ޔައުމިއްޔާ އަކީ ކޮބާ ؟
ލިޔުނީ: ޒީނަތު ލަބީބު.
ޔައުމިއްޔާއަކީ ، ކޮބައިބާވައެވެ؟ ޔައުމިއްޔާއަކީ، ކަމެއް ހިނގަމުންދާގޮތް ފަހުން ބަލާލުމުން އޮޅުން ފިލާގޮތަށް ލިޔެފައިވާ ލިޔުމެވެ. ނުވަތަ ފޮތެވެ. ޔައުމިއްޔާއެއް ލިޔުމުގައި އަބަދުވެސް ހަނދާން ބަހައްޓަންވާނީ މިއަދު ހިނގާ ކަންތައް މިލިޔާގޮތަށް ލިޔެގެން، މީގެ އެތައް އަހަރެއް ފަހުން ބަލާމީހަކަށް، މިއަދު ކަންތައް ހިނގިގޮތް ހިތަށް ގެނެވޭނެ ބާވައެވެ؟ ކަމެއް ހިނގި ގޮތް ލިޔެވޭގޮތަކުން ފަހުން ބަލާމީހަކަށް އެ ލިޔުން ކިޔައިގެން އެކަން ހިނގިގޮތް ސާފުނުވެ ހިގައިދާނެއެވެ. އެއީ ، މިލިޔާ ސަބަބުން ކުރެ ސަބަބަކާ ހެދިއެވެ.
× އެކަށީގެންވާ ވަރަށް މަޢުލޫމާތު ނެތުން
×
އެކަށިގެންވާ ތަފްޞީލު ނެތުން
×
ތެދު މަޢުލޫމާތު ނެތުން
×
ކަމުގެ ތަފްޞީލަށްވުރެ ބޭރުވާހަކަތަށް ގިނަވުން
×
ތަޢާރަފެއް ނެތި ސިޓީއެއްގެ ނުވަތަ މެސެޖެއްގެ
ނަމްބަރު އެކަނި ލިޔުން
ވީމާ ، ޔައުމިއްޔާ
ލިޔުމުގައި މިނުކުތާތަކުގެ މައްޗަށް ސަމާލުކަން ދޭންޖެހޭނެއެވެ.
ޔައުމިއްޔާ އޮންނާނެގޮތް
ޔައުމިއްޔާ މިކިޔަނީ، އޮފީހެއްގައި
އެދުވަހެއްގެ ކަންތައްތައް ހިނގަމުންދާފޮތަށެވެ.
އެފޮތް
އޮންނާނީ ބޭރުގައި "ޔައުމިއްޔާ" މިގޮތަށް ލިޔެ، އޭގެ ތިރީގައި އެޔައުމިއްޔާ
ފޮތް ލިޔަން ފެށި ތާރީޚު ޖަހައި، އަދި ތިރީ ކަނުގައި އެ އޮފީހެއްގެ
ނަންލިޔެފައެވެ. ކަރުދާސް ލާފައިވާ ޔައުމިއްޔާ ފޮތުގެ އެތެރޭގެ ފުރަތަމަ
ގަނޑުގައި، އެއްގޮތަށް ލިޔެލުން ރަނގަޅު ވާނެއެވެ. އެއީ ބޭރުގެ ކަރުދާސް އައުކުރި
ނަމަވެސް، އަލުން ލިޔެލުމަށާއި ކަރުދާސް ވީދިގެން ދިޔަނަމަވެސް، ފޮތުގެ އެތެރޭން
މަޢުލޫމާތު އެނގޭނެތީއެވެ.
ޔައުމިއްޔާގެ އެތެރޭގއި އަލަށް ލިޔަން ފަށާ ފޮތުގެ ފުރަތަމަ ގަނޑުގެ މަތީގައި ބިސްމި ލިޔެފައި އެދުވަހެއްގެ މީލާދީ ތާރީޚާއި، ހިޖްރީ ތާރީޚު އަދި ދުވަސް ލިޔެ ޔައުމިއްޔާ ފަށައިގަންނާނީއެވެ. އައު އަހަރެއް ފެށޭ ނަމަވެސް ބިސްމި ލިޔެ، އަހަރުގެ ނަން ލިޔެ، އެދުވަހެއްގެ ތާރީޚް ޖަހައި، ޔައުމިއްޔާ ލިޔަމުން ގެންދާނީއެވެ. ކޮންމެ ދުވަހެއްގެ ޔައުމިއްޔާ ފެށުމުގެ ކުރިންވެސް، މީލާދީ އަދި ހިޖްރީތާރީޚާއި ދުވަހުގެ ނަން ލިޔަންވާނެއެވެ.
އެދުވަހެއްގައި ހިނގި ޚާއްސަކަންތައްތައް، އައު ފެށުމަކުން ފަށާގޮތަށް ލިޔާނީއެވެ. އަދި އެކިއެކި ސުރުޚީ ލިޔެފައި އޭގެ ދަށުގައިވެސް ނަކަލު ކުރަމުން ގެންދެވިދާނެއެވެ.
ޔައުމިއްޔާގައި ލިޔާނެ ވާހަކަތައް
ޔައުމިއްޔާގައި ލިޔާނީ، ކޮންކޮން ކަހަލަ
ކަންތައްތަކެއްގެ ވާހަކަތަކެއްބާވައެވެ. މިއީ، ކަނޑައެޅިގެން މިވެނި ވާހަކަތަކެކޭ
ދަންނަވަން ދަތި ސުވާލެކެވެ. ސަބަބަކީ އެއްބަޔަކަށް ނުލާހިކު މުހިއްމު ކަމަކީ،
އަނެއް ބަޔަކަށް އެހާ މުހިއްމު
ކަމަކަށްނުވެ ހިނގައިދާނެތީއެވެ. މުހިއްމު ކަންތައްތަކާއި، ޚާއްސަ ކަންތައްތައް،
އެކަކު ދެކޭގޮތް އަނެކަކާއި ޚިލާފު ވެދާނެތީއެވެ.
ކޮންމެ އަކަސް ފެށުނުއިރު ބުނިފަދައިން، ޔައުމިއްޔާއަކީ، ކަމެއް ނުވަތަ ކަންތައްތަކެއް ހިނގަމުން ދިޔަގޮތް، ފަހުން ބަލާމީހުންނަށް ސާފުވާގޮތަށް ލިޔެފައި އޮންނަ، ހަޤީޤީ ތާރީޚު ކަމަށްވާތީ، ޔައުމިއްޔާގައި ހިނގާ ކަންތައްތައް ރނގަޅަށް ލިޔުން ބޭނުމެވެ. އެކަމެއް ހިނގާ އިރެއްގައި އެހާ ޚާއްޞަނުވި ނަމަވެސް، ކުރިއަށް އޮތް ޒަމާނަށް އެކަން ލިޔެވިފައި ނެތުމުން ބައެއް އުނިވާގޮތް ވެދާނެއެވެ. މިއީ، މިހާރުވެސް ތަޖުރިބާ ކުރެވެމުންދާ ކަމެކެވެ.
ލިބޭ ސިޓީއާއި މެސެޖް، ރިޕޯޓް، އަންނަ މައްސަލަތަކާއި ހުށަހެޅޭ ޝަކުވާތައް ލިޔުމުގެ އިތުރަށް ފޮނުވޭ ސިޓީ، މެސެޖް، ރިޕޯޓް، އަދި ނިންމާ މައްސަލަތަކާއި، ތަޙްޤީޤުކޮށް ބަލާކަންތައްތައް ނޯޓްކޮށް ތަފްޞީލު ބޭނުންވާ ކަންތައްތައް ތަފްޞީލުކޮށް، ޚުލާޞާކުރަން ޖެހޭ ކަންތައްތައް ޚުލާޞާކުރުން ބޭނުމެވެ. އާދަޔާ ޚިލާފު ކަންތައްތަކާއި ޙާދިޡާތައް ފާހަގަކުރެވޭ އުފާވެރި ހަފްލާތަކާއި، ހިތާމަވެރި ކަންތައްތައް ލިޔުންވެސް ބޭނުމެވެ.
ޔައުމިއްޔާ ލިޔުމަށްޓަކައި ނޯޓްކުރުން
ޔައުމިއްޔާގައި ލިޔުމަށްޓަކައި ހިނގާ ކަންތައްތައް ނޯޓުކުރުމަކީ، އެކިމީހުނަށް މަސައްކަތް ބަހާލެވިގެން ހިނގާއިރު، އެކަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ވީމާ ޔައުމިއްޔާ ލިޔުމާއި ޙަވާލުވެފައިވާ މީހާއަށް، އެދުވަހެއްގެ ކަންތައްތައް ނޯޓުކޮށްފައި ދިނުމަކީ، އެންމެންކުރަން ޖެހޭ ކަމެކެވެ. އެންމެންނޭ ބުނެފައި އެވަނީ، އެކިކަންކަމާއި ހަވާލުވެގެން ކަންތައްތައް ކުރުވަމުން ގެންދާ މީހުންނަށެވެ. އޮފީހުގައި އެންމެންގެ ކަންތައްތައް ނޯޓުކުރަން ނޯޓު ފޮތެއް ބޭއްވިދާނެއެވެ. އެކި މީހުން ނޯޓުކޮށްފައި ޔައުމިއްޔާއަށް ދެވިދާނެއެވެ. ނުވަތަ ޔައުމިއްޔާ ލިޔާމީހާ، އެކިމީހުންކުރެ ހިނގި ކަންތައްތަކުގެތަފްޞީލު ހޯދައި، ޔައުމިއްޔާ ލިޔެވިދާނެއެވެ.
ޔައުމިއްޔާ ބަލައި ސޮއިކުރުން
ލިޔެވެމުންދާ
ޔައުމިއްޔާ ޤަވާޢިދުން ބަލައި، އެއޮފީހެއްގެ އިސްވެރިޔަކުސޮއި ކުރަން ޖެހޭނެއެވެ.
ސޮއި ކުރާނީ، ހިނގާ ދުވަހުގެ ޔައުމިއްޔާ ޖެހިގެން އަންނަ ދުވަހުގައެވެ. ނުވަތަ
ހިނގާ ހަފްތާގެ ޔައުމިއްޔާ ޖެހިގެން އަންނަ
ހަފްތާގައެވެ. ކޮންމެއަކަސް އެހިނގި ކަމެއް ހަނދާންނެތިގެން ނުދަނީސް
އަވަހަށް އެ ޔައުމިއްޔާ ބަލައި، ބެލިކަމަށް ސޮއިކޮށް ނަންޖަހަން ވާނެއެވެ.
މިސޮޔަކީ، ޔައުމިއްޔާއަކީ، ޞައްޚަ، ކުށެއްނެތް ޔައުމިއްޔާއެއް ކަމަށް ކުރެވޭ ސޮޔެކެވެ.
ވިމާ، ސޮއިކުރާ މީހަކު ޔައުމިއްޔާގައި ލިޔެވިފައިވާ ވާހަކަތަކަށް ރަނގަޅަށް ވިސްނައި،
ސާފުނުވާ އެއްޗެއް ވާނަމަ ސާފުކޮށް، ކުށެއް ވާނަމަ ސޮއިކުރުމުގެ ކުރީގައި އިޞްލާޙު
ކުރަންވާނެއެވެ.
މުހިއްމުކަންތައްތައް ނޯޓުކުރާ ފޮތެއް
ބެލެހެއްޓުން
އޮފީހެއްގައި ކަންތައްތައް ހިނގަމުން ގޮސްފައިވާ ގޮތް އެނގޭނެ ގޮތަށް ޔައުމިއްޔާ ލިޔެވިފައި އޮވެއެވެ. އަދި ރަށްރަށުގެ އޮފީހުގައިވެސް މިފަދަ ޔައުމިއްޔާއެއް އޮވެއެވެ. މި ޔައުމިއްޔާގެ އިތުރަށް ރަށްރަށުގައި މުހިއްމު ކަންތައްތައް ނޯޓުކުރާނެ ފޮތެއް، އޮތުމަކީ، ކޮންމެހެން ބޭނުން ކަމެކެވެ.
