Featured Post

Ombey

Wednesday, May 16, 2018

dhamu namaadhu kuraanee kihinneh?


ތަހައްޖުދު ނަމާދު (ދަމުނަމާދު) ކުރާނީ ކިހިނެއް؟


Image result for ‫صلاة التهجد‬‎
ލިޔުނީ: ޒީނަތު ލަބީބު.
ދަމުނަމާދު ކުރާނީ ދެރަކްޢަތުން ސަލާމްދެމުންނެވެ. އިބްނު ޢުމަރަ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާ ވެގެންވެ އެވެ. މީހަކު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ އަރިހުގައި ރޭއަޅުކަން ކުރާނީ ކިހިނެއްތޯ ދެންނެވުމުން ޙަދީޘް ކުރެއްވިއެވެ. صَلَاةُ اللَّيْلِ مَثْنَى مَثْنَى فَإِذَا خَشِيَ أَحَدُكُمْ الصُّبْحَ صَلَّى رَكْعَةً وَاحِدَةً تُوتِرُ لَهُ مَا قَدْ صَلَّى (البخاري ومسلم) މާނައީ: ރޭއަޅުކަން ވަނީ ދެރަކްޢަތުން ދެރަކްޢަތުން ނެވެ. ދެރަކްޢަތް ކޮށްފަ ސަލާން ދިނުމަށްފަހު އަނެއްކާ ދެރަކްޢަތެވެ. އަދި ފަތިސްވެދާނެ ކަމުގެ ބިރު ހީވެއްޖެނަމަ އިސްވެދިޔަ ރަކްޢަތްތަކަށް ވިތުރީގެ އެއް ރަކްޢަތް އިތުރު ކުރާށެވެ!
ދަމުނަމާދުގެ އެންމެ ގިނަ މިންވަރަކީ އަށް ރަކްޢަތެވެ. ވިތުރިއާއި އެކު އެގާރަ ރަކްޢަތެވެ. އަށް ރަކްޢަތް ހަމަވުމުން ތިން ރަކްޢަތުން ވިތުރި ކުރުމުން ނިމުނީއެވެ. ނުވަތަ ދިހަ ރަކްޢަތް ކޮށް އެއްރަކްޢަތުން ވިތުރި ކުރާނީ އެވެ. ދަމުނަމާދުގެ އެންމެ މަދުމިނީ ދެރަކްޢަތެވެ. އަދި ވިތުރީގެ އެއްރަކްޢަތެވެ.
އުއްމުލް މުއުމިނީނަ ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެން ވެއެވެ. عائشة رضي الله عنها قالت: مَا كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَزِيدُ فِي رَمَضَانَ وَلَا فِي غَيْرِهِ عَلَى إِحْدَى عَشْرَةَ رَكْعَةً. (البخاري) މާނައީ: ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ރަމަޟާން މަހުގައިވެސް އަދި އެނޫން މައްސަރެއްގައި ވެސް އެގާރަ ރަކްޢަތަށް ވުރެ އިތުރެއް ނުކުރައްވައެވެ. އެގޮތުން ދަމުނަމާދުގެ ކުރާނީ ދެރަކްޢަތް ނުވަތަ ހަތަރު ރަކްޢަތް ނުވަތަ ހަރަކްޢަތް ނުވަތަ އަށް ރަކްޢަތެވެ. އެމީހަކަށް ދަތިކަމަކާނުލާ ދާއިމީކޮށް ކުރެވޭ ޢަދަދެއްގައި ހުފުމަކީ އެންމެ ރަނގަޅު ގޮތެވެ. ބައެއް ރޭރޭ މަދުން އަނެއްބައި ރޭރޭ ގިނައިން ކުރުމަކީ މައްސަލައެއް ނޫނެވެ.
ދަމުނަމާދުގައި އެދެވިގެންވާ ގޮތަކީ ވިހާ ދިގުކޮށް ޤުރުއާން ކިޔެވުމާއި ރުކޫޢާއި ސަޖިދަ ދިގުކުރުމެވެ. ރަކްޢަތްތަކުގެ ޢަދަދު އިތުރުކުރުމެއް ނޫނެވެ. ދަމުނަމާދު ކުރުން އެންމެ އައުލާވެގެންވާ ވަގުތަކީ މީހުން ނިދާފައި ތިބޭ ވަގުތެވެ. އެއީ ރޭނގަޑުގެ ތިންބައި ކޮށްފައި ތިންވަނަ ބައި ފެށިގެން ފަތިސް ވަންދެނެވެ. އެވަގުތަކީ ދުނިޔޭގެ އުޑަށް ޢާލަމްތަކުގެ ވެރި ﷲ (އެއިލާހުގެ ޛާތުފުޅާއި އެކަށީގެންވާ ގޮތަކަށް) ފައިބައިވޮޑި ގަންނަވައެވެ. އެވަގުތަކީ މީހަކު ކަމަކަށް އެދި ﷲއަށް ދަންނަވަން ލިބޭ އަގުހުރި ވަގުތުކޮޅެކެވެ.  قوله صلى الله عليه وسلم: ينزلُ ربُّنا تباركَ وتعالى كلَّ ليلةٍ، حينَ يبقى ثلثُ الليلِ الآخِرُ إلى السَّماءِ الدنيا، فيقولُ: من يدعُوني فأستجيبَ لهُ؟ ؟ مَنْ يسألُني فأُعطيَهُ؟ من يَسْتَغْفِرُنِي فأغفر له؟ މާނައީ:" އަޅަމެން ހައްދަވައި ގެންގުޅުއްވާ މަތިވެރިވެވޮޑިގެންވާ އިލާހު ކޮންމެ ރެޔަކު އެރޭގެ ތިންބައިކުޅަ ދެބައި ފާއިތުވުމަށްފަހު ދުނިޔޭގެ އުޑަށް (އެއިލާހުގެ ޛާތުފުޅާއި އެކަށީގެންވާ ގޮތަކަށް) ފައިބައިވޮޑި ގަންނަވައެވެ. އެއިލާހު ވަޙީކުރައްވައެވެ. ތިމަންއިލާހަށް ދުޢާ ދަންނަވަނީ ކާކުހެއްޔެވެ؟ ފަހެ ތިމަންއިލާހު އެމީހެއްގެ ދުޢާ އިޖާބަކުރައްވާހުށީމެވެ. އަދި ތިމަންއިލާހަށް (ކަމަކަށް އެދި) ދަންނަވަނީ ކާކުހެއްޔެވެ؟ ފަހެ ތިމަންއިލާހު އެމީހަކަށް ދެއްވާހުށީމެވެ. އަދި ތިމަންއިލާހުގެ ޙަޟްރަތުން ފާފަފުއްސެވުން އެދި ދަންނަވަނީ ކާކުހެއްޔެވެ؟ ފަހެ ތިމަންއިލާހު އެމީހެއްގެ ފާފަފުއްސަވައިދެއްވާ ހުށީމެވެ."
ދަމުނަމާދު ކުރުމަށްޓަކައި ނިދުމަކީ ލާޒިމުކަމެއް ނޫނެވެ. ނަމަވެސް ނިދާފައި ހޭލައިގެން ނަމާދު ކުރުމަކީ މީހާ ތާޒާވެ މުރާލިވާނެ ކަމެކެވެ. ވީމާ ނިދާފައި ހޭލައިގެން ކުރެވެން އޮތްނަމަ އެގޮތަށް ކުރުން އައުލާކަން ބޮޑެވެ. އެހެންނަމަވެސް ރޭގަނޑު ހޭލާ ހުންނަން ޖެހޭ މީހަކު ނުނިދައި ނަމާދު ކުރުމަކީ މައްސަލައެއް ނޫނެވެ. ދަމުނަމާދުގައި ކިޔަވާކަށް ވަކި ޚާއްޞަ ސޫރަތެއް ނުވެއެވެ. (والله أعلم)

މިލިޔުން ލިޔުމަށް އަސްލަކަށް ބަލާފައިވަނީ ما هي صلاة التهجد وطريقة صلاتها އެވެ.


No comments: