Featured Post

Ombey

Friday, January 25, 2019

ވާހަކަ: ގާސިމާއި މާރިދު


ޤާސިމާއި މާރިދު

Related image

ލިޔުނީ: ޒީނަތު ލަބީބު.

ޤާސިމާއި މާރިދު

       ޤާސިމާއި މާރިދު

        އުޑުމަތި ސާފު ވައިގަދަ ދުވަހެކެވެ. ގޭގެ އަސްކަނި ދަށުގައި ހުރި ކުޑަ ގޮނޑިއެއްގައި އިށީދެގެން ޤުރުއާން ކިޔަވަން އައިޝާ އިނެވެ. އައިޝާގެ އަޑުގައި ކުރަކިކަމެއް ހުއްޓެވެ. މޫނުމަތިން ފެންނަ ކުލަވަރުތަކުން އައިޝާގެ ބަލިކަން ފާޅުވެއެވެ. "މަންމާ! މަންމާ! ބަނޑުހައިވެގެން މިއޮތް މަރުވަނީ"

        އައިޝާގެ އަށާރަ އަހަރަށްދާ ފިރިހެން ދަރިފުޅު ގޮވައިލިއެވެ. ދަރިފުޅަށް ކާންދިނުމަށް އައިޝާ އަވަސްވެގަތެވެ. ދަރިފުޅުގެ ބަނޑުހައި ހޫނުކަން ފިލުވައިދިނުމަށް މީރު ދިވެހި ކެއުމެއް ތައްޔާރުކުރިއެވެ.

        "ދަރިފުޅާ ޤާސިމް، އާދޭ ކާން ....! ދަރިފުޅާ މިއަދު މަންމަ މިއުޅެނީ ބޮލެއްގައި ރިއްސާތީވެ ....! ކައިނިމިގެން ގޮސް ދަރިފުޅުގެ ކޮޓަރި ސާފުކޮށްލަދެއްޗޭ އިނގޭ ....! ހުރިހާ އެއްޗެހި އެއެއްޗެއް ހުންނަންޖެހޭ ތަނެއްގައި ބަހައްޓާދޭތި އިނގޭ" އައިޝާ އޭނާގެ ދަރިފުޅަށް ބުންޏެވެ.  

        "ލައްބަ މަންމާ ....! މަންމަ އެއްގޮތަކަށް ވެސް ކަންބޮޑުވާނެ ކަމެއް ނެތް އިނގޭ ....! އަޅުގަނޑު ވަރަށް ރީއްޗަށް ކޮޓަރި ސާފުކުރާނަން އިނގޭ މަންމާ" ޤާސިމް ވަރަށް އޯގާވެރި ރާގެއްގައި އޭނާގެ މަންމައަށް ބުންޏެވެ.

ކޮޓަރި ސާފުކުރުމުގެ ތެރޭގައި އެނދުތަންދޮށުން ބާފޮށިގަނޑެއް ޤާސިމަށް ފެނުނެވެ. ބަލާކަށް ނުހުރެ އޭނާ އެ ފޮށިގަނޑު ނެގިއެވެ. އަދި އެ ހުޅުވުމަށްފަހު އޭގެ ތެރޭގައި ހުރި ހުރިހާ އެއްޗެއް ނެގިއެވެ. ފޮށިގަނޑުގެ އެންމެ އަޑީގައި މަތި ބަންދުކޮށްފައިވާ ކުޑަކުޑަ ގުޅިއެއް އޮތެވެ. އެއީ ކޯޗެއްތޯ ބެލުމުގެ ޝައުޤުވެރިކަން ޤާސިމުގެ ހިތުގައި އުފެދުންވެ. އަދި އޭގެ މަތި ނެގޭތޯ ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް ކާމިޔާބުވާ ގޮތެއް ނުވިއެވެ.

        ޤާސިމްއައި ރުޅިއެއްގައި އެ ގުޅި ތަޅުވަން ފެށިއެވެ. .... "އޫމް އޫމް އޫމް" .... އޭގެ ތެރެއިން މީހެއްގެ ރުއިމުގެ އަޑުއިވޭހެން ހީވިއެވެ. އެ އަޑު އިވެން ފެށުމުން އެއަށްވުރެ ބާރަށް ތަޅުވަން ފެށިއެވެ. ކުރިއަށް ވުރެ ބާރަށް ބިރުވެރި އަޑަކުން ރޯ އަޑު އިވެން ފެށިއެވެ. ގަތްބިރުން ޤާސިމުގެ ހިތް ކުދިކުދި ވިކަހަލައެވެ. އެ ވަގުތު އެ ގުޅި އޭނަގެ އަތުން ދޫވެ ބިންމައްޗަށް ވެއްޓުނެވެ.

        "ބަން" ކިޔާ އެގުޅި ތަޅައިގެން ދިޔަ އަޑުފައްގަނޑު ގަދަކަމުން ހީވީ ބޮމެއް ގޮވީ ހެންނެވެ. ޤާސިމު ދުއްވައިގަތެވެ. އެވަގުތު އިސްކޮޅުން ދިގު ދޮންދޮން ރީތި މީހެއް ކޮޓަރީގެ ދޮރު ލެއްޕިއެވެ. އަދި ވަރަށް ބާރަށް ހޭން ފެށިއެވެ.

        "ހައް ހައް ހައް ހާ ....! ޤާސިމާ މަގޭ ދޮން ޤާސިމާ ....! ތިޔައީ ހާދަހާ ރަނގަޅު ކުއްޖެކޭ ....! ޤާސިމު ބޭނުންވަނީ ކޮންކަމެއްތަ؟ ބުނި ކޮންމެ ކަމެއް ކޮށްދޭނަން ....! ބުނޭ އަވަހަށް "ޤާސިމު ބިރުން ދެލޯ ނުހުޅުވައި ދެ ލޯ ތަގުޅި ކުރިއެވެ. އަދި ރޮމުން ރޮމުން ބުންނެވެ.

       "އަ... އަ... އަޅުގަނޑު ބެ.. ބެ... ބޭނުންވަނީ މަންމަގެ ގަ... ގަ... ގާތަށް ދާން .....! އެހެން އެއް... އެއް... އެއްވެސް ކަމެއް ބޭނުންމެއް ނޫން. އަޅެ ތިއީ ކަ... ކާކުކަން ބުނެދެވިދާނެތަ؟"

       "އާނ އާނ ....! ތިއީ އެއްވެސް ކަމެއް ނޫން .... މިއީ ކާކުކަން ބުނާނީ ޝަރުޠެއްގެ މަތިން .... އެންމެ ރަނގަޅު ތަ؟" އެމީހާ ބުންޏެވެ.

        ރުއިން ހުއްޓާލުމަށްފަހު ޤާސިމު ކުޑަކޮށް ހަމަޖެހިލިއެވެ. އަދި ބުންޏެވެ. "ޝަރުޠެކޭ .... އެއީ އަނެއްކާ ކޮން ޝަރުތެއް ތަ؟ މައްސަލައެއް ނެތް .... ޝަރުޠު އަޑުއަހަން ތައްޔާރު"  

        ހިނިގަނޑެއް ޖަހާލަމުން އެމީހާ ބުންޏެވެ. "ހާދަހާ ހިތްވަރުގަދަ ކުއްޖެކޭ .....! ވަރަށް ރަނގަޅަށް އަޑުއަހާތި އިނގޭ .....! އަދި އެއްވެސް ވަރަކަށް ބިރުގަނެގެން ނުވާނެ .....! އަދި މިވާހަކަ އެއްވެސް މީހެއްގެ ކައިރީގައި ބުނެގެން ވެސް ނުވާނޭ އިނގޭ .....! އެއްބަސް ތަ؟ "

        ޤާސިމު އޭނާގެ ޝަރުޠަށް އެއްބަސްވުމުގެ ގޮތުން ބޯޖެހިއެވެ.

       "އަޅުގަނޑަކީ މާރިދު ....! އަޅުގަނޑަކީ މީގެ  3000 (ތިން ހާސް) އަހަރު ކުރިން މިގޭގައި ގެންގުޅުނު ނޯކަރެއް .....! އަޅުގަނޑު ގެންގުޅުނީ ޤާސިމުގެ ހޫރު ކާފަގެ މުނި ކާފަ .....! އަޅުގަނޑު މިގޭގައި އުޅުނީ ބަނޑޭރިއަކަށް .....! އެހެން އުޅެނިކޮށް މާނާ (ހޫރު ކާފަގެ މުނި ކާފަ ) ބައްދަލުކުރަން މިގެއަށް އައި މެހުމާނަކު, މާނުގެ ހުއްދަޔާނުލާ ގެއަށް ވެއްދީ .....! އެހިސާބުން މާނުގެ ގާތަށް އައި ރުޅިއެއްގެ ބޮޑުކަމުން އަހަރެން ނަގާ ކުޑަކޮށްލާފަ އެގުޅިއަށް ލީ .....! އޭގެ ފަހުން މިވީހާ ދުވަހު އަޅުގަނޑު މިއޮތްނަނީ ގުޅީގެ ތެރޭގައި"

        "ސުބުޙާނަﷲ! 3000 އަހަރޭ! މީހަކު މޮޔަވެދާނެ .....! ހާދަ ވާހަކަ ހަދަން ވެސް އެނގެޔޭ ދޯ؟ .....! އެނގޭތަ މިއުއްމަތުގެ މީހުންގެ ޢާއްމު ޢުމުރަކީ 65 (ފަސްދޮޅޮސް ފަސް) ވަރަކަށް އަހަރު ކަމަށް މުދައްރިސުން ކިޔާދެއްވާ .....! ތިކަހަލަ މޮޔަ ވާހަކަ ދައްކައިގެން އަޅުގަނޑުގެ އަގުހުރި ވަގުތު ބޭކާރުކޮށްނުލާ ބޭރަށްދިޔަ ދީ!"  ހިތްހަމަނުޖެހިފައި ހުރެ ޤާސިމު ބުންޏެވެ.

        "ޤަބޫލުކުރަން އުނދަގޫވާނެ ކަން އެނގޭ .....! މިއީ ދޮގެއް ނޫން .....! މިއީ ހަމަ ތެދު .....!  މިއުއްމަތުގެ މީހުންގެ އެވްރެޖު ޢުމުރަކީ ތާ 65 ވަރަކަށް އަހަރު ދޯ .....! އަޅުގަނޑަކީ މުޅިން އެހެން ނަސްލެއްގެ މުޅިން އެހެން މީހެއް .....! ޤަބޫލުކުރޭ ހެޔޮނުވާނެ" ވަރަށް އާދޭހާއެކު މާރިދު ބުންޏެވެ.

        "މީހަކު އަޅެ މޮޔަ ނުވާނެތަ؟ .....! ހެޔޮނުވާނެ .....! ތިޔަ މޮޅެތި ދޮގުތައް އަޑުއިއްވަން ކޮންމެވެސް އެހެން މީހަކު ހޯދާ .....! އަޅުގަނޑު ދާން ދޮރުހުޅުވާލަދީ"  ބޯހޫރާލަމުން ޤާސިމު ބުންޏެވެ.

        "ދެން އޮތީ ނުބުނަންކަމަށް އުޅުނު ވާހަކަ .....! އެވާހަކަ ބުނަން މިޖެހުނީ .....! ޤާސިމު! ޤާސިމު! އަޅުގަނޑަކީ އިންސާނެއް ނޫނޭ .....! އަޅުގަނޑަކީ ޖިންނިއެއް .....! އަޅުގަނޑުގެ ބައްޕައަކީ ވަރަށް ނުލަފާ ނުބައި މާރިދު ޖިންނީންގެ ބޮޑު ޖިންނި .....! ބައްޕައަކީ ކާފަރެއް .....! އަޅުގަނޑު އިސްލާމް ވުމުން ބައްޕަ އާއި މަންމަ ރުޅިއައިސްގެން މި ބިމަށް އަޅުގަނޑު އެއްލާލީ .....! އަޅުގަނޑު ހާލުގައިޖެހުނު ދުވަހު އަޅުގަނޑަށް އެހީވި މީހަކީ މާނު .....! އެހެންނަމަވެސް ކުރެވުނު އެންމެ ކުށެއްގެ ސަބަބުން މާނު އަޅުގަނޑު އެ ގުޅީގެ ތެރެއަށްލާ ބަންދު ކުރުމަށްފަހު ބޭރަށް ދިޔައީ .....! ދިޔަ މަގުމަތީގައި އުދުހިފައި ދިޔަ ވާލެއް ދުއްވާލި ޕުއްޕުކޮޅެއް މާނުގެ ބޮލަށް ވެއްޓުމުން، މައްޗަށް ބަލައިގެން ހަޅޭއްލަވަމުން ދަނިކޮށް މަގުމަތީގައި އޮތް ގަލެއްގައި އަޅައިގަނެފައި ވެއްޓުނީ .....! އެއާއެކު މާނުގެ ޚަބަރު ހުސްވީ .....! އެއީ މާނު ދުނިޔެއަށް ލީ އެންމެ ފަހުގެ ނޭވާ .....! އޭގެ ފަހުން މީގެ ތެރޭގައި އަޅުގަނޑު މިއޮންނަނީ ގޮތް ހުސްވެފަ .....! މާރިދު ގިސްލަ ގިސްލަމުން ކިޔާދިނެވެ.

        "ހައްހައްހައް ހާ! ހާދަހާ އޭ މޮޅީ .....! ޖިންނިއެއް .....! އެއްވެސް އާރެއް ބާރެއް ނެތް .....! ހައްހައްހައް ހާ!  .....! އަންތަރީސް މީހަކު ނުވާނެތަ؟ " ހީލަމުން ޤާސިމު ޖެއްސުމުގެ ރާގަށް ބުންޏެވެ.

        މާރިދުގެ މިވާހަކަ ޤަބޫލުކުރުވަން އެންމެ ފަހުގެ ހަތިޔާރުގައި ހިފިއެވެ. ދަރިފުޅާ ޤާސިމު! މިފޮތް ހުޅުވާފަ ބަލާށެވެ! ހިރަފުހުން ތަތްތެޅިފައި އޮތް ފޮތެއް ބިންމަތިން ނަގާ ދިއްކޮށްލަމުން މާރިދު ބުންޏެވެ. ޤާސިމު ވަރަށް ހަމަޖެހިލައިގެން އިށީނުމަށްފަހު އެ ފޮތް ހުޅުވައި އޭގައި ލިޔެފައިވާ ލިޔުންތައް ކިޔަން ފެށިއެވެ. އެ ފޮތުގައި ލިޔެފައިވަނީ ރީތި ދިވެހި ބަހުންނެވެ. އެ ފޮތުގައި މާރިދުއާ ދިމާވި ގޮތުގެ ވާހަކައާއި މާރިދުގެ ވަނަވަރު ވަރަށް ތަފްޞީލުކޮށް ލިޔެފައިވެއެވެ. އަދި މީގެއިތުރުން މާރިދުގެ އަމާނާތްތެރިކަމާއި ތެދުވެރިމާއި ރަނގަޅު ވާހަކަތައް ވަރަށް ފުރިހަމައަށް ލިޔެފައި ވެއެވެ. އަދި މާނަށް ހެޔޮއެދޭ އެއްވެސް މީހަކު މާރިދަށް ދެރަގޮތެއް ނެހެދުމަށް ވަޞިއްޔަތްކޮށްފައި ވެއެވެ. ފޮތުގައި ލިޔެފައިވާ އެއްޗެއް ކިޔާ ނިމުމުން ޤާސިމު ފުން ނޭވާއެއް ލިއެވެ. އަދި ސުވާލުކުރަން ފެށިއެވެ. "ކަލެއަށް ހެޔޮއެދޭ އެކަކު ވެސް ނެތީ ދޯ؟ 3000 މިއީ މަދުހާ ދުވަސްތަކެއް ނޫނޭ"