އޮފީހެއްގައި ކަންތައްތައް ހިނގަމުން ގޮސްފައިވާ ގޮތް އެނގޭނެ ގޮތަށް ޔައުމިއްޔާ ލިޔެވިފައި އޮވެއެވެ. އަދި ރަށްރަށުގެ އޮފީހުގައިވެސް މިފަދަ ޔައުމިއްޔާއެއް އޮވެއެވެ. މި ޔައުމިއްޔާގެ އިތުރަށް ރަށްރަށުގައި މުހިއްމު ކަންތައްތައް ނޯޓުކުރާނެ ފޮތެއް، އޮތުމަކީ، ކޮންމެހެން ބޭނުން ކަމެކެވެ.
ކީއްކުރާ ފޮތެއް
މި
ފޮތުގެ ބޭނުމަކީ، ޕޮއިންޓުގޮތަށް ރަށުގައި
ހިނގާ އާދަޔާ ޚިލާފުކަންތައް ނޯޓު ކުރުމެވެ. އެއީ، ވަކި ކަމެއް ހިނގި ތާރީޚު
ކުއްލިއަކަށް ބަލާލަން ވެއްޖެނަމަ، އަވަހަށް ފެންނާނޭ ގޮތަކަށް ބޭއްވުމެވެ. މިފޮތް
އޮތުމުން، ހުރިހާ ޔައުމިއްޔާ ފޮތްތައް ނުބަލައި ފަރުޖެހިދާނެއެވެ. ޕޮއިންޓުގޮތަށް
ނޯޓުކޮށްފައި ހުރުމުން ވަރަށް ކުޑަ ތަންކޮޅެއްގައި އެތައް ދުވަހެއްގެ ހާދިސާތައް
ލިޔެވޭނެއެވެ. މިފޮތް ބެލެހެއްޓުމުން ކަމެއްގެ ޚަބަރެއް ލިޔާއިރު، އެފަދައެހެން
ހާދިޡާތައް ހިނގާފައިވާ ތާރީޚު ދެވިދާނެއެވެ. އަދިރިޕޯޓެއް ލިޔާއިރު، އެރިޕޯޓަކާއި
ގުޅޭ މައްސަލަތައް (މިޡާލަކަށް އަލިފާނުގެ ހަދިޡާ) ކުރިންހިނގާފައިވާ ތާރިޚުތައް
ދެވިދާނެއެވެ. އަދިކޮންމެވެސް ފަރާތަކުން ތިޔަ ރަށުގައި އެންމެ ފަހުން މިވެނި
ކަމެއް ހިނގީ ކޮންދުވަސް ވަރެއްގައިތޯ ސުއާލު ކުރުމުން މާބޮޑު އުދަގުލެއްނެތި އެ
މަޢުލޫމާތު ދެވިދާނެއެވެ.
ރަށްރަށުގެ އޮފިހުގެ ޔައުމިއްޔާގައި އޮފީހުގެ ހިނގާ ކަންތައްތަކުގެ އިތުރަށް ރަށުގައި ހިނގާ މުހިއްމު ކަންތައްތަކާއި، ޚާއްޞަ ކަންތައްތައްވެސް ނޯޓުކުރެވޭނަމަ ރަނގަޅުވާނެއެވެ. ރަށުއޮފީހަކީ، ރަށުގެ ކަންތައްތަކާއި ޙަވަލުވެފައިވާ އޮފީހެވެ. ވީމާ، ރަށުގެ ބޮޑެތި ކަންތައްތައް ޔައުމިއްޔާއަށް އަރަންޖެހޭނެއެވެ. ކޮންމެއަކަސް ޔައުމިއްޔާގެ އިތުރަށް ބޮޑެތި ކަންތައްތައް ނޯޓުކުރާ، ބުނެވިދިޔަ ފޮތް އޮތުމަކީ، ހުރިހާގޮތަކަށް ވިސްނާއިރުވެސް ބޭނުންތެރި ކަމެކެވެ.
