Featured Post

Ombey

Thursday, May 17, 2018

e'eba akee koba?


ޣީބައަކީ ކޮބާ؟

Related image

ލިޔުނީ: ޒީނާތު ލަބީބު.
ދުލަކީ އިންސާނުންނަށް ﷲ ތަޢާލާ ދެއްވި އަގުހުރި ގުނަވަންތަކުގެ ތެރެއިން އެންމެ ރައްކާތެރިވާންޖެހޭ އެއްގުނަވަނެވެ. ދުލަކީ ޖަވާހިރަކަށް ހަދާލައިފި މީހަކަށް އަގުނުކުރެވޭ ވަރުގެ އަގުބޮޑު ޖަވާހިރެކެވެ. ދުލަކީ ޒަހަރަކަށް ހަދާލައިފި މީހަކަށް ނުބައިކަން ބޮޑުވެގެންވާ ޒަހަރެކެވެ. އާރެއް ބާރެއް ނެތް ނިކަމެތި މަސްކޮޅެއް ނަމަވެސް އެއީ އެހާމެ ބާރުގަދަ ގުނަވަނެކެވެ. ނުބައިކަމުގެ އެންމެ ބޮޑު ދެދޮރުގެ ތެރެއިން އެއް ދޮރަކީ ދުލެވެ. ދޫރައްކާތެރިކުރުމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ އިރުޝާދު ދެއްވަވާފައެވެ. އެންމެ ގިނައިން އިންސާނުން ނަރަކައަށް ވައްދަވަނީ ދެ ގުނަވަނެއް ރައްކާތެރި ނުކުރެވުމުގެ ސަބަބުންނެވެ. އޭގެތެރެއިން އެއްގުނަވަނަކީ ދުލެވެ. ސަހުލު ބިން ސަޢްދުގެ ކިބައިން ރިވާވެގެންވެއެވެ. عَنْ سَهْلِ بْنِ سَعْدٍ ، عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : مَنْ يَضْمَنْ لِي مَا بَيْنَ لَحْيَيْهِ وَمَا بَيْنَ رِجْلَيْهِ أَضْمَنْ لَهُ الجَنَّةَ. މާނައީ: ރަސޫލާ صلى الله عليه وسلم  ޙަދީޘް ކުރެއްވިއެވެ. ތިޔަބައިމީހުން ގެ ދެކޯދޭތެރޭގައިވާ ތަނާއި (އެބަހީ ދޫ)، އަދި ދެފައިދޭތެރޭގައިވާ ތަން (އެބަހީ ފަރްޖު) ރައްކާތެރިކުރާނެ ކަމުގެ ޖާމިނުކަން ދިން މީހަކަށް ސަވަރުގެ ލިބޭނެ ކަމުގެ ޖާމިނުކަން ތިމަންކަލޭގެފާނު ދެއްވަމެވެ.
ދުލުން ބޭރުވެގެންދާ ކޮންމެ ބަހަކީ ލިޔެ ރައްކާ ކުރެވިގެންވާ އެއްޗެކެވެ. އެންމެ ބަހެއްވެސް އޮޅިގެންވެސް ނުލިޔެވި އޮވެދާނެ ކަމަށް ހީނުކުރާށެވެ. މިކަން ކުރުމަށް ﷲ ތަޢާލާވަނީ ކިޔަމަންކުރެވިގެންވާ މަލާއިކަތުންތަކެއް ޢައްޔަން ކުރައްވައި އެކަމަށް އަމުރު ކުރައްވާފައެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. مَّا يَلْفِظُ مِن قَوْلٍ إِلَّا لَدَيْهِ رَقِيبٌ عَتِيدٌ (ق 18) މާނައީ: ކުރާ ޢަމަލުތައް ބަލަހައްޓަވަން އޭނާގެ ކައިރީގައި ޙާޟިރުވެ މަލާއިކަތަކު ނެތި، އޭނާޔަކަށް އެއްވެސް ބަހެއް ނުބުނެވެތެވެ. ވީމާ މިދުލާ ދޭތެރޭ ވިސްނާ ފިކުރުކޮށް މިދުލަށް ރައްކާތެރިވާން ޖެހެއެވެ. އެނޫނީ އާޚިރަތުގައި ސަލާމަތްކަމެއް ނުލިބިދާނެއެވެ.
ދުލުންކުރެވޭ ނުބައިކަންތައްތަކުގެ ތެރެއިން އެންމެ ގިނަބަޔަކަށް ކުރެވޭ އެއްކަމަކީ ޣީބަބުނުމެވެ. ޣީބަބުނުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. ޣީބަ ބުނާ މީހާގެ ހެޔޮ ޢަމަލުތައް ޤިޔާމަތްދުވަހުން ޣީބަ ރައްދުވާ މީހާއަށް ލިބިގެންދާނެއެވެ. އަދި ޣީބަ ބުނާ މީހާގެ ހެޔޮކަމެއް ނުވާނަމަ ޣީބަ ރައްދުވާ މީހާގެ ނުބައިކަން ޣީބަ ބުނާ މީހާއަށް ޤިޔާމަތްދުވަހުން ލިބިގެންދާނެއެވެ. އެހެންމީހުންނަށްޓަކައި އަަޅުކަންކޮށް ޘަވާބާއި ދަރުމަ ހޯދުމުގެ ބަދަލުގައި ތިމާގެ އަމިއްލަ ނަފްސަށްޓަކައި ޘަވާބާއި ދަރުމަ ހޯދާށެވެ. ދެމީހަކު ބައްދަލުވެއްޖެނަމަ މީހެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި ﷲ ތަޢާލާ މަތިން ހަނދުމަ ކުރާށެވެ. ނުވަތަ ކޮންމެވެސް ކަހަލަ ފައިދާއެއް ލިއްބައިދޭ ކަހަލަ ވާހަކައެއް ދައްކާށެވެ. ޣީބަ ބުނުމާ ދުރުހެލިވާށެވެ.
އަބޫހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ أَتَدْرُونَ مَا الْغِيبَةُ قَالُوا اللَّهُ وَرَسُولُهُ أَعْلَمُ قَالَ ذِكْرُكَ أَخَاكَ بِمَا يَكْرَهُ قِيلَ أَفَرَأَيْتَ إِنْ كَانَ فِي أَخِي مَا أَقُولُ قَالَ إِنْ كَانَ فِيهِ مَا تَقُولُ فَقَدْ اغْتَبْتَهُ وَإِنْ لَمْ يَكُنْ فِيهِ فَقَدْ بَهَتَّهُ  (رواه ومسلم) ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. " ޣީބައަކީ ކޮން އެއްޗެއްކަން ތިޔަބައި މީހުންނަށް އެނގޭ ހެއްޔެވެ! އެހިނދު ޞަޙާބީން ދެންނެވިއެވެ. އެންމެ މޮޅަށް ދެނެ ވޮޑިގަންނަވަނީ ﷲއާއި އެކަލާނގެ ރަސޫލާއެވެ." ރަސޫލާ ޙަދީސް ކުރެއްވިއެވެ.  "އެއީ ތިބާގެ އަޚާ ނުރުހޭވާހަކަ ދެއްކުމެވެ." ޞަޙާބީން ސުވާލު ދެންނެވިއެވެ! "ތިމަންމެން ބުނާސިފަތައް އެމީހެއްގެ ކިބައިގައި ހުންނަނަމަ ހުއްދަވާނެތޯއެވެ؟" ހަދީސް ކުރެއްވިއެވެ.  "އެމީހެއްގެ ކިބައިގައި އެސިފައެއް ވާނަމަ އެއީ ޣީބައެވެ. އަދި އެސިފައެއް އެމީހެއްގެ ކިބައިގައި ނުވާނަމަ އެއީ ބުހުތާން ދޮގެވެ."
ޣީބަ ބުނުމާ ބެހޭގޮތުން މާތް ﷲ ތަޢާލާ ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ. وَلَا يَغْتَب بَّعْضُكُم بَعْضًا ۚ أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ ۚ وَاتَّقُوا اللَّهَ ۚ إِنَّ اللَّهَ تَوَّابٌ رَّحِيمٌ (الحجرات:12)  އަދި އެއްބަޔަކު އަނެއްބަޔަކަށް غيبة ނުބުނާށެވެ! ތިޔަބައިމީހުންކުރެ އެކަކުވެސް އޭނާގެ أخ އާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އެކަމަކަށް ނުރުހޭނޫއެވެ. އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން توبة قبول ކުރައްވާ رحيم ވަންތަ އިލާހެވެ.
ޣީބަ ބުނާއަޑު އިވިއްޖެނަމަ އެކަން މަނާ ކުރާށެވެ. މުއުމިނުންނަކީ އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިންގެ ގޮތުގައިވާ ބައެކެވެ. ﷲ ތަޢާލާ ކީރިތި ޤުރުއާނުގައ ވަޙީ ކުރައްވާފައިވެއެވެ. وَالْمُؤْمِنُونَ وَالْمُؤْمِنَاتُ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ يَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ وَيُقِيمُونَ الصَّلَاةَ وَيُؤْتُونَ الزَّكَاةَ وَيُطِيعُونَ اللَّـهَ وَرَسُولَهُ ۚ أُولَـٰئِكَ سَيَرْحَمُهُمُ اللَّـهُ ۗ إِنَّ اللَّـهَ عَزِيزٌ حَكِيمٌ  (توبة 71)  مؤمن ފިރިހެނުންނާއި، مؤمن އަންހެނުންނީ، އޭގެ އެއްބަޔަކު އަނެއްބަޔެއްގެ އެހީތެރިން ކަމުގައިވާ މީހުންނެވެ. އެއުރެން ހެޔޮކަންތަކަށް أمر ކުރެތެވެ. އަދި އެއުރެން ނުބައިކަންތައް ނަހީކުރެތެވެ. އަދި އެއުރެން ނަމާދު قائم ކޮށް، زكاة ދީ، اللَّه އާއި އެކަލާނގެ رسول އާއަށް ކިޔަމަންވެތެވެ. އެއުރެންނަށް اللَّه رحمة ލައްވާހުށްޓެވެ. ހަމަކަށަަވަރުން، اللَّه އީ، عزيز ވަންތަ حكيم ވަންތަ ރަސްކަލާނގެއެވެ.
ދުލުން ބޭރު ކުރެވޭ ބަހެއްގެ ސަބަބުން ފަހުން ހިތާމަކުރަން ޖެހިދާނެއެވެ. އެހެންކަމުން ދުލުން ބަހެއް ބޭރު ކޮށްލުމުގެ ކުރިން އިންސާނާއަށް ދެއްވާފައިވާ ބުއްދިން ވިސްނާށެވެ. ދުލުން ބުނެވޭ ބަހެއްގެ ސަބަބުން ނުވަތަ ކުރެވޭ އިޝާރާތެއްގެ ސަބަބުން ނަރަކައިގެ އަހުލުވެރިންގެ ތެރެއިން އަހުލެއް ކަމުގައި ވެގެން ހިނގައިދާނެކަން ވިސްނާށެވެ. ޣީބައަކީ ހަމައެކަނި ދުލުން ކުރެވޭ ކަމެއް ނޫނެވެ. އިޝާރާތުންވެސް ޣީބަ ބުނެވެއެވެ. އެއްދުވަހަކު އުއްމުލް މުއުމިނީންނަ ޢާއިޝާ ރަޟިޔައްﷲ ޢަންހާގެ ގެއަށް އަންހެނަކު ޒިޔާރަތްކުރިއެވެ. އެމީހާ އެނބުރި ދިއުމުން އެއީ ކުރު އަންހެނެކޭ ބުނުމުގެ ނިޔަތުގައި އެކަމަނާ އަތުން އިޝާރާތް ކުރެއްވިއެވެ. އެހިނދު ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ކަމަނާ ޣީބަ ބުނެފިއެވެ. މިކަމުން އެނގިގެންދަނީ ޣީބަ ބުނެވެނީ ހަމައެކަނި ދުލުން ނޫންކަމެވެ.
މިނުރައްކާތެރި ކަމުން ސަލާމަތްވެ ތިބުމަށް އަމިއްލަ ނަފްސަށް ނަޞޭޙަތްތެރިވާ ޙާލު އެންމެހައި މުސްލިމު އަޚުންނާއި އުޚުތުންނަށް ނަޞޭޙަތްތެރިވަމެވެ.
މިލިޔުން ލިޔުމަށް އަސްލަކަށް ބަލާފައިވާނީ "އަލްފިޤުހުލް އިސްލާމީ- އަލްއަޚްލާޤުލް އިސްލާމިއްޔަތި- މަލް ޣީބަ" މިއެވެ. 

No comments: