ކަށްވަޅަކީ ތިބާގެ ގޮޅިއެވެ.

ލިޔުނީ: ޒީނަތު ލަބީބު.
ތާރީޚު: 27.11.2018
މަރަކީ އަޅުގަނޑުމެން އެކަމާއިމެދު
ޣާފިލުވެފައިވާ ކަމެކެވެ. އެހެންނަމަވެސް އަޅުގަނޑުމެންނާއި އެންމެ ކައިރީގައިވާ ކަމަކީ
މަރެވެ. ބަލަބަލާ ތިއްބާ އަޅުގަނޑުމެންގެ ގާތް
ތިމާގެ މީހުންނާއި ރައްޓެހީންގެ އެތައް ބަޔަކު އެދަނީ މަރުވަމުންނެވެ. ޒުވާނެއް މުސްކުޅިއެއް
ކުޑަކުއްޖެއް ފަރަގު ކުރުމެއް ނެތިއެވެ. ކޮންމެ ނަފްސެއްވެސް މަރުގެ ރަހަ ދެކޭ ހުއްޓެވެ.
ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. كُلُّ
نَفْسٍ ذَائِقَةُ الْمَوْتِ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ
الْقِيَامَةِ فَمَنْ زُحْزِحَ عَنِ النَّارِ وَأُدْخِلَ الْجَنَّةَ فَقَدْ فَازَ
وَمَا الْحَيَاةُ الدُّنْيَا إِلاَّ مَتَاعُ الْغُرُورِ. [آل عمران:185]
މާނައީ: ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ދެކޭނެ ނަފްސެކެވެ. އަދި ހަމަކަށަވަރުން ޤިޔާމަތް
ދުވަހުން ތިޔަބައިމީހުންނަށް، ތިޔަބައިމީހުންގެ ޢަމަލުތަކުގެ
އަޖުރު ބަރާބަރަށް ދެވޭނެއެވެ. ފަހެ ނަރަކައިގެ އަލިފާނުން މިންޖުކުރެވި، ސުވަރުގެ ވެއްދުނު މީހާ ދަންނައެވެ. ފަހެ އޭނާ ކާމިޔާބު ވެއްޖެކަން
ކަށަވަށެވެ. އަދި ހަމަކަށަވަރުން މިދުނިޔަވީ ޙަޔާތަކީ ކެހިދެނިވި ސާމާނުތަކެއް ކަމުގައި
މެނުވީ ނުވެއެވެ.
އޭ ލޮބުވެތި އަޅާއެވެ! ﷲ އަށް
ބިރުވެތިވާށެވެ. އަބަދުވެސް ﷲ ތިބާއަށް ބައްލަވާވޮޑިގެންވާކަން ހަނދާންކުރާށެވެ. ތިބާގެ
ކޮންމެ ޢަމަލެއް ލިޔެވެމުން ދާކަން ހަނދާން ނައްތާނުލާށެވެ. ތިބާއަކީ ރަސްކަލެއް
ކަމުގައި ވިޔަސް މެއެވެ. މިއަދު ތިބާ ބޭނުންކަމެއް ކުރެވިދާނެއެވެ. ބޭނުންގޮތަކަށް
އުޅެވިދާނެއެވެ. ތިބާގެ މޮޅުކަން ދައްކަމުން ހިތުހުރި ގޮތަކަށް ކަންތައް ކުރުން
މަތީ އުޅެވިދާނެއެވެ. ތިބާއާއި ތިބާގެ ވަށައިގެންވާ މީސްތަކުންގެ ތެރެއިން ގިނަމީހުންވަނީ
ޝައިޠާނާގެ އަވާގައި ޖެހިފައެވެ. ޝައިޠާނާވަނީ އެމީހުން ހެއްލުންތެރި ކުރުވާފައެވެ.
ޝައިޠާނާގެ އަވާގައި ނުޖެހި ސަލާމަތްވެފައިވާ މަދު މީސްކޮޅަކީ ތިބާގެ ނަޘަރުގައި
ކަޓު މީހުންނަށް ވެދާނެއެވެ. އެއީ ނާތަހުޛީބު މީހުންނަށް ވެދާނެއެވެ.
އެހެންނަމަވެސް ޝައިޠާނާގެ ވަޢުދު ތިބާއަށް އެނގެނީ ކިހާ މިންވަރަށް ހެއްޔެވެ؟ މީސްތަކުން
މަގުފުރެދުމުގައި ޝައިޠާނާވަނީ އޭނާގެ ވަޢުދު ކިތަންމެ ރަނގަޅަށްވެސް ފުއްދާފައެވެ.
މިއަދު ތިހެން އުޅެވިދާނެއެވެ. އެހެނަސް މާދަމާ ތިބާޔަށް ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟ މާދަމާ އަލުން ދިރުއްވާ ދުވަހުން ފެންނާނީ މިއަދު ތިބާ ކުރި
ހެޔޮ ޢަމަލެކެވެ. މިއަދު ތިބާ ދައްކަމުންދާ ގަޓެއް އެދުވަހަކު ނުދެއްކޭނެއެވެ. އެދުވަހުން
ކުރެވޭނެ އެއްވެސްކަމެއް ހަމަހިލާ ނޯންނާނެއެވެ. އެދުވަހަކުން ތިބާ ހުންނާނީ ތިބާގެ އަސްލު ސައިޒުގައެވެ.
ތަރައްޤީއާއި
ތަހުޛީބާއި އުފަލާއި އަރާމުގެ ނަމުގައި ތިބާގެ އަގުހުރި ވަގުތުތައް ކުޅިވަރާއި
މަޖަލުގައި ނަގާނުލާށެވެ. ޣާފިލްކަމުގެ ނިދީގައި މި ދުނިޔޭގައި ހޭދަ ކޮށްލެވޭ ކުޑަ
ވަގުތުކޮޅު ބޭކާރު ނުކުރާށެވެ. އޭ ﷲ ގެ އަޅާއެވެ. ތިބާގެ ހަށިގަނޑުން ފުރާނަ އަލްވަދާޢު
ކިޔާނެއެވެ. އެއީ ހަމަޔަޤީނުން ވެސް ނުވެ ނުދާނެ ކަމެކެވެ. ތިބާގެ ފުރާނަ ނޭވާހޮޅިޔަށް
އެޅޭނެ ވަޤުތުގެ މަތީން ހަނދާންކުރާށެވެ. އެވަގުތަކީ އެއްވެސް މީހަކަށް
އެނގިގެންވާ ވަގުތެއް ނޫނެވެ. އެވަޤުތަކީ ތިބާގެ ހިތުގެ ހަމަޖެހުން ކަމުގައިވާ
ލޯބިވާ މައިންބަފައިންނާއި ތިބާގެ ހިތް އެފަރާތަކަށް މިލްކުކޮށްދީފައިވާ އަނބިމީހާއާއި ފިރިމީހާއާއި، ލޮލުގެ ކޮއި ފަދަ ދަރީން ދޫކޮށް މިދުނިޔެއާއި ވަކިވާންޖެހޭ
ވަގުތެވެ. ތިބާ އެކަމަށް ރުހުނަސް ނުރުހުނަސް އެކަން އެގޮތަށް ވެގެންދާނެއެވެ. އޭގެ
ފަހުން ތިބާގެ ފުރާނަނެތް މަސްގަނޑު މީސްތަކުންގެ ކޮނޑުތަކުގައި އުފުލި، އަނދިރި ކުޑަކުޑަ ގޮޅިއަކަށް ލެވޭނެއެވެ. އެއީ ތިބާގެ ޖަގަހައެވެ.
އަނދިރި ކުޑަކުޑަ ގޮޅިއެކެވެ. އެއީ ތިބާގެ މަންޒިލެވެ. އެމަންޒިލަކީ
ބިރުވެރިކަމާއި ނާމަންކަމުން ފުރުގެންވާ ތަނަކަށް ހެދުމަށާއި ނިޢުމަތުގެ
ގޮވެއްޗަކަށް ހެދުމުގެ ފުރިހަމަ އިޚްތިޔާރު ތިބާއަށް ލިބިގެންވެއެވެ. އެކަން
ކުރެވޭނީ ޣާފިލިކަމުގެ ނިދިން ހޭލެވި ދުނިޔެއަށް ފޮނުވުނު މަޤްޞަދާއި އެއްގޮތަށް
ތިބާގެ ދިރިއުޅުން ބައްޓަން ކުރެވިގެންނެވެ. ތިބާގެ މަންޒިލަށް ތިބާ ލެވޭ ހިނދު، ނަކީރާއި
މުންކަރު (ދެ މަލާއިކަތުން) ވަޑައިގެން
ތިބާއާ، 3 ސުވާލު ކުރައްވާނެއެވެ. އެވަޤުތު
ކަންތައްތައް ވެގެން ދާނެގޮތް، މި ހެއްލުންތެރި ދުނިޔޭގެ ދިރިއުޅުމާއި
ހަނގުރާމަ ކުރަމުންދާއިރު، އަމިއްލަ ސިކުނޑިން ވިސްނާލާނެ
ވަޤުތެއް ވޭހެއްޔެވެ؟
އަދި އަލުން ދިރުއްވިގެން ހިސާބު
ބެއްލެވޭ ބިރުބޮޑުވެގެންވާ ދުވަހު، ތިބާގެ ޢަމަލުތަކުގެ
ފަތް ލިބޭނީ ކޮންފަރާތަކުން ކަމާމެދު، ތިބާގެ އިޙްސާސްތައް
ހުންނާނެ ގޮތް މިއަދު އިޙްސާސް ކުރެވޭ ހެއްޔެވެ؟ ޖަހަންނަމައިގެ
މަތީގައި ޞިރާޠުމަގު އަޅައިލެވޭ ހިނދު، މިދުނިޔެމަތީގައި ތިބާ
ﷲ އާއި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އެންގެވި ގޮތަށް ނޫޅުނުނަމަ، އެމަގު ހުރަސްކުރާނީ ކޮންފަދައަކުންތޯއެވެ؟ އެދުވަހަކުން ތިބާގެ މުދަލަކުން ފައިސައަކުން
ހޯދޭނެ އެހީތެރިކަމެއް ނޯންނާނެއެވެ. އޭ ﷲގެ އަޅާއެވެ. ﷲ އަށް ބިރުވެތިވާށެވެ. މިދުނިޔެއަކީ އެއްވެސް އަގެއް ނެތް ތަނެއްކަން ހަނދާންކުރާށެވެ.
