Featured Post

Ombey

Tuesday, May 15, 2018

dhoguhedhumun rakkaatheri vaasheve!


ދޮގުހެދުމުން ރައްކާތެރިވާށެވެ!

Image result for lies
ލިޔުނީ: ޒީނަތު ލަބީބު.
މިހާރަކަށްއައިސް ދޮގުހެދުންމިވަނީ މަޖަލަކަށް ވެފައެވެ. ދޮގުހަދަނި ހަމައެކަނި އަނގައިން ބޭރުކޮށްލާ ބަސްތަކެއްގެ ގޮތުގައެއްް ނޫނެވެ. ޒަމާނީ ވަޞީލަތްތައް މެދުވެރިކޮށްގެންވެސް ދޮގުހަދައެވެ. އެއީ މީހުންގެ ތެރޭގައި މަޝްހޫރު ނުވަތަ މުއްސަނދިކަން ދެއްކުމަށްވެސް ކުރާކަމެކެވެ. ގޭގެ އެނދުމަތީ ނިދަންއޮވެ ކޮންމެވެސް ތަނަކަށް ޗެކިންކޮށްލުންފަދަ  ދޮގުހެދުމަކީ ބައެއްމީހުންގެ ހޮބީއެކޭ ބުންޏަށް ދޮގަކަށް ނުވާނެއެވެ. އެއްވެސް ކަމަކަށްނުވާ ކަންތައްތަކަށް ވެސް މީހުންދަނީ ބޮޑެތި ދޮގުހަދަމުންނެވެ. ދޮގުހެދުމަކަށް ވަކި ފަންތިއެއް ވަކި ޢުމުރެއް ނެތެވެ. އެންމެ މަތީ ފަންތީގެ މީހާއިން ފެށިގެން އެންމެ އާދައިގެ މީހާއާ ހަމައަށްވެސް ދޮގުހެދުން މިއޮތީ ފޯރާފައެވެ. މީހުން ދޮގު ހަދަމުންދަނީ އެއީ ކިހާވަރެއްގެ ކަމެއްކަން ނޭނގޭތީ ހެއްޔެވެ؟ މުޅިއަކުން އެހެނެއްވެސް ނޫނެވެ. އެއްދޮގު ހަދައިފިއްޔާ ސާޅިސް ދޮގު އެދޮގު ފޮރުވަން ހަދަންޖެހޭކަމަށް މުސްކުޅިންވެސް ބުނެއުޅެއެވެ.
ދޮގުހަދާމީހުން ދޮގުހަދަމުންދަނީ އެމީހުންނަށް ﷲ ތަޢާލާ ދެއްވާފައިވާ މަތިވެރި ދަރަޖަ އެމީހުންނަށް ނޭނގެނީ ކަމަށް ވެދާނެއެވެ. ހުރިހާ މަޚްލޫގުންނަށްވުރެ އިންސާނުންގެ ޤަދަރުވަނީ އުފުލިގެންނެވެ. ދޮގުހަދާ މީހުންނަކީ ޙާލަތުގެ ގޮތުން ޖަނަވާރުތަކަށްވުރެ ނުބައި ޙާލަތެއްގައިވާ ބައެއްކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. ދޮގުހެދުމުގެ ސަބަބުން ދުނިޔެއާއި އާޚިރަތް ފަސާދަވެ ދޮގުވެރިޔާގެ ޙާލަތު ޖަނަވާރަކަށް ވުރެ ގޯސްކަމަށް ޝައިޙުލް އިސްލާމް އިބްނު ތައިމިޔާ ވިދާޅުވިއެވެ. މީހާގެ އެތެރެފުށުންނާއި ބޭރުފުށުން ފެންނަ ކޮންމެ ފާސިދު ޢަމަލެއްގެ އަޞްލަކީ ދޮގުވެރިކަމެވެ. ޝައިޚުލްއިސްލާމް ވިދާޅުވިއެވެ. ދޮގުވެރިޔާއަށް ﷲގެ ޙަޟްރަތުން ގިނަގުނަ ޢުޤޫބާތްތަކެއްވެއެވެ. ދޮގުހަދާމީހަކަށް އެއްވެސް ކަމަކުން ކުރިއެރުމެއް މަންފާއެއް ނުލިބޭނެއެވެ. ދޮގުވެރިންދެކެ މީހުން ފޫހިވާނެއެވެ. އެފަދަ މީހަކަށް އިތުބާރު ކުރާނެ މީހެއްވެސް ނުވާނެއެވެ. އޭގެއިތުރުން ދޮގުވެރިކަމަކީ މުނާފިޤުކަމަށް މަގުފަހިކޮށްދޭ އެއްއަސާސެވެ. މާތް ނަބިއްޔާ  މުޙައްމަދު صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ. آيَةُ الْمُنَافِقِ ثَلَاثٌ: إِذَا حَدَّثَ كَذَبَ وَإِذَا وَعَدَ أَخْلَفَ وَإِذَا اؤْتُمِنَ خَانَ. މާނައީ: މުނާފިޤުންގެ ޢަލާމާތްތައް ތިނެކެވެ. ވާހަކައެއް ދައްކައިފިނަމަ ދޮގުހަދާނެއެވެ. އަދި ވަޢްދެއްވެއްޖެނަމަ ޚިލާފުވާނެއެވެ. އަދި އަމާނާތެއް ހަވާލުކޮށްފިނަމަ ޚިޔާނާތްތެރިވާނެއެވެ.
މުނާފިޤުންގެ އެންމެ ފުރަތަމަ ޢަލާމާތެއްގެ ގޮތުގައި ފާހަގަ ކުރައްވާފައި ވަނީ ދޮގުވެރިކަމެވެ. އެހެންކަމުން ދޮގުވެރިކަމުން ރައްކާތެރިވެ ދުރުހެލިވާން ޖެހެއެވެ. ދޮގުވެރިކަމަކީ މީހާ ނިކަމެތިކޮށް އެކަނިވެރިކޮށްލާ ކަމެކެވެ. އަދި މީހުންގެ ރުޅިވެރިކަމާއި ނަފްރަތު ލިބިދޭ ކަމެކެވެ. މުނާފިޤުންގެ މިނުބައި ޢަމަލުން ރައްކާތެރިވާން އެކަކު އަނެކަކަށް ހިއްވަރުދޭށެވެ. ﷲ ތަޢަލާ އަޅަމެންގެ ތެރެއިން މިވަބާ ފިއްލަވާފާނދޭވެ. އާމިން


No comments: