ކޮންމެ މުސްލިމަކަށް އެނގުން ލާޒިމް ހަތަރުކަން
ލިޔުނީ: ޒީނަތު ލަބީބު.
1-
ޢިލްމުއުނގެނުން:
ކީރިތި ޤުރުއާނަކީ ﷲ ތަޢާލާ ޖިބްރީލް ޢާލައިހިއްސަލާމް މެދުވެރިކުރައްވާ
އަޅުގަނޑުމެންގެ މާތް ނަބިއްޔާ محمد صلى الله عليه وسلم ގެ މައްޗަށް
ބާވައިލެއްވި އެކަލާނގެ ވަޙީ ބަސްފުޅެވެ. މިފޮތަކީ މުސްލިމުންގެ ދުސްތޫރު
ހިދާޔަތުގެ އަލިގަދި ނޫރެވެ. ކީރިތި ޤުރުއާނުގެ
އެންމެ ފުރަތަމަ އާޔަތެއްގެ ގޮތުން ޢަލަޤު ސޫރަތުގެ ފުރަތަމަ އާޔަތް ﷲ ތަޢާލާ
ބާވައިލެއްވިއެވެ. އާޔަތަކީ اقْرَأْ
بِاسْمِ رَبِّكَ الَّذِي خَلَقَ ﴿١﴾ މާނައީ: ކަލޭގެފާނުގެ ވެރިރަސްކަލާނގެ اسم ފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އެކަލާނގެއީ ހުރިހާ ތަކެއްޗެއް ހެއްދެވި
ރަސްކަލާނގެއެވެ.
އަބުއްދަރްދާ ރަޟިޔައްﷲ ޢަންހުގެ ކިބައިން ސުނަނު އިބްނު މާޖާ އަދި އޭނުންވެސް ޙަދީޘް ފޮތްތަކުގައި ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ވާރިދުވެގެންވާ ޙަދީޘް އެއްގައި ވެއެވެ. (مَنْ سَلَكَ طَرِيْقًا يَلْتَمِسُ فِيْهِ عِلْمًا سَهَّلَ اللهُ بِهِ طَرِيْقًا إِلَى الجَنَّةِ ، وَإِنِّ الملَائِكَةَ لَتَضَعُ أَجْنِحَتَهَا لِطَالِبِ الْعِلْمِ رِضًا بِماَ يَصْنَعُ، وَإِنَّ العَالِمَ لَيَسْتَغْفِرُ لَهُ مَنْ فِي السَّمَاوَاتِ وَالْأَرْضِ حَتَّى الْحِيْتَانُ فِي الْمَاءِ ، وَإِنَّ فَضْلَ الْعَالِمِ عَلَى الْعَابِدِ كَفَضْلِ الْقَمَرِ لَيْلَةَ الْبَدْرِ عَلَى سَائِرِ الْكَوَاكِبِ ، وَإِنَّ الْعُلَمَاءَ وَرَثَةُ الْأَنْبِيَاءِ ، إِنَّ الْأَنْبِيَاءَ لَمْ يُوَرِّثُوا دِيْنَارًا وَلاَ دِرْهَماً ، وَإِنَّمَا وَرَّثُوا الْعِلْمَ ، فَمَنْ أَخَذَهُ أَخَذَ بِحَظٍّ وَافِرٍ.)[رواه ابن ماجه وغيره وصححه الألباني في صحيح الترغيب رقم الحديث: ٧۰]
މާނައީ: ޢިލްމު އުނގެނުމަށްޓަކައި މީހަކު މަގެއް އިޚްތިޔާރުކޮށްފިނަމަ އޭނަ އެއިޚްތިޔާރުކުރި
މަގުގެ ސަބަބުން، އޭނާ ސުވަރުގެއަށް ދާނޭ މަގެއް، ﷲ ތަޢާލާ އޭނާއަށް ފަސޭހަކޮށްދެއްވައެވެ. ހަމަކަށަވަރުން ޢިލްމުއނގެނޭމީހާ
އެކުރާ ކަންތައްތަކާމެދު ރުހިވަޑައިގެން، މަލާއިކަތްބޭކަލުން އެބޭކަލުންގެ ފިޔަފުޅުތަށް އޭނާއަށްޓަކައި
ތިރިކުރައްވައެވެ. އެއީ އޭނާގެ ކިބާގައިވާ ޢިލްމަށް އިޙްތިރާމްކުރުމުގެ ގޮތުންނެވެ.
އަދި ހަމަކަށަވަރުން އުޑުތަކާއި ބިމުގައިވާހައި ބަޔާކާއި، އަދި ކަނޑުގައިވާ މަސްމާމެއްސަށް ދާންދެން
ޢިލްމުވެރިޔާއަށް ފާފަފުއްސަވައި ދެއްވުމަށް އެދި ދުޢާކުރެއެވެ. އަދި ހަމަކަށަވަރުން
ޢިލްމުވެރިއެއްގެ މާތްކަން އަޅުވެރިއެއްގެ މައްޗަށްވަނީ ސާދަވިލޭރޭގެ ހަނދުގެ މާތްކަން
އެންމެހައި ތަރިތަކުގެ މައްޗަށް ވާފަދައިންނެއެވެ. އަދި ހަމަކަށަވަރުން
ޢިލްމުވެރިންނަކީ ނަބީބޭކަލުންގެ ވާރުތަވެރިންނެއެވެ. ހަމަކަށަވަރުން ވާރުތަ މުދަލެއްގެ
ގޮތުގައި ނަބީބޭކަލުން ދީނާރެއް އަދި ދިރްހަމެއް ދުލެއްނުކުރައްވަތެއެވެ. އަދި ހަމައެކަނި
ވާރުތަ މުދަލެއްގެ ގޮތުގައި އެބޭކަލުން ދޫކުރެއްވީ ޢިލްމެއެވެ. ފަހެއެޢިލްމު ޙާޞިލްކޮށްފި
މީހާ އެޙާޞިލުކުރީ ވަރަށް ބޮޑުވެގެންވާ ފުރިހަމަ ނަޞީބެކެއެވެ.
އަބޫ ހުރައިރާގެ އަރިހުން ރިވާވެގެންވާ ހަދީޘްފުޅެއްގެ މާނައިގައިވެއެވެ. ރަސޫލުﷲ ޞައްލައްﷲ އަލައިޙި ވަސައްލަމް މިސްކިތުގައި އިށީނދެ ވަޑައިގެން އިންނަވަނިކޮށް މީހަކު މިސްކިތަށްވަދެ ނަމާދު ކުރުމަށްފަހު ރަސޫލުﷲ ޞައްލަﷲ އަލައިޙި ވަސައްލަމަގެ އަރިހަށް އައިސް ސަލާމް ދެންނެވިއެވެ. އެހިނދު އެކަލޭގެފާނު ހަދީޘް ކުރެއްވިއެވެ. " ތިބާ އަލުން ނަމާދުކުރަން ދާށެވެ! އެހެނީ ތިބާ އަދި ނަމާދެއްނުކުރެއެވެ." އޭނާ އަނެއްކާވެސް އެނބުރިގޮސް ކުރިން ކުރިފަދައިން ނަމާދު ކުރުމަށްފަހު ރަސޫލުﷲ ޞައްލަ ﷲ އަލައިޙި ވަސައްލަމްގެ އަރިހަށް ވަޑައިގެން ސަލާމް ދަންނަވައިފިއެވެ. އެހިނދު ރަސޫލުﷲ ޞައްލައްﷲ އަލައިޙި ވަސައްލަމް އަނެއްކާވެސް ހަދީޘްފުޅު ކުރެއްވިއެވެ. " ތިބާ އަލުން ނަމާދުކުރަން ދާށެވެ! ތިބާ އަދި ނަމާދެއްނުކުރެއެވެ."
މިފަދައިން ތިން ފަހަރު ހަދީޘް ކުރެއްވުމުން އެމީހާ ދެންނެވިއެވެ. " ޙައްޤާއިގެން ކަލޭގެފާނު ފޮނުއްވި ފަރާތް ގަންދީ ދަންނަވަމެވެ. އަޅުގަނޑަށް މިއަށްވުރެ ރަނގަޅަކަށް ނަމާދު ކުރާކަށް ނޭނގެއެވެ. އަޅުގަނޑަށް ދަސްކޮށްދެއްވާށެވެ. " ދެން ރަސޫލުﷲ ޞައްލަﷲ އަލައިޙި ވަސައްލަމް ހަދީޘް ކުރެއްވިއެވެ. " ތިބާ ނަމާދުކުރުމަށް ތެދުވެއްޖެނަމަ ތަކުބީރުކިޔާށެވެ. ކީރިތި ޤުރުއާނުން ތިބާއަށް ފަސޭހަވީ މިންވަރެއް ކިޔަވާށެވެ! އަދި ތިބާއަށް ހަމަޖެހެންދެން ގުދުވެ ރުކޫޢު ކުރާށެވެ! ދެން އެއަށްފަހު މުޅިން ފުރިހަމަށް ސީދާވާ މިންވަރަށް އިޢްތިދާލަށް ތެދުވާށެވެ! އަދި ތިބާއަށް ހަމަޖެހިލެވެންދެން ސަޖިދައިގައި އޮންނާށެވެެ! އަދި ހަމަޖެހެވެންދެން އިށީނދެ އިންނާށެވެ. އަދި މުޅި ނަމާދު ނިމެންދެން މިފަދައިން ޢަމަލުކުރާށެވެ!"
ﷲ ތަޢލާ އިންސާނުން ހެއްދެވުމުގެ މަޤްޞަދަކީ އެކަލާނގެއަށް އަޅުކަންކުރުމެވެ. އަޅުކަމުގެ ޒާތުގައި އަޅުކަންކުރެވޭނީ އަޅުކަމާއި ގުޅޭ ޢިލްމުލިބިގެންނެވެ. وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ ﴿٥٦﴾ މާނައީ: ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ. (56)
އަބޫހުރައިރާ ރަޟިޔަﷲ ޢަންޙު ވިދާޅުވިއެވެ. "ޢިލްމަކީ މުޙައްމަދު ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމަގެ ތަރިކަ މުދަލެވެ. ނަބީބޭކަލުން ވާރުތަ މުދަލެއްގެ ގޮތުގައި ދީނާރެއް އަދި ދިރްހަމެއް ދުލެއްނުކުރައްވައެވެ. ވާރުތަ މުދަލެއްގެ ގޮތުގައި އެބޭކަލުން ދޫކުރެއްވީ ޢިލްމެއެވެ. ފަހެއެޢިލްމުން ގިނަ އަދި ބޮޑު މިންވަރެއް ޙާޞިލްކޮށްފިމީހާ އެޙާޞިލުކުރީ ނަބީކަމުގެ މުދަލުން ގިނަ އަދި ބޮޑު މިންވަރެކެއެވެ".
ޢިލްމުގެ މާތްކާމާއި ބެހޭގޮތުން ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. يَا أَيُّهَا الَّذِينَ آمَنُوا إِذَا قِيلَ لَكُمْ تَفَسَّحُوا فِي الْمَجَالِسِ فَافْسَحُوا يَفْسَحِ اللَّـهُ لَكُمْ ۖ وَإِذَا قِيلَ انشُزُوا فَانشُزُوا يَرْفَعِ اللَّـهُ الَّذِينَ آمَنُوا مِنكُمْ وَالَّذِينَ أُوتُوا الْعِلْمَ دَرَجَاتٍ ۚ وَاللَّـهُ بِمَا تَعْمَلُونَ خَبِيرٌ . މާނައީ: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! مجلس ތަކުގައި ތަންދިނުމަށް ތިޔަބައިމީހުންނަށް ބުނެފިނަމަ، ފަހެ، ތިޔަބައިމީހުން ތަންދޭހުށިކަމެވެ! އޭރުން اللَّه ތިޔަބައިމީހުންނަށް ތަނަވަސްކަން ދެއްވާނެތެވެ. އަދި ތިޔަބައިމީހުންގެ ގާތުގައި ތެދުވާށޭ ބުނެފިނަމަ، ފަހެ، ތިޔަބައިމީހުން (مجلس ން) ތެދުވާހުށިކަމެވެ! ތިޔަބައިމީހުންގެ ތެރެއިން إيمان ވިި މީހުންނާއި، علم ލިބިގެންވާމީހުން اللَّه ދަރަޖަތަކަކަށް އުފުއްލަވާނެތެވެ. اللَّه އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. (11)
ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. "مَنْ سَلَكَ طَرِيقاً يَلْتَمِسْ فيه عِلْماً، سَهَّلَ اللهُ لَهُ به طَرِيْقاً إِلَى الْجَّنَّةِ". މާނައީ: " ޢިލްމު އުނގެނުމަށްޓަކައި މަގެއް ޚިޔާރުކޮށްފިމިހާއަށް ﷲ ތަޢާލާ ސުވަރުގެއަށް ދިއުމަށްޓަކައި މަގެއް ފަސޭހަކޮށްދެއްވައެވެ".
ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.
" مَنْ
يُرِدْ اللَّهُ بِهِ خَيْرًا يُفَقِّهْهُ فِي الدِّينِ".
މާނައީ: ﷲ ތަޢާލާ
މީހަކަށް ހެޔޮގޮތްމިންވަރު ކުރައްވަން އިރާދަކުރައްވައިފިނަމަ އެމީހަކަށް ދީނުގެ ޢިލްމު
ދެއްވައެވެ."
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. وَمِنَ النَّاسِ وَالدَّوَابِّ وَالْأَنْعَامِ مُخْتَلِفٌ أَلْوَانُهُ كَذَٰلِكَ ۗ إِنَّمَا يَخْشَى اللَّـهَ مِنْ عِبَادِهِ الْعُلَمَاءُ ۗ إِنَّ اللَّـهَ عَزِيزٌ غَفُورٌ ﴿٢٨﴾ މާނައީ: އަދި މީސްތަކުންގެ ތެރެއިންނާއި، ދިރޭ ތަކެތީގެ ތެރެއިންނާއި، نعم ސޫފީގެ ތެރެއިންވެސް ހަމައެފަދައިން ކުލަތައް ތަފާތުވެގެންވާ ތަކެތިވެއެވެ. اللَّه އަށް ބިރުވެތިވާކަން ކަށަވަރީ، އެކަލާނގެ އަޅުންގެތެރެއިން علم ވެރިންނެވެ. ހަމަކަށަވަރުން، اللَّه އީ، عزيز ވަންތަ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ. (28)
ﷲ ތަޢާލާ ދަނެގަންނަން އެދޭ މީހާ ޢިލްމު ހޯދާށެވެ. އަދި ޖަހާލަތުގެ
އަނދިރިކަމުން އަލިކަމުގެ ތެރެއަށް އިންސާނުން ގެނެސްދެއްވި ނަބިއްޔާ މުޙައްމަދު
ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެނެގަންނަން އެދޭނަމަ ވެސް ޢިލްމު ހޯދަންޖެހެއެވެ.
އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީން ދެނެގަތުމާއެކު އެދީނަށް އުޅެން އެދޭ
މީހާ ޢިލްމު އުނގެނޭށެވެ.
2-
ޢިލްމަށް ޢަމަލުކުރުން:
ޢިލްމަށް ޢަމަލު ކުރުމުގެ ތެރޭގައި ހިމެނެނީ ދެބައެކެވެ. އެއީ:
1-
ﷲ ތަޢާލާއާއި އެއިލާހުގެ ރަސޫލާ ކުރުމަށް އަމުރުކުރައްވާފައިވާ ކަންތައްތައް ކުރުމެވެ.
2-
ﷲ ތަޢާލާއާއި އެއިލާހުގެ ރަސޫލާ ކުރުން ނަހީ ކުރައްވާފައިވާ ކަންތައްތައް ދޫކޮށްލުމެވެ.
ޢިލްމު ހޯދުމުގެ މަޤްޞަދަކަށް ވާންޖެހޭނީ އެޢިލްމާ އެއްގޮތަށް ޢަމަލުކުރުމެވެ.
އަޅުކަންތަކުގެ މައްޗަށް ޢިލްމު އިސްކުރެވުނު ސަބަބަކީ މިއީއެވެ.
އަދި ޙައްޤުވެގެންވާ ގޮތުގައި الله ތަޢާލާއަށް އަޅުކަން
ކުރުމެވެ. ހައްޤުގޮތުގައި ﷲ ތަޢާލާއަށް އަޅުކަންކުރެވޭނީ ދެކަމެއް
ފުރިހަމަވެގެންނެވެ. އެއީ ޢީލްމު ޙާސިލުކުރުމާއި، އެ ޢިލްމަށް ޢަމަލުކުރުމެވެ.
މީހެއްގެ ކިބައިގައި ކިތަންމެ ގިން ޢިލްމެއް ހުއްޓަސް އެޢިލްމަށް ޢަމަލުނުކުރާ
ކަމުގައި ވަނީނަމަ އެ ޢިލްމުން އެމީހަކަށް ލިބޭނެ ފައިދާއެއްނެތެވެ. އަދި އޭނާއަށް
ހައްގުގޮތުގައި ﷲއަށް އަޅުވެތިެއެއް ނުވެވެއެވެ. މީހަކު ކިތަންމެ ޢަމަލުތަކެއް
ކުރިޔަސް އެ ޢަމަލުގެ ޢިލްމު އޭނާއަށް ނުވާނަމަ ހައްގުގޮތުގައި ﷲއަށް އަޅުވެތިއެއް
ނުވެވެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.
هُوَ الَّذِي أَرْسَلَ رَسُولَهُ بِالْهُدَىٰ
وَدِينِ الْحَقِّ لِيُظْهِرَهُ عَلَى الدِّينِ كُلِّهِ وَلَوْ كَرِهَ
الْمُشْرِكُونَ ﴿٣٣﴾ މާނައީ: އެކަލާނގެއީ، ތެދުމަގާއި، حق
دين އާއިގެން އެކަލާނގެ رسول އާ ފޮނުއްވި ކަލާނގެއެވެ. (އެއީ) مشرك ން ނުރުހުނު
ކަމުގައިވިޔަސް، އެންމެހާ دين ތަކުގެ މައްޗަށް އެ دين ފާޅުކުރެއްވުމަށްޓަކައެވެ.
(33) މިއާޔަތުގައި ﷲ ތަޢާލާ ބަޔާންކުރައްވާފައިވާ الْهُدَىٰ
(ހިދާޔަތު) އެއީ ފައިދާކުރުވަނިވި ޢިލްމެވެ. އަދި
وَدِينِ الْحَقِّ (ޙައްގު ދީނަކީ) އެ ޢަމަލިތަކެއްގެ ސަބަބުން ﷲ ތަޢާލާއާއި ކުއްތަންވެވޭ
ޞާލިޙު ރަނގަޅު ޢަމަލުތަކެވެ.
ޢިލްމު ހޯދުމަށްފަހު އެ ޢިލްމަށް ޢަމަލު ނުކުރުމަކީ ޔަހޫދީންގެ ސިފައެކެވެ. އެބައިމީހުންނަށް ވަނީ ޢިލްމް ލިބިފައެވެ. އެހެންނަމަވެސް ލިބިފައިވާ ޢިލްމަށް އެބައިމީހުން ޢަމަލެއް ނުކުރެއެވެ. އެބައިމީހުން ވަނީ ތައުރާތު ދަސްކޮށްފައެވެ. ނަމަވެސް އެއަށް ޢަމަލެއް ނުކުރިއެވެ. މާތް ﷲަ ވަޙީކުރައްވާފައިވެއެވެ. مَثَلُ الَّذِينَ حُمِّلُوا التَّوْرَاةَ ثُمَّ لَمْ يَحْمِلُوهَا كَمَثَلِ الْحِمَارِ يَحْمِلُ أَسْفَارًا ۚ بِئْسَ مَثَلُ الْقَوْمِ الَّذِينَ كَذَّبُوا بِآيَاتِ اللَّـهِ ۚ وَاللَّـهُ لَا يَهْدِي الْقَوْمَ الظَّالِمِينَ ﴿٥﴾ މާނައީ: توراة އަށް عمل ކުރުމަށް އަންގަވާފައިވަނިކޮށް، ދެން އެއާއެއްގޮތަށް عمل ނުކުރި މީހުންގެ مثال އަކީ، ފޮތްތަކެއް އުފުލާ حمار ގެ مثال އެވެ. اللَّه ގެ آية ތައް ދޮގުކުރި މީހުންގެ مثال ގެ ހުރި ނުބައިކަމާއެވެ! އަދި އަނިޔާވެރި ބަޔަކަށް اللَّه ތެދުމަގެއް ނުދައްކަވަތެވެ. އެމީހަކަށް ދެއްވި ޢިލްމާއި އެ ޢިލްމަށް ޢަމަލުކުރިގޮތާއި ބެހޭގޮތުން ޤިޔާމަތްދުވަހުން ﷲ ތަޢާލާ ކޮންމެ މީހަކާ ވެސް ސުވާލުކުރައްވާނެއެވެ. އިބްނު ޖައްބާންގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. عن ابنُ حِبَّانَ أنَّ رسولَ الله صلى الله عليه وسلم قالَ: لا تزولُ قَدَمَا عبدٍ يومَ القيامةِ حتَّى يُسألَ عن أربعٍ عَن عُمُرِه فيما أفناهُ وعن جسدِهِ فيما أبلاهُ وعن عِلمِهِ ماذا عَمِلَ فيهِ وعن مالِهِ مِنْ أَيْنَ اكْتَسَبَهُ وفيما أنفقَهُ. މާނައީ: ޤިޔާމަތް ދުވަހުން ހަތަރު ކަމަކާ ބެހޭގޮތުން ސުވާލުކުރުމަށްފަހު މެނުވީ އަޅާ އޭނާގެ ދެފައި ހުރިތަނުން ގުޑުވައިވެސް ނުލެވޭނެއެވެ. އޭގެ ތެރޭގައި އަޅާ އޭނާގެ ޢުމުރު ހޭދަކުރިގޮތާއި ބެހޭގޮތުން ސުވާލުކުރެވޭނެއެވެ. އަދި އޭނާގެ ހަށިގަނޑު ބޭނުންކުރިގޮތާއި ބެހޭގޮތުން ސުވާލުކުރެވޭނެއެވެ. އަދި އަޅާ އޭނާއަށް ލިބިފައިވާ ޢިލްމަށް ޢަމަލުކުރިގޮތާއި މެދު ސުވާލުކުރެވޭނެއެވެ. އަދި އަޅާ އޭނާއަށް ދެއްވިތަކެތި ހޭދަކުރިގޮތާއިމެދު ސުވާލުކުރެވޭނެއެވެ.
ޙަސަނުލް ބަޞަރީ ވިދާޅުވެފައިވެއެވެ. "ހަމަކަށަވަރުން މުއުމިނު އަޅާ އިޙްސާންތެރިކަމާއި ބިރުވެތިކަން ޖަމާކޮށްފިއެވެ. އަދި މުނާފިޤުން ނުބައިކަމާއެކު ފޮނި އުންމީދު ޖަމާކޮށްފިއެވެ". އެހެނނީ މުއުމިނު އަޅާ އިޙްސާންތެރިކަމާއެކު ޢަމަލުކުރުމަށްފަހުގައި ވެސް ﷲ ތަޢާލާ އޭނާގެ ކިބައިން ޤަބޫލުނުކޮށްފާނެތީވެ ބިރުވެތިވެއެވެ. އެހެންނަމަވެސް މުނާފިޤު މީހާ ނުބައިކަންތައް ކުރުމަށްފަހު ވެސް ﷲ ތަޢާލާގެ ޙަޟްރަތުން ކަންކަމަށް އެދި އުންމީދުކުރެއެވެ.
އަނަސް ބިން މާލިކުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. رأيت ليلة أسري بي رجالا تقرض شفاههم بمقاريض من نار فقلت من هؤلاء يا جبريل قال هؤلاء خطباء أمتك يأمرون بالبر وينسون أنفسهم وهم يتلون الكتاب أفلا يعقلون މާނައީ: " އިސްރާ އަދި މިޢުރާޖގެ ރޭ ބަޔަކު މީހުންގެ ތުންފަތްތައް އަލިފާނުންވާ ކަތުރުތަކުން ކޮށާލެވޭތަން ތިމަންކަލޭގެފާނަށް ފެނިވަޑައިގަތެވެ. ދެން ތިމަންކަލޭގެފާނު ޖިބްރީލުގެފާނުގެ އަރިހުން އެއީ ކޮންބައެއްތޯ ސުވާލުކުރެއްވީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެއީ ކަލޭގެފާނުގެ އުންމަތުގެ ޚުޠުބާ ކިޔާ މީހުންގެ ތެރެއިންވާ ބައެކެވެ. އެބއިމީހުން މީސްތަކުންނަށް ހެޔޮކަންތަކަށް އަމުރުކޮށް އުޅުނެވެ. އެބައިމީހުން ފޮތް ކިޔަވަކިޔަވާތިބި ޙާލުގައި އެބައިމީހުންގެ އަމިއްލަ ނަފްސުތަކުގެ މަތިން ހަނދާން ނައްތާލައެވެ. ފަހެ، އެބައިމީހުންނަށް ނުވިސްނެނީ ހެއްޔެވެ.
ލިބިފައިވާ ޢިލްމަށް ޢަމަލުނުކުރާ މީހާގެ މިސާލަކީ ފާނޫޒެއްގެ މިސާލެވެ. އެފާނޫޒު ދިއްލުމުން އަނދިރިކަމުގެ ތެރެއިން މީސްތަކުންނަށް މަގެއް ފެނެއެވެ. އެހެންނަމަވެސް ފާނުޒުގެ ފީތާ އަނދައި ހުލިވެދެއެވެ. ހަމަ މިމޭރުމުން ޢިލްމަށް ޢަމަލުނުކޮށް އެޢިލްމު އެހެން ބަޔަކަށް ބުނެދިނުމުން، އެ ބަޔަކަށް ހިދާޔަތްލިބެއެވެ. ނަމަވެސް ޢިލްމަށް ޢަމަލުނުކުރެވުމުން ތިމާ ނަރަކައިގެ އަލިފާނުން އަނދަ އަނދާ އޮންނަންޖެހެއެވެ. މިހެންވެ ތާބިޢީންގެ ތެރެއިން މަޝްހޫރު އަދި އަޅުވެރި ބޭކަލެއް ކަމުގައިވާ މުޠައްރިފު ބުން ޢަބްދުالله ބުން އައްޝަޚީރު، އެކަލޭގެފާނު اللهގެ ކިބައިން ރައްކާތެރިކަމަށް އެދި ކުރައްވާ ދުޢާއެއްގެ މާނައިގައި ވެއެވެ. "އޭ الله! އިބަ الله މިއަޅާއަށް އުނގަންނަވައިދެއްވި ޢިލްމުން މިއަޅާއަށްވުރެ ބޮޑަށް އެހެންމީހަކު ބާއްޖަވެރިވުމުން މިއަޅާ އިބަ اللهގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދެމެވެ. އަދި މިއަޅާ އެހެން މީސްތަކުންނަށް ހުރި ޢިބްރަތެއްކަމުގައި ނުވުމަށްވެސް އިބައިލާހުގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދެމެވެ".
3-
ދަޢްވަތުދިނުން:
"ދުލުން ހަމައެކަނި ބުނެލާ ބަސްތަކަށް ވުރެ ބޮޑަށް ޢިލްމަށް ޢަމަލުކޮށް،އެ ޢަމަލުތަކުން މީސްތަކުންނަށް ކަންތައްތައް ބަޔާންކޮށްދީގެން
ދީނަށް ގޮވާލުން ފުރިހަމަވެފައި މާމޮޅެވެ. މާލިކު ބިން ދީނާރު ގެ އަރިހުން ވާރިދުވެގެން އައިސްފައިވެއެވެ.
"ޢިލްމުވެރިޔާ އޭނާ އެދޭ ވަޢުޡާއި ނަޞޭޙަތަށް ޢަމަލުނުކުރާ ކަމުގައި ވާނަމަ
މީސްތަކުންގެ ހިތްތަކަށް އެބަސްތަކެއް ނުވަދެއެވެ."
އަދި މައުމޫން ރަޙިމަހުﷲ ވިދާޅުވިއެވެ."ދުލުންދޭ ނަޞޭޙަތާއި ވަޢުޡަށް ވުރެ ބޮޑަށް ޢަމަލުކޮށްގެން އެޢަމަލުތަކުން، މީސްތަކުންނަށް ދެވޭ ވަޢްޡަށް ބޭނުންޖެހިފައިވާލެއް ބޮޑެވެ." އެހެނީ ހެޔޮ ޢަމަލު ކުރުންމަތީ ދެމިހުރުމަކީ އޭގެ ޛާތުގައި ވެސް ދަޢުވަތެކެވެ. އަދި އެމީހަކީ މީސްތަކުންނަށް ވާ ނަމޫނާއެކެވެ. އަދި އެމީހަކީ މީސްތަކުންނަށް ވާ އިމާމެކެވެ.
މީސްތަކުންނަށްވާ އިމާމެއް ކަމުގައި މީހަކުވާނީ އޭނާގެ ކިބައިގައި ހުރިހާ ރަނގަޅު ޞިފަތަކެއް ހުރެގެންނެވެ. އޭނާގެ ކިބައިގައި ކިތަންމެ ގިނަ ޢިލްމެއް
ހުރިކަމުގައިވިޔަސް، އެޢިލްމަކަށް ޢަމަލުނުކުރާނަމަ މީސްތަކުންނަށްވާ އިމާމެއްކަމުގައި
އޭނާއެއް ނުވާނެވެ. އެހެނީ އޭނާގެ އަމިއްލަ ނަފްސަށް ޢިލްމުން ފައިދާއެއް ނުކުރިއެވެ.
އަދި އެހެން މީހަކަށްވެސް އެއިން ފައިދާއެއް ނުކުރިއެވެ.
އައްޝައިޚް ޢަބްދުއް ރައްޒާޤު ޙަފިޡަހުﷲ ވިދާޅުވިއެވެ.
"މިސްކިތުގައި ބަރާބަރަށް ނަމާދު ކުރާ އަޅުވެރި މުސްކުޅި މީހަކަށް އަހަރެން ޒިޔާރަތްކުރީމެވެ.
މިމީހާއަކީ މިސްކިތުގައި ކޮންމެ ނަމާދެއްގެ ވަގުތުވުމުގެ
ކުރިން ނަމާދަށް އައިސް ނަމާދަށް އިންތިޒާރު ކުރާ މީހެކެވެ. އަހަރެން އެމީހާއާ ވާހަކަދައްކަމުން ބުނީމެވެ. ماشاء الله ބޭބެމެންގެ މިއަވަށަކީ ވަރަށް ގިނަ ދީން ކިޔަވައިގެން ތިބި އަދި ކިޔަވަމުންދާ ކުދިން ތިބި އަވަށެކެވެ. ދެން އެމީހާ އެކަމަށް އިންކާރު ކުރުމުގެ ގޮތުން ސުވާލު ކުރިއެވެ. ބޭބެމެންގެ މިއަވަށް ހެއްޔެވެ؟ ދެން އަހަރެން ބުނީމެވެ. އާއެކެވެ. ދެން އެމީހާ އެސުވާލު އެހެން ތަކުރާރުކުރުމަށްފަހު ބުންޏެވެ. އޭ ދަރިފުޅާއެވެ! މިސްކިތުގައި މީސްތަކުންނާ އެއްކޮށް ޖަމާޢަތުގައި ނަމާދު ނުކުރާ މީހަކީ ދީނީ ޢިލްމު ކިޔަވާ މީހެއްނޫނެވެ.
އެމުސްކުޅި ބޭބެ ދެއްކިވާހަކައަށް އަހަރެން ދެކޮޅެއް ނަހަދަމެވެ. ތެދެކެވެ. ބައެއް
މީސްތަކުން ޢިލްމުގެ ރޮނގުގައި ކުރިއަރައިދެއެވެ. ދަސްކުރުމުގައްޔާއި
ފޮތްތައް ކިޔާ އުޅުމުގައި ކުރިއަރާދެއެވެ. އެހެން ނަމަވެސް ޙާއްޞަކޮށް ފަތިސް ނަމާދުގެ ޖަމާޢަތުން ނުފެންނަ މީހުން އޭގެ ތެރެއިންވެއެވެ. ޤިޔާމަތްދުވަހު އަޅާއާ އެންމެ ފުރަތަމަވެސް ނަމާދާ މެދު ސުވާލުކުރެވޭހިނދު އަދި އިސްލާމްދީނުގައި ޝަހާދަތުގެ ދެކަލިމަކިއަށްފަހު ދެން އެންމެ މުހިންމު ރުކުން ކަމުގައިވާ ނަމާދާ މެދުގައި މިގޮތަށް ފަރުވާ ކުޑަކުރާ ކަމުގައިވާނަމަ އޭނާގެ ކިބައިގައި ހުރި ޢިލްމުގެ އަޘަރަކީ ކޮބާ ހެއްޔެވެ؟
ޢިލްމު ހޯދަނީ ޢަމަލުކުރުމަށެވެ. އަދި ތިބާ ޢަމަލުކުރުމަށްޓަކައި ޢިލްމު ހޯދުން ދޫކޮށް ނުލާށެވެ. އަދި ޢިލްމު ހޯދުމަށްޓަކައި ޢަމަލުކުރުން ދޫކޮށް ނުލާށެވެ." އަބޫމަސްޢޫދު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. عن أبي مسعود رضي الله عنه- أَنَّ رَسُولَ اللهِ صلى الله عليه وسلم قَالَ: "مَنْ دَلَّ عَلَى خَيْرٍ فَلَهُ مِثْلُ أَجْرِ فَاعِلِهِ " (رواه مسلم) ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. " ހެޔޮކަމަކަށް މަގުދައްކައިފި މީހާއަށް، އެހެއުކަން ކުރާމީހާއާ އެއްފަދައިން ޘަވާބު ލިބޭނެތެވެ. " ﷲ ތަޢާލާ އެއިލާހުގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ދީނަށް ގޮވާލުމަށް އަމުރުކުރެއްވިއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. " ادْعُ إِلِى سَبِيلِ رَبِّكَ بِالْحِكْمَةِ وَالْمَوْعِظَةِ الْحَسَنَةِ وَجَادِلْهُم بِالَّتِي هِيَ أَحْسَنُ إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِ وَهُوَ أَعْلَمُ بِالْمُهْتَدِينَ " (125/النحل ) މާނައީ: " حكمة އާއި، ރިވެތި وعظ އާއެކު، ކަލޭގެފާނުގެ ވެރިރަސްކަލާނގެ މަގަށް، ކަލޭގެފާނު ގޮވައިލައްވާށެވެ! އަދި ރިވެތި ގޮތުގައި އެއުރެންނާ جدل ކުރައްވާށެވެ! " މީސްތަކުންނަށް ދީނަށް ގޮވާލުމަކީ ވަރަށް މާތް މަތިވެރި ކަމެކެވެ. ޘަވާބު ގިނަ ހެޔޮޢަމަލެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދަސްކޮށްދެއްވާފައިވަނީ ހެޔޮކަމަކަށް ގޮވާލައިފިމީހާއަށް އެހެޔޮކަން ކުރިމީހާއަށް ލިބޭޘަވާބު ލިބިގެންދާނެކަމަށެވެ. ﷲ ތަޢާލާ ދީނުގެ ދަޢުވަތު ފަތުރާމީހުންނާމެދު ވަޙީކުރައްވާފައިވެއެވެ. " وَمَنْ أَحْسَنُ قَوْلاً مِمَّنْ دَعَا إِلَى اللَّهِ وَعَمِلَ صَالِحاً وَقَالَ إِنَّنِي مِنَ الْمُسْلِمِينَ " (فصلت:33) މާނައީ: اللَّه ގެ حضرة އަށް (އައުމަށް) ގޮވާލައި، އަދި صالح عمل ކޮށް، އަދި ހަމަކަށަވަރުން، ތިމަންނާވަނީ (اللَّه އަށް) ކިޔަމަންވާމީހުންގެ ތެރެއިންނޭ ބުނާމީހަކަށްވުރެ ރަނގަޅު ބަސްބުނާ މީހަކީ ކާކުހެއްޔެވެ؟
4-
ދަޢުވަތުދިނުމުގައި ކެތްތެރިވުން:
ﷲ ތަޢާލާ އެއްކައުވަންތަ ކުރުމަށާއި އެއިލާހަށް ކިޔަމަންގަތުމުގައި ދެމިހުރުމަށް
މީސްތަކުންނަށް ގޮވާލުމަކީ ވަރަށް މާތް ކަމެކެވެ. ނަމަވެސް ދީނަށް ގޮވާލާ މީހާއަށް
ވަރަށް ގިނަ ފަހަރު މަލާމާތާއި ފުރައްސާރަ ނުވަތަ ދޮގުވެރިއެއްކަމުގައި ތުހުމަތުކުރުން
ފަދަ ކަންކަމާ ކުރިމަތިލާންޖެހެއެވެ. އެހެންކަމުން ﷲގެ މަގަށް ގޮވާލުމުގައި ކެތްތެރި
ވާންޖެހެއެވެ. ﷲ ތަޢާލާ ވަޙީކުރައްވަނީ " فَاصْبِرْ
كَمَا صَبَرَ أُولُو الْعَزْمِ مِنَ الرُّسُلِ
" މާނައީ: " ފަހެ، رسول
ންގެ ތެރެއިން ގަދަހިތްވަރުފުޅުގެވެރި رسول ން (އެބަހީ: أولوالعزم ގެ ބޭކަލުން) ކެތްކުރެއްވި ފަދައިން ކަލޭގެފާނުވެސް ކެތްތެރިވެ ވަޑައިގަންނަވާށެވެ! ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި
ވަރަށް ގިނަ އާޔަތުގައި ކެތްތެރިވުމަށް އަމުރުކުރައްވާފައިވެއެވެ. މިގޮތުން ކެތްތެރިވުމަކީ
ގިނަގުނަ އަޖުރު އެއަށް ދެއްވާ ކަމެއްކަމުގައި އަންގަވާފައިވެއެވެ. ﷲ ތަޢާލާ ވަޙީކުރައްވަނީ
" إِنَّمَا يُوَفَّى الصَّابِرُونَ
أَجْرَهُم بِغَيْرِ حِسَابٍ " މާނައީ: " ކެތްތެރިންނަށް އެއުރެންގެ
ދަރުމަ ދެއްވާހުށިކަން ކަށަވަރީ حساب އެއްނެތިއެވެ.
މަސްދަރު:
ޢިލްމުގެމޭވާއަކީ ޢަމަލުކުރުން.
No comments:
Post a Comment