ނޯޓުކުރާނީ ކޮން މަޢުލޫމާތުތަކެއް؟
ބޮޑެތި ކަންތައްތައް، މުހިއްމު ކަންތައްތައް،
ޚާއްޞަ ކަންތައްތައް، ނޯޓުކުރާ ފޮތުގައި،
ނޯޓުކުރާނީ، ކަމެއް ކިހައި ބޮޑުވިމާ ބާވައެވެ؟ ކިހާ މުހިއްމު ވީމާ ބާވައެވެ؟ ކިހާ
ޚާއްޞަ ވީމާ ބާވައެވެ؟ މިއީ ކަނޑައެޅިގެން ވަކި ގޮތަކަށް ނިންމަން ދަތިކަމެކެވެ.
ވަކި ޖަވާބެއް ދީފައި ފުއްދާލަން ދަތި ސުއާލެކެވެ. ސަބަބަކީ، އެކި މީހުންނަށް
މުހިއްމު ވާނީ އެކި ކަންތަކެވެ. އެކި ރަށަށް ޚާއްޞަ ވާނީ އެކި ކަންތަކެވެ. ނެރުން
ވަންނަނިކޮށް ދޯނިބަންޑުން ޖަހާލުންފަދަ، ހާދިޡާ އަކީ، ކޮންމެ ދުވަހެއްގެ ދިރިއުޅުމުގެ އެއްބައިކަމަށް ވެފައިވާ ރަށަކަށް އެކަން އެހާ މުހިއްމުނުވި ނަމަވެސް މިފަދަކަމެއް ނުހިނގާ ރަށެއްގައި ކުއްލިއަކަށް ނެރުމައްޗަށް ދޯންޏެއް ބަންޑުން
ޖަހާލުމަކީ، މުހިއްމު ކަމަކަށް ވެދާނެއެވެ. ދިޔަވަރު އެންމެ ބޮދުވާ ދުވަސްވަރު
ރަށަށް ރާޅުއެރުމަކީ، ވަރަށް އާދައިގެ ކަމަކަށް ވެފައިވާ ރަށަކަށް މިކަން
ނޯޓުކުރާވަރު ނުވިޔަސް މިފަދަ ކަމެއް ކުރިން ދިމާވެފައި ނެތް ރަށަކަށް މިއީ ނޯޓުކުރާވަރުގެ
ކަމަކަށް ވެދާނެއެވެ. ދޯނި ބަންޑުން ޖަހާކަމާއި ރާޅުއެރުން އާދައިގެ ކަމަކަށް
ވެފައިވާ ރަށަކަށްވެސް މިކަން ގޮތްތަކެއް އެބައޮތެވެ. އެއި ދޯނި ބަންޑުން
ޖަހާލުމުގައި، މީހެއްގެ ފުރާނައަކަށް ގެއްލުންވުން، ދޯނި ދެފަޅިވުން،
ރާޅުއަރައިގެން ހަރުގެއެއް ވެއްޓުން އަދި ލޮނުގަނޑު ބޮޑުވެގެން އަލައޮޅު ނުވަތަ ދަނޑުބިން ހަލާކުވުން ފަދަ
ކަަމެއްވުމެވެ. ވީމާ، މިފޮތުގައި ލިޔާނި މިވެނި ކަންތަކޭ ބުނުން އެެއީ ވަރަށް
ދަތިކަމެކެވެ.
ލިޔާނެ ބައެއް ކަންކަމުގެ މިސާލު:
×
ފުރަތަމަ ފަހަރަށް (އަލަށް) ރަށުގައި ހިނގާ/ކުރެވޭ ކަންތައްތަައް
×
ހިތާމަވެރި ހާދިޡާ (ރުކަކުން މީހަކު
ވެއްޓި މަރުވުން/އަލިފާނުގެ ހާދިޡާ)
×
ރަށަށް ޚިދުމަތް ކޮށްދީފައިވާ/ޤަދަރުހުރި މިހަކު މަރުވުން
×
ދައުލަތުގެވެރީން ރަށަށް ކުރައްވާ މުހިއްމު
ދަތުރުފުޅުތައް
×
ބޭރު ބޯޓެއް ވަނުން/ބޯޓެއް އެރުން
މިހެންގޮސް މުހިއްމުކަމަށް
ފެނިއްޖެ ކޮންމެ ކަމެއް ނޯޓުކުރެވިދާނެއެވެ.
ފޮތް ބަހައްޓާނެގޮތް
މިފޮތް ބަލަހައްޓާނީ ފުރަތަމަ ތާރީޚަށް ގޮޅިއެއް، ދެން
އެހިނގި ހާދިޡާއަށް ގޮޅިއެއް އަދި އެ މަޢުލޫމާތު ނޯޓުކުރި މީހާގެ ނަމާއި ސޮޔަށް
ގޮޅިއެއް އޮންނަގޮތަށެވެ.
ތާރީޚު ކޮލަމުގައި ހިޖްރީ ތާރީޚާއި މީލާދީ ތަރީޚު އަދި ދުވަސް އޮންނަންވާނެއެވެ. ގަޑި ޖަހަންޖެހޭ ފަދަ ކަމެއްނަމަ، ގަޑި ޖެހިދާނެއެވެ.
އެހިނގި ކަމެއް ނޯޓުކުރާ ކޮލަމުގައި ވީހާވެސް ކުރު ޢިބާރާތަކުން އެކަމެއްގެ ޚުލާޞާ ލިޔާނީއެވެ.
މިޡާލު :
ތާރީޚް
|
ހާދިޡާ
|
ނަމާއި ސޮއި
|
6 ޖުމާދަލްއާޚިރާ 1401
10 އޭޕްރީލް
1981 ހުކުރު
|
މިރަށު
ކާނިގަސްދޮށުގޭ ބަދިގޭގައި އަލިފާން ރޯވެގެން އެކަށް އެނދީ
މިހަކަށް ކަމެއް
ނުވޭ (އެނދި ތަކެއްޗާއި ތަފްޞީލް ޔައުމިއްޔާގައި)
|
މިގޮތަށް
މަޢުލޫމާތުތައް ނޯޓުކުރާއިރު އަހަރުވެސް ނޯޓުކުރެވިދާނެއެވެ. އަހަރެއް ނިމުމުން
ފެށޭ އަހަރުގެ ތާރީޚު ބޮޑުކޮށް ޖަހާފައި، އޭގެދަށުގައި އެއަހަރަކު ހިނގި
ކަންތައްތައް ލިޔާގޮތަށެވެ.
ބޭނުންނަމަ، މިފަދަ ކަންތައްތައް އެކިއެކި ކަންކަމަށް ބަހައިލައިގެންވެސް ލިޔެވިދާނެއެވެ. އަލިފާނުގެ ހާދިޡާ މިހެން ލިޔެފައި އެއަހަރަކު ހިނގި ހުރިހާ އަލިފާނުގެ ހާދިޡާއެއް ލިޔާނީއެވެ. ދަތުރުފުޅުތައް މިގޮތަށް ލިޔެފައި އެއަހަރަކު ދައުލަތުގެ ބޭފުޅުން ރަށަށް ކުރެއްވި ޚާއްޞަ ދަތުރުފުޅުތައް ލިޔާނީއެވެ. ތަރައްޤީޤެ މަސައްކަތް މިގޮތަށް ލިޔެފައި އެއަހަރުގެ ތެރޭގައި ހިނގި ބޮޑެތި ތަރައްޤީގެ މަސައްކަތް ލިޔާނީއެވެ.
މިފޮތުގައި ލިޔުމަކި، ޔައުމިއްޔާގައި ނުލިޔެ ފަރުނުޖެހޭނެކަމެއްނޫނެވެ. ހަޤީޤަތުގައި މިފޮތަށް އަރަންވާނީ ޔައުމިއްޔާއިންނެވެ. ޔައުމިއްޔާގައި އޮންނާނީ ހުރިހާ ތަފްޞީލެކެވެ. އެއްގޮތަކަށް ބަލާއިރު މިފޮތަކީ، ޔައުމިއްޔާގައި ލިޔެފައިވާ ރަށުގައި ހިނގި ބޮޑެތި ކަންތައްތަކުގެ ފިހުރިސްތެކޭވެސް ބުނެވިދާނެއެވެ.
މަޞްދަރު:
ޙަސަން ލަބީބު. ކެމީ.
ސ.ހިތަދޫ
________________________________
No comments:
Post a Comment