ﷲގެ ޙަޟްރަތުގައި މަދިރިއެއްގެ ފިޔައެއްގެ ބުރަދަން ވެސް މިދުނިޔެއަކު ނުވެއެވެ. ތިބާގެ
އަޖަލުވަނީ ކަނޑައެޅިފައެވެ. ﷲ ގެ ޙަޟްރަތަށް ރުޖޫޢަވާން ޖެހޭނެކަން އެންމެ ވަގުތުކޮޅަކަށްވެސް
ހަނދާން ނައްތާ ނުލާށެވެ. ދުނިޔޭގެ ދިރިއުޅުން އާރާސްތުކުރަން ކުރާ ކޮންމެ ކަމަކީ
ﷲ މަތިން ހަނދުމަވާ ފަދަ ކަމެއް ކަމުގައި ހަދާށެވެ. ކޮންމެ ވަގުތެއްގައިވެސް މަރު ތިބާގެ
މައްޗަށް ވެރިވެގެންފާނެއެވެ. އެއީ ތިބާ ބިއްލޫރި ކޮޓަރިއެއްގައި ތަޅުލައިގެން
އޮތްކަމުގައި ވިޔަސް މެއެވެ. އެއީ ތިބާގެ ފޭރާމަށްވުރެ ކައިރީގައިވާ އެއްޗެކެވެ.
حَتَّىٰ إِذَا جَآءَ أَحَدَهُمُ
ٱلْمَوْتُ قَالَ رَبِّ ٱرْجِعُونِ * لَعَلِّيۤ أَعْمَلُ صَالِحاً فِيمَا تَرَكْتُ
كَلاَّ إِنَّهَا كَلِمَةٌ هُوَ قَآئِلُهَا وَمِن وَرَآئِهِمْ بَرْزَخٌ إِلَىٰ
يَوْمِ يُبْعَثُونَ (المؤمنون : 99-100) މާނައީ: އަދި އެބައިމީހުންގެ ތެރެއިން މީހެއްގެ
ގާތަށް މަރު އައިސްފި ހިނދު އޭނާ ބުނާނެއެވެ. އޭ މިއަޅާ ހައްދަވައި ގެންގުޅުއްވާ އިލާހެވެ.
މިއަޅާ އެތާނގައި ނުކޮށް ދޫކޮށްލި ހެޔޮ ޢަމަލުތަށް ކުރުމަށްޓަކައި މިއަޅާ އަނބުރާ ދުނިޔަށް
ފޮނުއްވާނދޭވެ. އެހެނަކުން ނުވާނެއެވެ! ހަމަކަށަވަރުން އެއީ ހަމައެކަނި، އެނާގެ ދުލުން ބޭރުކޮށްލާ ބަހެކެވެ. އަދި އަލުން ދިރުއްވާ ދުވަހަށް
ދަންދެން، އެބައިމީހުންގެ ކުރިމަތީގައިވަނީ
ބަރުޒަޚެވެ.
އޭ ﷲ ގެ އަޅާއެވެ. ވަޤުތު ފާއިތު
ނުވަނީސް ޣާފިލްކަމުން ހޭލައި އާޚިރަތުގެ ގޯތި ބާއްޖަވެރި ކުރެވޭތޯ ގަދައަޅައި މަސައްކަތް
ކުރާށެވެ. އެންމެހާ ފާޙިޝްކަންތަކުންނާއި މުންކަރާތްތަކަކުން ދުރުހެލިވާށެވެ. މީހުން
ކާފަރުކޮށް ބިދުޢަވެރިކޮށް ފާސިޤުކޮށް ހެދުމުން ދުރުހެލިވާށެވެ. ތިބާއަށް ދީނުގައި
އޮތް ގޮތަށް ޢަމަލު ނުކުރެވޭ ނަމަ ނުވަތަ ތިބާއަކީ އެގޮތަށް ޢަމަލު ކުރާ މީހެއް ކަމުގައި
ނުވިޔަސް، ޤުރުއާނާއި ސުންނަތުގައި ހިފަހައްޓައިގެން
އުޅޭ މީހުންނަށް ފުރައްސާރަކޮށް މަލާމާތް ކޮށް ނަހަދާށެވެ. އަޅުގަނޑުމެންނަކީ ކޮންމެފަދަ
ގޮތަކަށް އުޅޭ ބައެއް ކަމުގައި ވިޔަސް، މަރު
އައިސް އަޅުގަނޑުމެންނާއި ބައްދަލު ކުރާނެއެވެ. ހެޔޮ ޞާލިޙް ޢަމަލު ކުރާ މީހެއް ކަމުގައި
ވިޔަސް ނުވަތަ ހެއްދެވިހާ ފާފަތަކަށް އަރައިގަނެ، އެމީހެއްގެ
ނަފްސު ފާފައިގެ ކަނޑެއްގާ ޢަރަޤުވެފައި ވިޔަސްމެއެވެ.
އަޅުގަނޑުމެންނަކީ ކިތަންމެ ބޮޑެތި
އަދި ގިނަ ފާފަތަކަކަށް އަރައިގަންނަމުންދާ ބައެއްކަމުގައި ވިޔަސް، އަވަސްވެ ގަންނަންވީ މަރު އައިސް އަޅުގަނޑުމެންނާއި ބައްދަލު
ކުރުމުގެ ކުރިން (ތައުބާގެ ދޮރު ބަންދުވުމުގެ ކުރިން) އެފާފަތަކުން ތައުބާވެ ދުނިޔެއާއި
އާޚިރަތުގެ ފަލާޙާ ކާމިޔާބު ލިބެނިވި މަގަށް ތަބާވުމަށެވެ. ތިބާއަކީ ކިތަންމެ ބޮޑު
ފާފަތަކަށް އަރައިގަންނަމުން ދިޔަ މީހެއް ކަމުގައި ވިޔަސްމެއެވެ. ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި
ވަޙީ ކުރައްވާފައިވެއެވެ. قُلْ
يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَى أَنْفُسِهِمْ لا تَقْنَطُوا مِنْ
رَحْمَةِ اللَّهِ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعاً إِنَّهُ هُوَ
الْغَفُورُ الرَّحِيمُ.
[الزمر:53] މާނައީ: ކަލޭގެފާނު ވިދާޅުވާށެވެ. އޭ ތިމަން ﷲ ގެ އަޅުތަކުންގެ
ތެރެއިން އެބައެއްގެ ނަފްސުތައް ފާފައިން އިސްރާފު ކޮށްފައިވާ އަޅުތަކުންނޭވެ. ތިޔަބައިމީހުން
ﷲ ގެ ރަޙްމަތުން އުންމީދު ކަނޑާނުލާށެވެ. ހަމަކަށަވަރުން ﷲއީ ހުރިހާ ފާފައެއް ފުއްސަވާ
އިލާހެވެ. (އަދި) ހަމަކަށަވަރުން އެއިލާހަކީ ގިނަގިނައިން ފާފަ ފުއްސަވާ، ރަޙީމްވަންތަ އިލާހެކެވެ.
އަޅުގަނޑުގެ ދުޢާއަކީ ތިބާއާއި އަޅުގަނޑު ޣާފިލުކަމުގެ ނިދިން ހޭލެއްވުމެވެ. އަދި ދާއިމީ ޙަޔާތަށް ތައްޔާުރުވުމުގެ ހެޔޮ ތައުފީޤު ދެއްވުމެވެ.
އަޅުގަނޑުގެ ދުޢާއަކީ ތިބާއާއި އަޅުގަނޑު ޣާފިލުކަމުގެ ނިދިން ހޭލެއްވުމެވެ. އަދި ދާއިމީ ޙަޔާތަށް ތައްޔާުރުވުމުގެ ހެޔޮ ތައުފީޤު ދެއްވުމެވެ.
މަޞްދަރު: ދިސަލަފިއްޔާ
No comments:
Post a Comment