Featured Post

Ombey

Friday, December 7, 2018

mizamaanuge kudhin mainbafain muskulhivumun emeehunnaa alhaanulai beyru baehgge aimacchah dhookohlanee keeve?



މިޒަމާނުގެ ކުދިން މައިންބަފައިން މުސްކުޅިވުމުން އެމީހުންނާ އަޅާނުލައި ބޭރުބައެއްގެ އަތްމަތްޗަށް ދޫކޮށްލަނީ ކީއްވެ؟

Related image
                                                

ލިޔުނީ: ޒީނަތު ލަބީބު
ތަޢާރަފް:

އިންސާނާ ދުނިޔެއަށް އައުމުގެ އަޞްލަކީ، އޭނާގެ މައިންބަފައިންނެއެވެ. މައިންބަފައިންނަކީ އެބައިމީހުންގެ ދަރިންނަށް ނުހަނު ހެޔޮއެދޭ ބައެކެވެ. އެބައިމީހުން ހެޔޮއެދޭ މިންވަރަކީ، އެބައިމީހުންނަށް ނުލިބޭ މޮޅާއި ކާމިޔާބު އެބައިމީހުންގެ ދަރިންނަށް ލިބުމަށް މައިންބަފައިން އެދެއެވެ. މައިންބަފައިންނަކީ، އެބައިމީހުންގެ ދަރިން ހެޔޮ ގޮތުގައި ބޮޑު ކުރުމަށް ނުހަނު ބުރަ މަސައްކަތްތަކެއް ކުރާ ބައެކެވެ. ނުހަނު ބޮޑެތި ޤުރުބާނީ ތަކެއްވާ ބައެކެވެ. މިފަދަ ބޮޑެތި ޤުރުބާނީ ތަކެއްވާ ބަޔަކަށް ހެޔޮކޮށް ހިތުމަކީ، އިންސާނީ ނަޛަރަކުން ވިސްނާލިކަމުގައި ވިޔަސް ކޮންމެހެން ލާޒިމް ކަމެއްކަމަށް އިންސާނާ ބުއްދި ޤަބޫލުކުރާ ކަމެކެވެ. މިޒަމާނުގެ ކުދިން އެކުދިންގެ މައިންބަފައިން މުސްކުޅިވެ އެމީހުން އެކުދިންގެ އެހީއަށް ބޭނުންވާ ވަގުތު އެމީހުންނަށް ނޫނެކޭ ބުނެ ފުރަގަސް ދިނުންވަނީ ފެޝަނަކަށް ވެފައެވެ. استعفرالله! ހުރިހިތާމައެއްގެ ބޮޑުކަމާއެވެ. މައިންބަފައިންނަކީ ކޮންބައެއްކަން މިޒަމާނުގެ ކުދިންނަށް ނޭނގެނީ ހެއްޔެވެ؟ މައިންބަފައިންނަކީ ކުދިން ދުނިޔެއަށް އައުމުގެ އަޞްލެވެ. މައިންބަފައިންގެ ކުރިމަތީގައި އުފް ބުނުމުގެ ހައްގެއް ކުދިންނަކަށް ލިބިފައެއް ނުވެއެވެ. ﴿وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا ۚ إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلَاهُمَا فَلَا تَقُل لَّهُمَا أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا سورة الإسراء ٢٣ މާނައީ: 'އެއިލާހަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށްހިތުމަށް، ކަލޭގެފާނުގެ ވެރިރައްބު ކަނޑައަޅުއްވައި އެންގެވިއެވެ. އެދެމީހުންކުރެ އެކަކު، ނުވަތަ އެދެމީހުން ތިބާގެ ގާތުގައި ތިބެ، މުސްކުޅި ކަމާހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް އުއްފު ވެސްނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަބަހެއްވިޔަސް ނުބުނާށެވެ!) އަދި އެދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެދެމީހުންނަށް ބަސްބުނާށެވެ!"  
الله سبحانه وتعالى ކީރިތި قرآن ގައި އެކަލާނގެއަށް ކިޔަމަން ގަތުމަށް އަމުރުކުރައްވައި އެއަމުރާ ވިއްދައިގެން ހަތަރު ތަނެއްގައި މައިންބަފައިނަށް ކިޔަމަން ގަތުމަށް އަމުރު ކުރައްވާފައި ވެއެވެ. ކުދިން ކުޑައިރު ކުދިން ބެލުމުގެ ޒިންމާ الله سبحانه وتعالى އަޅުއްވާފައިވަނީ މައިންބަފައިންގެ ބޮލުގައެވެ. ހަމަ މިމޭރުމުން މައިންބަފައިން މުސްކުޅިވާ ދުވަހު އެމީހުންގެ އެންމެހާ ކަންތައްތައް ބެލުމަކީ ދަރިންގެ މައްޗަށްވާ ވާޖިބެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ.  ( مَا مِنْ عَبْدٍ يَسْتَرْعِيهِ اللهُ رَعِيَّةً يَمُوتُ يَوْمَ يَمُوتُ وَهُوَ غَاشٌّ لِرَعِيَّتِهِ إِلَّا حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ ) ((رواه مسلم )) މާނައީ: ތަޢާލާ ބަޔަކު ބެލެހެއްޓުން އަޅަކާއި ޙަވާލުކުރެއްވުމަށްފަހު، އޭނާ މަރުވާދުވަހު އެމަރުވަނީ އޭނާއާއި ބަލަހައްޓަން ޙަވާލުކުރެވުނު ބަޔެއްގެ މައްޗަށް ޙިޔާނާތްތެރިވެގެންވާ ޙާލު ކަމުގައި ވެއްޖެނަމަ ﷲ ތަޢާލާ އެމީހެއްގެ މައްޗަށް ސުވަރުގެ ޙަރާމް ކުރެއްވިއެވެ.
މިމައްސަލައަކީ  ކޮންމެހެންވެސް ހައްލު ކުރަން ޖެހިފައިވާ މައްސަލަ އެކެވެ. އަޅުގަނޑުމެންގެ މިކުޑަކުޑަ މުޖްތަމަޢުގައި (400000 ހަމަ ނުވާ) މުސްކުޅިން ބުލުމަށް ޚާއްސަ ކޮށްފައިވާ ތަންތަން މަދުންނަމަވެސް އެބަހުރިއެވެ. މިގޮތުން ޓިވީ މޯލްޑިވްސް އިން ގެނެސްދިން ޑޮކިއުމެންޓްރީ އެއްގައި   ކ. ގުރާދޫ ގައި ތިބި މުސްކުޅިންގެ ތެރެއިން މީހަކު އެމީހާގެ އިޙްސާސްތައް ކިޔައިދެމުން ބުންޏެވެ.  'ކީއްކުރާނީ މިއީ މިއަދު ދައްތަގެ ޙާލަތު، މުސްކުޅިވެ ގައި ބާރު ދެރަނުވިނަމަ މިހެނެއް ނުވާނެ، މިދައްތަގެ ބަނޑުގަ އަޅާ 3 އަންހެން ކުދިންނާއި 5 ފިރިހެން ކުދިން ވިހާފައި ވެއެވެ. 3އަންހެން ކުދިން ވެސް އަދި ކައިވެންޏެއް ނުކުރެއެވެ. އެ ކުދިންގެ ބައްޕަ އެ ކުދިން ވަރަށް ކުޑައިރު ނިޔާވެއްޖެއެވެ. ވަރަށް ނިކަމެތި ޙާލުގައި ދައްތަ އެ ކުދިން ބަލާ ބޮޑުކޮށް ކިޔައްވާ މޮޅުކުރީ، އެ ކުދިންނަށް ޓަކައި މިނިކަމެތި ދައްތަގެ މިނުން ގެއެއްވެސް އަޅާދިނިން، އެހެންނަމަވެސް މިއަދު އެގޭގައި މި ދައްތައަށްޓަކައި ޖާގައެއް ނެތެވެ. މިއަދު ދައްތަ އުޅެންޖެހިފައި މިވަނީ މުސްކުޅިންގެ ހިޔާ ގައެވެ. ދައްތަ އެ ކުދިންނަށް މަޢާފްކޮށްފީމެވެ. އެ ކުދިންނަށް ނުވިސްނެނީއެވެ". 
މިވާހަކަ ކިޔާދެމުން ދިޔައިރު އެމީހާގެ ލޮލުން ފައިބަމުން ދިޔަ ކަރުނައަކީ އެކުދިންގެ މައްޗަށްވާ އަލިފާނެއް ކަމެއް އެމީހާގެ ކުދިންނަށް ނުވިސްނެނީ ބާވައެވެ. މިއަދު މައިންބަފައިންނާ ދޭތެރޭ ކަންތައް ކުރަމުންދާ ގޮތަކަށް މާދަމާ އެމީހުންގެ ކުދިން އެމީހުންނާ ދޭތެރޭ ކަންތައް ކުރާނެއެވެ.
ދިވެހި ހަރު ބަހެއްގައި ވެއެވެ. ސުވަރުގެ ދެވޭނީ މައިމީހާގެ ފައިތިލަ ދަށުންނެވެ. ކުރީޒަމާނުގައި މައިންބަފައިންނަކީ ކުދިންގެ ދެލޮލުގެ ނޫރެވެ. އެމީހުން ހިތުގައި ޖެހޭގޮތަކަށް އެއްވެސް ކަމެއް ކުދިން ނުކުރާނެއެވެ. އެއްދުވަހަކު ابراهيم عليه السلآم اسماعيل عليه السلآم  ގެ ގެއަށް ވަޑައިގެންނެވިއެވެ. އެވަގުތު اسماعيل عليه السلآم  ގޭގަ ނޫޅުއްވައެވެ. ابراهيم عليه السلآم ދިރިއުޅުމުގެ ކަންތަކާއި ބެހޭގޮތުން ސުވާލު ކުރެއްވިއެވެ. އެހިނދު  اسماعيل عليه السلآم  ގެ އަނބިކަބަނލުން ޖަވާބުގައި ފިރިމީހާ ދިރިއުޅުމަށް މަސައްކަތެއް ނުކުރާ ކަމަށާއި، އެމީހުން އުޅެނީ ވަރަށް ހާލުގައި ކަމަށް ބުނެ  ޝަކުވާކުރިއެވެ. އެހިނދު ابراهيم عليه السلآم ދެންނެވިއެވެ. ފިރިމީހާ ގެއަށްވަޑައި ގަތުމުން މެހުމާނަކު އައިވާހަކަ ދަންނަވާށެވެ. އަދި ސަލާމް ބުނެދެއްވުމަށްފަހު ގޭގެ އޮޅިގަނޑު ބަދަލުކުރުމަށް ބުނެދެއްވާށެވެ. މިގޮތުގެ މަތިން اسماعيل عليه السلآم  ގެއަށް ވަޑައިގަތުމުން އަންހެނުން ހިނގާދިޔަ ކަންތައްތައް ކިޔާދެއްވިއެވެ. އެވަގުތު اسماعيل عليه السلآم  ސުވާލު ކުރެއްވިއެވެ. އެއީ ކޮންބޭކަލެއްކަން ކަމަނާއަށް އެނގޭ ހެއްޔެވެ؟ އެއީ ތިމަންކަލޭގެފާނުގެ ބައްޕާފުޅެވެ. އެހެންނަމަވެސް ކަމަނާ ޝަކުވާ ކޮށްފިއެވެ. އެއަށްފަހު އެކަމަނާ ވަރިކުރެއްވިއެވެ. އެހެންދުވަހެއްގައި ابراهيم عليه السلآم اسماعيل عليه السلآم  ގެ ގެއަށް ވަޑައިގަތެވެ. އަދި ކުރީދުވަހު ސުވާލު ކުރިގޮތަށް ސުވާލު ކުރިއެވެ. އެހިނދު اسماعيل عليه السلآم ގެ އަނބިކަބަލުން الله سبحانه وتعالى އަށް ޙަމްދުކޮށް އެބައިމީހުންގެ ޙާލު ވަރަށް ރަނގަޅު ކަމަށާއި އެބައިމީހުން އުޅެނީ ފުދިގެން ކަމަށް ބުންޏެވެ. އަދި ވަރަށް ފުރިހަމަ މެހުމާންދާރީ އަކުން މެހްމާންދާރީ އަދާކުރިއެވެ. ابراهيم عليه السلآم ދެންނެވިއެވެ. ފިރިކަލުން ގެއަށް ވަޑައިގަތުމުން މެހުމާނަކު އައިކަމަށް ބުނެ ސަލާމް ބުނެ ދެއްވާށެވެ. އަދި ގޭގެ އޮޅިގަނޑަށް ރައްކާތެރިވާން ބުނެދެއްވާށެވެ. އެދެންނެވި ގޮތަށް އަނބިކަނބަލުން ކަންތައްކުރެއްވިއެވެ. މިގޮތަށް اسماعيل عليه السلآم  ކަންތައްތައް ކުރެއްވީ މައިންބަފައިންނަށް ކަމޭހިތައި ކިޔަމަން ގަތުމުގެ ގޮތުންނެވެ.

ޕްރޮޕޯޒަލްގެ މަޤްޞަދު:

އަޅުގަނޑު ދެކޭގޮތުގައި މިމައްސަލައަށް ދިރާސާއެއް ހަދައި މިއީ ކިހާވަރެއްގެ ނުބައި ކަމެއްކަން ހާމަކޮށްދިނުމަކީ ކޮންމެހެން ކުރަންޖޭހޭ ކަމެކެވެ. މުޖްތަމަޢުގެ ތެރެއިން މިކަންތައް ނައްތާލުމުގެ ގޮތުން މިއީކިހާ ވަރެއްގެ ނުބައިކަމެއް ކަން ބުނެދިނުމަށްފަހު މިކަމުން އަޅުގަނޑުމެންގެ މުޖްތަމަޢު ސަލާމަތްކުރުމެވެ.
ލިޓްރޭޗަރ ރިވިއު :

އުމުރުން 80 އަހަރުވެފައިވާ މުސްކުޅި ފިރިހެނަކު އޭނާގެ 45 އަހަރުގެ ފިރިހެން ދަރިފުޅާއިއެކު ގޭގޭ ސިޓިން ރޫމުގައި ހުރި ސޯފާއެއްގައި ތިއްބެވެ. މަތިން އުދުހިފައި ދިޔަ ކާޅެއް ކުއްލިއަކަށް އައިސް ސިޓިން ރޫމުގައި ހުރި ކުޑަދޮރު މަށްޗަށް ތިރިކޮށްލިއެވެ. އެހިނދު މުސްކުޅިޔާ އޭނާގެ ދަރިފުޅަށް އިޝާރާކޮތް ސުވާލުކުރިއެވެ. ”ދަރިފުޅާ އެއީ ކޯޗެއް؟"  ދަރިފުޅު ޖަވާބުގައި ބުންޏެވެ. ”ބައްޕާ އެއީ ކާޅެއް"، ކުޑަ އިރުކޮޅެއް ފަހުން މުސްކުޅިއާ ދެވަނަ ފަހަރަށް ހަމަ އެސުވާލު ތަކުރާރު ކުރިއެވެ. ”ދަރިފުޅާ އެއީ ކޯޗެއް؟" ދަރިފުޅު ޖަވާބުގައި ބުންޏެވެ. ”ބައްޕާ ކުރިންވެސް ބުނެފީމެންނު އެއީ ކާޅެކޭ"، ކުޑަ އިރުކޮޅެއް ފަހުން މުސްކުޅިއާ ތިންވަނަ ފަހަރަށް ހަމަ އެސުވާލު ތަކުރާރު ކުރިއެވެ. ”ދަރިފުޅާ އެއީ ކޯޗެއް؟"  ދަރިފުޅު ޖަވާބުގައި ބުންޏެވެ. ”އެއީ ކާޅެކޭކާޅެކޭ...ކާޅެކޭ" މިފަހަރު ދަރިފުޅުގެ ޖަވާބު ހަރުކަށިވެފައި ރުންކުރެވެ. ކުޑަ އިރުކޮޅެއް ފަހުން މުސްކުޅިއާ ހަތަރުވަނަ ފަހަރަށް ހަމަ އެސުވާލު ތަކުރާރު ކުރިއެވެ. ”ދަރިފުޅާ އެއީ ކޯޗެއް؟"  ދަރިފުޅު ޖަވާބުގައި ބުންޏެވެ. ” އެއީ ކާޅެކޭކާޅެކޭ" ކިތައް ފަހަރު ބުނެވިއްޖެތަ؟ ކީއްވެގެންތަ އަބަދު އެއްސުވާލެއް ތިކުރަނީ؟ މި ބުނާ އެއްޗެއް ހަމަ ނޭނގޭތަ؟ ބޮޑު އުނދަގުލަކަށް ވެއްޖޭ މިހާރު" 
މިހެން ކިޔާފައި ދަރިފުޅު މުސްކުޅި ބައްޕައާއި ދިމާލަށް ހަޅޭއްލަވައިގަތީ ރުޅިގަދެވެފައިވާ ސިންގާއެއް ހެންނެވެ. ރުޅިއައިސްގެން މަޅާލާ އަތް މުސްކުޅިއާގެ މޫނުމަތީގައި ނުޖެހިދަނީ ހަމަކިރިޔާއެވެ. މުސްކުޅިޔާ އެއްވެސް އެއްޗެއްނުބުނެ ގޮސް އޭނާގެ ކޮޓަރިން ބާވެ ކަފާސްވެފައި އޮތް ފޮތެއް ހިފައިގެންއައިސް ދަރިފުޅުގެ ކައިރީ އިށީނެވެ. އެއީ މުސްކުޅިޔާގެ އެ ދަރިފުޅު އުފަންވީ ދުވަހުން ފެށިގެން މުސްކުޅިޔާ ލިޔަމުން ގެންދާ ޑައިރީއެވެ. އަދި އެޑައިރީ ހުޅުވާލުމަށް ފަހު ހައެއްކަ ގަނޑު އެއްލުމަށްފަހު ދަރިފުޅު އަތަށް ޑައިރީ ދީފައި މި ގަނޑު ކިޔާލާށޭ ބުންޏެވެ. ދަރިފުޅު އެ ގަނޑު ކިޔަންފެށިއެވެ. އެ ގަނޑުގައިވާނީ މިފަދައިންނެވެ. ”މިއަދު އަހަރެންގެ 3 އަހަރުގެ ލޯބި ލޯބި ދަރިފުޅާއި ދެމީހުން ސިޓިން ރޫމްގެ ސޯފާގައި ތިއްބާ މަތިން އުދުހިފަ ދިޔަ ކާޅެއް އައިސް ސިޓިން ރޫމްގައި ހުރި ކުޑަދޮރުގެ މަށްޗަށް ތިރިކޮށްލިއެވެ. ދަރިފުޅު އަހަރެންނާ ސުވާލުކުރިއެވެ. ބައްޕާ އެއީ ކޮން އެއްޗެއް ހެއްޔެވެ؟ އަހަރެން ޖަވާބުގައި ބުނީމެވެ. ދަރިފުޅާ އެއީ ކާޅެކެވެ. ދަރިފުޅު އެސުވާލު ތަކުރާރުކޮށް 23 ފަހަރު އަހަރެންނާއި ކުރިއެވެ. އެކަމަކު އަހަރެން ދަރިފުޅުދެކެ ރުޅިއެއްނާދެއެވެ. 23 ފަހަރުވެސް ދަރިފުޅުގެ އެސުވާލަށް އަހަރެން ޖަވާބުދިނީ އެތުއްތު ދަރިފުޅުގެ ގައިގައި އޮޅުލައި ގަންނަމުންނެވެ. ސުވާލު ތަކުރާރު ކުރިވަރަކަށް އަހަރެންގެ ހިތުގައި ދަރިފުޅުގެ މައްޗަށް އޮތް ލޯބި ދިޔައީ އިތުރުވަމުންނެވެ. އެހެނީ އެދަރިފުޅު އެތަކެތީގެ މަޢުލޫމާތު ހޯދުމަށް އެހާ ކުޑައިރުވެސް ޝައުޤު ވެރިކަން ހުރިކަން އެނގުނީމައެވެ". އެކަމަކު ނިކަން ދެކެ ބަލާށެވެ. މިއަދު އެ މުސްކުޅި ބައްޕަ އެންމެ ހަތަރު ފަހަރު އެއް ސުވާލެއް ތަކުރާރު ކޮށްލުމުން ދަރިފުޅުގެ ކައިރިއަށް އެއައީ ކޮންފަދަ ރުޅިއެއްތޯއެވެ؟ ދަރިން މައިމީހާގެ ބަނޑުގައި ޣަރުބަ ގަތީއްސުރެ އެބައި މީހުން ދަރިންނަށްޓަކައި އުފުލި ވޭނާއި ދިން ލޯބީގެ ބަދަލުގައި އެބައި މީހުން މުސްކުޅިވީ ދުވަހު އަޅާނުލައި ބިކަކޮށްލުމަކީ ކޮންފަދަ ނުބައިކަމެއްތޯއެވެ؟ ލޯބޯ ކޮށައިގެން ހޯދައިދިން ތަޢުލީމާއި ކުރި ތަރުބިއްޔަތުގެ އަގު އަހަރެމެންގެ އުމުރު ހުސްކޮށްލައިގެން ވިޔަސް އަދާކުރެވޭނެ ތޯއެވެ؟ މިއަދު އަހަރެމެންގެ އަޒުމަކަށް ވާންނާނީ މައިންބަފައިން އަހަރެމެންނާއި ދޭތެރޭގައި ކޮންމެ ގޮތަކަށް އަމަލުކުރިޔަސް އަހަރެމެންގެ ދުލުން ހެޔޮބަހެއް މެނުވީ އެބައިމީހުންނަށް ރައްދުނުކުރުމެވެ. އަހަރެމެންނަށް ކުރެވުނު އެންމެ ރަނގަޅަކަށް މައިންބަފައިންނަށް ޚިދުމަތްކުރުމެވެ. ﷲ ގެ ހަޟްރަތުގައި ދުޢާ ދަންނަވަންވީ އަހަރެމެން ކުޑައިރުއްސުރެ ބަލައި ބޮޑުކުރި ފަދައިން މައިންބަފައިންގެ މައްޗަށް ރަޙުމަތް ލެއްވުން އެދިއެވެ.  މިއަދު އަޅުގަނޑުމެން ދައްކާ މަގުން މާދަމާ އަޅުގަނޑުމެންގެ ކުދިން ހިނގާނެއެވެ. މަޝްހޫރު ވާހަކަ ލިޔުންތެރިޔަކު އޭނާގެ ވާހަކަ ފޮތް 'ދަ ވޫޑެން ބައުލް" ގެނެސްދީފައިވާ ޢިބްރަތްތެރި ޙާދިސާއެއް މިހިސާބުން ގެނެސްދޭނަމެވެ.
މިވާހަކައިގައި އުޅޭ ފިރިހެން ދަރިފުޅު އޭނާގެ މުސްކުޅި ބައްޕައާ ދެމީހުން ކާމޭޒޫ ކައިރީ ތިބެގެން ކެއުމަށް އިންސާފު ކުރަމުން ދަނިކޮށް ބައްޕަގެ އަތް ތުރުތުރު އަޅައި ފެންބޯން އިން ތަށި ވެއްޓި ތެޅިއްޖެއެވެ. ތަށި ތެޅުމާއި އެކު އެ ފިރިހެން ދަރިފުޅު އޭނާގެ އަންހެނުންނަށް ގޮވާފައި ބުންޏެވެ. މިއީދެން މިހާރު އާއްމު ވެއްޖެކަމެކެވެ. ދުވާލަކު ތަށްޓެއް ތަޅަމުން އެބަގެންދެއެވެ. މިވާނީ މީނާ ޖެއްސުމަކަށް ކުރާކަމަކަށެވެ. މީގެފަހުން މިފރިހެނާއަށް ކާން ހަދަން ވާނީ ދަނގަޑު ތަށްޓަކަށް ނުވަތަ ޕްލާސްޓިކް ތަށްޓަކަށެވެ. އެހެންކިޔާލާފައި ދަމުން އޭނާގެ ބައްޕައަށް ބުންޏެވެ. "ދެންނިކަން ތަށި ތަޅާލަބަލާށެވެ". މިމަންޒަރު ބަލަން މި ފިރިހެންމީހާގެ 5 އަހަރަށްދާ ފިރިހެން ދަރިފުޅު ތަންކޮޅެއް ދުރުގައި އިނެވެ. ޖެހިގެން އައި ދުވަހު އެއްކަލަ ފިރިހެންމީހާ އޮފީހުން އެނބުރި ގެއަށް އައިއިރު އޭނާގެ އެއްކަލަ ލޯބިވާ ފިރިހެން ދަރިފުޅު އިނީ ލަކުޑިން ބޯތައްޓެއް ހަދާށެވެ. ދަރިފުޅު ބޮލުގައި ފިރުމާލުމަށް ފަހު ވަރަށް މޮޅުކަމަށް ބުނެ ދަރިފުޅަށް ފިރިހެން މީހާ ތަޢްރީފު ކުރިއެވެ. އަދި ދަރިފުޅު ހަދާލަނީ ކޯއްޗެއްތޯ ސުވާލުކޮށްލިއެވެ. އެވަގުތު ފިރިހެން މީހާގެ ސުވާލަށް ޖަވާބު ދެމުން އޭނާގެ ފިރިހެން ދަރިފުޅު ބުންޏެވެ. "މިއީ ބައްޕަ މުސްކުޅިވާން ވާއިރަށް ބައްޕައަށް ކާއެއްޗެހި އެޅުމަށް ތައްޔާރު ކުރާ ތަށްޓެކެވެ. އޭރުން ހަމަ ގައިމުވެސް ތަށިތަޅައިގެން ނުދާނެއެވެ". ނިކަން ވިސްނާލަ ބަލާށެވެ! އޭނާގެ އެކުޑަކުޑަ ފިރިހެން ދަރިފުޅު ތައްޔާރު ވަމުން އެދަނީ އޭނާ މުސްކުޅިވާ ދުވަހު އޭނާގެ ބައްޕަޔާއި ދޭތެރޭ އޭނާކަންތައް ކުރިގޮތަށް ކަންތައް ކުރުމަށެވެ. 
ހަޤީޤީ މައިންބަފައިންނަކީ ދީންވެރި މައިންބަފައިންނެވެ. އެހެންކަމުން ކޮންމެ ފިރިހެނަކު ކާވެންޏެއް ކުރުމުގެ ކުރިން ޙަޔާތުގެ ބައިވެރިއެއްގެ ގޮތުގައި އިޚްތިޔާރު ކުރާ ފަރާތަކީ ދީންވެރި ޚުލްޤުހެޔޮ ކުއްޖެއްތޯ ބަލާށެވެ. ތިބާގެ ކުދިންގެ މަންމައެއްގެ ގޮތުގައި ދީންވެރިޔަކު އިޚްތިޔާރު ވެވިއްޖެނަމަ ﷲ އިރާދަފުޅުން އެކުދިން ވެގެންދާނީ ކިޔަމަންތެރި ﷲ އެންގެވި މަގުން ހިނގާ ކުދިބަޔަކަށެވެ. މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. (تُنكَحُ المرأةُ لأربَعٍ : لِمَالِهَا وَلِحَسَبِهَا وَجَمَالِهَا وَلِدِينِهَا فَاظفَر بِذَاتِ الدِّينِ تَرِبَت يَدَاكَ) މާނަ އަކީ: "ހަތަރުކަމަކަށް އަންހެނުންނާއި ކައިވެނިކުރެވެ އެވެ. އޭނާގެ މުދާވެރިކަމާއި، ހަސަބާއި ނަސަބުގެ މަތިވެރިކަމާއި، ރިވެތިކަމާއި، ދީންވެރިކަމަށެވެ. ތިޔަބައިމީހުން ދީންވެރި ކަމަށް އިސްކަންދޭށެވެ". 
ހައިޕޮތެސިސް:

އިސްލާމް ދީނުގައި މައިންބަފައިން ނާއި ދޭތެރޭ އިހާނެތިކޮށް ކަންތައްކުރާ މީހުންނަށް އޮތްގޮތް ކުޑައިރުއްސުރެ 
ކުދިންނަށް ބުނެދީ އެކަން ފަހުމު ކޮށްދެވޭ ނަމަ މިމައްސަލަ ކުރިމައްޗެއް ނުވާނެއެވެ.

މެތޮޑޮލޮޖީ:

މޯލްޑިވްސް އިމިގްރޭޝަނުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ރާއްޖެއަށް މުސްކުޅިން ބެލުމަށް އެތެރެ ކުރެވޭ މީހުންގެ ޢަދަދު 2005 ވަނަ އަހަރާއަޅާ ބަލާބަލާއިރު 75 އިންސައްތަ ވަނީ އިތުރުވެފައެވެ. ކ ގުރާދޫ ގައި ހުންނަ ނުކުޅެދޭ މީހުންގެ ސެންޓަރުގައި ތިބި މީހުންގެ ނިސްބަތަށް ބަލާއިރު %80 މީހުންނަކީ ނުކުޅެދޭ މީހުންނެއް ނޫނެވެ. އެއީ އުމުރުން ދުވަސްވެފައިވާ، އެމީހުންނާއި ހަވާލުވާން އެމީހުންގެ ކުދިން އިންކާރު ކޮށްފައިވާ މީހުންނެވެ. މިޕުރޮޕޯޒަލް ތައްޔާރު ކުރުމުގެ ތެރޭގައި އައްޑޫގެ އެކިއެކި އިމާރާތް ތަކުގައި ސެކިއުރިޓީންގެ ގޮތުގައި މަސައްކަތްކުރާ 25 ބޭފުޅަކާ ބައްދަލުކޮށް އަޅުގަނޑު އެމީހުންގެ ކައިރިން މަޢުލޫމާތު ހޯދީމެވެ. އަޅުގަނޑު ބައްދަލުކުރި 25 ބޭފުޅުނަނަކީ ޤަވާޢިދުން ސަރުކާރުން އެފަރާތްތަކަށް މަހަކު 5000 ރުފިޔާ ދެއްވަމުން ގެންދަވާ ފަރާތްތަކެކެވެ. އަޅުގަނޑު މި 25 ބޭފުޅުންނާ އެންމެ ސުވާލެއް ކުރީމެވެ. ތިހާ މުސްކުޅި ޢުމުރުގައި ވަޒީފާ އަދާ ކުރަނީ ބޭބެގެ ކުއްޖަކު ނެތީ ހެއްޔެވެ؟ ޖަވާބުގައި 21 ބޭފުޅެއްގެ ޖަވާބު ހުރީ މައިގަނޑު ގޮތެއްގައި އެއްގޮތަކަށެވެ. އެމީހުންގެ ޖަވާބަކީ ކުދިން ތިއްބަސް، މުސްކުޅިވިޔަސް، ވަރުބަލިވިޔަސް މަސައްކަތް ކުރަން ޖެހެނީ ކުދިން އެގޮތަށް ބޭނުންވެގެން ކަމަށާއި، އެމީހުން ބޭނުންވަނީ އެމީހުންގެ މައިންބަފައިން ނޫން ކަމާއި އެމީހުންނަށް ލިބޭ ރުފިޔާ ކަމަށެވެ. 5000 ދީގެން ފަލަހަނޑުލުގެ ބަތްކޮޅަކާއި ގަރުދިޔަ ފޮދެއް ނޫނީ ނުލިބޭކަމަށާއި، ސެކިއުރިޓީ ކަންކޮށްގެން ލިބޭ 4000 ރުފިޔާއާއި އެކު 9000 ރުފިޔާ ދިނުމުން ކިރުސައިތައްޓެއް ދުވާލަކު އެއްފަހަރު ލިބޭކަމަށެވެ. އަދި އެންމެ ލޯބިން ވެސް ބުނެލާ ބަސް އަޑު އިވުމުން ބިރުން ފިއްކަނޑައިގެންދާ ކަމަށެވެ. 
2015 އަހަރުގެ މާރޗް މަހުގެ 30 ހުގެ ނިޔަލަށް ހަމަ އެކަނި އައްޑޫ ސިޓީއަށް 12 ބިދޭސިއަކު މުސްކުޅިން ބެލުމަށްވަނީ އެތެރެކުރެވިފައެވެ. 
ޑާޓާ ކަލެކްޝަން:

ޑިޕާރޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން
ޑިޕާރޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
އައްޑޫ ސިޓީ ކައުންސިލް އިދާރާ
ކ.ގުރާދޫ ނުކުޅެދޭ މީހުންގެ ހިޔާ

ލިމިޓްކޮށްފަ ހުރި ކަންތައްތައް:

އަޅުގަނޑު މަޢުލޫމާތު ނެގުމުގައި ބަލާފައި ވާނީ ރާއްޖޭގެ އެންމެ އާބާދީ ބޮޑު 2 ސިޓީ ކަމުގައިވާ މާލެ ސިޓީއާއި 
އައްޑޫ ސިޓީއަށެވެ.
ރެފަރެންސް:

ކީރިތި قرآن ގެ ދިވެހި ތަރުޖަމާ 
ޞަޙީޙު ބުޚާރީ
ޞަޙީޙު މުސްލިމް
މޯލްޑިވިއަން ޕާރލްސް 6 އޭޕްރީލް 2014 (http://maldivianpearls.com/?p=1049)
  (http://www.moralstories.org/the-wooden-bowl/) Anonymous
އަލް އަޚް އަބޫބަކުރު 9 ޖޫން 2014  (http://maldivianpearls.com/?p=1103 

No comments: