އުތީމު ގަނޑުވަރުގެ ދެ އަޖައިބާއި އޭގެ ސިއްރު!
އަހުމަދު ސާއިލު އަލީ
އެއީ 1996 ހިސާބުގަ އެވެ. ދިވެހިންގެ ތާރީހުގެ ބޮޑު ތަރިކައެއް ކަމަށްވާ އުތީމު
ގަނޑުވަރަށް ދަސްކުރާ މުދައްރިސުންގެ 10 ވަނަ ބެޗު ޒިޔާރަތްކޮށް މައުލޫމާތު ސާފުކުރުމުގެ
މަސައްކަތް ކުރި ދުވަހެކެވެ. ގަނޑުވަރު ބޮޑުގެ ބޭރުގައި ކުޑަދޮރެއްކައިރީ ހުއްޓި ހުރި
ދަރިވަރަކަށް އާދަޔާ ހިލާފު ކަމެއް ފާހަގަވި އެވެ. އެއީ އޭގެ އަނެއް ފަރާތުން ބޭރުން
ހިނގާފައި ދިޔަ މީހެއްގެ ހިޔަނި އިދިކޮޅަށް ބޮޑުކޮށް އެގޭގެ އެތެރޭ އުނދޯލިދާންކޮޅުގައި
ދަމާފައިވާ ފޮތިގަނޑަކުން ފެނުމެވެ. އެކަން ފާހަގަވެ ރަނގަޅަށް ބެލި އިރު އެއިމާރާތުގެ
ބޭރުހަދާފައިވާ ލަކުޑީގައި ވާ ކުޑަ ތިން ލޯވަޅަކުން އެޅިފައިވާ އަލިން އެދިމާލު އެތެރޭގައި
ދަމާފައިވާ ފޮތިގަނޑަކުން ވަރަށް ރީއްޗަށް ބޭރު ކުލަކޮށް ފެނެ އެވެ.
ބޮޑުގޭގައި އަންހެނުންނަށް ހާއްސަކޮށްފައިވާ އެތެރެގޭ އުނދޯލި ބޭރުން ދަމާފައިވާ
ފޮތިގަނޑަށް އިމާރާތުގެ ބިތްހަދާފައިވާ ލަކުޑީގައި އެޅިފައިވާ ތިން ލޯވަޅުން އަލި އެޅޭ
އިރު އެ އަލިން އެ އިމާރާތުގެ ބޭރުގައި ހަދާފައިވާ ދެ ގުދަނާއި އެދިމާލު ދޮރާށީގެ އިތުރުން
އިމާރާތުގެ ބޭރުގައި އަލަށް ހަދާފައިވާ ޒަމާނީ މިސްކިތް އިދިކޮޅަށް ކުލަކޮށްފެނެ އެވެ.
އަދި އުޑުގެ އަލި ވެސް ފެންނަން ހުރެ އެވެ. އެގޮތަށް ފެންނަނީ އެގޭތެރެ އަދިރިވުމުންނެވެ.
އުތީމު ބޮނޑުތަކުރުފާނުގެ ހަނދާނީ މަރުކަޒާއި ހަވާލުވެ ހުންނެވި، އުތީމު ގަނޑުވަރުގައި
27 އަހަރު ހިދުމަތް ކުރައްވާފައިވާ އަބްދުލްލަތީފް އިބްރާހިމް ވިދާޅުވި ގޮތުގައި މިހާރު
500 ވަރަކަށް އަހަރުވެފައިވާ އެ އިމާރާތުގެ އެއާދަޔާ ހިލާފުކަންތައް ފާގަވަނީ 1996
ގަ އެވެ. އޭގެ ކުރިން އެކަން އެނގިފައެއްނެތެވެ.
"ކުރިން ވެސް ފެންނާނެ،
އެހޯލް އިނދޭ، އެކަމަކު އޭރު އަޅައެއް ނުގަނެނޭ، އެ ދުވަހު އެކަން ހިނގި ފަހުން ބެލިބެލުމުން
[އެކަން] މިފާހަގަވީ،" ލަތީފް ވިދާޅުވި އެވެ.
ތާރީހީ މައުލޫމާތައް ބިނާކޮށް ލަތީފް ވިދާޅުވާ ގޮތުގައި އެލޯވަޅުތަކަކީ އެގޮތަށް
ބެލުމަށް ކޮނެފައިވާ ލޯވަޅެއް ކަމެއް ނުވަތަ ލަކުޑީގެ ޒާތުން ހެދިފައިވާ ލޯވަޅުތަކެއްކަން
ސީދާ ބުންނަން ނޭނގެ އެވެ. އެއީ އެބޭނުމުގައިކޮށްފައި ހުރި ކަމަކަށް ވެސްވުން ގާތް
ކަމަށް އޭނާ ވިދާޅުވި އެވެ.
"އެބޭފުޅުންނަކީ
ވަރަށް ހިކުމަތްތެރިބޭފުޅުން، އެހެންވީމާ ވެދާނެ އެތެރޭގައި ހުންނަވައިގެން ބޭރުބެލުމަށް
ޓަކައި ހަދާފައިވާ ގޮތަކަށް ވެސް، ސީދާ ނޭނގެ،" ލަތީފް ވިދާޅުވި އެވެ.
މިވަނީ ކިހިނެއް؟
އެގޮތަށް އެފެންނަ ފެނުމާ ގުޅިގެން އެލޯވަޅުތަކުގައި ވަކި އެއްޗެއް ހަރުކޮށްގެން
ދައްކާ ދެއްކުމެއްތޯ ވަނީ ބަލައިފަ އެވެ. ލަތީފް ވިދާޅުވީ އެފަދަ އެއްވެސް ކަމެއް ފާހަގަނުވާ
ކަމަށާއި އެއީ އެލޯވަޅަށް އެޅޭ އަލިން ފެންނަ ފެނުމެއް ކަމަށެވެ. އެއީ އެތައް ބަޔަކު
ހައިރާންވާ ކަމަކަށްވާ އިރު އެކަން އެގޮތަށްވާ ސަބަބު ދެނެގަތުމަށް ދިރާސާއެއް މިހާތަނަށް
ކޮށްފައެއްނުވެ އެވެ. ނަމަވެސް އިލްމީ ބޭފުޅުން ގަބޫލް ކުރައްވާ ތިއަރީއެއްއޮވެ އެވެ.
ދިވެހި ތާރީހާއި ސަގާފަތް ދިރާސާކުރުމުގެ ފަންނީ ތަޖުރިބާކާރެއް ކަމަށްވާ އަލީ
ސާހިލް ވިދާޅުވި ގޮތުގައި އެގޮތަށް ފެންނަ ފެނުމަކީ ޕިންހޯލް ތިއަރީ އެވެ. އެތިއަރީގެ
ކެމެރާ އޮބްސްކިއުރާ އިފެކްޓްގެ ސަބަބުން ލޯވަޅަކަށް އެޅޭ އައްޔަކުން އެތެރޭގެ އަނދިރިކަމުގެ
ތެރެއިން އެކޮޅުކޮޅުން ބޭރު ފެނުމެވެ. ކެމެރާގެ ލެންސް އުފެއްދުމަށް ބޭނުންކުރާ ސައިންސަކީއެއީ
އެވެ.
ޕިންހޯލް ތިއަރީ ފެންނަ ގޮތް--
އެހޯލްއާ ބެހޭ ދިރާސާއެއް ނެތްއިރު ފަންނީ ބޭފުޅުންގެ ހިޔާލަކީ އެއީ އެވެ. އުތީމު
ގަނޑުވަރަށް ޒިޔާރަތްކުރާ ފަރާތްތަކަށް މައުލޫމާތު ދެއްވާ ގައިޑެއްކަމަށްވާ މުހައްމަދު
ޝިޔާމް ވިދާޅުވި ގޮތުގައި އެތަނަށް ޒިޔާރަތްކުރި އިޓަލީ ވިލާތުގެ ޕިންހޯލްގެ ތަޖުރިބާކާރުންތަކެއް
ވެސް އެމަންޒަރު ބެލުމަށް ފަހު އެއީ ޕިންހޯލް ތިއަރީ ކަމަށް ބުނެފައިވާ ކަމަށެވެ.
އެގޮތަށް އަލިއެޅިފައިވާ އެހެން ފާރެއް--
ކޮންމެ އަކަސް ގަނޑުވަރަށް މީހުންގެ ޝައުގުވެރިކަން އިތުރުކުރުވަން ފަހުން ކުރިމަތިވި
އެއްކަންތައް ކަމަށްވާ އެ މަންޒަރު ފެނުމާ ގުޅޭ ގޮތުން ގިނަ ބަޔަކަށް އެއްބަސްވެވެނީ
އެއީ ޕިންހޯލް ތިއަރީންވެފައިވާ ކަމެއްކަމަށެވެ. ނަމަވެސް އެއީ އެކަން ކުރުމަށް ސީދާ
ކޮނެފައިވާ ލޯވަޅުތަކެއްކަމެއް ނުވަތަ ނޫން ކަމެއް ނޭނގެ އެވެ.
ނުހުޅުވޭ ދޮރުކޮޅުގެ ވާހަކަ!
ދިވެހި ރާއްޖެ މިނިވަން ކުރުމުގެ ޖިހާދު ފެއްޓެވުމުގެ ކުރިން 1568 ވަނަ އަހަރުގެ
އޭޕްރީލް މަހަގު 24 ވަނަ ދުވަހު ބޮޑުތަކުރުފާނު އާއިލާގެ ބޭފުޅުން ވަނީ މަލިކަށް ބަދަލުކުރައްވައިފަ
އެވެ. އެ ދުވަހު މަލިކަށް ފުރުމަށް ޓަކައި އުތީމު ގަނޑުވަރުގެ މަރިޔާދުގެ ދެކުނު ފަރާތު
ދޮރޮކޮޅުން ނުކުންނަވައި ހަސަން ތަކުރުފާނުވަނީ މަރިޔާދުގޭ ދަމާދޮރުކޮޅު ވަރަށް ބާރަށް
ޖައްސަވައިފަ އެވެ. އޭގެ ފަހުން 448 އަހަރުވެފައިވާ އިރު އެދޮރުކޮޅު ނުހުޅުވޭ ކަމަށް
ގަނޑުވަރުގެ މައުލޫމާތު ދެއްވާ ލަތީފް ވިދާޅުވި އެވެ.
ލަތީފު ވިދާޅުވި ގޮތުގައި އެ ދޮރުކޮޅު ހުޅުވޭތޯ ބެލުމަށް އެތައް މަސައްކަތެއް
ވަނީ ކޮށްފަ އެވެ. އެގޮތުން އިންޖީނު ފަދަ ބަރުތަކެތި އުފުލާ ބެލްޓު ދޮރުކަނިން ލައްވައި
ސިފައިން ދެ ފަރާތުގައި ތިބެ ދަމައިގެން ވެސް ނުހުޅުވުނެވެ. އަދި މަތާލައިގެން ހުޅުވަން
އުޅެގެން ނުހުޅުވުނު އިރު ފުރާޅުން ޓިނުނަގައިގެން ކުރި މަސައްކަތުން ވެސް ދޮރު ނުހުޅުވުނު
ކަމަށް ލަތީފް ވިދާޅުވި އެވެ.
"ވަރަށް ވަރަށް މަސައްކަތްކޮށް
ވެސް ދޮރުކޮޅު ނުހުޅުވުނު، ސިފައިންގެ ބޭފުޅުން ދެފަރާތުގައި ހުރެ އިންޖީނު އުފުލާ
ބެލްޓެއް އަޅުވައިގެން ދަމާ ހަދައިގެން ވެސް މަސައްކަތްކުރި،" ލަތީފް ވިދާޅުވި
އެވެ.
އެދޮރުކޮޅު ނުހުޅުވި ވަނީ ތަޅެއްގެ ސަބަބުންތޯ ބެލުމަށް ދޮރުގެ ދާރަތަކަށް ދުނިކީހާއި
ރޭޒަރުތިލަ ފަދަ ތަކެތި ވައްދައި ބެލިބެލުމުން ވެސް އެއްވެސް ތަޅެއް ނުވަތަ ބަންދުކުރުމެއް
ފާހަގަނުވާ ކަމަށް ލަތީފް ވިދާޅުވި އެވެ.
އެވަނީ ކިހިނެއް؟
ތައުލީމީ ގޮތުން ދިވެހިން ކުރިނާރައި ހޭލުންތެރިކަން ކުޑަ ޒަމާނުގައި އެކަން މީހުން
ގަބޫލްކުރީ އެއީ މާތްކަމެއްގެ ގޮތުގަ އެވެ. ނަމަވެސް އެއީ ހަގީގަތެއްނޫނެވެ. ދޮރުނުހުޅުވޭ
ސަބަބާ ގުޅޭ ގޮތުން ތަފާތު ގޮތްތަކަށް ވާހަކަ ދެކެވެ އެވެ. އޭގެން އެއްވާހައަކީ އެދޮރުނުހުޅުވާ
އެތައް އަހަރުތަކެއް ފަހުން ދޮރުހުޅުވަން މަސައްކަތްކުރި އިރު ފިނިހޫނުމިނަށް އައިބަދަލުގެ
ސަބަބުން ދޮރުފިތުމެވެ.
"ދޮރު ވަރަށް ބާރަށް
ލެއްޕެވި ކަމަށް ވަނީ، އެގޮތަށް އެތައް ސަތޭކަ އަހަރެއް ވަންދެން ހުރީ. ލަކުޑިއަކީ
ފިނިވީމާ ފުޅާވާއެއްޗެއް، އެގޮތަށް ފުޅާވީމާ ފިތިފަކަމަށް ބެލެވޭ ލޮކްވެފައި އެވަނީ،"
ގަނޑުވަރުގެ ގައިޑެއްކަމަށްވާ ޝިޔާމް ވިދާޅުވި އެވެ.
އެވިސްނުމަށް ބާރު ލިބޭ އެހެން ކަމެއްއެބަވެ އެވެ. މިއަދު ދުނިޔޭގައިތިބި ދުވަސްވީ
މީހުންގެ ފަރާތުން މައުލޫމާތު ލިބޭ ގޮތުގައި އެ ދޮރޮކޮޅު ލެއްޕިފައި ހުރި އިރު ނުލެއްޕި
ގާތްގަނޑަކަށް ހަތަރު ވަރަކަށް އިންޗި ހުރިކަމަށްވެ އެވެ. ކުރިން ހުރީ އަތްލެއްވޭ ވަރަށް
ހަތަރު އިންޗިއެއްހާ ފުޅާކޮށް ފުޅާކޮށެވެ. ނަމަވެސް މިއަދު ވަނީ އެތަން ވަރަށް ހަނިވެފަ
އެވެ. އެހެންކަމުން ދޮރުފިތޭކަން ޔަގީންވެ އެވެ.
ވަޑާމުގެ މަސައްކަތްކުރާ ތަޖުރިބާކާރަކު ވިދާޅުވި ގޮތުގައި ކުރީޒަމާނުގެ ކަހާދޮރުތައް
ކަހާލުމަށް ޓަކައި ތިރީގައި ދަގަނޑު ފައްޗެއް އަޅާފައި ހުރެ އެވެ. އެފަތިން ދޮރު ނެއްޓިފައިވުމަކީ
ވެސް އެދޮރު ނުހުޅުވޭނެ ސަބަބެއްކަމަށް އޭނާ ދެކެ އެވެ.
"ވަރަށް ބާރަށް ދޮރު
ލައްޕާއިރަށް އެއްކަލަ ފަތިން ކަހާލަފާނެ. ދެން ކިތަންމެ ވަރަކަށް ހިފިޔަސް ނުދާނެ،"
އޭނާ ވިދާޅުވި އެވެ.
ގަދަބާރުން އެތައް ބާރެއް ބޭނުންކޮށްގެން އެދޮރު ހުޅުވޭނެ ކަމަށް އެތަން ބަލަހައްޓާ
ފަރާތްތަކުން ވެސް ގަބޫލްކުރެ އެވެ. ނަމަވެސް ދިވެހި ތާރީހީ އެހާއަގު ހުރި ތަނަކަށް
ލިބިދާނެ ގެއްލުމަކަށް ޓަކައި އެކަން އެގޮތަށް ކުރުމުގެ ވިސްނުމެއް ނުގެންގުޅެ އެވެ.
އުތީމު ގަނޑުވަރަކީ؟
އުތީމު ގަނޑުވަރަކީ ޕޯޗުގީޒުންގެ އަތްދަށުން ދިވެހިރާއްޖެ މިނިވަންކުރުމަށް ޖިހާދު
ކުރެއްވި އުތީމު ތަކުރުފާނުންގެ ބައްޕަ ޙުސައިން ޚަޠީބު ތަކުރުފާނުގެ ގެއެވެ. މިގެއަކީ
މިހާރު ދިވެހިރާއްޖޭގައި ހުރި އެންމެ ދުވަސްވީ ގެ އެވެ. މިގެ ޢިމާރާތް ކުރި ފަހުން
ގާތްގަނޑަކަށް 500 އަހަރަށް ވުރެ ގިނަ ދުވަސް ވެދާނެ އެވެ.
އުތީމު ތިންބެއިންނާއި ފާޠިމާފާނު އުޅުއްވާ ބޮޑުފުޅުވީ މިގެކޮޅުގަ އެވެ. އިހުގައި
މިގެކޮޅުގެ ބިތްތަކުގެ ބައެއް ހަދާފައި ހުރީ ބިމަށް ކާނިމުޑިޖަހައި، ދެމުޑި ދޭތެރޭ
ގާފޮޅުމަތީ ފަތިވަކަރާއި އަރިވަކަރު އަޅައި އެވަކަރުތަކަށް މެއްލަޖަހައި ލާދުނބުރިން
ބިތްގަތައި ބިތުގެ ބޭރުން ސަޓާޖަހައި އޭގެމަތިން ބިތްފަންދަމައި އޮބިއަޅައިގެންނެވެ.
ނަމަވެސް ދަމާދޮރު ލާފައި ހުރި ބިތްތައް މިހާރު ވެސް ފެންނަށް އެހުރީ އޭރު ހުރި ގޮތަށް
ލަކުޑިންނެވެ. މިގެކޮޅު ހިޔާކޮށްފައި ހުރީ ބިތްފަނުންނެވެ.
އުތީމު ގަނޑުވަރު ގައި ބައްދަލުވުންތައް ބޭއްވުމަށް އޭރު ބޭނުންކުރާ އަށިގެއެއް
ހުރެ އެވެ. މިގެ ކުރިން ހުރީ ބިމުން މައްޗަށް އެކެއް ބައި ރިޔަންވަރު އުސްކޮށްފައި،
އޭގެ މަތީ ހުރަސް ބެރި އަޅާފައި، އޭގެ މަތީގައި މަޅުއަޅައިފަ އެވެ. މިއަށިގޭގެ ބިތްތައް
ހަދާފައި ހުރީ މައިގޭގެ ބިތްތައް ވެސް ހަދާފައި ހުރިގޮތަށެވެ.
ޕޯޗްކީޒުންގެ ކިބައިން ދިވެހިން ސަލާމަތް ކުރެއްވި ތިން ބޭފުޅުންގެ ތެރޭގައި ހިމެނެނީ
އުތީމް އަލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް(ސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނު)
އާއި، ޙަސަން ރަންނަބަނޑޭރި ކިލެގެފާނު އާއި އުތީމު ޢަލީ ތަކުރުފާނެވެ.
https://sun.mv/83081