ދަރިފުޅުގެ
ހިތްއަލިކޮށްދޭނެ 3 ކަމެއް
ލިޔުނީ: ޒީނަތު ލަބީބު.
އެއްވެސް މީހަކު އެނާ ނޫން މީހަކު މޮޅުވެ ކުރިއަރަން އެދޭ ބަޔަކަށް ވާނީ އޭނާގެ އުފަންދަރިންނެވެ. އެދަރިންނަށް ތަޢްލީމީ ގޮތުންނާއި އަޚްލާޤީގޮތުން ޤާބިލު މޮޅު ބަޔަކަށް ހެދޭތޯ މައިންބަފައިން އެތަކެއް ޤުރުބާނީތަކެއް ވެއެވެ. މިގޮތުން ދަރިން ކިޔެވުމަށް ހުރަސްއެޅިދާނެ އެންމެހައި ކަމަކުން އެކުދިން ރައްކާތެރިކުރުމަށް ޚާއްޞަ ސަމާލުކަމެއްދެ އެވެ. ފޮތް ފަންސުރު ފަދަ ތަކެތި ހޯދައިދިނުމުން ފެށިގެން ގޮސް ބޮޑު އަގުގައި ޓިއުޝަނަށް ފޮނުވުމަށް ދާންދެނެވެ. ކިޔެވުމާ މަތިކޮށް ދަރިން ކޮންމެ އެއްޗެއް ހޯދަން އެދުނަސް ބައްޕަ އާއި މަންމަ ފަސްޖެހުމެއް ނެތި އެއެއްޗެއް ހޯދައިދޭނެ އެވެ. ދަރިންނަށް ޢިލްމު އުނގަންނައިދިނުމަށްޓަކައި މިފަދަ ބޮޑެތި ޤުރުބާނީތަކެއްވަމުންދާ ޙާލު، މައިންބަފައިންގެ ހިތުގައި އުފެދޭ ވަރަށް މުހިއްމު ސުވާލެއް އޮވެއެވެ. އެސުވާލަކީ: އަހަރެންގެ ދަރިފުޅު ހިތްއަލި ކުއްޖަކަށް ހަދާނީ ކިހިނެއް ހެއްޔެވެ؟
މިކުރު ރިޕޯޓުގައި މިހިމަނާލަނީ ދަރިންގެ ހިތް އަލި ކޮށް އެކުދިންގެ ހިތުދަސްކުރުމުގެ ބާރު ގަދަކުރުމަށް ކުރެވިދާނެ މުހިއްމު 3 ކަމެކަށެވެ. އެންމެ ފުރަތަމަ 3 ވަނަ ކަމުން ފަށާނަމެވެ.
އެއީ ކުދިނަށް ކާންދޭ ނާސްތާގައި ވިސްނުމާއި ހިތުދަސްކުރުމުގެ ބާރު ގަދަކޮށްދިނުމަށް އެހީތެރިވެދޭ
ތަކެތި ހިމެނުމެވެ. ތައްޔާރީ ކާނާގެ ބަދަލުގައި ފައިދާކުރުވަނިވި ޠަބީޢީ ކާނާ
ހިމެނުމެވެ. އެފަދަ ބައެއް ބާވަތުގެ ތެރޭގައި ހިކި މޭބިސްކަދުރު ހިމެނެއެވެ.
ޠަބީޢީ ޢީލްމުގެ ދަންނަބޭކަލެއް ކަމަށްވާ އަލްއިމާމް އައްޒުހުރީ ރަޙިމަހުﷲ
ވިދާޅުވެފައިވެ އެވެ. ޙަދީޘް ހިތުދަސްކުރަން ބޭނުން މީހަކު ޒަބީބު (އެބަހީ: ހިކި މޭބިސްކަދުރު)
ކާށެވެ. އަދި އިމާމް އިބްނުންޤައްޔިމް ރަޙިމަހުﷲ، އިނގުރަކީ ހިތުދަސްކުރުމުގެ ބާރު
ގަދަކޮށްދޭ އެއްޗެއް ކަމުގައި ވިދާޅުވެފައިވެ އެވެ. މީގެ
އިތުރުން މާމުއި، ކަދުރު، ކަޅުދިރި ފަދަ ޠަބީޢީ ތަކެތި ބޭނުންކުރެވިދާނެ އެވެ.
ހިތުދަސްކުރުމުގެ ބާރު ގަދަކޮށް ދަރިފުޅުގެ ހިތްއަލިކޮށްދޭން އެދޭނަމަ ދެވަނަ ކަމަކީ އެކުދިން ލައްވައި ތަކެތި ހިތުދަސްކުރުވައި، އެކުދިންގެ ނަފްސު ހިތުދަސްކުރުމަށް ހޭނުވުމެވެ. ޚާއްޞަކޮށް ޅަޢުމުރުގައި ކީރިތި ޤުރުއާން ހިތުދަސްކޮށްދިނުން ހިމެނެއެވެ. އެހެނީ ކުއްޖާގެ ޢުމުރުގެ ފުރަތަމަ 5 އަހަރުގެ ތެރޭގައި ދަސްކުރާ ތަކެތި ހިލައެއްގައި އެއްޗަކުން ކަނޑާ ނެގުމުން ހުންނަގޮތަށް ހިތުގައި ހަރުލާފައި ހުންނަކަމަށް ތަރުބަވީ މާހިރުން ވިދާޅުވެ އެވެ. އެއީ އެ ޢުމުރުގައި އެކުދިންގެ ސިކުނޑި ހުންނާނީ ފިޠުރަތުގެ ސާދާކަންމަތީގައި ކަމަށް ވާތީއެވެ. މި ސަބަބާހުރެ ޅަޢުމުރުފުރާގައި ކީރިތި ޤުރުއާން ހިތުދަސްކޮށްދިނުމަށް، މުސްލިމުންގެ އިސްވެ ގޮސްފައިވާ ޒަމާންތަކުގެ މުރައްބީން ވަނީ ޚާއްޞަ ސަމާލުކަމެއް ދެއްވާފަ އެވެ. އެއީ ބައެއް ކުދިންނަކީ ފިޠުރީގޮތުން ހިތުދަސްކުރުމުގެ ބާރުގަދަ ކުދިންނަށް ވާއިރު އަނެއްބައި ކުދިންނަކީ އެ ބާރު ދަށް ކުދިންނެވެ. ވީމާ މިފަރަޤު ދެނެގަތުމަކީ ވަރަށް މުހިއްމު ކަމެކެވެ.
ދެންއޮތީ އެންމެ މުހިއްމު ނުކުތާއެވެ. އެއީ ހިތްއަލި ކުއްޖަކަށް ދަރިފުޅު ހަދަން ބޭނުންނަމަ އެކުއްޖާގެ ހަށިގަނޑުގައި ހިތް ލެއްވި ޚާލިޤުވަންތަ އިލާހަށް އުރެދެވޭ އެންމެހައި ކުދި ބޮޑު ފާފަތަކުން އެދަރިފުޅު ދުރުހެލިކޮށް ސަލާމަތް ކުރުމެވެ. އެއްދުވަހަކު އިމާމް ޝާފިޢީ ރަޙިމަހުﷲ އެކަލޭގެފާނުގެ އުސްތާޛު އިމާމް އަލްވަކީޢު ރަޙިމަހުﷲ ގެ އަރިހުގައި ހިތުދަސްކުރުމުގެ ބާރު ދަށްވާތީ ޝަކުވާ ދެންނެވި ހިނދު، އުސްތާޛު ދެއްވި ޖަވާބު ޅެންބައިތަކުން ބަޔާންކޮށްދެއްވާފައިވެ އެވެ. އިމާމް ޝާފިޢީ ރަޙިމަހުﷲ ވިދާޅުވި އެވެ. ތިމަންކަލޭގެފާނު ހިތުދަސްކުރުމުގެ ބާރު ދަށްކަމާއި މެދު ވަކީޢުއަށް ޝަކުވާކުރީމެވެ. އެހިނދު ކުށްފާފަތައް ދޫކޮށްލުމަށް އިރުޝާދުދެއްވި އެވެ. އަދި ވިދާޅުވެދެއްވި އެވެ. "ޢިލްމަކީ ނޫރެކެވެ. ފާފަތަކަށް އަރައިގަންނަ މީހަކަށް ﷲގެ ނޫރު ޙާޞިލުކުރާނެ މަގެއް ނުދައްކަވާނެ އެވެ."
އެހެންކަމުން ތިމާގެ ދަރިފުޅު ހިތްއަލީ ކުއްޖަކަށް ހަދަން ބޭނުންނަމަ ފާފަތަކުން ދުރުހެލިވެފައިވާ ކުއްޖަކަށް އެކުއްޖާ ހަދާށެވެ! އެކަންކުރުމަށް މަންމައާއި ބައްޕައަކީ ﷲ އެންގެވި ގޮތަށް އުޅޭ ދެމަފިރިން ކަމުގައި ވަމާތޯއެވެ.
މަޞްދަރު:
ޖަމްޢިއްޔަތުއް ސަލަފު
No comments:
Post a Comment