        "ދަރިފުޅާ ޤާސިމު! އެއްވެސް މީހަކަށް ނޭނގެޔޭ އަޅުގަނޑު މިތާ އޮތްކަމެއް ..... އެނގޭނަމަ ތާ ދޯ؟

އައިޝާ އައިސް ދޮރުގައި ހިފިއެވެ. ނަމަވެސް ދޮރު ހުރީ ތަޅުލާފައެވެ. ނަމަވެސް ޤާސިމު ވާހަކަދައްކާ އަޑުއިވުމުން އައިޝާ ސުވާލުކުރިއެވެ. "ޤާސިމް! ކާކާތަ ވާހަކަ ތިދައްކަނީ؟"

        މަޑުމަޑުން ޤާސިމު ބުންޏެވެ. "ލައްބަ މަންމާ! ވާހަކަ އޭ .....! ނު ނު ނު ނު ދައްކަން .....! އެއީ މަންމައަށް ހީވި ގޮަތަކަށް ވާނީ .....! މަންމަ ޢަރާމުކޮށްލާ .....! ބަލިވީމަ އެހެން ވެދާނެ"

        އަދި ވައި އަޑަކުން ވަރަށް ހިތްހަމަނުޖެހި ހުރެ މާރިދަށް ބުންޏެވެ. ކަލެއާ ހެދި އަޅުގަނޑު މިޖެހުނީ ލޯބިވާ މަންމައަށް ދޮގުހަދަން .....! ދާން އުޅޭ މިތަނުން .....! ކަލޭ ތިހިރީ މިނިވަންކޮށްފަ .....! އެނބުރި މިގެއަށް ނާންނާތި"

        ދިއުމުގެ ކުރިން އެންމެ ފަހުގެ ވާހަކައެއްގެ ގޮތުން ޤާސިމަށް މާރިދު ބުންޏެވެ. "އަޅުގަނޑު މިދަނީ .....! އެހެންނަމަވެސް އަޅުގަނޑު ދިއުމުން ކަންތައްވީގޮތް މަންމައަށް ކިޔައިދޭތި! މިފޮތުގަ ލިޔެފައިވާ އެއްޗެއް ވެސް ކިޔައިދޭތި .....! އަދި ދޮގު ހެދުނު ކަމަށްޓަކައި މަޢާފަށްއެދި ތައުބާވާތީ! އަދި އަޅުގަނޑުގެ އެއްވެސް އެހީއެއް ބޭނުންނަމަ މިއަނގޮޓީގެ މަތީގައި އަތްހިންގާލާތި .....! އޭރުން ވަގުތުން ޙާޟިރުވާނަން إن شاء الله .....! ވަރަށް ހިތްހެޔޮކުރާތި .....! ގޮސްލީ" އެހެން ބުނެލުމަށްފަހު ކޮޓަރީގެ ކުޑަދޮރުން ބޭރަށް ފުންމާލިއެވެ.

        ޤާސިމު ކުޑަވަގުތުކޮޅެއްގެ ތެރޭގައި ކޮޓަރި ރީތިކޮށް ނިންމުމަށްފަހު ވުޟޫކޮށްލައިގެން އައިސް ނަމާދު ކުރިއެވެ. އަދި ދޮގު ހެދުނުކަމަށްޓަކައި މަޢާފަށް އެދި ތައުބާވެ ފާފަ ފުއްސެވުންއެދި ދުޢާކުރިއެވެ. އެއަށްފަހު  މަންމައަށް ކަންހިނގައިދިޔަގޮތް ކިޔައިދިނެވެ.

ދަރިފުޅު ތައުބާވެ ކަންހިނގައިދިޔަގޮތް ތެދަށް ކިޔައިދިނުމުން މަންމަ ވަރަށް އުފާވިއެވެ. އަދި އަބަދުވެސް ތެދުވެރިވުމަށް ނަޞޭޙަތްދިނެވެ.   

No comments: