އަޚްލާޤަކީ އިސްލާމްދީނެވެ.
ލިޔުނީ: ޒީނަތު
ލަބީބު.
ﷲ ތަޢާލާގެ
ޙަޟްރަތުގައި ދީނަކީ އިސްލާމްދީނެވެ. މީސްތަކުން އުޅުމަށްޓަކައި ﷲ ސުބުޙާނަހޫ
ވަތަޢާލާ ރުހިވޮޑިގަންނަވާ ހުރިހާ ކަމެއް ވަނީ އިސްލާމްދީނުގައެވެ. މީސްތަކުން އުޅެންވާގޮތް
ބަޔާންކޮށްދެއްވުމުގެގޮތުން ﷲ ތަޢާލާ ފޮތް ބާވައިލެއްވިއެވެ. އަދި
އެފޮތްތަކުގައިވާ ކަންތައް ބަޔާންކޮށްދެއްވުމަށްޓަކައި ﷲ ތަޢާލާ ރަސޫލު ބޭކަލުން
ފޮނުއްވިއެވެ. އެބޭކަލުން ނަމޫނާއަކަށް ބަލައިގެން އުޅެފި މީހަކީ ދެދުނިޔޭގެ
ޙަޔާތުގައި ކާމިޔާބު މީހެކެވެ. ﷲ ތައާލާ ރަސޫލު ބޭކަލުން ފޮނުއްވުމުގައި ވަރަށް
މަތިވެރި ދެ މަޤްޞަދެއް ވެއެވެ. އެއީ ﷲ ތަޢާލާގެ އެއްކައުވަންތަކަމަށް
ގޮވާލެއްވުމަށާއި ރިވެތި އަޚްލާޤު މީސްތަކުންގެ ކިބައިގައި ހަރުލެއްވުމަށެވެ. ކީރިތި
ރަސޫލާ މުޙައްމަދު ޞައްލަالله ޢަލައިހި ވަސައްލަމަ
ޙަދީޘުކުރައްވާފައިވެއެވެ. إِنَّمَا بُعِثتُ
لِأُتَمِّمَ مَكَارِمَ الأَخلَاقِ. މާނައީ: "ތިމަންކަލޭގެފާނު ފޮނުއްވުނީ
ރިވެތި އަޚްލާޤު ފުރިހަަމަކުރެއްވުމަށްޓަކައެވެ."
ރަސޫލު الله ޞައްލަ الله
ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. إِنَّ
خِيَارَكُمْ أَحَاسِنُكُمْ أَخْلَاقًا. މާނައީ: "ތިޔަބައިމީހުންގެ ތެރެއިންވާ
އެންމެ ހެޔޮކަންބޮޑު މީހުންނަކީ ތިޔަބައިމީހުންގެ ތެރެއިން އެންމެ އަޚްލާޤު ރަނގަޅު
މީހުންނެވެ."
އިސްލާމްދީނުގައި ރިވެތި
އަޚްލާޤަކީ އެދީނުގެ ހުރިހާ ކަމެކެވެ. ރިވެތި އަޚްލާޤުގެ ވެރިންނަކީ އެންމެ ހެޔޮ
މީހުންގެ ތެރެއިން ވާ މީހުންނެވެ. ރިވެތި އަޚްލާޤު މަ ލަފުޒަކީ ކިޔާލަން އެހާ
އުނދަގޫ ބަރު ޖުމްލައެއް ނޫނެވެ. އެހެންނަމަވެސް މީޒާނުގެ ތިލަފަތުގައި އެންމެ
ބުރަދަން ބޮޑީ ރިވެތި އާޚްލާޤެވެ. ރަސޫލު الله ޞައްލަ الله
ޢަލައިހި ވަސައްލަމަ ޙަދީޘުކުރައްވާފައިވެއެވެ. مَا
شَيْءٌ أَثْقَلُ فِي مِيزَانِ الْـمُؤْمِنِ يَوْمَ الْقِيَامَةِ مِنْ
خُلُقٍ حَسَنٍ. މާނައީ: "ޤިޔާމަތްދުވަހުގައި މުއުމިނުއަޅާގެ ތިލަފަތުގައި
ރިވެތި އަޚްލާޤަށްވުރެ ބަރުވެގެންވާ އެއްވެސް އެއްޗެއް ނުވެއެވެ."
ހަށިގަނޑުގެ ބުރުސޫރަ
ރިވެތި ކުރުމަށް މަސައްކަތްކުރުން ޢާއްމުވެފައިވާ މި ދުވަސްވަރު ކޮންމެ މީހަކަށް
އެނގެންޖެހޭ ޙަޤީޤަތެއް ވެއެވެ. އެ ޙަޤީޤަތަކީ ބުރުސޫރައަކީ ﷲގެ ޙަޟްރަތުގައި
އަގެއްހުރި އެއްޗެއް ނޫނެވެ. އެހެންނަމަވެސް ރިވެތި އަޚްލާޤަކީ ﷲ ތަޢާލާގެ
ޙާޟްރަތުގައި އެންމެ އަގުހުރި އެކައްޗެވެ. ﷲ ތަޢާލާ ވަޙީކުރައްވާފއި ވެއެވެ. إِنَّ
أَكْرَمَكُمْ عِندَ اللَّـهِ أَتْقَاكُمْ. މާނައީ: "އެންމެ
މާތްކަންބޮޑީ، ތިޔަބައިމީހުންކުރެ އެންމެ ތަޤްވާވެރި މީހާއެވެ."
ރިވެތި އަޚްލާޤުގެ
ސިފައަކީ ތަޤުވާވެރިންގެ ސިފައެކެވެ.
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. إِنَّ
اللهَ لَا يَنْظُرُ إِلَى صُوَرِكُمْ وَأَمْوَالِكُمْ، وَلَكِنْ يَنْظُرُ إِلَى
قُلُوبِكُمْ وَأَعْمَالِكُمْ. މާނައީ: "ހަމަކަށަވަރުން ތިޔަބައިމީހުންގެ
ޞޫރައަށާއި ތިޔަބައިމީހުންގެ މުދަލަށް ﷲ ތަޢާލާ ބައްލަވާ ވޮޑިގެންނުވެއެވެ. އެހެނަސް
އެއިލާހު ބައްލަވާ ވޮޑިގެންވަނީ ތިޔަބައިމީހުންގެ ހިތްތަކަށާއި ޢަމަލުތަކަށެވެ."
ކީރިތި ރަސޫލާ ޞައްލަﷲ
ޢަލައިހި ވަސައްލަމަގެ އަރިހުގައި އުޅުމަށް ނޭދެނީ ފަހެ ކާކު ހެއްޔެވެ؟ އެނަސީބު ބޭނުންވާ
މީހަކަށް މިއީ ނުލިބޭނެ އެއްޗެއް ނޫނެވެ. އެކަން ޙާޞިލުކުރަން އުޅޭ މީހާ އެމީހާގެ އަޚްލާޤު
ރިވެތި ކުރާށެވެ. ރަސޫލު الله ޞައްލަ الله ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. إِنَّ
مِنْ أَحَبِّكُمْ إِلَيَّ وَأَقْرَبِكُمْ مِنِّي مَجْلِسًا يَوْمَ الْقِيَامَةِ
أَحَاسِنَكُمْ أَخْلَاقًا. މާނައީ: "ތިޔަބައިމީހުންގެ ތެރެއިން
ތިމަންކަލޭގެފާނު އެންމެ ލޯބިވާ މީހަކީ އަދި ޤިޔާމަތްދުވަހުގައި ތިޔަބައިމީހުންގެ ތެރެއިން
ތިމަންކަލޭގެފާނާ އެންމެ ކައިރިވެގެންވާގޮތުގައި މަޖިލީސްކުރާނީ ތިޔަބައިމީހުންގެ ތެރެއިން
އެންމެ އަޚްލާޤު ރަނގަޅު މީހާއެވެ."
މުއުމިނުންގެތެރެއިން
އީމާންކަން އެންމެފުރިހަމަ ވެގެންވަނީ، އެންމެ އަޚްލާޤު ރަނގަޅުމީހުންނެވެ. ރިވެތި
އަޚްލާޤަކީ އޭގެ ސަބަބުން ހެޔޮ ޢަމަލުތައް މަތިވެރިކުރާ އެއްޗެކެވެ. އަދި މީހާ ކިތަންމެ
ގިނަ ހެޔޮ ޢަމަލުތަކެއް ކުރިކަމުގައިވިޔަސް އެމީހާގެ ކިބައިގައި ރިވެތި އަޚްލާޤު ނުވާނަމަ
އެ ޢަމަލުތައް ފާސިދުވެއެވެ. ރަސޫލު الله ޞައްލަ الله ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. وَ
إِنَّ سُوءَ الخُلُقِ يُفْسِدُ العَمَلَ ، كما يُفْسِدُ الخَلُّ العَسَلَ. މާނައީ: "ސުރުކާހުތުގެ
ސަބަބުން މާމުއި ފާސިދުވާފަދައިން ގޯސް އަޚްލާޤުގެ ސަބަބުން ޢަމަލުތައް ފާސިދުވެއެވެ."
އަގުބޮޑު
ގަހަނާތަކުން ނަފުސުތައް ޒީނަތްތެރިކުރުމަށް ބޮޑެތި ޚަރަދުތައް ކުރުމުގެ
ބަދަލުގައި ދެދުނިޔޭން ފައިދާ ލިބެނިވި ޒީނަތަކުން ޒީނަތްތެރިވުން ކީއްހެއްޔެވެ؟
އޭގެ ބަދަލުގައި އަޅުގަނޑުމެންގެ ނަފުސުތައް ރިވެތި އަޚްލާޤުގެ ގަހަނާއިން ޒީނަތްތެރިކޮށްފައިވާ
ބަޔަކަށް ހެދުން ކީއްތޯއެވެ. ރިވެތި އަޚްލާޤު ދެނެގަތުމާއި، އުނގެނުމާއި ރިވެތި އަޚްލާޤު
އަމިއްލަ ނަފުސުގައި އަށަގެންނެވުމާއި ރިވެތި އަޚްލާޤު އުނގަންނައިދޭ ބަޔަކަށް އަޅުގަނޑުމެން
ވެގެން މެނުވީ މުޖުތަމަޢުގައި ރިވެތި އަޚްލާޤު އަށަނުގަންނާނެއެވެ.
ދުޢާއަކީ އަޅުގަނޑުމެންނަކީ
ރިވެތި އަޚްލާޤުން އަޅުގަނޑުމެންގެ ނަފުސުތައް ޒީނަތްތެރިކުރާ ބަޔަކު ކަމުގައި އަޅުގަނޑުމެން
ލައްވާ، އެ އަޚްލާޤުގެ އުނގެނުމާއި އުނގަންނައިދިނުމުގެ މަތީގައި ސާބިތުވެ ދެމިތިބޭ
ބައެއް ކަމުގައި އަޅަމެން ލެއްވުމެވެ. އަދި އަޅަމެން އުނގަންނައިދޭ މީހުންގެ
ކިބައިގައި މި ރިވެތި ސިފަ އަށަގަތުމެވެ. އާމީން!
މަޞްދަރު:
ދިސަލަފިއްޔާ
ޢިލްމު އެމް ވީ
No comments:
Post a Comment