބަހީ އަޅުކަން ކުރުމުގައި) ތިބާގެ ހުސްވަގުތުގެ ބޭނުން ހިފާށެވެ.
فَعَسَى أَنْ يَكُوْنَ مَوْتُكَ بَغْتَهْ
މާނައީ: ތިބާގެ މަރަކީ އެއީ ކުއްލި ކަމެއްގެ ގޮތުގައި ވެސް ވެދާނެއެވެ.
كَمْ صَحِيْحٍ رَأَيْتُ مِنْ غَيْرِ سُقْمٍ
މާނައީ: އެއްވެސް ބައްޔަކާ ނުލައި ފުރިހަމަ ޞިއްޙަތުގައިވާތީ ފެނުނީ ކިތައް މީހުން ހެއްޔެވެ.
ذَهَبَتْ نَفْسُهُ الصَّحِيْحَةُ فَلْتَه
މާނައީ: އޭނާގެ އެފުރިހަމަ ނަފްސު ކުއްލިއަކަށް ނިމިދިއައީއެވެ.

އެހެންކަމުން ދުނިޔޭގެ ހަވާނަފުސަށް ހެއްލި ވަގުތު ބޭކާރުކޮށްލުމުގެ ބަދަލުގައި މަރަކީ ތިބާއާ ބައްދަލުކުރާނެ އެއްޗެއްކަން ދެނެގަނެ އެކަމަށް ތައްޔާރުވާށެވެ! ވަގުތަކީ ކަނޑިއެއްހާ ތޫނު އެއްޗެކެވެ. ވަގުތުގެ ބޭނުން ހެޔޮގޮތުގައި ނުހިފައިފި ނަމަ ވަގަތު އައިސް ތިބާ ގަތުލުކޮށްލާނޭކަން ވިސްނާށެވެ! 

ދުނިޔޭގައިވެސް ހެޔޮކަން، އާޚިރަތުގައިވެސް ހެޔޮކަން ދެއްވައި ނަރަކައިގެ ޢަޛާބުން އަޅަމެން ދިންނަވާފާނދޭވެ! ސުވަރުގޭގެ މަތިވެރި ނިޢުމަތް އަޅަމެންނަށް ދެއްވާފާނދޭވެ! ޤިޔާމަތް ދުވަހުގެ އެންމެހައި ބިރުވެރިކަންތައްތަކުން އަޅަމެންނަށް އަމާންކަން ދެއްވާފާނދޭވެ!

މަޞްދަރު :
ދިސަލަފިއްޔާ 

Sunday, January 20, 2019

anhenaage h'ijaabuge sharuthuthah


އަންހެނާގެ ޙިޖާބުގެ ޝަރުޠުތައް
Related image

ލިޔުނީ: ޒީނަތު ލަބީބު.

އިސްލާމް ދީނުގައި އަންހެނާގެ ޙިޖާބު ފުރިހަމަވާނީ ތިރީގައި މިދަންނަވާ ޝަރުޠުތައް ފުރިހަމަވުމުންނެވެ. އަދި ހަމަ އެހެންމެ ޙިޖާބުގެ ޙަޤީޤީ މަޤްޞަދު ޙާޞިލްވާނީ ވެސް މި ޝަރުޠުތައް ފުރިހަމަވުމުންނެވެ.

1.      އޭނާގެ ހަށިގަނޑު އެއްކޮށް ނިވާވާ ހެދުމެއް ކަމުގައިވުން.
2.      ހިލޭ ފިރިހެނުންނަށް ފެންނަހެން ޒީނަތްތެރި ކުރެވިފައިވައިވާ ހެދުމެއް ކަމުގައި ވެގެން ނުވުމާއެކު އެމީހުންގެ ސަމާލުކަން ހޯދުމަށްޓަކައި ވިދާ ބަބުޅާގޮތަށް ޖަރީކުރެވިފައިވާ ހެދުމެއްކަމުގައި ވެގެންނުވުން.
3.      ހަށިގަނޑުގެ ވަނާތައް ފެންނަގޮތަށް ހުންނަ، ކަނދޮޅުދުލި ފަދަ ތުނި ހެދުމެއް ކަމުގައި ނުވުން.
4.      ހަށިގަނޑުގެ ވަނާތަކުގެ ބައްޓަން ފާޅުވާގޮތަށް ހުންނަ ގަޔަށް ބާރު ހެދުމެއްވެސް ނުވުން.
5.      ފިރިހެނުން ލާ ހެދުމާއި ވައްތަރު ހެދުމަކަށް ނުވުން.
6.      ލާދީނީ އުޞޫލުތަކުގެ ހެދުމެއް ކަމުގައި ނުވުން.
7.      ދެއްކުންތެރިކަމާއި ބޮޑާކަން އެކުލެވިފައިވާ ހެދުމެއް ކަމުގައި ނުވުން.
8.      މީހުންގެ ސަމާލުކަން ހޯދުމާއި މީހުންގެ ހިތްތައް އޭނާއަށް ލެންބުމަށާއި ވަސްވާސް އުފެއްދުމަށް ލާ ހެދުމެއް ކަމުގައި ނުވުން.
އެހެނީ އައްނޫރު ސޫރަތުގެ 31ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެ އެވެ.  وَقُل لِّلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا ۖ وَلْيَضْرِبْنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّ ۖ وَلَا يُبْدِينَ زِينَتَهُنَّ إِلَّا لِبُعُولَتِهِنَّ أَوْ آبَائِهِنَّ أَوْ آبَاءِ بُعُولَتِهِنَّ أَوْ أَبْنَائِهِنَّ أَوْ أَبْنَاءِ بُعُولَتِهِنَّ أَوْ إِخْوَانِهِنَّ أَوْ بَنِي إِخْوَانِهِنَّ أَوْ بَنِي أَخَوَاتِهِنَّ أَوْ نِسَائِهِنَّ أَوْ مَا مَلَكَتْ أَيْمَانُهُنَّ أَوِ التَّابِعِينَ غَيْرِ أُولِي الْإِرْبَةِ مِنَ الرِّجَالِ أَوِ الطِّفْلِ الَّذِينَ لَمْ يَظْهَرُوا عَلَىٰ عَوْرَاتِ النِّسَاءِ ۖ وَلَا يَضْرِبْنَ بِأَرْجُلِهِنَّ لِيُعْلَمَ مَا يُخْفِينَ مِن زِينَتِهِنَّ ۚ وَتُوبُوا إِلَى اللَّـهِ جَمِيعًا أَيُّهَ الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ ﴿٣١﴾  މާނައީ: އަދި مؤمن އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ فرج ތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާތަން ފިޔަވައި (އެބަހީ: މޫނާއި ދެއަތްތިލަ ފިޔަވައި) އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ބުރުގާތައް، އެކަނބަލުންގެ ކަރުވަޅުތަކުގައި އަޅައިނިވައިކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ފިރިންނަށް، ނުވަތަ އެކަނބަލުންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ أخ ންނަށް، ނުވަތަ އެކަނބަލުންގެ أخ ންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ أخت ންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ތެރެއިންވާ އަންހެނުންނަށް، ނުވަތަ އެކަނބަލުންނަށް މިލްކުވެގެންވާ އަޅުންނަށް، ނުވަތަ ފިރިހެނުންގެ ތެރެއިން އެދުންވެރި ކަމެއް ނުހިނގާވަރުގެ ގެންގުޅޭ މީހުންނަށް، ނުވަތަ އަންހެނުންގެ عورة ތައް ނޭނގޭވަރުގެ ކުޑަކުއްޖާއަށް މެނުވީ، އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ (ގަހަނާއާއި) ޒީނަތުގެ ތެރެއިން، ވަންހަނާވެފައިވާ ތަކެތި އެންގުމަށްޓަކައި، ފައިތިލަތަކުން (ބިމުގައި) އެކަނބަލުން ނުތަޅާހުށިކަމެވެ! އޭ مؤمن ންނޭވެ! ތިޔަބައިމީހުން އެންމެން اللَّه އަށް توبة ވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި، نصيب ލިބުމަށްޓަކައެވެ.

އަބޫދާއޫދްގެ ކިބައިން ރިޥާވެފައިވާ ޞައްޙަ ޙަދީޘެއްގައި ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެ އެވެ. "مَنْ لَبِسَ ثَوْبَ شُهْرَةٍ فِي الدُّنْيَا أَلْبَسَهُ اللهُ ثَوْبَ مَذِلَّةٍ يَوْمَ القِيَامَةِ"  މާނައި: "ދުނިޔެމަތީގައި ދެއްކުންތެރިކަމުގެ ހެދުން އަޅައިފި މީހާ، ޤިޔާމަތް ދުވަހުން މާތް ﷲ ނިކަމެތިކަމުގެ ހެދުން އަޅުއްވާހުއްޓެވެ."

މަޞްދަރު:
ދިސަލަފިއްޔާ

Thursday, January 10, 2019

dharifulhuge hiy alikohdhey 3 kammeh


ދަރިފުޅުގެ ހިތްއަލިކޮށްދޭނެ 3 ކަމެއް
Image result for a bulb in a heart
ލިޔުނީ: ޒީނަތު ލަބީބު.

އެއްވެސް މީހަކު އެނާ ނޫން މީހަކު މޮޅުވެ ކުރިއަރަން އެދޭ ބަޔަކަށް ވާނީ އޭނާގެ އުފަންދަރިންނެވެ. އެދަރިންނަށް ތަޢްލީމީ ގޮތުންނާއި އަޚްލާޤީގޮތުން ޤާބިލު މޮޅު ބަޔަކަށް ހެދޭތޯ މައިންބަފައިން އެތަކެއް ޤުރުބާނީތަކެއް ވެއެވެ. މިގޮތުން ދަރިން ކިޔެވުމަށް ހުރަސްއެޅިދާނެ އެންމެހައި ކަމަކުން އެކުދިން ރައްކާތެރިކުރުމަށް ޚާއްޞަ ސަމާލުކަމެއްދެ އެވެ. ފޮތް ފަންސުރު ފަދަ ތަކެތި ހޯދައިދިނުމުން ފެށިގެން ގޮސް ބޮޑު އަގުގައި ޓިއުޝަނަށް ފޮނުވުމަށް ދާންދެނެވެ. ކިޔެވުމާ މަތިކޮށް ދަރިން ކޮންމެ އެއްޗެއް ހޯދަން އެދުނަސް ބައްޕަ އާއި މަންމަ ފަސްޖެހުމެއް ނެތި އެއެއްޗެއް ހޯދައިދޭނެ އެވެ. ދަރިންނަށް ޢިލްމު އުނގަންނައިދިނުމަށްޓަކައި  މިފަދަ ބޮޑެތި ޤުރުބާނީތަކެއްވަމުންދާ ޙާލު، މައިންބަފައިންގެ ހިތުގައި އުފެދޭ ވަރަށް މުހިއްމު ސުވާލެއް އޮވެއެވެ. އެސުވާލަކީ:  އަހަރެންގެ ދަރިފުޅު ހިތްއަލި ކުއްޖަކަށް ހަދާނީ ކިހިނެއް ހެއްޔެވެ؟

މިކުރު ރިޕޯޓުގައި މިހިމަނާލަނީ ދަރިންގެ ހިތް އަލި ކޮށް އެކުދިންގެ ހިތުދަސްކުރުމުގެ ބާރު ގަދަކުރުމަށް ކުރެވިދާނެ މުހިއްމު 3 ކަމެކަށެވެ. އެންމެ ފުރަތަމަ 3 ވަނަ ކަމުން ފަށާނަމެވެ.
އެއީ ކުދިނަށް ކާންދޭ ނާސްތާގައި ވިސްނުމާއި ހިތުދަސްކުރުމުގެ ބާރު ގަދަކޮށްދިނުމަށް އެހީތެރިވެދޭ ތަކެތި ހިމެނުމެވެ. ތައްޔާރީ ކާނާގެ ބަދަލުގައި ފައިދާކުރުވަނިވި ޠަބީޢީ ކާނާ ހިމެނުމެވެ. އެފަދަ ބައެއް ބާވަތުގެ ތެރޭގައި ހިކި މޭބިސްކަދުރު ހިމެނެއެވެ. ޠަބީޢީ ޢީލްމުގެ ދަންނަބޭކަލެއް ކަމަށްވާ އަލްއިމާމް އައްޒުހުރީ ރަޙިމަހުﷲ ވިދާޅުވެފައިވެ އެވެ. ޙަދީޘް ހިތުދަސްކުރަން ބޭނުން މީހަކު ޒަބީބު (އެބަހީ: ހިކި މޭބިސްކަދުރު) ކާށެވެ. އަދި އިމާމް އިބްނުންޤައްޔިމް ރަޙިމަހުﷲ، އިނގުރަކީ ހިތުދަސްކުރުމުގެ ބާރު ގަދަކޮށްދޭ އެއްޗެއް ކަމުގައި ވިދާޅުވެފައިވެ އެވެ.   މީގެ އިތުރުން މާމުއި، ކަދުރު، ކަޅުދިރި ފަދަ ޠަބީޢީ ތަކެތި ބޭނުންކުރެވިދާނެ އެވެ.

ހިތުދަސްކުރުމުގެ ބާރު ގަދަކޮށް ދަރިފުޅުގެ ހިތްއަލިކޮށްދޭން އެދޭނަމަ ދެވަނަ ކަމަކީ އެކުދިން ލައްވައި ތަކެތި ހިތުދަސްކުރުވައި، އެކުދިންގެ ނަފްސު ހިތުދަސްކުރުމަށް ހޭނުވުމެވެ. ޚާއްޞަކޮށް ޅަޢުމުރުގައި ކީރިތި ޤުރުއާން ހިތުދަސްކޮށްދިނުން ހިމެނެއެވެ. އެހެނީ ކުއްޖާގެ ޢުމުރުގެ ފުރަތަމަ 5 އަހަރުގެ ތެރޭގައި ދަސްކުރާ ތަކެތި ހިލައެއްގައި އެއްޗަކުން ކަނޑާ ނެގުމުން ހުންނަގޮތަށް ހިތުގައި ހަރުލާފައި ހުންނަކަމަށް ތަރުބަވީ މާހިރުން ވިދާޅުވެ އެވެ. އެއީ އެ ޢުމުރުގައި އެކުދިންގެ ސިކުނޑި ހުންނާނީ ފިޠުރަތުގެ ސާދާކަންމަތީގައި ކަމަށް ވާތީއެވެ. މި ސަބަބާހުރެ ޅަޢުމުރުފުރާގައި  ކީރިތި ޤުރުއާން ހިތުދަސްކޮށްދިނުމަށް، މުސްލިމުންގެ އިސްވެ ގޮސްފައިވާ ޒަމާންތަކުގެ މުރައްބީން ވަނީ ޚާއްޞަ ސަމާލުކަމެއް ދެއްވާފަ އެވެ. އެއީ ބައެއް ކުދިންނަކީ ފިޠުރީގޮތުން ހިތުދަސްކުރުމުގެ ބާރުގަދަ ކުދިންނަށް ވާއިރު އަނެއްބައި ކުދިންނަކީ އެ ބާރު ދަށް ކުދިންނެވެ. ވީމާ މިފަރަޤު ދެނެގަތުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ދެންއޮތީ އެންމެ މުހިއްމު ނުކުތާއެވެ. އެއީ ހިތްއަލި ކުއްޖަކަށް ދަރިފުޅު ހަދަން ބޭނުންނަމަ އެކުއްޖާގެ ހަށިގަނޑުގައި ހިތް ލެއްވި ޚާލިޤުވަންތަ އިލާހަށް އުރެދެވޭ އެންމެހައި ކުދި ބޮޑު ފާފަތަކުން އެދަރިފުޅު ދުރުހެލިކޮށް ސަލާމަތް ކުރުމެވެ.  އެއްދުވަހަކު އިމާމް ޝާފިޢީ ރަޙިމަހުﷲ އެކަލޭގެފާނުގެ އުސްތާޛު އިމާމް އަލްވަކީޢު ރަޙިމަހުﷲ ގެ އަރިހުގައި ހިތުދަސްކުރުމުގެ ބާރު ދަށްވާތީ ޝަކުވާ ދެންނެވި ހިނދު، އުސްތާޛު ދެއްވި ޖަވާބު ޅެންބައިތަކުން ބަޔާންކޮށްދެއްވާފައިވެ އެވެ. އިމާމް ޝާފިޢީ ރަޙިމަހުﷲ ވިދާޅުވި އެވެ. ތިމަންކަލޭގެފާނު ހިތުދަސްކުރުމުގެ ބާރު ދަށްކަމާއި މެދު ވަކީޢުއަށް ޝަކުވާކުރީމެވެ. އެހިނދު ކުށްފާފަތައް ދޫކޮށްލުމަށް އިރުޝާދުދެއްވި އެވެ. އަދި ވިދާޅުވެދެއްވި އެވެ. "ޢިލްމަކީ ނޫރެކެވެ. ފާފަތަކަށް އަރައިގަންނަ މީހަކަށް ﷲގެ ނޫރު ޙާޞިލުކުރާނެ މަގެއް ނުދައްކަވާނެ އެވެ."

އެހެންކަމުން ތިމާގެ ދަރިފުޅު ހިތްއަލީ ކުއްޖަކަށް ހަދަން ބޭނުންނަމަ ފާފަތަކުން ދުރުހެލިވެފައިވާ ކުއްޖަކަށް އެކުއްޖާ ހަދާށެވެ! އެކަންކުރުމަށް މަންމައާއި ބައްޕައަކީ  ﷲ އެންގެވި ގޮތަށް އުޅޭ ދެމަފިރިން ކަމުގައި ވަމާތޯއެވެ.

މަޞްދަރު:
ޖަމްޢިއްޔަތުއް ސަލަފު


Thursday, January 3, 2019

duty badhaluvaa waguthu


ޑިއުޓީ ބަދަލުވާ ވަގުތު
Related image

ލިޔުނީ: ޒީނަތު ލަބީބު.

މީސްތަކުންނާ އެކީގައިވާ މަލާއިކަތުންގެ ޑިއުޓީ ބަދަލުވާ ގަޑިއަކީ ޢަޞްރު ނަމާދު ވަގުތާއި ފަތިސް ނަމާދު ވަގުތެވެ. އެ މަލާއިކަތުން ޑިއުޓީ ނިންމަވާފަ ﷲގެ ޙަޟްރަތަށް ދިއުމުން، އެކަލާނގެ މޮޅަށް ދެނެވޮޑިގެންވާ ހާލު ސުވާލު ކުރައްވާނެ އެވެ. "ތިމަން އިލާހުގެ އަޅުތަކުން  ދޫކުރައްވާފައި ތިޔަ ވަޑައިގަތީ ކޮން ހާލެއްގައި ވަނިކޮށް ތޯއެވެ؟"
މަލާއިކަތުން ދަންނަވާނެތެވެ. "ތިމަން ބޭކަލުން ވަޑައިގެންނެވި ހިނދުވެސް އަދި އެނބުރި އައި ހިނދު ވެސް އެބައިމީހުން ތިބީ ނަމާދުގަ އެވެ."  
އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނާއި މެދު ބުނެވޭނީ "އެބައިމީހުން ތިބީ ނަމާދު އަޅާފަ ނިދާފައެވެ. ނުވަތަ  އެބައިމީހުން ތިބީ ނަމާދު އަޅާފަ ރާބުއިމާއި މަސްތުވާތަކެތި ބޭނުންކުރާށެވެ. ނުވަތަ އެބައިމީހުން ތިބީ ނަމާދު އަޅާފަ ޒިނޭ ކުރާށެވެ. ނުވަތަ އެބައިމީހުން ތިބީ ނަމާދު އަޅާފަ ޣީބަބުނުމުގައި މަޝްޣޫލުވެގެންނެވެ. ނުވަތަ އެބައިމީހުން ތިބީ ނަމާދު އަޅާފަ ކުޅިވަރާއި މަޖަލުގައި ކަމަށެވެ. ނުވަތަ އެބައިމީހުން ތިބީ ނަމާދު އަޅާފަ އެހެން ކޮންމެވެސް ދުނިޔަވީ ކަމެއްގައެވެ.
ސުބުޙާނަﷲ ! ސުބުޙާނަﷲ ! ސުބުޙާނަﷲ !
މިފަދަ ގޮތްތަކަކަށް ބުނެވޭ މީހުންގެ ތެރެއިން އަޅަމެން ނުލައްވާފާނދޭވެ! އާމީން!
 "ތިމަން ބޭކަލުން ވަޑައިގެންނެވި ހިނދުވެސް އަދި އެނބުރި އައި ހިނދު ވެސް އެބައިމީހުން ތިބީ ނަމާދުގަ އެވެ." އަދި މިފަދަ ގޮތްތަކަކަށް ބުނެވޭ މީހުންގެ ތެރެއިން އަޅަމެން ލައްވާފާނދޭވެ! އާމީން!